ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއަރސް އެވޯޑް 2026" ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ބަރސެލޯ ނަސަންދުރާގައި މިރޭ އޮތް "އިންޖިނިއަރސް އެވޯޑް 2026" އަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރީންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލެއްވިއިރު، މިރޭގެ ހަފުލާގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިންގ އެވޯޑް އަރުވާފައިވެއެވެ. މީގެ އިތުރުން، މިރޭ އެރުވި އެވޯޑްތަކުގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑްވެސް ހިމެނެއެވެ. މި އެވޯޑްތައް އޭގެ ޙައްޤުވެރީންނަށް އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ.
"އިންޖިނިއަރސް އެވޯޑް 2026" ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް އެރުވިއިރު، މީގެ ތެރެއިން 2 ބޭފުޅަކަށް އެވޯޑް އަރުވާފައިވަނީ އެ ބޭފުޅުންގެ ހަނދާނަށެވެ. "އިންޖިނިއަރސް އެވޯޑް 2026" ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ޢަބްދުއްޝަކޫރު ޞާލިޙް، އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދަށެވެ.
މިރޭގެ ހަފުލާގައި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް ހާސިލުކުރެއްވީ ޑޮކްޓަރ ފުރުޤާން އިބްރާހީމްއެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ އެވޯޑެއް ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރެއްވި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި، 30 އޮގަސްޓް 2025 ގައި ފޮނުއްވި ޚިޠާބުގައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.