بســم اللّـه الرّحمـن الرّحيــم


الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى محـمّد وعلى آلـه وصحـبه أجمعـين.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލްފާޟިލް މުޙަންމަދު އަސްވާން. އަދި ކަސްޓަމްސްގެ ކުރީގެ ވެރިއެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރައްވާފައިވާ އަލްފާޟިލް އިބްރާހީމް ރަޝާދު. ކަސްޓަމްސްގެ އެކިއެކި ވެރިން. އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! އަނެއްކާވެސް މިރޭ އަޅުގަނޑަށް ތިޔަބޭފުޅުން މިޝަރަފް ދެއްވީތީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވަން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދިޔަ އަހަރުވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ އަހަރީ ޙަފްލާ ޝަރަފްވެރި ކޮށްދިނުމުގެ ވަރަށްވެސް ޚާއްޞަ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، އަނެއްކާ މިރޭވެސް އެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އެކިއެކި ރޮނގު ރޮނގުން ޚިދްމަތް ކޮށްދެއްވި މުވައްޒަފުންގެ ތެރެއިން، ވަނަވަނައަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއި އަދި ހަމައެހެން ދިގު މުއްދަތަކަށް ޚިދްމަތް ކުރެއްވުމުގެ ސަބަބުން، ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންނާއި، އަދި އެކި މުބާރާތްތަކުން ރީތި ނަމާއި ޝަރަފް ކަސްޓަމްސްއަށް ހޯއްދަވައިދެއްވި ބޭފުޅުންނާއި، މިހުރިހާ ބޭފުޅުންނަށް މިއުފާވެރި މުނާސަބަތުގައި ވަރަށްވެސް އިޚްލާޞްތެރިކަމާ އެކީގައި ތަހުނިޔާއާއި މުބާރަކްބާދު ރައްދު ކުރުން.

އާދެ! މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ޤައުމަށް ތަފާތު ރޮނގު ރޮނގުން ވަރަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފަރާތެއް. އެގޮތުން، ހަމައެކަނި ކަސްޓަމްސްގެ ވާޖިބަކީ، އެކްސްޕޯޓް އިމްޕޯޓްގެ ކަންތައްތައް ބެލެހެއްޓުމެއް ނޫން. މުޅި ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ވަރަށްވެސް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަސްޓަމްސްއަކީ. މީގެއިތުރުން، ޤައުމުގެ ސަލާމަތް ދެމެހެއްޓުމަށްޓަކައި ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްވެސް ކުރަމުން ގެންދާ ފަރާތެއް ކަސްޓަމްސްއަކީ.

އާދެ! 120 އަހަރަކީ ވަރަށް ދިގު މުއްދަތެއް. އެހެންވީމާ، މި ދިގު މުއްދަތުގައި ދިވެހި ޤައުމަށް ޚިދްމަތް ކުރުމުގައި، ކަސްޓަމްސްގެ ބޭފުޅުން ދެމިތިއްބަވައި، އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކޮށްދެއްވަމުން ގެންދެވި ކަމަށްޓަކައި ދިވެހި ދައުލަތުގެ ނަމުގައި އަޅުގަނޑު މިރޭ ކަސްޓަމްސްގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިރޭ ކަސްޓަމްސް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް މުބާރަކްބާދު ދަންނަވަން. އެއީ ކުރިއަށް އޮތް ތިންއަހަރަށް ޚާއްޞަ ކުރައްވައިގެން، ސްޓްރެޓީޖިކް ޕްލޭނެއް ތައްޔާރު ކުރައްވައި، މިރޭ އެ ޕްލޭން އިޢްލާނު ކުރެއްވީތީ. މީގެ ނަތީޖާ ލަހެއްނުވެ ފެނިގެންދާނެ. އޭގެ ސަބަބުން، ޚާއްޞަކޮށް، ކަސްޓަމްސްގެ ޚިދްމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ޔަޤީން ކުރެވޭ. އާދެ! މިރޭ ތިޔަ އިވިވަޑައިގެންނެވި ރިޕޯޓުން އަޅުގަނޑުމެންނަށް އެނގިއްޖެ، ކަސްޓަމްސްގެ ޚިދްމަތްތައް ރަނގަޅު ކުރެއްވުމަށްޓަކައި، މި ޕްލޭން ތައްޔާރު ކުރުމުގެ އިތުރުން އަދި ކިތަންމެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އޭގެތެރެއިން އެއްކަމަކީ، ކަސްޓަމްސްގެ މުވައްޒަފުންނަށް އެކި ރޮނގު ރޮނގުން ޓްރޭނިންގ ދެއްވައި، އެބޭފުޅުންގެ ކެޕޭސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދެވުން. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި، ހަތްސަތޭކައެއްހާ ޓްރޭނިންގ ފުރްޞަތު ދެއްވިކަން އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން. އެއިން ދައްކުވައިދެނީ، ކަސްޓަމްސް ހިންގެވުމުގައި މިހާރު ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން، ކަސްޓަމްސްގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދެއްވާ ސަމާލު. އާދެ! އަދި މީގެއިތުރުންވެސް އަޅުގަނޑަށް އެނގޭ ކިތަންމެ ކަންތައްތަކެއް އެބަ ކުރައްވަމުން ގެންދަވާކަން. އެގޮތުން، ޓެކްނޯލޮޖީގެ ރޮނގުންނާއި އަދި ތަނުގެ އޯގަނައިޒޭޝަން ރަނގަޅު ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. ވީމާ، އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ، މިކުރައްވާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ގޮތެއްގައި ރައްޔިތުންނަށް ފެނިގެންދާނެކަން.

އާދެ! މިހާރު ރާއްޖޭގެ ވަރަށްގިނަ ދިމަދިމާލުގައި، ވަރަށްގިނަ ތަންތަނުގައި މިހާރު ކަސްޓަމްސްގެ ސަރވިސް ދެމުން އެބަގެންދޭ. އަދި ދާދިފަހުން ކެބިނެޓުން ނިންމެވި ނިންމެވުމަކާ ގުޅިގެން، ބޭރުން ރާއްޖެ އަންނަ ބޯޓްފަހަރު، މާލޭގެ އިތުރުން އަދި އެހެން ދިމަދިމާލަށްވެސް ގޮސް، ޚާއްޞަކޮށް، އުތުރާއި ދެކުނުގެ އިންޓަރނޭޝަނަލް ބަނދަރުތައް ޤާއިމްކުރެވި، އެތަންތަނަށް މުދާ ސީދާ ބޭލޭނެ އިންތިޒާމް މިހާރުވަނީ ހަމަޖައްސަވާފައި. އޭގެ ސަބަބުން، އަތޮޅުތެރެއަށް، ޚާއްޞަކޮށް، މިދެންނެވި ބަނދަރުތައް ހުރި ދިމަދިމާލުގައި، އިޤްތިޞާދީ ގޮތުން އިތުރު ހަލުވިކަމެއް، އިތުރު ދިރުމެއް ލިބިގެންދާނެ ކަމުގެ އުންމީދު އަޅުގަނޑުމެން ކުރަން. އާދެ! މިއެދެވޭ ރަނގަޅު ބަދަލުތައް ކަސްޓަމްސްއަށް އަންނަކަން އެއީ އަޅުގަނޑުމެން އުފަލާއެކީގައި ފާހަގަކުރާ ކަންތައްތައް. ހަމައެޔާއެކީގައި، އަޅުގަނޑުމެން އެބަ ފާހަގަކުރަންޖެހޭ، ކުރިއަށް އަދި ކުރަންހުރި ކަންތައްތައްވެސް. ރަނގަޅު ކުރަންޖެހޭ ކަންތައްތައްވެސް.

އާދެ! ދެންމެ އެވިދާޅުވިފަދައިން، މިނިސްޓަރ ސްޓޭޓް އެވިދާޅުވި ފަދައިން، ރާއްޖެ އެތެރެވާ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި މިހާރުވަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރެވިފައި. އަޅުގަނޑަށް ސީދާ މަޢްލޫމާތު ލިބޭ ހިސާބުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކަސްޓަމްސްގެ އިސް ރޯލެއް ކުޅުއްވައިގެން، ކަސްޓަމްސްގެ ލީޑަރޝިޕްގެ ދަށުން އެހެން ލޯ އިންފޯސްމަންޓް އޭޖެންސީތައް މަސައްކަތްކޮށް، ރާއްޖެ އެތެރެވާ މަސްތުވާތަކެތީގެ ޢަދަދު ދަނީ ބައެއް ބާވަތްތައް މަދުކުރެވެމުން. އެ މަދުވާ ބާވަތްތަކަކީ އަދި ޚާއްޞަ ގޮތެއްގައި އެންމެ ނުރައްކާތެރި ހެރޮއިންގެ ބާވަތް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވޭ. މިއީ އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭ ކަމެއް.

ނަމަވެސް، ހަމައެއާއެކީގައި އެހެން އިތުރު ގޮންޖެހުންތަކާ، ޗެލެންޖްތަކާ އެބަ ކުރިމަތިވޭ. ބައެއް ބާވަތުގެ މަސްތުވާތަކެތި އެތެރެކުރުން މަދުވަމުންދާއިރުގައި، އަނެއް ބާވަތް ބާވަތުގެ ތަކެތި އިތުރުވަމުންވެސް އެބަދޭ. އެގޮތުން، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ބައެއް އޯވަރ ދަ ކައުންޓަރ ޑްރަގްސް، އެއީ ބޭސްފަރުވާއަށްޓަކައި އެތެރެކުރެވޭ ޑްރަގްސްގެ ތެރެއިން ގެނެވޭ ބައެއް ބޭސްތައް އެބަ މަސްތުވާތަކެތީގެ ގޮތުގައި އެބަ ބޭނުންކުރެވޭ. މިއީ އަޅުގަނޑުމެން އިތުރަށް ސަމާލުކަންދޭންޖެހޭ ކަމެއް. މިކަމަށްޓަކައި އަދި އިތުރަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، އަޅުގަނޑުމެންގެ ހޭލުންތެރިކަން، އެކަމުގައި އެބަ އިތުރުކުރަންވެސްޖެހޭ.

އާދެ! ކަސްޓަމްސްގެ ދާއިރާއަކީ، މީގެއިތުރުންވެސް ކިތަންމެ ކަންތައްތަކެއް އަދިވެސް އިތުރަށް ރަނގަޅު ކުރެވިދާނެ ދާއިރާއެއް. އަޅުގަނޑުގެ ހިތަށްވަދޭ، މިހާރު ހެދިފައި ހުރި ގަވާއިދުތަކާއި ޤާނޫނުތަކުގެ ދަށުންވެސް ބައެއް ކަންތައްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވިދާނެބާވައޭ. މިސާލެއްގެ ގޮތަށް ދަންނަވަނީނަމަ، މާލެއަކީ ވަރަށް ކުޑަކުޑަ ތަނެއް. މާލެއަށް އިތުރުވާ އިންޖީނުލީ ދުއްވާ ތަކެތި އެތެރެވަމުންދާ ބާރުމިނުގައި، މިހާރު މިވަނީ މާލޭގެ މަގުތަކުގައި ހިނގާބިގާވެ އުޅުން ދަތިވެފައި. ޤާނޫނާއި ގަވާއިދުގެ ތެރެއިން ހުންނަ އެކިއެކި ލޫޕްހޯލްސް ބޭނުންކޮށްގެން، ކާރު، ލޮރީފަދަ ތަކެއްޗަށް، ދުއްވާ އެއްޗިއްސަށް ދައްކަންޖެހޭ ޑިއުޓީ، އެ ދައްކަންޖެހޭ މިނުގައި ނުދައްކައި، އެއަށްވުރެ ކުޑަގޮތުގައި އެކަން ކުރެވިގެން، ރަށުގެ ތެރެއަށް އެބައި އިތުރުވެގެންދާކަން އެއީ އަޅުގަނޑަށް ހީވަނީ ހަމައެކަނި އަޅުގަނޑަށް އެކަމާ ދޭތެރޭގައި ޝައްކު އުފެދޭ ކަމެއް ނޫންހެން. އެކަމުގެ ވާހަކައަކީ، ދެކެވެމުން އަންނަ ވާހަކައެއް. މިހެންހުރި ކަންކަން އަޅުގަނޑުމެން އެބަޖެހޭ ވަރުގަދަ ކުރަން. ދެން މިއީ ހަމައެކަނި މިސާލެއްގެ ގޮތުން އަޅުގަނޑު ދެންނެވި ވާހަކައެއް. އަދި އެހެން މިނޫން ދާއިރާތައްވެސް ހުރެދާނެ.ކޮންމެއަކަސް އަޅުގަނޑަށް ޔަޤީންކުރެވޭ، ހަމަ އަހަރަކުން އަހަރަކަށް އަޅުގަނޑުމެންނަށް މިފެންނަ ތާނގައި، ކަސްޓަމްސްގެ ސަރވިސް މިދަނީ ރަނގަޅުވަމުން. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެހެންވީމާ، އެ ރަނގަޅު ކުރައްވަމުން ގެންދަވާ ރަނގަޅު ކުރެއްވުމުގެ ތެރޭގައި، މިހެންހުރި ކަންތައްތައްވެސް ރަނގަޅު ކުރައްވަމުން ގެންދެވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! އަޅުގަނޑު މިރޭ ޚާއްޞަ ގޮތެއްގައި ފާހަގަކުރަން، ކަސްޓަމްސްއިން ލީޑަރޝިޕް ނަންގަވައިގެން، ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި، ޚާއްޞަކޮށް، މަސްތުވާތަކެތީގެ ދާއިރާގައި އެލީޑަރޝިޕް ނަންގަވައިގެން، އެހެން ލޯ އެންފޯސްމަންޓް އޭޖެންސީތަކާ އެކީގައި ތިކުރަމުން ގެންދަވާ މަސައްކަތް. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އަޅުގަނޑުމެން މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގައި މިއޮންނަނީ، ކުދި މަސައްކަތު ގްރޫޕްތަކެއް އުފެދިފައި. އޭގެތެރެއިން ސަޕްލައިގެ ބައި، އެ އެތެރެވާ ބައި މަދުކުރުމަށްޓަކައި ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ ފަރާތުން އުފެދިފައި އޮންނަ ކޮމިޓީއެއް އެބައޮވޭ. އެ ކޮމިޓީއިން އިސްނަންގަވައިގެން މަސައްކަތް ކުރައްވަނީ، ކަސްޓަމްސްގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރ އޮފް ސްޓޭޓް މުޙަންމަދު އަސްވާނަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިހާރު ޓެކްނޯލޮޖީގެ ރޮނގުންވެސް އަޅުގަނޑަށް އެނގޭ، ރާއްޖެ އެތެރެވާ ކޮންޓެއިނަރފަދަ ސްކޭން ކުރެވޭނޭ ކެޕޭސިޓީ އުފެއްދެވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން. ވަރަށް އެޑްވާންސް ސްޓޭޖެއްގައި އެކަންވެސް އޮތްކަން އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމާ، އެއީވެސް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މަސްތުވާތަކެތި ފަދަ ރާއްޖެ އެތެރެވާ ކޮންޓްރަބޭންޑް ހިފެހެއްޓެވުމަށްޓަކައި އެޅޭ ވަރަށްބޮޑު ފިޔަވަޅަކަށް ވެގެންދާނެ.

ވީމާ، އަޅުގަނޑުގެ އުންމީދު ވަރަށް ރަނގަޅު. އަޅުގަނޑު އެދެނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތް، ދުވަހަކަށްވުރެ ދުވަހެއް އެފިޝަންޓްވެގެން، ރައްޔިތުންނަށް ތިޔަބޭފުޅުން ތިކުރައްވާ މަސައްކަތުގެ ފައިދާއާއި ލުއިފަސޭހަކަން އިތުރުވަމުން ދިޔުން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު، މިއުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

والسّــلام عليــكم ورحمـةلله وبركا تـه.