ދުނިޔޭގެ ކަނޑުތަކާބެހޭ ދުވަހުގެ މުނާސަބަތުގައި، ކަނޑުގެ އަހުލުވެރިން ކަމުގައިވާ މި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ. ބޮޑުމިނުގައި ގާތްގަނޑަކަށް 300 އަކަ ކިލޯ މީޓަރު ހަމަވާ މި ރާއްޖޭގެ ބިމުގެ ގޮތުގައި ބެލެވޭ %0.6 ފިޔަވައި ދެން އޮތީ ކަނޑެވެ. ކަނޑުތަކުގެ ދުވަހެއް ފާހަގަކުރާއިރު، މިޤައުމުގެ ދަރިންނާއި ކަނޑާ އޮތް ގުޅުމަކީ، ވަކިވާން ނުވަތަ ވަކިވެވެން އޮތް ގުޅުމެއް ނޫނެވެ.

ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމަކީ، މިޤައުމު އާރާސްތު ކުރުމާއި ބިނާކުރުމުގައި މަސައްކަތް ކުރެއްވި އެންމެހާ ދިވެހިން ބޭނުންކޮށްފައިވާ މުއްސަނދިކަމެވެ. ދޮށީގެ މަސްވެރިކަމުންނާއި، ފަރުމަހުގެ މަސްވެރިކަމުންނާއި، ބޮޑުކަންނެލީގެ މަސްވެރިކަމާ ގުޅިގެން ޤައުމަށް ވަދެފައިވާ ބޭރު ފައިސާގެ ވާހަކައަކީ، މިވަގުތު ފާހަގަކުރަންޖެހޭ ވާހަކައެކެވެ. މީގެއިތުރުން، ކަނޑުތަކުގެ ރީތިކަން ބެލުމަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ފަރާތުން ޤައުމަށް ލިބުނު ނަފާގެ ވާހަކައަކީވެސް މިފަދަ ދުވަހެއްގައި ހަދާންކުރާންޖެހޭ ކަމެކެވެ.

ރާއްޖޭގައި ބޮޑެތި ކަނޑުތަކެއްގެ ގޮތުގައި ބެލެވޭ ބައެއް ކަނޑުތަކުގެ ތެރޭގައި ހިމެނޭ ހުވަދޫ ކަނޑާއި، އައްޑޫ ކަނޑާއި، ވާދޫ ކަނޑާއި، ކާށިދޫ ކަނޑާއި، ބަރަވެލި ކަނޑުފަދަ ކަނޑުތަކަކީ، ވަރަށް ޚާއްޞަ ދިރުންތަކެއް އެކުލެވޭ ކަނޑުތަކެކެވެ. މިޤައުމުގެ ކަނޑުތަކުގައި އުޅޭ ތަކެތީގެ ލިސްޓަކީ ކުރު ލިސްޓެއް ނޫނެވެ. ދިވެހިންގެ އަމިއްލަ ނަންތަކެއް ދީފައިވާ ތަކެތީގެ ތެރެއިން ދިވެހިންގެ ކަނޑުތަކުގައި އުޅޭ ބައެއް ތަކެއްޗަށް ބަލާއިރު، ކޯމަހާއި ފެހުރިހި އާއި، ބޮޑުމަސް އަދި ބޯވައާއި ރަތްމަހާއި އުނިޔަ އާއި، ކަނޑުގުރުވަ އާއި ފުޅަނގި އަދި ފިޔަލަ އާއި މުޑަހަންޖަކީ އުޅޭ ތަކެއްޗެވެ. ރާއްޖޭގެ ކަނޑުތަކުގައި ދިރުންހުރި ތަފާތު ތަކެތި ހުރިއިރު، ތިމާވެށްޓާބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ފެހުރިހި އުޅޭ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށް މިމަހުގެ ތެރޭގައި ސަރުކާރުން ނިންމެވި ނިންމެވުން މިފުރްޞަތުގައި ފާހަގަކުރަމެވެ.

ލޯމާފާނުތަކާއި ފަތްކޮޅުތަކުން އެނގެން އޮތް ގޮތުގައި، ރާއްޖޭގައި ބޯގައަށް ދޫކޮށްފައިވަނީ، ހަމައެކަނި ފަޅުރަށްރަށެއް ނޫނެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ފަރުފަރާއި ފަޅުތަކަކީވެސް އެޒަމާނުގައި ބޯގައަށް ދޫކުރެވިފައި ހުރި ތަންތަނެވެ. އެހެންކަމުން، އެޒަމާނުގައިވެސް ދިވެހިންގެ ކަނޑުތަކުގެ މުއްސަނދިކަން އެވަނީ، ކޮންމެވެސް ވަރަކަށް ވަޒަން ކުރެވި ބޭނުންކުރެވިފައެވެ.

ޒަމާނަށް އައި ބަދަލުތަކާއި ޤައުމުގެ ހިންގުމަށް އައި ބަދަލާ ގުޅިގެން، ދިވެހިންގެ ކަނޑުތަކުގައި ހުރި މުއްސަނދިކަމަކީ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކަށް، އޭގެ މަންފާ ކުރާނެ މުއްސަނދި ކަމެއް ކަމުގައި ހެދުމަކީ، ސަރުކާރުގެ ވާޖިބެކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށް، މަސްވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމެވެ. އަދި ހަމަ އެހެން، ދިވެހިންގެ ކަނޑުގައި ހުރި މުއްސަނދިކަން ދިވެހިންނަށް ހެޔޮގޮތުގައި ބޭނުންކުރެވޭނެ މަގުތައް ތަނަވަސް ކުރުމެވެ. ކަނޑުތަކުގެ މުއްސަނދިކަމަކީ اللّـه سبحـانـه وتعـالى މި ޤައުމުގެ އަހުލުވެރިންނަށް ދެއްވާފައިވާ އެންމެ އަގުހުރި ރިޒްޤެވެ. އަދި ދިވެހިންގެ އެންމެ އަގުހުރި ތަރިކައެވެ. އެހެންކަމުން، ކަނޑުތަކާއި ފަޅުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ހަމަ ކޮންމެ ދިވެއްސެއްގެވެސް ޤައުމީ ވާޖިބެކެވެ.

މާތްﷲގެ ޙަޟުރަތުގައި، ދިވެހިންގެ ކަނޑުތަކުން ދިވެހިންނަށް ލިބޭ ރޯދި ބަރަކާތް އިތުރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އާމީން.