ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުވައްމުލަކަށް ވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު، ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ވެވަޑައިގެންފައި އެވަނީ، އެ ވަޢުދުތައް ފުއްދެވީމާ ރާއްޖެ ތަރައްޤީވާނެކަން އެނގިވަޑައި ހުންނަވައިގެންކަން ފާހަގަކުރައްވަމުން، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގައި ސަރުކާރަށް ލިބިވަޑައިގެންފައިވާ ކާމިޔާބީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ގުޅާލެއްވުމުގެ ވަޢުދު ޙާޞިލު ކުރެއްވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމުގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އެއްރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތެއް ހޯއްދަވައި ރާއްޖޭގައި ވިޔަފާރި ކުރިއެރުއްވުން ކަމުގައި ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި އައްޑުއަތޮޅު ގުޅާލެވި އެ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ފުވައްމުލައް ހަމައެކަނި އައްޑުއަތޮޅާ ގުޅުވުމުގެ ބަދަލުގައި، ރާއްޖޭގެ ވީހާވެސް ގިނަ ތަންތަނާ ފުވައްމުލައް ގުޅުވުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ އެހެން އަތޮޅުތަކާއި ފުވައްމުލައް ވަކިވެފައި އޮތް މިންވަރުން އެ ރަށުގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އަމާޒަކީ، ސާކް ސަމިޓްގެ ކުރިއަށް ފުވައްމުލަކުގައި އެއަރޕޯޓެއް އެޅުއްވުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުވައްމުލަކާއި ހުވަދުއަތޮޅާ ދެމެދުވެސް ފެރީގެ ނިޒާމެއް ޤާއިމު ކުރެއްވުމަށް ކަމަށާއި، މި ފެރީގެ ގުޅުމާއެކު ފުވައްމުލަކުގައި އެއަރޕޯޓެއް އެޅުނީމާ ފުވައްމުލަކާއި ރާއްޖޭގެ އެހެން އަތޮޅުތައް ވަރަށް ފުރިހަމައަށް ގުޅާލެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ތަރައްޤީއަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތަކާއި މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު ހުވަދުއަތޮޅު ދެކުނުބުރީ ގައްދުއަށް ވަޑައިގެންފިއެވެ.