بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ، މިބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން. އަދި އެއަށްފަހު، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މިރޭ ﷲ ގެ އިސްމުފުޅުން، ޖަސްޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އިފްތިތާޙު ކުރުން.

އާދެ، ޢަދްލުއިންސާފު ޤާއިމުކުރުމާ ބެހޭގޮތުން، ވަރަށްގިނަވާހަކަ، ވަރަށްގިނަ ބޭފުޅުން ދައްކަވައިފި. އެހެންވީމާ، އެކަމާބެހޭގޮތުން މާދިގުކޮށް އަޅުގަނޑަށް ހީވަނީ ދެން ވާހަކަދެއްކުމުގެ ބޭނުމެއްނެތްހެން. ވަގުތު ސަލާމަތް ކުރުމުގެގޮތުން. އެހެންނަމަވެސް، އަޅުގަނޑު ވަރަށް ކުރުކޮށް ދެތިން އެއްޗެއް ދަންނަވާނަން، ބޮޑަށް ސިޔާސީ ނަޒަރަކުން.

އާދެ، ކޮންމެ މުޖްތަމަޢެއްގައިވެސް، ކޮންމެ ކޮމިއުނިޓީއެއްގައިވެސް، އަޅުގަނޑުމެން މިއުޅެނީ ވަކިކަހަލަ މަފްހޫމެއް އެދިގެން. އަޅުގަނޑުމެން ވަކިކަހަލަ އުންމީދުތަކެއް ކޮށްގެން. އަދި އަޅުގަނޑުމެން އެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ނެތްކަމުގައިވި ނަމަވެސް ދިވެހި މުޖްތަމަޢުގައިވެސް މީހުން ދިރިއުޅެން ފެށީއްސުރެ ކުރާ އުންމީދުތަކެއް އޮވޭ. އެ އުންމީދުތަކަކީ އެއީ، އަޅުގަނޑުމެން ދިރިއުޅޭތަނަކީ އެއީ، ސަލާމަތްކަން އޮތް، އަމަންއަމާންކަން އޮތް، އަދި އޅުގަނޑުމެންގެ ޙައްޤުތައް ރައްކާތެރި ވެފައިއޮތް ތަނަކަށްވުން. އަދި ހަމައެހެން، ނިކަމެތިކަމާ، ފަޤީރުކަމާ، ބަލިމަޑުކަމާ، މިކަންކަމުން ސަލާމަތްވެވޭނެ ގޮތްތަކެއް ރޭވިފައިއޮތް ތަނަކަށްވުން. މިކަހަލަ ކަންތައްތަކެއް އުންމީދުކޮށްގެން، އަޅުގަނޑުމެން މުޖްތަމަޢުގައި މިއުޅެނީ. އެކަންކަން ފަހިކޮށްދިނުމުގެ މަސްއޫލިއްޔަތު އެޅިފައި މިއޮންނަނީ މުޖްތަމަޢުގައި. މުޖްތަމަޢުގެ ފަރާތުން އެކަންކުރަންތިބޭ ބަޔަކީ ވެރިކަމާ ޙަވާލުވެތިބޭ ބަޔެއް.

އެގޮތުން ޢަދްލުއިންސާފު ޤާއިމުކުރުމުގައި، ޢަދްލުވެރި މުޖްތަމަޢެއް އުފެއްދުމުގައި އެމަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ހަމައެކަނީ ޤާނޫނު ތަންފީޒުކުރާ ފަރާތެއް ނޫން. އެކަމުގެ މަސްއޫލިއްޔަތު ވަރަށްގިނަ ފަރާތްތަކެއްގެ ބޮލުގައި އެޅިފައިވޭ. މިދެންނެވި އެއްބަސްވުމަށް ޕޮލިޓިކަލް ސައެންސްވެރިން ކިޔަނީ، " ސޯޝަލް ކޮންޓްރެކްޓް". ދެން މިކޮންޓްރެކްޓް އެކި ސިފަސިފާގައި މިހުންނަނީ. ފަހަކަށްއައިސް، މިގޮތަށް އަޅުގަނޑުމެންނަށް ކުރެވިފައިއޮތް ކޮންޓްރެކްޓެއްކަމަށް އަޅުގަނޑުދެކެނީ، ދިވެހިރާއްޖޭގެ މިއަދުގެ އާ ޤާނޫނުއަސާސީ.

އެގޮތުން ޤާނޫނުއަސާސީގައި އަޅުގަނޑުމެންނަށް ލިބިދޭ އަސާސީ ޙައްޤުތަކެއް އެބަހުރި. އެ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި މަސައްކަތްކުރުމަކީ އެއީ ދައުލަތުގެ ވާޖިބެއް. ސަރުކާރުގެ ވާޖިބެއް. ރައްޔިތުންގެ މަޖިލިސްގެ ވާޖިބެއް. އަދި ހަމައެހެން، ކޯޓުތަކުގެވެސް ވާޖިބެއް. ވީމާ، އެކަންކަން ފަހިކޮށް ދިނުމަށްޓަކައި، އެހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްކުރަން މިއަދު އެބަޖެހޭ.

އާދެ، ޢަދްލުވެރި މުޖްތަމަޢެއްގައި، އެމުޖްތަމަޢުގައި އުޅޭމީހުން އުންމީދުކުރާ ކަންތަކުގެ ތެރޭގައި ހިމެނޭ. މިސާލަކަށް ދަންނަވަނީނަމަ، ޟަރޫރީގޮތުން ބޭނުންވާކަންތައްތައް. އެއީ، ޞިއްޙީ ފަރުވާކަމުގައިވީނަމަވެސް، ކާބޯތަކެތި ކަމުގައިވީނަމަވެސް އަތްފޯރާފަށުގައި ލިބެން ހުރުން. އެގޮތުން އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވިއިރު އަޅުގަނޑުމެން ކޮށްފައިވާ ވަޢުދުތަކެއް އެބަހުރި. އެވަޢދުތައް ފުއްދުމަށްޓަކައި ސަރުކާރުން މިހާރު ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި، ޢަދްލު އިންޞާފާ ގުޅިފައިވާ ކިތަންމެ ޙައްޤުތަކެއް އެބަހުރި.

އާދެ، ދިވެހިރައްޔިތުންގެ މުދަލަކީ އެއީ، ހުރިހާއެންމެންނަށްވެސް އޭގެ ޙައްޤު އޮންނަ އެއްޗެއް. އެ މުދަލުން ފައިދާ ހޯދުމުގެ ފުރްޞަތު ހުރިހާ އެންމެންނަށްވެސް ހަމަހަމަގޮތެއްގައި ހުޅުވިފައި ހުންނަންވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ދިރިއުޅޭ މުޖްތަމަޢަކީ އެއީ، ޕަރފެކްޓް މުޖްތަމަޢެއް ނޫން. އެހެންވީމާ، ޤާނޫނީގޮތުންނާއި ޝަރްޢީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއްހުރޭ، ހުރިހާ އެންމެންނަށް ޢަދްލުވެރި ގޮތުގައި ކަންކަން ފަހިކޮށްދިނުމަށް. ވީމާ، އެ ރައްޔިތުންގެ މުދަލުން އެންމެބޮޑަށް ފައިދާ ލިބޭ މީސްމީހުން ޖެހޭނީ، ފައިދާ ނުލިބޭ ނިކަމެތިންނަށް އެހީތެރިވާން. އެއީ ޢަދްލުވެރި މުޖްތަމަޢަކީ.

އެގޮތުން ދައުލަތުގެ ފަރާތުން، ޓެކްސް ނެގުމާއި ރައްޔިތުންނަށް އެކިކަންކަމުގައި އެހީ ފޯރުކޮށްދިނުން ބިނާވެފައި މިއޮންނަނީ. މިހާރު އަޅުގަނޑުމެން ސަރުކާރާ ޙަވާލުވުމާ ގުޅިގެން، ވަރަށްބޮޑެތި ބަދަލުތަކެއް ޤައުމުގެ އިޤްތިޞާދީ ސިޔާސަތަށް އަންނަމުން މިދަނީ. އޭގެ އަސާސެއް ކަމުގައި އަޅުގަނޑުމެން ބަލަނީ، މިދެންނެވި ޢަދްލުއިންޞާފު. އެގޮތުން މިއަދު މިހާރު ތިޔަބޭފުޅުންނަށް އިވިވަޑައިގަންނަވާނެ، އެކިގޮތްގޮތުން ނިކަމެތި ކަމަށް ފާހަގަކުރެވޭ މީސްމީހުންނަށް، ދައުލަތުގެފަރާތުން އެހީދެއްވުމުގެ ޕްރޮގްރާމްތައް ރާއްވަވަމުން ގެންދަވާ ވާހަކަ. އާދެ، ކުޑަކުޑަ މިސާލެއް ދަންނަވަނީނަމަ، ހަނޑުލުގެ އަގުގެވާހަކަ ވަނީ ރައީސުލްޖުމްހޫރިއްޔާ މީގެ ކުޑަދުވަސްކޮޅެއް ކުރިން ދައްކަވާފައި. މިހާރު ހަނޑުލަކީ އެއީ ހުރިހާ އެންމެންނަށްވެސް ސަރުކާރުގެ ސަބްސިޑީ ދެވިގެން ލިބޭއެއްޗެއް. އެއީ ކިތަންމެ މުއްސަ ނދި މީހަކަސް ކިތަންމެ ފަޤީރު މީހަކަސް. ވީމާ، ދައުލަތުގެ ފަރާތުން އެދެއްވާ ސަބްސިޑީޒް ހުރިހާ އެންމެންނަށް އެއް ސިފައެއްގައި ހަމަހަމަކޮށް ދެއްވުމަކުންނެއް އަދި ޢަދްލު އިންސާފު ޤާއިމުކުރެވޭކަމަކަށް އަޅުގަނޑުމެންނަކަށް ބެލޭކަށްނެތް. ބޮޑަށް ނިކަމެތީންނަށް، ބޮޑަށް އެހީއަށް ބޭނުންވާ މީހުނަށް ދައުލަތުގެ އެހީ ބޮޑަށް ލިބޭނެގޮތަކަށް އެސިޔާސަތު ބިނާވެގެން ދިއުމަކީ އެއީ މުހިންމުކަމެއް.

އާދެ، އެގޮތުން ކުރިޔަށްއޮތް ދުވަސްތަކުގެތެރޭގައި ވަރަށްބޮޑެތި ސިޔާސީ ބަދަލުތަކެއް އަންނަމުންދާނެ. އިޤްތިޞާދީ ބަދަލުތަކެއް އަންނަމުންދާނެ. އެބަދަލުތަކާދޭތެރޭގައި މިދެންނެވި ނަޒަރުން ވިސްނުމުން އެނގިވަޑައިގަންނަވާނެ، އެއީ ޤައުމުގައި ޢަދްލު އިންސާފު ޤާއިމުކުރުމަށްޓަކައި، ކުރިއެރުވުމަށްޓަކައި ދައުލަތުގެފަރާތުން އަޅަމުންގެންދާ ފިޔަވަޅުތަކެއްކަން.
އާދެ، ޢާންމުގޮތެއްގައި އަޅުގަނޑުމެން ޢަދްލުއިންޞާފުގެ ވާހަކަދައްކާއިރު މިދައްކަނީ މީހުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް، ހުރިހާ އެންމެންނަށް ހަމަހަމަގޮތެއްގައި ކަންތައް ކުރުމުގެވާހަކަ މިދައްކަނީ. އެހެންނަމަވެސް މިދެންނެވިގޮތަށް، ޤައުމުގައި ފަޤީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ވަކިބަޔަކަށް އިސްކަންދީގެން، މަސައްކަތްކުރުމަކީ އެއީވެސް ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ކުރެވޭކަމެއް.

ބައެއްފަހަރަށް ޢަދްލުއިންސާފު ޤާއިމުކުރުމަށް މުއައްސަސާތައް އުފެއްދުމަކުންނެއް އަދި ޢަދްލުއިންސާފު ޤާއިމެއް ނުވޭ. އޭގެ ކިތަންމެ ގިނަވާހަކަތަކެއް މިރޭ އަޅުގަނޑުމެންނަށް މި އިވިގެން ދިޔައީ. ޢަދްލުއިންސާފު ޤާއިމުކުރުމަކީ އެއީ، އަޅުގަނޑުމެން މިއެދޭ ކަންތައްތައް އޭގެ މަންޒިލް މަޤްޞޫދާ ހަމައަށް ގެންދެވުން. ހަމައެކަނި މުއައްސަސާތަކެއް އުފެއްދުމެއްނޫން. ޢަދްލުވެރި އިންސާފުވެރި މުޖްތަމަޢެއް، އެއީ އަނިޔާވެރިކަމުން މީހުން ސަލާމަތްވެފައިވާ، އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ބިރުވެރިކަމުން ސަލާމަތް ކުރެވިފައިވާ މުޖްތަމަޢަކަށް އެބަވާންޖެހޭ. އެގޮތަށް އެ މަންޒިލް މަޤްޞޫދާ ހަމައަށް އަޅުގަނޑުމެންނަށް ދިއުމަށްހަމައެކަނި އަދި މުއައްސަސާތަކެއް އުފެދުމަކުންނެއް އެވާޖިބެއް އަޅުގަނޑުމެންނަކަށް އަދައެއް ނުކުރެވޭ. މިވިސްނުމުން ދާދިފަހުން އިހަކަށްދުވަހަކު "ދި އައިޑިއަރ އޮފް ޖަސްޓިސް" ގެ ނަމުގައި އަމަރްތިއަ ސިންގ ފޮތެއް ނެރުއްވައިފި. އެއީ، އަޅުގަނޑު ދަންނަވާނީ، ޖޯން ރޯލްސްގެ "ތިއަރީ އޮފް ޖަސްޓިސް" ފޮތުގެ ފަހުން އަދި މިހާތަނަށް ޖަސްޓިސްގެ ރޮނގުން ނެރެވުނު އެންމެ މުހިންމު އެއް ފޮތް ކަމުގައި ވެގެންދާނެކަމަށް އަޅުގަނޑުމެންނަށް މިހާރު މިއިވެމުންދަނީ.

އެހެންވީމާ، އިޤްތިޞާދީގޮތުންނާ، އިޖްތިމާޢީގޮތުން ރައްޔިތުންގެމެދުގައި ހަމަހަމަކަން ޤާއިމުކޮށްދިނުމަށްޓަކައި، ޢަދްލުއިންސާފު ޤާއިމުކޮށް ދިނުމަށްޓަކައި ވަކި މަޤްޞަދުތަކެއް ކަނޑައެޅި، އެމަޤްޞަދުތަކާ ދިމާއަށް ދަތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް އެއީ، ޢަދްލުއިންސާފު ޤާއިމުކުރުމުގެ ވަރަށްބޮޑުބައެއް.

އާދެ، ދެން މިރޭ އަޅުގަނޑުމެންގެ ބަންޑާރަނައިބު ޙުސްނުއްސުޢޫދު އެވިދާޅުވި ފަދައިން، އަޅުގަނޑުމެން ވަރަށްބޮޑަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު ސަރުކާރުގައި ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެގިނަ ވަގުތުތަކެއް މިހާރު ހޭދަކުރެވޭ އެއްދާއިރާ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރެވޭމަސައްކަތްތައް. އެހެންވީމާ އަޅުގަނޑަށް އެނގޭ، މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުން ހައްޔަރުކޮށް، އެމީހުން ހުއްޓުވުމަށްޓަކައި ދައުލަތުން ކުރައްވަމުންގެންދަވާ މަސައްކަތް. މިކަމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫން. ކަނޑައެޅިގެން މިވެނިމީހަކީ މިބާވަތުގެ ކުށްތައް ކުރާމީހެއްކަމަށް މުޅިރަށުތެރޭގައި ވާހަކަދެކެވި، އެންމެންނަށް އެކަން ޢާންމު މަޢްލޫމާތުގެ ގޮތުގައި އެނގި ހުންނަމީހާ، އެމީހާވެސް އަޅުގަނޑުމެންނަށް ހައްޔަރުކުރެވޭނީ ވަކިކަހަލަ ޤަރީނާތަކަކާ ދަލީލުތަކެއް ހުރެގެން. މިގޮތުން އުޅެމުންގޮސް، ކަނޑައެޅިގެން ވަކިޢަދަދެއްގެ ބޮޑުޢަދަދެއްގެ މަސްތުވާތަކެތި އަތުގައިހުއްޓާ ހިފޭމީހާވެސް އަޅުގަނޑުމެން މި ދޫކޮށްލަނީ މުޖްތަމަޢުގެ ތެރެއަށް އަނެއްކާވެސް. އެއްގޮތަކަށްވެސް އެމީހާ ހަމަ އެވިޔަފާރި އަނެއްކާވެސް ކުރާނެކަމުގެ ފިކުރެއްނެތި. އެހެންވީމާ، އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ، އަޅުގަނޑުމެންގެ ޢަދްލު އިންޞާފުގެ ނިޒާމު މިއޮތީކީ އަދި މިނިވަން ވެފައެކޭ.

ތެދެއް، މިހާރު އަޅުގަނޑުމެންގެ މި ޑިމޮކްރަސީ އައުމާ ގުޅިގެން، ވަރަށްބޮޑެތި ބަދަލުތަކެއް މިއޮތީ އައިސްފައި. މިއަދަކު އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހޭ، އަޅުގަނޑުމެން އަޅުގަނޑުމެން ބުނާއެއްޗެއްގެ ސަބަބުން ގެންގޮސް ބަންދުކޮށްފާނެ ކަމަކަށް. އެހެންނަމަވެސް އެދުވަސްވެސް އަޅުގަނޑުމެން ދެކެފީމު. އަނިޔާވެރި ވެރިޔެއްގެ ސަބަބުން ޢަދްލު އިންސާފަށް ހުރަސްއެޅިދާނެކަމަކަށް މިހާރު އަޅުގަނޑުމެން ބިރުގަންނާކަށްނުޖެހޭ. އެހެންނަމަވެސް، މިހާރު މުޖްތަމަޢުގައިހުރި އެހެން ބޮޑެތި ނުރައްކާތަކުގެ ސަބަބުން އަޅުގަނޑުމެން އެބަޖެހޭ، މާބޮޑަށް އަދި ވިސްނަން. ކަރަޕްޝަންއަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށްބޮޑަށް ފެތުރިފައިވާކަމެއް. އެހެންވީމާ، ޢަދްލު އިންސާފުގެ ދާއިރާގައިވެސް ކޮރަޕްޝަން ނެތެކޭ ނުދެންނެވޭނެ. އަދި ޚާއްޞަކޮށް، މަސްތުވާތަކެތިފަދަ މަނީ ލޯންޑްރިންގ ފަދަ ކަންކަމުގައި ބޮޑެތި އަދަދުގެ ފައިސާ ހިމެނިފައިވާއިރުގައި މިފައިސާ ބޭނުންކޮށްގެން، ޢަދްލު އިންސާފުގެ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަކަށް އަޅުގަނޑުމެން މިއަދު ވިސްނައިގެންނުވާނެ. ތެދެއް، ސިޔާސީގޮތުން އަޅުގަނޑުމެންނަށް މިއޮތީ މިނިވަންކަން ލިބިފައި. އެހެންނަމަވެސް، މިދެންނެވި ރޮނގުން އަޅުގަނޑުމެންނަށް މުޅިއަކުން ޢަދްލު އިންޞާފުގެ ދާއިރާއިން މިނިވަންކަން ލިބިފައިވާ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ.

އާދެ، އަޅުގަނޑުވަރަށް އުފާކުރަން، މިބާވަތުގެ ޖަމްޢިއްޔާއެއް އުފެދޭތީ. އެއީ މިހާރު މުޖްތަމަޢުގައި ޢަދްލުއިންޞާފު ޤާއިމުކުރެވޭނީ، އެކަމާބެހޭގޮތުން ބަޙުސްކުރެވިގެން. އެކަމާބެހޭގޮތުން ވާހަކަ ދެކެވިގެން. އެވާހަކަދެކެވޭނެ ފޯރަމެއް އެބަ އޮންނަންޖެހޭ. އެފޯރަމަކީ އެއީ ވަކި ޙުދޫދެއްގެ ތެރޭގައި ރައްކާތެރިކަން ލިބިފައިވާ ފޯރަމަކަށްވާން އެބަޖެހޭ. މިތާނގައި ދެކެވޭ ވާހަކައަކީ އެއީ ވަކިރޫޙެއްގައި އިންޓަރލެކްޗުއަލް ފެންވަރެއްގައި ދެކެވޭވާހަކަތަކަކަށް ވާން އެބަޖެހޭ. އޭގެސަބަބުން އެވާހަކަތައް ދެކެވިގެން އެހުރިހާގޮތްގޮތައް ބަޙުސްކުރެވިގެން އަޅުގަނޑުމެންނަށް ޢަދްލުއިންސާފުގެ ނިޒާމު ރަނގަޅުކުރެވޭން މިއަދު މިއަންނަނީ. އެހެންވީމާ، އެގޮތުން އަޅުގަނޑުވަރަށް އުފާކުރަން، މި ސޮސައިޓީ ތިޔަބޭފުޅުން އުފައްދަވާތީ. އަޅުގަނޑު އުންމީދުކުރަން، މި ސޮސައިޓީއަކީ އެއީ، ޢަދްލުއިންޞާފުގެ ދާއިރާގައި އަޚްލާޤީ މިންގަނޑުތަކެއްވެސް ދަމަހައްޓަވަން މަސައްކަތްކުރައްވާނެ، އެތިކަލް ސްޓޭންޑަޑް ތަކެއްވެސް ދަމަހައްޓަވަން މަސައްކަތް ކުރައްވާނޭ ބަޔަކަށް ވާނެކަމަށް. އެނޫންގޮތަކަށް އަޅުގަނޑަށް ހީވަނީ އެމުޖްތަމަޢަކީ ރައްކާތެރި އަމަންއަމާން ޤާއިމުކުރެވިފައިވާ މުޖްތަމަޢަކަށް އަޅުގަނޑުމެންނަށް ހަދަން އުނދަގޫވާނެއޭ.

އާދެ، އަޅުގަނޑުމެންނަށް އަލަށް ލިބުނު، ޤާނޫނުއަސާސީގެ ދަށުން ވެރިކަމަށް ވަރަށްބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ސަރުކާރުހިންގަން ހަމަގައިމުވެސް ވަރަށްބޮޑެތި ބަދަލުތަކެއް މިއޮތީ އައިސްފައި. އެގްޒެކެޓިވް ބްރާންޗަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އަދި ހަމައެހެން، ރައްޔިތުންގެ މަޖިލީހަށްވެސް ބޮޑެތިބަދަލުތަކެއް އައިސްފައި. އެހެންނަމަވެސް މިދެންނެވި ކަހަލަ ބަދަލުތަކެއް އަޅުގަނޑު ދަންނަވާނީ ޢަދްލުއިންސާފުގެ ދާއިރާއަކަށް އައިކަމަކަށް އަޅުގަނޑަކަށް ނުވިސްނެއޭ. އެހެންވީމާ، އެދާއިރާގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި.

ޤާނޫނުތައް އިޞްލާޙު ކުރުމުގެ ވާހަކަ ދެންމެ ބަންޑާރަނައިބު ދައްކަވައިފި. އޭގެއިތުރުން، ހަމައެހެން އެބަޖެހޭ، ޤާނޫނީ ވަކީލުންނާއި، ޤާޒީންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޓްރޭނިންގއާއި، އެބޭފުޅުންގެ ސެޓްފިކޭޝަންއާ ލައިސަންސްގެ ކަންތައްތައްވެސް ބައިނަލްއަޤްވާމީ ފެންވަރަކަށް ގެންގޮސް ހަރުދަނާކުރަން. އެހެންވީމާ، އެކަމުގައިވެސް މިފަދަ ޖަމާޢަތްތަކުން މަސައްކަތް ކޮށްދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި ހަމައެހެން، މިފަދަ ޖަމްޢިއްޔާއަކީ މިއީ ގިނަ ބަޔަކަށް ޢަދްލު އިންސާފު ނުލިބުމުގެ ޝަކުވާ ގިނަދުވަސްތަކެއް ކުރެވެމުން ގޮސްފައިވާއިރުގައި އެކަމަށްވެސް ޙައްލެއް ހޯއްދަވައިދެއްވާނެ ބަޔަކަށް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

އާދެ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ، ވަރަށްބޮޑަށް ޒަޚަމްވެފައިވާ މުޖްތަމަޢެކޭ ދެންނެވިދާނެ. އެއީ ވަރަށްގިނަ ދުވަސްތަކެއްވަންދެން، ވަރަށްގިނަބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ، އޭގެ ވޭނާ، އޭގެ ވިހަ އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަދިވެސް ނެތެކޭ ނުދެންނެވޭނެ. އެވޭނާ، ވިހަ ފިލުވައިލެވޭނީ، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެން. އެކަމަށް ޝިފާޢެއް ލިބިގެން. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިކަމަށްޓަކައި މަސައްކަތްތައް ކުރެވިފައި އެބަހުރި. އަޅުގަނޑަށް ހީވަނީ، އަމިއްލަ ޖަމާޢަތެއްގެ ފަރާތުން އިސްނަންގަވައިގެން، އެކަމުގައި ރައްޔިތުންގެ ހިތުގައިވާ އުދާސްތައް ފިލުވައިލުމުގެ ފުރްޞަތު ހޯއްދަވައިދެއްވުމަކީވެސް އެއީ، މުހިންމު ކަމެއްކަމުގައިވާނެ.

އަޅުގަނޑުއެދެނީ، މިޖަމްޢިއްޔާއަށް ކުރިއެރުން. މިޖަމްޢިއްޔާއަކީ ދިވެހިރާއްޖޭގައި ޢަދްލުއިންސާފު ޤާއިމުކުރުމުގައި ބޮޑެތި ޚިދްމަތްތަކެއް ކޮށްދެއްވާނޭ ޖަމްޢިއްޔާއަކަށްވުން. އަޅުގަނޑަށް ދަޢްވަތު ދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުދަންނަވަން.

وَالسّــلام عليــكم .

__________________________