މި ޕްރޮގްރާމް ހުށަހެޅުއްވީ، ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް.
މުޙައްމަދު ޙުސައިން ޝަރީފް:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السّلام عليكم.
"ދަ ޕަލްސް''ގެ ހަވަނަ އެޕިސޯޑަށް މަރުޙަބާ ދަންނަވަން. މި ހަފްތާގެ އެޕިސޯޑަށް އަޅުގަނޑުމެން އިޚްތިޔާރުކޮށްފައިވާ މައުޟޫޢަކީ، "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް." އެހެން ހަފްތާތަކެކޭވެސް އެއްފަދައިން، ފުރަތަމަ ބައިގައި ރައްޔިތުންގެ ބައެއް ޝުޢޫރު އަޑުއެއްސެވުމަށްފަހު، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ މައުޟޫޢުގައި އެއްޗެއް ވިދާޅުވާނެ.
އަދި ދެވަނަ ބައިގައި އަޅުގަނޑުމެން ކޮންމެ ހަފުތާއަކުވެސް ދަޢުވަތު މި އަރުވަނީ ވަކި މީޑިއާއަކަށް. މި ހަފްތާގައި އަޅުގަނޑުމެން ދަޢުވަތު މި އެރުވީ، "އަވަސް'' މީޑިއާއަށް. "އަވަސް''ގެ ފަރާތުން މި ހަފުތާގައި ބައިވެރިވެވަޑައިގަންނަވާނީ، ސީނިއަރ ޖަރނަލިސްޓް، އަޙުމަދު ޝުޢާއު. އެހެންވީމާ، ފުރަތަމަ ބައި ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ޝުޢޫރުތައް ހުށަހަޅާލައި އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އެއަށް ޖަވާބުދާރީވެވަޑައިގަންނަވާނެ. ޝުކުރިއްޔާ!
ރައްޔިތެއްގެ ޝުޢޫރު:
ތަރައްޤީއަށް މި ރަށުގައި ބޭނުންވާ، ވަރަށް ބައިވަރު ކަންކަން އަޅުގަނޑު ދެކޭގޮތުގައި އެބަހުރި. އެކަމަކު، އޭގެތެރެއިން އެންމެ ފުރަތަމަ އިސްކަމެއް އަޅުގަނޑުމެން ދޭން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށް މިހާރު ފަށާފައިވާ ޕްރޮޖެކްޓްތައް، މީގެތެރެއިން މަގުގެ ޕްރޮޖެކްޓް، ބަނދަރުގެ ޕްރޮޖެކްޓް، ލޭންޑްސްކޭޕް، މިކަހަލަ ކަންކަން އަޞްލު ނުނިމި ގިނަދުވަސްވާތީ، މީގެ ސަބަބުން ބައިވަރު ގެއްލުންވޭ. އެހެންވީމާ، މިއީ އަޞްލު ވަރަށް ބޮޑު ކަންބޮޑުވުމެއް. މި ކަންކަން، ވީ އެންމެ އަވަހަކަށް ނިންމުން އެއީ އަޞްލު.
ރައްޔިތެއްގެ ޝުޢޫރު:
އެންމެ ބޮޑަށް ބޭނުމީ މި ރަށުގެ ބީޗް ގިރާ މައްސަލަ ޙައްލުކުރުން. މިހާރު ވަށައިގެން ރަށުގެ ގޮނޑުދޮށަށް ބަލައިލީމާ އެނގޭނެ، ޖަހާފައި ހުރި ގަސްތަކާ އެއްޗެހި މިދަނީ ދުވަހެއް ދުވަހަކަށްވުރެ ބޮޑަށް، ގަސްބަރި މޫދަށް ވެށްޓެމުން. އެހެންވީމާ، އަހަރުމެން އެންމެ އަވަހަށް ބޭނުމީ، މި ބީޗް ގިރުމުގެ މައްސަލައަށް ޙައްލެއް.
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި ރަށުގައި މިހާރު، މި ރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުން ޙަޤީޤަތުގައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ރަށުގައި، މިހާރު އިޖުތިމާޢީ ގޮތުން މިރަށުގައި އުފެދެމުންދާ އެކިކަހަލަ ނޭދެވޭ ކަންތައްތަކާއި އަދި މިފަދަ ހުރިހާ ކަމެއް އަޞްލުގައި ޙައްލުވެގެންދާނީ ބޯހިޔާވަހިކަމުގެ ފަހި ފުރުޞަތުތަކެއް މި ރަށުގެ ތެރެއިން ލިބިގެން. ޚާއްޞަކޮށް، ޒުވާނުންނަށް ފަސޭހަކަމާ އެއްކޮށް، އެ ބޯހިޔާވަހިކަން ލިބޭނެ ފުރުޞަތުތައް ފަހިކޮށްދީގެން ހަމަ އަޅުގަނޑު ޤަބޫލުކުރާގޮތުގައި.
ރައްޔިތެއްގެ ޝުޢޫރު:
މި ރަށަށް މިވަގުތު އަޅުގަނޑަށް ފެންނައިރުގައި އެންމެ މުހިންމީ ހަމަ ގެދޮރުގެ ތަނަވަސްކަން މިހާރުގެ މި ފަހުގެ ޖެނެރޭޝަންގެ ކުދިންނަށް ހޯދައިދިނުން. މިހާރު ގާތްގަނޑަކަށް ވޭތުވެދިޔަ ސާޅީސް އަހަރުން ފެށިގެން އަޅުގަނޑުމެންނަކަށް ނެތް ގޯތިގެދޮރުގެ އެއްވެސް ތަނަވަސްކަމެއް، ފަހުގެ އެއްވެސް ބަޔަކަށް ލިބިފައެއް. އަޅުގަނޑުމެންގެ ޢުމުރުން ފެށިގެންވެސް. އެހެންވީމާ، މި ޒަމާނުގައި ބަލާއިރު، ނޫނީވިއްޔާ މިހާރުގެ މި ތަރައްޤީވަމުން އަންނަ ދުނިޔޭގެ ކަންކަމާ ގުޅިގެން، ދެން ވާހަކައަކީ އަޅުގަނޑުމެންނަކީ ލޯކަލް ޓުއަރިޒަމާއި، ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ތަނެއް. އެހެންވީމާ، މި ހުރިހާ ކަމަކަށް ބަލާއިރު، އަޅުގަނޑު އެންމެ ބޮޑަށް ގަބޫލުކުރަނީ، ގޯތިގެދޮރުގެ ތަނަވަސްކަން ކުދިންނަށް ހޯދައިދިނުން ވަރަށް މުހިންމު ކަމަށް.
ރައްޔިތެއްގެ ޝުޢޫރު:
މި ހޮސްޕިޓަލް ހުޅުވި، އެކްސްރޭގެ ޚިދުމަތާއި އަދި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތާއި، އަނެއްހެން ބުނާނަމަ، މި ދާއިރާއިން ލިބޭނެ އެންމެ ފުރިހަމަ ޞިއްޙީ ޚިދުމަތެއް މި ރަށުން ލިބިގެންދިޔުން.
ރައްޔިތެއްގެ ޝުޢޫރު:
މި ރަށަކީ ބޮޑު ރަށަކަށްވެފައި، ގިނަ އުޅަނދުތަކެއް މި ރަށު ބަނދަރުގައި އަޅަންޖެހުނީމާ މިވަނީ ބަނދަރުގެ ދަތިކަން ވަރަށްބޮޑުވެފައި. ދެން އަޅުގަނޑުމެން ރައްޔިތުންގެ އެދުމަކީ ވީހާވެސް އަވަހަކަށް، އާ ބަނދަރުގެ މަސައްކަތް ނިމި، އެ ބަނދަރުވެސް ބޭނުންކުރަން ފެށުން. އެއީ އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެވެސް އެދުމެއް.
މުޙައްމަދު ޙުސައިން ޝަރީފް:
ރައީސް، ތިޔަ ފެނިވަޑައިގަތީ، ރައްޔިތުންގެ ބައެއް ޝުޢޫރުތައް. އަޅުގަނޑުމެން މިދޭތެރެއިން އަތޮޅުތެރެއަށް ކުރި ބައެއް ދަތުރުތަކުގައި، ބައެއް ބޭފުޅުންނަށް ދަންނަވާލީ، އެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން. ދެން ހުރިހާ އެންމެންވެސް އިއްތިފާޤުވަނީ މަސައްކަތްތަކެއް ކުރިއަށް އެބަދެއޭ ތަފާތު ދާއިރާތަކަކުން. ދެން އެހެންނަމަވެސް، އެކި ބޭފުޅުންނަށް އެކި ކަންތައްތައް މި މުހިންމުވާނީ ދޮގެއްތޯ؟ ގެދޮރުވެރިކަން ފާހަގަކުރެވޭ. ދެން ބަނދަރާ، މިހެން އައިސް ހަމަ އާންމުކޮށް މަގުތައް، ބައެއް ކަންތައްތައް ގިނަ ބޭފުޅުން ތަކުރާރުކުރެއްވި. މިކަމުގައި ރައީސްގެ ވިސްނުންފުޅު ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ޙަޤީޤަތުގައިވެސް ރަށްރަށުގައި މަސައްކަތްތައް އެބަ ކުރިއަށްދޭ. ދެން އެކި ރަށްރަށުގައި އެކިވަރަށް މަސައްކަތްތައް މިދަނީ. ދެން އެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި، ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑްގައި ނުދިޔުމުގައި އެކިކަހަލަ މައްސަލަތައް ދިމާވެފައި އެބަހުރޭ. ދެން އިރާދަކުރެއްވިއްޔާ އެކަންކަން ޙައްލުކުރެވިގެން، ކުރުގޮތަކަށް ދަންނަވަންޏާ، ކުރިއަށް މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި ޢަމަލީގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގައި ވަރަށް ގިނަ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑްގައި ހިނގަން ފަށާނެ.
ދެން މިހެން ދިމާވުމުގައި އެކިކަހަލަ ސަބަބުތައް އެބަހުރި. ޚާއްޞަކޮށް، އިޤްތިޞާދީ ގޮތުން ދިމާވެފައި ހުރި ދަތިތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އަރައިގަނެގެން މި ދިޔުމުގައި މިހެން ދިމާވި ކަންތައްތައް ހުރީ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ވެފައިހުރި ވަޢުދުތައް ފުއްދުމުގައި އަދި ރަށްރަށުގައި، އަޅުގަނޑު ކުރިން ރަށްރަށަށް ދަތުރުކުރިއިރުގައި، ނޫނީވިއްޔާ ގޮސް ބައްދަލުވިއިރުގައި ރައްޔިތުންނަށް ދަންނަވާފައި ހުރި ކަންކަން ހާސިލުކޮށްދިނުމުގައި ރަނގަޅު ނަތީޖާތައް ނެރެދެވޭނެ. ދެން އަޅުގަނޑުމެން މިހާރުވާނީ މަޝްރޫޢުތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް، ޝެޑިއުލްއެއްވެސް ހަދާފައި. އެގޮތަށް ތަންފީޒުކުރަން މަސައްކަތްތައް ފެށިފައި. މީގެ ތެރޭގައި މިސާލަކަށް، އެކިކަހަލަ ދާއިރާތައް، މިސާލަކަށް، ތަޢުލީމީ ދާއިރާގެ ހުރިހާ މަޝްރޫޢުތައް ވަކި ޝެޑިއުލެއްގައި، ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ހުރިހާ މަޝްރޫޢުތައް ވަކި ޝެޑިއުލެއްގައި. މިހެންގޮސް، އިންފްރާސްޓްރަކްޗަރގެ ޢުމްރާނީ ތަރައްޤީގެ އެކި ދާއިރާތައް މިސްކިތްތައް، ބަނދަރު، މަގުހެދުން، އެކިކަހަލަ ދާއިރާތައް ހުންނާނީ މިހާރު އެކިގޮތަށް، ނޫނީވިއްޔާ އެކި ޝެޑިއުލްތަކަށް ތާވަލުކޮށްފައި. އެއީ މީގައި ޕްރެކްޓިކަލީ އެޗީވް ކުރެވޭނެ ގޮތް ބަލައިގެން. މިސާލަކަށް، މެޓީރިއަލް ސޯސިންގ، ބަނދަރުތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޢާންމުކޮށް މި ބޭނުންވަނީ، ވަރަށް ބޮޑު އަދަދަކަށް ބޭނުންވަނީ ރޮކް ބޯލްޑަރސް، ނޫނީ ބޮޑުހިލަ ހޯދަން މިސާލެއްގެ ގޮތުގައި ދޮގެއްތޯ؟ އެހެންވީމާ، އެ ޒާތުގެ މަޝްރޫޢުތަކަށް، އެއް ޒާތެއްގެ މަޝްރޫޢުތަކަކަށް ވަކިގޮތަކަށް މެޓީރިއަލްސް ސޯސިންގ ޝެޑިއުލްކޮށްގެން ގެންދެވޭގޮތަށް، މިހާރު މިއޮތީ ޕްލޭންކޮށްލެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައިވެސް ބައެއް މަޝްރޫޢުތައް ނިމި، 2027 އަކީ ޖުމްލަކޮށް ބަލަންޏާ، އެންމެ ގިނަ އަދަދަކަށް މަޝްރޫޢުތައް ނިމޭނެ އަހަރަށްވާނެ. އެއީ މިހާރު ޝެޑިއުލް ކުރެވިފައި އޮތްގޮތުން ވަރަށް ގިނަ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ނިމި، އަދި މި އަންނަ އަހަރު އެންމެ ގިނަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ނިންމައިލެވޭތޯ މި ބަލަނީ. ދެން އޭގެ އިތުރަށް، ދެން ހުންނަ މަޝްރޫޢުތައް ދެން އަންނަ އަހަރުގެ ތެރޭގައި، 2028ގެ ތެރޭގައިވެސް ކޮންމެވެސްވަރަކަށް ހިނގާނެ. އެހެންވީމާ، ޖުމްލަކޮށް ޝެޑިއުލް ކުރެވިފައި މިއޮތްގޮތަށް ކުރިއަށްދާނެ މިހާރު އިރާދަކުރެއްވިއްޔާ.
މުޙައްމަދު ޙުސައިން ޝަރީފް:
ރައީސް، އަޅުގަނޑު ހިތަށްއަރާ ދެ ސުވާލެއް ދަންނަވާލާނަން ތިއާ ގުޅިގެން. އެއީ އަޅުގަނޑުމެންނަށް ތީމެޓިކަލީ ފާހަގަވި ދެކަމެއް. އެއްކަމަކީ، ބައެއްކަހަލަ މަޝްރޫޢުތައް ހަމަ މުޅި ރާއްޖޭގައި އަޅުގަނޑު ދަންނަވާހިތްވަނީ ހަމަ ރެކޯޑު ޢަދަދަކަށް ކުރިއަށްދާ ތަން އެބަ ފެނެއޭ. މިސާލަކަށް، ނަރުދަމާގެ މަޝްރޫޢު ހަމަ ވަރަށް ގިނަކަން ފާހަގަކުރެވޭ. ދެން އަޅުގަނޑަކަށް ހީއެއްނުވޭ، މިހާގިނަ ރަށްރަށުގައި ބިންހިއްކި ދައުރެއް، އަޅުގަނޑުގެ ހަނދާނުގައި ހަމަގައިމުވެސް ނެތް. ހަމަ އެގޮތަށް، ދެން ފާހަގަވީ، ރައީސް އަޞްލުގައި އާބާދީއަށް ބެއްލެވުމެއްނެތި، މި މަޝްރޫޢުތައް. ދެން ހަމަ އެގޮތަށް ފާހަގަވި، މިސްކިތް. އަޅުގަނޑަށް ހީވަނީ، އެންމެ ގިނައިން އެޅުނު ދައުރަކަށްވާނެކަންނޭނގެ. މިހާރުވެސް އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ހަމަވެއްޖެކަންނޭނގެ. މިހެންއައިސް، ހުރިހާ ރަށެއްގައި ވަކި ސްޓޭންޑަޑްސްތަކެއްގެ ޚިދުމަތް ރައްޔިތުންނަށް ދެއްވުމުގެ، އެއީ ތަޞައްވުރެއް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ ތަޞައްވުރެއް. އެއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހުރިހާ ރަށެއްގައި ކޮންމެހެން ހުންނަންޖެހޭނެ ޚިދުމަތްތަކެއް ހުންނާނެ. އެއީ، އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. އެއީ، އެ ރައްޔިތަކީ އެންމެ ކުޑަ ރަށަށް ނިސްބަތްވާ ރައްޔިތަކަށްވިޔަސް، އަދި ބޮޑު ސިޓީއަކަށް ނިސްބަތްވާ ރައްޔިތެއްވިޔަސް، ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތަކެއް ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، އަދި އާބާދީ އެއްފަސްކުރުން މިއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް ކަމުގައިވިޔަސް، ރީޖަނަލް، ސަރަޙައްދީ ތަރައްޤީއަކީ އަޅުގަނޑުމެންގެ ސިޔާސަތު ކަމުގައިވިޔަސްވެސް، އަޅުގަނޑުމެންގެ އާރބަން ސެންޓަރުތަކާއި، އުތުރާއި ދެކުނުގެ އިންޓެގްރޭޓެޑް ޑިވިލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރުމާއި، މިހެންގޮސް މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒުކުރި ކަމުގައިވިޔަސް، ކޮންމެ ރަށެއްގައިވެސް ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތަކަށްވާއިރުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހަމަހަމަ ރައްޔިތުން އެއީ. އެހެންވީމާ، އެންމެންނަށް ހަމަހަމަގޮތެއްގައި ލިބެންޖެހޭނެ. ސަރުކާރަކުންވިއްޔާ ފޯރުކޮށްދޭންޖެހޭ ކަންކަން ހުންނަންޖެހޭނެ.
އެހެންވީމާ، އެގޮތުން ކޮންމެ ރަށެއްގައި މިސާލަކަށް، އެކިކަހަލަ ދާއިރާތަކުން. ވަކި ދާއިރާއެއް ފާހަގަނުކުރާނަން. ޞިއްޙީ ދާއިރާއަށް ބެލިޔަސް، ކުނި މެނޭޖް ކުރުމުގެ ދާއިރާއިން ބެލިޔަސް، ކުޅިވަރުގެ ދާއިރާއިން ބެލިކަމުގައިވިޔަސް، ތަޢުލީމީ ދާއިރާއިން ބެލިނަމަވެސް، ބޭންކިންގއާއި، ވިޔަފާރީގެ ދާއިރާއިންވެސް، މިހެންގޮސް ހުރިހާ ދާއިރާއަކުން ކޮންމެހެން ހުންނަންޖެހޭނެ ތަންތަން ހުންނަންޖެހޭ. އެހެންވީމާ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް މިސާލަކަށް. އައުޓް ޑޯ ޖިމްތައް. ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް. ޕޮލިސް ސްޓޭޝަންތައް. ޕޮލިސް މަރުކަޒުތައް. ނޫނީވިއްޔާ ޕޯސްޓްތައް. ދެން މިހެންގޮސް ކުޑަކުދިންނަށް އެކިކަހަލަ ޕާކުތަކާއި، މިހެންގޮސް އެކި ޒާތްޒާތުގެ ކޮންމެހެން ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ ތަންތަން. ފެނާއި ނަރުދަމާ، ހުރިހާ ރަށެއްގައި ނިންމުން. ދެން މިހެންގޮސް، ބަނދަރު. ކޮންމެ ރަށެއްގައި ބަނދަރެއް ރަނގަޅު ފެންވަރުގައި، ސޭފް، އެކްސެސް އޮތުން. ޤާއިމުކުރެވިފައި. އެހެންވީމާ، މި ހުރިހާ ކަމެއް ހާސިލުކޮށްދޭނަމޭ އިރާދަކުރެއްވިއްޔާ، މި ދައުރުގެ ތެރޭގައި. ކޮންމެ ރަށެއްގައި މީގެ ކުރިންނެއް ނުހުންނާނެ މިގޮތަކަށެއް އިނގޭތޯ.
އެހެންވީމާ، މި ހުރިހާ ރަށެއްގައި މިގޮތަށް ޤާއިމުކުރެވިގެންދާނެ ވަރަށްގިނަ ކަންތައްތަކެއް މިހިރީ ކަނޑައެޅިފައި. ދެން، އޭގެއިތުރަށް ދެން ހުންނާނީ، ކުރިން މި ދެންނެވި ގޮތަށް، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ވަކި ރަށްތަކެއް އިސްކުރެވިގެން ހިންގޭ ގިނަ އެހެން މަޝްރޫޢުތައް. އެއީވެސް، ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ތަރައްޤީގެ ކަންތައްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން. އެންމެންނެއް ނޫޅޭނެ މާލެއަކު. މާލެއަށްވެސް ވަރަށް ގިނަ ރައްޔިތުން އަންނަން މަޖުބޫރުވެފައި މިއޮތީ، ޒަމާންތަކެއް ވަންދެން އެ ސިޔާސަތު އެގޮތުގައި ތަންފީޒުކޮށްފައި އޮތުމުން. މާލެއަށް މަޖުބޫރުވެގެން މީހުން އައިސް. އެހެންވީމާ، މާލެއިން މި ލިބޭ ޚިދުމަތްތައް، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭގޮތަށް ޤާއިމުކޮށްދެވިއްޖިއްޔާ، މާލެއަށްވެސް ތޮއްޖެހުން ކުޑަވެގެންދާނެ.
އެހެންވީމާ، މިސާލަކަށް ސަރަޙައްދީ ތަރައްޤީ، ދެމެހެއްޓެނިވި ތަރައްޤީއަކީ، އަޅުގަނޑުގެ ސިޔާސަތު. އެކަން ތަންފީޒު ކުރުމަށްޓަކައި ދެންހުރި ވަރަށްގިނަ މަޝްރޫޢުތައް ހިނގާނެ. އެގޮތުން އެކި ދިމަދިމައިގައި އެއަރޕޯޓުތައްވެސް ހެދެނީ. އެގޮތުން، ދެން އެކި ދިމަދިމައިގައި އެކި ފެންވަރުގެ ހޮސްޕިޓަލްތައް ހެދުމާއި، އެކި ސައިޒުގެ އެކި ފެންވަރުގެ ސްކޫލްތައް ހެދުމާއި، މިކަހަލަ ކަންކަން މި އަންނަނީ. އެހެންވީމާ، އެއީ ޕްލޭނެއްގެ ތެރެއިން ކުރިއަށްދާ ކަމަކީ.
މުޙައްމަދު ޙުސައިން ޝަރީފް:
އާދެ، ޝުކުރިއްޔާ ރައީސް.
އާދެ، ދެވަނަ ބައިގައި ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނީ ޝުޢާއު. އެއީ، "އަވަސް'' ނޫހުގެ ފަރާތުން.
އަޙްމަދު ޝުޢާއު - އަވަސް:
السّلام عليكم.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
وَعَلَيْكُمُ ٱلسَّلَامُ
އަޙްމަދު ޝުޢާއު - އަވަސް:
ރައީސް، ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަނގަޅު އިނގޭތޯ.
އަޙްމަދު ޝުޢާއު - އަވަސް:
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ ކައުންސިލްތަކުގެ އޮފީސް މަސައްކަތް ނިމި، އެ އޮފީސްތައް ކައުންސިލްތަކާ ހަވާލުކުރެވޭނީ ކިހާތާކުތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ޙަޤީޤަތުގައި އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަކީ. އަޅުގަނޑުމެންނަށް ސަރުކާރުގެ މަސައްކަތް ހަވާލުވެގެން ފެށިއިރުގައި، އަޅުގަނޑަށް ފާހަގަވެގެންދިޔައީ، ރަށްރަށުގައި ހުރި ކައުންސިލްތަކުގެ އިދާރާތައް ހުރީ، ވަރަށް ނިކަމެތި ޙާލަތެއްގައި. އަޅުގަނޑު ހުރިހާ ރަށަކަށްދިޔައިރުގައި، ވަރަށް ގިނަ ރަށްތަކުން ފާހަގަވީ، ބޮލަށް ވެއްޓޭ ހިސާބުގައި އެބަހުރޭ ބައެއް ކައުންސިލްގެ އިދާރާތައް، އޮފީސްތައް، އަދި ފާރުތަކުން ކުލަ ފައިބައި، ނޫނީވިއްޔާ ފަންގަސްޖަހައި، އިންސާނުން ބޭނުންކޮށްގެންވެސް ނުވާނެކަހަލަ އިމާރާތްތަކުގައި ކައުންސިލްތައް ހިންގަން. އެކަމަކު މިއީ ރައްޔިތުންނަށް ޚިދުމަތްދޭން ހުރި ތަންތަން. ލާމަރުކަޒީ ޤާނޫނުގެ ތެރެއިން މަޖުބޫރު، އޮފީސްތަކުގައި ޚިދުމަތްދޭން.
އެހެންވީމާ، އަޅުގަނޑު ކަނޑައެޅީ ރާއްޖޭގެ ވީހާވެސް ގިނަ ރަށްތަކެއް، މިގޮތަށް ޚާއްޞަކޮށް ހުރި ހާލަތު ދަށް ހުރިހާ ރަށެއްގައި، އަދި ޖުމުލަކޮށް ވީހާވެސް ގިނަ ރަށްތަކުގައި ޒަމާނީ އާ ކައުންސިލް އިދާރާތަކެއް ހަދައިދެން. އެއީ، ރައްޔިތުންނަށް ފައިދާއަކަށްޓަކައި. ރައްޔިތުންނަށް ޚިދުމަތްދޭ އިދާރާ އެއީ ފެންވަރު ރަނގަޅު، ނޫނީވިއްޔާ އާ ޒަމާނީ ތަނަކަށް ވެއްޖިއްޔާ، އެތަނުގައި ތިބޭ މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރެވޭ. ކުރެވުނީމާ ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުން ލިބޭ. އެހެންވީމާ، ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ރަނގަޅު ޢިމާރާތްތަކެއް އަޅަން.
އެހެންވީމާ، އެގޮތުން، އެއް ޕްރޮޖެކްޓަކަށް އަޅުގަނޑުމެން މި ހިންގާ މަޝްރޫޢަކީ 55 ރަށެއްގައި ކައުންސިލް އިދާރާ އެޅުން. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް އެބަދޭ. އެކި ރަށްރަށުގައި އެކި މަރުޙަލާތަކުގައި. މިހާރު ފިނިޝިންގ މެޓީރިއަލްއަށް އޯޑަރުދީ، ބައެއް ރަށްރަށުގައި ފިނިޝިންގ ސްޓޭޖްގައި އެ އުޅެނީ. ފަރުނީޗަރުވެސް އޯޑަރުދީފައި ހުރީ. އެހެންވީމާ، އަޅުގަނޑަށް އުންމީދުކުރެވެނީ، ވަރަށް ބޮޑަށް ގަބޫލުކުރެވޭ، މި އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް، މި 55 ރަށުގެ ކައުންސިލް އިދާރާތައް ނިމިގެން، ބޭނުންކުރަން ފެށޭވަރު ކުރެވޭނެ.
ދެން އޭގެ އިތުރަށްވެސް، މަޝްރޫޢުތަކެއް އެބަ ހިނގާ. އެކިއެކި ޓެންޑަރިންގ ޕްރޮސެސްތަކުގެ ތެރެއިން، ހަވާލުކުރެވިގެންވެސް އެކި ރަށްރަށުގައި މަސައްކަތްތައް ހިނގާ. އެވެސް ހަމަ ކުރިއަށް އޮތް ދިހަވަރަކަށް މަސް، ނޫނީވިއްޔާ އަހަރެއްގެ ތެރޭގައި އެންމެ ގިނަވިޔަސް ނިމޭނެ ރަށްތަކެއް އެއީ. ދެން އޭގެ އިތުރަށް، އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމަށް، ޗައިނާ ސަރުކާރުން އެބައޮތް ހިލޭއެހީއެއް ހަމަޖައްސައިދީފައި މިހާރު ގްރާންޓް އެއިޑް. ދެން އޭގެ ޕްރޮސެސް ހިނގަނީ މިހާރު. ބަޔަކާ ޕްރޮޖެކްޓް ހަވާލުކުރުމަށްޓަކައި، އެ އޮންނަ ޑިއު ޕްރޮސެސް އެބަ ހިނގާ. ދެން އެކަން ނިމިގެން ބަޔަކު މަސައްކަތް ފަށައިގަންނާނެ. ނިމިގެން ހަވާލުކުރާނެ. އެ މަޝްރޫޢަކީވެސް އަޅުގަނޑު އުންމީދުކުރަނީ، އޭގެތެރެއިން ގިނަ ރަށްރަށް ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި ނިމޭނެކަމަށް. ޔަޤީނުންވެސް އެއީ ހަމަޖެހިފައި އޮތް ކަމެއް. ފައިނޭންޝަލީވެސް. އެހެންވީމާ، ޖުމުލަކޮށް ދަންނަވަންޏާ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި، ރާއްޖޭގައި އަޅުގަނޑަށް ހަމަ ރިއަލިސްޓިކަލީ ގަބޫލުކުރެވޭ، މަދުވެގެން ސަތޭކަވަރަކަށް ރަށުގައި ހުންނާނީ އާ އިދާރާއެއް ހެދިފައި. އެއީ ޓާގެޓަކީ. ދެން އެކަމަކު ދެންހުރި ރަށްތަކުގައިވެސް ކުރިއަށްދާނެ. ދެން ބައެއް ރަށްތަކަކީ، އާ ޢިމާރާތް ހުރި ރަށްރަށް. އެހެންވީމާ، އެ ތަންތާކު ނުޖެހޭނެތާ، އަލުން ތަންތަން ހަދާކަށެއް. އެހެންނަމަވެސް، ތިންބައިކުޅަ ދެބައި ރަށްތަކުގައި މި ޖެހެނީ، އާ ޢިމާރާތް ހަދަން.
އަޙުމަދު ޝުޢާއު - އަވަސް:
ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ކީއްވެގެންތޯ ކޮންމެ ސަރުކާރަކުންވެސް ދެކޮޅުނުޖެހޭ ކަމަށް ބުނާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓް އަޅަން އެހާ އިސްކަމެއް ދެއްވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކުރިންވެސް އަޅުގަނޑު މިކަމުގައި ކުޑަކޮށް އެއްޗެއް ދަންނަވާލިން. އެއީ، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގެ ދަށުން މުޅި ރާއްޖެ ތަރައްޤީކުރަންޏާ ކުރަންޖެހޭ ކަމެއް. ޓްރާންސްޕޯޓް މެކޭނިޒަމަކީ، ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތް އިނގޭތޯ. ދެން ރާއްޖޭގައި މިއޮތް ޖިއޮގްރަފިކަލް ޙަޤީޤަތަށް ބަލާއިރުގައި، ރަށްތައް މިއޮތީ ފެތުރިފައި. އިންޑިޔާ ކަނޑުގެ ބޮޑު ސަރަޙައްދަކަށް ވަރަށް ބޮޑަށް ފެތުރިފައި އޮތް ރަށްތަކެއް ރާއްޖޭގެ ޖިއޮގްރަފީގެ ޙަޤީޤަތަކީ. އެހެންވީމާ، ކަނޑުގެ ސަރަޙައްދު 99 ޕަސެންޓް. އެހެންވީމާ، ކަނޑުގެ ސަރަޙައްދު މިހާބޮޑު ޤައުމެއްގައި، ހަމައެކަނި ކަނޑުމަގުން ފެރީ ނިޒާމެއް އޮތުމަކުންނެއް ނުވާނެ. ވައިގެ މަގުންވެސް މިއޮތް ބޮޑު ސަރަޙައްދު ކަނެކްޓްވާންޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތަކީ، ގާތްގަނޑަކަށް ތިރީހަކަށް މިނިޓުން އެއް ރަށުން އަނެއް ރަށަކަށް ދަތުރުކުރެވޭވަރުގެ ދުރުމިނުގައި ހުރި ރަށްތައް ކަމުގައިނުވަންޏާ، އެއަރޕޯޓުތަކެއް ޤާއިމުކޮށްގެން، ނޫނީވިއްޔާ މަތިން ދަތުރުކުރެވޭނެ ނިޒާމު ޤާއިމުކޮށްގެން ޖެހޭނެއޭ އެކަން ކޮށްދެން. އެއީ، އިޖުތިމާޢީ ތަރައްޤީއަށްވެސް އަދި އިޤްތިޞާދީ ތަރައްޤީއަށްވެސް ކޮންމެހެން މުހިންމު ކަމެއް. އެއީ ފަސޭހަކަމާއެކީ ދަތުރުކުރެވެންޏާ، ވިޔަފާރީގެ ގޮތުންވެސް އެ ސަރަޙައްދެއް ތަރައްޤީވާނީ. އަދި އޭގެ ސަބަބުން ވަޒީފާ ލިބި، ހުރިހާގޮތަކުން ކުރިއެރުން ލިބޭނީ.
އެހެންވީމާ، ހަމަހަމަކަމާއެކު މުޅި ރާއްޖޭގައި ހުރިހާ ރައްޔިތުންނަށް އެ ރައްޔިތުންގެ މި ދިރިއުޅުން، އެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދެއްގައި ބޭސްޑްވެގެން، ނޫނީވިއްޔާ ތިބެގެން ކުރިއަށް ގެންދިޔުމަށްޓަކައި މުޅި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއްވީމަ ކުރަނީ. ދެކޮޅުޖެހޭނެ. ދެކޮޅުޖެހެނީ، އެގޮތަށް ކަން ކުރީމާ. ކުރެވުނީމާ ދެކޮޅުޖެހޭނެ. އެއީ، ރައްޔިތުންނަށް ފައިދާއަކަށްޓަކައި ކުރާ ކަންތައްތައް. އިޖުތިމާޢީ ގޮތުންވެސް އަދި އިޤްތިޞާދީ ގޮތުންވެސް.
އެހެންވީމާ، އޭގެ ސަބަބުން މި ދެންނެވިހެން އިޤްތިޞާދީ ގޮތުން ބަލާއިރު، މިސާލަކަށް ޓޫރިޒަމަށް ބެލިޔަސް، ޓޫރިޒަމް ކުރިއެރުމުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރޭ، ވައިގެމަގުން ގުޅިފައި އޮންނަވަރު. އަދި އެހެން ޞިނާޢަތްތައް ކުރިއަށްގެންދާއިރުގައިވެސް. އެއީ ދެކޮޅުޖެހޭ ކަމެއް. އެކަމަކު އެކަން ރަނގަޅަށް ތަންފީޒުކުރުން މުހިންމީ ހަމަ. އެއީ އަޅުގަނޑު މަސައްކަތް ކުރާގޮތަކީ.
އަޙުމަދު ޝުޢާއު - އަވަސް:
އަޅުގަނޑުގެ ތިންވަނަ ސުވާލަކަށް މިއޮތީ ގްރޭޓަރ މާލެ ސަރަޙައްދުގައި ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިނގަމުން މިދަނީ. ރާއްޖޭގެ އެހެން ކަންކޮޅުތަކަށް އޮތީ ކޮންކަމެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ހަމަ ވަރަށް ގިނަ މަޝްރޫޢު އެބަ ހިނގާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. ދެން މާލެ މިއީ އެންމެ ގިނަ މީހުން އުޅޭ ސަރަޙައްދުވީމާ، އެންމެ ގިނައިން މި ފެންނަނީ މާލެ ސަރަޙައްދުގައި ހިނގާ ކަންކަން ގިނަ މީހުންނަށް. އެކަން އޭގެ ޒާތުގައި ވާނީވެސް އެހެން. ފެންނާނީ އެގޮތަށް. އެހެންނަމަވެސް، ހުރިހާ ސަރަޙައްދެއްގައިވެސް އެބަ ހިނގާ މަޝްރޫޢުތައް އިނގޭތޯ. އެންމެ އުތުރުން، އެންމެ ދެކުނަށް ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް. މިހާރުވެސް ޢަމަލީގޮތުން މަޝްރޫޢުތައް އެބަ ހިނގާ. އެއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެންމެ މުހިންމު ކަމަކީ މާލެއެކޭ އެއްފަދައިން، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ސަރުކާރުގެ މަޝްރޫޢުތައް ހިންގުން. އެހެންވީމާ، އެގޮތަށް އެބަ ހިނގާ މަޝްރޫޢުތައް.
އަޙުމަދު ޝުޢާއު - އަވަސް:
ތިލަމާލެ ބްރިޖް ލަސްކަމަށް ބައެއް ފަރާތްތަކުން ބުނޭ. ކިހާތާކުތޯ ތިލަމާލެ ބުރިޖު ނިންމާލެވޭނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މީގެ މާޒީއަށް ދާންވާނެކަންނޭނގެ އިނގޭތޯ. މި ޕްރޮޖެކްޓަކީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަމަޖެހިގެން ފެށުނު މަޝްރޫޢެއް. ދެން އެ ސަރުކާރުން، ދެން މީގެ މާޒީ ހަމަ ތިޔަބޭފުޅުންވެސް ބައްލަވައިލެއްވީމާ ހެޑްލައިންތައް، އާޓިކަލްތައް ހުންނާނެ. ކިހާތާކު ފެށުނު މަޝްރޫޢެއްކަމާއި، އޭގެ ނިންމުން ކިހާތާކު ނިންމޭނެކަން އިޢުލާނު ކުރެވިގެން ގޮސްފައި ހުރިކަމާ، މި ހުރިހާ ކަމެއް. އަޅުގަނޑުމެންނަށް މި މަޝްރޫޢުގެ މަސައްކަތް ކުރަން ހަވާލުވެގެންދިޔައިރުގައި، މި ސަރުކާރު ފެށުނުއިރުގައި، މާލެއާއި ވިލިނގިއްޔާ ދޭތެރޭ މިސާލަކަށް، ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭވެސް ދެންނެވިދާނެ. ވަރަށްމަދު މަސައްކަތްތަކެއް ހުރީ. ތަނބުތަކެއްވެސް ޖެހި، އެކަހަލަ ކަންތައްތަކެއްވެސް ނެތް، އެގޮތުން ބަލާއިރު ހިންގިފައެއް. ދެން އެހެންވީމާ، އަޅުގަނޑުމެން އަނެއްހެން ދަންނަވަންޏާ، ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫޢެކޭވެސް ދެންނެވިދާނެ ޢަމަލީ މަސައްކަތް. އޭގެކުރިން އެކަމަކު ދިޔަ އެތައް ދުވަސްތަކެއް. ދެ އަހަރަށްވުރެ ގިނަ ދުވަސް މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުނުފަހުން. އެހެންވީމާ، އަޅުގަނޑުމެންނާ ހަވާލުވި ހިސާބުން އަޅުގަނޑުމެން ވަރަށް ސަމާލުކަންދީގެން، ވަރަށްގާތުން މި ސަރުކާރުން މިކަމުގައި މަސައްކަތްކުރަން އެބަ. އަޅުގަނޑުމެން ބޭނުންވަނީ، ވީ އެންމެ އަވަހަކަށް މަޝްރޫޢު ނިންމަން. ދެން އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. އެހެންވީމާ، ދެ ސަރުކާރުގެ ގާތް ގުޅުމުގެ ތެރެއިން މަޝްރޫޢު މިހާރު އެދަނީ ވަރަށް ބާރަށް. މިހާރު މާލެއާއި ވިލިމާލެއާ ދޭތެރޭ އެއޮތީ ގާތްގަނޑަކަށް ކަނެކްޓްކޮށް ނިމިފައި. ދެން ވިލިމާލެއިން ގޮސް ގުޅީފަޅަށްވެސް ވަރަށް ބޮޑު ބައި، ކަނެކްޓްކޮށް ނިމިއްޖެ. ބައިބައި ގުޅުވަމުން އެދަނީ. ދެން ގުޅީފަޅުން ތިލަފުށްޓަށްވެސް ވަރަށް ބާރަށް މަސައްކަތްތައް އެބަ ހިނގާ. އެހެންވީމާ، މިހާރު އެދަނީ ވަރަށް ބާރަށް. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި، މި މަޝްރޫޢު ބާރަށް ހިނގައިފި ކުރިއާ އަޅައިބަލާއިރުގައި. ދެން އޭގެ އިތުރަށް، މުޅި މަޝްރޫޢަށް ބަލާއިރުގައިވެސް މިހާރު ވަރަށް ބޮޑަށް ގަބޫލުކުރެވޭ، މިހާރު އެދާ ސްޕީޑްގައި ގޮސް މާލަސްތަކެއްނުވެ ނިމޭނެކަމަށް. ދެން މީގެ ސީދާ ތާރީޚާއި، އެ ޑީޓެއިލްތައް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބައްލަވައިލެއްވޭނެ.
އަޙުމަދު ޝުޢާއު - އަވަސް:
ކުޅުދުއްފުށި، އައްޑޫ، ތިނަދޫ، އަދި ފުވައްމުލަކު ސިޓީ ފަދަ ސަރަޙައްދުތަކުގައި ތަރައްޤީގެ ޕްރޮޖެކްޓްތަކެއް، ރައީސްގެ މި ވެރިކަމުގައި ފެނިގެންދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރުވެސް އެބަ ހިނގާ ވަރަށް ގިނަ މަޝްރޫޢުތައް އިނގޭތޯ. ދެން އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކިކަހަލަ މަޝްރޫޢުތައް ހުންނާނެ. ތިނަދޫގައި އެއަރޕޯޓު މަޝްރޫޢަކީ، އަޅުގަނޑުގެ އެންމެ މުހިންމު ވަޢުދު. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުވެސް ވަރަށް އަވަހަށް ފެށިގެންދާނެ. ދެން ކުޅުދުއްފުށީގެ އެންމެ މުހިންމު މަޝްރޫޢަކީ ހައުސިންގ ޕްރޮޖެކްޓް. ހައުސިންގ ޕްރޮޖެކްޓްގެ ތެރެއިން، 400 ހައުސިންގ ޔުނިޓް، ހުއްޓިފައި ހުރި މަޝްރޫޢެއް އަޅުގަނޑުމެންނާ ހަވާލުވިއިރު. އެ މަޝްރޫޢު މިހާރު އެވަނީ ފެށިފައި. ދެން 2000 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ބަޔަކު ފަށާނެ. ބަޔަކާ ހަވާލުކުރެވިފައި. ދެން ހަމަ އެގޮތަށް އައްޑޫގައިވެސް، އަދި ފުވައްމުލަކުގައިވެސް، އެކި މަޝްރޫޢުތައް ހިނގަނީ. ފުވައްމުލަކުގައި މިސާލަކަށް، އެންމެ މުހިންމު މަޝްރޫޢަކީ ބަނދަރުގެ މަޝްރޫޢު. މިހާރު އެއޮތީ، އެ މަސައްކަތް ފެށިފައި. ދެން ހަމަ އެގޮތަށް، ކޮންމެ ސިޓީއެއްގައިވެސް ވަރަށް މުހިންމު ގިނަ މަޝްރޫޢުތައް މިހިރީ ކޮންމެ ދާއިރާއަކުންވެސް އިނގޭތޯ. ޞިއްޙީ ދާއިރާއިން ބެލިނަމަވެސް، ޓާޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުން. އައްޑޫ، ކުޅުދުއްފުށި މި ތަންތާނގައި. ކޮންމެ ސިޓީއެއްގައިވެސް. މަތީ ފެންވަރުގެ އެކި ހޮސްޕިޓަލްތައް ޤާއިމުކުރަމުންވެސް އެދަނީ އެކި މަރުޙަލާގައި ކުރިއަށް. ބައެއް މަޝްރޫޢުތަކަކީ، ބޭރުގެ ފަންޑާ ގުޅިފައި އޮތް މަޝްރޫޢުތައް. މިސާލަކަށް، ފުވައްމުލަކުގެ ހޮސްޕިޓަލަކީ، ބޭރުގެ ފަންޑަކަށް ކަނޑައަޅާފައި އޮތް މަޝްރޫޢެއްވީމާ އެ ޕްރޮސެސް އެބަ ހިނގާ. އެހެންވީމާ، ހުރިހާ ސިޓީތަކެއްގައިވެސް ވަރަށް ބާރަށް މަސައްކަތްތައް އެބަ ހިނގާ އެކި މަރުޙަލާތަކުގައި.
އަޙުމަދު ޝުޢާއު - އަވަސް:
ދެން އައްޑޫ ސިޓީއަކީ އެންމެ ބޮޑު ދެވަނަ ސިޓީ. އައްޑޫ ސިޓީއަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް މުހިންމު ސުވާލެއް. ޙަޤީޤަތުގައިވެސް އައްޑޫ ސިޓީއަކީ މާލެ ނަގާފައި އެންމެ އާބާދީ ބޮޑު ސިޓީ. އައްޑޫ ސިޓީއަށް ވަރަށް މުހިންމު ކަމެއް، ވަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެ ކަހަލަ ކަންތައްތައް ވެގެންދިޔުން. ކަރަންޓުގެ މައްސަލަ ޙައްލުވުން. މަގުތަކުގެ މައްސަލަ، މިކަހަލަ ކަންތައްތައް އެބަހުރި. މިހާރު މިގޮތުން ބަލާއިރުގައި، ޓުއަރިޒަމް ދާއިރާއިން އައްޑޫ ސިޓީ ތަރައްޤީކުރުމަށްޓަކައި ހަންކެޑަ ޕްރޮޖެކްޓާއި، އައްސޭރި ޓުއަރިޒަމް މަޝްރޫޢާއި، މިހެންގޮސް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ދެން އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން މިކަންކަން ފެންނާނެ މާ ލަސްތަކެއްނުވެ. މިހާރު ވަރަށް ފައިނަލް ސްޓޭޖްގައި ކަންތައްތައް އެހެރީ.
ދެން އޭގެ އިތުރަށް، އެއަރޕޯޓުގެ މަސައްކަތްވެސް އެދަނީ. ދެން އައްޑޫސިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ، އިންވެސްޓްމެންޓްތަކަށް ފަހި ސިޓީއަކަށް ހެދުމުގެ ޚާއްޞަ މަޝްރޫޢެއް، ތިން އަހަރު ދުވަހުގެ ޚާއްޞަ މަޝްރޫޢެއް މި އަންނަ އަހަރުން ފެށިގެން ހިންގުމަށް އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނުކުރިން. އެކަންވެސް އެދަނީ ތައްޔާރުވަމުން. އޭރުން ތިން އަހަރު ދުވަހަށް އެކިކަހަލަ ލުއިތައް، އެއީ މިސާލަކަށް، ބިމުކުލި، ނޫނީވިއްޔާ ދައްކަންޖެހޭ އެކިކަހަލަ، ސަރުކާރަށް ދައްކަންޖެހޭ އެކިކަހަލަ ޕޭމަންޓްތައް، މިކަހަލަ އެއްޗެހިން ލުއިތައް ދިނުމާއި، މިކަހަލަ ވަރަށް ގިނަ ލުއިތަކާ އެކީގައި، ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައިގެން އެކަންވެސް ފެށިގެންދާނެ. އޭގެ ބޭނުމަކީވެސް ވިޔަފާރިތައް ގިނަކުރުން އައްޑޫ ސިޓީގައި. އާމްދަނީ ލިބޭނެ ފުރުޞަތުތައް ގިނަކުރުން. ވަޒީފާގެ ފުރުޞަތުތައް ގިނަކުރުން.
އެހެންވީމާ، ޓޫރިޒަމް ސެކްޓަރގެ ތެރެއިންނާއި، ވިޔަފާރީގެ ސެކްޓަރގެ ތެރެއިންނާއި އަދި މަސްވެރިކަމުގެ ތެރެއިންނާއި، އައްޑޫ ސިޓީގެ ޕޯޓުގެ ސަރަޙައްދުގައި އެކަމާ ގުޅޭ ޚާއްޞަ މަޝްރޫޢެއް ގެންދަން ނިންމާފައި މިއޮތީ. އެހެންވީމާ، މިކަހަލަ ވަރަށް ގިނަ ކަންކަން އެބަހުރި އައްޑޫ ސިޓީއަށް. ދެން ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ ކަންތައް، ބޮޑު މަޝްރޫޢެއް. ދެން އޭގެ އިތުރަށް، މަގުތައް ހެދުން. މިހާރު ލިންކް ރޯޑުގެ މަސައްކަތާއި، ޖުމްލަކޮށް މަގުހެދުމުގެ މަޝްރޫޢު އެވަނީ ފެށިފައި. އެހެންވީމާ، މިކަހަލަ ގިނަ ކަންތައްތަކެއް އެބަ ހިނގާ އިނގޭތޯ އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި. އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި. އެހެންވީމާ، މާލެ ނަގާފައި އާބާދީ އެންމެ ބޮޑު ސަރަޙައްދަށް ދޭންޖެހޭ ސަމާލުކަންދީގެން، ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށްދާނެ. އެބަދޭ ކުރިއަށް.
އަޙުމަދު ޝުޢާއު - އަވަސް:
އަޅުގަނޑުގެ ފަހު ސުވާލަކަށް، ރައީސްގެ ވެރިކަމުގައި ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ފެނިގެންދާނީ ކޮން ޕްރޮޖެކްޓެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވާނީ މާލެއިން ތިލަފުށްޓަށް އިރާދަކުރެއްވިއްޔާ ޕޯޓު ބަދަލުކުރުން އިނގޭތޯ. އެއީ، މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢު. އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ހިނގާނެ، ތަރައްޤީގެ އެންމެ ބޮޑު، އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިދޭނެ މަޝްރޫޢަކަށް އިރާދަކުރެއްވިއްޔާ ވާނީ މާލެއިން ތިލަފުށްޓަށް ޕޯޓު ބަދަލުކުރުން. ދެން ކަމާގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން، ވަރަށް ބާރު ސްޕީޑްގައި އިރާދަކުރެއްވީތީ މިކަން އެބަ ހިނގާ. މި އަންނަ އަހަރުގެ ނޮވެންބަރު 11 އަށް އިރާދަކުރެއްވިއްޔާ މިކަން ނިންމަން މަސައްކަތް މިކުރަނީ.
އަޙުމަދު ޝުޢާއު - އަވަސް:
ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑަށް ފުރުޞަތު ދެއްވީތީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ.
މުޙައްމަދު ޙުސައިން ޝަރީފް:
މި ހަފްތާގެ އެޕިސޯޑް ކަމުދިޔަކަމުގައި އުންމީދުކުރަން. ކަމުދިޔަކަމުގައިވާނަމަ، ލައިކެއް ދެއްވާތި. އަދި ޝެއަރކޮށްދެއްވުމަށްވެސް ދަޢުވަތު އަރުވަން. އާދެ، މި ހުރިހާ އެޕިސޯޑުތަކެއްވެސް ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ އެކި ސޯޝަލް ޗެނަލްތަކުން ފެނިވަޑައިގަންނަވާނެ. އިރާދަކުރެއްވިއްޔާ، އާ އެޕިސޯޑަކާއެކީ މާލަހެއްނުވެ ތިޔަބޭފުޅުންނާ ބައްދަލުކޮށްލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.