އުނގެނުމަށް އަމުރުކުރެއްވި اللـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަން. އުނގަންނައި ދެއްވުމުގެ އެންމެ ރިވެތި ނަމޫނާ ދެއްކެވި مُحَمَّـد رســول اللّـه صـلّى اللّـه علـيـه وسـلّم އަށް، ޞަލަވާތާއި ސަލާމް ލެއްވުންއެދެން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުޞްޠަފާ ލުޠްފީ، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު އިޞްލާޙު ކުރުމަށްޓަކައި ބާއްވާ މި މުހިންމު މަހާސިންތާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޢިއްޒަތްތެރި ވެރިންނަށް ޝުކުރު ދަންނަވަން.

މަންހަޖުގެ މިހާރުގެ ހާލަތާއި މަންހަޖު ބަދަލުކުރަންޖެހޭ ސަބަބުތައް

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި އެއް އުސޫލަކުން ކިޔަވައިދިނުމަށްޓަކައި މުޤައްރަރެއް އެކުލަވާލެވިގެން އެންމެ ފުރަތަމަ ޢާންމު ކުރެވުނީ 1980 ވަނަ އަހަރު. އޭރު ނެރުއްވީ ދިވެހިރާއްޖޭގެ 5 އަހަރުގެ ޕްރައިމަރީ ތަޢުލީމުގެ މުޤައްރަރު. އޭގެފަހުން 1984 ވަނަ އަހަރު ފަށާތަޢުލީމާއި މެދުމަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖެއް އިޢްލާނުވެގެންދިޔަ. މިވޭތުވެދިޔަ 25 އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ބޭނުން ކުރަމުންމިދާ މަންހަޖުގެ ދަށުން ކިޔަވައިދޭ މާއްދާގެ މުޤައްރަރުތަކަށް އެކި މިންވަރުގެ ބަދަލު ގެނެވިފައިވީ ނަމަވެސް މުޅި މަންހަޖު މުރާޖަޢާކޮށް އިޞްލާހު ކުރުމުގެ މަސައްކަތް އަދި އޮތީ ނުކުރެވި.

ތިޔަ އެންމެހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ދުނިޔެއަށާއި ދިވެހި ރާއްޖެއަށް މިވަނީ ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައި. 25 އަހަރަކީ މުހިންމު މުއްދަތެއް. އެއީ، މީހެއްގެ އުމުރުގައި ކިޔެވުމުގެ ދައުރު ފުރިހަމަކޮށް، ދުނިޔެއަށް ނުކުމެ އަމިއްލަ ދިރިއުޅުމަށް ކުރިމަތިލާން ބޭނުންވާ މުއްދަތު.

މިހާރު މި ބޭނުންކުރާ ޤައުމީ މަންހަޖަކީ 25 އަހަރު ކުރިން އުފެއްދި އެއްޗަކަށްވީހިނދު، މީގެ 25 އަހަރުގެ ކުރިއާއި މިހާރާ އަޅާބަލާއިރު ދުނިޔެއާއި ދިވެހި ޤައުމަށް އައިސްފައިވާ ބައެއް މުހިންމު ބަދަލުތަކަށް ވިސްނުން ބަހައްޓަންޖެހޭ.

މިގޮތުން އެންމެބޮޑު ކުރިއެރުމެއް އައިސްފައިވަނީ ޓެކްނޮލޮޖީގެ ރޮނގުން ކަމަށް ތިޔަބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެ. މިސާލަކަށް ދަންނަވަނީނަމަ، 25 އަހަރު ކުރިން އަވަހަށް ފޮނުވަންޖެހޭ މެސެޖުތައް އަޅުގަނޑުމެން ފޮނުވާ އުޅުނީ ޓެލެކްސް އާއި ފެކްސް ބޭނުން ކޮށްގެން. ޓެލެކްސްއަކީ ކޮންއެއްޗެއްކަންވެސް ގިނަކުދިންނަށް މިއަދު ނޭނގޭނެ. އާދެ، މިއަދު އެއާ ޚިލާފަށް ކޮންމެ މީހަކަށްވެސް، އެމީހެއްގެ ފޯނުން ޓެކްސްޓް މެސެޖާއި ފޮޓޯފަދަ ތަކެތި ފޮނުވޭ. އަދި 1991 ވަނަ އަހަރު ވާރލްޑް ވައިޑް ވެބް އުފެދުމާ ގުޅިގެން، މިހާރު އޮތް މަންހަޖު އުފެއްދިއިރު ހިތަށްވެސް ނުގެނެވޭފަދަ ބޮޑު ބަދަލުތަކެއް މަޢުލޫމާތު ފެތުރުމާއި މަޢުލޫމާތު ހޯދުމުގެ ރޮނގުގައި އައިސްފައިވޭ.

އާދެ، ސައެންސްގެ އެހެނިހެން ރޮނގުރޮނގުން ބެލިކަމުގައިވީ ނަމަވެސް އައިސްފައިވާ ބޮޑެތި ބަދަލުތަކަކީ، އަލަށް ތަޢުލީމީ ނިޒާމެއް ރާވާ ބަޔަކު ކޮންމެހެން ވިސްނަންޖެހޭ ކަންކަން. މީގެ ތެރޭގައި ޞިއްޙީ ރޮނގު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ. ދިރޭއެއްޗެއް 1996 ވަނަ އަހަރު ފުރަތަމަ ކްލޯން ކުރިކުރުމަކީ ދުނިޔޭގެ ތާރީޚުގައި ފާހަގަކުރެވޭ ކަމެއް. އަދި 2000 ވަނަ އަހަރު އިންސާނެއްގެ ހަށިގަނޑުގައި ހިމެނޭ ހުރިހާ ޖީންތައް ފާހަގަކުރެވި ޗާޓުކުރެވިފައިވޭ. މީގެ ސަބަބުން ޞިއްޙަތާއި ޞިއްޙީ ތަޢްލީމަށް ލިބެންހުރި ކުރިއެރުންތައް މުސްތަޤްބަލުގައި ވަރަށް ބޮޑަށް ބަދަލުވެގެން ދާނެކަމާމެދު އެއްވެސް ޝައްކެއްނެތް.

ދުނިޔެއާއި ރާއްޖޭގެ އާބާދީއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން އަޅުގަނޑުމެން ދަންނަންއެބަޖެހޭ. މިހާރު އަޅުގަނޑުމެން މިއުފައްދާ އައު މަންހަޖުގެ ދަށުން ކިޔަވައިގެން ބޮޑުވާކުދިން މަސައްކަތުގެ ދުނިޔެއަށް ނުކުންނައިރު ދުނިޔޭގެ އާބާދީ އޮންނާނީ މީގެ 25 އަހަރުގެ ކުރިއާ އަޅާބަލާއިރު ޑަބަލްވެފައި. އަދި ހަމައެހެން، ރާއްޖޭގެ އާބާދީވެސް އޭރުއޮތް ދެލައްކައެއްހާ މީހުންގެ ބަދަލުގައި ހަތަރުލައްކަ މީހުންނަށް ބަދަލުވެފައި. އަދި ރާއްޖޭގައި މީގެ 25 އަހަރުފަހުން ދިރިއުޅޭނެކަމަށް ލަފާކުރެވޭ ގާތްގަޑަކަށް މިލިއަނެއްހާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވާހަކަ ދައްކާނީ ދިވެހި ބަހާއި އިނގިރޭސިބަސް ފިޔަވައި އެހެން ބަސްބަހުން.

މިއަދުގެ ޙާލަތަށް ވިސްނިކަމުގައި ވީނަމަވެސް، ކުރިއާއަޅާ ބަލާއިރު ރާއްޖެއަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އަޅުގަޑުމެންގެ ޤާނޫނުއަސާސީ މިވަނީ ބަދަލުވެފައި. ޑިމޮކްރަސީ މިވަނީ ތަޢާރުފު ކުރެވިފައި. ދައުލަތް ހިންގުމުގެ ތިންބާރު ވަނީ ވަކިކުރެވިފައި. އެބާރުތައް ހިންގުމުގެ ނިޒާމަށް މިވަނީ ބަދަލުތަކެއް އައިސްފައި. ދިވެހި ކޮންމެ ފަރުދެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. ޑިމޮކްރެސީގެ ވެރިކަމެއްގައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ވާޖިބުތަކެއްވޭ، ޤަބޫލު ކުރަންޖެހޭ ކަންތައްތަކެއްވޭ. އެކަންކަމަކީ މަދްރަސީ ދައުރުން ފަށައިގެން ދަސްކުރަންޖެހޭ ކަންތައްތަކެއް. ޑިމޮކްރަސީގެ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތަކަކީ ކޮންމެ މީހަކުވެސް ދަސްކޮށް އިހްތިރާމް ކުރަންޖެހޭ ކަންތައްތަކެއް.

21 ވަނަ ޤަރުނުގެ ތަޢުލީމެއްގެ ބިންގާ އަޅާއިރު، ދިވެހިރާއްޖޭގައި ކުރިން ނުވިސްނާ ކިތަންމެ ކަމެއްވަނީ ވިސްނަންޖެހިފައި. އެގޮތުން ފާހަގަކުރަންޖެހޭ ބައެއް ކަންތައްތައް އަޅުގަނޑު ދަންނަވާލާނަން:

ފުރަތަމަ ކަމަކީ، ރާއްޖޭގެ ތިމާވެށްޓާބެހޭގޮތުން އިތުރު ހޭލުންތެރިކަމެއް އުފެއްދުމާއި ދެމިހުންނަނިވި ތަރައްޤީއަށް މަސައްކަތްކުރުން. އޭގެތެރޭގައި، އާ ބާވަތްބާވަތުގެ ހަކަތަ ބޭނުންކޮށްގެން ދިވެހިންގެ ދިރިއުޅުމުގައި ބޭނުންކުރުން ހިމެނޭ. އަދި ބޭކާރުކުރާ ކުނިފަދަ ތަކެތި ބޭނުންތެރި އެއްޗިއްސަށް ބަދަލުކުރަންޖެހޭ. އަދި ހަމައެހެން، ލޮނުފެން، ބޯފެނަށް ބަދަލުކުރެވޭނެ މިހާރަށްވުރެ ފަސޭހަ އަގުހެޔޮ ގޮތްތައް ހޯދަންޖެހޭ.

އާދެ، ދެވަނަ ކަމަކީ، އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަ ވަމުން ދިޔުން. އަދަދު ގިނަވަމުން ދިޔަދިޔަހެން، ފުރިހަމަ ޞިއްޙަތެއްގައި ގިނަ ދުވަހު ދިރިއުޅުމުގެ ފަސޭހަކަން ހޯދުމަށް ތައްޔާރުވާން އެބަޖެހޭ.

ދެން އަދި ހަމަ އެންމެ މުހިންމު ކަމަކީ، ޤައުމަށް ކުރިމަތިވަމުން އަންނަ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމުގެ ޤާބިލްކަން މި ޤައުމުގެ ކޮންމެ ދަރިއަކުގައިވެސް އުފެއްދުން. އޭގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުން. އަދި ހަމައެހެން، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ޓެރަރިޒަމުން ސަލާމަތްވުން. އޭގެއިތުރުން، ޖައްވު ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތައް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި ހަމައެހެން، ފަހަކަށްއައިސް ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާ، ޚާއްޞަކޮށް، އެޗް.އައި.ވީ- އެއިޑްސްގެ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތްކުރަންޖެހޭނެ.

ކުރުކޮށް ދަންނަވަނީނަމަ، ދިވެހި ދަރިންނަކީ ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ޙާލަތު ދެނެގަނެ، ދިވެހިރާއްޖެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން ސަލާމަތްވެވޭ ދަރިންތަކަކަށް ވާންޖެހޭ. ދިވެހި ދަރިންނަކީ، މީގެ 25 އަހަރުފަހުން އަންނަން އޮތް މުސްތަޤްބަލަށް ތައްޔާރުވެފައިވާ ދަރިންތަކަކަށް ވާންޖެހޭނެ.

ގޮތްނޭނގޭ މުސްތަޤްބަލަކަށް އައު ޖީލެއް އުފައްދައި، ނެރުމުގެ ޒިންމާ އަޅުގަނޑުމެންނާ މިވަނީ ޙަވާލުވެފައި. އެހެންވުމުން ކުރިމަގުގެ ޖީލުގެ ކަންކަމާ ހަވާލުވާން ތިބި ދިވެހި ދަރިންނަށް ދެވޭ ތަޢުލީމު ރަނގަޅު ގޮތުގައި ރާވައި ބައްޓަންކުރުން އެއީ، މުހިންމު ކަމެއް.

ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއި، ރާއްޖެއަށް އައިސްފައިވާ ދުސްތޫރީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި މުވާޞަލާތު ކުރުމާއި ޓެކްނޮލޮޖީގެ ބޮޑެތި ބަދަލުތަކާއެކު މިހާރު ކިޔަވައިދޭ މަންހަޖު ބަދަލުކުރަންވެއްޖެ ކަމަށް އަޅުގަޑުމެން ގަބޫލުކޮށް، މި ސަރުކާރުންވަނީ އެކަން ކުރުމަށް ކަނޑައަޅާފައި. ދުނިޔެއާއި ދިވެހި މުޖުތަމަޢަށް އައިސްފައި މިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ވަރަށް ބޮޑު އިޞްލާޙުތަކެއް މަންހަޖަށް އެބަ އަންނަންޖެހޭ ކަމަށް އަޅުގަނޑު ދެކެން.

އަލި އަޅުވާލާ މުހިންމު 2 ނުކުތާ

އާދެ، ޤައުމީ މަންހަޖު މުރާޖަޢާކޮށް އިޞްލާޙު ކުރުމަށް ބޭނުންވާ މަޝްވަރާ ހޯއްދެވުމަށް މިއަދު މި ފަށްޓަވާ މަހާސިންތާގައި މައިގަނޑު ދެ ކަމަކަށް އަޅުގަނޑު އަލިއަޅުވާލާނަން. ފުރަތަމަ ތަޢުލީމުގެ މަޤްޞަދުތަކާ ދޭތެރޭ އަލިއަޅުވާލާނަން. ދެން ތަޢުލީމުގެ މަޤްޞަދުތައް ތަންފީޒުކުރުމާ ދޭތެރޭގައި.

ތަޢުލީމުގެ މަޤްޞަދު

ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނާއި މި މަހާސިންތާގެ ބައިވެރިން.

ތަޢުލީމު ދިނުމުގެ މައިގަނޑު މަޤްޞަދަކީ ކޮންމެކުއްޖަކަށްވެސް އެކުއްޖެއްގެ ޠަބީޢަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ވިސްނުމުގެ ރޮނގުންނާއި ޢިލްމީ ރޮނގުންނާއި، ޖިސްމާނީ ރޮނގުންނާއި، ރޫޙާނީ ގޮތުން ކުރިއަށް ގެންގޮސްދިނުން. ރަނގަޅު ސިފަތައް އަށަގެންފައިވާ ހުނަރުވެރި، ޤައުމަށް ބޭނުން ހިފޭ ހަރުދަނާ ޖީލެއް ބިނާކުރުން. އެހެންވުމުން، ތަޢުލީމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ދަރިވަރުންގެ ވިސްނުމާއި، ހުނަރުތައް ކުރިއަރުވާ، ދުޅަހެޔޮ ޞިއްޙަތަކަށް ބައްޓަންކޮށް، އަދި އެކުދިންގެ ޢަޤީދާ ވަރުގަދަކޮށް، އެކުވެރިކަމާއެކު އެކަކު އަނެކަކަށް އިޙުތިރާމުކޮށް މުޖުތަމަޢުގައި އުޅެން ދަސްކޮށް ދޭންޖެހޭ. އަދި ހަމައެއާއެކު އާދަކާދައާއި ޘަޤާފަތް، އަންނަން އޮތް ޖީލުތަކަށް ގެންގޮސް ދޭންވެސް ދަސްކޮށްދޭންޖެހޭ.

ތަޢުލީމުގެ މަޤްޞަދުތަކާ ދޭތެރޭ ވިސްނާއިރު، ތަޢުލީމު ދިނުމާއި ތަމްރީނު ދިނުމުގެ ތަފާތު ދެނެގަތުމަކީ މުހިންމު ކަމެއް. ތަޢުލީމަކީ ފަރުދުންގެ ޝަޚްޞިއްޔަތު ބިނާކޮށް ފުރިހަމަ ކޮށްދޭ އެއްޗެއް. ނަމަވެސް ތަމްރީނަކީ ވަކި މަސައްކަތެއްގެ ހުނަރު އުނގަންނައިދިނުން. ތަޢުލީމުދޭއިރު ތަމްރީނުތަކެއްވެސް ލިބެންޖެހޭ. އަދި ހަމަ އެހެންމެ، ވަކިކަމަކަށް ތަމްރީނު ކުރެވޭއިރު، ޝަޚްޞިއްޔަތު ބިނާކުރުމުގެ ބައިތަކެއްވެސް ހިމެނުމަކީ މުހިންމުކަމެއް.

ފުރިހަމަ ތަޢުލީމެއް ލިބިފައިވާ މީހަކީ، ޢިލްމު އުނގެނުމުގެ އިތުރުން ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ އަޚްލާޤު ހުރި، މުޖުތަމަޢުގައި އުޅެން އެނގޭ މީހަކަށް ވާންޖެހޭނެ. އެފަދަ ތަޢުލީމެއްދިނުމަށްޓަކައި ހެދޭ މަންހަޖަކީ ކިޔަވާކުއްޖާއަށާއި ޤައުމަށް ފައިދާކުރާނެ ސިފަތަކެއް އެކުލެވިފައިވާ މަންހަޖަކަށް ވާންޖެހޭނެ.

ތަޢުލީމުގެ މަޤްޞަދުގެ ސިފަތައް

ތަޢުލީމަކީ މުޖްތަމަޢުގެ އަސާސީ ސިފަތަކާއި ވެލިއުތައް ދަމަހައްޓައިދީ، މި ސިފަތަކާއި ވެލިއުތައް އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދޭ އެއްޗެއް. އެހެންކަމުން، ތަޢުލީމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ އަމިއްލަ ފަރުދުން ކުރިއެރުވުމާއި، ޤައުމުގެ ޘަޤާފަތް ހިމާޔަތް ކޮށްދިނުމާއި، އަންނަން އޮތް ޖީލުތަކަށް ނަޤުލު ކޮށްދިނުން.

އިންސާނާއަކީ އަމިއްލަ ފަރުދެއް، އަދި މުޖްތަމަޢުގެ މެންބަރެއް. އެހެންވުމުން، މުޖުތަމަޢުގެ މެންބަރެއްގެ ޒިންމާއިން ވަކިވެ، އެކަހެރިވެގެން އުޅޭނެ ކަމަކަށް ބެލިގެންނުވާނެ. އިޖްތިމާޢީ ކޮންޓްރޯލުން މުޅިން ވަކިވެފައިވާ ފަރުދީ މިނިވަންކަމަކީ އޮންނަ އެއްޗެއް ނޫން. ހަމަ އެހެންމެ، އިންސާނުންގެ ކުޅަދާނަކަމާއި އުފެއްދުންތެރިކަމުގައި އޮބިއަޅައި ހިފަހައްޓާ އިޖްތިމާޢީގޮތުން ކޮންޓްރޯލް ކުރުމަކީވެސް، އިންސާނީ ޙައްޤުތަކާ ޚިލާފުކަމެއް.

ޢިލްމާއި ހުނަރުވެރިކަން އަދި ރަނގަޅު އިޖްތިމާޢީ ސިފަތަކާއި އަޚްލާޤު އެއީ، ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭ ކުރިއެރުމެއް. މި ދެންނެވި ފަރުދީ ކުރިއެރުމާއެކު ޘަޤާފަތް ނަޤުލު ކޮށްދިނީމާ، ކޮންމެ ކުއްޖަކުވެސް ހުންނާނީ ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެގެން.

ދިވެހިރާއްޖެއަށް ބޭނުންވަނީ، މިނިވަން ޤައުމެއްގެ ގޮތުގައި އޮވެ، ދުނިޔޭގެ އެހެން ޤައުމުތަކާވެސް ގުޅިގެން އުޅޭނެ މުސްލިމު ދިވެހި ރައްޔިތެއް. ޒަމާންތަކެއް ކުރިން ދިވެހިން ވަނީ މާތްވެގެންވާ އިސްލާމްދީން އިޚްތިޔާރުކޮށްފައި. އެ ދީނުގެ ޙިމާޔަތުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެން ޤާނޫނުއަސާސީގައިވަނީ ކަނޑައަޅާފައި. ވުމާއެކު އަޅުގަނޑުމެންދޭ ތަޢުލީމުން އިސްލާމްދީނުގެ އަޤީދާ ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައި ބިންވަޅު ނަގަންޖެހޭ. ދިވެހިންނަކީ ޚާއްޞަ ސިފަތަކެއް ލިބިގެންތިބި ދިވެހިވަންތަ ޘަޤާފަތަކާއި ތާރީޚެއް އޮތް ބައެއް. ވީމާ، އަޅުގަޑުމެން ދޭ ތަޢުލީމުގައި އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތަށް ރިޢާޔަތް ކުރަންޖެހޭ.

ރާއްޖޭގައި ދެވޭ ތަޢުލީމަކީ ޑިމޮކްރަސީ ހަރުދަނާކޮށްދޭ އަދި ޤާނޫނާ ގަވާއިދަށް ބޯލަބަން ދަސްކޮށްދޭ ތަޢުލީމަކަށް ވާންޖެހޭ. ޑިމޮކްރަސީއަކީ ކޮބައިކަމާ ޑިމޮކްރަސީއެއްގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކަކީ ކޮބައިކަން ދަސްކޮށްދޭންޖެހޭ. އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް އެންމެންނަށްވެސް ތަޢުލީމު ޙާޞިލްކުރުމުގައި ހަމަހަމަ ފުރުސަތުތައް ލިބިދޭންޖެހޭ.

އާދެ، ރާއްޖޭގައި ދެވޭ ތަޢުލީމަކީ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވާ ތަޢުލީމަކަށް ވާންޖެހޭ. ހަލުވިކަމާއެކު ބަދަލުވަމުންދާ އާ ހޯދުންތަކުން އުނގަންނައިދިނުމުގެ ކަންކަމަށް އިންޤިލާބީ ބަދަލަތަކެއްދަނީ އަންނަމުން.

ދިވެހިންނަކީ ޤަދީމީ ޒަމާނުއްސުރެ މަސައްކަތްތެރި ބައެއް. އެހެންނަމަވެސް، ހިތާމަޔާއެކު ދަންނަވަން ޖެހެނީ، މިޤައުމުގެ މަސައްކަތު އާބާދީގެ ބޮޑުބައެއް މަސައްކަތްތެރިކަމާ ދުރުހެލިވެ، ވަޒީފާއަށް ފުރަގަސްދީފައިވާކަން. ޚާއްޞަކޮށް ފާހަގަކުރަންޖެހޭ، ރާއްޖޭގެ ގިނަ އަދަދެއްގެ އަންހެނުން ވަޒީފާތަކުން މަޙްރޫމް ކުރެވިފައިވާކަން. މިހެންވާންޖެހުނު ސަބަބެއްކަމުގައިވެދާނެ ރާއްޖެއާ ނުގުޅޭ ކަންތައްތައްވެސް ތަޢުލީމުގެ ތެރެއަށް ވަނުން. މިއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ގޮތެއް ނޫން. އެހެންކަމުން މަސައްކަތްތެރިކަމަށް އަހުލުވެރިކޮށް ރައްޓެހިކުރުވުމަކީ، ތަޢުލީމުގެ މަޤްޞަދަކަށް ވާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން.

އާދެ، މަންހަޖު އިޞްލާޙު ކުރާއިރު ވިސްނަންޖެހެނީ ގިނަ މަޢުލޫމާތުތަކުން މަންހަޖު ފުރާލުމެއްނޫން. ނަމަވެސް، ވިސްނުންތެރިކަމާއެކު ކޮންމެހެން ބޭނުންވާ މަޢުލޫމާތާއި ހުނަރާއި އަދި އަބަދަށްވެސް ބޭނުން ހިފޭނެ ރިވެތި ސިފަތަކާއި ހުނަރުތައް ހިމެނުން. މީގެތެރޭގައި، އަޅުގަނޑު ފާހަގަކޮށްލާނީ މުވާޞަލާތު ކުރުމުގެ މަޢުލޫމާތާއި ހުނަރު، ލިޔެކިޔުމާއި ވާހަކަދެއްކުމުގެ ހުނަރު، އެއްޗެހި ދަސްކުރުމުގެ ހުނަރު، އަދި ކަންކަމާ ދޭތެރޭ ފުންކޮށް ވިސްނުމުގެ ހުނަރު އަށަގަންނުވަން. މަންހަޖު ލާޒިމް ކުރަންވާނީ އެންމެންވެސް ގަބޫލުކުރާ އަދި އަގު ކުރާނެ ސިފަތަކެއް. މިސާލަކަށް: ދަސްކުރުމަށް ޝައުޤުވެރިކުރުމާއި ހިތްވަރުގަދަކުރުން، އަޅާލުމާއި އޯގާތެރިވުން، ތެދުވެރިވުމާއި ވަފާތެރިވުން، މުރާލިކަމާއި ކަންކަން ކުރަން ކެރުން، އަދި ޖަމާޢަތަށާއި ނަފްސަށް އަބަދުވެސް ފައިދާ ކުރާނެ ސިފަތައް.

ތަޢުލީމުގެ މަޤްޞަދު ތަންފީޒު ކުރުން

ދެން އަޅުގަނޑު އަލިއަޅުވާލާނެ ދެވަނަ ނުކުތާއަކީ ތައުލީމުގެ މަޤްޞަދުތައް ތަންފީޒު ކުރުން. ގިނަ ޤައުމުތަކުގެ ތަޢުލީމުގެ މަޤުޞަދުތައް މާތްވެފައި ފުރިހަމަކަން ފާހަގަކުރެވޭ. އެ މަޤްޞަދުތައް ވަރަށް ފުރިހަމަ އަދި ރަނގަޅަށް ވިސްނާލާއިރު ދުވަހަކުވެސް ބާ ނުވާނެ ފަދަ ފަށުވި ޢިބާރާތްތަކުން ލިޔެވިފައިހުރި މަޤްޞަދުތައް އެބަހުރި. މިކަމަށް އެންމެ ރަނގަޅު މިސާލަކަށްވާނީ ވޭތުވެދިޔަ 25 އަހަރު އަޅުގަނޑުމެންގެ ރާއްޖޭގައި ބޭނުންކުރި ތަޢުލީމުގެ މަޤްޞަދު. އެ މަޤްޞަދުގައިވަނީ، "އިސްލާމީ ދިވެހި މުޖްތަމަޢުއެއްގައި ބައިވެރިއެއްގެ ގޮތުންނާއި ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ އާއިލާއަށާއި ތިމާގެ ރަށަށާއި ތިމާގެ ޤައުމަށް ފައިދާ ކުރުވަނިވި ހަރުދަނާ މީހަކަށްވުމުގެ ޤާބިލިއްޔަތު ލިބިދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީ ބައިތައް ތަރައްޤީކޮށް ހާނާ ތަރުބިއްޔަތުކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބި ދިނުމެވެ."

ފުރިހަމަ ކަމުގެ ކޮޅެއްވެސް ނެތް. ނަމަވެސް މިހާ ފުރިހަމަ މަޤްޞަދެއް އޮވެމެ، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބިގެން މިދަނީ ކިހިނެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތް.

ތަޢުލީމީ މަޤްޞަދު ފުރިހަމައަށް ޙާޞިލުނުވެ، ތަޢުލީމީ ނިޒާމުން ބޭރުވަނީ ކަންބޮޑުވާހާ ގިނަ ކުދިން. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މާޔޫސްވެފައިވަނީ ހިތާމަކުރާހާ ގިނަ ޒުވާނުން. ކުށްކުރާ ކުޑަކުދިންނާއި ޒުވާނުންވެސް އުފެދެނީ މި ދެންނެވި މަޤްޞަދުގައި މަދަރުސާތައް ހިންގަހިންގާހުއްޓާ. މޮޅުނަތީޖާހޯދާ މަދު ކުދިން ނޫޅެއެކޭ ނުދަންނަވަން. ނަމަވެސް، ގިނަކުދިންނަކީ ދިވެހި މުޖުތަމަޢަށް ބޭނުންވާ ފެންވަރަށް ތަޢުލީމުގެ މަޤްޞަދުތައް ޙާޞިލު ނުކުރެވޭ ކުދިން. ވީމާ، ތަޢުލީމުގެ މަޤްޞަދު ކަނޑައެޅުމަށްވުރެ ވަކިން މުހިންމުކަން ކުޑަ ކަމެއް ނޫން، މި މަޤްޞަދުތައް ޙާޞިލްވާ ގޮތަށް މަންހަޖު އެކުލަވާލައިގެން ހިންގުން.

ވަކިން ބޮޑަށް ފާހަގަކޮށްލަން ޖެހެނީ މަންހަޖު ތަންފީޒު ކުރުމުގެ އެންމެ މުހިންމު ރޯލް ކުޅޭނެ މުދައްރިސުން. މުދައްރިސުން ތަމްރީނު ކުރުމުގައި ވަރަށް ހެޔޮ ބަދަލުތަކެއް، ސްކޫލް މަންހަޖަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އަންނަންވާނެކަމަށް ދަންނަވަން.

ކިޔަވައިދިނުމުގެ ތެރެއިން ކުދިންނަށް ލިބިދެވޭ މަޢުލޫމާތާއި އަށަގެންނުވޭ ރަނގަޅު ސިފަތަކަށް ބަލާއިރު ހަމަހަމަނުވާ މައްސަލަތައް އެބަހުރި. ދަރިވަރުންނަށް މަޢުލޫމާތު ލިބިދިނުމުގަޔާއި ތަރުބިއްޔަތު ކުރުމުގައި އެކި ކުދިންނަށް އެކި ގޮތަށް ކަންތައްކުރެވޭ ގޮތް ގިނަފަހަރަށް ދިމާވޭ. މަދްރަސީ ދައުރަކީ، ރަނގަޅު ދައުރަކަށް ހެދުމަށް މުދައްރިސުން ކުރަންޖެހޭ މަސައްކަތްތައް ގިނަގުނަ. އަދި ހަމައެއާއެކު ކުދިންގެ ބެލެނިވެރިން މުދައްރިސުންނާ މުޢާމަލާތުކޮށް، ކުދިންގެ ކިޔެވުމުގެ ކަންތައް ރަނގަޅު ކުރުމަށް އެހީތެރިވެދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް.

މިއިން އަޅުގަޑުމެން ލިބެންޖެހޭ އެއް ފިލާވަޅަކީ، ސްކޫލު ކުދިންގެ މަންހަޖު އިޞްލާޙު ކުރުމާއެކުއެކީގައި ސްކޫލްތަކުގެ ޓީޗަރުން ތަމްރީނު ކުރުމުގެ މުޤައްރަރުވެސް އެބަ އިޞްލާޙުވާންޖެހޭކަން. އަދި ހަމައެހެން، ކުދިންގެ ބެލެނިވެރިންނާއި މައިންބަފައިންގެ ވާޖިބުތައްވެސް ސްކޫލްތަކުގައި ފުޅާކުރަން ޖެހިފައިވާކަން.

ނިންމުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ޤައުމީ މަންހަޖު މުރާޖަޢާކޮށް، އިޞްލާޙު ކުރުމުގެ މި މުހިންމު އަދި ބޮޑު މަސައްކަތާ ކުރިމަތިލައްވާ ކަމަށްޓަކައި، އަޅުގަނޑު މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް ޝުކުރު ދަންނަވަން. މި މަސައްކަތަކީ ވަރަށް މުހިންމު އަދި ބޮޑު މަސައްކަތެއް. މިކަމުގައި ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމަށް އަޅުގަޑު ހިތްވަރުދެން. މި މަސައްކަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެބަ ބައިވެރިވެވަޑައިގަންނަވާކަން އަޅުގަނޑު ފާހަގަކުރަން. ތިޔަ ހުރިހާ ބޭފުޅުންގެ މުއްސަދި ޚިޔާލުފުޅުތަކާއެކީ ކުރިއަށް އޮތް ދެދުވަހު ވަރަށް އެދެވޭ ނަތީޖާއެއް ނެރެދެއްވާނެކަމަށް އަޅުގަޑު ޔަޤީން ކުރަން.

ރާއްޖޭގެ ތަޢުލީމީ މަންހަޖު މުރާޖަޢާކޮށް، އިޞްލާޙު ކުރުމުގެ މަހާސިންތާގައި ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅަކީ ވަރަށް އަގުހުރި މަސައްކަތްޕުޅަކަށްވާނެ. އަޅުގަނޑު ޔަޤީން ކުރަނީ ތިޔަބޭފުޅުންގެ ހިއްސާއަކީ ވަރަށް ތާރީޚީ އަދި ތިޔަބޭފުޅުންވެސް ފަޚުރުވެރިވެވަޑައިގަންނަވާނެ މަސައްކަތްޕުޅަކަށް ވާނެކަމަށް. އަޅުގަނޑުގެ އިލްތިމާސްއަކީ މީގެ 25 އަހަރުފަހުން ރާއްޖޭގައި އުޅެން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ނަމޫނާ ދިވެއްސެއްގެ ތަޞައްވުރުގެ މައްޗަށް ބިނާކުރައްވައިގެން އަލަށް ހައްދަވާ މަންހަޖު ހެއްދެވުން. އަޅުގަނޑު ޔަޤީން ކުރަން، ތިޔަބޭފުޅުން ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް. އެކަމަށްޓަކައި ޝުކުރު ދަންނަވަން. ޤައުމީ މަންހަޖު މުރާޖަޢާކޮށް، އިޞްލާޙު ކުރުމުގެ މަހާސިންތާ އިފްތިތާޙްކޮށްދިނުމުގެ ޝަރަފް، މާތްﷲ ގެ ޙަޟުރަތުން ވާގިއެދިހުރެ ލިބިގަންނަން. އަޅުގަނޑު އެދެނީ، މި މަހާސިންތާއަށް ކާމިޔާބީ. އަދި ރާއްޖޭގެ ތަޢުލީމަށް ބާއްޖަވެރި ފަހި މުސްތަޤްބަލެއް.

والســّلام عليــكم ورحـمــة اللّـه وبركاته.

__________________