ސަރުކާރުން، ރާއްޖޭގެ މަސްވެރިކަން، ވާދަވެރި ސިޔާސަތުގެ ތެރެއަށް ނުވަތަ ވާދަވެރި ވިޔަފާރީގެ ތެރެއަށް ދޫކޮށްލެއްވުމުން، ދިވެހި މަސްވެރިންނަށް، މަސްވެރިކަމުން ލިބޭފައިދާ ދުވަހުން ދުވަހުން އިތުރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ ތިނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން އެއްވަޢުދަކީ، ރާއްޖޭގެ މަސްވެރިންނަށް އެމީހުން ބާނާމަހަށް ހަމައަގު ހޯއްދަވައިދެއްވުމުގެ ވަޢުދުކަމަށާއި، 2008ވަނަ އަހަރުގެ ކުރީގައި ލިބުނު އަގާއި، މިހާރު ދިވެހި މަސްވެރިޔާ ބާނާ މަހަށް ލިބޭ އަގުގެ ތަފާތު، މަސްވެރިންނަށް ސާފުވާނެ ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކިލޯ ހަމަނުވާ މަހަކަށް، މީގެކުރީގައި ދެރުފިޔާ ބައި ނުވަތަ ފަސް ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ލިބިފައި ނުވާއިރު، މިއަދު މަސްކިލޯއަކަށް، ނުވަ ރުފިޔާ ނުވަތަ ދިހަ ވަރަކަށް ރުފިޔާ ނުލިބޭ ދުވަހެއް ނުދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، މަސްވެރިކަން ވާދަވެރި ވިޔަފާރީގެ ތެރެއަށް ދޫކޮށްލެއްވުމުން، ދިވެހި މަސްވެރިންނަށް ލިބޭ ފައިދާ ދުވަހުން ދުވަހަށް އިތުރުވަމުން އައިސް، މަހުގެ އަގު ދާދި އަވަހަށް ސާދަ ރުފިޔާއަށް އަރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ހަމައެކަނި އަޅާ ބަނދަރަކުން، އަޅާ ނަރުދަމާ ނިޒާމަކުން ނުވަތަ ހަދާ އިމާރާތަކުން، އުފާވެރި އުންމީދީ ދިރިއުޅުމެއް ނުހޯދޭނެ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، އެމީހާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ތިމަންނާއަކީ ތިނަދޫ މީހެކޭ، ތިމަންނާއަކީ ހުވަދޫ މީހެކޭ، ތިމަންނާއަކީ ދިވެއްސެކޭ، ތިމަންނާއަކީ ތިމަންނާގެ ހަލާލު މަސައްކަތުން މަސައްކަތްކޮށް ތިމަންނާގެ އަނބިދަރިން ބަލަހައްޓާ، ހަމައިސްކޮޅަށް ދެމިފައި ހުރި، ޙައްޤުތަކެއް ލިބިފައި ހުރި ރައްޔިތެކޭ ބުނެވޭ ދުވަހެއް، ބުނެވޭ ގޮތެއް ހޯދައިގެން ނޫނީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށް ނުލިބޭނެ"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ބޭނުމަކީ، މިފަދަ ރައްޔިތެއް އުފެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ތަރައްޤީ ކުރަންވީ ރައްޔިތުމީހާ ކަމަށާއި، އެމީހާ ތަރައްޤީ ކުރުމަށްޓަކައި ވަށާޖެހޭ ތަޢުލީމެއް ދިނުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރިވަރުންނަށް، ޚާއްޞަ ގޮތެއްގައި ތިނަދޫއާއި ހުވަދު އަތޮޅުގައި ވަށާޖެހޭ ތަޢުލީމެއް ދެވޭނެ މަގު ފަހި ކުރެއްވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީއާއި، އިތުރަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ، އައްޑު އަތޮޅަށާއި، ފުވައްމުލަކަށާއި، އަދި ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ.