بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
الحمد لله ربّ العالمين، والصّلاة والسّلام على رَسُـولِ اللّـه وعلى آله وصحبه أجمعين.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ދައުލަތުގެ ވަޒީރުން، ދައުލަތުގެ ޢިއްޒަތް އެރުވިފައިވާ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން، ކުންފުނިތަކުގެ ވެރީން، ލޮބުވެތި ކިޔަވާކުދިން، އުތީމު ކައުންސިލްގެ ރައީސާއި މެންބަރުން، އަދި މުއައްސަސާތަކުގެ ވެރިންނާއި، ބޮޑުތިލަދުންމަތީގެ އެކި ރަށްރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އެންމެހައި ހާޒިރީން، އުތީމުގެ ލޮބުވެތި ރައްޔިތުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛
السّـلام عليــكم ورحـمــة اللّـه وبـركاتـه.
އާދެ، އަޅުގަނޑުމެން މިއަދު މި އާކުރަނީ ބޮޑުތިލަދުންމަތީގެ މައްޗަށް ދިވެހި ޤައުމު ފަޚްރުވެރިވާ އެންމެ ޢިއްޒަތްތެރި ހަނދާންތައް. އަޅުގަނޑުމެން މިއަދު މި ދިރުވަނީ އުތީމުގެ ފަސްގަނޑަށް އުފަން ދިވެހި ޤައުމީ އަބްޠާލުންނާ ގުޅިފައިވާ އެންމެ ޝަރަފުވެރި ހަނދާންތައް. އެ ބޭފުޅުންގެ ޙަޔާތްޕުޅުން ފެންނަ އެންމެ މޫރިތި މަތިވެރި ޒިކްރާތައް. ޝައްކެއްނެތް، ޤައުމީ ދުވަހަކީ ދިވެހި ޤައުމާއި ދިވެހި ފަސްގަނޑުގެ ސިޔާދަތާއި އިސްތިޤްލާލަށްޓަކައި، އެތައް އަޖުދާދުންނެއް، ޕޯޗުގީޒު ބާރަށް ފާޅުގައި ނޫނެކޭ ބުނެ، ޙިކްމަތާއި ގަދަ ހިތްވަރުން ދިވެހި ޤައުމަށް ސަލާމަތްކަމާއި އަމާންކަން ހޯދައިދިން، އުފާވެރި ދުވަސް. އެއީ ދިވެހިރާއްޖޭގެ ފަޚްރުވެރި ޤައުމީ ދުވަސް.
ދުވަހުގެ ބަޠަލް އުތީމު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަށާއި، އެ ތަކުރުފާނާއެކު މި މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގަތް، އެންމެހައި މުޖާހިދުންނަށް އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައި ވަނީ، ހިފެހެއްޓުމެއް ނެތް ތާރީފާއި ޝުކުރު. އުތުރެމުންދަނީ މިނެއް ނެތް، ހިސާބެއް ނެތް، ފުން ލޯތްބާއި ޤަދަރު. އެ އެންމެ ބޭފުޅުންގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ހެޔޮ ޖަޒާ މިންވަރުކުރައްވާށި!
އެއާއެކު، ފަޚްރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން. އަދި ހަމަ މިއާއެކު، މި އުފާވެރި ޖަލްސާގައި ދައުލަތުގެ ޢިއްޒަތާއި، ޝަރަފުވެރިކަމުގެ އިނާމާއި، ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.
މިއަދު ދިވެހި ދައުލަތުގެ ޢިއްޒަތް، އާދެ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުނު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއް. އެ މަނިކުފާނަކީ މިހާރު ދިވެހި ޤައުމިއްޔަތުގެ އިސްވަރުގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެއް. އެ މަނިކުފާނަކީ ދިވެހި ތާރީޚާއި ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި، ތާރީޚީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެއް. މޮޅު ވާހަކަދެއްކުންތެރިއެއް. ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެއްވެސްމެ. އެހެންކަމުން، އެ މަނިކުފާނު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން މިހާރުވެސް ގެންދަވާ ޚިދުމަތްތަކަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޤައުމީ ފެންވަރެއްގައި ބަލައިގަނެ، އެކަމުގެ ޙައްޤު ޝަރަފް އެ މަނިކުފާނަށް އަރުވަންޖެހޭނެ ޚިދުމަތްތަކެއް. އެހެންކަމުން، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަން.
ހަމައެއާއެކު، މިއަދުގެ މި ޖަލްސާގައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށާއި، ޖަމުޢިއްޔާއަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ބޭފުޅުންނަށާއި ކުންފުންޏަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. އަދި ޚިދުމަތުގެ ޤައުމީ އިނާމު، އެ ބޭފުޅެއްގެ ހަނދާނަށް އެރުވުނު އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ޤައުމީ އިނާމު ދިނުމާބެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ، ޤައުމީ އިނާމާބެހޭ ކޮމިޓީން ކަމަށްވާތީ، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގައި، އެ ކޮމިޓީން ކުރައްވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި ކޮމިޓީގެ ހުރިހާ މެންބަރުންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.
އާދެ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ފެންވަރުގައި މިފަދަ ޚާއްޞަ ރަސްމީ ޖަލްސާއެއް ބާއްވަމުންދާއިރު، އަޅުގަނޑުމެންގެ އެންމެ މައިގަނޑު ސުވާލަކީ، ޤައުމީ ދުވަސް އައީ ކީއްވެގެންތޯ؟ ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ ކޮން ކަމެއްތޯ؟ މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ މިއަދު ކުރަމުންމިދާ ސުވާލު. ކޮންމެ ދިވެއްސެއްގެ، ކޮންމެ މުވާޠިނެއްގެ ހިތުގެ އެންމެ ފުންމިނުގައި ވިންދު ޖަހަމުންދާ ސުވާލު. ސަބަބަކީ ކޮބައިތޯ؟
އަޅުގަނޑުމެންނަށް އެނގޭ، ''ޑިސްކަވަރީ އޮފް ދަ ސީ ރޫޓް'' ގެ ނަމުން މަޝްހޫރުވި ދަތުރުގައި ޕޯޗުގީޒުން ދިވެހި މާ ކަނޑަށް ފޭބިކަން. އަޅުގަނޑުމެންނަށް އެނގޭ، 15 ވަނަ ޤަރުނުގައި މި ސަރަޙައްދުގެ ކަނޑުތަކަށް އެ މީހުން އަތްގަދަކުރިކަން. އަޅުގަނޑުމެންނަށް އެނގޭ، 1497 ވަނަ އަހަރު، ވަސްކޮ ޑަ ގާމާ ޔޫރަޕުން ފުރައިގެން އެފްރިކާ ބައްރު ވަށާލައި، އުތުރުކަރަޔަށް މިސްރާބު ޖެހިކަން. އަޅުގަނޑުމެންނަށް ދުނިޔޭގެ ތާރީޚު ދައްކައިދޭ، މީލާދުން 1510 ގައި ޕޯޗުގީޒުން އުތުރުކަރައިގެ ގޯވާ ހިފައި، އެތަނުގައި ޕޯޗުގީޒުންގެ އިރުމަތީގެ މައި މަރުކަޒު ޤާއިމުކުރިކަން.
ދެންވީ ކިހިނެއްތޯ؟ އޭގެ ފަހުން 1558 ވަނަ އަހަރު އެ މީހުން މާލެ ހިފި. އަދި މާލޭގައިވެސް އެ މީހުންގެ ކޯއްޓޭއެއް ބިނާކުރި. މިކަން ބޭރުގެ މުއައްރިޚުންގެ ފޮތްތަކުން މިހާރުވެސް އެހެރީ ފެންނަން. މުހިންމު ވަނީ މިހެން ހިނގައިދިޔަ ކަމެއްގައި ދިވެހީން ދިވެހީންގެ ރާއްޖެއާ މެދު ޢަމަލުކުރިގޮތް. ދިވެހީން ދިވެހީންގެ ދީނާއި، ޤައުމުގެ ދިފާޢުގައި ހޭލައި ފަރުވާތެރިވިގޮތް.
މި ލޮބުވެތި ވަޠަން އެފަދަ ބޮޑު ބާރެއްގެ ވަކިތަކުން ސަލާމަތްކުރިގޮތް. އަދި އެކަމުގެ ފުން ސިއްރުތަކާއި ސަބަބުތައް.
މިގޮތުން، ފުރަތަމަ ކަމަކަށް އަޅުގަނޑު ބަލައިލަން ބޭނުންވަނީ، ޕޯޗުގީޒުންގެ ވާގިވެރިކަން ހޯއްދެވި، ނުވަވަނަ ޙަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބަށް. އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަގޮތަށް. އެކަމުގައި ދިވެހީން ނެގި ޤަރާރު ނުވަތަ ޤައުމީ ނިންމުމަށް.
ކޮބައިތޯ އެކަމަކީ؟ އޭރު ޕޯޗުގީޒުންގެ ޙިމާޔަތުގައި އޭނާ ހުންނެވިއިރު، އޭނާވަނީ ދިވެހީންގެ ދީނުގެ ޙުރުމަތް ކަނޑާފައި. އޭނާވަނީ ދިވެހި ތަޚްތުގެ ބޭނުމުގައި ބޭރު ބާރަކާއެކު، ޤައުމަށް ގެއްލުންހުރި ގުޅުންތަކެއް އުފައްދާފައި. އޭނާއަކީ ރާއްޖޭގެ ރަސްކަން ކުރައްވާފައިވާ ބޭފުޅަކަށްވާތީ، އޭނާއަށް ތާއިދުކުރި ބަޔަކާއި، އަދި ސިޔާސީގޮތުން އިދިކޮޅު ވިސްނުމެއް ރާއްޖޭގައި އޭރުގައި އޮތް. ހަމަ އެހެންމެ، އޭރު ތަޚުތުގައި އިންނެވި ޢަލީރަސްގެފާނުގެ ކުރިން ދިވެހި ތަޚްތުގައި އިންނެވި އަބޫބަކުރު ރަސްގެފާނު ޢަލީރަސްގެފާނުގެ ވާދަވެރިއެއްގެ ގޮތުގައި އޭރު ރާއްޖޭގައި ފުރަ މާލޭގައި ހުންނެވި. އެ ހާލަތުގައި ދިވެހި ސިޔާސީ ވެރިންނާއި، އާންމު ރައްޔިތުން އިސްކުރެއްވީ ކޮންކަމެއްތޯ؟ އަބޫބަކުރު ރަސްގެފާނާއި، ޢަލީރަސްގެފާނާއި، މުޅި ދިވެހިރައްޔިތުން އިސްކުރެއްވީ ކޮންކަމެއްތޯ؟ ޤައުމު. އިސްކުރެއްވީ ދިވެހި ޤައުމު. އިސްކުރެއްވީ ދިވެހި ޤައުމީ ވިސްނުން. ދިވެހީންގެ ރާއްޖެއާއި، މާތްވެގެންވާ އިސްލާމްދީން. އެކަމަށްޓަކައި، އަބޫބަކުރު ރަސްގެފާނާއި، ޢަލީރަސްގެފާނު ޞުލްޙަވެވަޑައިގެންނެވި. ޙަސަން ރަސްގެފާނު އެ ގެންގުޅުއްވާ ޤައުމާއި ދީނާ އިދިކޮޅު ވިސްނުމަށް ފާޅުގައި ނޫނެކޭ ވިދާޅުވި. ދިވެހިރައްޔިތުންވެސް ނެންގެވީ ޤައުމީ ފަޅި. ޤައުމަށް ހެޔޮއެދުމުގެ ފަޅި. އެހެންވީމާ، ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އެއް ސަބަބަކީ މިކަންކަން ހަނދާންކޮށްދިނުން. ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ، ދިވެހި ފަޚްރުވެރި ކާބަފައިންނެކޭ އެއްފަދައިން، ޤައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން. ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި ލޮބުވެތި ރައްޔިތުން؛
ޤައުމީ ދުވަހުގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދޭ އަނެއް ޙަޤީޤީ މަންޒަރަކީ ކޮބައިތޯ؟ އެއީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ، ދިވެހި ކާބަފައި އަޖުދާދުންނަކީ، އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން. ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަން. އެކަމުގައި ވަކި ފަންތިއެއް ގިންތިއެއް ތަފާތެއް ނޯންނަކަން.
ހިތްޕުޅަށް ގެންނަވާ! ޢަލީރަސްގެފާނަކީ ސިޔާސީ އެންމެ މަތީވެރިޔާ. އެ ރަދުން ޤައުމަށްޓަކައި ފުރާނަފުޅު ދޫކޮށްލެއްވި. އުތީމު ޢަލީތަކުރުފާނު ހިތްޕުޅަށް ގެންނަވާ! ރަށްފުށުގެ ފެންވަރުގައި ޤަދަރުވެރިއެއް. ފުދުންތެރިއެއް. ޤައުމުގެ ދިފާޢުގައި ފުރާނަފުޅު ދޫކޮށްލެއްވި! ތިމަރަފުށީ ދެ ޙާޖީންނާ މެދު ފިކުރު ހިންގަވާލައްވާ! އެއީ ވިޔަފާރިވެރީން. ފޯރުންތެރީން. އެ ބޭފުޅުންވެސް
މި ޖިހާދުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތް. ވިލިނގިލީ ރައިވެރިބެއާއި، ދޮނަކުޅީ ރައިވެރިބެއާއި، މަރޮށީ ރާވެރިބެޔާ މެދުގައިވެސް ވިސްނާލައްވާ! އެއީ ފަގީރުން. އެ ބޭފުޅުން މި ޖިހާދުގައި ބައިވެރިވެވަޑައިގަތް ގޮތް، އެހީތެރިވެދެއްވި ގޮތް ސިފަކުރައްވާ! ނޮޅިވަރަމްފަރު އެދުރުކަލޭގެފާނަކީ ޢިލްމުވެރިއެއް. އޭނާ މި ހަނގުރާމައިގައި އަދާކުރެއްވި ޢިލްމީ ދައުރު ހިތްޕުޅަށް ގެންނަވާ! އަދި ކޮބައިތޯ؟ ފަހުން ކަނބާ އައިސާއާއި، ސިއްތި މާވާ އަދާކުރެއްވި ދައުރު. ދުވާފަރު ދަންޑެހެލަކީ ޒުވާންކުއްޖެއް. އޭނާ މި ޤައުމަށްޓަކައި އެ އަދާކުރެއްވި އޭނާގެ ޒުވާންކަމުގެ ޤައުމީ ވާޖިބު، ތާރީޚުން ފަނޑުވެގެންދާނެތޯ؟ ނުދާނެ. އެހެންވީމާ، ޤައުމީ ދުވަސް އަޅުގަނޑުމެން ގާތު ބުނަނީ ދިވެހި ކާބަފައިން އަބަދުވެސް ތިބީ ޤައުމާ އެއްކޮޅަށްކަން. ޤައުމީ ލޯބި އެއީ، ދިވެހީން އަބަދުވެސް އެ ރޫޙާއެކު އުފާކުރާ މަތިވެރި ލޯތްބެއްކަން. ޤައުމީ ލޯތްބާ ދިވެހީން ދުވަހަކުވެސް ވަކިނުވާނަންކަން.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދޭ އަނެއް ޙަޤީޤަތަކީ، ޤައުމީ ދުވަހުގެ ބަޠަލަށް މުޅި ރާއްޖެއިން ފުރިހަމަޔަށް ދެމުން އައި ފުރިހަމަ އިޖާބަ. އެކަމުގައި އެކުލެވިގެންވާ އަގުހުރި ޤައުމީ ފިލާވަޅު. ކަޅުއޮއްފުންމި ބަންނަވަން މާވަޑިން ހޯއްދަވަން އެ ތަކުރުފާނު ކުރެއްވި ދަތުރަށް ބައްލަވައިލައްވާ! ރާއްޖޭގެ ތަފާތު 40 ރަށުން 40 މާވަޑިން އެކަމުގައި ބައިވެރިވި. މިކަމުން އެނގެނީ، މި ބޮޑު ޤައުމީ ޖިހާދުގައި މުޅި ރާއްޖެ ބައިވެރިވިކަން. އެހެން އިބާރާތަކުން ދަންނަވާނަމަ، މިކަމުން އެނގެނީ ދިވެހި މުޅި ޤައުމުގައި ވަނީ ޤައުމީ ވިސްނުންކަން. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ޤައުމު އިސްކޮށްގެންކަން، އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދޭކަން. އެ ފިލާވަޅު މިއަދާ ހަމަޔަށް ފެންނަން އެބައޮތްކަން.
އެހެންވީމާ، މުޅި ރާއްޖޭގެ ވިސްނުމަކަށްވާންވީ، މި ލޮބުވެތި ފަސްގަނޑުގެ ޙައްޤުގައި އަޅުގަނޑުމެން އެ މަތިވެރި އަޖުދާދުންގެ ހަރުދަނާ ޢަމަލުތަކުން ފިލާވަޅު ލިބިގަތުން. އެގޮތުގައި، ޤައުމީ ވިސްނުމުގައި، ފިޔަވަޅުތައް ކުރިއަށް އަޅަމުންދިޔުން. އަބަދުވެސް ޤައުމާ ދިމާޔަށް އަޅުގަނޑުމެންގެ ހިތްތަކާއި ނިތްތައް ސީދާކުރުން. އެގޮތުގައި އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި، އެއް އަމާޒެއްގައި، އެއް ބައެއްގެ ގޮތުގައި ދެމިތިބުން.
ދެން ބަލައިލަމާތޯ، އުތީމު މަހާރަދުންގެ މުޅި ސީރަތަށް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ، އެ ތަކުރުފާނުގެ ސީރަތުން ލިބޭ. އެކަމަށް ފުންކޮށް ދިރާސާތައް ކުރަންވީ. ޢިލްމީ ބެލުންތައް ބަލައި ދެނެގަންނަންވީ. ވަރަށް ތުއްޕުޅުއިރު، ރަށުތެރެއާއި ހޮޅުއަށީގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނު. އެކަން ހިމެނުނީ ލީޑަރުން ބިނާކުރުމުގެ ފިލާވަޅެއް ކަމުގައި. އަމުރަށް ކިޔަމަންވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްވުމުގެ ތަމްރީނާއި ތަރުބިއްޔަތެއް ކަމުގައި. ދޫނި ހިއްޕެވުމުގެ އިތުރު ހުނަރުތައް ދަސްފުޅުކުރެއްވީ އެ ދުވަސްވަރު. ދިވެހި ޤައުމު ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމުގެ ތަޞައްވުރު، އެ ތުއްތު ސިކުނޑީގައި ކުރެހުނީ، އެކަމުގެ އިލްހާމުތައް އާލާވީ އެ ދުވަސްވަރު. މިނިވަންކަމާއެކު ދޫނިތައް އުދުހިދާން އެ ވިދާޅުވީ، އެ ފުން މާނަތައް ހިތްޕުޅުގައި ދައުރުވަމުންދާތީ. އެހެންކަމުން، ޤައުމީ ދުވަހުގެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި، މާނަހުރި ފިލާވަޅެއް.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛
ދިވެހި ކަނޑަކީ ބޮޑު ތަނަވަސް ކަނޑެއް. ދިވެހީންނަކީ ކަނޑުގެ ދަރީން. އުތީމު މަހާރަދުންގެ ސީރަތުން ދެން އަޅުގަނޑުމެން ދުށީ ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގަތުން. އެ ޒަމާނަށް ބޭނުންވާ ޢިލްމު ހޯއްދެވުން. ނިޔަމިކަން ދަސްފުޅުކުރެއްވުން. ރާއްޖޭގެ ޖިއޮގްރަފީގެ އިސް މާލިމީއަކަށް ވެވަޑައިގަތުން. މިކަމުން ލިބޭ ފިލާވަޅަކީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު އަޅުގަނޑުމެންގެ ކުދީންނަށް ދޭންޖެހޭނެކަން. އަދި މިއީ ދިވެހީންކަން. ދިވެހި ވެށި، ދިވެހީންގެ ރާއްޖެ، ދިވެހީންގެ ޤައުމު ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެކަން.
އުތީމު މަހާރަދުންގެ ޚާއްޞަ އަނެއް ހުނަރަކީ، އެ ރަދުންގެ ޑިޕްލޮމަސީ. އެ ރަދުން ޕޯޗުގީޒުންނާ ކަވާސާވެވަޑައިގަތް. ދިވެހީންނެކޭ އެއްގޮތަށް، އެ މީހުންގެވެސް އިތުބާރު ހޯއްދެވި. އެމީހުންނާއެކު އޮމާން ގުޅުމެއް ބާއްވަވައިގެން، ކަޅުއޮއްފުންމި ބަންނަވައި، ސިއްރުގޮތުގައި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް. މިކަމުން އެނގެނީ، އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެކަން. ދިވެހީންނަކީ، އިސްލާމުންނަކީ އެއަށްވުރެ މާ ހަރު ބައެއްކަން. ހަރުދަނާ ބައެއްކަން. އަޅުގަނޑުމެންގެ ޢަޒުމާއި އީމާނުގައި އަބަދުވެސް އާރުލާންޖެހޭނެކަން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއްކަމަކީ މިއީ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ޤައުމީ ސިޔާދަތާއި، ޤައުމުގެ މިނިވަންކަމާ އެކީގައިކަން.
ހަމަ މިއާއެކު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، ޤާއިދެއްގެ ހައިސިއްޔަތު، ނުވަތަ ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުން އުތީމު މަހާރަދުން ދެއްވާ ފިލާވަޅު. އެ ރަދުން ދުރާލާ ހަނގުރާމައިގެ އުކުޅުތައް ދަސްފުޅުކުރެއްވި. ބަޑިހެވިކަމާއި، ކަނޑިހެވިކަން ފަދަ، އެ ޒަމާނުގެ އުކުޅުތައް ވަރަށް މަތީ ފެންވަރެއްގައި އުނގެނިވަޑައިގަތް. އެއަށްފަހު، ހަތިޔާރު ހޯއްދެވި. ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުން މީހުންނާ ގުޅުން އުފެއްދެވި. ހަނގުރާމަ ފެށްޓެވުމުގެ ކުރިން، އާއިލާ މަލިކަށް ބަދަލުކުރެއްވި. އެއީ، ހަނގުރާމަ ފެށޭ ތަނާ، ދުޝްމަނުންގެ އުކުޅަކުން އާއިލާގެ ބޭފުޅަކު ކިޑްނެޕް ކޮށްފިނަމަ، ދެން ކުރިމަތިވާނެ މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި. މިފަދަ ހުރިހާ ކަމަކުން އެނގެނީ، ޤައުމީ ދުވަހުގެ ބަޠަލު، އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ދިވެހި ޝަޚްޞިއްޔަތެއްކަން. އެ ތަކުރުފާނުގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ޤައުމީ އެތައް ފިލާވަޅެއް ލިބިދޭކަން. އަދި އޭރުގެ ދިވެހީން އެ ފިލާވަޅު ލިބިގަތްކަން. އަޅުގަނޑުމެން މިހާރުގެ ދިވެހީންވެސް މިތިބީ އެގޮތުގައި. އަޅުގަނޑުމެން ދިރުވާންވީ ޤައުމީ ރޫޙު. އެ ޤައުމީ ލޯބި. އަބަދުވެސް ޢަޒުމަކަށްވާންވީ ޤައުމަށް ހެޔޮއެދުން.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އަނެއް ޢިބްރަތަކީ، މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާ. އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި، އޭގައި ހުރި ނިކަމެތިކަން. ޝައްކެއްނެތް، ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން. އިސްލާމްދީން އެއީ، ދިވެހި ޤައުމުގެ ނާރެސް. ކީރިތި ޤުރްއާނަކީ ދިވެހި ޤައުމިއްޔަތުގެ މަދު.
ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެންކުރެ އެންމެ މީހަކު، މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން. އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑުނީ. ވަޠަނީ ލޯތްބާއި، ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ. ދީން ދޫކޮށްލާ ހިސާބުން އެ ޚިޔާނާތްތެރިވެވުނީ ހަމައެކަނި ދީނަކަށް ނޫން. އެ ޚިޔާނާތްތެރިވެވުނީ، ދިވެހި ޤައުމަށް. ދިވެހިރާއްޖެއާއި ދިވެހި ދައުލަތަށް. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް. ދިވެހީންގެ އަބުރާއި ޢިއްޒަތާއި، މުޅި ދިވެހި ތާރީޚަށްވެސްމެ. ނަތީޖާ ކިހާ ނުރައްކާތެރިތޯ؟ ކޮންފަދަ ހިތާމަވެރިތޯ؟
ދީން އަޅުގަނޑުމެންނަށް ލިބިދެނީ ކޮން ކަމެއްތޯ؟ ޝައްކެތް ނެތް، ދެ ދުނިޔޭގެ ބާއްޖަވެރިކަން. ދީނުގައި އެފަދަ މަތިވެރި ބާރެއް، އެފަދަ ދިރުންހުރި ރޫޙެއް އެކުލެވިގެންވޭ. އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށްޓަކައި. މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަ ބެންނެވީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި. ހަނގުރާމައިން ހާސިލުކުރައްވަން ބޭނުންފުޅުވާ އަމާޒު، އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި ނަޞްރު ލިބިވަޑައިގަންނަވަންދެން ޖިހާދު ކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަޙްމަތަށް ވާޞިލްވުން.
އެހެންވީމާ، މިކަމުންވެސް ޤައުމީ ދުވަހުގެ ހާދިސާއާއި މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ނިކަން ފުރިހަމަޔަށް އެބަ ފެނޭ. އެހެންކަމާއެކު، ޤައުމުގެ މިނިވަންކަމާއި އިސްލާމްދީނާ ގުޅިލާމެހިފައިވާ މިންވަރު ހާމަވެގެންދޭ. އިސްލާމްދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ޤައުމުގެ މިނިވަންކަން އޮތީ ގެއްލިފައި. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަންވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައި.
މި ސަބަބަށްޓަކައި އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމްވެފައި އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުވެސް އެއްބަސް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން، ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ޤާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނާންވާނީ، މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި. މިއީ މިކަން ލިޔެކިޔުމުން ފެންނާން އޮތްގޮތް.
ސުވާލަކީ އެކަމަކު މިކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އެބައޮތްތޯ؟ އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބައޮތްތޯ؟ ޖަވާބު ވަރަށްކުރު. ނެތް. އެންމެ ފަސޭހަ، އެންމެ ސާދާ އަދި އެންމެ ކުރު ޖަވާބަކީ އަދި އެފަދަ ނިޒާމެއް ނެތްކަން.
އެހެންވީމާ، އަޅުގަނޑު މިއަދު ޤަޞްދުކުރަނީ، މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީގޮތުންނާއި، ނިޒާމީގޮތުން ކަށަވަރުކުރަން. އެހެންވީމާ، އެފަދަ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި ލޮބުވެތި ރައްޔިތުން؛
ޤައުމީ ދުވަހުގެ ބަޠަލުގެ ކާމިޔާބު ޙަޔާތްޕުޅުންވެސް، މާތްވެންވާ އިސްލާމްދީނުގެ އަސާސްތަކުންވެސް އަޅުގަނޑުމެންނަށް ފެންނަ އިންސާނީ މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤު. ޑިސިޕްލިން. އެއީ ޤައުމެއް ބިނާކުރުމުގެ މައިގަނޑު އަސާސް. ކުޑަވެސް ޝައްކެއް ނެތް، އިންސާނުންގެ އެންމެ މަތިވެރި އިންސާނީ ޒީނަތްތެރިކަމަކީ އަދި އައްޑަނައަކީ މަކާރިމުލްއަޚްލާޤު. ޤައުމެއްގެ ނިސްބަތުގައި އަޚްލާޤުގެ މާނަ ވަރަށް ތަނަވަސް. ވަރަށް ފުޅާ. އާއިލީ ނިސްބަތުގައި އެއީ، އާއިލާގެ އެކަކު އަނެކަކަށް އޮންނަންޖެހޭ އިޙްތިރާމު. ކުލުނާއި ލޯބިން އުފެދޭ ކަމޭހިތުން. މުޖުތަމަޢެއްގެ ނިސްބަތުގައި އަޚްލާޤަކީ، އެ ބައެއްގެ ތެރޭގައި ހުންނަ އިޖުތިމާޢީ އަގުތަކަށް ފަރުވާތެރިވުން. އިޖުތިމާޢީ މިންގަނޑުތަކަށް އެންމެންވެސް ކަމޭހިތުން. ވަގުތަށް ފަރުވާތެރިވުން. ޤައުމެއްގެ ނިސްބަތުގައި އެއީ، މުޅި ޤައުމުގެ ހުރިހާ ކަމެއްގައި ހަމަ ހިފެހެއްޓުން. އުސޫލުތައް ދެމެހެއްޓުން. ކަމަށް ކަމޭހިތުން. އިދާރީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު، އޭގެ ފުރިހަމަގޮތުގައި އަދާކުރުން. ޤާނޫނާއި ގަވާއިދާއި އުސޫލުތައް ތަންފީޒުކުރުމާއި، ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް ބޯލެނބުން.
އެހެންކަމުން، އިޖުތިމާޢީ އަގުތައް މިއީވެސް އަޅުގަނޑުމެން ވަރަށް އިސްކަން ދޭންޖެހޭނެ ދާއިރާއެއް. ޤައުމާއި މުޖުތަމަޢާއި އާއިލާއާއި އަދި އަމިއްލަ ނަފުސުގެ ހަމަޖެހުން ގެނެސްދެނީ، މިކަންކަމުން ކަމަށްވީތީ. އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރަންވާނީ އިޖުތިމާޢީ އަގުތައް ޙިމާޔަތްކުރަން. ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާގެ އިރުޝާދުފުޅު އަޅުގަނޑުމެންގެ ހިތްތަކުން އެންމެ ހިނދުކޮޅަކަށްވެސް ފިލައި ގޮސްގެން ނުވާނެ. ކޮބައިތޯ އެ ނަސޭހަތްޕުޅަކީ. "އެކަކު އަނެކަކަށް ލޯބިވުމާއި، އޯގާތެރިވުމާއި، ކުލުނުވެރިކަމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލޭ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭނެއް އުފެދިއްޖެނަމަ، ހޭލާ ހުރުމާއި ހުންއައުމުގައި، އެ މުޅި ހަށިގަނޑު ބައިވެރިވެޔޭ."
މީގެ 600 އަހަރު ކުރިން އުފެދުނު މުސްލިމުންގެ މަޝްހޫރު ފަލްސަފާވެރި ޢިލްމުވެރިޔާ، އިބްނު ޚަލްދޫން ވިދާޅުވެފައިވޭ. "އިންސާނީ ތަހުޒީބާއި އާބާދީ ފުރިހަމަވެ، ސީދާވެގެންދަނީ އަޚްލާޤާއި ޢަދާލަތުގެ މައްޗަށް ބިނާވެގެންވާ، އެއްބާރުލުމާއި އެއްބައިވަންތަކަމުންނޭ. އަޚްލާޤު ރޫޅި، އަގުތައް ފަސާދަވެއްޖެނަމަ، ތަހުޒީބަށް އުނިކަން އައިސް، ދައުލަތްތައް ނެތިދެޔޭ."
މިފަދަ ސަބަބުތައް މިހެންހުރީމާ، ޤައުމީ ދުވަހުގައި އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ އެންމެ މުހިއްމު އެއް ޢަޒުމަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމުގެ ޢަޒުމު. އަޅުގަނޑުމެންގެ އަޚްލާޤީ އަގުކުރުންތައް އާލާކުރުމުގެ ޢަޒުމު. އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ޤަދަރުކުރާ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހުރިހާ މާނައެއްގައި އިޙްތިރާމް އަދާކުރާ، އެއްބައެއްކަމުގެ އިޙްސާސް، ދިވެހި އުންމަތުގައި ދިރުވުމުގެ ޢަޒުމު.
ވަރަށް އާދައިގެ ބަހުން، ވަރަށް އާދައިގެ ބައެއް މިސާލު ދަންނަވާލާ ކަމަށްވަންޏާ، ޓެކްސީ ދަތުރެއް ނިންމާފައި، ފައިބަމުން އެ ކާރު ދުއްވާ މީހާއަށް ޝުކުރިއްޔާއޭ ބުނެލެވޭނަމަ، އޭނާ ކިހާބޮޑު ހިތްހަމަޖެހުމެއް އިޙްސާސްކުރާނެތޯ؟ ލިފްޓަކަށް އަރާއިރު، ފަހަތުން އަންނަ މީހާއަށްޓަކައި، މަޑުކޮށްލެވޭނަމަ، އޭނާއަށް އެއީ ކިހާބޮޑު އުފަލަކަށްވާނެތޯ؟ މަގުމަތީ ދުވާރުމަތިން ހިނގައިފައިދާއިރު، އެހެން މީހުންނަށް ޖާގަ ލިބޭގޮތަށް، އެކަމަށް ވިސްނައިގެން ދެވޭނަމަ، އެ މީހުންގެ ހިތުގައި އެފަދަ މީހަކާ މެދު ކިހާ ކުލުނެއް، ޤަދަރެއް އުފެދޭނެތޯ؟ ތިމާގެ އަވަށްޓެރިޔާއަކީ، ނުދަންނަ ބީރައްޓެއްސެއްނަމަވެސް، އަވަށްޓެރިޔާ ވާނީ އަވަށްޓެރިޔާއަށްކަން ދަނެ، އިސްލާމްދީނުގައި އަވަށްޓެރިންނަށް ދޭން އޮންނަ މަޤާމާއި ޤަދަރާއި އިޙްތިރާމާއި އަޅައިލުން ތިމާގެ ފަރާތުން އަވަށްޓެރިޔާއަށް ދެވޭނަމަ، ބީރަށްޓެހިކަން ރަށްޓެހިކަމަށް ބަދަލުވެ، ތިމާއުޅޭ މާޙައުލުގައި އުފެދިގެންދާނީ ކިހާ އަމާން، ކިހާ ހިތްހަމަޖެހޭ ވެށްޓެއްތޯ؟ އަނެކާ ދައްކަނީ ތިމާ ހިތް ނުރުހޭ ވާހަކައެއް ނަމަވެސް، ނުވަތަ ތިމާއަށް މުހިންމު ނޫން ވާހަކައެއްނަމަވެސް، ނުވަތަ އެއްވެސްވަރަކަށް ތާކުންތާކުޖެހޭ ވާހަކައެއްނޫންނަމަވެސް، ކެތްތެރިކަމާއެކު އަޑުއަހާ، ހިނިތުންވުމާއި އިޙްތިރާމާއެކު ޖަވާބު ދެވޭނަމަ، އެ ވާހަކައެއް ދެއްކި މީހަކު ލަދުނުގަނެ، ނުވަތަ ނިކަމެތިކަން އިޙްސާސްނުވެ، ތިމާއާމެދު އޭނާގެ ހިތުގައި އުފެދޭނީ ކިހާބޮޑު ހިތްހަމަޖެހުމަކާއި ޝުކުރުވެރިކަމެއްތޯ؟ އޮފީހަށް ގަޑިޔަށް ހާޒިރުވުމާއި، އޮފީހުގައި މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމާއި، ސަލާމް ބުނުމަކީ އާދަޔަކަށް ނުހެދުމާއި، ތިމާއާ ޙަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެވޭނަމަ، އަދި މިގޮތުގައި ކޮންމެ ދުވަހަކު އޮފީސް ނިމެންދެން މަސައްކަތް ކުރުމުގައި ހޭދަކުރެވޭނަމަ، އެއީ ދައުލަތަށްވެސް އެފަދަ މުވައްޒަފެއްގެ ފަރާތުން ލިބޭނެ، ކިހާރީތި ނަމެއްތޯ؟ ފަހަރެއްގައިވެސް އަޅުގަނޑު މި ދަންނަވަނީ، މި ޒަމާނުގައި އަޅުގަނޑުމެން ހޯދައިފައިވާ ޙައްޤުތަކާއި ލުއިކަން ބޭނުން ނުކުރާކަށް ނޫން. އެކަމަކު އަޅުގަނޑު މި އެދެނީ، މަސައްކަތުގެ އަޚްލާޤުގައިވެސް އަމާނާތްތެރިވުމަށް. ފަރުވާތެރިވުމަށް. ތެދުވެރިވުމާއި ޒިންމާދާރުވުމަށް. އާދެ، މަސައްކަތުގެ އަޚްލާޤަށް އިޙްތިރާމް އަދާކުރުމަށް. އޮފީހުގެ ވެރީންނާއި މުވައްޒަފުންނަށް މިގޮތުގައި މަސައްކަތުގެ އަޚްލާޤަށް އިޙްތިރާމް އަދާކުރެވޭނަމަ، ޚިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އެ ލިބިގެންދަނީ ކިހާބޮޑު ހިތްހަމަޖެހުމެއްތޯ؟ މަސައްކަތުން ނެރެދޭ ނަތީޖާ އެތައް ގުނައަކުން މަތިވެ، މުޖުތަމަޢާއި ޤައުމަށް ލިބިގެންދާނީ ކިހާބޮޑު ކުރިއެރުމެއްތޯ؟
އާދެ، އެހެންކަމުން، ޤައުމެއްގައި އިޙްތިރާމު އަދާކުރުން، ހުރިހާ މާނައެއްގައި، ހުރިހާ ދާއިރާއެއްގައި، އަދި ހުރިހާ ދަރަޖައެއްގައި އޮންނަން އެބަޖެހޭ. އާއިލާއިން ފެށިގެން ޤައުމީ މަސްއޫލިއްޔަތުތަކާ ހަމައަށް އިޙްތިރާމުކުރުމުގެ އަޚްލާޤު އަށަގަންނުވަންޖެހޭ.
ޤައުމަށް ޙަޤީޤީ މާނައިގައި ހަމަޖެހުން އަންނާނީ މިގޮތުން. ޤައުމުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މިގޮތުން. ޤައުމަށް މާނަހުރި ތަރައްޤީއެއް ހާސިލުވެގެންދާނީ މިގޮތުން. ޢުމްރާނީ ތަރައްޤީއާއި، އިޤްތިޞާދީ ތަރައްޤީއާއި، އިޖުތިމާޢީ ތަރައްޤީ ފުރިހަމަވެގެންދާނީ، ޤައުމުގެ އަފްރާދުންގެ ވިސްނުމާއި ފިކުރު މިގޮތުގައި ހާސިލުކުރެވިގެން.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ، މިފަދަ އެތައް ކަންކަމެއް. ދަސްކޮށްދެނީ މިފަދަ އެތައް އަގުހުރި ފިލާވަޅުތަކެއް. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހިތްވަރުދެނީ، ދިވެހީންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އަނބުރާ އިޢާދަކުރަން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ، ޤައުމީ ވިސްނުމާއި، ޤައުމީ ރޫޙުން ހިތްތަކަށް ހަމަޖެހުން ގެންނާން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ، އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއް ރޫޙެއްގައި، އެއް އަމާޒެއްގައި އެކީގައި ގުޅިގެން ދެމިތިބޭން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ބައިބައިވުންތަކާ ދުރުހެލިވާން. އެގޮތުން، ދިވެހީންގެ ރާއްޖެ، ދިވެހީންގެ ޤައުމު، ދިވެހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމިއޮންނާން.
މިއީ ދިވެހީން. މިއީ ދިވެހީންގެ ރާއްޖެ. އަޅުގަނޑުމެން ތިބޭނީ ޤައުމާ އެއްކޮޅަށް. ޤައުމަށް ހެޔޮ އެދުމުގައި. ޤައުމީ ރޫޙުގައި.
އޯގާވަންތަ ﷲ މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ ދެއްވާށި! އާރޯކަމާއި ތާޒާކަން ދެއްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.