އާދެ، މީގެ ދެމަހެއްހާދުވަސް ފަހުން ޑިސެމްބަރު މަހުގެތެރޭގައި އެބައޮވޭ، ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެބޮޑު މޫސުމާބެހޭ ޖަލްސާ، ކޯޕަންހޭގަން ސަމިޓު. އެޖަލްސާ އަންނަންވާއިރަށް މުޅިދުނިޔެ ތައްޔާރުވަމުން މިދަނީ. ދުނިޔޭގެ ޖައްވު ރައްކާތެރިކުރެވޭނެ ގޮތްގޮތަށް ވިސްނައި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ތައްޔާރުވަމުން މިދަނީ.

އެގޮތުން ވަރަށްގިނަ ޤައުމުތަކުގައި މި 350 ގެ ޖަމާޢަތުގެ ފަރާތުން އެކިއެކި ޙަރަކާތްތައް ރާވަމުން އެބަގެންދޭ. އެގޮތުން 350 ގެ އިސްބޭފުޅުން ރާއްޖެވެސް ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އަދި ރާއްޖޭގެ އެކިއެކި ޖަމާޢަތްތަކާ ޚާއްޞަކޮށް، ޑައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ، މިތާނގައި ވަޑައިގެން ތިއްބެވި އަދި މޫދު ކުޅިވަރުތަކާބެހޭ ޖަމްޢިއްޔާތަކާ އެހެނިހެންވެސް އަމިއްލަ ޖަމާޢަތްތަކާ ގުޅިވަޑައިގަންނަވައިގެން، ރާއްޖޭގައި މިޙަރަކާތްތައް މި ފަށްޓަވަނީ. ދެން، އެނގިވަޑައިގަންނަވާނެފަދައިން، އަންނަ 24 އޮކްޓޯބަރ ދުވަސް މިއީ، މި 350 މުޅިދުނިޔޭގައިވެސް ފާހަގަކުރާ ދުވަހަކީ. އެދުވަހު ރާއްޖޭގައިވެސް އަޅުގަނޑުމެންވަނީ ޙަރަކާތްތަކެއް ރާވާފައި. އެއީ މުޅިދުނިޔޭގެ ފެންވަރުގައި މޫސުމާބެހޭ ޙަރަކާތްތަކެއް ހިންގާ ދުވަސް ކަމުގައި ފާހަގަކުރެވިގެން ގޮސްފައި މިވަނީ.

އާދެ، 350ގެ ވާހަކަ މިދެކެވެނީ، 350އަކީ އެއީ، ޖައްވުގައި ކަރބަންޑައިއޮކްސައިޑް ހުންނަންޖެހޭ މިންވަރު، އެ މާބޮޑަށް ޖައްވު ނުބައިނުވެ، ދުނިޔެއަށް ގެއްލުން ނުލިބޭވަރަކަށް ޖައްވުގައި ކަރބަންޑައިއޮކްސައިޑް ހުންނަ އެންމެ މަތީފެންވަރަކީ އެއީ 350 ކަމަށް، ދުނިޔޭގެ ސައިންޓިސްޓުން ބުނާތީ. އެއަށްވުރެމައްޗަށް ނުގެންދިއުމަށްޓަކައި. އަދި ކޯޕަން ހޭގަންގައި މިއަންނަ ޑިސެމްބަރމަހު ބާއްވާ މަޝްވަރާތަކުގައިވެސް އެ 350ގެ އަދަދަކީ އެއީ މުޅިދުނިޔެ ގަބޫލުކުރާ އެއްޗަކަށް ހެދުމަށްޓަކައި، އެއަށްވުރެ ދަށުގައި ކާބަންޑަރ އޮކްސައިޑް އެމިޝަންސް ބެހެއްޓުމަށް އަޅުގަނޑުމެން އެންމެން މަސައްކަތްކުރަމުންދާތީ.

އާދެ، އެއްވެސް ބޭފުޅަކަށް އޮޅިވަޑައެއް ނުގަންނަވާނެ، މިހާރު ދުނިޔޭގައި ކަރބަންޑައިއޮކްސައިޑްގެ ފެންވަރު މިހިރީ ދުނިޔެއަށް ނުރައްކާތެރި ދަރަޖައަކަށް މައްޗަށްގޮސްފައި. އިންޑަސްޓްރިއަލް ރިވޮލިއުޝަންގެ ކުރިން ދުނިޔޭގައި އެ ހުރީ ގާތްގަނޑަކަށް 280، 90 މިފެންވަރުގައި، މިއަދަދަށް. އެހެންނަމަވެސް، މިހާރު 370، 87 އާ ހަމައަށް މިއޮތީ ކަރބަންޑައިއޮކްސައިޑްގެ ފެންވަރު މައްޗަށް ގޮސްފައި. މި އަދަދު 350 އަށް ތިރިކުރުމަކީ އެއީ ދުނިޔޭގެ މޫސުމަށް މިއަންނަ ބަދަލުތައް، ޚާއްޞަކޮށް ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު ބޮޑުވުމާ މިކަންކަން ހުއްޓުވުމަށްޓަކައި، މިކަންކަމަށް ޙައްލެއް ގެނައުމަށްޓަކައި ކޮންމެހެން މިހާރު ބޭނުންވެފައިވާ ކަމެއް. ދެން އެކަމަށްޓަކައި މުޅިދުނިޔެ އަތުގުޅާލައިގެން ޙަރަކާތްތައް ހިންގާއިރުގައި، ދިވެހިރާއްޖެވެސް މިވަނީ އެކަމަށް އަތުކުރި އޮޅާލާފައި. އެހެންވީމާ، އެކަމަށްޓަކައި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ޖަމާޢަތްތަކަށް، ޚާއްޞަކޮށް، ޑައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ މިތަނަށް ވަޑައިގެން ދެން ތިއްބެވި އެހެން ޖަމްޢިއްޔާތަކަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އެދެން، އެހެނިހެން އަމިއްލަ ޖަމާޢަތްތަކުންވެސް މިކަމުގައި ވަރަށްބޮޑަށް ބައިވެރިވެވަޑައިގެން ދެއްވާނެކަމަށް.

އާދެ، އަޅުގަނޑުމެން މިހާރު ރާވާފައިހުރި ކަންތައްތަކުގެ ތެރޭގައި އެބަހުރި ވަރަށްބޮޑެތި ކަންތައްތައް. އޭގެތެރޭގައި 350 ޑައިވަރުން އެދުވަހު ޑައިވްކުރުން އެކީގައި. އެމަންޒަރު އަޅުގަނޑުމެން ދުނިޔޭގެ އެކިއެކި ކަންކޮޅުގައި ދައްކާނަން. އަދި ދެންމެ އިވިވަޑައިގެން ފަދައިން، އ.ދގެ ބޭރުގައިވެސް މިދެންނެވި ކަހަލަ ހުރިހާ ޙަރަކާތްތަކެއްގެ މަންޒަރުތައް އެދުވަހު ދެއްކެމުންދާނެ. ދެން މީގެއިތުރުން، މިހާރު އެނގިވަޑައިގަންނަވާނެފަދައިން، ދިވެހިރާއްޖޭގައި ޚާއްޞަގޮތެއްގައި، ރައީސުލްޖުމްހޫރިއްގެ އިސްނެންގެވުމުގެ ދަށުން މިހާރު ކެބިނެޓުން ނިންމަވާފައިވަނީ، ކެބިނެޓުގެ ޖަލްސާއެއް، މޫދުއަޑީގައި ބާއްވާގޮތަށް، އޭގެކުރިން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު މިދަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ އެކަންވެސް މާލަހެއްނުވެ އަޅުގަނޑުމެން މިކެމްޕޭނުގެ ބައެއްގެގޮތުގައި ހަމަޖެހޭނެ.

މީގެއިތުރުން، ތިޔަހުރިހާ ބޭފުޅުން އެހެނިހެން ޙަރަކާތްތައްވެސް ރާއްވަވަމުން ގެންދަވާކަން އަޅުގަނޑަށް އެނގިފައި އެބަވޭ. އެހެންވީމާ، އެހުރިހާ ޙަރަކާތްތަކެއް ގެންދަވާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެ މިއީ މިކަމުގެ ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް އޮތުން.

މި ނިމޭ ހަފްތާގެ ތެރޭގައި، އެނގިވަޑައިގަންނަވާނެފަދައިން، ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކްގައި މިކްލައިމެޓް ހަފްތާގެގޮތުގައި ފާހަގަކުރެވިގެންދާ ހަފްތާއަކަށްވާތީ، ވަރަށްގިނަ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން އެބަގެންދަވާ. އަދި އެމަނިކުފާނު ކްލައިމެޓް ސަމިޓުގައި ތަޤްރީރު ކުރެއްވި. އެ ތަޤްރީރު މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ޓީ.ވީގެ ޒަރީޢާއިންވާނީ ފެނިވަޑައިގެންފައި. އެ ޙަރަކާތްތަކުގެ ތެރޭގައި ނިއުޔޯކްގައި ދުނިޔޭގެ ތިމާވެށްޓާބެހޭގޮތުން މަސައްކަތްކުރައްވަމުންގެންދަވާ ހުރިހާ ލީޑަރުންގެތެރެއިން އެންމެ އިސްކޮށް ތިއްބެވި ލީޑަރުންނާވެސް ރައީސުލްޖުމްހޫރިއްޔާއާ އަދި ދިވެހިރާއްޖޭގެ ވަފުދު ބައްދަލުކުރައްވައި، އެކިއެކި މަޝްވަރާތައް ކުރައްވަމުން ގެންދަވާފައިވޭ.

އެހެންވީމާ، މިހާރު މިފެށިގެންމިދާ ކަންތައްތައް ދެން ވަރަށްހަލުވި ބާރު މިނެއްގައި މިކުރިއަށްއޮތް ދެމަސްދުވަހުގެތެރޭގައި ކުރިއަށްދާނެ. ގޮސް ވަރަށް އަވަހަށް އޮކްޓޯބަރ މަހުގެތެރޭގައި އަޅުގަނޑުމެން މިހާރު މިރާވާ ކަންތައްތައް އެއީ 350 ކެމްޕޭންގެ ކްލައިމެކްސްއާ ހަމައަށްދާނެ. ދެން އޭގެފަހުންވެސް ބައިވަރު ހަރަކާތްތައް މިހާރު ރޭވިފައި އެބަހުރި ޑިސެމްބަރާ ހަމައަށް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، ތިޔަ ހުރިހާ ބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެގޮތުން އިރާދަކުރެއްވިއްޔާ މިކޯޕަންހޭގަން ސަމިޓަކީ އެއީ، އަޅުގަނޑުމެންނަށް އެއްބަސްވެވޭ މިންގަނޑުތަކެއް ފާހަގަކުރެވިގެން އެ މިންގަނޑުތަކާއެއްގޮތަށް އެއްބަސްވުން ހަމަޖެހިގެންދާނެކަމަށް.

އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރުދަންނަވަން. ތިޔަ ކޮށްދެއްވާ މިންނެތް މަސައްކަތަށް. ރާއްޖޭގެ ސަލާމަތަށްޓަކައި، ދުނިޔޭގެ ޖައްވުގެ ސަލާމަތަށްޓަކައި. ވަރަށްބޮޑަށް ޝުކުރިއްޔާ!

والسّــلام عليــكم.