މާލޭގެ ތޮއްޖެހުން ކުޑަކޮށް، މާލޭގެ ރަށްވެހީންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދީ، އެތަންތަނަކީ، އެމީހުންގެ އަމިއްލަ ތަންތަނުގެ ގޮތުގައި ހެއްދެވުމަށް ސަރުކާރުން އިޢްލާނު ކުރައްވާފައިވާ "ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހި ހުޅުއްވާލައްވައިފިއެވެ. މި ފިޔަވަހި ހުޅުއްވާލެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި "ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހޯދައިދިނުމާބެހޭ އަތްމަތީ ލުއިފޮތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނެރުއްވައިދެއްވިއެވެ.

 
މި ފޮތް ނެރުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމަކީ ސަރުކާރުން ވަރަށް އުންމީދާއެކުގައި ފަށްޓަވާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ތެރެއިން މާލޭގެ މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ މަގު ފެންނާތީ، ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
 
އެމަނިކުފާނުގެ ވާހަކަފުޅުގައި، ވެށި ފަހި މާލޭގެ ޕްރޮގްރާމަކީ، މާލޭގެ ތޮއްޖެހުމަށް ޙައްލެއް ގެނައުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ވިސްނަވައި، އެކަމާ ބެހޭގޮތުން މާލޭގެ އެތައް ރައްޔިތަކާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރެއްވުމަށްފަހު އެކުލަވާލައްވާފައިވާ ޕްރޮގްރާމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މިފެށިގެން މިދިޔައީ، މި ސިޔާސަތު ޢަމަލީގޮތުން ތަންފީޛު ކުރުމުގެ މަރްޙަލާ ކަމަށާއި، މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މާލެއިން ބިންކޮޅެއް ދޫކޮށްލުމަށް އެއްބަސްވާ ރައްޔިތުންނަށް ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިދިނުމުގެ ފުރްޞަތު ސަރުކާރުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ވަރަށްގިނަ ރައްޔިތުން މާލޭގައި ދިރިއުޅެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި ޕްރޮގްރާމް ހިނގަމުންދާއިރުގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމެއް ބޭނުންވާ ރައްޔިތުންނަށް ގޯތިގެދޮރުގެ ފުރްޞަތު ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
 
[ވެށިފަހި މާލެ] ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލެވޭ ފުރްޞަތުގެ ދަށުން ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންގެ ގިންތި ހުޅުވާލެވެނީ ޖުމްލަ އެއްހާސް ފަރާތަކަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލެއިން ފައްސަތޭކަ ހައުސިންގ ޔުނިޓާއި، ހުޅުމާލެއިން ދުއިސައްތަ ފަންސާސް ހައުސިންގ ޔުނިޓާއި، ހުޅުމާލޭގައި ކަނޑައެޅޭ ބާރަސަތޭކަ އަކަފޫޓްގެ ދުއިސައްތަ ފަންސާސް ގޯއްޗެވެ.
 
"ވެށި ފަހި މާލެ" ޕްރޮގްރާމް ސަރުކާރުން އިޢްލާނު ކުރައްވާފައިވަނީ، 2010 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.
 

މި ރަސްމިއްޔާތަށްފަހު، ވެށިފަހި މާލޭގެ ޕްރޮގްރާމް ޑައިރެކްޓަރ އަދި މާލޭ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިން އެންޑް އެންވަޔަރަންމަންޓް އަކްރަމް ކަމާލުއްދީނާއި، އެ މިނިސްޓްރީގެ މިނިސްޓަރުގެ ނައިބު މުޙަންމަދު ފާއިޒް، ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހޯދައިދިނުމާ ބެހޭގޮތުން ނޫސްވެރިންނަށް މަޢްލޫމާތު ދެއްވައި، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.