އައްޑޫގައި ސާކް ސަމިޓް ބޭއްވުމުގެ ސަރުކާރުގެ އެންމެ ބޮޑު މަޤްޞަދަކީ، ދުނިޔޭގެ ޗާޓުގައި އައްޑޫ ވަރަށް ރަނގަޅަށް ފާހަގަވާނެ ގޮތެއް ހެއްދެވުން ކަމަށާއި، އަދި އިންޑިޔާ ކަނޑު ހުރަސްކުރާ ހުރިހާ ފަރާތްތަކަކަށް މިއަތޮޅުގެ ފަހިކަން ލިބޭނެ ގޮތްތަކެއް ފާހަގަކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، މިއަހަރު ރާއްޖޭގައި ސާކް ސަމިޓް ބޭއްވުމަށްޓަކައި އައްޑުއަތޮޅު ހިތަދޫގައި ޤާއިމް ކުރެވޭ ކޮންވެންޝަން ސެންޓަރުގެ ބިންގާ މިއަދު މެންދުރުފަހު އަޅުއްވައިދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ކޮންވެންޝަން ސެންޓަރުގެ މަސައްކަތާއެކު މިއަދު    މި ފެށެނީ، ރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ޞަފްޙާއެއް ކަމަށާއި، މި އަހަރު އައްޑޫގައި ބޭއްވޭ ސާކް ސަމިޓަކީ، ދެކުނު ހެމިސްފިއަރގައި، އީކްއޭޓަރުން ތިރީގައި ފުރަތަމަ ފަހަރަށް ބޭއްވޭ ސަމިޓު ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާ ކަނޑުގައި ރާއްޖެ، ޖަޒީރާ ތަކެއްގެ ގޮތުގައި އެތުރިފައިވާ އެތުރުމަކީ، މި ރާއްޖޭގެ އެންމެ ބޮޑު މުއްސަނދިކަން ކަން ފާހަގަކުރައްވަމުން، ޤުދުރަތީ ގޮތުން މިރާއްޖެ އުފެދިފައި މި އޮތް ތަނުގެ ސަބަބުން ލިބޭނެ ފައިދާއާއި މަންފާ ކިތަންމެ ތަނެއް އިތުރުކުރެއްވެން އެބައޮތް ކަމުގައި ވިދާޅުވިއެވެ. އަދި މި ރާއްޖެއާ އެކީގައި ތަރައްޤީވުމަށް އެދޭ ވަރަށް ގިނަ ޖަޒީރާ ޤައުމުތައް ރާއްޖޭގެ ވަށައިގެން، އަދި ޚާއްޞަ ގޮތެއްގައި އައްޑުއަތޮޅާ ވަރަށް ކައިރީގައި އެބަހުރި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ހިތަދޫގައި ކޮންވެންޝަން ސެންޓަރެއް ހުރުމުން މުޅިރާއްޖެއަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށާއި، އައްޑޫގައި މި ކޮންވެންޝަން ސެންޓަރު މި ބިނާ ކުރެވެނީ މުޅި ރާއްޖޭގެ ލާބައާއި މަންފާއަށްޓަކައި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ކޮންވެންޝަން ސެންޓަރު ބިނާ ކުރެވުނީމާ ސައުތު އޭޝިޔާއަކު މި ތަނަށްވުރެ ވަކި ފުރިހަމަ ތަނެއް ނުހުންނާނެ ކަމަށާއި، އެކަމުގެ ފަޚުރު މުޅި ރާއްޖެއަށް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ސާކް ސަމިޓް ނިމުމަށްފަހުވެސް ކޮންފަރެންސާއި ކޮންވެންޝަންތައް ބާއްވާ ސެންޓަރެއްގެ ގޮތުގައި މި ސެންޓަރު ތަރައްޤީ ކުރައްވައި ދެމެހެއްޓެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ކޮންވެންޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، މިއަހަރު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓް ބޭއްވުމުގެ މަސައްކަތް ހިންގަވައި ވިލަރެސް ކުރެއްވުމަށް އައްޑޫގައި ޤާއިމް ކުރެވޭ ސާކް ޔުނިޓް ހުޅުއްވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އައްޑުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ހިތަދޫ ޕޯޓަށް ޒިޔާރަތްކުރައްވައި، ހިތަދޫ ޕޯޓް، ހިތަދޫ ޕޯޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކުރެއްވުމުގެ ގޮތުން، އެ ޕޯޓްގެ ރަމްޒީ ތަޅުދަނޑި އެ ކުންފުނީގެ ޗެއަރމަން ޢަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވިއެވެ.