بســم اللّـه الرّحمـن الرّحيــم


ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަލްފާޟިލާ މަރިޔަމް ޢަޒްރާ. އަދި ހިއުމަން ރައިޓްސް ކޮމިޝަނެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ކޮމިޝަންގެ ރައީސް އަލްފާޟިލް އަޙްމަދު މުޖުތަބާ. ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ހުރިހާ ކޮމިޝަނަރުން. ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم.

އާދެ! އ.ދ.ގެ ދުވަސް ކަމުގައި ފާހަގަކުރާ މި މުހިންމު ދުވަހު މިފަދަ ވާރކްޝޮޕެއް، މިފަދަ ޓްރޭނިންގ ޕްރޮގްރާމެއް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ރާއްވަވައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމް ކުރެވިފައިވާ ހިއުމަން ރައިޓްސް ފޯކަލް ޕޮއިންޓުންނަށް ދެއްވާ ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި ކޮމިޝަނަށް އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އިންސާނީ ޙައްޤުތައް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހިމެނުމަށްޓަކައި އެންމެ ފުރަތަމަ ބޭނުން އެއްކަމަކީ، ހިއުމަން ރައިޓްސް އަޅުގަނޑުމެން ފުރިހަމައަށް ގަބޫލުކުރުން. ގަބޫލުކޮށް، ހިއުމަން ރައިޓްސްއަކީ ކޮބައިކަން ދެނެގަނެ، އޭގެ ބޭނުން އަޅުގަނޑުމެންގެ މަސައްކަތްތަކުގައި ފުރިހަމައަށް ހިފުމަށްޓަކައި މަސައްކަތް ކުރުން. އަޅުގަނޑުމެން ގަބޫލުނުކުރާ ކަމެއް ޤާއިމުކޮށް، އެކަން ދެމެހެއްޓުންވާނީ އުނދަގޫ ކަމަކަށް. ބައެއްފަހަރު އަޅުގަނޑުމެންނަށް އެބަ އިވެމުންދޭ، އިންސާނީ ޙައްޤުތަކާއި، އެކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަކީ، ހުޅަނގުގެ ބައެއް ފަރާތްތަކުން، އެމީހުންގެ ޘަޤާފީ އިސްތިޢުމާރު އަދިވެސް ދުނިޔޭގައި ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށް. މިއީ ވަރަށްބޮޑު ކުށްހީއެއް. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އިންސާނީ ޙައްޤުތަކަކީ ދުނިޔޭގައި އިންސާނީ މުޖްތަމަޢުތައް ޤާއިމުވެގެން ހިނގަން ފެށީއްސުރެ އިންސާނުންގެ ޙައްޤުތަކާއި، އެމީހުންގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޚިޔާލު އުފެދިފައިވާ ކަމެއް، އެކަމާ ބެހޭގޮތުން އެކިއެކި ލިޔުންތައް ލިޔެވިފައިވޭ. އެގޮތުން، ތާރީޚީ ނަޒަރަކުން ބަލާއިރުގައި، މީގެ ހަތަރުހާސް އަހަރު ކުރިންވެސް އޭރު ބެބިލޯންގެ ނަމުގައި އަޅުގަނޑުމެންނަށް ތާރީޚުން އެނގިފައިވާ މިހާރުގެ ޢިރާޤުގެ ހިސާބެއްގައި، އަދި ސީރިޔާގައި އެކިއެކި ލިޔުންތަކުން އެބަހުރި ފެންނަން އެހާ ކުރީ ޒަމާނުއްސުރެވެސް. އަދި އެއަށްވުރެ ފަހުން އައިސް އެކިއެކި އެހެނިހެން ޤައުމުތަކުގައިވެސް. އޭގެތެރޭގައި ހަމައެކަނި ހިމެނެނީ މެދުއިރުމަތީގެ ޤައުމުތަކެއް ނޫން، އަދި ހުޅަނގުގެ ޤައުމުތަކެއް ނޫން. ޗައިނާގެ ލިޔުންތަކުގައިވެސް އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ލިޔެފައި އެބަހުރި.

އިސްލާމީ އުންމަތަށް އިންސާނީ ޙައްޤުތައް މިހާރު ލިބިފައިވާ ފުރިހަމަކަމާ އެކީގައި ތަޢާރުފުވެގެން އައީ އިސްލާމްދީން ފޮނުއްވުމާ ވިދިގެން. އޭރު މެދުއިރުމަތީގެ އެކިއެކި އާބާދީތަކުގައި އިންސާނީ ޙައްޤުތަކާ ދޭތެރޭގައި ވަރަށް ނިކަމެތިކޮށް ޢަމަލު ކުރެވެމުންދިޔަ. ޚާއްޞަކޮށް، އަންހެނުންގެ ޙައްޤުތަކާ ބެހޭގޮތުން. އެހެންވީމާ، ކީރިތި ޤުރްއާން ބާވައިލެއްވުމާ ގުޅިގެން، އިންސާނީ ޙައްޤުތައް ފުރިހަމަވުމަށްޓަކައި އިތުރު ބާރެއް ލެވިގެންދިޔަކަން އެއީ، އަޅުގަނޑުމެންނަށް ތާރީޚު ދައްކުވައިދޭ ކަމެއް. އާދެ! އެއަށްފަހުގައި އަޅުގަނޑުމެންނަށް ހުޅަނގުގެ ޤައުމުތަކުން ފެނިފައި އެބަހުރި، ޚާއްޞަކޮށް، އެމެރިކާގެ މިނިވަންކަން އިޢްލާނު ކުރުމާ ގުޅިގެން، ޑިކްލަރޭޝަން އޮފް އިންޑިޕެންޑެންސްގައި، އެތާނގެ ކޮންސްޓިޓިއުޝަންގައި، އަދި އިނގިރޭސިވިލާތުގައިވެސް، އަޅުގަނޑުމެން އިނގިރޭސިވިލާތުގެ ތާރީޚު ދަސްކުރި މީސްމީހުންނަށް އެނގޭ، މެގްނާ ކާޓާގެ ނަމުގައި. އަދި ބިލް އޮފް ރައިޓްސްގެ ނަމުގައި ރައްޔިތުންގެ ޙައްޤުތަކެއް ޤާނޫނަކަށް ފުރަތަމަ ވެގެންދިޔަކަން. އަދި އެއަށްފަހުން ފަރަންސޭސިވިލާތުގައި، ފަރަންސޭސިވިލާތުގައިވެސް ޑެކްލަރޭޝަން އޮފް ދަ ރައިޓްސް އޮފް މޭން އެންޑް ދަ ސިޓިޒަން ޤާއިމްވެގެންދިޔަ. މިކަންކަން ވެފައިވަނީ، ގިނަ ތަންތާނގައި ބޮޑެތި ހަމަނުޖެހުމާއި، ހަނގުރާމަ ހިނގުމަށްފަހުގައި. އަދި ހަމަ އެގޮތުން ދުނިޔޭގެ ފެންވަރުގައި ވަރަށްބޮޑު ދެހަނގުރާމަ ކުރެވުނު. އެއީ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަ، ވަރަށް ގާތްގާތުން ހިނގާ ނިމުނުއިރުގައި، އަޅުގަނޑުމެންނަށް ފެނިފައިވަނީ، ވަރަށްގިނަ ޢަދަދެއްގެ މީހުންނަށް ލާއިންސާނީ އެތައް ކަމެއް ކުރެވިފައިވާތީ. އެހެންކަމުން، އެނގިވަޑައިގަންނަވާނެ ފަދައިން، ފުރަތަމަ އ.ދ. އުފެދިގެން އައީ ލީގް އޮފް ނޭޝަންސްގެ ނަމުގައި. (ފަހުން އ.ދ. އަށް ބަދަލުވީ). ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން 1946 ވަނަ އަހަރު ފުރަތަމަ ދުނިޔޭގެ ފެންވަރުގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެދުނީ. އެކޮމިޝަންގެ ރައީސަކަށް ހަމަޖެހުނީ، އޭރު އެމެރިކާގެ ރައީސެއް ކަމުގައި ހުންނެވި ތިއޮޑޯ ރޫޒްވެލްޓްގެ އަނބިކަނބަލުން އެލެނޯ ރޫޒްވެލްޓް. އަދި އެކޮމިޝަނާ މި ޙަވާލުކުރެވުނީ، ޔުނިވަރސަލް ޑެކްލަރޭޝަން އުފެއްދުމަށް. އެނގިވަޑައިގަންނަވާނެ ފަދައިން، އެލެނޯ ރޫޒްވެލްޓަކީ މިހާތަނަށް އެމެރިކާ ދުށް އެންމެ ވަރުގަދަ އެއް އަންހެން ލީޑަރ. އެކަމަނާގެ މިސާލު އެއީ އެމެރިކާގެ އަންހެނުން މިއަދާ ޖެހެންދެންވެސް ގަބޫލުކޮށް، ރޯލް މޮޑެލެއްގެ ގޮތުގައި ބަލަމުންދާ ބޭފުޅެއް.

އެލެނޯ ރޫޒަވެލްޓާ އެކުގައި އެ މުޢާހަދާ އުފެއްދުމަށްޓަކައި މަސައްކަތް ކުރެއްވީ ހަމައެކަނި ހުޅަނގުގެ ބޭފުޅުންނެއް ނޫން. އޭގެތެރޭގައި، އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ލުބްނާންގެ ބޭފުޅެއް، ޗާލްސް މާލިކު. އެއީ، ލުބްނާނުގެ ކުރީގެ ތަޢްލީމީ ވަޒީރު. އަދި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ދިވެހިން ކިޔަވާފައިވާ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ފިލޯސަފީ ޑިޕާޓްމަންޓްގެ ހެޑް.

އާދެ! އެބޭފުޅުން ޔުނިވަރސަލް ޑެކްލަރޭޝަން އުފެއްދެވީ. އެހާތަނަށް ދުނިޔެ ދެކެފައިވާ ހުރިހާ މުހިންމު ލިޔުންތަކެއް ދިރާސާ ކުރައްވައި، އެލިޔުންތަކުގެ މައްޗަށް ބައްލަވައި، ދުނިޔޭގެ އެންމެންނަށްވެސް ގަބޫލުކުރެވޭ ޙަޤީޤީ ޔުނިވަރސަލް އުޞޫލުތަކެއް ހިމެނިފައިވާ ޑިކްލަރޭޝަނެއް ތައްޔާރު ކުރެއްވުމުގެ ނިޔަތުގަައި. އޭގެ ނަތީޖާއެއްގެ ގޮތުން ޔުނިވަރސަލް ހިއުމަން ރައިޓްސް ބިލްގެ ނަމުގައި މިހާރު އަޅުގަނޑުމެންނަށް އެނގިފައިމިވާ ތިން މުޢާހަދާ، އެއީ، ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި، އަދި ކަވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އާއި ކަވަނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް، މި ތިން މުޢާހަދާ އުފެދިގެން އައީ. މިހާރު ދިވެހިރާއްޖެވަނީ މިދެންނެވި މުޢާހަދާތައް ގަބޫލުކޮށް، 2006 ވަނަ އަހަރު އެންމެފަހުގެ މުޢާހަދާގައިވެސް ސޮއިކޮށްފައި.

އާދެ! ހުރިހާ ޤައުމުތަކެއް ޤަބޫލުކުރާ ޙައްޤުތަކެއް ހުރުމަކީ ޤައުމެއްގެ ފެންވަރުގަޔާއި، ފަރުދުންގެ ފެންވަރުގައި ޙިމާޔަތް ލިބިގަތުމަށްޓަކައި މުހިންމު ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ކައިރީގެ ތާރީޚު ދައްކާ ގޮތުން، ދޭދޭ ޤައުމުތަކުގަޔާއި އަދި އެކިއެކި މުޖްތަމަޢުގެ މެދުގައި ހިނގާ ބޮޑެތި ހަމަނުޖެހުމާއި ހަނގުރާމަތަކާއި، ޤަބީލާތަކުގެ މެދުގައި ހިނގާ ބޮޑެތި ހަމަނުޖެހުންތަކުގެ ސަބަބުން ވަރަށްގިނަ ޤައުމުތަކުގައި ޤަތުލު ޢާންމު ހިނގާފައި އެބަހުރި. އެގޮތުން، އަޅުގަނޑުމެންގެ ހަނދާނުގައިވެސް ކެމްބޯޑިއާއާއި، ބޮސްނިއާ އާއި، ރުވާންޑާއާއި އަދި ދާދިފަހުން ދާފޫރު ފަދަ މިސާލުތައް ފެންނަން ހުރީ މަދެއްކޮށް ނޫން.

އާދެ! މިފަދަ ލާއިންސާނީ ޢަމަލުތައް ހިނގަނީ، އަބަދަކު ދެންނެވޭކަށް ނެތް ނާތަހުޒީބު ތަންތަނުގައި އެކަނި ކަމަކަށްވެސް. އެނގިވަޑައިގަންނަވާނެ ފަދައިން، ޔޫގޯސްލާވިއާއަކީ ދުނިޔޭގެ ފަހަކަށްއައިސް ނޮން-އެލައިންޑް މޫވްމަންޓް އުފެދުމުގައިވެސް އެންމެ މުހިންމު އެއް ދައުރު އަދާކުރި ޤައުމު. އަދި ތަޢްލީމީ ގޮތުން ކުރިއަރާފައިވާ، ތަހުޒީބީ ގޮތުން ކުރިއަރާފައިވާ ޤައުމެއް. އެހެން ނަމަވެސް، އެޤައުމު ބައިބައިވެގެންދިޔައިރުގައި އަޅުގަނޑުމެންނަށް މިފެނުނު މަންޒަރުތަކަކީ، އެއީ އެއްގޮތަކަށްވެސް ބުއްދި ގަބޫލު ކުރެވޭފަދަ ކަން ކަމެއް ނޫން. އަދި ކީއްތޯ، އޭގެފަހުން އިއްޔެ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ، ޢިރާޤާ ބެހޭގޮތުން ވިކިލީކުން ޝާއިޢު ކުރި ރިޕޯޓްތަކަކުން އެބަ ދައްކާ މިހާތަނަށް އަޅުގަނޑުމެންނަށް އެނގިފައިވާ ޢަދަދަށްވުރެ އިތުރަށް ފަނަރަހާސް މީހުން މަރުވެފައިވާ ކަމަށް. ޤައުމުތަކުގެ ފެންވަރުގައި ހިނގާ ލާއިންސާނީ ކަންތަކާ އެއްވަރަށް، ޤައުމުގެ އެތެރޭގައިވެސް ލާއިންސާނީ ކަންތައް ހިނގާކަން އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ.

އާދެ! މިފިޔަވަޅުމަތީގައި ހުންނައިރުގައި، އަޅުގަނޑުމެން ދިގު މަސައްކަތަށްފަހުގައި، މި ޑިމޮކްރެޓިކް ވެރިކަމެއް ދިވެހިރާއްޖެއަށް ގެނެސްގެން، ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާއިރުގައި، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ހަނދާނުން ކެހިގެނެއްނުދޭ، އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމުގައިވެސް ޤާނޫނުގެ ބޭރުން ރައްޔިތުންނާ ދޭތެރޭގައި އަނިޔާވެރި ޢަމަލުތައް ސަރުކާރުގެ ފަރާތުން ހިނގާފައިވާކަން. އަދި ލާއިންސާނީ އެތައް ކަމެއްވެސް ހިނގާފައިވާކަން.

އާދެ! މިހެންވާ ސަބަބުތަކާ ދޭތެރޭގައިވެސް ވިސްނުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއްގޮތަކަށްވެސް ހީކޮށްގެންވާކަށް ނެތް، ކުރިން ދެންނެވިހެން، މިދެންނެވިފަދަ ލާއިންސާނީ ކަންކަން ކުރަނީ ހަމައެކަނި ނާތަހުޒީބުވީމައޭ. ދާދިފަހުން އަޅުގަނޑާ ބައްދަލުވި ސައުތު އެފްރިކާގެ ބޭފުޅަކު ލިޔުއްވި، މިހާރު ލިޔުއްވަމުން ގެންދަވާ ތީސީސެއް، ސްޕެކްޓްރަމް އޮފް ކޮންޝެސްނަސްގެ ނަމުގައި. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އިންސާނާގެ ކޮންޝެސްނަސް ނުވަތަ ޒަމީރަކީ އެއީ ވަކި ހިސާބަކަށް ކުރިއަރާފައި ގޮސް، އެހިސާބުގައި ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫން. އަދި އިންސާނާގެ ސިކުނޑީގައި އެންމެ ޤަދީމީ ވިސްނުންވެސް ފިލައިގެން ނުގޮސް އެބަހުރޭ. އަދި ދިމާވާ ޙާދިޘާއެއްގެ ސަބަބުން، ކަންކަން ދިމާވާ ގޮތަކުން، ހިނދުކޮޅަކުން މީހަކު ބަދަލުވެގެން އެބަދޭ، ނާތަހުޒީބު ނުލަފާ ޖައްބާރު މީހަކަށްވެސް. އާދެ! އެ ދިމާވާ ޙާލަތެއްގެ ސަބަބުން، ޒަމީރު ކުރިއަށް ގޮސްފައިވާ ހިސާބުން ސޮހިގެންގޮސް ޤަދީމީ ބޯދާ ވިސްނުމަކަށްވެސް ބައެއްފަހަރު އެބަދޭ. އަޅުގަނޑުމެންނަށް ފެނިފައިވާ ތަނުގައި، އަނިޔާވެރިވާން ވެއްޖެނަމަ، އިންސާނުންނަކީ ޙައްދުން ނެއްޓިގެންދާ ބައެއްކަން އެބަހުރި ފެންނަން.

އާދެ! ވީމާ، ޤާނޫނީ ގޮތުންނާއި، ދުސްތޫރީ ގޮތުން ފަރުދުންގެ ޙައްޤުތައް ކަނޑައެޅި، އެ ޙައްޤުތައް ތަންފީޒު ކުރެވޭނޭ ގޮތްތަކެއް ހަމަޖެހިފައި ހުރުމަކީ، އިންސާނުންގެ ކަރާމަތަށްޓަކައި ލާޒިމް ކަމެއް. ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ވަރަށް ފުރިހަމައަށް ކަނޑައެޅިފައި އެބަހުރި. ވީމާ، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އިދާރާތަކުން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ އެތަންތާނގެ ވާޖިބު. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ، އުފެދިފައިވާ ޤާނޫނީ ސަރުކާރާއި މުއައްސަސާތައް ރާވާ ޕްލޭންތަކާއި ޕްރޮގްރާމްތަކުން އެޙައްޤުތައް ރައްކާތެރިކޮށްދިނުން. އެ ޙައްޤުތައް ލިބިގަނެވޭނެ އިންތިޒާމުތައް ކުރުން. މިސާލަކަށް ދަންނަވަނީނަމަ، 23 ވަނަ މާއްދާގައި މިވަނީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތައް ބަޔާންކުރެވިފައި. އޭގެތެރޭގައި، 23 ވަނަ މާއްދާގެ (ރ) ގައި މިވަނީ ދިރިއުޅެވޭނެ ސާފު އަދި ޞިއްޙަތު ރަނގަޅު މާޙައުލެއް ލިބުން. މިއީ ޙައްޤެއް ކަމަށް ކަނޑައެޅިފައި ބަޔާން ކުރެވިފައިވާއިރު، އެކަން ތަންފީޒު ކުރެވޭނެ ގޮތެއް ރާވައި ހިންގުމަކީ، ކޮންމެ ސަރުކާރެއްގެވެސް ވާޖިބެއް. އަދި އެކަންކަން ތަންފީޒު ކުރަން އުފެދޭ ޕްރޮގްރާމެއް ތަންފީޒު ކުރާނެގޮތްވެސް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އެބަވޭ. މިސާލަކަށް ދަންނަވަނީނަމަ، 20 ވަނަ މާއްދާގައި މިވަނީ ޤާނޫނު ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީވެސް މީހެއްގެ ޙައްޤެއް ކަމަށް. ވީމާ، ރަށެއްގެ ތަރައްޤީއަށް ރާވާ ރޭވުންތަކުގައި، މިދެންނެވި އުޞޫލުވެސް އެބަ ހިފަހައްޓަންޖެހޭ. ޞިއްޙަތު ރަނގަޅު، ސާފު ވެށްޓަކީ ހަމައެކަނި ތަނަވަސް މީހުން ދިރިއުޅޭ ހިސާބުގަނޑުގައި ޤާއިމްވެފައި ހުންނަ ސިފައަކަށްވެވޭކަށް ނެތް. ދުޅަހެޔޮ ޞިއްޙަތެއްގައި ސާފުތާހިރުކަމާއެކު އުޅުމަކީ ނިކަމެތިންގެވެސް ޙައްޤެއް ކަމަށް އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ބަޔާންވެފައި އެބައޮތް. މިއިން ދޭހަވާ އެއްޗަކީ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަކީ، ހަމައެކަނި ކޯޓަކުން ނުވަތަ ލޯ އެންފޯސްމަންޓް އޭޖެންސީތަކުން ކުރަންޖެހޭ ކަމެއް ނޫންކަން. އެކަމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ރޭވުންތައް ރާވާ އޭޖެންސީތަކުންވެސް ކުރަންޖެހޭ ކަމެއްކަން.

އާދެ! މިއަދުގެ ސަރުކާރުން އިސްކަމެއްދީގެން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއްގެ މަޤްޞަދަކީ، ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުން. އަޅުގަނޑު އުންމީދު ކުރަން، މިއަދު މިފެށޭ ޓްރޭނިންގ ޕްރޮގްރާމްގެ ސަބަބުން ސަރުކާރުގެ ހުރިހާ ދާއިރާތަކަކުންވެސް އެތަންތަނުން ރާވައިގެން ހިންގާ ޕްރޮގްރާމްތަކުގައި، ރައްޔިތުންގެ ޙައްޤުތައް ލިބިދީ، އެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ސަމާލުވެވަޑައިގަންނަވާނެ ކަމަށް. ސަރުކާރެއް އުފެދިފައި އޮތުމުގެ ބޭނުމަކީ، ރައްޔިތުންގެ ޙައްޤުތައް ލިބިދީ ކަށަވަރުކޮށްދިނުން. ސަރުކާރުގެ ކޮންމެ ވުޒާރާއެއްގެވެސް، ކޮންމެ އިދާރާއެއްގެވެސް ފުރަތަމަ ވާޖިބަކީ މިއީ. އަޅުގަނޑު އުންމީދު ކުރަން، މި ތަމްރީނުގެ ސަބަބުން، ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގޮސް، ކުރިއަށްވުރެ ބޮޑަށް ރައްޔިތުންގެ ފައިދާއަށް ފޯކަސް ކުރެވިގެން، ނަތީޖާ ދައްކުވައިދޭ މަސައްކަތްތަކަކަށްވާނެ ކަމަށް. މި ކޯހުގެ ސަބަބުން، ކޯހުގެ ބައިވެރިންނަށް މަޢްލޫމާތު މުއްސަނދިވެ، ކުރައްވާ މަސައްކަތަށް އިތުރު ކާމިޔާބީ ލިބިވަޑައިގަންނަވާނެ ކަމަށް.

والســّلام عليــكم
______________________