بســم اللّـه الرّحمـن الرّحيــم

الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى محـمّد وعلى آلـه وصحـبه أجمعـين.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ސީ.އެޗް.އެސް.އީ.ގެ ޕްރިންސިޕަލް އަލްފާޟިލާ ޢާއިޝަތު ޞަފޫރާ. މިނިސްޓްރީގެ އިސްވެރިން. ސްކޫލްގެ އިސްވެރިންނާއި މުދައްރިސުން. ލޮބުވެތި ދަރިވަރުންނާއި އަދި މައިންބަފައިން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިރޭ އަޅުގަނޑަށް މިފުރްޞަތު ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ސަބަބަކީ މީގެ 30 އަހަރު ކުރިން ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި މިމަރްކަޒު އުފެދިގެން ދިޔައިރު، އަޅުގަނޑު އޭރު އުޅުނީވެސް އެޑިޔުކޭޝަން މިނިސްޓްރީގައި. އެހެންވީމާ، މިމަރްކަޒު އުފެއްދުމުގައި އިސްވެ އުޅުނު މީހުންގެ ތެރޭގައި އަޅުގަނޑަށްވެސް ރޯލެއް ކުޅެން ޖެހުނު. އެކަމުގެ ނަޞީބު އޮތީ ލިބިފައި. ނަމަވެސް، އޭގެފަހުން މާބޮޑަކަށް އަޅުގަނޑަކަށް މި މަރްކަޒުގެ ކަންތަކުގައި އުޅުމުގެ ނަޞީބު ލިބިފައެއްނުވޭ. އޭގެ ސަބަބަކަށްވެދާނެ، ވަރަށްގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑު ރާއްޖެއިން ބޭރުގައި އުޅެން ޖެހުނުކަން. ނަމަވެސް، މިއަދު މިލިބުނު އުފަލަކީ، އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާ އެކީގައި ފާހަގަކުރާ ކަމެއް.

އާދެ! މިނިމިގެންދިޔަ ދުވަސްތަކުގެ ތެރޭގައި، މި މަރްކަޒުވަނީ ވަރަށްވެސް ފުރިހަމަ ނަތީޖާތަކެއް ދައްކުވައިދީފައި. އޭގެ ސަބަބުން މިއަދު ސަރުކާރުގެ އެކިއެކި އިސްމަގާމުތަކުގަޔާއި، ޚާއްޞަކޮށް، އެޑިޔުކޭޝަން ދާއިރާގެ ތަފާތު މަގާމުތަކުގައި، މި މަރްކަޒުން ކިޔަވައި ނިމިގެން ނުކުތް ދަރިވަރުން މިއަދު އެކިއެކި މަގާމުތައް ފުރަމުން އެބަގެންދޭ. އާދެ! އަޅުގަނޑުގެ ޔަޤީންކަން އެބައޮތް. ﷲ އިރާދަކުރެއްވިއްޔާ، މިހާރު މި މަރްކަޒުން ނިމިގެން ނުކުންނަ ކުދިންވެސް މުސްތަޤްބަލުގައި ރާއްޖޭގެ އެކިއެކި މުހިންމު މަގާމުތައް ފުރަމުން ގެންދާނެ ކަމަށް.

އާދެ! އަޅުގަނޑު ދެންމެ ވަރަށް ފަރުވާތެރިކަމާ އެކީގައި އަޑުއަހައިފިން، ޕްރިންސިޕަލް ދެއްވި ރިޕޯޓް. އެ ރިޕޯޓުން ވަރަށް ސާފުކޮށް އެބައެނގޭ، މިސްކޫލަކީ ކިޔަވާހިތްވާ ކުދިން އުޅޭ، ރަނގަޅު ނަތީޖާ ނެރޭ ސްކޫލެއްކަން. އޭގެ ސަބަބުން، ސްކޫލްގެ ދަރިވަރުންގެ ތެރެއިން 90 ޕަސެންޓް ކުދިން އިމްތިޙާނުގައި ބައިވެރިވެ، އަދި އޭގެތެރެއިން 76 ޕަސެންޓް ކުދިން ޔުނިވަރސިޓީއަށް ވަދެވޭވަރުގެ ނަތީޖާއެއް ނެރުނުކަން އެއީ އަޅުގަނޑު މިދަންނަވާ އެއްޗެއްގެ ވަރަށްވެސް ފުރިހަމަ ދަލީލެއް.

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން. ސީ.އެޗް.އެސް.އީ އަކީ، މަސައްކަތްކުރާ، ހީވާގި، ކިޔަވާހިތްވާ ދަރިވަރުންތަކެއް އުޅޭ ސްކޫލަކަށްވާތީ. މި ފުރިހަމަ ނަތީޖާތައް މި ސްކޫލުން ނެރެމުން މިގެންދަނީ ދަތިތަކެއް ނެތިއެއް ނޫން. ގޮންޖެހުންތަކެއް ނެތިއެއް ނޫން. އެހެން ނަމަވެސް، އެދަތިތަކާ ކުރިމަތިލައްވައިގެން، އެކަންކަން ގިރާކުރައްވައިގެން، މިކަހަލަ ރަނގަޅު ނަތީޖާ ނެރުއްވި ކަމަށްޓަކައި، ސްކޫލްގެ ވެރިންނަށާއި އަދި ޚާއްޞަކޮށް، ސްކޫލްގެ ޓީޗަރުންނަށް އަދި ހުރިހާ ކުދިންގެ މައިންބަފައިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މިރޭ އެކިއެކި ވަނަތައް ހޯދާ އަދި އިނާމުތައް ލިބިގަންނަ ކުދިންނަށް ވަރަށްވެސް ހޫނު މަރްޙަބާއެއް ކިޔުން. ތިކުދިން ތިކުރި މަސައްކަތަށްޓަކައި އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ސާބަސް ނަންގަންނަން. އަދި އެފަދަ ނަތީޖާތަކެއް ނެރުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ، އެކުދިންނަށް އެހީތެރިވާ ޓީޗަރުންނާއި، ޚާއްޞަކޮށް، މައިންބަފައިން. އެހެންވީމާ، މައިންބަފައިން ތިކުރެއްވި މަސައްކަތުގެ ނަތީޖާ މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އަޅުގަނޑު ތިހުރިހާ ބޭފުޅުންނަށްވެސް މުބާރަކްބާދީ ދަންނަވަން. އަދި ހަމައެޔާއެކީގައި، މިހާ ފުރިހަމަ ނަތީޖާތަކެއް ނެރުމަށްޓަކައި މަސައްކަތް ކޮށްދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ތިބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ! އޭ ލެވެލްއަށް ކިޔަވައި ނިމުމަކީ، ސާނަވީ ތަޢްލީމުގެ އެންމެ އުސް ފަރުބަދަ، އުސް ހަރުފަތުން ކިޔަވައި ނިމުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މި ހަރުފަތް ބެލިފައި އޮންނަނީ، ވަރަށް މުހިންމު ހަރުފަތެއްގެ ގޮތުގައި. އެއީ، އެޤައުމުތަކުގައި ދައުލަތުގެ ފަރާތުން ދޭންޖެހޭ ތަޢްލީމު، އެހާ ހިސާބުން ނިމުނީ ކަމަށް ބެލެވޭތީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފުރިހަމަ އިންސާނަކަށްވުމަށްޓަކައި އަދި ބޭނުންތެރި ރައްޔިތަކަށް ވުމަށްޓަކައި ދެވޭ މި މަތީ ސާނަވީ ތަޢްލީމަކީ، މިޒަމާނުގައި އިޖްތިމާޢީ ގޮތުން ފުރާވަރުވުމަށް ދެވޭ ތަޢްލީމެއް ކަމަށް ބެލެވިދާނެ. އެހާ ހިސާބުން ދައުލަތާއި ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ ޟުރޫރީ ތަޢްލީމު ލިބުނީމާ ކަމުގައި ގިނަ ޤައުމުތަކުގައި ބެލެވޭތީވެ. އާދެ! އެ ހަރުފަތް ގިރާކޮށް ނުކުންނަ ޒުވާނުން އެތިބެނީ، ކުޑަކުދިންގެ ގިންތިންވެސް ބޭރުވެ، ބޮޑެތި މީހުންގެ ޙަޔާތަށް ނުކުމެފައި. އަދި އޭގެ ސަބަބުން، ތިމާގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޤާނޫނީ ޙާލަތަށް ބަދަލުތަކެއް އައިސް، ޙަޔާތުގެ ކުރިމަގު ބިނާކުރުމަށް އަމިއްލަ ނިންމުންތަކެއް ނިންމަންޖެހޭ. ކުރިއަށް އޮތް ތާނގައި އިތުރަށް ކިޔަވާނީތޯ؟ ވަޒީފާއަކަށްދާނީތޯ؟ ނޫނީ އެ ދެކަންތައް އެއްފަހަރާ ކުރާނީތޯ؟ ނިންމަންޖެހޭ. މިކަމުގައި އެހެން މީހުންގެ އަދި ޚާއްޞަކޮށް، ތިޔަކުދިންގެ ބެލެނިވެރިންނާއި ރަޙްމަތްތެރިންގެ ލަފާ ހޯދުން ވަރަށް މުހިންމު. ނަމަވެސް، އެކުއްޖަކު ކުރާނެ ކަމެއް ނިންމަންވާނީ، އެކުއްޖަކު އަމިއްލައަށް. އެކުއްޖަކު އެންމެކުރާހިތްވާ ކަމެއް ކުރެވޭތޯ. ނަމަވެސް، ބައެއްފަހަރަށް ތިމާ ބޭނުންވާ ކަންތައް ކުރެވޭގޮތް ނުވުމުން، މާޔޫސްވެ، އެހެން ކަމެއް ނުކުރާގޮތަށް ނިންމުމަކީވެސް އެއީ އަދި ރަނގަޅު ގޮތެއް ނޫން.

އަޅުގަނޑު ދެކޭގޮތުގައި، މަދްރަސީ ތަޢްލީމުގެ އެންމެބޮޑު މަޤްޞަދަކީ، ދަރިވަރުންނަށް ޙަޔާތުގައި ދިމާވާ މުހިންމު ކަންކަމާމެދު ވިސްނައި ފިކުރުކޮށް، އެކުދިންނަށާއި، އެކުދިންގެ ޢާއިލާއަށާއި މުޖްތަމަޢަށް ލާބަހުރި ކަންކަން ކުރަން ދަސްކޮށްދިނުން. ތަޢްލީމުގެ ބިންގާ ރަނގަޅަށް އެޅިއްޖެނަމަ، ކުދިންގެ ކުރިމަގާ ދޭތެރޭގައި، ބެލެނިވެރިންނާއި މުޖްތަމަޢު ހާސްވާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ދަރިންނަކީ، އަޅުގަނޑުމެންނާ ނުލާ އުޅެވޭ ބަޔަކަށްވާންޖެހޭނެ. އަދި އަޅުގަނޑުމެން ބުނާ ކޮންމެ ގޮތެއް، ކޮންމެ ކަމެއް، އެއްވެސް ވިސްނުމަކާނުލައި ގަބޫލުކުރާ ބަޔަކަށްވެސް ވެގެނެއް ނުވާނެ. ކޮންމެ ކުއްޖަކީވެސް، އެކުއްޖަކަށް ލިބިފައިވާ ތަޢްލީމަކާއި ތަރުބިއްޔަތެއްގެ މައްޗަށް ބުރަވެ، އަމިއްލައަށް ކަންކަމާ ދޭތެރޭގައި ވިސްނައި، ކަންކަން ކުރަން، ކަންކަން ނިންމަން ކުޅަދާނަ ކުއްޖަކަށްވާންޖެހޭނެ.
މަޝްހޫރު ޢަރަބި ލިޔުންތެރިއެއް ކަމަށްވާ ޚަލީލު ޖިބްރާން ވިދާޅުވެފައިވާ ފަދައިން، އަޅުގަނޑުމެންގެ ދަރިންނަކީ، އަޅުގަނޑުމެންގެ މިލްކެއް ނޫން. އެއީ އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް. ތަޢްލީމެއް ދިނުމުގެ އެންމެބޮޑު ބޭނުމަކީ، ކުދިންނަށް ކަންކަމާމެދު ފާޑުވެރިކަމާއެކު އަމިއްލައަށް ވިސްނަން ދަސްކޮށްދިނުން. މީހަކު ބުނާހާ އެއްޗެއް ވިސްނުމަކާ ނުލައި ގަބޫލުނުކުރުން. އެނގިވަޑައިގަންނަވާނެ ފަދައިން، އިންސާނާގެ މުޅި ހަށިގަނޑު ކޮންޓްރޯލް ކުރަނީ ސިކުނޑި. އަދި އިންސާނާގެ ވިސްނުމާއި ފިކުރުގެ މަގާމަކީވެސް ހަމަ ސިކުނޑި. ނަމަވެސް، ޢިލްމުވެރިން ބުނާގޮތުން، ގިނަ މީހުން ބޭނުންކުރަނީ، ސިކުނޑީގެ ވަރަށްކުޑަ ތަންކޮޅެއް. ބަޔަކު ބުނާހާ ގޮތަކަށް ތިމާ އުޅުމަކީ، ތިމާގެ އަމިއްލަ ވިސްނުން ކުރިއެރުވުމަށް އެޅޭ ވަރަށް ސީރިއަސް ހުރަހެއް. ވީމާ، ކޮންމެ ކުއްޖަކުވެސް ޖެހޭ، އިވޭ އަޑުތަކަށް ވިސްނައި، ކަންކަމާ ފިކުރުކޮށް، އަމިއްލަ ބުއްދީގެ ބޭނުންކުރަން ދަސްކުރަން. މިސާލަކަށް، އަޅުގަނޑު ދަންނަވަނީނަމަ، އަޅުގަނޑުމެންގެ ރާއްޖެއަށް މާތްވެގެންވާ އިސްލާމްދީން އައުމާ ބެހޭގޮތުން އަޅުގަނޑުމެން ކުޑައިރުގައި އަޅުގަނޑުމެން އަހާ ވާހަކަތައް ހުރޭ. ރާއްޖެއަށް ފުރޭތަ އެރި ވާހަކައާއި އަދި ޢިއްފަތްތެރި އަންހެން ކުދިން، ކޮންމެ މަހަކު އެ ފުރޭތައަށްދޭ ވާހަކައާ، މިކަހަލަ ވާހަކަތައް. އެއީ ކުޑައިރު އަޅުގަނޑުމެން ގަބޫލުކުރަމުން އައި ވާހަކަތައް. ނަމަވެސް، އަމިއްލަ ވިސްނުމާއި ފިކުރުގެ ބޭނުންކުރަން އެނގުމުން، އެ ވާހަކައިގެ ފަހަތުގައި ޙަޤީޤީ އެހެން ކަންތައްތަކެއް ވެދާނެ ކަމަށް ގަބޫލުކުރެވޭ.

އާދެ! ތީގެތެރެއިން ޚާއްޞަކޮށް، ސައިންސް ކިޔަވާ ކުދިންނަށް އެނގޭނެ، ޤަދީމީ ދުވަސްވަރުގައި ޔޫރަޕްގެ މީހުން ގަބޫލުކުރަމުން އައީ، ދުނިޔެއަކީ ހަތަރެސްކަން އެއްޗެއްކަމަށް. އަދި ދުނިޔޭގެ އަޑީގައި، އެހެން އަޑީގެ ދުނިޔެއެއް އަންޑަރ ވާރލްޑެއް ވާކަމަށް. އަދި ހަމައެހެން، ހުރިހާ ތަރިތަކާއި ހަނދާއި އިރު ދައުރު ކުރަނީ ދުނިޔެ ވަށައިގެންކަން. ނަމަވެސް، މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައި، ކޮޕަރނިކަސް އެއީ، ހިސާބު ޢިލްމާއި ނުޖޫމީ ޢިލްމުގެ ވެރިއެއް. މި ކުރީގެ ވިސްނުމާ ޚިލާފަށް، ދުނިޔެ ދަތުރުކުރަނީ އިރުގެ ވަށައިގެން ކަމަށް ލިޔުއްވި. ނަމަވެސް، އޭރު ނަޞާރާ ދީނުގެ ޢިލްމުވެރިން ގަބޫލުކުރަމުން އައި ގޮތެއް ނޫން އެއީކީއެއް. މިއާ ތަފާތު ގޮތަކަށް އެމީހުން ވިސްނަމުން އައީ. ހުރިހާ ކާއިނާތުގެ ހުރިހާ ތަރިތަކާއި، އިރާއި ހަނދާ، މިހުރިހާ އެއްޗެއް ދައުރު ކުރަނީ ދުނިޔެ ވަށައިގެންކަން. މި އާ ވިސްނުން އައުމާ ގުޅިގެން، އެ ވިސްނުން ގެންގުޅޭ ކޮންމެ މީހަކީ، އެމީހުން ދުށް ގޮތުގައި އެމީހުންގެ ދީނުން ބޭރު މީހުން. އަދި މިސަބަބަށްޓަކައި އޭގެ އެތަކެއް އަހަރުފަހުން ޔޫރަޕްގެ މަޝްހޫރު ނުޖޫމީ ޢިލްމުވެރިޔާ ގެލެލިއޯ ކުށްވެރިކޮށް، ޢުމުރަށް ގޭ ބަންދަށް ޙުކުމް ކުރި. ނަމަވެސް، މިއަދު އެއްވެސް މީހަކު ޝައްކެއްނުކުރާނެ، ދުނިޔެ ދަތުރުކުރަނީ އިރުގެ ވަށައިގެން ކަމަކަށް. ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ އަދި އިންސާނުންނަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ، ޢާންމުކޮށް ގަބޫލުކުރެވިފައި ހުންނަ ބައެއް ކަންކަމާމެދު ސުވާލު އުފައްދައި، އާ ގޮތްގޮތް ވިސްނައި ފިކުރުކޮށްގެން.

ޒަމާންތަކެއް ވަންދެން އަބަދާއި އަބަދު ކަންތައް ކުރަމުން އަންނަގޮތާއި، ވިސްނާ ވިސްނުމަށް ބަދަލުތަކެއް ގެނައުމަކީ، ކުރިއަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން ދާދިފަހަކާ ޖެހެންދެން ޢިމާރާތް ކުރަމުން އައީ، ވެއްޔާއި އުވައާއި އެޅިގަލުން. ނަމަވެސް، މިއަދު އެކަކުވެސް އެގޮތަށް ޢިމާރާތެއް ނުކުރާނެ. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އާ މަގުތައް ކޮށުމަށް، އާ އީޖާދުތައް ހޯދުމަށް ހުރަހެއް އޮތްނަމަ، އެހުރިހާ ހުރަހެއްވެސް މިވަނީ ހަމަ އަޅުގަނޑުމެންގެ ސިކުނޑީގެ ތެރޭގައި. އަޅުގަނޑުމެންގެ ވިސްނުމުގައި. އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި އޮތް އެންމެބޮޑު އަނެއް ބުރަކަމަކީ އަޅުގަނޑުމެންގެ މާޒީ. ކުރިއަށްދިޔަނުދީ ހިފަހައްޓާ ބަރުދަނަކީވެސް އަޅުގަނޑުމެންގެ މާޒީ. ނަމަވެސް، ތިޔަ ހުރިހާ ކުދިންވެސް ރަނގަޅަށް ވިސްނާ، މާޒީއަކީ ހަނދާނުގައިވާ މަންޒަރެއް. ތާރީޚު ލިޔެދޭ ވާހަކައެއް. އޭގެ ތެދާއި ދޮގު ކަނޑައަޅަން ޖެހެނީ އަމިއްލަ ވިސްނުމުން. ވީމާ، އާ ވިސްނުންތައް އުފައްދައި، އާ ކުރިމަގެއް ބައްޓަން ކުރެވޭނީ، މާޒީގެ ހަނދާންތަކާއި މަންޒަރުތަކުން ޚާއްޞަކޮށް، ކުރިއަށް ދިޔުމުގެ ހުރަހެއް ކަމަށްވާ ހަނދާންތަކާއި މަންޒަރުތަކުން، ވާހަކަތަކުން ސިކުނޑި މިނިވަންކޮށްގެން.

އަޅުގަނޑުމެންގެ ކުރިމަގު، އަޅުގަނޑުމެންގެ މުސްތަޤްބަލްވަނީ ހަމައެކަނި އަޅުގަނޑުމެންގެ އަތްމަތީގައި. ކޮންމެ ކުއްޖަކީވެސް އެކުއްޖަކު ބޭނުން ގޮތަކަށް ކުރިމަގު ބައްޓަން ކުރެވޭނެ ކުއްޖެއް. އާދެ! މި މަޥްޟޫޢުގައި އަޅުގަނޑަށް ވަރަށްގިނައިރު ވާހަކަ ދެއްކިދާނެ. ނަމަވެސް، މިރޭގެ ޕްރޮގްރާމްގެ އެންމެ މުހިންމު ބައި އަދި އޮތީ ކުރިއަށް ކަމަށްވާތީ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން. އަޅުގަނޑުގެ ނަޞޭޙަތަކީ، ކޮންމެ ކުއްޖަކުވެސް ގަބޫލުކުރާށޭ، ތިމާގެ މުސްތަޤްބަލް ވަނީ ތިމާގެ އަތްމަތީގައި ކަމަށް. اللّـه سبحـانـه وتعـالى އަޅުގަނޑުމެން އުފައްދަވާފައިވަނީ، އަމިއްލައަށް ވިސްނައި ފިކުރުކުރުމަށްޓަކައި ސިކުނޑި ދެއްވާފައި. އަޅުގަނޑުމެން ކުރާ ކަންތަކާއި، ނުކޮށް ދޫކޮށްލާ ކަންތަކަށް އަޅުގަނޑުމެން އަމިއްލައަށް ޒިންމާވާންޖެހޭ ގޮތަށް.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އަދި އަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކުރުމުގެ ލިޔާޤަތާއި ޤާބިލިއްޔަތު އަޅުގަނޑުމެން އެންމެންނަށް ދެއްވުން.



والسّــلام عليــكم ورحمـةلله وبركا تـه.
________________