بســم اللّـه الرّحمـن الرّحيــم

الحمد لله ربّ العَـالمين. والصّلاة والسّـلام على محمّد وعلى آله وصحبه أجمعـين.

ސްކޫލްގެ ޢިއްޒަތްތެރި ވެރިން، އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިން، އަދި މިއަވަށުގެ މުނިސިޕަލްޓީގެ ޑެޕިއުޓީ ރައީސް، ސްކޫލްގެ މުދައްރިސުން، ޓީޗަރުން އަދި ލޮބުވެތި ކިޔަވާކުދިން، ދަރިވަރުން:

السّــلام عليــكم ورحمـةلله وبركا تـه.

އާދެ، މިރެޔަކީ ވަރަށްވެސް އުފާވެރި ރެއެއް. މާފަންނު ސްކޫލްގެ އުމުރުން 25 އަހަރު ފުރި، ސްކޫލްގެ ރިހިޔޫބީލް ފާހަގަކުރާ ޚާއްޞަ ޖަލްސާ. މިޖަލްސާއަށް އަޅުގަނޑަށް ދަޢުވަތުދެއްވި ކަމަށްޓަކައި ސްކޫލްގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އާދެ، އެއްވެސް ސްކޫލެއް މިހާ ދިގުމުއްދަތަކަށް ހިންގޭނީ ވަރަށްގިނަބައެއްގެ އެހީއާއެކީ. ޚާއްޞަކޮށް، ޖަމާޢަތެއްގެ ފަރާތުން ހިންގާ ސްކޫލަކަށް މިހާ ދިގު މުއްދަތަކަށް ދެމިއޮވެ، ބޮޑެތި ކާމިޔާބީތަކެއް ހޯދޭނީ ގިނަ ފަރާތްތަކެއްގެ އެހީއާ ޚިދްމަތްތަކެއް ލިބިގެން. އެގޮތުން މިރޭ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ، ވަރަށްގިނަ ބޭފުޅުންތަކެއްގެ ނަންފުޅުތައް. އަޅުގަނޑުގެވެސް އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ވާޖިބެއް، މި ސްކޫލް އުފައްދަވާ މި ސްކޫލް މިހާތަނަށް ގެނެސްދެއްވި ކަމަށްޓަކައި ސްކޫލަށް ޚިދްމަތްކުރެއްވި ހުރިހާފަރާތްތަކަށް މިރޭ ޝުކުރު ދެންނެވުން. އަދި ޚާއްޞަގޮތެއްގައި މި ސްކޫލްގެ ދެ ޕްރިންސިޕަލުން ފާހަގަކުރަންޖެހޭ. އެއީ، އަލްފާޟިލް ޢައްބާސް އިބްރާހީމާއި އަލްފާޟިލް ޢަބްދުﷲ ޖަމީލް. މިދެބޭފުޅުންނަށް، ޚާއްޞަގޮތެއްގައި މިރޭ މިތަނަށް ވަޑައިގެން ނެތްކަމުގައިވިނަމަވެސް އަޅުގަނޑު އެބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަދި ހަމައެހެން މިރޭ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ، ވަރަށްގިނަ އެހެން ބޭބޭފުޅުންވެސް މިސްކޫލަށް ޚާއްޞަގޮތެއްގައި ސްކޫލް ހިންގެވުމުގައި އެހީތެރިވެވަޑައިގެން ޚިދްމަތް ކޮށްދެއްވާފައިވާކަން. އޭގެތެރެއިން ބައެއްބޭފުޅުންވެސް މިތާނގައި އެބަތިއްބެވި. އެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އާދެ، ހަމައެހެން، މިލިސްޓް އަޑުއިވުމުން އެނގޭ، މިސްކޫލަކީ ޙަޤިޤަތުގައިވެސް ކޮމިއުނިޓީގެ ފަރާތުން ހިންގާ ސްކޫލެއްކަން. ކޮމިއުނިޓީގެ ވަރަށްބޮޑު އެހީއެއް އޮވެގެން މިހާހިސާބަށް ގެނެވިފައިއޮތް ސްކޫލެއްކަން. އާދެ، މާފަންނުގައި ކަމުވޮށިވެގެންވާ އެންމެންހެން މިސްކޫލަށްވަނީ ކޮންމެވެސް ސިފައެއްގައި އެހީތެރިވެދީފައި. ވީމާ ޙަޤީޤަތުގައިވެސް މި ސްކޫލަކީ މިއީ މާފަންނުގެ ރައްޔިތުންގެ ސްކޫލެއް. އެހެންވީމާ، މި ސްކޫލުން ލިބިފައިވާ ހުރިހާފަޚުރަކާ ޝަރަފެއްގެވެސް ޙައްޤުވެރިންނަކީ އަޅުގަނޑު ދަންނަވާނީ މާފަންނުގެ ރައްޔިތުންނޭ.

އާދެ، މިހާރު މި ސްކޫލުގައި ވަރަށްގިނަ ޢަދަދެއްގެ ކުދިން ކިޔަވަމުން އެބަގެންދޭ. ގާތްގަނޑަކަށް 1800 ކުދިން މިސްކޫލްގައި ކިޔަވާ އެބަ އެކިސިފަސިފާގައި. މިހާރު ހަމަޖެހިފައިވާ ގޮތުން އަވަށު ސްކޫލްތަކުގައި ބޮޑަށް މިހިންގަނީ ޕްރީ ސްކޫލްގެ ކްލާސްތައް. އެހެންނަމަވެސް މި ސްކޫލްގައި ގްރޭޑް ކްލާސްތަކުގައިވެސް 285 ކުދިން ކިޔަވަމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އާދެ، އަވަށު ސްކޫލްތައް ހިންގުމުގެ ނިޒާމް ރޭވުނީ މީގެ ވަރަށް ކުރީދުވަސްވަރެއްގައި. އަޅުގަނޑަކަށް ހިއެއްނުވޭ، މިސްކޫލްތައް އުފެއްދުމަށްފަހުގައި ސްކޫލްތައް ހިންގުމުގެ އުޞޫލަށް މާބޮޑު ބަދަލެއް އައިސްފައިވާހެންނެއް. އެއީ، މިސްކޫލްތައް އުފެދުނީ އަޅުގަނޑު ތަޢްލީމީ ދާއިރާގައި އުޅުނު ދުވަސްވަރު. އޭރު މިއަވަށު ސްކޫލްތައް އުފެދިގެންއައީ. އައިއިރުގައި އެއޮތް އުޞޫލުތަކަށް އަދިވެސް މިއޮތީ. ސަރުކާރުން ކޮންމެވެސްވަރެއްގެ އެހީއެއް ކޮންމެއަހަރަކުވެސް ދެއްވާ. ސަރުކާރުން ކޮންމެވެސްވަރަކަށް ޓީޗަރުން ކޮންމެއަހަރަކުވެސް ދެއްވާ. އެހެންނަމަވެސް ސްކޫލް ހިންގުމުގެ ވަރަށްބޮޑު މަސްއޫލިއްޔަތަކާ ވަރަށްބޮޑު ޚަރަދުތަކެއް މިއޮންނަނީ އަވަށުގެ ރައްޔިތުންގެ އިސްތަށިފުޅުގައި އެޅިފައި. އަދި ޚާއްޞަގޮތެއްގައި، އަވަށުގެ ކޮމިޓީ މި ސްކޫލްތައް ހިންގުމުގައި ވަރަށްމުހިންމު ރޯލެއް އަދާކުރަންޖެހޭ. އަވަށުވެރިންނަށް ކުރިން، މިހާރު ދަންނަވަނީނަމަ ދެން މިހާރު ތިއްބަވާނީ، ކައުންސިލަރުންނާ އަވަށްކުރިއަރުވާ ކޮމިޓީގެ މެންބަރުން. މިބޭފުޅުންގެ ވަރަށްބޮޑު ހިތްވަރަކާ އެކީގައި މިސްކޫލްތައް ހިނގަމުން މިދަނީ.

ސްކޫލްގެ ހިންގުމުގެ އުޞޫލަށް ބަދަލެއް އަންނަން އެބަޖެހޭކަމަށް އަޅުގަނޑަށް މިހާރު އެބަވިސްނޭ. އެއީ، ދެންމެ ސްކޫލްގެ ރިޕޯޓުން އަޅުގަނޑުމެންނަށް އިވުނުފަދައިން، ވަރަށް އުނދަގޫ ގޮތަކަށް މިހާރު މި ސްކޫލްތައް ހިނގަމުން މިދަނީ. އެހެންވީމާ، އެނޫން އުޞޫލަކަށް ބަދަލުކުރުމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކޮށްފިން، މި ސްކޫލްގެ ވެރިންގެ ފަރާތްޕުޅުން އެހެން ތަޞައްވުރެއް ގެންގުޅުއްވާކަން. އެ ފޮޓޯ އަޅުގަނޑުމެންނަށް ދެންމެ ފެނިގެން ހިނގައްޖެ. އަޅުގަނޑުމެން މިހާރު މިދެކޭގޮތުގައި މި ސްކޫލްތައް ކުރިޔަށް ގެންދިޔުމުގައި އާ ޚިޔާލެއް އެބަ ގެންގުޅެންޖެހޭ. އޭގެތެރެއިން އެއް ޚިޔާލަކަށް ވެދާނެ، އަމިއްލަފަރާތްތަކާ ގުޅިގެން މި ސްކޫލްތައް ކުރިއެރުވުމަށް މަސައްކަތްކުރުވުން. ވިޔަފާރީގެ އުޞޫލުން ޖޮއިންޓް ޕާރޓްނަރޝިޕެއްގެ ގޮތުގައި ކުންފުނީގެ އުޞޫލުން ހިންގުމުގެ ޚިޔާލުވެސް އެއީ ނުގެންގުޅެންވީ ޚިޔާލެއްނޫން. އެހެންވީމާ، ތަފާތުގޮތަކަށް ވިސްނައިގެން މި ސްކޫލްތައް މުސްތަޤްބަލްގައި ބައްޓަންކޮށްގެން ކުރިޔަށްގެންދިއުމަށްޓަކައި އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުންވެސް އަޅުގަނޑުއެދެން، މިކަމަދޭތެރޭގައި ޚާއްޞަގޮތަކަށް ވިސްނާވަޑައިގަތުން. އެކަމުގައި އަވަށްތަކުގެ އަވަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާ މަޝްވަރާކުރައްވައިގެން އެކަން ކުރިޔަށް ގެންދެވުން.

އާދެ، ޕްރީސްކޫލް ހިންގުމަކީ އެއީ، ވަރަށްމުހިންމު ޚިދްމަތެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޕްރީސްކޫލް ފުރިހަމަކުރާ ކުދިންނަށް މަދްރަސީ ދައުރުގައި ކާމިޔާބުކުރަން ފަސޭހަވާނެ. ޕްރީސްކޫލް ފުރިހަމަކޮށްފައިވާ ކުދިންނަށް ޕްރައިމަރީ ސްކޫލްގައިވެސް އަދި ފަހުން ސެކެންޑަރީ ސްކޫލްގައިވެސް ކާމިޔާބުކުރަން ފަސޭހަވެގެންދާނެ، ޕްރީސްކޫލަށް ނުދާކުދިންނަށްވުރެ. މިއީ ވަރަށް ރަނގަޅަށް ތަޖުރިބާއިންނާއި އެކިއެކި ރިސާރޗްތަކުން މިހާރު ފެންނަންހުރި ކަމެއް. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ދުވާލަކު ދެގަޑިއެއްހާއިރު އެއީ ވަރަށްކުރު ވަގުތުކޮޅެއް. ޕްރީސްކޫލްގެ ތަޢްލީމު. ޕްރީސްކޫލް ތަޢްލީމުގެ މަޤްޞަދަކީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދިނުމެއް ނޫން. ޕްރީ ސްކޫލްގެ އެންމެމުހިންމު މަޤްޞަދަކީ އެއީ، ތަޢްލީމަށްޓަކައި ބިންގާ އަޅާދިނުން. އުނގެނުމުގެ ތަފާތު ގޮތްތައް ހުރޭ. އެއީ ހަމައެކަނީ ފޮތްކިޔުމުން ކުރާކަމެއްނޫން. ސްކޫލް ދައުރަށް ތައްޔާރުވުމަށްޓަކައި ކޮންމެ ކުއްޖެއްވެސް ތައްޔާރުކުރަންޖެހޭ ތަފާތު އެކިއެކި ގޮތްތައް ހުރޭ. އޭގެތެރޭގައި އެކުދިން ފަންނީގޮތުންނާއި އެކުދިންގެ އެކިއެކި ކުޅަދާނަކަން އެބަޖެހޭ ހޯދައިދޭން. އެދުވަސްވަރަކީ އެއީ އެކުދިންގެ ޓެލެންޓްތައް ޑިސްކަވަރކުރާ ދުވަސްވަރު. އެހެންވީމާ، އެކަމުގައި ޕްރީސްކޫލްގެ ޓީޗަރުން ވަރަށްމުހިންމު ރޯލެއް އަދާކުރޭ. ޙަޤީޤަތުގައި އެންމެ ތަޖްރިބާކާރު، އެންމެ ޤާބިލް ޓީޗަރުން ތިބެންވާނީ ޕްރީސްކޫލް ފެންވަރުގައި. އޭރުން ކުދިންގައި އެ އަޅަންޖެހޭ ބިންގާ އަޅުގަނޑުމެންނަށް އެޅޭނީ. އެހެންވީމާ، ޕްރީސްކޫލް ޓީޗަރުންނަށް ދެވޭ އަހަންމިއްޔަތުވެސް މިހާރަށްވުރެ އެބަ ބޮޑުވާންޖެހޭކަމަށް އަޅުގަނޑު ދެކެން.

އާދެ، ދެން މި ސްކޫލްގައި އެބަތިބި ގްރޭޑްގެ ފެންވަރުގެ ކުދިންވެސް. އެހެންވީމާ، އެކުދިންނާ މުޚާޠަބުކޮށް، އެކުދިންގެ ބެލެނިވެރިންނާ މުޚާޠަބުކޮށްވެސް އަޅުގަނޑު މިރޭ އެއްޗެއް ދަންނަވާލާނަން. އާދެ، ސްކޫލް ދައުރަކީ ހަމައެކަނި ކިޔެވުމުގެ ދައުރެއްނޫން. ސްކޫލް ދައުރަކީ އެއީ، ކުދިންގެ ހަށިގަނޑަށާއި ސިކުނޑިއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް. ހަށިގަނޑުގެ އަނަރޫފަކަމަށް ބަދަލުތަކެއް އަންނަ ދުވަސްވަރެއް. ގިނަކުދިން ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރު އަދި ކުދިންގެ ވިސްނުމަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް. ހަމައެހެން، ސްކޫލްގެ އެކިއެކި ފެންވަރަށް ބަދަލުވެގެންދާއިރުގައި، ތަފާތު އިންސްޓިޓިއުޝަންތަކަކަށް މިދެވެނީ. އެދިޔުމުގައި އާކުދިންނާ ބައްދަލުވެ، އާކްލާސްމޭޓުންނާ ރަށްޓެހިވެ، އާޓީޗަރުންނަށް ތަޢާރަފްވެ، އިޖްތިޢީގޮތުން ކުދިންނަށް ތަރައްޤީ ލިބޭ ދުވަސްވަރެއް. މީގެ ސަބަބުން، ކުދިން ބޮޑެތިވަމުން އަންނައިރުގައި އެއްކުއްޖަކު އަނެއްކުއްޖަކާ އަދި އެކުދިންގެ ބެލެނިވެރިންނާ މުޢާމަލާތުކުރުމަށްވެސް ސްކޫލް ދައުރުގައި ވަރަށްމުހިންމު ކަންތައްތަކެއް ދަސްވެގެންދޭ.

އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ، ބެލެނިވެރިން ފިޔަވައި އެހެން ބައިވަރު ކުދިންތަކަކާ މީހުންތަކަކާ ކުދިންނަށް މުޢާމަލާތުކުރުމުގެ ފުރްޞަތު ސްކޫލް ދައުރުގައި ލިބެމުންދާކަން. އަދި ކުދިންނަށް ބެލެނިވެރިންނާއެކީގައި ހޭދަކުރެވޭ ވަގުތުކޮޅު ކުޑަވެގެންދާނެ. އަދި މީގެސަބަބުން ނުކުންނަ ނަތީޖާތަކެއްވެސްހުރޭ. މިހާރު އަޅުގަނޑުމެންނަށް އެނގިފައިވާގޮތުގައި ބޮޑުވަމުންއަންނަ ކުއްޖަކަށް އެންމެބޮޑަށް ނުފޫޒު ފޯރުވާ ބަޔަކީ އެކުދިންގެ ބެލެނިވެރިންނެއްނޫން. އެންމެބޮޑު ނުފޫޒެއް ފޯރުވައިދޭ ބަޔަކީ އެކުދިންގެ ރަށްޓެހި އެހެންކުދިން. ކުދިން ބޮޑުވެގެން އަންނައިރުގައި އެކުދިންގެ ކުރިމަތީގައި އޮންނަ ރާސްތާއަކީ އެއީ ތެދު ރާސްތާއެއްނޫން. ގަހެއްފަދައިން އެކިއެކި ކަފި ފަޅާފައިހުންނަ ރާސްތާއެއް އެރާސްތާއަކީ. ނަމަވެސް، ކުއްޖާއަށް ދިމާވާ އެކިއެކި ތަޖްރިބާގެ ސަބަބުން އެމަގު ޚިޔާރުކުރޭ. އެކިއެކި މަގު. އެއިންކޮންމެ މަގެއް ޚިޔާރުކުރުމުގައިވެސް އޭގެސަބަބުން އެކުއްޖެއްގެ މުޅިޙަޔާތަށް އޭގެ އަސަރުތަކެއް ކުރާނެ. އެކަމަށް އެ ކޮންމަގެއްތޯ އެކުއްޖަކު ނަގާނީ، ޚިޔާރުކުރާނީ ވިސްނާއިރުގައި އެއަށް އަސަރުކުރާ ކިތަންމެ ކަންތައްތަކެއް ހުރޭ. އޭގެތެރޭގައި ގޭގައި މައިންބަފައިންނާ އެކީގައި ދިމާވާ ކަންކަންވެސް ހިމެނޭ. އަދި ހަމައެހެން، އެކުދިންގެ ރަޙްމަތްތެރި އެހެން ކުދިންނާއެކީގައި ދިމާވާ ކަންކަންވެސް ހިމެނޭ. މިއިން ކޮންމެކަމެއް ދިމާވެގެންނަމަވެސް ކޮންމެ ކުއްޖަކަށްވެސް އެ ނަގަންޖެހޭ ޑިޒީޝަންތައް ނަގައިގެން އެ ދާމަގެއް އެޚިޔާރުކުރަނީ ކޮންމެކުއްޖެއްވެސް އެއީހަމަ ވަރަށް ޚާއްޞަ، ވަރަށް ޔުނީކް ރާސްތާއެއް ކޮންމެކުއްޖަކުވެސް ނަގަމުން މިގެންދަނީ، މަދްރަސީ ދައުރުގައި. އަޅުގަނޑުމެން ބެލެނިވެރިން މިކަމަށް ވަރަށް ސަމާލުކަންދޭންޖެހޭ. އެއީ، މިއަދު އަޅުގަނޑުމެންގެ ކުދިންނަށް އެކި ބާވަތްބާވަތުގެ ނުފޫޒުތައް ސްކޫލްތެރޭގަޔާއި ސްކޫލުން ބޭރުގައި މިދަނީ ކުރިމަތިވަމުން.

ވީމާ، ކުދިންގެ ޙަޔާތުގެ ކަންކަން ދެނެގަތުމަކީ އެކުދިންނަށް ދިމާވާ ކަންކަމާ އެކުދިންގެ ޝުޢޫރުތަކާއި އިޙްސާސްތައް މައިންބަފައިން ދެނެގަތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އެކަން އެގޮތަށްވާނީ، ދަރިވަރުންނާއި ކުދިންނާ ކުދިންގެ މައިންބަފައިންނާ ދޭތެރޭގައި މުވާޞަލާތުގެ ދޮރު ހުޅުވިފައި އޮވެގެން. ދިމާވާ ކަމެއްގެ ސަބަބުން ދަރިފުޅާ ވާހަކަދެއްކުން ހުއްޓާލައިފިނަމަ، އެކަމުގެ ސަބަބުން ވަރަށްބޮޑު ނުރައްކާތެރި ކަންތައްތަކާ ކުރިމަތިވާނެ. އެއްވެސް ސިފައެއްގައި ކިތަންމެ ބޮޑުކަމެއް ދިމާވިނަމަވެސް ކުދިންނާއެކީގައި ވާހަކަދެއްކުން ހުއްޓާލައި އެކުދިން އެކަހެރިކޮށްލުމަކީ އެއީ، ކުދިންގެ މުސްތަޤްބަލަށް ދެވޭ ވަރަށްބޮޑު ގެއްލުމަކަށްވާނީ. ކޮންމެ ކުއްޖަކީވެސް އެއީ ކޮންމެވެސް ވަރެއްގެ ކުށެއް ދިރިއުޅުމުގައި ދިމާވާނެ، ކުރާނެ ކުއްޖެއް. އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތަށް ވިސްނިޔަސް، އަޅުގަނޑުމެންގެ އަމިއްލަ މަދްރަސީ ދައުރަށްވިސްނިޔަސް އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކޮންމެވެސް ކަހަލަ ލާނެތްކަމެއް، ވިޔާނުދާކަމެއް ކޮށްފައި ތިބިމީހުން. އެހެންވީމާ އަޅުގަނޑުމެންގެދަރިން އެފަދަކަމެއްކުރުމުން އެކުދިންނާ ދެތެރޭގައި ރުޅިވެރިކަން ބާއްވައި އެކުދިންނަށް ބޮޑެތި އަދަބުދީ، އެކުދިން އެކަހެރިކޮށްލުމަކީ އެއީ، ކޮށްގެންވާނެކަމެއްނޫން. މިދެންނެވި މުވަޞަލާތުގެ ރޮނގު، މުވާޞަލާތުގެމަގު އަބަދުވެސް ހުޅުވިފައިއޮވެގެން، ކުދިންނާއެކީގައި ވާހަކަދެކެވުން އެއީ، އަޅުގަނޑު ދެކޭގޮތުގައި ކުދިން ރަނގަޅު މަގެއްގައި ދެމެހެއްޓުމަށްޓަކައި މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ ބޮޑުއެއްކަންތައް.

އާދެ، އަޅުގަނޑުމެން މިއަދު އެންމެ އިސްކަންދޭ އެއްކަމަކީ ތަޢްލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރުން. އެކަމަށްޓަކައި މިހާރު ދާދި އިހަކަށްދުވަހަކު ތަޢްލިމުގެ މަންހަޖު އިޞްލާޙުކުރުމުގެ މަސައްކަތްތަކެއް ފެށިއްޖެ. މިދަނޑިވަޅަކީ މިއީ ތިޔަ ހުރިހާ ބޭފުޅުންގެވެސް ޚިޔާލުތައް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާ އެއްޗެއް މިކަމާދޭތެރޭގައި ފާޅުކުރަން އޮތް ވަގުތު.

ކުރިންދެންނެވިހެން، މަދަރުސާއަށް ދިއުމަކީ ހަމައެކަނި ކިޔެވުމެއްނޫން. ތަޢްލީމެއްގެ ބޭނުމަކީ ކޮންމެކުއްޖަކަށްވެސް ލިބިފައިވާ ޤާބިލުކަން އެންމެމަތީ ދަރަޖައަށް ފާޅުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުން. ކޮންމެކުއްޖެއްވެސް އެކުއްޖަކަށް ލިބިފައިވާ ވިސްނުންތެރިކަމާއި ޤާބިލްކަމާއި ކުޅަދާނަކަމާ، މިކަންކަން އެންމެ ފުރިހަމައަށް ނެރެދިނުން އެކަމަށްޓަކައި އެހީވެދިނުން. އެއީ، ތަޢްލީމުގެ މަޤްޞަދަކީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެކުރިން، މިސްކޫލަށް މިވޭތުވެދިޔަ 25 އަހަރުގެތެރޭގައި ޚިދްމަތް ކޮށްދެއްވި އެކިގޮތްގޮތުން ޚިދްމަތް ކޮށްދެއްވި، ހުރިހާ ފަރާތްތަކަކަށްވެސް އަމިއްލަ ނަފްސުގެ ފަރާތުންވެސް އަދި ސރުކާރުގެ ފަރާތުންވެސް އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ އެދުމަކީވެސް މާފަންނު ސްކޫލަށް ފާގަތި މުސްތަޤްބަލެއް އޮތުން. އަޅުގަނޑުގެ އެދުމަކީވެސް މި ސްކޫލަކީ ޤާބިލް ދަރިންތަކެއް ކިޔަވައިދީގެން ތަރްބިޔަތުކޮށްގެން ދިވެހި މުޖްތަމަޢަށް ނެރެދިނުން. މާތްﷲ މި ސްކޫލަށް ހެޔޮ މިންވަރު ކުރައްވާށި! އަދި މުސްތަޤްބަލްގައި މި ސްކޫލަކީ މިހާރަށްވުރެވެސް ރަނގަޅަށް ހިންގިގެން، ވަރުގަދަވެގެން، ރަނގަޅު އުޞޫތަކުގެ މައްޗަށް ބިނާވެގެން ކުރިޔަށްދާނެ ސްކޫލެއް ކަމުގައި ލައްވާށި!

والسّــلام عليــكم ورحمـةلله وبركا تـه.