السّــلام عليــكم

އާދެ، މިރޭ މިއުފާވެރި މުނާސަބަތަށް ދަޢުވަތު ދެއްވިކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް މިޖަމްޢިއްޔާ އުފެއްދުމަށްޓަކައި ޢަލީ މުޢާޒާއި ޢިޞްމަތު ފާއިޒު މިކުރައްވާ ހިތްވަރުގަދަ މަސައްކަތަށްޓަކައި، އެބޭފުޅުންނަށް މަރުޙަބާއާއި މުބާރަކްބާދު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

އަޅުގަނޑަކީ، މެޑިކަލް ޑޮކްޓަރެއް ނޫން. އެހެންނަމަވެސް، ދެންމެ ޑޮކްޓަރ ޝިމްޕްރަކާސް (ދެއްވި މަޢްލޫމާތުން) ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް މި ހިތުގެ ބަލީގެ ތުއްތު ކުދިންނަށް ސަރޖަރީ ދިނުމާބެހޭގޮތުން ކަންތައްތައް އޮޅުން ފިލައިގެން ހިނގައްޖެ. ތޭންކް ޔޫ ފޮރ ޔުއަރ ޕްރެޒެންޓޭޝަން. ދެން މިކަހަލަ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ލިބިދިނުމަކީ، އަޅުގަނޑަށް އެނގިފައިވާގޮތުގައި މިޖަމްޢިއްޔާގެ އެއް މަސައްކަތް. އެހެންވީމާ، މިއީ ވަރަށް ފުރިހަމަ ވަރަށް ކުލަގަދަ ފެށުމެއް ކަމުގައި އަޅުގަނޑުދެކެން.

އާދެ، އަލަށް އުފަންވާ ތުއްތު ކުއްޖެއްގައި މިފަދަ ބޮޑު ހިތާމަވެރި ބައްޔެއް ހުރުމަކީ އެއީ، ވަރަށް އަސަރުގަދަ ކަމެއް. އޭގެ ސަބަބުން ބެލެނިވެރިންނަށް ވަރަށްބޮޑެތި ހިތާމައާއި އަދި ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމެއް. އެހެންވީމާ، އެފަދަ ޙާލަތެއްގައި އެހީތެރިވެދޭނެ ފަރާތެއް ހުރުމަކީ އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމުކަމެއް. އެގޮތުން އެހީވެދޭ މީހުންނަކީ އެއީ، ވަރަށްބޮޑު ޚިދްމަތެއް ކޮށްދޭ ބައެއް. ވީމާ، އަޅުގަނޑުގެ ވަރަށްވެސް ބޮޑު އުފަލަކާއި ޝަރަފެއް، މިރޭ ޓައިނީ ހަރޓްސް އޮފް މޯލްޑިވްސް އިފްތިތާޙު ކޮށްދިނުމަކީ.

އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔައީ، މީގެ ސަރޖަރީގެ ހުރި ކޮމްޕްލެކްސިޓީއާ މިކަމުގައި ދިމާވާ ކަންތައްތަކުގެ ވާހަކަ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިގޮތުން ޖެންޓަލް ހިތުގެބަލި ހުންނަ ކުދިންނަށް، ވަރަށްގިނަ ޢަދަދެއްގެ ކުދިންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ސާރޖަރީ ހަދަން އެބަޖެހޭ. ސާރޖަރީ ހެދުމަކީ އެއީ ފަސޭހަކަމެއްނޫން. ވަރަށް ޚަރަދުބޮޑު ކަމެއްވެސްމެ. އެހެންނަމަވެސް އޭގެ ކުރިންވެސް އަދި ކުރެވޭ ކިތަންމެ ކަންތައްތަކެއް އެބަހުރޭ. ޖެންޓަލް ހަރޓް ޑިޒީޒް ހުންނަ ބައެއް ކުދިންނަކީ އެއީ، ސާރޖަރީއާ ހަމައަށް ނުގޮސް ބޮޑެތިވާ ކުދިންވެސް އޭގެތެރޭގައި އެބަތިބި. އެހެންނަމަވެސް، އެ ދޭންޖެހޭ ފަރުވާ އެކިވަރުވަރުން ލިބެންހުރެގެން، އެ އެހީތެރިކަން އޮވެގެން، އެކުދިންނަށް ފުރިހަމަ ޞިއްޙަތެއްގައި ބޮޑުވެވޭނީ.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ ހަމައެކަނި ސަރޖަރީއަކަށްނޫން. އަޅުގަނޑުމެން އެބަވިސްނަންޖެހޭ، އެބާވަތުގެ ބަލިތައް ހުންނަ، ނުވަތަ ޖެންޓަލް އެކިއެކި ބަލިތައް ހުންނަ ކުދިންނަށް އެކި ފެންވަރުގައި ދެވޭ ފަރުވާއާ ބެހޭގޮތުން. އެގޮތުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، އަޅުގަނޑަކީ މެޑިކަލް ޑޮކްޓަރެއްނޫނޭ ދެންނެވިން. އެހެންނަމަވެސް، ކޮންމެވެސްވަރަކަށް ތުއްތު ކުދިން ތަރުބިޔަތުކުރުމާއި ބޮޑެތިކުރުމާ ބެހޭގޮތުން އަޅުގަނޑު ޔުނިސެފްގައި އުޅުނުއިރު ކުޑަކޮށް މަޢުލޫމާތު ލިބިފައި ހުރުމާއެކީގައި. އަޅުގަނޑަށް އެނގިފައި އޮންނަނީ، ހަމަ އެންމެ ފުރަތަމަ ބަލިވެއިނުމާ ހިސާބުންވެސް އަޅުގަނޑުމެން އެބަޖެހޭ ތުއްތު ކުދިންގެ ޞިއްޙަތާ ދޭތެރޭގައި ވިސްނަން. އަދި އޭގެކުރިންވެސް އެންމެފުރަތަމަ ކުއްޖަކު ހޯދުމަށްޓަކައި ޕްލޭންކުރާ ހިސާބުންވެސް އެބަޖެހޭ އެކަމާ ދޭތެރޭގައި ވިސްނަން. އެހެންވީމާ، މައިންނަށް ލިބެންޖެހޭ ނިއުޓްރިޝަނާއި ލިބެންޖެހޭ އެހީތެރިކަން އެއީ، ވަރަށް މުހިންމު ކަމެއް. ބަލިވެއިނުމަށްފަހުގައިވެސް ޑޮކްޓަރެއްގެ ބެލުމުގެދަށުން ޕްރެގްނެންސީގެ ކަންތައް ކުރިޔަށް ގެންދިއުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ކުއްޖާ ފުރިހަމަ ޞިއްހަތެއްގައި ބޮޑުވެ މިދުނިޔެއަށް ގެނައުމަށްޓަކައި. އެހެންވީމާ، އެގޮތުން ޢާއިލާގެ ފަރާތުންނާ އަދި ޞިއްޙީ ފަރުވާދޭ ފަރާތްތަކުންވެސް މިކަމުގައި އެހީތެރިކަން އެބަ އޮންނަންޖެހޭ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއަދު އަދިވެސް ދިވެހިރާއްޖޭގައި ހަމަ ގިނަބައެއް އެބައުޅޭ، އެނީޑިކް މީހުން. ޚާއްޞަކޮށް، ޒުވާން އަންހެންކުދިން އެބަތިބި ވަރަށްގިނަ އަދަދެއްގެ ނިއުޓްރިޝަން މައްސަލަތައް ހުރި ކުދިން. އޭގެ އަސަރު ކޮންމެވެސްވަރަކަށް ނުކޮށެއް ނުހުންނާނެ. މީހަކާ އިނދެގެން ކުއްޖަކު ހޯދުމަށްޓަކައި މަސައްކަތްކުރާއިރު، އެ ޕްރެގްނެންސީގެ ތެރޭގައި އޭގެއަސަރު ކުރުމަކީ އެކަށީގެންވާކަމެއް. އަދި ހަމައެހެން، ޕްރެގްނެންސީގެ ތެރޭގައި އެކި ބާވަތްބާވަތުގެ ބޭސް ބޭނުންކުރުންވެސް އަދި ވިސްނަންޖެހޭކަމެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ ޑޮކްޓަރެއްގެ ބެލުމުގެދަށުން ޕްރެގްނެންސީ ކުރިޔަށްގެންދިއުމަކީ އެއީ ވަރަށްމުހިންމުކަމެކޭ.

އާދެ، އެގޮތުން މައިންބަފައިންނަށް ލިބެންޖެހޭ މަޢުލޫމާތު، ޢާއިލާއަށް ލިބެންޖެހޭ މަޢްލޫމާތު ދާއިމީގޮތެއްގައި ލިބެން އެބަ ހުންނަންޖެހޭ. އެއީ ހަމައެކަނި އަޅުގަނޑުމެން ހިންގާލާ ކެމްޕޭނެއް ހިންގާލުމަށްފަހުގައި ނިމިގެންދާ އެއްޗަކަށްނުވެ، ދެމިހުންނަނިވި ގޮތެއްގައި ޢާއިލާތަކަށް އެމަޢުލޫމާތު ލިބޭނެ އިންތިޒާމު ހޮސްޕިޓަލުންނާ، ޞިއްޙީ މަރަކަޒުތަކުންނާ، އަދި އަޅުގަނޑު ދަންނަވާނީ ޒުވާނުންގެ މަރްކަޒުތަކުންވެސް ލިބެން ހުރުމަކީ އެއީ މުހިންމުކަމެކޭ.

އާދެ، ދެންމެ އެ އިވިވަޑައިގަތް ފަދައިން، މިފަދަ ސާރޖަރީއެއް ހެދުމަކީ އެއީ، ފުދޭވަރެއްގެ ޚަރަދު އެކަމަށްޓަކައި ކުރަންޖެހޭކަމެއް. އަޅުގަނޑުމެންގެ އާމްދަނީ މިހާރު ހުންނަގޮތުން ގިނަ ޢާއިލާތަކަކީ އެއީ، މިވަރުގެ ބޮޑުޚަރަދެއް ކުރެވޭވަރުގެ ބައެއްވެސްނޫން. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. ދެން މިހާރު އެނގިވަޑައިގަންނަވާނެފަދައިން، މިބާވަތުގެ ބޮޑެތި ކަންތަކާ ކުރިމަތިވެދާނެކަމަށްޓަކައި އަޅުގަނޑުމެން ކުރާކަމަކީ އިންޝުއަރެންސް ހޯދުން. އެހެންވީމާ، ސަރުކާރުގެފަރާތުން މިހާރު ހެލްތް އިންޝުއަރެންސް ސްކީމެއް އުފައްދަވައި، މިވަނީ ޢާންމުކޮށް ހުޅުވާލެވިފައި. ޢާންމުކޮށް ހުރިހާ އެންމެންނަށްވެސް މި ހެލްތް ސްކީމްގައި "މަދަނަ" ޕްރޮގްރާމުގައި ބައިވެރިވެވޭނެ ދޮރު މިހާރު މިއޮތީ ހުޅުވިފައި. އަޅުގަނޑުގެ އިލްތިމާސަކީ، މި މަދަނަ ޕްރޮގްރާމުގައި ބައިވެރިވާ އަންހެނުންނަށް، ޚާއްޞަކޮށް އެ އަންހެނުން ބަލިވެ އިނދެ ވިހައިގެން އަލަށް ލިބޭ ކުދިންނަށްވެސް މަދަނައިގެ ޕްރޮގްރާމުގެ ދަށުގައި ކަވަރޭޖް ދިނުން. އެހެންވީމާ، ވަކިމުއްދަތަކަށް އެ ކަވަރޭޖް އޮންނާނެގޮތަކަށް ހަމަޖެއްސުމަކީ، މިމަދަނަ ޕްރޮގްރާމް ހަމަޖެއްސުމަކީ އެއީ، މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. ޑޮކްޓަރ އާމިނަތު ޖަމީލް، މިނިސްޓަރއޮފް ހެލްތާއި އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަމުގައި މަސައްކަތްކޮށްދޭނަން. އަލަށް އުފަންވާ ކުދިންނަކީވެސް އެއީ މަދަނަ ޕްރޮގްރާމްގައި ބައިވެރިވެވޭ ކުދިންކަމުގައި ހެދުމަށް.

އާދެ، މަދަނަ ޕްރޮގްރާމުގެ ވާހަކަ ދައްކާއިރުގައި ދަންނަވަންޖެހޭ ވާހަކައަކީ، މިއީ އަދި މުޅިންއާ ޕްރޮގްރާމެއް ކަމުގައި ނުވިނަމަވެސް މިހާރު މަދަނަ ޕްރޮގްރާމު މިދަނީ ފުޅާވަމުން، އާކަންތައްތައް އޭގެތެރޭގައި ހިމެނެމުން. މީގެކުރިޔަކު ނޯވޭ، މަދަނަ ޕްރޮގްރާމުގައި ބައިވެރިވެގެން ރާއްޖެއިން ބޭރުން ފަރުވާލިބޭނެ ގޮތެއްވެސް. އަދި އެޕްރޮގްރާމުގައި މީގެކުރިން ބައިވެރިވެވެން އޮންނަނީވެސް ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް. ނަމަވެސް މިހާރު އެވަނީ އޭގެދާއިރާ ފުޅާވެ، ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭގޮތްވެ، އަދި ހަމައެހެން ރާއްޖެއިން ބޭރުގައިވެސް ފަރުވާ ލިބޭނެ ފުރްޞަތު މަދަނަ ޕްރޮގްރާމުގެ ތެރެއިން ހުޅުވާލެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ ދާދިއަވަހަށް މަދަނަ ޕްރޮގްރާމް ފުރިހަމަވެ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހެލްތް އިންޝުއަރެންސް ފުރިހަމަވެގެންދާނެކަމަށް. އަޅުގަނޑު އެދެން، ވީހާވެސް ގިނަބަޔަކު މަދަނަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުން.

އާދެ، ދެން އަޅުގަނޑުގެ ވާހަކަ ދިގުނުކޮށް އަދިވެސް އެއްފަހަރު އަޅުގަނޑު މި ޖަމްޢިއްޔާ އުފައްދަވާ ފައުންޑިންގ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރާއި މުބާރަކްބާދު ދަންނަވަން. އަދި ހަމައެއާއެކުގައި، ﷲ ގެ އިސްމުފުޅާއެކު މިޖަމްޢިއްޔާ، "ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް" އިފްތިތާޙު ކުރަން. އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ ހިތްވަރަށް ވަރަށްބޮޑަށް ތާރީފްކޮށް ޝުކުރު ދަންނަވަން. އަޅުގަނޑަށް މިފުރްޞަތު ދެއްވިކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރިއްޔާ.

والسّــلام عليــكم.