ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން އިމާރާތްކުރާ ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަދި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރ 23248 ގައެވެ.

މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަދި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާއަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒްއެކްސަލަންސީ އެންޖިނިއަރ ބަންދަރު ޢަބްދުﷲ އަލްރާޖިޙީއާއި ،ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެޔަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަހްޠާނީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޢަލީ ޒުހައިރެވެ.

ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެބޮޑު މިސްކިތާ، އިސްލާމީ ޙަޟާރަތުގެ މި މަޝްރޫޢަކީ ސަޢޫދީ ޢަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި މަރުކަޒުގައި ހިމެނޭ މިސްކިތުގައި ދިހަހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ. މީގެއިތުރުން، އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކާ، ތަޢުލީމީ، ސަގާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއްވެސް ހިމެނެއެވެ.

ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް މި މަރުކަޒުގައި ހިމެނިފައިވެއެވެ.

މި މަރުކަޒުގައި އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލަކާއި، މިސްކިތަށް ޒިޔާރަތްކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާ، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް ހިމެނެއެވެ.

މި މަރުކަޒަކީ، މުސްތަޤުބަލުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއަކަށްވެގެންދާނެއެވެ.