بســم اللّـه الرّحمـن الرّحيــم


الحمد لله ربّ العَـالمين. وا لصّلاة والسّـلام على محمّد وعلى آله وصحبه أجمعـين.

އެމް.އެން.ބީ.ސީ.ގެ ޗެއަރމަން. އަދި އެމް.އެން.ބީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ. މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒްގެ ވަޒީރުން. އަދި މި މުބާރާތުގައި ފުރިހަމަ ވަނަތަކެއް ހޯއްދެވި ހުރިހާ ދަރިވަރުން. އަދި ދަރިވަރުންގެ ބެލެނިވެރިން.

السّــلام عليــكم ورحمـةلله وبركا تـه.

އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މި ނިމުނު ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި، މިހާ ފުރިހަމަކޮށް މިމުބާރާތް ރާވައިގެން ހިންގެވި ކަމަށްޓަކައި އެމް.އެން.ބީ.ސީ.ގެ ވެރިންނަށާއި، އެމް.އެން.ބީ.ސީ.ގެ ހުރިހާ ސްޓާފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމަ އެހެން މިމުބާރާތަށް މި ދަރިވަރުން ތައްޔާރު ކުރުމަށްޓަކައި ވަރަށް އަވަދިނެތި ހުރިހާ ބެލެނިވެރިން ކުރެއްވި މަސައްކަތަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ބޮޑު މަސައްކަތެއް. އޭގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް މިފެނުނީ. އާދެ! އަޅުގަނޑު ކުޑަކޮށްވެސް ހަނދާނެއްނުނެތޭ، މިމުބާރާތުގައި ވަނަތައް ހޯއްދެވި އަދި ވަނަތައް ނުލިބުނު ކަމުގައިވިނަމަވެސް، މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަރަށް މިންނެތް، ވަރަށްބޮޑު މަސައްކަތެއް ކޮށްފައި މިވަނީ. އަޅުގަނޑަށް އިޙްސާސް ކުރެވޭ، ވަރަށްގިނަ ދުވަހު، ގާތްގަނޑަކަށް ހަމަ ކޮންމެ ދުވަހަކުހެން މުދައްރިސެއްގެ ކައިރިއަށް ޤުރްއާން މުދައްރިސެއްގެ ކައިރިއަށް ގޮސް، ނޫނީ ޤުރްއާން މުދައްރިސެއް ގެއަށް ގެނެސްގެން ވަރަށް ހިންމަތާއެކީގައި މަސައްކަތް ކޮށްގެން މިހާހިސާބަށް މިއާދެވުނީ. އެހެންވީމާ، ތިޔަ ހުރިހާ ކުދިން ތިޔަކުރި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ތާރީފު ކުރަން. އަދި މި ފިޔަވަޅުގައި ހުންނަ މީހެއްގެ އެންމެބޮޑު ވާޖިބަކަށްވާނީ، މިމުބާރާތުގައި އެކިއެކި ވަނަތައް ޙާޞިލުކުރި ކުޅަދާނަ ތިޔަ ހުރިހާ ދަރިވަރުންނަށް ވަރަށްވެސް ޚާއްޞަ ޝުކުރަކާއި މުބާރަކްބާދީއެއް ރައްދުކުރުން.

އާދެ! އަޅުގަނޑުމެންނަށް މިފެނިގެންދަނީ، މިވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުން އަދި ޢާއިލާތަކުން ކީރިތި ޤުރްއާން ކިޔަވައި ދަސްކޮށްދިނުމަށްޓަކައި ކުރަމުން އައި މަސައްކަތުގެ ނަތީޖާ. މިވޭތުވެދިޔަ ދިހަ އަހަރު މިފަދަ މުބާރާތްތައް ދިވެހިރާއްޖޭގެ އަޑުންނާއި ޓީ.ވީ މޯލްޑިވްސުން ރާވައިގެން ހިންގަމުން ގެނައީތީ، އަދި ޤައުމީ ފެންވަރުގައި ޤުރްއާން މުބާރާތްތައްވެސް ރާއްވަވައިގެން ހިންގަވަމުން އައީތީ، އަޅުގަނޑުމެންނަށް މިހާ ފުރިހަމަ ނަތީޖާތަކެއް ފެންނަމުން މިދަނީ.

އާދެ! ހެކިވެވަޑައިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި މިއަދު އެބަތިބި، ކީރިތި ޤުރްއާން ވަރަށް ރީތިކޮށް ކިޔަވާ ކުދިން. ހަމަ ޢަޖައިބުވާހާ ރީތިކޮށް ޤުރްއާން ކިޔަވާ ކުދިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކޮށް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ.

އަޅުގަނޑުގެ ޝުކުރުގައި އަދި ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭ ބަޔަކު އެބައުޅޭ. އެއީ، ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުން. އަޅުގަނޑަށްވެސް ފެނޭ، ވަރަށްގިނަ ގޭގޭގައި އަދި މާލޭގެ ޚާއްޞަކޮށް، ގެދޮރުގެ ދަތިކަން ހުންނަ ގޮތުން ނަމަވެސް، ވަގުތު ހޯދައިގެން ކުދިންނަށް ޤުރްއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންގެންދޭ ވަރަށްގިނަ ފަރާތްތަކަކުން. މިއަދު އަޅުގަނޑުމެންގެ މި ޝުކުރުގައި، ޤުރްއާން މުދައްރިސުން، އާދެ! އެފަދަ ބޭފުޅުން ހިމެނުމަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެބޭފުޅުން އެކުރައްވާ މިންނެތް މަސައްކަތަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޝައްކެއްނެތް. ރީތިކޮށް ކިޔެވުމަކީ ޅަފަތުގައި ތަމްރީނު ދެވިއްޖެނަމަ، ހަމަ ކޮންމެ ކުއްޖަކަށްވެސް ކުރެވިދާނެ ކަމެއް. އެހެންނަމަވެސް، ބައެއް ކުދިންނަކީ ޤުދްރަތީގޮތުން ޚާއްޞަ ޤާބިލުކަމެއް ލިބިފައިވާ ކުދިން. އެގޮތުން، އަވަހަށް ތަކެތި ހިތުދަސްކުރުން ނޫނީ ރީތިކޮށް ރާގަށް ކިޔުން، ނޫނީ ކުދިންނަށް ވަރުގަދަ އަޑެއް، ރީތި އަޑެއް ލިބިފައި އޮތުން. މިބާވަތުގެ ކަންކަމަކީ މިއީ، ބައެއް ކުދިންނަށް ޤުދްރަތީ ގޮތުން ލިބިފައިވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ކޮންމެ ކަމެއްވެސް ޅަފުރައިން ފެށިގެން ދަސްކޮށްދޭން ފަށައިފިނަމަ، އެކުއްޖަކަށް އެކަމެއް ރަނގަޅަށް ދަސްވާނެ.

އާދެ! މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ކިޔެވުމަށްޓަކައި ތުއްތު ކުދިންގެ ހިތުގައި ލޯބި ޖެހުމުގެ ސަބަބުން ނުކުންނާނެ ނަތީޖާ. ވަރަށް ފުރިހަމަ ނަތީޖާ. އާދެ! މިއިން އަޅުގަނޑުމެންނަށް ލިބެންވާ ޢިބްރަތަކީ، ކޮންމެ އެއްޗެއް ކިޔަވައިދިނަސް، އެ އެއްޗަކީ އެއީ، އެކުދިން ކިޔަވާ ހިތުން، ލޯބިން ކުރާ ކަމަކަށް އެބަވާންޖެހެއޭ. ގަދަބާރުން ކިޔަވައިދޭން އުޅުމަކީ ކިޔެވުމާ ދަރިފުޅު ދުރުވެ، ފޫހިވާ ކަމެއް. ކިޔެވުމަށް ލޯބި ޖެއްސުމުގެ އެއްސިއްރަކީ، އެކަމަކީ އެކުދިންވެސް ކުރާހިތްވާ ކަމަކަށްވުން. އަދި ހަމައެހެން، ރަނގަޅަށް ކަމެއް ކުރުމުން، އެކަމަކަށް ތަރުޙީބުދީ، ތަޢުރީފުކޮށް، އިނާމު ދިނުން. ވީމާ، އަޅުގަނޑު ދެކޭގޮތުގައި މިފަދަ މުބާރާތްތަކަކީ، ކިޔެވުމުގެ ޝައުޤުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް.

ރީތި ރާގަށް ކީރިތި ޤުރްއާން ކިޔެވުމަކީ އެއީ، އަޅުގަނޑުމެން ހުރިހާ މުސްލިމުންގެ ހިތްތަކަށްވެސް ވަރަށްވެސް އުފާވެރި އަދި ހިތްހަމަޖެހުން ލިބޭ ކަމެއް. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ހިތުގައި ރޫޙާނީ އިޙްސާސްތައް ވެރިވެގެންދާ ކަމެއް. އަދި ހަމައެހެން، ހިތުދަސްކޮށްގެން ކިޔެވުމަކީ އެއީވެސް މުޖްތަމަޢަށް އަދި ޢާއިލާއަށްވެސް، އެކުދިންނަށްވެސް ވަރަށް ބޭނުންތެރި ކަމެއް. ހިތުދަސްކުރާ ކުދިންނަށް، ހިތުދަސްކުރި އެއްޗެއް ދިގު މުއްދަތަކަށް ހަނދާން ހުންނާނީ، އަބަދުވެސް ކިޔަވަމުން ގެންދާނަމަ. ހިތުދަސްކުރުމަށްފަހުގައި އެކަން ނުކޮށް ހުއްޓާލުމުން، ވަރަށް ފަސޭހައިން ހަނދާންނެތޭނެ. އެހެންވީމާ، އަޅުގަނޑު އެދެން، މިގޮތުން މަސައްކަތްކުރާ ކުދިންނަށް އަބަދުވެސް އެމަސައްކަތް ކޮށްދިނުމުގެ އެހީތެރިކަން ބަހައްޓަވައިދެއްވުމަށް.

އާދެ! އަޅުގަނޑު މިފަދަ މުނާސަބަތުތަކުގައި އަބަދުވެސް ދަންނަވާ އެއްޗެއް އެއީ، ޢުމުރާ އެކަށީގެންވާ ގޮތުގެ މަތިން، ކީރިތި ޤުރްއާންވެސް، އެކުދިންނަށް ޤުރްއާނުގެ މާނަވެސް ދަސްކޮށްދެވޭތޯ ބެލުމުގެ މުހިންމުކަން. އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ދުވަސްވަންދެން އޮތް އާދައެއް، ކިޔެވުން ނުވަތަ ކަންކަން އަޑުއެހުން، އެބުނާ އެއްޗެއް ނޭނގި. އެހެންވީމާ، ކުދިންގެ ޢުމުރާ ގުޅޭގޮތުން، އެކުދިންނަށް ފަހުމް ކުރެވޭ ދަރަޖައެއްގައި، އެފެންވަރެއްގައި ކުދިންނަށް ވީހާވެސް ގިނައެއްކޮށް ކީރިތި ޤުރްއާނުގެ މާނަ ކިޔައިދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް މުހިންމު ކަމެއް.

އަދިވެސް އެއްފަހަރު މިހާ ފުރިހަމަކޮށް މި މުބާރާތް ރާއްވަވައިގެން ހިންގަވައިދެއްވި ކަމަށްޓަކައި އެމް.އެން.ބީ.ސީ.ގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ނިންމާލަމުން އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބެލެނިވެރިންނަށާއި އަދި ޚާއްޞަކޮށް، މިއަދުގެ ވަނަތައް ހޯދި ހުރިހާ ކުދިންނަށް ވަރަށްވެސް ބޮޑަށް ޝުކުރާއި މުބާރަކްބާދު ދަންނަވަން.

والسّــلام عليــكم ورحمـةلله وبركا تـه.

_________________