ދުނިޔެ އާބާދުވެ އާރާސްތުވެދިއުމަށް ގުދުރަތުން މެދުވެރި ކުރައްވާފައިވާ އެންމެ އަސާސީ ސަބަބަކީ ދުނިޔޭގެ އާބާދީއެވެ. އިންސާނީ ނަސްލެވެ. އެނަސްލު ދަމަހައްޓަމުން މިއަންނަ ދަރިފަސްކޮޅުތަކެވެ. މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. މިއަދުގެ ހެޔޮ އެދުމާ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ދަންނަވަމެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ އާންމު ޤަރާރާއި، ސާސްކަފް ޤަރާރާއި، އަދި އެނޫންވެސް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ތަފާތު މުޢާހަދާތަކުން ބާރުލިބިދީފައިވާ ގޮތުގައި ހަމަކޮންމެ އިންސާނަކީ އޭނާގެ ވަށައިގެންވާ ވެށްޓާއި ގުޅިގެން އޭނާ އިޚްތިޔާރުކުރާ ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ މިނިވަންކަން ލިބިގެންވާ މީހެކެވެ. މި ޙައްޤު ލިބިދިނުމުގައި ޖިންސްގެ ތަފާތުކުރުމާއި ނަސްލީ ފަރަޤު ކުރުންތަކަށް ޖާގަދިނުމެއް ނޯވެއެވެ.

މިދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އެންމެހާ އިންސާނުން އެކީ އެއްހަމައެއްގައި ދިރިއުޅުން ހިއްސާކުރުމުގެ މުހިންމުކަން ދެނެގަތުން ކަމުގައި އަޅުގަނޑު ދެކެމެވެ. ހެޔޮ ގޮތުގައި އާބާދުވުމަކީ އުފަލާ ހިތާމަތައް އެއްހަމައަކުން ބަލައިގަނެ، އަންހެނުންނާ ފިރިހެނުން ހަމަހަމަކަމާއެކު މަސައްކަތްކޮށްގެން ދިރިއުޅުމަށް ދިރުން ހޯދައިދިނުމެވެ.

މިއަހަރުގެ އާބާދީ ދުވަސް ފާހަގަވަމުން މިދަނީ އަޅުގަނޑުމެން އެންމެ ހިތްއެދޭފަދަ އިޤްތިޞާދީ ހާލަތެއްގައި ކަމަށްނުވިޔަސް، އެކަންވެސް އެގޮތުގައި ބަލައިގަތުމަކީ މިވަގުތަށް އޮތް އަޚްލާޤީ ޒިންމާއެކެވެ. މިއީ ދުނިޔޭގެ މާލީ ބާޒާރު ބަނަވެ، އިޤްތިޞާދީ ހަލަބޮލި ކަމެއް މުޅި ދުނިޔޭގައި ހިނގަމުންދާ ދުވަސް ވަރެކެވެ. އޭގެ ނޭދެވޭ އަސަރުން އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވަކިން އިސްތިސްނާއެއް ނުވެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގެ ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ މުޖްތަމަޢުގައި ދިރިއުޅޭ އާބާދީގެ ތެރެއިން އެންމެ އާދައިގެ ނިކަމެތީންނެވެ. އަދި އެފަދަ މީހުންގެ ކޮންމެ ސަތޭކައަކުން ހަތްދިހައަކީ އަންހެނުންކަމަށް ދުނިޔޭގެ ތަފާސް ހިސާބުތައް ބުނެދެއެވެ. މި ޙަޤީޤަތުގެ މައްޗަށް ބުރަވާނަމަ، މިވަގުތު ކުރިމަތިވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެންމެބޮޑަށް ފޯރާނެ ބަޔަކީ ދިވެހި އަންހެން ކަނބަލުން ކަމުގައި މިވަނީ ޤަބޫލު ކުރާންޖެހިފައެވެ. މިއަދާ ގުޅިގެން މުޅި ދުނިޔެ އަޑުއުފުލަމުން އެދަނީ އިޤްތިޞާދީ ހީނަރުކަމުގައި އަންހެނުންނާ ގުޅުން ހުރި ކަންކަމަށް އިންވެސްޓްކުރުމަކީ ބުއްދިވެރިކަމެއް ކަމުގެ ޝިޢާރެވެ. މިރޮނގުން ބަލައިފިނަމަ، މިއަހަރުގެ އަންހެނުންގެ ދުވަހު ރާއްޖޭގެ އަންހެނުންނަށް އެފަދަ ފުރުޞަތުތައް ތަނަވަސް ކުރުމަށްޓަކައި ސަރުކާރުން ޚާއްޞަ ފަންޑެއް ފަށާ، ހިންގަމުން ގެންދެވޭކަން ވަރަށް އުފަލާއެކު މިއަދު އަޅުގަނޑު ފާހަގަ ކުރަމެވެ. އަދި އިރާދަކުރެއްވިޔާ މިހާތަނަށް މިމަސައްކަތް ކުރިއަށް ދިޔަ މިންވަރަށް ބަލާއިރު އަންނަ އަހަރުގެ މި ދުވަހާ ހަމައަށް ދާއިރު، ޖުމުލަ 10 މިލިއަން ރުފިޔާ ރާއްޖޭގެ އަންހެނުންގެ އިޤްތިޞާދީ ތަރައްޤީއަށް ދޫކޮށް ނިމޭނެކަމަށް ލަފާކުރެވެއެވެ. މި ދެންނެވި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ޔޫ.އެން.ޑީ.ޕީ. އަދި އައި.އެފް.އާރް.ސީ.ގެ ފަންނީ އެހީގެދަށުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވާ މިންނެތް މަސައްކަތް ފާހަގަ ކުރުމާއެކު މިކަމުގައި އެހީތެރިވެދެއްވާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ. މިފަދަ ފެށުމެއް ފަށައިގަތުމުގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮކަމާއެކު ބިނާކޮށް ތަރުބިއްޔަތު ކުރެވޭ ތަޢްލީމީ އާބާދީ އެއްގެ ބިންގާ ދަމާލުމެވެ. އެކަމަށްޓަކައި ފިކުރީ ގޮތުންނާއި ޖިސްމާނީގޮތުން އެންމެ ބޮޑުހޭދައެއް ކުރާބަޔަކީ އަންހެނުންނެވެ. މިފަދަ މަޝްރޫޢެއްގެ ސަބަބުން މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވާ އެބައިމީހުންނަށް އިޤްތިޞާދީ ފުދުންތެރިކަން ލިއްބައިދިނުމަކީ ކޮންމެހެން ކުރާންޖެހޭނެކަމެކެވެ.

ތަޢްލީމާއި ފުރިހަމަ ސިއްޙަތެއް ލިބިފައިވާ އާބާދީ އަކަށް މެނުވީ އަދުގެ ދުނިޔޭން ތަނަވަސްވާ ފުރުޞަތުގެ ބޭނުން ހިފާ ކުރިއަރާދިއުން ދަތިވާނެއެވެ. މި ސަބަބަށްޓަކައި އާބާދީގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެ ނަޒަރުން ބަލާއިރު، ގައުމަށް އެންމެ ފައިދާ ބޮޑު އެއްގޮތަކީ އަންހެނުންގެ މާލީ ތަނަވަސްކަމާ ފޯރުންތެރިކަން އިތުރުވެދިއުން ކަމުގައި މިއަދުގެ ޢިލްމީ ޙަޤީޤަތްތަކުން ސާބިތުވެއެވެ. އާބާދީގެ ވަކި ބަޔަކާ ގުޅޭގޮތުން ޤަބޫލުކުރެވޭ ތަފާތު ކުރުމުގެ ބޯދާ ވިސްނުންތަކެއްގެ ސަބަބުން، ފުދުންތެރިކަމުގެ ރޮނގުން ހަމަހަމަވި ކަމުގައިވިޔަސް އެހެނިހެން މިންގަނޑުތަކުން ތަފާތުތައް ގެންގުޅެވޭނަމަ މުޅި ޤައުމުގެ އުފެއްދުންތެރިކަމަށް އޭގެ ގެއްލުން ލިބިގެންދާނެއެވެ. އިންސާނީ ހަމަހަމަ ކަމަށް ލޯބިކުރުމާއެކު، އެ އަމާޒަށް ވާސިލުވާން ބޭނުން ކަމުގައިވާނަމަ އަންހެނުންނަށް ވަކި ޚާއްޞަ ނިވާފަތްގަނޑުތަކެއް ލިއްބައިދިނުމަކީ ބޭނުންތެރި ކަމެކެވެ. ވުމާއެކު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ތަރުތީބު ކުރުމުގައިވެސް އެބައިމީހުންނަކީ އަންހެނުންނަށްވީތީ ވަކި ޚާއްޞަ ކަންތައްތަކެއް ބޭނުންވާ ބައެއްކަން ދެނެގަންނާންޖެހެއެވެ. ސަބަބަކީ އިޤްތިޞާދީ ހަމަހަމަކަމަކީ އިންސާނީ ހަމަހަމަކަން ގެނައުމަށްޓަކައި ޒަރޫރީގޮތުން ބޭނުންތެރިކަމަކަށްވާތީއެވެ. އެހެންނަމަވެސް ހަމައެކަނި އިޤްތިޞާދީ ހަމަހަމަކަމުގެ ސަބަބުން އިންސާނީ ހަމަހަމަކަމެއް ނާންނާނެއެވެ. ކޮމިއުނިސްޓް މުފައްކިރުން ވަކާލާތު ކުރަމުން ދިޔަ ފަލްސަފާގެ 21 ވަނަ ގަރުނުގެ ތަޖުރިބާ ދައްކައިދިނީ މުޅީން އިދިކޮޅަށެވެ. އެމީހުންގެ މުޅި ނިޒާމް ކަފާސްވެ ބަލިކަށިވެދިޔައީ އެ މީހުންގެ އާބާދީ ހެޔޮގޮތުގައި ނަގަހައްޓާ ދެމެހެއްޓުމުގެ ފަލްސަފާ ކަސިޔާރުވުމުންނެވެ. އެ ތަޖުރިބާއިން ލިބޭ އިބުރަތަކީ މާދަމާއަށްޓަކައި މިއަދުގެ ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ. ޑިމޮކްރަސީގެ މުހިންމުކަން ހާމަވި އެއް ސަބަބެވެ. މުޅި އާބާދީ ޝާމިލްވެގެން ގައުމު ހިންގެނީ އެނިޒާމުންނެވެ. އެއީ މުޅި އާބާދީގެ ނިޒާމެވެ.

ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް އިންވެސްޓްކުރުމުގައި ސަރުކާރާ އަމިއްލަ ފަރާތްތައް ގުޅި، ލާމެހި އެކުއެކި ޙިއްސާވުމުގެ ސިޔާސަތު ހުޅުވާލެވިފައިމިވަނީ، ދުނިޔެއަށް ލޯހުޅުވި، ކުރިއެރުންތަކުގައި ފަސްނުޖެހޭނެ ދިވެހި އާބާދީއެއް އުފެއްދުމަށްޓަކައެވެ. އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުންހިފާ އޭގެ ނަފާ ރާއްޖޭގެ ކަންކޮޅުތަކަށް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުވަނީ އެކަށައެޅިފައެވެ. އަދި މި ސިޔާސަތު ނަގަހައްޓާ ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިޔާ ސަރުކާރަށް އެބައޮތެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް ވިސްނުންތެރިކަމާއި، ހިކްމަތްތެރިކަމާ އަދި ކެތްތެރިކަމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ނައްތާލަންޖެހޭ ހުރަސްތައް ސަރުކާރުން ދާނީ ނެތިކުރަމުންނެވެ.

އެބައެއްގެ ޒުވާން ޖޯޝާ ހޫނު ލެއިން ވެވުނު މިންވަރަކުން ޤައުމަށް ޚިދުމަތް ދިނުމަށްފަހު އުމުރުން ދުވަސްވުމަކީ ހަމައެކަނި ޢާއިލާއަށް އޮތް ބުރައެއް ކަމުގައި ވުމަށް ދޫކުރުމަކީ ހެޔޮވެރިކަމެއް ހިނގާނަމަ ކޮށްގެންވާނެ ކަމެއްނޫނެވެ. އުމުރުން 65 އަހަރުވީ ކޮންމެ ރައްޔިތަކާ އެންމެގާތް އެއްޗަކީ ފަރުވާނުލިބި އޮންނަ ބަލިއެނދު އެކަނިކަމުގައި ވުމަށް ދޫނުކޮށް، ކޮންމެ އަހަރަކު އެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ލިބޭގޮތް ސަރުކާރުން ހެދީ އޭގެ ލުއި މުޅިއާބާދީގެ ޖީބަށް ހޯދައިދިނުމަށެވެ. މި ދެންނެވި ކޮންމެ ރައްޔިތަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ސަރުކާރުން ދެނީވެސް ހަމަ އެ މަޤުޞަދުގައެވެ.

އަޅުގަނޑުގެ އުންމީދަކީ މިއަދަށްވުރެ ފާގަތި މާދަމާއެއް މި ރާއްޖެއަށް ފަހިވުމެވެ. އަޅުގަނޑުގެ ދުޢާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެނަށް މިންވަރުކުރެއްވުމެވެ.