ބޭންކް އޮފް މޯލްޑިވްސްގެ 2008ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވަނީ 18 ޖަނަވަރީ 2009 ގައެވެ. ރިޕޯޓް ނެރުއްވުމާ ގުޅިގެން، އެ ރިޕޯޓުގައި ޤާނޫނާ ގަވާއިދާ ޚިލާފްވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އެންމެހާ ކަންތައްތައް ތަޙްޤީޤު ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި 27 ޖަނަވަރީ 2009ގައި ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަންނަވާފައެވެ.

އެހެންނަމަވެސް، މަޢްލޫމާތު ހޯއްދެވުމުގެ ބައެއް ހުރަސްތައް، އެ ބޭންކުންނާއި ކޯޓުތަކުން ކުރިމަތިކުރަމުން ގެންދާތީ، މިކަންކަމާބެހޭ ތަޙްޤީޤު، އެކަށީގެންވާ ހަލުވިމިނުގައި ކުރިއަށް ގެންދެވުން ފުލުސް އޮފީހަށް ދަތިފުޅުވެފައިވާ ކަމަށް އެ އިދާރާއިން މި އޮފީހަށްވަނީ މަޢްލޫމާތު ދެއްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތުގެ އަހަންމިއްޔަތުކަން ސަރުކާރަށް ބޮޑުވެފައިވަނީ އެއީ، ދިވެހި ރައްޔިތުންގެ ފައިސާ ކަމަށްވާތީއެވެ. އަދި ސަރުކާރަކީ، ބޭންކްގެ އެންމެ ބޮޑު ޙިއްޞާދާރު ކަމަށްވާތީއެވެ. ހަމައެއާއެކު، ދައުލަތުގެ ޚަރަދުތައް ވަރަށް ހަރުދަނާ ގޮތެއްގައި ސަރުކާރަށް ބެލެހެއްޓޭ ކަމަށްބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ގަބޫލު ކުރާނީ، ދައުލަތަށް އަނބުރާ ލިބެންޖެހޭ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުނީމައެވެ. އަދި މިފަދަ ފައިސާ ހޯދުމަކީ، ޤައުމުގެ އިޤްތިޞާދު ހަރުދާނާ ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ބޭރުގެ މާލީ އިދާރާތަކުންވަނީ ފާހަގަކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ 2008 ވަނަ އަހަރުގެ ހިސާބު ކިތާބާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި އެ ބޭންކަށް އެކިފަރާތްތަކުން އަނބުރާ ދައްކަވަންޖެހޭ ކަމުގައި ފާހަގަކުރައްވާފައިއެވާ އެއްހާސް މިލިއަނަށްވުރެ ގިނަ އަދަދެއްގެ ރުފިޔާއަކީ، ރައްޔިތުން އަމާނާތްތެރިކަމާއެކު ރައްކާކޮށް ބެލެހެއްޓުމަށް ބޭންކްގައި ބަހައްޓާފައި ހުރި ފައިސާގައި ހިމެނޭ ބައެކެވެ. އެހެންކަމުން، އެފަރާތްތަކުގެ ޙައްޤުތަކެއް އުނިވާން މެދުވެރިވުމުގެ އިތުރުން، ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކަށް އެޑްވާންސާއި ލޯނުފަދަ ގޮތުގައި ބޭންކުން ފައިސާ ދޫކުރުމާއި، ޢާންމު ފަރާތްތަކަށް ބޭންކުން ދެމުންގެންދާ އަސާސީ ޚިދްމަތްތަކަށް ހުރަސްއެޅޭ ހިސާބަށް މިކަން މިހާރުވަނީ ގޮސްފައެވެ. ހަމައެއާއެކު، އަނބުރާ ދައްކަވަން ނިސްބަތުން މަދު ފައިސާ ނުވަތަ ޢާންމު ކުދި ލޯނު ނަންގަވާ ފަރާތްތަކާމެދު އެކަށީގެންވާ ވަރަށްވުރެ ހަރުކަށި ފިޔަވަޅު އަޅަން ބޭންކަށް މަޖުބޫރުވެފައިވާކަންވެސް ސަރުކާރަށް ފާހަގަކުރެވިފައިވެއެވެ.

ކަންތައްތައް ހުރީ މި ކަހަލަ ގޮތްތަކަކަށް ކަމަށްވުމުން، މިކަންކަމާ ގުޅުންހުރި އިދާރާތަކުން، އެއްފަރާތް އަނެއްފަރާތާމެދު އެއްބާރުލެއްވުން އިތުރުކުރެއްވުމަކީ، މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި ފުލުހުންގެ ދާއިރާއިން މި ރޮނގުން ކުރައްވާ މަސައްކަތްޕުޅުތަކަށް ކޯޓުތަކުންވެސް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ. ހަމައެއާއެކު، ބޭންކަށް، ފައިސާ އަނބުރާ ދައްކަވަންޖެހޭ ފަރާތްޕުޅުތަކުންވެސް މިކަން ނިންމަވަން ޚާއްޞަ ގޮތެއްގައި މަސައްކަތް ކުރައްވައި، ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ އަނބުރާ ހޯއްދަވައިދެއްވުމުގައި ނަތީޖާ ނެރެވޭފަދަ ގޮތަކަށް ޢަމަލު ކޮށްދެއްވައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް އެ ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން މި ކުރައްވާ މަސައްކަތަށް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.