بسـم الله الرّحمـن الرّحيـم


ޝަހީބް މީޑިއާ ކޮންސަލްޓަންސީގެ ފަރާތުން އަލްފާޟިލް މުޙަންމަދު ޝަހީބް. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޢަލިމަނިކު. މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް ހިރިގާ އަޙްމަދު ޒާހިރު. ޕޮލިޓެކްނިކްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙަންމަދު ޢާޞިމް، އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، މިކޯހުގެ ހުރިހާ ބައިވެރިން.

السّـلام عليـكم.

އާދެ! މިރޭ މި ފެނިގެން މިދަނީ ވަރަށްވެސް އާ، އެހެން ނަމަވެސް ވަރަށް ރަނގަޅު މިސާލެއް. އެއީ، ސަރުކާރުގެ ޓްރޭނިންގ އިންސްޓިޓިއުޓަކާ ގުޅިގެން އަމިއްލަ ކޮންސަލްޓަންސީ ފާމަކުން ރާވައިގެން އަދި ސަރުކާރުގެ އެހެންވެސް މީޑިއާއާބެހޭ ކުންފުންޏަކާ ގުޅިގެން، މިފަދަ ކޯހެއް ޢާންމުކޮށް ހުޅުވާލައިގެން ހިންގަވައި ނިންމެވިތަން. 59 ކުދިންނަކީ އެއީ، ވަރަށްގިނަ ޢަދަދެއްގެ ކުދިން، މިކަހަލަ ކޯހެއްގައި މުއްދަތެއްގެ ތެރޭގައި ރާވާލައްވައިގެން ހިންގަވަން. އެހެންވީމާ، މިފަދަ ކޯހެއް މިހާ ފުރިހަމަކޮށް ހިންގަވައި ނިންމެވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް، ޚާއްޞަކޮށް ޝަހީބަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ވަކިން ޚާއްޞަކޮށް ވަރަށް އުފާކުރަން، މީގެތެރޭގައި ވަރަށް ތަފާތު ބެކްގްރައުންޑުގެ ބައިވެރިން އެބަ ހިމެނޭ. އެގޮތުން ހަމައެކަނި މިކޯހަށް ޚާއްޞަކޮށް މިކޯހުގައި ބައިވެރިވެލައްވަންވެގެން ރާއްޖެތެރެއިން، އަތޮޅުތަކުން އެކިއެކި ބޭފުޅުން ވަޑައިގެންނެވިކަން އެއީ، ވަރަށް އުފާކުރަންޖެހޭ ކަމެއް. އަދި ހަމައެހެން، އެކިއެކި މުއައްސަސާތަކުގެ ބޭފުޅުންނާއި އަދި އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި ސްކޫލްގެ ދެ ދަރިވަރެއްވެސްވަނީ ބައިވެރިވެފައި. އެހެންނަމަވެސް، ކުރު މުއްދަތެއްގެ ކޯހެއް ނަމަވެސް، މިފަދަ ބޭސިކް ކޯހެއްގެ ސަބަބުން ވަރަށް ބޮޑަށް ބައިވެރިންގެ ލޯ ހުޅުވިގެންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. ޢާންމު ގޮތެއްގައި ޖަރނަލިޒަމަކީ އަޅުގަނޑުމެން މިހެން ގިނަ ބަޔަކަށް ހުޅުވާލެވިގެން ހިންގާ ކޯސްތައް ހިމެނޭ ދާއިރާއެއް ނޫން. މިކަން މިކުރެވެނީވެސް ދާދިފަހުން. އަޅުގަނޑަށް ހީވަނީ އެއީވެސް ރާއްޖެއަށް މިހާރު ޖަރނަލިޒަމަށް ލިބިފައިވާ ކުރިއެރުމާއި، ނޫސްވެރިކަމަށް ޢާންމު ގޮތެއްގައި ހުޅުވާލެވިފައިވާ ދޮރުތައް، އެ ދައްކުވައިދޭ، އެކަމަށް ހެކިދޭ ވަރަށްވެސް ރަނގަޅު ދަލީލެއްހެން.

އާދެ! އަޅުގަނޑަކީ ޖަރނަލިސްޓެއް ނޫން. އެހެން ނަމަވެސް، ޝަހީބް އެވިދާޅުވިހެން ވަރަށް ކުޑައިރުއްސުރެ މިއީ ލިޔާ މީހެއް. ދޭތެރެ ދޭތެރެއިން އެކިއެކި މައްސަލަވެސްޖެހޭ އެއްޗެއް ލިޔެގެން. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ މި ރާއްޖެއަށް ލިބިފައި މިއޮތީ، އަޅުގަނޑު ދަންނަވާނީ އަދި މިހާތަނަށް ރާއްޖޭގައި އަޅުގަނޑުމެންނަށް ފެނިފައި ނެތްހާ އޯޕަން، ހާމަ ޖައްވެކޭ ނޫސްވެރިންނަށް. ދެން މިހެން ދަންނަވާއިރުގައި، މައްސަލަތަކެއް ނެތެކޭ ނޫން މިދަންނަވަނީ. އެހެންނަމަވެސް، ކުރިއާ އަޅާބަލާފައި މިހާރު މިވަނީ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ މަސްރަޙު، ޖާރނަލިސްޓުންނަށް، ލިޔުންތެރިންނަށް ހުޅުވާލެވިފައި. އަދި ނޫސްވެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއްވެސް އައިސްފައި.

އަޅުގަނޑު ފުރަތަމަ ނޫސްވެރިކަމަށް ލޯބިކުރަން ފެށީ އަޅުގަނޑުގެ ސްކޫލް ދައުރުގައި. އޭރު އަޅުގަނޑުމެން މަޖީދިއްޔާގައި އުޅުނުއިރުގައި، މަޖީދިއްޔާގައި އޮންނާނެ އަދަބީ ޖަމްޢިއްޔާ، ދިވެހި އަދަބީ ޖަމްޢިއްޔާ. މި ޖަމްޢިއްޔާގެ ފަރާތުން ނެރޭނެ [އެކުވެރިޔާ] ކިޔާ މަޖައްލާއެއް. އެ މަޖައްލާގެ މުޙައްރިރުކަން ވަރަށްގިނަ ދުވަސް ވަންދެން އަޅުގަނޑު މަޖީދިއްޔާގައި އުޅުނުއިރުގައި ކުރީމު. އަދި އެއަށްވުރެ ކުރިންވެސް، އަޅުގަނޑުމެން ހަމަ ގޭދޮށުގައި ވަރަށް ކުޑައިރުގައިވެސް ނޫހެއް ނެރެ، އެ ނޫހުގައި އިނގިރޭސިބަހުން އެއްޗެހި ތަރުޖަމާ ކޮށްގެން، ކާޓޫނު އެއްޗެހި ޖަހައި، މިހެން ނޭބަރހުޑް ކުޑަކުދިންގެ ނޫހެއްވެސް ހިންގިން އަޅުގަނޑު ވަރަށް ކުޑައިރު. އެހެންވީމާ، މިއީ ވަރަށް ގިނަ ދުވަސް ވަންދެން އަޅުގަނޑުވެސް ލޯބިޖެހިފައިވާ ދާއިރާއެއް.

ދެން މިހެން އުޅެމުންގޮސް އަޅުގަނޑުވެސް ސްކޫލް ނިމި މަސައްކަތުގެ ދާއިރާއަށް ނުކުތްފަހުން، އެނގިވަޑައިގަންނަވާނެކަންނޭނގެ، ތިޔައިން ބައެއް ބޭފުޅުންނަށް، އަޅުގަނޑަށް ވަރަށްބޮޑު ޗެލެންޖަކާ ކުރިމަތިލާންޖެހުނު. އޭރުގައި އެއްވެސްކަހަލަ ޖަރނަލިޒަމް ޓްރޭނިންގއެއް ނުލިބޭ. ނުލިބި ހުއްޓައި ކުއްލިއަކަށް ސަރުކާރުން މިވިދާޅުވަނީ އަޅުގަނޑު ކައިރީގައި، މިހާރު މިއުޅެނީ ރާއްޖޭގައި ޓީ.ވީ އުފައްދަންވެގެންނޭ. އެހެންވީމާ، މި ޓީ.ވީ.ގެ ޚަބަރު، ދިވެހިބަހުންނާއި އިނގިރޭސިބަހުން ކިޔާނެ މީހަކު އެބަ ބޭނުންވެއޭ. ދެން އަޅުގަނޑު ކައިރީގައި ވިދާޅުވެއްޖެ، އޭރު ކޮމިއުނިކޭޝަން ކަންތަކާ ޙަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު، އޭރުގެ ރައީސް އިބްރާހީމް ނާޞިރު އެބަ އެދިވަޑައިގަންނަވައޭ، ވަޙީދު މިކަން ކުރަން. ދެން އަޅުގަނޑުގެ ފޮޓޯއެއް ފޮނުވާށޭ. ބުނީމާ ދެން އަޅުގަނޑު ފޮޓޯއެއް ފޮނުވިހާއިރުން ވިދާޅުވެއްޖެ، ކަމަކުނުދާނެއޭ. ވިދާޅުވެއްޖެ، ވަޙީދު މާބޮޑު މަތިމަހެއް ބަހައްޓާފައޭ މިހުރީ. މަތިމަސް ބޭލީމަ ނޫނިއްޔަކާ ދެނެއް ޓީ.ވީ އަކަށް ނޭރޭނެއޭ. ދެން އަޅުގަނޑު ދަންނަވައިފިން، އެހެންވެއްޖިއްޔާ އަޅާނުލައްވާށޭ ތިކަމާ. ދެން އަޅުގަނޑު އޭރު މަޖީދިއްޔާގެ ޓީޗަރަކަށް އުޅެނީ. ދެން އެންމެފަހުން ހަމަ އޭރުގައި އިނގޭތޯ، ހަމަ މީހަކު ނުވެގެން، އެންމެފަހުން ގޮސް އަޅުގަނޑު ކައިރީ ވިދާޅުވި، މަތިމަސް ހުއްޓަސް ވަރިހަމައޭ ދެން މިކަން ކޮށްދޭށޭ.

ދެން އޭރުގައި ޓީ.ވީ އޮންނަނީ ހަމަ ވަރަށް ކުޑަކުޑަ އިރުކޮޅަކު. ގާތްގަނޑަކަށް ދެގަޑި، ތިންގަޑިއެއްހާއިރު ހަމަ އޮންނަނީ. ދެން ދިވެހި ޚަބަރުވެސް މި ލިޔަންޖެހެނީ އަޅުގަނޑަށް. އިނގިރޭސި ޚަބަރުވެސް މި ލިޔަން ޖެހެނީ އަޅުގަނޑަށް. ދެން ގިނަފަހަރަށް ވަރަށް އަވަސްއަރުވާލާފައި، ކޮންމެވެސް ނޫސްވެރިއެއް ލައްވައި އެއްޗެއް ލިޔެލައިގެން، ދެން އޭތި އިނގިރޭސިބަހަށް ތަރުޖަމާކޮށްގެން، ބޭރުގެ ޚަބަރުވެސް ބީ.ބީ.ސީ ތަންތަނުން އަޑުއަހައިގެން މިލިޔަމުން މިގެންދަނީ. މިގޮތަށް އަޅުގަނޑު އެކަނިމާއެކަނި ދިވެހި ޚަބަރާއި އިނގިރޭސި ޚަބަރު، ޓީ.ވީ ގައި 3 މަސްދުވަސް ވަންދެން ބަލަހައްޓަން ޖެހުނު. ދެން އެކަން ހަމަ ގާތްގަނޑަކަށް ގޮސް އަހަރެއްހާ ދުވަސް ވަންދެން އަޅުގަނޑުވެސް އަނެއްކާވެސް ރާއްޖެއިން ބޭރަށް ދާންޖެހެންދެން އެކަން ކުރަންޖެހުނު.

މިދާއިރާއަކީ މިއީ، އަޅުގަނޑަށް ހީވަނީ ވަރަށްވެސް ކްރިއޭޓިވް އިނގޭތޯ، އުފެއްދުންތެރި ދާއިރާއެއް. އެހެންވީމާ، ވަރަށްގިނަ ގޮތްގޮތުން މަސައްކަތް ކުރުމުގެ ފުރުޞަތު މީގައި ލިބޭނެ. ހަމައެކަނި ޓީ.ވީ.ގެ ދާއިރާއަށް ބަލައިލިޔަސް، އޭގައިވެސް އެކިބާވަތް ބާވަތުގެ ޕްރޮގްރާމް އުފެއްދުމާއި، ޚަބަރު ކިޔުމާއި، މިހެންގޮސް ކުރެވޭނެ ކިތަންމެ ކަންތައްތަކެއް އެބަހުރޭ. ދެން އަނެއްކާ ޖަރނަލިޒަމްގެ ދާއިރާއަކީ ތަފާތު ރޮނގު ރޮނގުން ހުންނަ ޖަރނަލިޒަމަށް ސްޕެޝަލައިޒްވެސްވެވޭ ދާއިރާއެއް. އެގޮތުން، ފަތުރުވެރިކަމާ ބެހޭގޮތުން މިސާލަކަށް، ހަމަ އެކަމަށް ޚާއްޞަ މީހުން އެބަތިބޭ. އަދި ހަމައެހެން ސިޔާސީ ރޮނގުން ލިޔާ މީހުންނާއި، އިޤްތިޞާދީ، އެގޮތުން ލިޔާ ޖަރނަލިސްޓުންނާ، މިހެން ތަފާތު ރޮނގުރޮނގުން ޖަރނަލިޒަމް ކަންތައް ލިޔާ މީހުން މިތިބެނީ. ދެން މީގެ ސްކިލްސްތައް، މީގެ ހުނަރުތައް ލިބުމަކީ، މިއީ އަދި ޖަރނަލިޒަމްގެ ތެރެއަށް ނުވަނަސް އަޅުގަނޑަށް ހީވަނީ ލިޔާހިތްވާ މީހަކަށްވިއްޔާ ވަރަށް ބޭނުންތެރި ކަމެއްހެން. ދެން އަޅުގަނޑުމެންނަކަށް ކުރިން ދެންނެވިހެން އެއްވެސް އެއްޗެއް ނުލިބޭ.

އެހެން ނަމަވެސް، އަޅުގަނޑުވެސް އޭރުގައި ލިޔަމުންގޮސް، އެންމެފަހުން އަޅުގަނޑު ދެންނެވީމެއްނޫންތޯ، އަޅުގަނޑަށް މައްސަލަވެސް ޖެހުނު. އެ ލިޔަންވާ ގޮތަށް ނުލިޔެވޭތީކަންނޭނގެ. ނޭނގޭތީކަންނޭނގެ އެހެން އެވަނީ ބައެއްފަހަރު. އެކަމަކު އޭރުގައި އަޅުގަނޑަށް ހީވަނީ އެއީ ލިޔަން ނޭނގުމަށްވުރެވެސް ބޮޑަށް، އޭރުގެ ޖައްވު އޮތީ ވަރަށް ބޮޑަށް ނޫސްވެރިކަމުގެ މާޙައުލުއޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައި. ދެން އެފަހަރު ވީގޮތަކީ އަޅުގަނޑު ޓީ.ވީ އަށް ހަމަ އަޅުގަނޑަށް ފާޑުކިޔުނީވެސް. އޭރު ޓީ.ވީ އަކު ނޫން އަޅުގަނޑު އުޅެނީ. އެހެންނަމަވެސް، ވީގޮތަކީ ހަމަ މާގިނައިން ހަމަ އިރުއިރުކޮޅާ އެބައާދޭ، އަމީތާބު ބައްޗަން އާލާސްކަންފުޅާ އުޅުއްވާ ވާހަކަ، އޭނާ ހޮސްޕިޓަލެއްގައި އޮތް ވާހަކަ. ހަމަ ފަނަރަ މިނިޓުން، ފަނަރަ މިނިޓުން ކަހަލަ ގޮތަކަށް ޓީ.ވީ އިން އެބަ ފޮނުވާ. ދެން ފޮނުވާތީ، މިކަން ދެން އަޅުގަނޑަށްވެސް ވަރަށްބޮޑުވެއްޖެ. ބޮޑުވެގެން އަޅުގަނޑު މިކަމާ ބެހޭގޮތުން ވަރަށް ކުރު ކޮލަމެއް ލިޔެލައިފިން. ލިޔެލާފައި ނޫހަށް ފޮނުވީމާ ނޫހުގައި ޖައްސަވައިފި. އަނެއް ދުވަހު ރައީސް އޮފީހަށް ގެންދަވައިފި. ގެންދަވާފައި ވިދާޅުވެއްޖެ، ދެން މިކަހަލަ އެއްޗެހި ލިޔުނީމާ، މީގެ ބަދުނާމު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށޭ. ދެން ގޭގައި މަޑުކޮށްލާށޭ. ދެން އެހެންވީމާ، އަޅުގަނޑު ގޭގައި މަޑުކޮށްލައިގެން ހުރިން ހަފްތާއެއްހާ ދުވަސް ވަންދެން ހުރިފަހުން ދެން ވިދާޅުވީ މަޢާފަށް އެދި ސިޓީއެއް ފޮނުވާލީމާ، މިކަން ހަމަޖެހިދާނޭ. ދެން އެހެންވީމާ، މަޢާފަށް އެދިގެން އެކަމުން ސަލާމަތްވީ.
ދެން މިދެންނެވީ މިހާރު އިނގޭތޯ، ވަރަށްގިނަ ޖަރނަލިސްޓުން އެބައުޅޭ. ވަރަށްގިނަ ނޫސްތައްވެސް އެބަހުރި. ރޭޑިޔޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކާ، މިހުރިހާ ދިމަދިމާލުންވެސް ރަނގަޅަށް ލިޔާ ޚަބަރުތަކާއި، އެކިއެކި ޝުޢޫރުތައް ފާޅުކުރުމުގެ ދޮރުތައް މިހުރީ ހުޅުވިފައި. އެހެންނަމަވެސް، މީގައި އަޅުގަނޑުމެން ވިސްނަންޖެހޭ ނުކުތާތަކެއް އެބަހުރި. އެގޮތުން އެއްކަމަކީ އަޅުގަނޑު ދަންނަވާނީ، ނޫސްވެރިންނަކީ ވަރަށްބޮޑު ޒިންމާއެއް، އެމީހުންގެ ކޮނޑުގައި އެޅިފައި އޮންނަ ބައެއް. އެއީ، މުޅި މުޖްތަމަޢުގެ ތެރޭގައި، އެކިއެކި ކަންކަމާ ބެހޭގޮތުން ޚާއްޞަކޮށް، ރައްޔިތުންނަށް އޭގެ އަސަރުކުރާ އެކިއެކި ދިމަދިމާލުން ޢާންމު ރައުޔު އުފެއްދުމުގެ އެންމެބޮޑު އެއްބަޔަކީ ނޫސްވެރިން، ޖަރނަލިސްޓުން. އެއީ، ރައްޔިތުންގެ ތެރޭގައި ޚިޔާލު އުފެއްދުމާއި، ވަކި މަޥްޟޫޢަކާ ބެހޭގޮތުން އެކިއެކި ބަޙުޘްތައް ކުރެވުމާ، މިކަމުގެ ޒިންމާ މިއޮންނަނީ ޖަރނަލިސްޓުންގެ ކޮނޑުގައި އެޅިފައި. އެހެންވީމާ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ ތެރޭގައި ވިސްނުންތެރި އެކިއެކި ޚިޔާލުތައް ގެންގުޅުމުގެ ވަރަށްބޮޑު ބައެއް އެބަ ޖަރނަލިސްޓުންނަށް އަދާކުރެވޭ.

ދެން ވަރަށް އުނދަގޫ ކަމެއް އިނގޭތޯ، ކޮންމެ ތަނެއްގައި އުޅުނަސް، ކޮންމެ މުޖްތަމަޢެއްގައި އުޅުނަސް، އެ ލިޔާ އެއްޗެއްގައި ކުލައެއް ޖައްސާނުލުމަކީ އެއީ، ވަރަށް އުނދަގޫ ކަމެއް. ދެން މީގެ، މިބޭފުޅުންނަށް، ޒާހިރުމެން ބޭފުޅުންނަށް މާބޮޑަށް ޝަހީބުމެންނަށް މާބޮޑަށް މިކަން އެނގިވަޑައިގަންނަވާނެ، ވަރަށް އުނދަގޫ ކަމެއް ކުލައެއް ޖައްސާނުލާ އެއްޗެއް ލިޔެލުން އެއީ. އެއީ ހަމަ އެ ލިޔާއިރުގައިވެސް ތިމާގެ އަމިއްލަ، ކޮންމެ މީހެއްގެވެސް ވިއްޔާ ހުންނާނެތާ ކޮންމެވެސްކަހަލަ ވިސްނުމެއްވެސް. އަނެއްކާ އެއީ، އިޤްތިޞާދީގޮތުން ނަމަވެސް، ސިޔާސީގޮތުން ނަމަވެސް ކޮންމެވެސްކަހަލަ އަމިއްލަ ވިސްނުމެއްވެސް ހުންނާނެ. އެ އަމިއްލަ ވިސްނުމުގެ ކުލަ އޭގައި ނުޖެހި، އެކަން، އެވާގޮތެއް، އޭގެ ފެކްޓްސްތަކާއެކީގައި ލިޔުމަކީވެސް އެހާ ފަސޭހަ ކަމެއް ނޫން. އެހެންނަމަވެސް، އެއީ ޖަރނަލިސްޓުން އުފުލަންޖެހޭ ވަރަށްވެސް ބޮޑު މަސްއޫލިއްޔަތެއް. މިހާރު އަދި ޢަމުދުން ސިޔާސީ މަސްރަޙު ހޫނުކޮށް އުޅޭއިރެއްގައި، ވާދަވެރިކަން ބޮޑު އިރެއްގައި ވަރަށް ފަސޭހަވާނެ، ވަކިއަތަކަށް ޖެހިލައިގެން އެއްޗެހި ލިޔެލުން. އަދި ފޯރިގަދަވާ ވަގުތެއްގައި، ޖަރނަލިސްޓުންނަށް އޭގެތެރެއަށް ވަދެ، ވީހާވެސް ބޮޑަކަށް މަޢްލޫމާތު ސާފުކުރުމަށްޓަކައި، ވީހާވެސް އެތެރެއަކަށް ވަދެވޭތޯ ބެލުންވެސް، އެއީވެސް ވަރަށް ކުރާހިތްވާނެ ކަމެއް ބައެއް ބޭފުޅުން. އެހެން އުޅުމުގެ ސަބަބުން ބައެއްފަހަރު ޖަރނަލިސްޓުންގެ އިތުބާރު ގެއްލޭގޮތްވެސްވެދާނެ. އެހެންވީމާ، އޭގައި ގެންގުޅެންޖެހޭ ޙުދޫދުތަކެއް ޢަމަލުގައިވެސް، އަދި ސުލޫކުގައިވެސް އެބަ ހުންނަންޖެހޭ. ރަނގަޅު އިތުބާރު ކުރެވޭ، ރައްޔިތުންގެ ޤަދަރާއި އިތުބާރު ލިބޭ ޖަރނަލިސްޓުންނަށް ވުމަށްޓަކައި.

އަޅުގަނޑުމެންގެ ތެރޭގައިވެސް ހަމަ ނަމޫނާ ބޭފުޅުން މިތިއްބެވީ. ވަރަށްގިނަ ދުވަސް ވަންދެން ރައްޔިތުންގެ ޤަދަރު ހޯއްދަވާފައި. އެ ހޯއްދެވުނީކީ ފަސޭހަކޮށެއް ނޫން. މިދެންނެވި ކަހަލަ ކަންތައްތަކަށް ސަމާލުވެގެން މަސައްކަތް ކުރީމަ، އެ ޤަދަރާއި އިތުބާރު ރައްޔިތުންގެ ފަރާތުން ލިބޭނީ. އަޅުގަނޑުމެންނަށް ފެނިފައި ހުރި ތަންތާނގައި ޖަރނަލިސްޓުންނަކީ ރައްޔިތުން ލޯބިވާ ބައެއް، ރަނގަޅަށް އެކަން ކުރެވިއްޖިއްޔާ. އަދި ހަމަ އެހެން އެކަން ރަނގަޅަށް ނުކުރެވިއްޖިއްޔާ، އޭގެ ސަބަބުން އެމީހަކަށް ގެއްލުންވުމުގެ އިތުރަށް، މުޅި މުޖުތަމަޢަށްވެސް އޭގެ ގެއްލުން ވަރަށް ބޮޑަށް ވެދާނެ އޭގެ ސަބަބުން. އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ސްކޫލްގައިވެސް ޢާންމުކޮށް ކޮށްއުޅޭ ބަހެއް، ކޯއްޗެއްހޭ ވަރުގަދައީ، ގަލަން ހެއްޔޭ، ކަނޑިއެއްހެއްޔޭ، މިހެންކުރާ ބަޙުޘްތައް ހުންނާނެ، ކުޑަކުދިން ސްކޫލްގައި އުޅޭއިރުވެސް. އެއީ ސަބަބެއް ނެތިއެއް ނޫން، އެކަހަލަ ބަޙުޘްތައް އެކުރަނީކީ. އެހެންވީމާ، ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް، ތިމާގެ ދުލުން ނުވަތަ ގަލަމުން ބޭރުކޮށްލާ އެއްޗެއްގެ ސަބަބުން ކުރާނެ އަސަރަކާ ދޭތެރޭގައި. އަޅުގަނޑުމެންގެ މަޤްޞަދަކަށްވާން ޖެހޭނެ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ ޞުލްޙަވެރި، އަޅުގަނޑުމެންގެ މުޖްތަމަޢަކީ އެއީ ތަރައްޤީވާ، ތަރައްޤީ ކުރެވޭ، އަޅުގަނޑުމެން މިދެކޭ ތަރައްޤީ ގެނެވޭނެ މުޖްތަމަޢަކަށް ހެދުމަށްޓަކައި ހުރިހާ އެންމެންވެސް މަސައްކަތް ކުރުން.

ފުރްޞަތުތައް ކިތަންމެހާވެސް ގިނަ. ދެންމެ ޝަހީބުގެ ވާހަކަފުޅުގައިވެސް އެވިދާޅުވީ، އަމިއްލައަށް ވެބްސައިޓް ހެދުމުގެ ވާހަކަވެސް. ވިދާޅުވި ހަމަ އަޅުގަނޑުމެންނަކަށް އަދިވެސް ނުފެނޭ އެހާ ގިނަ ބަޔަކު މަޤްބޫލު ރަނގަޅު ފެންވަރެއްގެ ވެބްސައިޓްތަކެއްވެސް ހަދައިގެން އަދިވެސް ހަމަ އުޅޭތަން ހަމަ ވަރަށް ނުފެނޭ. ދެން އެކަމަކީ އެއީ، އަދިވެސް އަޅުގަނޑަށް ހީވަނީ އޭގެ ހުނަރުތައްވެސް ތަންކޮޅެއް އުނދަގުލީހެން. އެކަމަކު އެއީ ވަރަށް ފަސޭހައިން ހޯދިދާނެ އެއްޗެއް. އޭގެ ސްކިލްސްތަކާއި އަދި އެވިދާޅުވިހެން އެފަދަ ވެބްސައިޓެއް ހިންގުމަށްޓަކައި ބޭނުންވާ ފައިސާގެ އެހީވެސް، އެކިއެކި އިޝްތިހާރުތައް ޖަހައިގެންވެސް މަސައްކަތް ކުރީމާ މިހާރު ލިބޭނެ. އެއީ އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރގައިވެސް ސަޕޯޓް މިކަހަލަ ކަންކަމުގައި ވަރަށްބޮޑު.

އަޅުގަނޑު ހީކުރަން، މިހާރު ތިޔަބޭފުޅުން ތިޔަދަސްކުރެއްވި އެއްޗެއްގެ ބޭނުން ހިއްޕަވަމުން ގެންދަވާނެ ކަމަށް. ވީހާވެސް ގިނައެއްކޮށް، އެ ދަސްކުރެއްވި ހުނަރުތައް ބޭނުންކުރައްވައިގެން ލިޔުއްވުން އިތުރުކުރައްވަމުން ގެންދަވާނެ ކަމަށް. އަދި ތިޔަބޭފުޅުންގެ ލިޔުންތައް އަޅުގަނޑުމެންގެ ނޫސްތަކުން ފެންނަމުންދާނެ ކަމަށް.

އަޅުގަނޑު އެދެނީ، ހުރިހާ ބޭފުޅުންނަށްވެސް ވަރަށްވެސް ކާމިޔާބު މުސްތަޤްބަލެއް. ކާމިޔާބު ކެރިއަރއެއް. ތިޔައިގެ ތެރެއިން ހަމަގައިމުވެސް ބައެއް ބޭފުޅުން ވަރަށް ރަނގަޅު ޖަރނަލިސްޓުންނަށް ވެގެންދާނެ ކަމުގެ ފުރިހަމަ އުންމީދު އަޅުގަނޑު ކުރަން. އަދިވެސް އެއްފަހަރު އަޅުގަނޑު އިށީނުމުގެ ކުރިން، މިހާ ރަނގަޅަށް މިކަން ރާއްވަވައިގެން ހިންގެވި ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް، މި ރާވާ ހިންގެވި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިރޭ މިތަނަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލައި، މި ޝަރަފްވެރި މަސައްކަތުގައި ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ދެއްވި ކަމަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والسّــلام عليــكم