بســم اللّـه الرّحمـن الرّحيــم

اللـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި އެކަލާނގެ ފޮނުއްވި ރަސޫލާ مُحَمَّـد صـلّى اللّـه علـيـه وسـلّم އަށް، އަދި އެކަލޭގެފާނުންގެ އާލުންނާއި އަޞްހާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާ ކުރަން.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމް ދީދީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، އިންޑިޔާގެ ހައިކޮމިޝަނަރ، ދައުލަތުގެ ވަޒީރުން، އެފް.އޭ.އޯ.ގެ އެސިސްޓެންޓް ރެޕްރެޒެންޓޭޓިވް އަދި އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުން.

السّـلام عليـكم ورحـمــة اللّـه وبركاته

އާދެ! ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދަނޑުވެރިންނަށް ތަހުނިޔާ ދަންނަވަން. މި މުނާސަބާ މިހާ ފުރިހަމަކޮށް ފާހަގަކުރެއްވުމަށް ހުޅުދޫމީދޫ ރައްޔިތުންނާއި ވެރިން ކުރައްވާފައިވާ ބުރަ މަސައްކަތާ ބެހެއްޓެވި ޝައުޤުވެރިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އަދި އެފަރާތްތަކަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

ދަނޑުވެރިކަމަކީ ރާއްޖޭގެ ރައްޔިތުން އަބަދުވެސް ކޮންމެވެސް ސިފައެއްގައި ކުރަމުން އަންނަ މަސައްކަތެއް. ނަމަވެސް ދާދިފަހަކާ ޖެހެންދެން ޒަމާނާ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޤައުމަށް މާ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަކަށް އަޅުގަނޑު ނުދެކެން. މިހެން ދެންނެވި ނަމަވެސް، ފަހަކަށް އައިސް އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަންކޮށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނެރެމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އަދި އޭގެ ސަބަބުން ރާއްޖޭގައި މީގެކުރިން ނުހައްދާ ކިތަންމެ ބާވަތެއްގެ މޭވާއާއި ތަރުކާރީ މިހާރު ހައްދައި، މާރުކޭޓަށް ނެރެމުންދާކަމީ ދަނޑުވެރިކަމަށް ލިބެމުން އަންނަ ފުރިހަމަ ކުރިއެރުމެއް.

ދާދި ދެންމެއަކު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން ރާއްޖޭގެ ދަނޑުވެރިންގެ ހިންމަތާއި މިންނަތުން އުފައްދާ ބާވަތްތައް އިތުރުވެ، އިމްޕޯޓުކުރާ ބައެއް ބާވަތް މަދުކުރެވޭކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަކީވެސް ކާބޯތަކެތީގެ ސަލާމަތްކަން ލިބިފައިވާ ޤައުމަކަށް ހެދޭތޯ މަސައްކަތްކުރުން ވަރަށް މުހިންމު. ދުނިޔޭގެ ކާބޯތަކެތީގެ މާރުކޭޓަށް ސަތޭކަ އިންސައްތައަށް ބަރޯސާވެގެން ތިބުމަކީ ރައްކާތެރި ގޮތެއްނޫން. މިއަދު އަޅުގަނޑުމެން އެތެރެކުރާ ކާބޯތަކެތި، އާބާދީގެ ނިސްބަތުން ވަރަށް ބޮޑު. މިސާލަކަށް ދަންނަވަނީނަމަ، މިވޭތުވެދިޔަ އަހަރު، ބޮލަކަށް 91 ކިލޯގެ މަގުން 27 މިލިއަން ކިލޯގެ ހަނޑޫ އެތެރެކުރެވިފައިވޭ. އަދި ބޮލަކަށް 35 ކިލޯގެ މަގުން 10 މިލިއަން ކިލޯގްރާމްގެ ހަކުރު އެތެރެކުރެވިފައިވޭ. މިތަކެތި އުފައްދާ ޤައުމުތަކުގައި ދިމާވާ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ދުނިޔޭގެ މާރުކޭޓަށް ކުއްލި ބަދަލުތަކެއް އައިސް، އަގަށް ބޮޑު ބަދަލެއް އައުމަކީ، ވެދާނެކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ. އާދެ! މިސާލަކަށް ދަންނަވަނީނަމަ ދާދިފަހުން ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެތާނގެ ގިނައަދަދެއްގެ ދަނޑުތައްވަނީ ހަލާކުވެފައި. އަދި އޭގެ އަސަރު ދެކުނު އޭޝިއާގެ ކާޑުގެ މާކެޓަށްކުރާނެކަން ޔަޤީން.

ވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހެއްދޭ ބާވަތްތައް ހެއްދެން ހުރި އެންމެ ގިނަ ޢަދަދަކަށް ހެއްދުމަކީ މުހިންމުކަމެއް. ރާއްޖޭގައި އުފައްދަން އުނދަގޫ ބާވަތްތައް ހައްދަން އުޅުމުގެ ބަދަލުގައި ފަސޭހައިން ހެދޭ ބާވަތްތައް ހެއްދުމަކީ ބުއްދިވެރިކަމެއްކަމުގައި ދެކެން. އަދި ހަމައެހެން، ފަސޭހައިން ހެއްދޭ އާ ބާވަތްތައް ތަޢާރަފްކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

އާދެ! މިއަދު އަޅުގަނޑު މިރަށަށް އައިސް މިވީ ކުޑަހިނދުކޮޅެއްގެ ތެރޭގައި ހުޅުމީދޫއިން ފެނިގެން މި ދިޔައީ ވަރަށް އުފާވެރި ކަންތައްތަކެއް. އަޅުގަނޑު ފާހަގަކުރި ފަސްކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާހިތްވޭ. ފުރަތަމަ ކަމަކީ، ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާ ތަޢާރަފްކުރެވިގެން ދަނޑުވެރިކަން އާލާވަމުން އަންނަ ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު. އާދެ! ދެވަނައަށް އަޅުގަނޑު ފާހަގަކުރި ކަމަކީ، ދަނޑުތައް ހަލާކުކުރާ ވާލާއި ކާޅުފަދަ އަދި ގަހުގައި އަޅާ ބަލިތަކުން ރައްކާތެރިކަން ހޯދުމުގެ ގޮތުން އާ ޓެކްނޮލޮޖީ ބޭނުންކުރާތަން ފެނުނު. ތިންވަނަ ކަމަކަށް އަޅުގަނޑު ފާހަގަކުރީ، ދަނޑުވެރިންގެ މެދުގައި ކޯޕަރޭޓިވެއް އުފެދި ގިނަ ދަނޑުވެރިން އެއްބާރުލައިގެން ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން. މިއީ، އަޅުގަނޑު ދެކޭގޮތުގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ތާރީޚުގައި ހަމަގިނަ ޤައުމުތަކުގައި އައިސްފައިވާ މަރުޙަލާއެއް. ވީމާ، ގިނަ ބަޔަކު އެކުވެގެން އެކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި، އަދި އެއުފައްދާ ތަކެތި މާރުކޭޓަށް ނެރުމަށްޓަކައި ކޯޕަރޭޓިވެއް އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޭނުންތެރި ކަމެއް. އަދި ހަތަރުވަނައަށް އަޅުގަނޑު ފާހަގަކުރި ކަމަކީ، މިރަށުގެ އަމިއްލަ ޖަމާޢަތަކުން އ.ދ.އާ ގުޅިގެން އާ ޒިރާޢީ މަޝްރޫޢެއް ފެށުން. ދެން އަޅުގަނޑު މި ފާހަގަކުރި ފަސްވަނަ ކަމަކީ މި ކޯޕަރޭޓިވުން އުފައްދާ ތަކެތި ވިއްކުމަށްޓަކައި މިއަދު ފަތުރުވެރިކަންކުރާ ކުންފުންޏެއް ކަމަށްވާ ޝަންގްރިއްލާއާއެކުގައި ޖަމާޢަތުގެ ފަރާތުން އެއްބަސްވުމަކަށް އައިކަން. މިއީ، އަޅުގަނޑު ވަރަށް އުފާވާންޖެހުނު ކަންތައްތަކެއް. އަޅުގަނޑު އުންމީދު ކުރަން، މި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ ދަނޑުވެރިންނަށް ހުރި ވަރަށް ރަނގަޅު މިސާލަކަށް ވާނެކަމަށް. މި ނަމޫނާ މަސައްކަތަށްޓަކައި މީދޫ އަދި ހުޅުދޫގެ ދަނޑުވެރިންގެ ކޯޕަރޭޓިވްގެ އިސްބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

އާދެ! ޢިއްޒަތްތެރި ލޮބުވެތި އަހުންނާއި އުޚްތުން. ކާބޯތަކެތި މި ބޭނުންވަނީ ހަމައެކަނި ބަނޑުހައި ހޫނުކަން ފިލުވުމަކަށް ނޫން. އޭގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިގަތުމަށްޓަކައި. ވީމާ، ކާބޯތަކެތި މީރުވުމުގެ އިތުރުން، އެތަކެތިން ހަށިގަނޑަށް ލިބޭ ފައިދާއާ ދޭތެރޭ ސަމާލުވުމަކީ މުހިންމު ކަމެއް. މިސާލަކަށް ދަންނަވަނީނަމަ، ހުދު ހަނޑުލަށްވުރެ ހަށިގަނޑަށް ފައިދާ ބޮޑީ ފަލަމަޑީގެ ބާވަތްތައް. އަދި ހުދު ފުށަށްވުރެ އާޓާފުށް ޞިއްޙަތަށް ރަނގަޅު. ނަމަވެސް، އަޅުގަނޑުމެންގެ ގިނަމީހުންނަކީ މިކަހަލަ ކަންތަކަށް މާބޮޑަށް ފަރުވާ ބަހައްޓާ ބައެއް ނޫން. އާދެ، ޚާއްޞަގޮތެއްގައި އަޅުގަޑުމެން ސަމާލުކަންދޭންޖެހޭ، ހެދިބޮޑުވަމުން އަންނަ ކުދިންނަށް ޞިއްޙީގޮތުން ރަނގަޅު ކާނާ ދިނުމަށް. ކުޑަކުއްޖަކަށް ބޭނުންވާ މައިކްރޯ ނިއުޓްރިއަންޓްސް ވަރަށް ޅަފަތުގައި ލިބެން އެބަޖެހޭ. އެ ނުލިބޭނަމަ ކުޑަދަރިފުޅުގެ ހަށިގަނޑާއި ސިކުނޑި އުފެދި ބޮޑުވުމުގައި އުނި ކަންތައްތަކެއް ފެނުމަކީ އެކަށީގެންވާކަމެއް.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މާބަނޑުމީހާއަށާއި ކުޑަކުދިންނަށް ތަރުކާރީއާއި މޭވާއިން ލިބިދޭންޖެހޭ މާއްދާތައް ނުލިބޭނަމަ ޞިއްޙަތަށް އުނިކަމެއް ލިބުން އެކަށީގެންވޭ. މިސާލަކަށް ދަންނަވަނީނަމަ އަންހެނަކު ބަލިވެއިނުމަށްފަހު ފުރަތަމަ މަހެއްހާ ދުވަހުގެ ތެރޭގައި ދަރިފުޅުގެ ސިކުނޑި އުފެދެންފަށާ. އަދި އެތުއްތު ސިކުނޑިއަށް ފުރިހަމައަށް ބޮޑުވުމަށްޓަކައި ފޯލިކް އެސިޑްފަދަ މައިގަނޑުތައް ބޭނުންވޭ. އެނގިވަޑައިގަންނަވާނެ ފަދައިން، އެއްމަސްދުވަހުގެ ތެރޭގައި ބަލިވެއިންކަން އަންހެނަކަށް އަދި ނޭނގިވެސް ހުރެދާނެ. މިއީ ތަރުކާރީއާއި މޭވާގެ ބާވަތްތަކުން ލިބޭ މާއްދާއެއް. ވީމާ، ދަރިމައިވުމުގެ ކުރިންވެސް ތާޒާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ މުހިންމުކަމެއް.

އަޅުގަޑުމެންގެ ރާއްޖޭގައި ކުޑަކުދިންނަށް ދޭންވާ ކާނާއިގެ ބާވަތްތައް ފުރިހަމަ ނުކުރެވުމުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރޭ. ޞިއްޙީގޮތުން ސާސްކަފްގެ ގިނަ ލަނޑުދަނޑިތައް ޙާޞިލުކުރެވުނު ކަމުގައިވީނަމަވެސް، ކުޑަކުދިންގެ ހެދިބޮޑުވުމަށް އެކަށީގެންވާ ފައިދާހުރި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އަދިވެސް މިދަނީ ގެއްލުން ލިބެމުން. މިކަމުގެ އިންޒާރު ފުރަތަމަ އަޅުގަނޑުމެންނަށް ލިބުނީ 1997 ވަނަ އަހަރު، އެއަހަރު ހެދި ވަލްނަރަބިލިޓީ އެންޑް ޕަވަރޓީ އެސެސްމަންޓް ސާރވެއިން ދެއްކިގޮތުގައި ރާއްޖޭގައި 5 އަހަރުން ދަށުގެ ކުޑަކުދިންގެ 45 އިންސައްތައަކީ އުމުރުގެ ނިސްބަތުން އެކަށީގެންވާ ބަރުކަމެއްނެތް ކުދިން. އޭރު އެއީ، އެފްރިކާގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި އެއްވަރުގެ ނިސްބަތެއް. އެންމެފަހުގެ ތަފާސްހިސާބު ދައްކާގޮތުންވެސް 17 އިންސައްތަ ކުދިންނަކީ އެކަށީގެންވާ ބަރުކަމެއް ނުލިބޭ ކުދިން. ހަމަ އެފަދައިން އެކަށީގެންވާ އިސްކޮޅެއްނުލިބޭ ކުދިންވެސް ރާއްޖޭގައި މަދެއްނޫން. ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ، ކުދިންގެ އުމުރާގުޅޭ އިސްކޮޅެއް ނުލިބޭކުދިން. މިއީ، ދިގު މުއްދަތަކަށް އެކަށީގެންވާ ރަނގަޅު ކާނާ ނުލިބުމުގެ ނަތީޖާއެއް.

ރާއްޖެއަށް މިއަދު ލިބިފައިވާ ކުރިއެރުމާ އަޅާބަލާއިރު މިކަންކަމަކީ، އަޅުގަނޑުމެން ގަބޫލުކޮށްގެން ފުދިފައި ތިބެންވާނެ ކަމެއްނޫން. ރާއްޖޭގެ އާޖީލުތަކަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ބޮޑުވާ އުސް އިސްކޮޅަކާއި ފުން ސިކުނޑިތަކެއް ލިބިފައިވާ ބައެއްކަމަށް ހެދުމަށްޓަކައި ކައިބޮއިއުޅުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ.

އާދެ! ފުރަތަމަ ކަމަކީ، ޞިއްހަތަށް ރަނގަޅު ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައިން އުފައްދައި ލާހިކު އަގެއްގައި އެންމެންނަށް ލިބޭނެގޮތެއް ތަނަވަސްވުން. ދެވަނަ ކަމަކީ، ޢާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށް ކާބޯތަކެތީގެ ފޭރާމަށް ވިސްނައިގެން ހަށިގަނޑަށް ރަނގަޅު ކާނާ، ޢާއިލާގެ އެންމެންނަށް، ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ލިބިދިނުން.

އާދެ! އެހެނިހެން ކަންކަމެކޭ އެއްފަދައިން ދަނޑުވެރިކަމަކީވެސް މިއަދު އާ ޓެކްނޮލޮޖީގެ ކުރިއެރުންތައް ލިބިފައިވާ ދާއިރާއެއް. އެގޮތުން ރާއްޖޭގައިވެސް ހައިޑްރޮފޯނިކްސްފަދަ އާގޮތްގޮތަށް މިހާރުވަނީ ބޭނުންކުރަން ފަށާފައި. އަދި ހަމައެހެން ދެމިހުންނަނިވި ދަނޑުވެރިކަމެއް ކުރުމަށްޓަކައި ބިންގަނޑު ތަޣައްޔަރުވިޔަނުދީ، ބާރުގަދަ ކެމިކަލްތައް ބޭނުންނުކޮށް ވީހާވެސް ބޮޑަކަށް އޯގެނިކް ދަނޑުވެރިކަމެއް ކުރަން ދަސްކުރުމަކީވެސް މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، ދަނޑުވެރިކަމާ ދޭތެރޭ ފުންކޮށް ވިސްނުމާއެކު ކުރިއަށްއޮތްތާނގައި މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުން. އަދި ހަމައެހެންމެ، ދަނޑުވެރިން ޤައުމަށާއި މުޖުތަމަޢަށް ކުރާ އަގުހުރި ޚިދުމަތް ވަޒަންކޮށް، ދަނޑުވެރިންނާއި ދަނޑުވެރިންގެ ޢާއިލާތަކުގެ ހާލަތު ދެނެގަނެ އަދި އެކުރައްވާ މަސައްކަތްތައް ދެނެގަނެ އެކަމަށްޓަކައި ޝުކުރުވެރިވުން. ހަމައެފަދައިން، އަޅުގަނޑު މިމަގާމުގައި ހުރެ މިހާރު އަޅުގަނޑަށް މިފެނުނު މަންޒަރާ ދޭތެރޭގައި ވިސްނުމަށްފަހުގައި އަޅުގަނޑަށް އެނގޭ، ސަރުކާރުގެ ފަރާތުން ޚާއްޞަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން. އެހެންވީމާ، އަޅުގަނޑުމެންނަށް މިފެންނަ އުންމީދީ މަންޒަރުތަކަށްޓަކައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމް ދީދީއަށާއި އަދި މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް، އިސްވެރިންނަށް އަޅުގަނޑު މުބާރަކްބާދީއާއި ޝުކުރު ދަންނަވަން. އަދިވެސް އެއްފަހަރު މިފަދަ ފުރިހަމަ ޖަލްސާއެއް ރާއްވަވައި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކިއެކި ކަންތައް އިންތިޒާމުކޮށްދެއްވީތީ މީދޫއާއި ހުޅުދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، ރާއްޖޭގެ ދަނޑުވެރިކަމަށް އަދަށްވުރެ ފާގަތިމާދަމާއެއް. اللـه سبحانه وتعالى މި ދިވެހިރާއްޖޭގެ ބިންތަކުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރަން.

والســّلام عليــكم ورحـمــة اللّـه وبركاته