بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى سيدنا محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިރޭގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި މިއަހަރު ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނާއި ޙައްޖަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އެންމެ ފުރަތަމަ އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އެއީ، ތިޔަބޭފުޅުންގެ ޖަލްސާ މިރޭ އަޅުގަނޑާ ހެދި ކުޑަކޮށް ލަސްކޮށްލައްވަން ޖެހިވަޑައިގެން ކަމަށްޓަކައި. މިއަދު ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުގެ ފަރާތުން ވަރަށް މުހިންމު ޖަލްސާއެއް އާރަށުގައި ރާވައިގެން ހިންގަމުން މިގެންދަނީ. ގާތްގަނޑަކަށް ހަތްދިހަވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ. އެއީ، މިވަގުތު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއްނުރައްކަލުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރޭގައި ހިންގާ ޙަރަކާތެއް. އާދެ! އަޅުގަނޑު މިދަންނަވަނީ މިވަގުތު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ނުރައްކަލަކީ މަސްތުވާތަކެތީގެ ވަބާ. އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ތިމާގެ މީހުންވަނީ މީގެތެރޭގައި ބަނދެވިފައި. އެކަމުން ސަލާމަތްވުމަށްޓަކައި އެކިގޮތްގޮތުން މަސައްކަތް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އެހެންވީމާ، އެގޮތުން އެމަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން އަޅުގަނޑަށް އާދެވުން ކުޑަކޮށް ލަސްވީ. އެހެންވީމާ، އަދިވެސް އެއްފަހަރު އެކަމަށް މަޢާފަށް އެދެން، ހުރިހާ ބޭފުޅުންގެ އަރިހުން.

އަޅުގަނޑު ދެކަމެއްގެ ވާހަކަ މިރޭ ދަންނަވާނީ. ނަމަވެސް، އޭގެކުރިން ތިޔަ ހުރިހާ ބޭފުޅުންނަށް، އެންމެހާ ބޭފުޅުންނަށް ވަރަށް އުފަލާއެކީގައި މަރްޙަބާ ދަންނަވަން. އަދި މި މާތް އަޅުކަމަށްޓަކައި ތިޔަބޭފުޅުން ކުރިމަތިލައްވައިގެން މިކަމުގައި ތިޔަބޭފުޅުންނަށް ކާމިޔާބު ލިބިވަޑައިގަތުމަށް އެދި اللّـه سبحـانـه وتعـالى އަށް ދުޢާ ކުރަން.

އާދެ! އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، މިދަތުރުގައި ތިޔަބޭފުޅުންގެ ޞިއްޙަތަށް ރައްކާތެރިވެވަޑައިގެން، ތިޔަބޭފުޅުން ތިޔަކުރައްވަން ޤަޞްދު ކުރައްވާ ކަންތައް ކާމިޔާބު ކުރެއްވުމަށްޓަކައި ހުރިހާ މަސައްކަތެއް ކުރެއްވުމަށް. އާދެ! މި މުހިންމު އަޅުކަން ތިޔަބޭފުޅުންނަށް ކާމިޔާބު ކުރެއްވޭނީ، ފުރިހަމަ ޞިއްޙަތެއްގައި ތިއްބަވައިގެން. އަޅުގަނޑަށް އެނގޭ، މިރޭ އަޅުގަނޑުގެ ފަހުން ޑޮކްޓަރ މުޙަންމަދު އަޙްމަދު ތަންކޮޅެއް ތަފްޞީލުކޮށް ޞިއްޙީ ރޮނގުން ވާހަކަ ދައްކަވާނެ. އެހެންނަމަވެސް، މިދުވަސްވަރަކީ މިއީ، ދުނިޔޭގައި ވަރަށް ބާރަށް ރޯގާ ފެތުރެމުންދާ ދުވަސްވަރެއް. އަދި މިހާތަނަށް ފެނިފައިނުވާ އާ ވައްތަރެއްގެ ރޯގާއެއް، އެޗް.ވަން.އެން.ވަން އެނަމުން ނަން ދެވިފައިވާ ހުމުގެ ރޯގާއެއް. މިރޯގާ ވަރަށް ބާރަށް މިހާރު އެކިޤައުމުތަކުގައި ފެތުރެމުން އެބަދޭ. އަދި އެއީ ގައިން ގަޔަށް އަރާ ރޯގާއެއް. އެހެންވީމާ، އެކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުވެވަޑައިގެން، ތިޔަބޭފުޅުން މިދަތުރުފުޅުގައި އެކަމަށް ރައްކާތެރިވެވަޑައިގަތުމަށް އަޅުގަނޑު އެދެން.

އާދެ! ދެން އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ތިޔަބޭފުޅުންގެ މި މާތް އަޅުކަމުގެ ތެރޭގައި، މި ޤައުމަށް މިއަދު ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވުމަށް اللّـه سبحـانـه وتعـالى އަށް ދުޢާކޮށްދެއްވުން. އާދެ! ދިވެހިރާއްޖޭގެ އެއްލައްކަ މީހުންގެ ތެރެއިން ތިޔަބޭފުޅުންނަށް اللّـه سبحـانـه وتعـالى މިއަހަރު މި ނަޞީބު، މި ނިޢުމަތް މިދެއްވީ. ވީމާ، ތިޔަބޭފުޅުން މިދަތުރުފުޅުގައި އަޅުގަނޑުމެން އެންމެންނަށްޓަކައި، އަޅުގަނޑުމެން އެންމެންގެ މައިންބަފައިންނާއި ދަރިންނާއި ތިމާގެ އެންމެންނަށްޓަކައި ދުޢާކޮށްދެއްވުމަކީ އެއީ ވަރަށް މުހިންމު ކަމެއް.

މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކިތަންމެ ގޮންޖެހުންތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއްގެ ވާހަކަ އަޅުގަނޑު ކުރިން ދެންނެވީ. މަސްތުވާތަކެތީގެ ވާހަކަ. ވަރަށްގިނަ ޢަދަދެއްގެ ކުދިންނަށް މިއަދުވަނީ މިނުރައްކާ ކުރިމަތިވެފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަދު މިކަމުގެ އަސަރު ނުކުރާ ހަމަ އެންމެ ޢާއިލާއެއްވެސް ދިވެހިރާއްޖެއަކު ނެތް. މިކަން ކުދިންނާ ކުރިމަތިވަނީ ވަރަށް ޅަ ޢުމުރުގައި. އަޅުގަނޑުމެންނަށް މިހާރު މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ޢުމުރުން 9 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރަމުން އެބަގެންދޭ. އަދި ހަމަ އެހާ ޅަޢުމުރުގައި މަސްތުވާތަކެތި ވިއްކުމުގެ ތެރޭގައިވެސް އެބައުޅޭ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމަކީ އެއީ ވަރަށް ނުރައްކާތެރި ކަމެއް. އޭގެ ސަބަބުން، މީހެއްގެ ދިރިއުޅުން މުޅިން ގެއްލިގެންދާ ކަމެއް. އެކަމަކީ އެއީ މީހާ ހަލާކުވާ ކަމެއް. އެހެންވީމާ، މިކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް އެބަ ކުރަންޖެހޭ. އެގޮތުން، އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ދީނީ ވާޖިބުތައް އަދާކުރުން. އަޅުގަނޑުމެންގެ ކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ތިބި ކުދިންތަކަކަށް ހެދުން. އަދި އަޅުގަނޑުމެން މިކަމުގައި اللّـه سبحـانـه وتعـالى ގެ ޙަޟުރަތުން ވާގިއެދެން.

އާދެ! ހަމަ އެހެން މިދުވަސްވަރަކީ ދިވެހިރާއްޖެއަށްވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މާ ފާގަތި ދުވަސްވަރެއް ނޫން. ދުނިޔޭގެ އިޤްތިޞާދު ދަށަށް ދިއުމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށްވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއް. ރާއްޖޭގެ އެންމެބޮޑު އާމްދަނީއެއް ލިބޭ ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ، އެމަސައްކަތުން، ޓޫރިޒަމްގެ މަސައްކަތުން. ނަމަވެސް މިއަހަރު މިހާރު ރާއްޖެއަށް އަންނަ މީހުންގެ ޢަދަދު އެވަނީ ކުރީ އަހަރާ އަޅާބަލާއިރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ބައެއް ރިޒޯޓްތަކުން 10 ޕަސެންޓް، 12 ޕަސެންޓް ދަށަށް ގޮސްފައި އެބަހުރި. އޭގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީވެސް ދަނީ ކުޑަވަމުން. އަދި ހަމައެހެން އެ އާމްދަނީ ކުޑަވަމުން ދިއުމުގެ ސަބަބުންނާއެކީ ތިޔަބޭފުޅުންނަށްވެސް ރަނގަޅަށް މިހާރު އިޙްސާސް ކުރެއްވޭނެ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މާރުކޭޓްގައި ޑޮލަރު ލިބުންވެސްވަނީ ދަތިވެފައި. އަދި މިކަހަލަ ދުވަސްވަރަކީ މިއީ ޢާންމު ގޮތެއްގައި މީހުން ޚަރަދު ކުރާ ދުވަސްވަރެއް ނޫން. އެމީހެއްގެ އަތުގައި ހުރި ފައިސާއެއްވެސް ފޮރުވައިގެން ތިބޭ ކަހަލަ ދުވަސްވަރެއް. އޭގެ ސަބަބުން، ދިމާވާ ދަތިތަކެއް ހުރި.

އާދެ! އޭގެއިތުރުން މިއަދު ދިވެހިރާއްޖެއިން ވަރަށްގިނަ ޢަދަދެއްގެ ފައިސާ، ބޭރު ފައިސާ ކޮންމެ މަހަކުވެސް ބޭރުވަމުން އެބަދޭ. އޭގެ އެއް ސަބަބަކީ ރާއްޖޭގައި ރާއްޖެއިން ބޭރުގެ ބިދޭސީން އުޅޭލެއް ގިނަކަން. މިއަދު ރާއްޖޭގައި ދިރިއުޅޭ މީހުންގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ އެއީ ބިދޭސީއެއް. އޭގެ ކޮންމެ މީހަކު މަހަކު 100 ޑޮލަރު ބޭރަށް ފޮނުވި ކަމުގައިވީ ނަމަވެސް، ގާތްގަނޑަކަށް ހަމިލިއަން ޑޮލަރު މަހަކު ރާއްޖެއިން ބޭރުވެގެންދާނެ. އަދި ހަމައެހެން، ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހިސާބުކޮށްލެއްވިޔަސް، އެތަކެތި ގަތުމަށްވެސް ހަމަގައިމުވެސް ގިނަ ޢަދަދެއްގެ ފައިސާ، ބޭރުފައިސާ ބޭނުން ކުރަމުން އެބަގެންދޭ. މިދެންނެވީކީ ކުދިކުދި ކަންތަކެއް ނޫން.

އާދެ! މިއަދު ރާއްޖޭގެ އިޤްތިޞާދަށް ލިބޭ އާމްދަނީ ކުޑަވުމާއެކުވެސް އަޅުގަނޑުމެންނަށް ކުރަންޖެހޭ ޚަރަދުތައް ކުޑައެއް ނޫން. މިއަދު ލިބޭ އާމްދަނީގެ ގާތްގަނޑަކަށް، މުޅި އާމްދަނީ ޚަރަދު ކުރަން ޖެހިފައި އޮތީ މުސާރަ ދިނުމަށް. މިހާރު އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ގޮތުގައި މިއަހަރު ސަރުކާރުގެ އާމްދަނީއަކަށް ލިބޭނީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ. ހަމަ މި ޢަދަދަށް އަޅުގަނޑުމެން މީހުންގެ މުސާރައަށްވެސް މިއަހަރު ޚަރަދު ކުރަންޖެހޭ. ދެން އެހެންވީމާ، ވިސްނާވަޑައިގަންނަވާ، ދެން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުމުގައި ދިމާވާނެ ދަތި. މިއީ މިއަދު މިޤައުމުގެ އިޤްތިޞާދީ ކަންކަން ހުރިގޮތަކީ. މިކަންކަމަކީ މިއީ ކުއްލިއަކަށް ރަނގަޅު ކުރެވޭކަހަލަ ކަންތަކެއް ނޫން. އެކަންކަން އިޞްލާޙު ކުރުމަށްޓަކައި ދުވަސްކޮޅެއް ނަގާނެ. މިއަދަކީ މިއީ އަޅުގަނޑުމެން ޚަރަދު ކުޑަކޮށް މަސައްކަތް އިތުރުކުރަންޖެހޭ ދުވަސްވަރެއް.

އާދެ! މިހާރު ބައެއް ބޭފުޅުންނަށް އިވިވަޑައިގެންފައި އޮންނާނީ، ރާއްޖެއަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ ވަފްދެއް ވަޑައިގެން އުޅުއްވާ ވާހަކަ. އެފަރާތްތަކާ އަޅުގަނޑު މިހާރު ވާހަކަ ދައްކަމުން މިގެންދަނީ. އެބޭފުޅުންގެ ޚާއްޞަ ޕްރޮގްރާމެއްގައި ބައިވެރިވާން. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ބަޖެޓަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމުގެ އުންމީދުގައި. މިހުރިހާ ކަމެއް ކުރަމުންދާއިރުވެސް އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެން މިދުވަސްވަރު ޚަރަދުތައް ކުޑަކުރުން.

އާދެ! މިދެންނެވިކަހަލަ ދުވަސްވަރެއްގައި އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ރޮނގަކުންވެސް އަޅުގަނޑުމެން މަސައްކަތް ކުރަން. އަދި އަޅުގަނޑުމެންނަށް ލިބޭ މިފަދަ ފުރްޞަތެއްގައި، މިފަދަ ނިޢްމަތެއްގައި އަޅުގަނޑުމެން اللّـه سبحـانـه وتعـالىގެ ކިބައިން އަޅުގަނޑުމެންގެ މި ގޮންޖެހުންތައް ފިލުއްވައިދެއްވުން އެދި ދުޢާ ދެންނެވުމަށް.

އަޅުގަނޑު އުންމީދު ކުރަން. ތިޔަ ހުރިހާ ބޭފުޅުންގެވެސް މިދަތުރުފުޅު ނިޔާމަ ދަތުރުފުޅަކަށްވާނެ ކަމަށް. މިދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ، މިދުވަސްވަރަކީ ސަޢޫދީޢަރަބިއްޔާގެ މޫސުމް އެހާ ގޯސް ދުވަސްވަރެއް ނޫންހެން އަޅުގަނޑަށް ލަފާކުރެވެނީ. ފިނިހޫނުމިނުގެ ގޮތުން. އެހެންނަމަވެސް، މިއިން ކޮންމެ ދަތުރަކީވެސް މިއީ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު، ވަރަށްގިނަ ޤައުމުތަކުން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދުވަސްވަރެއް. އެހެންވީމާ، އަދި ޚާއްޞަ ގޮތެއްގައި މިތަނުން އަލަށް މިދަތުރުފުޅުގައި ވަޑައިގަންނަވާ ބޭފުޅުން ސަމާލުކަން ބަހައްޓަވަންވާނެ، ކުރިން ދެންނެވިހެން ތިޔަބޭފުޅުން ފުރިހަމަ ޞިއްޙަތެއްގައި ތިއްބެވުމަށް.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޢުމްރާގެ ނިޢުމަތާއި ޙައްޖުގެ ނިޢުމަތް ޙާޞިލުކޮށްދެއްވުން. މި އަޅުކަމުގެ ބަރަކާތް ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.





______________________