ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ފާހަގަ ކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

މި ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ރާއްޖޭގައި ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް، އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކުރެވިގެންދާނެ ޢިމާރާތެއްކަމުގައެވެ. މިގޮތުން މި ލެބޯޓަރީގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކް އިންޖިނިއަރިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެއަރކްރާފްޓް އިންޖިނިއަރިންގ، އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސްއާއި، އޭއައިގެ އިތުރުން، ޑިޖިޓަލް އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއް ފުރިހަމަވެފައި ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޢިމާރާތް ބިނާކުރުމަށް، ބޭނުންވާ ފަންނީ މަސައްކަތްތަކާ އެހެނިހެން އިންތިޒާމުތައް، ސަރުކާރުން މިހާރު ހަމަޖައްސަވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޢިމާރާތް ބިނާކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާފައިވަނީ، ދައުލަތުގެ ބަޖެޓުގައި ނުހިމަނާ ކަމުގައިވެސް، އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މި ލެބޯޓްރީއަކީ، އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ތަޙްލީލުތައް ކުރުމަށް ބޭނުންވާ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ، ރާއްޖެއިން ބޭރުންވެސް، މިފަދަ ތަޙްލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ތަޙްލީލުތައް ކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް، ހެދުމަށް ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ