بسـم الله الرّحمـن الرّحيـم

الحمـد لله ربّ العالمين، والصّـلاة والسّـلام على محـمّد وعلى آله وصحـبه أجمعـين.

ޢިއްޒަތްތެރި ޗީފް ޖަސްޓިސް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން، ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ އެންޑްރޫ ކޮކްސް، ސަރުކާރުގެ ޢިއްޒަތްތެރި ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން

السّـلام عليـكم.

އާދެ! މިއަދު އަދުލު އިންސާފާއި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި "ޑިޑް ޔޫ ނޯ" މިނަމުގައި މިފަށްޓާ ކެމްޕޭނު އިފްތިތާޙް ކުރުމުގައި ބައިވެރިވުމުގެ ޝަރަފު އަޅުގަނޑަށް ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެކަމަށްޓަކައި ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އެންޑްރޫ ކޮކްސްއަށް ޝުކުރު ދަންނަވަން.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި. އެގޮތުން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވި، އަދި ދިވެހިރާއްޖޭގެ ވެރިކަމުގެ ތިންބާރު ވަކި ކުރެވި، ރާއްޖޭގައި ފާރަވެރި މިނިވަން މީޑީއާއެއް ވަނީ ޤާއިމުކުރެވިފައި. އާދެ! ހަމައެފަދައިން ދިވެހިރާއްޖެ، ޑިމޮކްރަސީ ކައްސާލައިގެން ދިޔަނުދިނުމަށްޓަކައި އުފެއްދިފައިވާ މިނިވަން މުއައްސަސާތަކެއް މިހާރުވަނީ އުފެދިފައި. އަދި ރައްޔިތުން މަގާމުދީފައި ތިބި މީހުން އުޅޭ ނޫޅޭ ގޮތް ބެލޭނެ ނިޒާމެއްވެސްވަނީ އުފެދިފައި. އާދެ! ނަމަވެސް އިޚްލާޞްތެރިކަމާއެކީ ހެޔޮހިތުން ބުނާންޖެހެނީ މިރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމަށް ކުރަންހުރި މަސައްކަތްވެސް އަދިވެސް ވަރަށްގިނައޭ.

އާދެ! ތަފާތު މުއައްސަސާތައް އުފެދިފައި ހުރުމަކުން އެކަނި އަޅުގަނޑުމެންގެ ޑިމޮކްރަސީ ފުރިހަމަވީކަމަށް ބެލެވޭކަށް ނެތް. ޑިމޮކްރަސީގެ ފުރާނައަށް ދެމިއޮވެވޭނީ އިންސާފުވެރި މުޖުތަމައެއްގައި. އެންމެންގެ ހަމަހަމަކަމާއި އަސާސީ މިނިވަންކަން ޔަޤީންކޮށްދެވޭނެ އިންސާފުވެރި މުޖުތަމައެއްގައި. އިންސާފުވެރި މުޖުތަމަޢަކީ ރައްޔިތުންގެ ޙައްޤުތައް ހަމަހަމަކަމާއެކު ހޯދޭނެ ފުރުސަތު އޮންނަ މުޖުތަމަޢެއް. ވަކިބައެއްގެ ޙައްޤުތައް ޙިމާޔަތް ކޮށްދީ، އަނެއް ބައެއްގެ ޙައްޤުތަކަށް އިހްމާލުކުރާ މުޖުތަމަޢެއް ނޫން. ވަކި ބަޔަކަށް އިންސާފު ހޯދައިދީ، އަނެއް ބަޔަކަށް ބޭއިންސާފުވާ މުޖުތަމަޢެއްވެސް ނޫން. ހިތާމައަކީ މިއަދު ދިވެހިރާއްޖޭގައި އިންސާފު ނުލިބޭ ކަމަށް ދެކޭ މީހުންގެ ގިނަކަން. ތިމާގެ ޙައްޤެއް ނުލިބިފައިވާ ކަމަށް ދެކޭ މީހުން ގިނަކަން.

އާދެ! އޭގެ ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ ފުރަތަމަ މުޖުތަމަޢުގައި ހުރި ނޭދެވޭ ބައެއް އާދަކާދަތައް. އޭގެ ތެރޭގައި ދޮގު ހެދުމާއި، މަކަރުވެރިވުމާއި، ހީލަތްތެރިކަން ހިމެނޭ. އޭގެ ތެރޭގައި ވަޢުދަށް ޚިޔާނާތްތެރިވުމާއި، ތިމާގެ ބަހުގެ އަގެއް ނެތުން ހިމެނޭ. ރައްޓެހިކަމާއި ރަޙްމަތްތެރިކަމާއި ތިމާގެ ކަމަށްވުރެ އަމިއްލަ އެދުން ބޮޑުވުން ހިމެނޭ. އަދި ހަމައެހެން، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިމެނޭ ބާވަތް ބާވަތުގެ އިޖްތިމާޢީ އިމްތިޔާޒުތައް ހިމެނޭ. ކޮންކަހަލަ އިމްތިޔާޒު ތަކެއްތޯ؟ މުއްސަނދިންނާއި ފަޤީރުންނާ ދޭތެރޭގައި ހުންނަ ތަފާތު ކުރުން، އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭގައި ކުރާ ތަފާތުކުރުން. މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނާ ކުރާ ތަފާތު. އަދި ވަކިކަހަލަ ޢަޤީދާތަކެއް ގެންގުޅޭ މީހުންނާ އެނޫން މީހުންނާ ދޭތެރޭގައި ކުރާ ތަފާތު. އާދެ! ޑިމޮކްރެޓިކް އިންސާފުވެރި މުޖުތަމަޢަކީ ތަފާތުތަކަށް އިޙްތިރާމް ކުރާ، ތަފާތަކީ މުޖުތަމަޢުގެ މުއްސަނދިކަމެއް ކަމެއް ކަމަށް ދެކޭ ބައެއް. އެއް ކުލައެއްގެ އެއް ހެދުމެއް އަޅާ އެއްވިސްނުމެއްގތައި ތިބޭ ބަޔަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައި އޮތީ ބައެއް ކޮމިއުނިސްޓް ޤައުމުތައް. އާދެ! ކޮމިއުނިސްޓް ޗައިނާ، ކިއުބާ، ވިއެޓްނާމް ފަދަ ތަންތަން.

މިދެންނެވި ނޭދެވޭ އާދަކާދަތަކުގެ އަސަރު މިއަދު މިވަނީ ރާއްޖޭގެ އިޤްތިޞާދަށާއި ސިޔާސަތަށް ކޮށްފައި. ރާއްޖޭގެ ސަޤާފަތަށާއި، މުޖުތަމަޢަށް ކޮށްފައި. އެންމެބޮޑު ހިތާމައަކީ އަޅުގަނޑުމެންނަށް ނަމޫނާ ދައްކަން ތިބޭ މީހުންގެ ޢަމަލުތައްވެސް މިގޮތަށް ފެންނަމުންދާކަން. އާދެ! މިދެންނެވި ޙާލަތުގައި އިންސާފުވެރި މުޖުތަމަޢެއް ޤާއިމު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އަދި ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމުގައި ޢަދުލު އިންސާފު ޤާއިމުކުރާ މުއައްސަސާތަކުގެ ޒިންމާ ވަކިން ބޮޑުވެގެންދޭ. އަދި ޚާއްޞަކޮށް ރައްޔިތުންނަށް އެމީހުންގެ ޙައްޤުތަކަކީ ކޮބައިކަން އެނގި، އެ ޙައްޤުތައް ހޯދޭނެގޮތް އެބަ އެނގެންޖެހޭ. އަޅުގަނޑުގެ ސުވާލަކީ ރައްޔިތުންގެ ގިނަ ބަޔަކަށް އެމީހުންގެ ޙައްޤުތައް ރަނގަޅަށް އެނގޭތޯ؟ އަދި އެނގުނިއްޔާ އެ ޙައްޤުތައް ހޯދަން އެނގޭތޯ؟ އެކަމަށް ބޭނުންވާ އެހީތެރިކަން ރައްޔިތުންނަށް ފަސޭހައިން ލިބެން އެބަހުރިތޯ.

އާދެ! އަޅުގަނޑުމެންނަށް އެނގޭ، ނިކަމެތި ފަޤީރުންނަށް އިންސާފު ހޯދުމަށްޓަކައި ލިބެންޖެހޭ އެހީތެރިކަން އަދިވެސް އެކަށީގެންވާ ގޮތެއްގައި ނުލިބޭކަން. މިސާލަކަށް ދަންނަވަނީނަމަ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނާއަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ހޯދާކަށް މާފަސޭހައެއް ނޫން. އެހެންނަމަވެސް، އެތަކެތި ވިއްކާ މުއްސަނދި މަހުޖަނުންނަށް ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ވަކީލުންގެ އެހީ ހޯދާކަށް އެއްވެސް އުނދަގުލެއް ނޫން.

އާދެ! ކުރިން ދެންނެވި ސުވާލުތަކުގެ ޖަވާބު އަޅުގަނޑުމެންގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކަށް ސާފުކޮށް އެނގޭ. އަޅުގަނޑުމެންގެ ޢަދުލު އިންސާފުގެ ނިޒާމުގެ ފޭރާން ވަޒަން ކުރާނީ، ރައްޔިތުންގެ އެ ނިޒާމަށް ކުރާ އިތުބާރަކުން. ރައްޔިތުންނަށް އިންސާފު ހޯދުމަށްޓަކައި ލިބޭ އެހީތެރިކަމެއްގެ ބޮޑު ކުޑަމިނަކުން. މިއަދު މިފެށޭ ކެމްޕޭނަކީ މިދެންނެވި ސުވާލުތަކުގެ ޖަވާބު ހޯދުމަށް، ރައްޔިތުންގެ ޙައްޤުތައް ކުރެވޭ ވަރަށްބޮޑު މަސައްކަތެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އާދެ! އެކަމަށްޓަކައި މިކެމްޕޭނު ރޭއްވެވުމުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އަދި އެކަމުގައި އެހީތެރިވެވަޑައިގެން ދެއްވާ ކަމަށްޓަކައި އ.ދ.އަށް ޚާއްޞަކޮށް ޔޫ.އެން.ޑީ.ޕީ.އަށް އަޅުގަނޑު އިޙްތިރާމާއެކީ ޝުކުރު ދަންނަވަން. އަދި މިކެމްޕޭނުގައި މިއަދު މަސައްކަތް ފަށްޓަވާ އެތަކެއް ބައިވަރު، ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ވޮލަންޓިއަރުންނަށް އަޅުގަނޑު ހިތްވަރުދީ ސާބަސް ދަންނަވަން.

އަޅުގަނޑު، ރައްޔިތުންގެ ފަރާތުން މިއަދު އެދެނީ މިކެމްޕޭނު ފެށުމާ އެކުގައި ގޭގެއަށް އާދެ! އެއްގެއިން އަނެއް ގެއަށް ނުވަތަ މިހާރުގެ ބަހުރުވައިންނަމަ ދޮރުން ދޮރަށް ޒިޔާރަތް ކުރައްވައި އެކިއެކި ބޭފުޅުންނަށް އޯގާތެރިކަމާއެކީގައި އެބޭފުޅުންނާ ވާހަކަފުޅު ދައްކަވައި އެބޭފުޅުން ދައްކަވަން ހުރި ވާހަކަ އަޑު އެއްސެވުމަށް. އާދެ! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޑިމޮކްރަސީ ވަރުގަދަވެ އަޅުގަނޑުމެންގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމުވެ، ވަރުގަދަވެގެންދާނެ. އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖެއަށް އިންސާފުވެރި މުޖުތަމަޢެއް މިންވަރު ކުރެއްވުން.

والسّــلام عليــكم ورحمـةلله وبركا تـه.

______________________