ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށް މިއަދު ކުރައްވާ ދަތުރުފުޅުގައި، އެ އަތޮޅު ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

 
ކެންދޫ ރައްޔިތުންނާބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި،އެ ޕްރޮގްރާމްތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ރައްޔިތުންނާޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ދެއްވާ ދެހާސް ރުފިޔާގެ ޢިނާޔަތް، ޢުމުރުން 65 އަހަރުން މަތީ ކެންދޫގެ 42 މީހަކަށް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އެރަށުގެ 157 ރައްޔިތަކު މަދަނައިގައި ބައިވެރިކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 
ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ގަސްދު ކުރައްވާފައި އޮތީ، މިނިޒާމް 7 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެއްވުމަށާއި، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، މިނިޒާމް އަސާސީ ގޮތަކަށް ސަރަޙައްދުތަކުގައި ފެށުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއަސާސީ ޚިދްމަތް، ރާއްޖޭގެ ސަރަޙައްދުތަކުގައި މިހާރު ފެށިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
 
ކެންދޫގެ ފެން މިހާރު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަން ފާހަގަކުރައްވަމުން، ކެންދޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް 2011 ވަނަ އަހަރު ފެށޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 
މީގެއިތުރުންވެސް ތަޢްލީމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.