بسـم الله الرّحمـن الرّحيـم

ޗީފް އޮފް ޑިފެންސް ފޯސަސް. މާލޭ މުނިސިޕަލްޓީގެ ރައީސް. މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރ. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، މިއަދުގެ މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން މިކުރަން ޤަޞްދުކޮށްފައި އޮތް މަސައްކަތް އިފްތިތާޙުކޮށްދެވި ފެށްޓުމުގެ ޝަރަފް އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. މިކަމަކީ ކުރަންޖެހޭ ކަމެއް. އެހެންވީމާ، ތިޔަބޭފުޅުން އިސްނަންގަވައިގެން، ވަރަށްގިނަ ފަރާތްތަކެއްގެ ބައިވެރިވުން ހޯއްދަވައިގެން މިކަން ކުރައްވާ ކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް. އާދެ! އެގޮތުން މިއަދުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ މޯލްޑިވްސް ޑައިވަރސް އެސޯސިއޭޝަންގެ ބޭފުޅުންނާއި، އެމް.އެން.ޑީ.އެފް.އާއި ޕޮލިސްގެ ބޭފުޅުންނާއި، ސްވިމިންގ އެސޯސިއޭޝަންގެ ބޭފުޅުންނާއި އަދި މި ފެންގަނޑުގައި ފައްތަވަން ވަޑައިގަންނަވާ ހުރިހާ ބޭފުޅުން މިކަމުގައި ބައިވެރިވެވަޑައިގަންނަވާކަމީ، އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް.

އާދެ! މިކަހަލަ މިކަހަލަ ކޮންމެ ފުރްޞަތެއްގައި، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމަކީ، ޢާންމުކޮށް މިބާވަތުގެ ގިނަބަޔަކު ބޭނުންކުރަން ހަދާފައި ހުންނަ ތަންތަން ސާފުކޮށް ބެލެހެއްޓުމަކީ އެއީ، އަޅުގަނޑުމެން ގަވާއިދުން ކުރަންޖެހޭ ކަމެއް. ވަކި ޚާއްޞަ ދުވަހެއްގައި ކުރަންޖެހޭ ކަމެއް ނޫން އެކަމަކީ. ސާފުތާހިރުކޮށް ތަންތަން ބަލަހައްޓާ ގެންގުޅުމަކީ އެއީ، ދިވެހިންނަކަށް އާކަމެއް ނޫން. ޚާއްޞަކޮށް، ހަމަ ތާރީޚީ ގޮތުންވެސް، އަޅުގަނޑުމެންގެ ޘަޤާފީ ގޮތުންވެސް، އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް މީހުން ބޭނުންކޮށްއުޅޭ ތަންތަން ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަކީ އެއީ، ދިވެހިން ކޮށްއުޅޭ ކަމެއް. އެކަމަށްޓަކައި އެކަމާގުޅޭ ބަޔަކު ރޭވިގެން ގަވާއިދުން އެކަން ކޮށްއުޅޭ. އެގޮތުން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، މިހާތަނާ ޖެހެންދެންވެސް ހަމަ ގިނަ ރަށްރަށުގައި ހަމަ ރަށްރަށަށް ސާފުކުރުމުގެ މަސައްކަތް، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ކުރަމުން ގެންދާކަން. ގިނަފަހަރަށް ހިލޭ ސާބަހަށް ހަމަ އެކަން ކުރަމުން ގެންދަނީވެސް. އެހެންވީމާ، އަޅުގަނޑުމެންނަށް ތަރައްޤީ އައުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅު އާދަކާދަތައް ނެތިގެންދިޔުމެއް ނޫން. އެ ރަނގަޅު އާދަކާދަތައް ވަރުގަދަކޮށް، އެޒަމާނުގެ ކަންތައްތަކާ ގުޅޭގޮތުން އެކަންކަން ބަދަލުކޮށް، އޭގެ މައްޗަށް އަޅުގަނޑުމެން އިތުރަށް ތަރައްޤީ ގެނައުން. އެހެންވީމާ، އަޅުގަނޑަށް ޔަޤީން ކުރެވޭ، އަޅުގަނޑުމެންގެ ދިވެހިންގެ ގައިގައި އެބަހުރި، އެ މާތް ސިފަ. ސާފުތާހިރުކޮށް ކަންކަން ބެލެހެއްޓުމުގެ ސިފަ އެބަހުރި. އެހެންވީމާ، މިބާވަތުގެ ހުރިހާ ތަނެއްވެސް، ޢާންމުކޮށް ގިނަ ބަޔަކު ބޭނުންކުރަން ހަދާފައި ހުންނަ ތަންތަން ސާފުކޮށް ބެލެހެއްޓުމަކީ އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އަޅުގަނޑުމެން ކުރަމުން އައިސްވެސް ހުރި ކަމެއް. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އެ ކޮމިއުނިޓީ ރޫޙު ވަރުގަދަކޮށް، އަޅުގަނޑުމެންގެ ތެރޭގައި އެކަން ރަނގަޅަށް ރޭވިލައިގެން ހިންގޭނެ ގޮތްތަކެއް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން އެބަ، މިތަން ބޭނުންކުރަން އަންނަ މީހުން ކުނިއަޅާނެ ކުނިވަށިތަކެއްވެސް މިތާނގައި މިއަދު ހަރުކުރެވޭނެ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މިތަން ބޭނުންކުރައްވާ ހުރިހާ ބޭފުޅުންވެސް، މި ކުނިވަށިތަކުގެ ބޭނުންވެސް ކުރައްވާނެ ކަމަށް. އަދި ވީހާވެސް ބޮޑަކަށް، ޢާންމުކޮށް މީހުން ބޭނުންކުރަން މިއޮންނަ ފެންގަނޑަށް މިފަރާތު ފަޅުތެރެއަށް އަދި މިތާ ކުރިމައްޗަށްވެސް ކުނި ނޭޅުއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ވިސްނާވަޑައިގަތިއްޔާ އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި، ސިންގަޕޫރު ކަމަށްވިޔަސް، އެމެރިކާވިޔަސް، ޔޫރަޕްވިޔަސް، ޢާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ތަންތަނަށް ކުނިއެޅުމަކީ، އެއީ އެއަށް ވަރަށް ބޮޑެތި އަދަބު ލިބޭ ކަމެއް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ބައެއް ތަންތާނގައި އެބަ މަގުމައްޗަށް ކުނިކޮޅެއް ވައްޓާލުމުން، އެބަ 500 ޑޮލަރުން ނޫނީ 1000 ޑޮލަރުން އެބަ ޖޫރިމަނާވެސްކުރޭ. އެއީ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެވޭތީ. ސާފުތާހިރުކޮށް އޮންނަ ތަނެއްގެ ބޭނުންކުރުމަކީ އަދި ޢާންމުކޮށް މީހުން ބޭނުންކުރާ ފެންގަނޑެއް ސާފުކޮށް ބޭއްވުމަކީ، އެތަން ބޭނުންކުރާ ހުރިހާ މީހުންގެވެސް ޙައްޤެއް. އެހެންވީމާ، އެކަމަށް ހުރަސްއެޅޭ ކަމެއް އެތަން ހަޑިކުރުމަކީ. އެތަނަށް ކުނިއެޅުމަކީ. ވީމާ އެކަން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ފަރުދީ ފެންވަރެއްގައި ދެނެގަންނަން. ދެނެގަނެގެން އެކަމަށްޓަކައި އަޅުގަނޑުމެންގެ އާދަކާދަ، އަޅުގަނޑުމެންގެ ރިވެތި އާދަކާދަތަކުގެ މައްޗަށް ބިނާކޮށްގެން، ޒަމާނީ ގޮތްގޮތަށް އެކަން ކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދު ކުރަން، މިއަދުން ފެށިގެން ހުރިހާ ބޭފުޅުންވެސް މިތަން ބޭނުންކުރައްވާ ހުރިހާ ބޭފުޅުންވެސް މިކަމަށް ސަމާލުވެވަޑައިގެން، ވީހާވެސް ރީތިކޮށް، ވީހާވެސް ސާފުތާހިރުކޮށް އަޅުގަނޑުމެން ދިވެހިން ޢާންމުކޮށް މި ފަޚްރުވެރިވާ ސާފުތާހިރުކަން މިތާނގައި ދަމަހައްޓަވާނެ ކަމަށް. އެހެންވީމާ، އެކަމުގެ އުންމީދުގައި ހުރެ، އަދިވެސް އެއްފަހަރު މިކަންތައް ރާވައިދެއްވި ކަމަށްޓަކައި މިނިސްޓްރީއަށާއި، ޑައިވަރސް އެސޯސިއޭޝަނަށާއި އަދި މީގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔައި އަދި ވަރަށް ބޮޑަށް ތަޢްރީފުކޮށް ސާބަސްދެން. ހުރިހާ ބޭފުޅުންގެ މަސައްކަތަށް އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ކާމިޔާބީއެއް މިއަދު ލިބިވަޑައިގަންނަވާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! والسّــلام عليــكم

______________________