بســم اللّـه الرّحمـن الرّحيــم

اللـه سبحانه وتعالىއަށް ޙަމްދާއި ޝުކުރު ކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާ ކުރަން.

އޮނަރަބްލް މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލް، އޮނަރަބްލް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުސްޠަފާ ލުޠުފީ އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި މި މަރުކަޒުގެ އެންމެހާ ސްޓާފުންނާއި މަރުކަޒުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ހުރިހާ ކުދިން.

السّــلام عليــكم
އާދެ! މިރެއަކީ މިއީ ވަރަށްވެސް މުހިންމު ރެއެއް. ސަބަބަކީ މިފަދަ މަރުކަޒަކަށް 12 އަހަރު ފުރިގެން މަރުކަޒުން ހާސިލު ކުރެވިފައިވާ އެކިއެކި ކާމިޔާބުތަކާއި އަދި ހަމައެހެން މިފަދަ މަރުކަޒުތަކުން ހާސިލުކުރަން ހުރި ކާމިޔާބުތަކާ ބެހޭގޮތުން ވިސްނާލާ ރެއަކަށްވުމާއެކު، އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ މި މަރުކަޒު ކާމިޔާބު މަރުކަޒަކަށް ހެއްދެވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ އެކިވަރުވަރުގެ ވެރިންނަށާއި މި މަރުކަޒުގެ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރުން. އަދި ހަމައެހެން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަރުކަޒުގެ ވަރަށްގިނަ މަސައްކަތްތަކެއް ހިންގަވަމުން ގެންދަވަނީ ފަރުވާ ހޯއްދަވަމުން ގެންދަވާ ކުދިން. އަޅުގަނޑު ކުރީފަހަރު މިތަނަށް ޒިޔާރަތް ކުރިއިރުގައި އޯ.ޖޭ.ސީ.ގެ ނަމުގައި އަޅުގަނޑަށް ތަޢާރަފްވި ވަރަށް ޙަރަކާތްތެރި ޒުވާން ކުދިންކޮޅެއް މި މަރުކަޒު ހިންގުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރަމުން ގެންދާކަން އަޅުގަނޑު ފާހަގަކުރިން. އާދެ! މި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ މިރޭ ޝުކުރު ދަންނަވަން. އަދި މިހާތަނަށް ތިޔަބޭފުޅުން ހޯއްދަވަމުން ގެންދަވާފައިވާ ކާމިޔާބީއަށްޓަކައި މުބާރަކްބާދީ ދަންނަވަން.

އާދެ! މި މަރުކަޒަކީ މިއީ ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެބޮޑު މިފަދަ މަރުކަޒް. މިތާނގައި ފަރުވާ ލިބެމުންދާ ކޮންމެ ކުއްޖަކަށް އިތުރު ދިހަކުދިން މި މަރުކަޒުން ބޭރުގައި މިފަރުވާއަށް ބޭނުންވެފައި އެބަތިބި. ހަމަ މިއަދުވެސް އަޅުގަނޑުގެ ކައިރީގައި ވަރަށް އަސަރާއެކީގައި މަންމައަކު ވާހަކަ ދެއްކި މިއަދު ހަވީރު. އެ މަންމަ އަޅުގަނޑު ކައިރީގައި ބުނީ ތިމަންނަގެ ބޮޑުވެފައި ހުރި ފިރިހެން ދަރިފުޅު ރީހެބަށް ގެންގޮސްދޭށޭ. އެއީ، މިވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި އޭނާ ދެފަހަރަށް އަމިއްލައަށް ފުރާނަ ދުއްވާލުމަށް މަސައްކަތް ކޮށްފިއޭ. އަދި ތިމަންނައާ ތިމަންނަގެ ކުޑަ ދަރިފުޅު މިހާރު އޭނާއާއެކީގައި އުޅެން ދަތިވެއްޖެއޭ. މިއީ ހަމަ މިއަދު ހަވީރު. މީގެކުރިން ދެރެއަކު އަޅުގަނޑުގެ ގެއަށް އައިސް އަޅުގަނޑުމެން ދަންނަ ރައްޓެއްސަކުވެސް ހަމަ މި އާދޭސް މިގޮތަށް ކޮށްފި.

ކަންމިހުރީ މިހެން. އަޅުގަނޑުމެންނަށް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބެގެންވެސް މިއަދު އަދި މިވަގުތުން ވަގުތަށް އެ މަންމައިންގެ އާދޭސްގެ ޖަވާބެއް ދޭން މިތިބީ ދަތިވެފައި. އެހެންވީމާ، މިކަމަކީ ކުޑަކޮށްވެސް ކުޑަކަމެއްނޫން. ވަރަށްބޮޑު ކަމެއް. އަޅުގަނޑުމެން މިމަސައްކަތާ ހަވާލުވެގެން، އިންތިޚާބަކާ ކުރިމަތިލައިގެން އިންތިޚާބު ކާމިޔާބު ކޮށްގެން އައިސް މި މަގާމު ތަކުގައި މިތިބީ މިދެންނެވި ކަންތައް ފުރިހަމަ ކޮށްދޭން. އެކަންތައް ނުކުރެވޭހާ ހިނދަކު އެއީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަސައްކަތް ނުކުރެވޭކަން.

އާދެ! އެހެންވީމާ، އަޅުގަނޑުމެން މިހާރު ވަރަށްބޮޑަށް މަސައްކަތް ކުރަމުން މިގެންދަނީ ވީހާވެސް އަވަހަކަށް ޑްރޮޕިންގ ސެންޓަރެއްވެސް އުފެއްދޭތޯ. އެގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ފަރާތުން މިހާރު ވަރަށް އަވަދިނެތި މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ މިމަހުގެ ތެރޭގައި ވިލިމާލޭގައި އެފަދަ މަރުކަޒެއްވެސް ހުޅުއްވައިދެއްވޭތޯ.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖެއިން މަސްތުވާތަކެތި މަދުކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ޚާއްޞަ ގޮތެއްގައި ދިވެހި ފުލުހުންނާއި ކަސްޓަމްސްގެ ވެރިން، ކަސްޓަމްސްގެ ބޭފުޅުން، ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ ކޮންމެވެސް ވަރަކަށް މަސްތުވާތަކެތި މާރުކޭޓުން މަދުވަމުން އެބަދެއޭ. މަސްތުވާތަކެތި މަދުވުމަކީ އެއީ، އޭގެ ސަބަބުން އަނެއްކާވެސް އިތުރު މައްސަލަތަކެއް ނުކުންނަ ކަމެއް. މަސްތުވާތަކެތި ބޭނުންވާ ކުދިންނަށް އެ ނުލިބުމުން ލިބޭ ހާސްކަމާއި ވޭނާ ކުރިމަތިލާންޖެހޭ މައްސަލަތައް އިތުރުވެގެންދާ ކަމެއް. އަދި ހަމައެހެން އޭގެ އަސަރު ޢާއިލާތަކަށާއި، މުޅި މުޖުތަމަޢަށް އިތުރުވެގެންދާ ކަމެއް. އެހެންވީމާ، އެކަން ޙައްލު ކުރުމަށްޓަކައި އަޅުގަނޑުމެން ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެބަ އަޅަންޖެހޭ. އެއީ، މިދެންނެވިހެން ޑްރޮޕިންގ ސެންޓަރުތަކާއި އެހެނިހެން ކުއްލި ފަރުވާ ދެވޭނެ ތަންތަން އަޅުގަނޑުމެން ހަދަންޖެހޭ. އެހެންވީމާ، އެމަސައްކަތް މިހާރު އެބަހިނގަމުންދޭ.

ދެން އަޅުގަނޑުމެން މި އުންމީދު ކުރަނީ މި މަރުކަޒުންވެސް މިދެވޭ ޚިދްމަތުގެ ފެންވަރުވެސް ރަނގަޅު ކުރައްވައި އަދި މިފަދަ އިތުރު މަރުކަޒުތައް ރާއްޖޭގައި އުފެދޭނެ ގޮތެއް ވީހާވެސް އަވަހަކަށްވުން. މިދެންނެވި ގޮތަށް މި ޚިދްމަތްތައް ފުޅާކުރެވިގެންނޫނީ މިހާރު ފަރުވާއަށް ބޭނުންވެފައިވާ ހުރިހާ ކުދިންނަށް އަޅުގަނޑުމެންނަށް އެފަރުވާއެއް ދެވޭކަށްނެތް. ވީމާ، މިއީ އަޅުގަނޑު ދެކޭ ގޮތުގައި ޤައުމީ ފެންވަރެއްގައި ވަރަށްބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހިފައިވާ ކަމެއް. އެއްވެސް ޙާލެއްގައި މިއީކީ ޢާންމު ޙާލަތެއްގެ ގޮތުގައި ކަމެއް ކުރެވުނީމާ ކަމެއް ކުރަންތިބޭގޮތަށް އޮންނަންޖެހޭ ކަމެއް ނޫން. އޮވެގެންވާނެ ކަމެއްނޫން. އެއަށްވުރެ މާ މުހިންމު އެއަށްވުރެ މާ އަސަރުގަދަ ކަމެއް.

އާދެ! އަޅުގަނޑު ޚާއްޞަ ގޮތެއްގައި މިރޭ މިތާނގައި އަންވަރުގެ ޙަޔާތާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށްޓަކައި އޭނާއަށް ވަރަށްބޮޑަށް އަޅުގަނޑު ޝުކުރު ކުރަން. އެއީ، އޭނާގެ ވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ކުރު ގޮތަކަށް އިޙްސާސް ކުރެވިއްޖެ، މިކަމުގެ ވަބާގައި ޖެހިފައިވާ ކޮންމެ ކުއްޖަކަށްވެސް ކުރަންޖެހޭ ދަތުރު. އޭގެ ނުރައްކާތެރިކަމާއި އޭގެ ވޭނާއި އޭގެ އަސަރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މިރޭ އިވިގެން ހިނގައްޖެ. އާދެ! އެވާހަކައަކީ އެއީ ހަމައެކަނި އަންވަރުގެ ވާހަކައެއް ނޫން. އެވާހަކައަކީ މަސްތުވާތަކެތީގެ ދަތުރުގައި ޖެހިފައިވާ ހަމަ ކޮންމެ ކުއްޖެއްގެވެސް ވާހަކަ. އެހެންވީމާ، އޭނާއަށް އަދިވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.
އާދެ! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު މިކަމުން ސަލާމަތްވުމަށް ނިޔަތްގަނެ އެކަމަށްޓަކައި މަސައްކަތް ކުރަން ބޭނުންވާކަމަށްވާނަމަ އިރާދަކުރެއްވިއްޔާ މިކަމުން ސަލާމަތްވެވޭނެ. އަޅުގަނޑުމެންގެ ވާޖިބަކީ އެގޮތަށް ސަލާމަތްވާން ބޭނުންވާ ކުދިންނަށް ދޭންޖެހޭ އެހީ ދިނުން. އެއީ، ސަރުކާރުގެ ވާޖިބެއް. ކޮންމެ ކުއްޖަކަށްވެސް އެޚިދްމަތް ދިނުމަކީ ވާޖިބެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ.

އާދެ! އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑު މިވާހަކަ ޚާއްޞަކޮށް މި މުޚާޠަބު ކުރަނީ މިތާނގައި މި މަރުކަޒުގައި ފަރުވާ ހޯދަމުންދާ ކުދިންނަށް. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް اللـه سبحانه وتعالى މިދުނިޔެއަށް ފޮނުވާފައިމިވަނީ ސަބަބަކަށްޓަކައި. ހަމަ މިދުނިޔެއަށް އައިސް އުޅެލާފައި ދުވަސްކޮޅަކު ދާގޮތަކަށްނޫން. އަޅުގަނޑުމެން ވަކި މުއްދަތަކަށް މިދުނިޔެއަށް ފޮނުއްވާފައިމިވަނީ ބޭނުމަކަށްޓަކައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި ސިކުނޑިއާއި މި ވިސްނުންތެރިކަމާއި އަޅުގަނޑުމެންގެ މިފުރިހަމަ ސިފައިގައި އަޅުގަނޑުމެން މިދުނިޔެއަށް އައިސް މިތިބީ ވަރަށް މުހިންމު ސަބަބަކަށްޓަކައި. އެސަބަބު އަޅުގަނޑުމެން ކޮންމެ މީހަކު ޖެހޭނެ ވިސްނަން، އެކަން ދެނެގަންނަން.

އަޅުގަނޑުމެން ކޮންމެ މީހަކީ މިއީ، އަޅުގަނޑުމެންގެ ވަށައިގެންވާ އެހެން ހުރިހާ އެންމެންނާ އަޅުގަނޑުމެންގެ ދުނިޔެއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި އައިސްތިބި މީހުން. އަޅުގަނޑުމެން އެއްވެސް މީހަކީ މިއީ، ބޭކާރު ގޮތެއްގައި އަޅުގަނޑުމެންގެ ޙަޔާތާއި އަޅުގަނޑުމެންގެ އުމުރު ވޭތުކޮށްލަން މިތަނަށް އައިސްތިބި ބައެއްނޫން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެކަމަށްޓަކައި ވަރަށް ފުންކޮށް ވިސްނަން. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނުންތެރިކަމާއެކީގައި އަޅުގަނޑުމެންގެ ޙަޔާތް ވޭތުކުރާނަމަ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ނަފްސާ ދޭތެރޭގައި ވިސްނާނަމަ، މަސްތުވާތަކެތިން ސަލާމަތްވުމަކީ އުދަނގޫ ކަމަކަށް ނުވާނެ. އަޅުގަނޑުގެ އިލްތިމާސަކީ ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ޙަޔާތާ ދޭތެރޭގައި އަބަދުވެސް ފުންކޮށް ވިސްނަމުން ގެންދިއުން. ކީއްވެތޯ އަޅުގަނޑުމެން މިތާ މިތިބީ. ކޮން ކަމެއްތޯ އަޅުގަނޑުމެން ކުރަންޖެހެނީ. ކޮން މިޞްރާބަކަށްތޯ އަޅުގަނޑުމެން މިދަތުރުކުރަނީ. މިހިރަ މިހިރަ ސުވާލުތަކާ ދޭތެރޭގައި ޚިޔާލުކޮށް ވިސްނާ ހެދުން.

އަޅުގަނޑުމެން ކޮންމެ މީހަކީވެސް މިއީ އެކަނިމާއެކަނި ހުރި ފަރުދެއް ނޫން. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެހެންބަޔަކާ ލާމެހި ގުޅިފައިވާ މީހެއް. އަޅުގަނޑުމެންގެ ސޫރައިންނާއި އަޅުގަނޑުމެންގެ ވިސްނުމުންނާ އެކަން ދޭހަވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ހިތާމައަކީ އެހެން ބަޔަކަށްވެސް ލިބޭ ހިތާމައެއް. ލިބޭ ކޮންމެ އުފަލަކީވެސް، އެހެން ބަޔަކަށްވެސް ލިބޭ އުފަލެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި އަޅުގަނޑުމެންގެ ނަފްސުތަކަށް އޮތް ޒިންމާއެއް ނޫން. އެއީ، އަޅުގަނޑުމެންގެ ޢާއިލާތަކަށާއި އަޅުގަނޑުމެންގެ ރަޙްމަތްތެރިންނަށާއި އަޅުގަނޑުމެންގެ އަނބިދަރިންނަށްވެސް އޮތް ޒިންމާއެއް. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ވިސްނާ ފިކުރުކޮށް، އަޅުގަނޑު އުންމީދު ކުރަން ހަމަ ކޮންމެ ކުއްޖަކުވެސް ވަރުގަދަ ޢަޒުމަކާއެކީގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަމުންގެންދާނެ ކަމަށް. މުޖުތަމަޢުގެ ވާޖިބެއް އެއިން ކޮންމެ ކުއްޖަކަށް އެހީތެރިވެދިނުން.

އާދެ! މިތަނުން ނުކުންނަ ކޮންމެ ކުއްޖަކީ އެއީ، އެ މުޖްތަމަޢުގެ އެހީއާއެކީގައި އަނބުރާ މުޖުތަމަޢަށް އިޢާދަވެ ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ހަދާދެވޭތޯ ހުރިހާ އެންމެން މަސައްކަތް ކޮށްދިނުން. އެއީ އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. އެހެންވީމާ، އެގޮތަށް ކަންކަން ފަހިކުރުމަށްޓަކައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން މިގެންދަނީ. ދިވެހި ސަރުކާރުގެ ފަރާތުން މިއަދު މަސްތުވާތަކެއްޗަށް ދެއްވަމުން ގެންދަވަނީ ވަރަށްވެސް ޚާއްޞަ އަހަންމިއްޔަތެއް. އަޅުގަނޑުމެން ދެކޭގޮތުގައި މި މަރުކަޒަކީ މިއީ، އަޅުގަނޑުމެން މިދެންނެވި ވާޖިބުތައް އަދާކުރުމަށްޓަކައި ހުރި އެންމެ ބޮޑު އެއް ވަސީލަތް. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ދައުލަތުގެ އެންމެ މަތީ ފެންވަރުގައި ތިއްބެވި ވަޒީރުންނާއެކީގައި އަޅުގަނޑުމެންގެ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ފަރާތުން މިދެންނެވި ކަންތައްތަކަށް ރިޢާޔަތްކޮށް ކުރިއަށް ކުރަންހުރި ކަންތައްތައް މިހާރުވަނީ ފާހަގަކުރެވިފައި. އެގޮތުން ފަރުވާދޭންޖެހޭ ހުރިހާ ކުދިންނަށްވެސް ފަރުވާދެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، އަޅުގަނޑުމެން އިންތިޒާމު ކުރާނަން.

އާދެ! މިރޭ އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށްނެތީމު. އަޅުގަނޑު ވަރަށް އުފާކޮށްފިން، އަޅުގަނޑަށް މިޖަލްސާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި. އަޅުގަނޑު މިދެއްކި ކުރުވާހަކަކޮޅާ ދޭތެރޭގައި ހުރިހާ ކުދިންވެސް ފުންކޮށް ވިސްނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު އެދެނީ، މި މަރުކަޒަށް އަބަދުމެ ކުރިއެރުން. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވީވަރަކުން މަސައްކަތް ކުރަމުން ގެންދާނަން. އަޅުގަނޑުމެންގެ ކެބިނެޓްގައި ތިއްބެވި ޢިއްޒަތްތެރި ވަޒީރުންނާއެކުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން، ﷲ އިރާދަކުރެއްވިއްޔާ މި މަސްތުވާތަކެތީގެ ވަބާއިން ދިވެހި ދަރިން ސަލާމަތް ކުރެވޭތޯ.

والســّلام عليــكم ورحـمــة اللّـه وبركاته.
___________________