ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ހަވީރު ހުވަދުއަތޮޅު ދެކުނުބުރީ ގައްދުއަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާ ގައްދުއަށް ކުރެއްވި ދަތުރުފުޅުގައި، ރޭ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ތާރީޚު އަލުން އަނބުރާ ރުޖޫޢަ ވިޔަނުދިނުމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ނިޒާމް ރާއްޖޭގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
 
މީގެއިތުރުން، ގައްދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައި ވާކަން ހާމަކުރެއްވިއެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރެވިފައި އޮތީ އެންމެ 6 ރަށުގައި ކަމަށާއި، ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން މިހާތަނަށް ތިރީހަކަށް ރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރައްވައި، އަދި މިއަހަރު ނިމެންވާއިރަށް ފަންސާހަކަށް ރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، ގައްދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުން ގައްދޫ ރައްޔިތުންނަށް ލިބިފައިވާ ކުރިއެރުމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.