މި ސަރުކާރުން ޤައުމު ހިންގުމާ ހަވާލުވީއިރު، ބާރުގަދަ މަސްތުވާތަކެތީގެ ދެވީގައި ޖެހި، ރާއްޖޭގެ ޒުވާނުންގެ މުޅި ޖީލެއް ގެއްލި ގޮސްފައިވާކަމަށާއި، ސަރުކާރުގެ ބޭނުމަކީ، ބާރުގަދަ މަސްތުވާތަކެތީގެ ދެވީގައި ޖެހިފައިތިބި ޒުވާނުންނާ އަޅާލައި، އެކުދިން އަނބުރާ މުޖްތަމަޢަށް ގެނައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު، ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޒުވާނުންނާ އަޅާލެއްވުމަކީ، ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން، ސަރުކާރުން ޒުވާނުންގެ މަތިން ހަނދާން ނައްތަވާނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބާރުގަދަ މަސްތުވާތަކެތީގެ ދެވީގައި ތިބި ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތައް ކުރިއަށްވުރެ ބާރަށް ވާދޫގައި ހިންގަވާނެކަމަށް ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާނީ އެންމެ ކަމަކުން އެއްކިބާ ވުމަށް ކަމަށާއި، އެއީ ބާރުގަދަ މަސްތުވާތަކެތިން ސަލާމަތްވެ ތިބުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރަށް ވެވަޑައިގެންނެވި މިންވަރަކުން ޒުވާނުންނާ އަޅާލައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
 
މީގެއިތުރުން، ވާދޫގެ ތަރައްޤީއަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ވާދޫ ބަނދަރު މިއަހަރު ސަރުކާރުން ހައްދަވާނެ ކަމަށާއި، އެ ބަނދަރު ހެދުމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ނިމި، ބަނދަރު ހެދުމުގެ ކޮންޓްރެކްޓްގައި މިހާރު ސޮއި ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ބަނދަރަކީ، ހަމައެކަނި ވާދޫ ރައްޔިތުންގެ ބޭނުމަށް ހެދޭ ބަނދަރެއް ނޫން ކަމަށާއި، އެއީ، މުޅި ރާއްޖެއަށް ހަދާ ބަނދަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރާއްޖޭގެ ކޮންމެ ރަށެއްގެ ތަރައްޤީއަށް ކުރެވޭ ކޮންމެ މަސައްކަތަކީ ނުވަތަ ކުރެވޭ ކޮންމެ ބިނާއަކީ މުޅި މިރާއްޖެއަށްޓަކައި ކުރެވޭ މަސައްކަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޕަރ ސައުތު ޔޫޓިލިޓީޒް ކޮމްޕެނީގެ ފަރާތުން ވާދޫގައި ގޭސް ޕްލާންޓެއް ޤާއިމު ކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި އެރަށުގައި ހިނގާނެކަން ހާމަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 150 ވަޒީފާ އެރަށުގައި އުފެދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ވާދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިހާރު ވަނީ އެ އަތޮޅު ތިނަދުއަށް ވަޑައިގެންފައެވެ.