ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑުއަތޮޅަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ހުޅުދޫމީދޫގެ ބަނދަރު ހެދުމާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު މިއަދު ހެނދުނު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި، މިއަދު ހެނދުނު ހުޅުދޫމީދޫގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމަކީ، މިރާއްޖޭގެ ތަރައްޤީއަށް މިހާރުން މިހާރަށް ބޭނުންވާ އެންމެ މުހިންމު އެއްކަންތައް ކަމަށް ސަރުކާރުން ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ވަޢުދުތަކާއި، ސަރުކާރުގެ ސިޔާސަތު އެކަށައަޅުއްވާފައިވަނީ، ރާއްޖޭގެ ވަރަށް ރަށްރަށަށް ދަތުރުކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާއެކު ކުރެވިފައިވާ ބަޙުޘްތަކާއި މަޝްވަރާތަކުން ފާހަގަކުރެއްވިފައިވާ ކަންކަމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ވަޢުދުތަކާއި، އެ ވަޢުދުތަކާއި ގުޅިފައިވާ ތަރައްޤީގެ ސިޔާސަތު ސަރުކާރަށް ޙާޞިލް ކުރެއްވެމުންދާ މިންވަރާއި، އަދި ޚާއްޞަ ގޮތެއްގައި ހުޅުދޫމީދޫގައި މި ވަޢުދުތައް ފުއްދެވުމުގައި ސަރުކާރަށް ހޯއްދެވިފައިވާ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންސާނީ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ޕްރޮގްރާމް ކަމުގައިވާ ޤާނޫނު ކިޔަވައިދޭ މަރުކަޒް ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގައި ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ފާސްވެފައިވާ މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށާއި، މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑުއަތޮޅު ހިތަދޫގައި ރޭ ބޭއްވެވި ބަޖެޓާބެހޭ މަސައްކަތު ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ބަޖެޓުގެ ޕްރޮގްރާމްތައް ތަންފީޒު ކުރެއްވުމާގުޅޭގޮތުން މަޢްލޫމާތު ދެއްވައި، ވާހަކަފުޅު ދެއްކެވިއެވެ.