بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ޢިއްޒަތްތެރި ޝަރަފްވެރިން، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ޢިއްޒަތްތެރި ޝަރަފްވެރިން، އަދި ބޭރު ޤައުމުތަކުން ވަޑައިގެން ތިއްބެވި އެންމެހައި ސަފީރުންނާއި ޑިޕްލޮމޭޓުން، މިއަދު އިނާމު ލިބިވަޑައިގެންނެވި އެންމެހައި ބޭފުޅުން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން، އެކިއެކި މަގާމުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ހާޒިރީން، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އެއްބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ނަސްލަކަށް ނިސްބަތްވާ، އެތައްހާސް އަހަރެއްގެ މުއްސަނދި ތާރީޚަކާއި ޘަޤާފަތެއް ލިބިގެންވާ، އެއްބައެއްވަންތަ، އެއްބައިވަންތަ މި ފަޚުރުވެރި ދިވެހި ޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަން.
އާދެ، މި މިނިވަންދުވަހުގެ މުނާސަބަތުގައި މި ބޭއްވޭ އުފާވެރި ޖަލްސާގައި، އެންމެ ފުރަތަމަ އަޅުގަނޑު އަވަސްވެގަންނާނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންނެވި ޢިއްޒަތްތެރި، ޝަރަފްވެރި ހަތަރު ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ޚިދުމަތްތެރި، ޝަރަފްވެރި ހަތަރު ބޭފުޅުން މި ޤައުމަށްޓަކައި ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަން. ހަމައެފަދައިން، ވަރަށްގިނަ ދުވަހު ދައުލަތުގެ އެކިއެކި ޒިންމާތައް އަދާކޮށްދެއްވި، މިތަނުގައި އިނާމު ލިބިވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށްވެސް، އެ ބޭފުޅުން އެ ކުރެއްވި މަސައްކަތްޕުޅަށްޓަކައި، އެ ކުރެއްވި ޚިދުމަތަށްޓަކައި އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މަރުޙަބާ ދަންނަވަން.
އާދެ، ސުވާލު އުފެދިދާނެ، މިނިވަންދުވަހެއްގައި ކީއްވެތޯ ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުދޭންވީ. އެކަން މި ފާހަގަކުރަންވީ ކީއްކުރަންތޯ؟ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ވަރަށް މުނާސަބު ދުވަހެއް މިއަދަކީ. އެއިން މިއިން ކޮންމެ ބޭފުޅަކު މިހާގިނަ ދުވަހު މި މަސައްކަތް ކުރެއްވުމުގައި، މަސައްކަތުގެ އަޚްލާޤު އެއީ، އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމުގައިވާތީ.
އާދެ، މިއިން ކޮންމެ ބޭފުޅަކު އެ ކުރެއްވި ޚިދުމަތުގެ އަގު މިތަނުގައި ވަޒަންކުރެވިގެންދިޔައީ، އެ ބޭފުޅުން އެ ކުރެއްވި ޚިދުމަތުގައި ދެމިތިއްބެވިހާ ދުވަހަކު، އެ ބޭފުޅުންގެ ކިބައިން ވަރަށް މަތިވެރި ސިފަފުޅުތަކެއް ފެނިގެން ގޮސްފައިވާތީ. ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަމާއި، މުރާލިކަމާއި، އިޚްލާޞްތެރިކަމާއި، ކެތްތެރިކަމާއި، ކަމަށްކަމޭހިތުމުގެ މަތިވެރި ސިފަތައް ފެނިގެން ގޮސްފައިވާތީ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ޤައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު އެކަން ހިނގައި ގޮސްފައިވަނީ މި ދެންނެވި ސިފަތައް، އެ ބައެއްގެ ގައިގައި ނެތް ދިވެހީންތަކެއް އަޑީގައި ތިބެގެން އެކަމުގައި ބައިވެރިވުމުގެ ސަބަބުންނޭ. އަދި ހަމައެއާއެކީގައި، އެ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވި ކޮންމެ އަބްޠާލަކު އެ ކުރެއްވި ވަރުގަދަ ޖިހާދުގައި، ކުރެއްވި މަސައްކަތްޕުޅުގައި، އެއިން ކޮންމެ ބޭފުޅެއްގެ ކިބައިންވެސް ފެނިގެން ގޮސްފައިވަނީ ދެންމެ މި ދެންނެވި ސިފަތަކޭ. އެހެންވީމާ، މިއަދާ މިކަންކަން ފާހަގަކުރުމާ ގުޅިގެން މިދަނީ.
އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ޢަޒުމަކަށްވާންވީ، އަޅުގަނޑުމެންގެ މި ޤައުމުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ކިބައިގައި، ކޮންމެ މީހެއްގެވެސް ޢަމަލުތަކުގައި މި ސިފަތައް އަށަގެންނެވުމަށް. އެއީ އަޅުގަނޑުމެން މިއަދު ޢަޒުމް އާކުރަންވީ ކަމަކީ.
އާދެ، މިނިވަންކަމަކީ އޭގެ މާނަ ވަރަށްފުންވެސް ކަމެއް. ހަމައެކަނި ސިޔާސީގޮތުން މިނިވަންކަން ލިބުމަކުންނެއް، ޤައުމެއް މިނިވަންވެގެންދާ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެއާއެކުގައި، ޚާރިޖީގޮތުން ލިބިގެންދާ މިނިވަންކަމާއި، ދާޚިލީގޮތުން އެ ޤައުމެއްގައި މިނިވަންކަން އޮތް މިންވަރާއި، ޤައުމުގެ ޝަރުޢީ ދާއިރާ މިނިވަންވެފައި އޮންނަ މިންވަރާއި، އިޤްތިޞާދީ ގޮތުން ޤައުމުގެ މިނިވަންކަން އޮތް ހިސާބާއި، އިޖުތިމާޢީ މިނިވަންކަމާ، މިއިން ކޮންމެ ކަމަކީ، ތަރައްޤީއާއި ތަމައްދުންގެ މިނިވަންކަން ޤައުމުގައި އޮތް މިންވަރާއި، މިފަދަ ކޮންމެ ކަމަކީ ޤައުމުގެ މިނިވަންކަމުގެ ޙަޤީޤީ އިޙްސާސް އަޅުގަނޑުމެންނަށް ކުރާނެ ކަންކަން. މި ހުރިހާ ކަމެއް ގުޅިލާމެހިގެން ދިޔުމުން، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިނިވަންކަން އިޙްސާސްވަނީ.
ހަމައެއާއެކު، މި ހުރިހާ ކަމެއް ގުޅިލާމެހިގެންދާ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މައިގަނޑު ބިންގާ ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ މާދަރީބަސް، ދިވެހިބަހާއި، އަޅުގަނޑުމެންގެ މުއްސަނދި ޘަޤާފަތަކީ، އެކަންކަން ދިރުވައި އާލާކުރުމުގެ ޢަޒުމް އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ހިތުގައި އަށަގަނެ، އެކަންކަން ކުރުމުގައި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކޮށްގެން އެކުވެރިކަމާއެކީގައި، އަޅުގަނޑު ކުރިން ދެންނެވި ސިފަތަކާއެކު މަސައްކަތް ކުރުމުގައި، ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަންޖެހޭ ކަންކަން ކަމުގައި އަޅުގަނޑު މިއަދުގެ މުނާސަބަތުގައި ހަނދާން އާކޮށްދެން. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ދިވެހީންގެ ޙަޤީޤީ ރާއްޖެއެއް ކަމުގައި ހެދޭނީ، އަޅުގަނޑުމެން ކޮންމެ މީހަކު މިގޮތުގައި މަސައްކަތް ކުރަން ނިންމައިފިނަމަ، އަދި އެގޮތުގައި މަސައްކަތްކުރާނަމަ ކަމުގައިކަން ކަށަވަރު.
އާދެ، މިނިވަންކަމުގެ މި ދެންނެވި ސިފަތަކަށް ބަލާއިރުގައި، ޚާރިޖީ މިނިވަންކަމަށް ބަލާއިރު، އަޅުގަނޑުމެންގެ މި ސަރުކާރުގެ ސިޔާސަތު ވަރަށްސާފު. ދިވެހީންނަށް އިސްކަން ލިބޭ، ދިވެހިރާއްޖެއަށް ރަނގަޅު ގޮތް މެދުވެރިވެގެންދާނެ ގޮތް އިސްކޮށް، ދިވެހީންނާ އެކުގައި މިގޮތުގައި މަސައްކަތްކުރަން ތިބި އެންމެންނާ އެކީގައި ގާތް ގުޅުން ބާއްވައިގެން ކުރިއަށްދިޔުމުގެ ސިޔާސަތު. އިނގިރޭސި ބަހުން ކުރުކޮށް މިއަށް ޚުލާޞާއެއް ދޭކަމުގައިވާނަމަ، ޚުލާޞާކޮށްލަންޏާ ދަންނަވާލެވޭނީ، މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީއޭ.
އަޅުގަނޑުމެންގެ މި ޤައުމުގައި އެކި ސަރުކާރުތަކުން އެކިކަހަލަ ފޮރިން ޕޮލިސީ ގެންގުޅެފައިވޭ. އެހެން ބައެއްގެ އަތްދަށުގައި، ނޫނީ އެ ބައެއްގެ ބާރުގެ ދަށުގައި ރާއްޖޭގެ ޚާރިޖީ މިނިވަންކަން ގެންގުޅެފައިވާ ދުވަސްތަކެއްވެސް ގޮސްފައި އެބަހުރި. އާދައިގެ ބަހަކުން ދަންނަވަންޏާ، ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތު. އެއީ، މި ޤައުމަކަށް ހެޔޮގޮތެއް ނޫން. މިއީ ފަޚްރުވެރި ދިވެހި، ދިވެހީންގެ ރާއްޖެ. މި ދިވެހީންގެ ރާއްޖޭގައި އިސްކުރާންޖެހޭނީ ދިވެހީން. އެއީ، މި ސަރުކާރުގެ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެހެންވީމާ، މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީގެ ދަށުން އަޅުގަނޑުމެން ގާތް ގުޅުން އޮންނާނެ، މުޅި ދުނިޔޭގެ ހުރިހާ ޤައުމަކާ އިޒްރޭލު ފިޔަވާ. ސަބަބަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ހިތުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ޖިހާދު. ފަލަސްޠީނުގެ ރައްޔިތުންނަށް އެ ކުރަމުންދާ އަނިޔާ، އެ ޖެނެސައިޑް އަޅުގަނޑުމެންގެ ދިވެހިން ގަބޫލެއްނުކުރޭ. އެހެންވީމާ، އެ ޖެނެސައިޑް ހިނގަމުންދާހާ ހިނދަކު، އަދި ހަމަ ޔަޤީނުންވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރަމުންދާހާ ހިނދަކު، އެކަން އަޅުގަނޑުމެން ހިފަހައްޓާނީ އެ މިންގަނޑުގައި.
އެހެންވީމާ، ދިވެހި ލޮބުވެތި ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް މި ރީތި ފަސްގަނޑަށް، އަޅުގަނޑުމެންގެ ރީތި މޫދުތަކުގެ ރީތިކަން ލިބިގަތުމުގެ ބޭނުމުގައި، އިޒުރޭލުގެ ޕާސްޕޯޓުގައި މި ޤައުމަކަށް ނާދެވޭނެކަމަށް އަޅުގަނޑުމެން ނިންމީ ފަޚްރުވެރިކަމާ އެކީގައި. އެކަން އެގޮތުގައި އަޅުގަނޑުމެން ދަމަހައްޓާނަން. އެހެން ހުރިހާ ޤައުމުތަކާ އެކީގައި އަޅުގަނޑުމެން ގާތް ގުޅުން އޮންނާނެ. މީގެކުރީގައި، އެމް.ޑީ.ޕީ.ގެ ވެރިކަން މިތާ ހިނގި ކޮންމެ ފަހަރަކު އޮތީ އޭގެ ދިމާ އިދިކޮޅު. މިއީ ޙަޤީޤަތް ފެންނާނަން އޮތް. ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް މިތާ ތަންފީޒުކުރީ. ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތީ. މިއީކީ ދިވެހީންނާ ދޯޅުގޮތެއް ނޫން. ދިވެހީންނާ ބީރައްޓެހި ޚާރިޖީ ސިޔާސަތު އެއީ. ދިވެހީންގެ ވިންދާއި އިޙްސާސާ ގުޅޭ ޚާރިޖީ ސިޔާސަތަކީ، ދިވެހީން އެކަމުގައި އުފާފާގަތިކަން ލިބިގަންނާނެ، ހިތްހަމަޖެހުން ލިބޭނެ ޚާރިޖީ ސިޔާސަތު. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުން އޮންނަ، ރާއްޖެއަށް ފައިދާވާނެގޮތުގައި އެހީތެރިކަން ދޭނެ ހުރިހާ ޤައުމުތަކާ އެކީގައި. އެއީ، ކައިރީގައިވާ އަވަށްޓެރިން ކަމުގައިވިޔަސް، ދުރުގައިވާ ފަރާތްތައް ކަމުގައިވިޔަސް، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ކިތަންމެ ބޮޑު ޤައުމެއް ކަމުގައިވިޔަސް، އެ ބަޔަކާ އެކީގައި ގުޅުން ބޭއްވުން. އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން ހަނގުރާމަތަކަކީ، އަނިޔާވެރިކަމަކީ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ، ދިވެހި ރައްޔިތުން ދެކޮޅު ހަނގުރާމައެއް. އެކަމަކީ އަޅުގަނޑު ހިތުން މުޅި ދުނިޔޭގެ ހުރިހާ ފަރާތްތަކުންވެސް ދެކޮޅުކަމެއް. އަޅުގަނޑުމެން އަބަދުވެސް އިސްކުރާނީ ޞުލްޙަ. މިއީ ޞުލްޙައަށް ލޯބިކުރާ، ޞުލްޙަވެރި ޤައުމެއް. އެހެންވީމާ، ޞުލްޙަވެރިކަމުގައި އަޅުގަނޑުމެން އަބަދުވެސް ގޮވާލާނީ، ޞުލްޙަވެރިކަމާއެކީގައި ކަންކަން އިޞްލާޙުކުރަން. ޚިޔާލު ތަފާތުވާ ކަންކަން މެދުވެރިވެދާނެ. އެކަމަކީ، އެ ޚިޔާލު ތަފާތުވުމަކީ، ކަނޑިބަޑިން ޙައްލުކުރާ ކަމަކަށް ވެއްޖެނަމަ، ޙައްލެއް ނުލިބޭނެ. އެއީ، މި ސަރުކާރުގެ ވިސްނުމަކީ، ގަބޫލުކުރާ ހަމަޔަކީ.
އެހެންވީމާ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މިގޮތުގައި ބައްޓަންވެގެންދަނީ މި އަސާސްގެ މަތީގައި. މި ރާއްޖެއަކީ އެކިއެކި ޖަމުޢިއްޔާ، ޖަމާޢަތްތަކާ ގުޅިފައިވާ ޤައުމެއް. އެންމެ ކައިރިން ބަލާނަމަ، އަށްޑިހައިގެ މެދުތެރޭގައި އުފެދިގެން އައި "ސާރކް" މިއީ އެފަދަ ޖަމާޢަތެއް. އެ ޖަމާޢަތް އުފެއްދުމުގައި މި ރާއްޖެ ބައިވެރިވި. ވަރަށްގިނަ ފައިދާތަކެއް މި ސަރަޙައްދަށް ކުރަމުންދިޔަ ޖަމާޢަތެއް އެއީ. އެހެންނަމަވެސް، މިހާރު ފެންނަނީ، ނުވަވަރަކަށް އަހަރު ވެގެންގޮސްފައިވާ ތަން، މި ޖަމާޢަތް ޑިސްފަންކްޝަނަލް ކޮށްފައި، ނޫނީ ވެފައި އޮތްތަން. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ، ދެންމެ މި ދެންނެވި ގޮތަށް، ޚިޔާލުތަފާތުވުންތަކަކީ މަޝްވަރާ ކުރެވިގެން، އެއްމޭޒުދޮށަށް އައިސްގެން، ކަންކަން ޙައްލުކުރެވިގެން، އެންމެންނަށް ފައިދާހުރި ގޮތުގައި ކުރިއަށްދިޔުމުގެ ސިޔާސަތު ކަމުގައިވާއިރުގައި، މި ސަރަޙައްދުގެ އަމަންއަމާންކަމަށްވެސް މުހިންމީ ސާރކް އަލުން އޮޕަރޭޝަނަލްވުން. ސާރކްގެ އެންމެމަތީ ވެރިން އަނެއްކާވެސް ބައްދަލުވުންތައް ބާއްވާ ހިސާބަށް ކަންކަން ގެންދިޔުން. މިކަމުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލަނީ، އެކަންކަން އެއްކައިރިކޮށް، މި ސަރަޙައްދުގެ ތަރައްޤީއަށްޓަކައި، މި ސަރަޙައްދުގެ ޞުލްޙަމަސަލަސް ކަމަށްޓަކައި އެކުވެރިކަން އިސްކޮށް، މޭޒުދޮށަށް ވަޑައިގަންނަވާށޭ. އެކަން ކުރައްވަން އުނދަގޫފުޅުވާނަމަ، މި ރާއްޖެ މިއޮތީ އިސްނަގާށޭ، އެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް މީޑިއޭޓަރަކަށްވާންވެސް. އެހެންވީމާ، ސާރކް އަލުން އެބަޖެހެއޭ އޮޕަރޭޝަނަލް ކުރަން. މި ސަރުކާރުން އިސްކުރާނީ ޞުލްޙަ.
އާދެ، މި ރާއްޖެ ބައިވެރިވެފައިވާ އެހެން ޖަމުޢިއްޔާތައްވެސްވޭ. ފަޚްރުވެރިވަން، އޯ.އައި.ސީ. އަށް 50 އަހަރު ވެގެންދާއިރު، އޯ.އައި.ސީ. ގައި ވަރަށް އެކްޓިވް ދައުރެއް މި ރާއްޖެއިން އަދާކޮށްފައި ވަނީ. މިދިޔަ ދެ އަހަރެއްހާ ބައިގެ ތެރޭގައި، މި ސަރުކާރު އައި ފަހުންވެސް ތަފާތު އެގާރަވަރަކަށް ބައްދަލުވުމުގައި، އެންމެމަތީ ވެރިންގެ ބައްދަލުވުންތަކުން ފެށިގެން އަޅުގަނޑުމެން ވަނީ ބައިވެރިވެފައި.
އާދެ، ހަމަ އެފަދައިން، އެހެން ޖަމާޢަތްތަކަށް ބަލާއިރުގައިވެސް، ކުދި ޖަޒީރާ ޤައުމުތަކުގެ "ސިޑްސް" މިއީ، ރާއްޖެއިން ވަރަށް ލީޑްކުރާ ޖަމާޢަތެއް. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރާ އެއް ޤައުމު. ކްލައިމެޓް ޗޭންޖަކީ ޙަޤީޤަތެއް. އެ ޙަޤީޤަތުގެ ވާހަކަ ދައްކަން އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން. އެންމެ ފުރަތަމަ ކުދި ޖަޒީރާތަކުގެ މި މައްސަލައަށް އިސްނަގައިގެން ބައްދަލުވުމެއް ބޭއްވުނީވެސް ރާއްޖޭގައި. އެއަށްފަހު އުފެދިގެން އައި މޫވްމަންޓް، ނޫނީވިއްޔާ ޖަމާޢަތްތަކެއް އުފެދިގެން އައިސް މިއަދާ ހަމަޔަށް އައީ. އަޅުގަނޑު އެދެނީ ބޮޑެތި ޤައުމުތަކުން އަޅުގަނޑުމެން ކުދި ޤައުމުތަކުގެ އަޑުއަހަން. އަޅުގަނޑުމެންނަށް މި ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމުގައި އިންޞާފު ޤާއިމުކޮށްދޭން. ކްލައިމެޓް ޖަސްޓިސް އެބަޖެހޭ ޤާއިމުވާން.
މިނިވަންދުވަހެއްގައި ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ މިނިވަންކަމާ ގުޅިފައި މިވަނީ އަޅުގަނޑުމެންގެ ދެމިއޮތުން. ދެމިއޮތުމާ ގުޅިފައި މިވަނީ މޫސުމަށް އަންނަ ބަދަލުތައް. މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް އަންނާނީ، އިންޞާފު ޤާއިމްކުރެވިގެން. އެހެންވީމާ، މި ޤައުމު ކުރިއަށް ގެންދިޔުމުގައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި މިވަނީ އެންމެންނާ އެކުގައި މަސައްކަތްކޮށް، ދިވެހިރާއްޖެއަށް ފައިދާވާނެ ކަންކަމުގައި އިސްނަގައި، ލީޑްރޯލް އަދާކުރުމަށް. ހަމަ އެފަދަ މުހިންމު ޖަމާޢަތެއް ކޮމަންވެލްތަކީ. އެއްދުވަސްވަރެއްދިޔަ، ވަރަށް ރުންކުރުގޮތެއްގައި ރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްވެސް. ބެލުމެއްނެތި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން އަނެއްކާވެސް ކޮމަންވެލްތުގައި މަސައްކަތް ކުރަމުންދަނީ. މި ސަރުކާރުގެ ސިޔާސަތަކީ، ދިވެހިރާއްޖެ ކޮމަންވެލްތުގައިވެސް ލީޑްރޯލެއް، ނޫނީވިއްޔާ އިސް ދައުރެއް އަދާކުރުން. އަޅުގަނޑުމެން އެގޮތުގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރުމުގައި ކުރިއަށްދާނަން. ކޮމަންވެލްތުގެ ޢާއިލާގެ ހުރިހާ ޤައުމުތަކާ އެކުގައި.
އާދެ، އަޅުގަނޑުމެން ގަބޫލުކުރަނީ، މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް އެއީ، އެންމެންނަށްވެސް އެއްވަރަކަށް އޮތް ޙައްޤެއް ކަމުގައި. ހުރިހާ ޤައުމުތަކަށްވެސް. ޤައުމުތަކުގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ، އެ ޤައުމުތަކުގެ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ކަށަވަރުވެގެން ދާންޖެހޭނެ އެއް އަސާސް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން.
އެހެންވީމާ، އަޅުގަނޑުމެން މިހާރު ވާނެ ސަރަޙައްދުތަކާބެހޭ އޮފީހެއް ޤާއިމުކޮށްފައި. މި ސަރަޙައްދުތަކާ ބެހޭ އޮފީހުން މަސައްކަތް ވަނީ ފަށާފައި. މިދިޔަ އެމް.ޑީ.ޕީ. ސަރުކާރުން ޣައިރު ޤާނޫނީގޮތުގައި، ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި، އަޅުގަނޑުމެންގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލި. ވަރަށް ބޭއިންޞާފުވެރި ގޮތެއްގައި. އެކަން ބަދަލުކޮށް، އެ ކަނޑުގެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާފައި މިވަނީ. އެއީ، ޤާނޫނީ ހަމަތަކުން ބަލާއިރުގައި، އަޅުގަނޑުމެންގެ ސަރަޙައްދު. އެހެންވީމާ، އެ ސަރަޙައްދު ދޫކޮށްލުމުގައި އެ ހިނގައިދިޔަ ކަންތަކުން އިންޞާފު ލިބިގަތުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް އެބަ ކުރަން.
އާދެ، މި ސަރަޙައްދުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ މި ސަރަޙައްދާ ގުޅިފައި މިވަނީ ފޯޅަވަހި، ނޫނީވިއްޔާ ފަރަންޖީ ބަހުންނަމަ ޗާގޯސް. އާދެ، ޗާގޯސް އެހެން ބަޔަކާ ހަވާލުކުރާ ވާހަކަ ދެކެވޭ ޒަމާނެއްގައި، އިންޞާފުގެ ވާހަކަ ބަޔާންކޮށްލަން ޤަޞްދުކުރަން.
ޗާގޯސްއަކީ، ނޫނީވިއްޔާ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް، ތާރީޚުން ހެކިދޭގޮތުގައި. 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންކޮޅު އެވަނީ. ވަރަށްސާފު. އެހެންވީމާ، ރައިޓްފުލް އޯނަރއާ ފޯޅަވަހި ބަޔަކާ ހަވާލުކުރަންޏާ ހަވާލުކުރަންޖެހޭނެ ކަމުގައި ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރަނީ. އެހެން ނޫނީވިއްޔާ މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ، އެއްވެސް މައްސަލައެއް ނޫން. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުމެން މިދަނީ ކަމާބެހޭ މަޝްވަރާތައް ޤައުމީ ރޫޙުގައި ޤައުމަށްޓަކައި ކުރަމުން.
އާދެ، މިނިވަންދުވަހުގެ ވާހަކަ ދައްކާއިރުގައި، ސަރަޙައްދުތަކުގެ ވާހަކަ މި ދައްކަންޖެހެނީ އެހެންވެގެން. އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެން ބޭނުންވަނީ، ދިވެހީން އިސްކުރެވިގެން، ދިވެހީންގެ ރާއްޖޭގައި ޙަޤީޤީ މާނައިގައި ދެމިއޮންނަން. ރާއްޖޭގައި މި ދެންނެވި ގޮތަށް އެއްވެސްކަހަލަ އިންޞާފެއްނެތި، ސަރަޙައްދުތަކުން ބައިބައި ދޫކޮށްލުމާއި، އެއްވެސްކަހަލަ ޤާނޫނީ ހަމަޔަކަށް ބެލުމެއްނެތި، ބޭރު ޤައުތަކުގެ ސިފައިން މިތާނގައި ބޭތިއްބުމާ، މިފަދަ ކަންކަން ހިންގާފައިވާތީ، މިކަންކަމަށް ޙައްލެއް ގެނައުމަކީ، މި ސަރުކާރުން އިސްނެގި ސިޔާސަތު. އެހެންވީމާ، އަޅުގަނޑުމެން އިންޑިޔާ ސަރުކާރާ މަޝްވަރާކޮށް، އިންޑިޔާ ސަރުކާރުގެ ވަރަށްދީލަތި އެއްބާރުލެއްވުމާ އެކީގައި، މިތަނުގައި ތިބި އިންޑިޔާގެ މިލިޓްރީ ސިފައިން އަނބުރާ ގެންގޮސްދެއްވި.
އާދެ، އެހެންވީމާ، އަޅުގަނޑުމެން ވާނީ ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްފައި. ޤާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގައި، މި މައުޟޫޢުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނެގެހެއްޓުމަށްޓަކައި އަޅުގަނޑުމެން މައިގަނޑު ދެ އިޞްލާޙެއް ގެނައިކަން. އެއީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ، ޖުމްލަ މެންބަރުންގެ ހަތަރުބައިކޮށްފައި ތިންބައިގެ އަޣްލަބިއްޔަތުން ފާސްކޮށްގެން މެނުވީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަދަލެއް ނުވަތަ އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރެވޭނެގޮތަށް އަޅުގަނޑުމެން ގެނައި އިޞްލާޙު. ކުރީގައި އޮތީ ތިންބައިކުޅަ ދެބައި. އަޅުގަނޑުމެން ހަތަރުބައިކުޅަ ތިންބަޔަށް ބޮޑުކޮށްފައި އެވަނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްފައި. އެވެސް އެކަމަށް ހުރަސްއެޅުމަށްޓަކައި. މިކަމާ ދެކޮޅުހަދަމުން އެދަނީ އިދިކޮޅު ފަރާތްތަކުން. ކީއްވެތޯ ސުވާލު އުފައްދަން އެބަޖެހޭ.
ހަމައެއާއެކީގައި، އަޅުގަނޑުމެން ގެނައި އިޞްލާޙަކީ، އެއްބަސްވުމެއްގެ ދަށުން ބާއްވާ ޢަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެން މެނުވީ، ޢަސްކަރީ ބޭނުމަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައި، ބޭރުގެ ސިފައިން، އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ޙަރަކާތްތެރި ނުވެވޭނެގޮތަށް ބަދަލުކޮށް ގެނައި އިޞްލާޙު. ކުރީގައި އޮންނަނީ ޢަސްކަރީ ބޭސްއެއް ހަދަންވެއްޖިއްޔާއޭ، ރައްޔިތުންގެ މަޖިލީހުގައި އަހަންޖެހޭނީ. އެހެންނަމަވެސް، އަޅުގަނޑުމެން ބަދަލުކޮށްފައި މިވަނީ އެންމެ މިލިޓްރީ ބޫޓުކިބައެއްވެސް މިތާ ބެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްގެން ކަމަށް. އެއީ އަޅުގަނޑުމެން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙެއް. މިކަމަށް ކީއްވެތޯ، ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ، ބުއްދީގެ ހަމަތަކުން ވިސްނާލަންޖެހޭ. މިކަންކަން ފޮރުވަން ވާހަކަދައްކާ ފަރާތްތައް، އެ ކުރާ ކަންކަމަށް ޖަވާބުދާރީވާންޖެހޭ.
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ "މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ"ގެ ދަށުން ހުރިހާ ޤައުމުތަކާ ގާތް ގުޅުން ބާއްވައިގެން. ޚާއްޞަކޮށް، ޢަރަބި އިސްލާމީ ޤައުމުތަކާއި، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ޤައުމުތަކާ ގާތް ގުޅުން ބާއްވަން. އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު މި މިނިވަންދުވަހުގެ ރަސްމިއްޔާތު ފުރިހަމަކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް މިކަމުގައި، މި އުފަލުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ފަރާތްޕުޅުން ދެ ޙަރަމްގެ ޚާދިމުގެ މުޝީރު އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުޠްޢިބު ބިން ޢަބްދުލްޢަޒީޒް ފޮނުއްވައިދެއްވި ކަމަށްޓަކައި. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީގައި، ބަންގްލަދޭޝްގެ ޕްރައިމް މިނިސްޓަރ ޠާރިޤް ރަޙްމާނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާންވެސް މިނިވަންދުވަހުގެ ކަންކަމުގައި، އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޚާއްޞަ މެހްމާނެއްގެ ގޮތުގައި ފޮނުއްވައި ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، މީގެއިތުރުންވެސް، 43 ޤައުމަކުން އަދި އދ. ގެ 5 އޭޖެންސީއަކާއެކު، 113 ޑިޕްލޮމޭޓުން މިފަހަރުގެ މިނިވަންދުވަހުގެ ޙަފްލާތަކުގައި އެބަ ބައިވެރިވެވަޑައިގަންނަވާ. މިއީ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ބޭރުގެ ފަރާތްތައް ބައިވެރިވާ މިނިވަންދުވަސްކަން ފާހަގަކޮށްލަން. މިއިންވެސް ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ. އަޅުގަނޑުމެންނަށް މި ޚާރިޖީ ސިޔާސަތު ކާމިޔާބުވެގެން މިދަނީ، ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ އެކުވެރި ހުރިހާ ފަރާތްތަކެއް، ހުރިހާ ދައުލަތްތަކާއި ޖަމާޢަތްތަކުން ދެއްވާ އެއްބާރުލެއްވުމާއެކުގައި. އެކަމަށްޓަކައި ހުރިހާ ފަރާތްތަކަށް، ދިވެހި ދައުލަތުގެ ނަމުގައި، ދިވެހި ސަރުކާރުގެ ނަމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، މިނިވަންކަން ފުރިހަމަވެގެން މިދަނީ ދާޚިލީގޮތުންވެސް މިނިވަންކަން އޮތީ ކިހާ ހިސާބެއްގައިކަން ޔަޤީންވެގެން. އަޅުގަނޑުމެންނާ މި ސަރުކާރު ހަވާލުވީއިރުގައި މި ޤައުމުގައި ކަންކަން ހުރީކީއެއް އެންމެ ރަނގަޅަކަށް ނޫން. މިއީ، އެތައް ޒަމާނެއް ވަންދެން މި ޤައުމު ގޮސްފައިވާ ހިސާބު.
ޑްރަގުގެ ވަބާއަށް ބަލާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ޑްރަގުގެ މައްސަލައަކީ، ބޮޑުވެގެންވާ މައްސަލައެއް. ގޭންގް މާރާމާރީތަކާއި، ގޭންގްތަކުން ހިންގާ ކުށްތައް އިންތިހާއަށް ގިނަވެފައި. ނުގަވާއިދުން އުޅޭ ބިދޭސީންގެ ޢަދަދު، އެ ފަރާތްތަކުން ކުރާ ކަންކަން އޮތީ ބޮއްސުންލާފައި. މިކަންކަމަށް އަޅައިލި ބަޔަކު، މިކަންކަން ޙައްލުކުރަން މާނަވީގޮތެއްގައި، ނޫނީ ނަތީޖާ ނެރެދެވޭނެ ގޮތެއްގައި ކުރި ފަރާތެއް އެއީ، ރައްޔިތުންނަށް ފެނިފައި ނުވާ ފަރާތްތަކެއް މީގެކުރީގައި. އެހެންނަމަވެސް، މި ސަރުކާރުގެ ދާޚިލީ ސިޔާސަތު އަޅުގަނޑުމެން ބަދަލުކުރީ، މި މައްސަލަތަކަށް ޙަޤީޤީ ޙައްލު ގެނައުމަށް. ޑްރަގް ޓްރެފިކިންގއަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ރާއްޖެއަށް ޑްރަގް އެތެރެކުރުން ހުއްޓުމަކަށް ގެނައުމަށްޓަކައި ފެށި މަސައްކަތްތަކާއި، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރެއިން ތަންފީޒު ކުރެވެމުންދާ ކަންކަމާއި، ގޭންގްތައް އޮޕަރޭޓް ކުރުމާއި، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި، ތަންފީޒު ކުރެވެމުންދާ ކަންކަމާއި، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ފަށާފައި އޮތް މަސައްކަތުން ކުރެވެމުންދާ ކަންކަމަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ މި ޤައުމުގައި މިހިރަ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެވިގެންދާ ތަން. މި ސަރުކާރުގެ ސިޔާސަތު އިރާދަކުރެއްވިއްޔާ ވަރަށް ފަރމްކޮށް، ނުގުޑާފަދަ ޢަޒުމެއްގައި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކީގައި، އަދި ހުރިހާ މުއައްސަސާތަކާއި، އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކާއި ޖަމާޢަތްތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތުން މި ތިން މައްސަލައަށް އިރާދަކުރެއްވިއްޔާ ދާއިމީ ޙައްލެއް ގެނެސްދެވިގެންދާނެ. އެއީ އަޅުގަނޑުމެން މިނިވަންދުވަހެއްގައި، ޙަޤީޤީ މިނިވަންކަން އިޙްސާސްކުރެވިގެން ދިޔުމަށްޓަކައި ފާހަގަކުރަންޖެހޭނެ ކަމެއް. އެކަމަށްޓަކައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި މިކަމުގައި އެހީތެރިކަން ދެއްވާ ރާއްޖެއިން ބޭރުގެ އެކިއެކި ޖަމާޢަތްތަކާއި ޤައުމުތަކަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ދާޚިލީގޮތުން މި ޤައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަގޮތުގައި އޮވެގެން. ދިވެހީން ގަބޫލުކުރި ހަމަޔަކީ، ގަބޫލުކުރާ ހަމަޔަކީ، ޑިމޮކްރަސީ އޭގެ ފުރިހަމަކަމުގައި ރާއްޖޭގައި އޮންނަންޖެހޭނެ ކަމަށް. މިގޮތުން ބަލައިލަމާ ހިންގަވާ!
ރާއްޖޭގެ ތާރީޚުގައިވެސް މި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން މިއަދު މި ކަޑައްތު ކުރެވުނު ދުވަސްތަކަށް ބަލާއިރުގައި، މި ސަރުކާރުން މިހާރު މި ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް، ދުވަހަކުވެސް މީގެކުރީގައި މި ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކަމާއެކީގައި ތަންފީޒު ކުރެވިފައެއްނުވޭ. ސިޔާސީ ޙަރަކާތްތައް ހިންގުމުގައި މިހާރު އެއްވެސް ހުރަހެއް ނެތް. އެއްވެސް ހުރަހެއް ނެތް. އަޅުގަނޑުމެން މިދަނީ މިސާލެއްގެ ގޮތުގައި ދަންނަވަންޏާ، އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިޚާބުތައް ބާއްވަންވެސް ސްކޫލް ހޯލުތަކާއި، ދައުލަތުގެ މުއައްސަސާތައް ދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ ބައްދަލުވުންތައް ބޭއްވުމަށްވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާގޮތަކަށް ޙަރަކާތްތެރިވުމަށް ފުރިހަމައަށް މިނިވަންކަމާއެކީގައި ފުރުޞަތު ދެމުން. ސިޔާސީ އެއްވެސް ލީޑަރަކު މިހާތަނަށް އައިއިރު ހައްޔަރުކޮށްފައެއް ނުވާނެ. ކުރީގައި ރައީސްކަން ކުރައްވާފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައެއް ނުވާނެ. މިއީތޯ މީގެކުރިން މި ޤައުމުގައި ކަންކަން އޮތްގޮތަކީ؟ ސަރުކާރެއް ހޮވާ ތަނުން އަވަސްވެގަންނަނީ، ކުރީގައި، އެންމެފަހުން ފޭބި ވެރިމީހާ ޖަލަށްލެވޭތޯ. ބަދަލުހިފުމުގެ ރޫޙު ނޫންކަމެއް ޤައުމުގައި ތަންފީޒުކޮށްފައެއް ނުވޭ. އެހެންނަމަވެސް، އަޅުގަނޑުވީ ވަޢުދަކީ، މި ޤައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫޙު ނެތިކޮށްލާނަމޭ. އެހެންވީމާ، މިހާރު މި ރާއްޖޭގައި ސިޔާސީގޮތުން ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް. ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން މި ޤައުމު މިހާރު އަޅުގަނޑުމެން ވާނީ މިނިވަންކޮށްދީފައި.
މި ޤައުމުގައި އަނިޔާވެރިކަމުގެ ޘަގާފަތް އަޅުގަނޑުމެން ވާނީ މިގޮތުން ނިމުމަކަށް ގެނެސްފައި. އެހެންޏާ ސިޔާސީ ވެރިން ތިބެންޖެހޭނީ، އިދިކޮޅުގައި ތިބޭއިރުގައި އަނިޔާވެރިކަމަށް ހުށަހެޅިފައި. އިދިކޮޅު ޚިޔާލުގެ ވެރިޔަކުވިއްޔާ، ކޮންމެވެސްކަހަލަ ޢުޒުރެއް ދައްކާފައި ޖަލުގައި. މިގޮތަށް ހިނގަމުން އައި އަޅުވެތިކަން ނިމުމަކަށް ގެނެސް، ސިޔާސީ ވެރިންނަށް މިނިވަންކަން އަޅުގަނޑުމެން ވާނީ ދީފައި. ޑިމޮކްރަސީ އޭގެ ފުރިހަމަ މިނުގައި މިހާރު މިދަނީ ތަންފީޒު ކުރެވެމުން. އެއްވެއުޅުމުގެ މިނިވަންކަންވެސް އެތައް ގުނައަކަށް ފުޅާކޮށްދީފިން. މީގެކުރީގައި، މާލޭގައި ކުރީބައިގައި އެންގުމަކާނުލައި އެއްވެވެނީ ހަމަ އެންމެ ތަނަކަށް. ކާނިވާ ސަރަޙައްދަށް އެކަނި. އެހެންނަމަވެސް، މި ސަރުކާރުން ވާނީ އެ ގަވާއިދު ބަދަލުކޮށް، 5 ތަން ކަނޑައަޅާފައި. 5 ގުނައަށް އިތުރުކޮށްދީފައި. ކުރީބައިގައި އެންގުމަކާނުލައި އެއްވެވޭގޮތަށް. އެހެންވީމާ، އެއްވެއުޅުމުގެ މިނިވަންކަންވެސް އެތައް ގުނައަކަށް ފުޅާކޮށްދީފިން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް، އޭގެ އެންމެ ފުޅާމިނުގައި ވާނީ ޔަޤީންކޮށްދީފައި. ނޫސްވެރިކަމުގެ މިނިވަންކަންވެސް، އޭގެ އެންމެ ފުޅާމިނުގައި ވާނީ ކަށަވަރުކޮށްދީފައި. ހަމައެކަނި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންތަކާއި، މިންތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިވާ އިންތަކާއި މިންތައް އެއީ، ހުރިހާ ފަރާތްތަކުންވެސް ތަބާވާންޖެހޭ ކަންކަން ކަމުގައިވާތީ ތަބާވާންޖެހޭ.
ނޫސްވެރިކަމަށް ބަލާއިރުގައި، ނޫސްވެރިން އަބަދުވެސް އުޅެންޖެހިފައި އޮންނަނީ، ކޮންމެވެސް ފަރާތަކުން ސްޕޮންސަރޝިޕް ހޯދުމާ، މިފަދަ ގޮތްގޮތަކަށް. އެކަން ނިމުމަކަށް ގެނައުމަށް އެހީވުމަށްޓަކައި ދައުލަތުން މިވަނީ މިހާރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން، ވަކި އިންސައްތައެއް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ނޫސްވެރިންނަށް ފައިސާގެ ގޮތުގައި ދޭން ފަށާފައި. ނޫސްވެރިން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ނޫސްތައް ހިންގަންޖެހުނީމަ، އެކި ފަރާތްތަކުގައި ސަލާންޖަހަންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދީ، ނޫސްވެރިން އެ އަޅުވެތިކަމުން މިނިވަންކޮށްދިނުމަށްޓަކައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދިނުމުގެ މަސައްކަތް މިހާރު އެވަނީ ގާތްގަނޑަކަށް ނިމިފައި. އެ ތަނުން ވަރަށް ވަރަށް ކުޑަ އަގެއްގައި، ރަމްޒީ އަގެއްގައި ނޫސްވެރިންނަށް، މީޑިއާތަކަށް ޖާގަ ކުއްޔަށް ލިބޭނެ. ސްޓޫޑިއޯ ކުއްޔަށް ލިބޭނެ. ވަރަށްފުޅާމިނުގައި ނޫސްވެރިކަން، މީޑިއާ ހިންގުމަށް އަޅުގަނޑުމެން މިވަނީ ކަންކަން ފަހިކޮށްދީފައި. ނޫސްވެރިން ތަމްރީނު ކުރުމަށްޓަކައި ވަރަށްގިނަ ކޯސްތައް އެބަ ހިންގަން. އެހެންވީމާ، ނޫސްވެރިކަމުގެ މިނިވަންކަންވެސް، އޭގެ އެންމެ ފުޅާ ދާއިރާގައި މިވަނީ ޔަޤީންކޮށްދީފައި. މިއަދާ ހަމައަށްއައިއިރު، މި ސަރުކާރުގައި މިދިޔަ ދެ އަހަރާ އަށެއްކަމަސް ތެރޭގައި އެކަނިވެސް 72 ނޫހެއް އަލަށްވަނީ ރަޖިސްޓަރީވެސް ކޮށްފައި. އެހެންވީމާ، ނޫސްވެރިކަންވެސް އޭގެ އެންމެ ފުޅާމިނުގައި އަޅުގަނޑުމެން މިވަނީ އެކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި.
މި ޤައުމުގައި މީހުންގެ އަބުރަށް އަރައިގަތުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުން، އިންސާނީ ކަރާމާތް ނަގާލަން ހިނގާ ކަންކަން އެއީ، ހަމަ ދުނިޔޭގެ ކޮންމެތާކުވެސް އެކަމަކާ ދެކޮޅު ކަންކަން ކަމުގައިވާތީ އަދި އަމުދުން އިސްލާމީ ޤައުމެއްގައި ހުއްދަނޫން ކަންކަން ކަމުގައިވާތީ، އެކަމާ ދެކޮޅަށް ކުރަންޖެހޭ ކަންކަން އެއީ، އަޅުގަނޑު ހިތުން ކޮންމެ ޤައުމެއްގައިވެސް އަދި ޚާއްޞަކޮށް، އިސްލާމީ ޤައުމެއްގައި އެކަން އޮންނަންވާނެ ގޮތް.
އާދެ، ހަމައެއާއެކީގައި، ޑިމޮކްރަސީގެ ވާހަކައާ ގުޅުވާލައިގެން ފާހަގަކޮށްލަން ބޭނުން، ޖުޑީޝަރީގެ މިނިވަންކަމުގެ ވާހަކަ. މީގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާނީ ކޯޓުތަކަށް. އަޅުގަނޑު އެކަން ނިމުމަކަށް ގެނައިން. މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅެއްނުވެވޭނެ، ވިދާޅެއްނުވެސްވާނެ. ޙަޤީޤަތް ނޫންވީމަ ވިދާޅެއްނުވާނެ، ސަރުކާރުން މިވެނިގޮތަކަށް ޙުކުމްކުރަން އަންގައިފިއެކޭ. ޖުޑީޝަރީ އެވަނީ މިނިވަންކޮށްދީފައި. ޖުޑީޝަރީ މިނިވަންކަމާއެކީގައި އޮޕަރޭޓް ކުރުމަށް އެންމެބޮޑު ހުރަހަކަށް އޮތީ ފައިސާ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދީ، ކުރިއަށްވުރެ ބޮޑުކޮށްދީ، ވަކިން ޚަރަދުކުރެވޭނެ ނިޒާމުވެސް އެވަނީ ޤާއިމުކޮށްދީފައި. އެންމެ ގިނަ މައްސަލަތައް ހިނގަމުންދާ ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓު ހުއްޓުމަކަށް އައިސް، ބޮލަށްވެއްޓޭ ހިސާބުގައި ހުރި އިންފްރާސްޓްރަކްޗަރ ބަދަލުކޮށްދީ، ތަނަވަސް، ޖާގަ ބޮޑު އިމާރާތްތަކެއްގައި އެ ދެ ކޯޓު ހިންގޭނެގޮތް ހަމަޖައްސައިދީ، ބާރުމިނުގައި މައްސަލަތައް ނިންމުމުގެ މިނިވަންކަން ވަނީ ހޯދައިދެވިފައި.
އިއްޔެގައި، އިއްޔެ 25 ޖުލައި 2026 ގައި ވާނީ މިއަދާ ހަމަޔަށް އައިއިރު، އަބަދު ކުރަން ކުރަން ކޮންމެ ސަރުކާރަކުން ކުރާނަމޭ ބުނަމުން އައި ކަންތައްވެސް ކޮށްފައި. ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތުގެ އެގްރީމަންޓް އިއްޔެވާނީ އެމް.ޓީ.ސީ.ސީ.އާ އެކީ ހަދާފައި. ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިރާދަކުރެއްވިއްޔާ ހަތްސަތޭކަ ވިއްސަކަށް ދުވަހުގެ އެގްރީމަންޓެއް މިއީ މަސައްކަތް ނިންމަން. ނިމިގެން ގޮސް، އެންމެ ލަސްވެގެން 2029 ވަނަ އަހަރުގެ ޤަޟާއީ އަހަރު ޖުޑީޝަރީން ފަށާނީ އެ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އޮޕަރޭޓް ކުރަން. އެ ކޮމްޕްލެކްސްގެ ބޭނުންހިފަމުން. އިރާދަކުރެއްވިއްޔާ ޖުޑީޝަރީ ޙަޤީޤީ މާނައިގައި އަޅުގަނޑުމެން މި މިނިވަންކޮށްދެނީ.
އާދެ، މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ސަރުކާރު ހިންގާ ނިޒާމުގެ މިނިވަންކަންވެސް ފާހަގަކުރަންޖެހޭނެ. ގުޑް ގަވަރނަންސް، އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު. ޑިމޮކްރަސީގެވެސް އެންމެ މުހިންމު އެއް އަސާސް. ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކަންކަން ކުރުން. އިންފޮމޭޝަން ކޮމިޝަނަރ މިހާރު އެވަނީ އިޢުލާނުކޮށްފައި. ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ސަތޭކަ ޕަސެންޓް ތަންފީޒުކޮށްފިއޭ، އިޢުލާނު ކުރަންޖެހޭ، ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކޮށް ނިންމައިދީފިއޭ. ފުރަތަމަފަހަރަށް ކޮށްފިއޭ. މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް. މިހާ ދެ ފުށް ފެންނަ ގޮތެއްގައި އަޅުގަނޑުމެން ސަރުކާރު މި ހިންގަނީ. އިންފޮމޭޝަން ކޮމިޝަން ހިންގަންހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން ޢައްޔަންކުރައްވާފައި ހުންނެވި ބޭފުޅެއް. ސިޔާސީގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު، ގައިމު ނުކުރައްވާނެ ދޮގެއްތޯ އެކަހަލަ އިޢުލާނެއް، އަޅުގަނޑުމެން ތަންފީޒު ނުކުރާނަމަ. ސަރުކާރުގެ ކުންފުނިތަކުންވެސް އެދަނީ މިހާރު ހަންޑްރެޑް ޕަސެންޓް ތަންފީޒު ކުރަމުން، މަޢުލޫމާތުތައް ޙިއްޞާކުރަމުން. އާރު.ޓީ.އައި.ތަކަށް ޖަވާބުދިނުމާއި، ނޫސް ކޮންފަރެންސްތައް ބޭއްވުމާއި، އިންޓަރވިޔުތައް ދިނުމާއި، މިހެންގޮސް މަޢުލޫމާތު ޙިއްޞާކުރުމާއި، ނޫސްވެރިންނާ ގާތުން މަސައްކަތްކުރުމާއި، މީޑިއާއާ ރައްޓެހިކަން ބޭއްވުމުގައި އަޅުގަނޑުމެން މިދަނީ މިސާލު ދައްކަމުން. ޖަވާބުދާރީވަނިވި ސަރުކާރެއް ޢަމަލީގޮތުން މިދަނީ ތަންފީޒު ކުރަމުން. މިހާތަނަށްވެސް ވާނީ އެކިއެކި ފޯރަމްތައް މިގޮތުން ބާއްވާފައި. އަދި ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ މިހާރަށްވުރެ މާ އޯޕަން ގޮތެއްގައި ޓައުންހައުސް ކޮންސެޕްޓްގައި، ރައްޔިތުންގެ ކުރިމައްޗަށް ވަޒީރުން ނުކުންނަވާނެ، ސުވާލުތަކަށް ޖަވާބު ދެއްވުމަށް. ވީހާވެސް ޓްރާންސްޕޭރަންޓްކޮށް ޖަވާބުދާރީވަނިވި ގޮތެއްގައި އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.
އާދެ، ޑިމޮކްރަސީގެ ދާއިރާގެ ވާހަކަ ދައްކާއިރު، ހިންގުމުގެ ދާއިރާގެ މިނިވަންކަމަށް ބަލާއިރު، ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތަކީ، ފާހަގަކުރަންޖެހޭނެ ކަމެއް. މި ސަރުކާރުން ފަޚުރުވެރިކަމާއެކީގައި ދަންނަވަން. ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް މި ސަރުކާރުތެރެއަކު ނޯންނާނެ. އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ އަދަބުދޭނެކަން. އާދެ، ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރޭގައި އޮންނަ ކޮރަޕްޝަން ނައްތައިލުމަށް އެންމެ މުހިންމީ ޢަމަލީގޮތުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރާ ކަންކަމަށް ހުރަސްއެޅުން.
އެހެންވީމާ، ޑިޖިޓަލައިޒޭޝަންގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މޯލްޑިވްސް 2.0ގެ ނަމުގައި މުޅި ދައުލަތް ޝާމިލްވާގޮތަށް އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއް ފަށާފައި މިވަނީ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް އިޙްސާސްވެގެންދާނީ، އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުންދާ ގޮތަކީވެސް، ރައްޔިތުންނަށްދޭ ޚިދުމަތްތަކަކީވެސް ނުފޫޒުން އެއްކިބާވެ، ނުފޫޒުގެ އަޅުވެތިކަމުން މިނިވަންވެފައިވާ މާޙައުލެއްގައި ދެވޭ ޚިދުމަތަކަށްވެގެން. ވަކިމީހަކަށްވީތީ، ވަކިގޮތެއް ހަދައިދީ، ކިޔޫ ޖަމްޕްކުރެވި، ނޫނީވިއްޔާ ވަކިގޮތަކަށް ކަންކަން ކޮށްދީގެން، ނުފޫޒު ބޭނުންކޮށްގެން ޚިދުމަތް ދިނުމަކީ، އެއީ އަޅުވެތިކަމެއް. އެއީ، ޑިމޮކްރަސީއާ ދެކޮޅުގޮތެއް. ބީރައްޓެހި ގޮތެއް. އެހެންވީމާ، މޯލްޑިވްސް 2.0ގެ ތެރެއިން އަޅުގަނޑުމެން މިކަންކަން މި ހާސިލުކުރަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި ތަންފީޒުވެ ނިމޭއިރުގައި، މުޅި ދައުލަތުގެ ހިންގުމުގެ ނިޒާމު، ޚިދުމަތް ދިނުމުގެ ނިޒާމު އެކީގައި ޑިޖިޓަލައިޒް ކުރެވިގެންދާއިރުގައި، އިންސާނުން އަމިއްލައަށް ކަންކަން ކުރެވޭގޮތަށް ހުންނަ ހިއުމަން އިންޓަރވެންޝަން ވީހާވެސް ކުޑަކުރެވި، އޮޓޮމޭޓް ކުރެވިގެންދާނީ.
ކޮރަޕްޝަންގެ ވާހަކަ ފާހަގަކުރާއިރުގައި، ޤާނޫނީ ނިޒާމުގެ ތެރެއިންވެސް އިތުރަށް ވަރުގަދަކުރަންޖެހޭ ކަންކަން އެބަހުރި. މީގެކުރީގައި ސަރުކާރުތަކުން ކޮރަޕްޝަން އިންތިހާއަށް ހިންގާފައިވާއިރުގައި އަދިވެސް މިއުޅެނީ އެ ވަގަށްނެގި ރައްޔިތުންގެ ފައިސާ، މުދާތައް އަނބުރާ ހޯދުމުގައި ދަތިވެގެން. އެހެންވީމާ، އަޅުގަނޑުމެން ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި، ކުށް ކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ އުޞޫލުތައް ކަނޑައަޅައިދޭ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް މިހާރުވާނީ ބިލުތަކެއް، މިހާރު ހިނގާ މަޖިލީހުގެ ދައުރަށް ހުށަހެޅުމަށް ނިންމާފައި. އެގޮތުން، އެސެޓް ރިކަވަރީ ބިލަކާއި، އަދި އެސެޓް ރިކަވަރީ ބިލު، ޤާނޫނަކަށްވެގެން އަންނައިރުގައި، އެ ޤާނޫނު ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ޖިނާއީ އިޖުރާތުގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލެއްވެސް ދާދި އަވަހަށް އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން. އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް، ކަނދުރާއެއް މުހިންމެއް ނޫން. އަޅުގަނޑުމެންނަށް މުހިންމީ ރައްޔިތުންގެ ފައިސާ، ރައްޔިތުންނަށް އަނބުރާ ހޯދައިދިނުން. ރައްޔިތުންގެ މުދާ، ރައްޔިތުންނަށް ހޯދައިދިނުން. ރައްޔިތުންގެ މުދަލަށާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައި ތިބި ފަރާތްތަކަށް ދޭންޖެހޭ އަދަބު ދިނުމުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކީގައި ކުރިއަށްދާނީ އެއީ، ރައްޔިތުންނަށް ޙަޤީޤަތުގައި، ޙަޤީޤީ މާނައިގައި މިނިވަންކަން ހޯދައިދޭ ކަމުގައިވަންޏާ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ހަމައެއާއެކީގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ކުރަމުން މިދަނީ. ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު، މުއައްސަސާތައް ހިންގުމަށް ބޭނުންވާ، މުއައްސަސާތަކުގެ ތަންފީޒީ ފޯކަސްއަށް ބަލައިގެން ކަންތައްތައް ތަންފީޒު ކުރުމަށް ބޭނުންވާ ޢަދަދަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާ، މި ހުރިހާ ކަމެއްވެސް މި ކުރަނީ އެފިޝަންޓް، ދެފުށް ފެންނަ ސަރުކާރެއް ހިންގުމުގެ ބޭނުމުގައި. ރައްޔިތުންނާ ބައްދަލުކުރުމާއި، ރައްޔިތުން އެދޭ ކަންކަމަށް ޖަވާބުދާރީވުމާއި، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ދިނުމަކީވެސް ގުޑް ގަވަރނަންސްގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީ ފުރިހަމައަށް ތަންފީޒުކުރާނަމަ، ކުރަންޖެހޭނެ ކަންކަން. މިއަދާ ހަމަޔަށް އައިއިރުގައިވެސް އެއްވެސް ސަރުކާރަކުން ރައްޔިތުންނާ ގާތުން ޚިދުމަތް ނުކުރާވަރަށް، ބައްދަލުނުކުރާވަރަށް މި ސަރުކާރުން އެކި ފަންތިތަކުގައި މިދަނީ ބައްދަލުކުރަމުން.
އަޅުގަނޑުވެސް އިރާދަކުރެއްވިއްޔާ މީގެ އިތުރު ޕްރޮގްރާމެއް ދާދި އަވަހަށް މި ފަށަނީ. ހަމައެއާއެކީގައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަންކަމުގެ ޝަކުވާ ހުށަހެޅުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް ޤާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްވެސް ނިމުމަކަށްއައިސް، އިރާދަކުރެއްވިއްޔާ ސެޕްޓެންބަރު މަސް ނިމެންވާއިރަށް އެ ބިއުރޯވެސް ހުޅުވިގެންދާނެ. އޭގެ ނަތީޖާއަކަށްވާނީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެކިކަހަލަ ކަންކަމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލުތައް ގެނެސްދެވިގެންދިޔުން. ހަމައެއާއެކީގައި، ކޮންމެ އިދާރާއެއް، ކޮންމެ އޮފީހެއްގެ ތެރޭގައިވެސް މިހާރަށްވުރެ ބޮޑަށް ސިޓީތަކަށް ޖަވާބުދިނުމާއި، ފޯނަށް ޖަވާބުދިނުމާ، މި ހުރިހާ ކަމެއްވެސް ކަމާބެހޭ ވުޒާރާތަކުންނާއި ކުންފުނިތަކުން އެދަނީ ރަނގަޅުކުރަމުން.
އާދެ، އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ ޙަޤީޤީ މާނައިގައި، ވަށާޖެހޭގޮތެއްގައި ޤައުމުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް. މިގޮތަށް ކަންކަން ކުރާއިރުގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަކީ މުހިންމު އެއްޗެއް. މިތަނުގައި ދެންމެ އިނާމު ލިބިގެން މިދިޔައީ، އެތައްއެތައް އަހަރެއްވަންދެން ޤައުމަށް، ދައުލަތަށް ޚިދުމަތް ކުރައްވާފައި ތިއްބެވި އެތައްބަޔަކު. އެ ބޭފުޅުންގެ ހުންނާނެ ވަރަށްގިނަ ތަޖުރިބާ. އެ ބޭފުޅުންގެ ހުންނާނެ ޤައުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި، އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ދެއްވޭނެ، ދެއްވަން ބޭނުންވާނެ މަޝްވަރާ. ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ، މިގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ މަޝްވަރާ މަޖިލީހަކާއި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޤައުމީ މަޖިލީހެއް އުފެއްދުމުގެ ކަންކަން އެބަ ކުރިއަށްގެންދަން. މީގެތެރެއިން ޚާއްޞަ މަޝްވަރާ މަޖިލީހަކީ، އިސް ރަށްވެހިންގެ ތެރެއިން، ދައުލަތުގެ ޢިއްޒަތުގެ ޝަރަފާއި، މަތިވެރި ޢިއްޒަތުގެ ޝަރަފާއި، ދިގު މުއްދަތުގެ ޝަރަފާއި، މިފަދަ އެތައް އަހަރެއްގެ ތަޖުރިބާއިން ޤައުމަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅުން ހިމެނޭގޮތަށް އެކުލަވައިލެވޭ މަޝްވަރާ މަޖިލީހެއް.
ޤައުމީ މަޖިލީހަކީ އެކިއެކި ފަންނުތަކުގެ ތެރެއިން، ހުރިހާ ފަންނެއް ހިމެނޭހެން، ތަޢުލީމީ، ޞިއްޙީ، އިޤްތިޞާދީ، އިޖުތިމާޢީ ޚާރިޖީ، މިހެންގޮސް ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް، އެކި ފަންނުތަކުގައި ތިބި، ފަންނުތަކުން ތަޖުރިބާ ހާސިލުކޮށްފައި ތިބި، ތަޢުލީމާއި ތަޖުރިބާ ލިބިފައި ތިބި، އަޅުގަނޑުމެންގެ އެކިއެކި ބޭފުޅުން ހިމެނޭގޮތަށް އަޅުގަނޑުމެން އުފައްދާ ޤައުމީ މަޖިލީހެއް. މީގެ ބޭނުމަކީ، ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައި، ޤައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމުގައި ފުރުޞަތު ދިނުން. އާދެ، ކުރިއަށް އޮތް ދުވަސްތަކުގައި، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، ކުރިއަށް އޮތް ތިންމަސް ދުވަސް ނިމޭއިރު، ނޮވެންބަރު މަސް އަންނަންވާއިރު، މި ދެ މަޖިލިސްވެސް ފޯމް ކުރެވިގެން، އިރާދަކުރެއްވިއްޔާ އުފެދިގެން އައުމުގެ އުންމީދު އަޅުގަނޑުގެ އެބައޮތް. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވެގެންދާނެ. އޭރުން ވަރަށް ތަޖުރިބާކާރު، ވަރަށް ފަންނީ ބޭބޭފުޅުންނަށް ޤައުމުގެ ކަންކަމުގައި އިންސްޓިޓިއުޝަނަލައިޒް ކުރެވިފައި އޮންނަ ނިޒާމެއްގެ ތެރެއިން ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ޤާއިމުކުރާނަން.
ހަމައެއާއެކީގައި، ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބަޔަކަށްވާއިރުގައި، އަދި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ޢަދަދަކަށްވާއިރުގައި، ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރާއިރުގައިވެސް، ހިންގުމުގެ ނިޒާމު ހަރުދަނާކުރާއިރުގައިވެސް، އަޅުގަނޑު ގަބޫލުކުރާގޮތުގައި ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމުގައި ބައިވެރިވުން ކޮންމެހެން ބޭނުންވާނެ ފަރާތްތައް ކަމުގައިވާއިރުގައި، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ޒުވާނުންގެ މަޖިލިސް، ނޫނީވިއްޔާ ޔޫތު ޕާލަމަންޓް ޤާއިމުކުރުން ވަރަށް ޝާމިލްގޮތެއްގައި ކުރިއަށްގެންދާނަން. އެކަމުގެ ތަފްޞީލުތައް، ކުރިއަށް އޮތް ތާނގައި އިޢުލާނު ކުރެވިގެންދާނެ. އާދެ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން.
އާދެ، މީގެ ނަތީޖާއަކަށް ވެގެންދާނީ، ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީގޮތެއްގައި ފުރުޞަތު ލިބިގެންދިޔުން. ޒުވާނުން ބާރުވެރިކުރުވުމާއި، އަންހެނުން ބާރުވެރިކުރުވުމަށް މިކުރާ މަސައްކަތުގައި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުންވެސް އެއީ، ޤައުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު މުހިންމު ކަމެއް. އިޤްތިޞާދީ މިނިވަންކަމުގެ ތެރެއިން ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތު. ދާދިފަހުންވެސް ވާނީ ގާތްގަނޑަކަށް 5600 އަށްވުރެ ގިނަ ޒުވާނުންނަށް ކުދިލޯނު ލިބޭނެ ލޯނު ސްކީމެއް ތަޢާރުފްކޮށްފައި. ހަމައެއާއެކީގައި، އެކިއެކި ފަހި ފުރުޞަތުތައް މިދަނީ ޤާއިމުކޮށްދެމުން. ކްރިއޭޓިވް އިކޮނޮމީއެއްގެ ތެރެއިން، ކްރިއޭޓިވް އިކޮނޮމީގެ އިންސައްތަ، ރާއްޖޭގެ ޖީ.ޑީ.ޕީ. އަށް ކޮންޓްރިބިއުޓް ކުރާ އިންސައްތަ، 15 އިންސައްތައާ ހަމަޔަށް، އެންމެ މަދުވެގެން 15 އިންސައްތައާ ހަމަޔަށް، 2030އާ ހަމައަށްދާއިރު ގެންދިޔުމުގެ ސިޔާސަތުގެ ތެރެއިން މިދަނީ ކްރިއޭޓިވް އިންޑަސްޓްރީ އިކޮނޮމީ ފުޅާކުރުމަށްޓަކައި ޒުވާނުންނާއި އަންހެނުންނަށް އެކިކަހަލަ ފަހި ފުރުޞަތުތައް ފޯރުކޮށްދެމުން. އެކިކަހަލަ ކަންކަން، އެއީ ތަޢުލީމީ ދާއިރާއިން ފެށިގެންގޮސްވެސް. މިހާރު ތަޢުލީމީ ދާއިރާގައި، މަތީ ސާނަވީ ތަޢުލީމުގައި ވޮކޭޝަނަލް ޕާތްވޭ ޤާއިމުކުރެވިފައިވޭ. އަދި އޭގެއިތުރަށް، ނޭޝަނަލް ސަރވިސްއަށް ބެލިނަމަވެސް، ވަޠަނީ ޚިދުމަތަކީވެސް އެތައް ޒުވާނުންނަކަށް ޤައުމީ ލޯބީގައި، ޤައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި ޒުވާނުން އުފެއްދުމަށްޓަކައި ހިންގާ ޙަރަކާތެއް. މީގެތެރެއިން މި އުފެދިގެން މިދަނީ ބާރުވެރިކުރެވިފައިވާ، ޤައުމުދެކެ ލޯބިވާ، ބޭނުންތެރި، ބިނާކުރަނިވި، މަސައްކަތްތައް ކުރެވޭ ޒުވާނުން. އަންހެނުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިގޮތުގައި އަޅުގަނޑުމެން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ޚާއްޞަކޮށް، އިޤްތިޞާދީ ދާއިރާއިން ކުރާ މަސައްކަތް ކުރިއަށްގެންދާނަން.
އެތައް އެތައް މަސައްކަތްތަކެއް ކުރެވެމުން އެދަނީ ދެންހުރި އިންޑަސްޓްރީތައްވެސް ފުޅާކުރުމަށް. މަސްވެރިކަމުގެ އިންޑަސްޓްރީ، ޓޫރިޒަމް އިންޑަސްޓްރީ، ދަނޑުވެރިކަމުގެ އިންޑަސްޓްރީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ. މި ހުރިހާ އިންޑަސްޓްރީތަކެއް، އެ ވަރުގަދަކޮށް ފުޅާކުރުމަކީ، އިޤްތިޞާދީ ގޮތުން ޤައުމު މިނިވަންކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް.
މެދުއިރުމަތީގައި ހިނގައިގެން އުޅޭ ހަނގުރާމައާ ގުޅިގެން އެންމެބޮޑު އިމްޕެކްޓެއް އައީ ޓޫރިޒަމް އިންޑަސްޓްރީއަށް. އެއާއެކީގައި، ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި ހުރިހާ އިންޑަސްޓްރީއަކަށްވެސް. އެހެންނަމަވެސް، އިރާދަކުރެއްވީތީ ހަމަ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކެއްގެވެސް މިންނެތް މަސައްކަތާއެކީގައި، ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް މިހާރު ކުރިއަށްގެންދެވި، ގާތްގަނޑަކަށް ހަތަރު ޕަސެންޓުގެ ޑިފަރެންސެއް، އަޅުގަނޑުމެން ކުރިން އެންޓިސިޕޭޓް ކޮށްފައި އޮތްވަރަށް ދިޔުމުގައި ހާސިލުކުރަން އޮތީ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަނގުރާމަ މި ހިނގަނީ ވަރަށް ހިތާމަހުރި ގޮތަކަށް. އެހެންނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އެއީ، ދެން ދާއިމަށްވެސް ދުނިޔޭގައި ހިނގާފާނެ ކަމަކަށް ބަލައިގެން، އެހެން ގޮތްގޮތުން އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ ރެޒިލިއަންޓް އިންޑަސްޓްރީއަކަށް ހެދުމަށްޓަކައި ކުރަންހުރި ކަންކަން ކުރުމަށް. އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އިންޑަސްޓްރީއާ އެކީގައި މަސައްކަތް ކުރަމުން އެދަނީ. ހަމައެއާއެކީގައި، ދެންހުރި ޞިނާޢަތްތައްވެސް، މިހެން މި ހިނގާ ހަނގުރާމަތަކުގައި ޖެހިގެން އަޅުގަނޑުމެންގެ އިޤްތިޞާދު ވެއްޓުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ އިރާދަކުރެއްވީތީ ކުރަމުން.
އަޅުގަނޑުމެންގެ އިޤްތިޞާދު އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތީ ބޮޑު އަނދަވަޅެއްގައި. އިޤްތިޞާދު އޮތީ އަޅުވެތިކޮށްފައި. އެ އަޅުވެތިކަމުން އިޤްތިޞާދު މިނިވަންކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރީ. ސުކޫކު ދައްކައި ނިންމައި، އަދި އެތައް ލޯނެއް އަޅުގަނޑުމެން ދެއްކީ. އަޅުގަނޑުމެންގެ ހަރުމުދާތައްވެސް މިނިވަންކޮށްފައި. ދަރުމަވަންތަ ހޮސްޕިޓަލާ، މިފަދަ ތަންތަން އަޅުވެތިކަމުން މިނިވަންކޮށް، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.
މާލޭގައި މިއޮތް ޕޯޓަށް ބަލައިލަމާ! އަބަދު ދައްކާ ވާހަކައެއް. ދައްކަނީ، ދައްކަނީ، ދުވަހަކުވެސް ޢަމަލީގޮތުން ތަންފީޒެއް ނުކުރެވޭ. އެތަންކޮޅުގެ ތެރޭގައި ތާށިވެފައި އެއޮތީ ޕޯޓު. ރާއްޖޭގެ އިޤްތިޞާދު އެއޮތީ ތާށިވެފައި. ތިލަފުށްޓަށް ބަދަލުކުރާނަމޭ، މާދަން ކުރަނީ، މި އަންނަ އަހަރު ކުރަނީ. އެހެންނަމަވެސް، އަޅުގަނޑުމެން މިއޮތީ އެކަން ކުރަން ނިންމައި، ފަށާފައި އެ މަސައްކަތް. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، މާލޭގައި މިއޮތް ޕޯޓު އެކީއެކައްޗަކަށް ތިލަފުށްޓަށް ބަދަލުކުރެވި، ތިލަފުށީގައި އެ ޕޯޓު ޤާއިމުކުރެވި، މިހާރު މާލޭގައި މިއޮތް ތާށިވުމުން، މި ކަސްތޮޅުން މިނިވަންކޮށްދީ، ޕޯޓު ބޮޑުކޮށް، ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާ ދުވަސް. މިހާރު މި ރާއްޖޭގައި މި ސަރުކާރުން ހިންގާ އެންމެ އިސްކަންދޭ، އެންމެ މުހިންމު މަޝްރޫޢަކީ، ތިލަފުށްޓަށް ޕޯޓު ބަދަލުކުރުމުގެ މަޝްރޫޢު. ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން އެންމެ އިސްކަމެއްދޭނީ މި ޕޯޓު ބަދަލުކޮށް، ބޮޑުކޮށް، ހުޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް. މި ޕޯޓަކީ، ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ކޮންޓްރޯލްގައި އޮންނާނެ ތަނެއް. ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާ. ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް އޮޕަރޭޝަނަލް ކޮންޓްރޯލްގައި ހިނގާނީ. އެހެން އެއްވެސް ފަރާތެއްގެ ޝެއަރއެއް، ޙިއްޞާއެއް، ބައިވެރިވުމެއް ނޯންނާނެ، މި ޕޯޓު ހިންގުމުގައެއް.
އެހެންވީމާ، އިޤްތިޞާދީ ގޮތުން ޤައުމު މިނިވަންކުރުމަށްޓަކައި މިކުރާ މަސައްކަތްވެސް ހަމަ ނަތީޖާއާ ހަމަޔަށް އަޅުގަނޑުމެން ގެންގޮސްދޭނަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑު ވާހަކަ ދައްކާނީ ނަތީޖާއިންނޭ. މި ސަރުކާރަކީ ނަތީޖާއިން ވާހަކަ ދައްކާ ސަރުކާރެކޭ. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. ޤައުމުގައި ހުރި މި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައިވެސް. އަޅުގަނޑު ވަޢުދުވީގޮތަށް ފައިސާ ޗާޕުނުކޮށް. މިއަދާ ހަމަޔަށް އައިއިރު އަދިވެސް ފައިސާ ޗާޕެއްނުކުރަން. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ޙަޤީޤަތްވާނީ ޙަޤީޤަތަށް. އެހެންވީމާ، ފައިސާ ޗާޕުކުރުމަކާ ނުލައި، އެހެން މީހުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން، އިޤްތިޞާދު ފުޅާކުރަމުން، އިޤްތިޞާދު ތަރައްޤީކުރަމުން، ވެއްޓިފައި އޮތް އަނދަވަޅުން ނަގައި އިޤްތިޞާދު މިނިވަންކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާނީ ބާރު ސްޕީޑްގައި. މިގޮތުން ގެންދާއިރުގައި، ބޭރު ފައިސާއަށް ދިމާވެފައިވާ މައްސަލައާ، މިހެންހުރި ހުރިހާ ކަމެއް ޙައްލުކުރުމުގައި، މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި، ޝޯޓް ޓަރމްގައި އެޅޭނެ ފިޔަވަޅުތަކާއި، މީޑިއަމް ޓަރމްގައި އެޅޭނެ ފިޔަވަޅުތަކާއި، ލޯންގް ޓަރމްގައި އެޅޭނެ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ މިހާރު މަޝްވަރާކޮށް ޕްލޭންކޮށްފައި. މިކަމުގައި ކަމާބެހޭ މާހިރުންގެ ލަފައާއި މަޝްވަރާވެސް އަޅުގަނޑުމެން ހިމަނާނަން. މިސާލަކަށް، ޓޫރިޒަމް އިންޑަސްޓްރީ. މިއިން ކޮންމެ ފަރާތަކާއެކީގައި މަޝްވަރާ ކުރެވިގެން، މި ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނީ، ކުރިން އަޅުގަނޑު ދަންނަވާލިގޮތަށް ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭގޮތަށް. އެގޮތަށް އެކަން ކުރެވިގެންދިޔައިމަ، ޤާއިމުވެގެންމިދާ ޤައުމަކީ، އިޤްތިޞާދީ ގޮތުން ފައިމައްޗަށް ތެދުވެފައިވާ، ތަރައްޤީއާއި ތަމައްދުންގެ ރޭހުގައި ކުރިއަރާފައިވާ، ފަޚުރުވެރި މިނިވަން ޤައުމަކަށްވާނެ. އޭގެ ފައިދާކުރާނީ ހަމައެކަނި މި ޤައުމަކަށް ނޫން. މި ސަރަޙައްދަށްވެސް ކުރާނެ. މި ސަރަޙައްދުގެ ޕީސް އެންޑް ސްޓޭބިލިޓީއަށް ބަލާއިރުގައިވެސް މި ޤައުމަކީ ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށްވުމަކީ، ހަމަ ކޮންމެހެންވެސް ވާންޖެހޭނެ ކަމެއް.
އެގޮތުގައި ކުރިއަށްދާއިރުގައި، އަޅުގަނޑުމެންގެ އިޖުތިމާޢީ މިނިވަންކަންވެސް ޔަޤީންކުރަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. މި ސަރުކާރުގެ ސިޔާސަތު، ޞިއްޙީ ދާއިރާ. އަޅުގަނޑުމެން އަބަދު މިޖެހެނީ ބޭރަށް ރައްޔިތުން ފޮނުވަން. އެއީވެސް ހަމަ ދައްކާ ދައްކާ އޮންނަ ވާހަކައެއް. ޙައްލެއް ނުގެނެސް. އެހެންނަމަވެސް، މި ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ މިދަނީ މިކަމަށްވެސް ދާއިމީ ޙައްލެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން. ރާއްޖެއިން ބޭރަށް ގޮސްގެން ހޯދާ ފަރުވާތަކަކީ، ރާއްޖޭގައި ތިބެގެން ދެވޭ ފަރުވާތަކަށް ހެދުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓް އިރާދަކުރެއްވިއްޔާ ކުރަމުން. އެއީ، ހަމައެކަނި މާލެއަކު ނޫން. ހުރިހާ ރަށެއްގައިވެސް. ލާމަރުކަޒީކޮށް. ހުރިހާ ދިމާއެއްގައިވެސް އިރާދަކުރެއްވިއްޔާ ވަށާޖެހޭ، މާނަހުރި ޞިއްޙީ ސިޔާސަތެއްގެ ތެރެއިން އަޅުގަނޑުމެން ޞިއްޙީ ސިޔާސަތު ތަންފީޒުކުރަމުން މިދަނީ. ބަލިވުމުން އެކަންޏެއްނޫން ބަލިން ސަލާމަތް ކުރަންޖެހޭނީ. ބަލިވިޔަނުދޭންވެސް މަސައްކަތް ކުރަންޖެހޭ. އެއީ، ޙަޤީޤީ ޞިއްޙީ ސިޔާސަތަކަށްވާންޖެހޭނީ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ.
އެހެންވީމާ، ފުރަތަމަ ޒުވާނުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އަޅުވެތިކަމަށް ވަނުމުގެ ކުރިން އެކަމުން މިނިވަންކުރީ. ޖެނެރޭޝަނަލް ބޭންއެއް ގެނެސްގެން. އެހެންވީމާ، އަޅުގަނޑުމެންގެ މުޖުތަމަޢު ވޭޕްގެ އަޅުވެތިކަމަށް ގޮސްގޮސް، ޣަރަޤުވެގެން ދަނިކޮށް، އެ ވޭޕްގެ އަޅުވެތިކަމުން ސަލާމަތްކޮށް، ވޭޕް ބޭންކުރީ. އެހެންވީމާ، އަޅުގަނޑުމެންގެ މި ޤައުމުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުން މީހުން ދުރުކުރުވުމަށްޓަކައި މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކަށް، ޖަމުޢިއްޔާތަކަށް އެކަމުގައި އެހީތެރިކަން ދިނުމަށާއި، އެ މީހުން ކުރާ މަސައްކަތް ރެކޮގްނައިޒް ކުރުމަށް ނިންމައި، މި އަންނަ އަހަރުގެ ޖުލައި 26ން ފެށިގެން ކޮންމެ މިނިވަންދުވަހަކު، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދައިން ސަލާމަތްކޮށްދީ، އެކަމުން އެންމެ ގިނަ މީހުން މިނިވަންކޮށްދޭ ފަރާތްތައް ފާހަގަކޮށް، ޤައުމީ އިނާމެއް ދޭން ނިންމާފައި އޮންނާނީ. އެހެންވީމާ، ވަށާޖެހޭ ޞިއްޙީ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒުކުރަނީ މިގޮތުން.
ބޭހުގެ ވާހަކަވެސް މީގެތެރެއިން ފާހަގަކޮށްލަން ބޭނުން. އާދެ، ބޭހުގައި އަޅުގަނޑުމެން ވަރަށްދަތި ދުވަސްތަކެއް މި ކަޑައްތުކުރަނީ. މިއީ ކިހިނެއްވީ ކަމެއްތޯ ބަލައިލަމާ ހިންގަވާ! ބޭހުގެ މާފިއާއެއް މިތާނގައި އޮތީ. އަޅުގަނޑުމެން އެމް.އާރު. މި ތަންފީޒުކުރީ. މެކްސިމަމް ރީޓެއިލް ޕްރައިޒެއް ކަނޑައެޅީ. އެނގިވަޑައިގަންނަވާތޯ، އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ގޮތުގައި، ނޫނީވިއްޔާ މި އާސަންދައިގެ ތެރެއިން، މާފުކުރައްވާ، އާސަންދައިގެ ތެރެއިން ބޭހުގެ ބައެއް ބާވަތްތަކަށް 2000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއް، ބައެއް ބޭސްތަކުން އަމިއްލަ ފަރާތްތަކުން ނަގަމުންދިޔައީ މި މާފިއާއިން. މި ވޭސްޓޭޖް، މި ލީކޭޖް ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ނިމުމަކަށް ގެނައީ. 500 އެތައް މިލިއަން ރުފިޔާއެއް، އޭގެ ސަބަބުން ސަލާމަތްކުރެވޭ ކޮންމެ އަހަރަކު. އޭގެ ރިޕަކަޝަނެއްގެ ގޮތުގައި ޤަޞްދުގައި ރައްޔިތުންނަށް ހާލުޖައްސަންވެގެން ފަރާތްތަކަކުން ކުރަމުންދިޔަ ކަންތައްތަކަކުން ބޭހުގެ ދަތިކަން އައީ. އަޅުގަނޑުމެން އެހެންވީމާ، ސްޓޭޓް ފާރމް އުފައްދައިގެން، ސަރުކާރުގެ ތެރެއިން މަސައްކަތްތައް މިހާރު ފަށާފައި މިއޮތް ކަންތައް އިރާދަކުރެއްވިއްޔާ އެދަނީ ފަހަރަކު ސްޓެޕެއް، ފަހަރަކު ފިޔަވަޅެއް އަޅަމުން، އަޅަމުން ގޮސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް އަދި ޔަޤީންކަމެއް މިއޮތީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެނިގެންދާނީ، މި ބޭހުގައި މި ދިމާވެގެން އުޅޭ މައްސަލައަށް ދާއިމީ ޙައްލެއްގެނެވި، ރައްޔިތުން މިކަމުގައި އެއްވެސްވަރަކަށް ކަންބޮޑުވާން ނުޖެހޭގޮތަށް ބޭހުގެ މައްސަލަ އެކީގައި ޙައްލުވެގެންދާތަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލުކޮށްދޭނަން. އެ ޔަޤީންކަން އަރުވަން، ދިވެހި ލޮބުވެތި ރައްޔިތުންނަށް.
އާދެ، އިޖުތިމާޢީ މިނިވަންކަމުގެ ވާހަކަ ނިންމައިނުލެވޭނެ، އިޖުތިމާޢީ އެންމެ ބޮޑު މައްސަލައިގެ ވާހަކަ ނުދައްކައެއް. އެއީ، ބޯހިޔާވަހިކަމުގެ މިނިވަންކަން. ބޯހިޔާވަހިކަމަކީވެސް ހަމަ ދައްކާ ވާހަކައަކަށްވެފައި އޮތީ. އާދެ، އަޅުގަނޑުމެން މިކަން ޙައްލުކުރުމަށްޓަކައި މިހާތަނަށް ކުރި ކަންކަމުގެ ތެރޭގައި، މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތައް، ހިކިފަސްތަން ކޮށްދިނުމުގެ މަސައްކަތް މިހާތަނަށް މިވަނީ ކޮށްފައި. ހުޅުމާލެ ފޭސް 3 ހިއްކައި، އެ ތަނުން ގޯތި ދިނުމުގެ ކަންކަން ކުރުމާއި، ފޭސް 2ން ދޭންހުރި ގޯތިތައް، މަގުމައްޗާ އެކީގައި އަރާގޮތަށް ދީފައި ހުރި ގޯތިތައް، ރީޕްލޭން ކޮށްގެން ގޯތިތައް ދިނުމާއި، ގިރާވަރުފަޅު އެކީގައި ހިއްކައި ނިމި، އެތާއޮތް ރިޒޯޓަށް އަރާގޮތަށާ އެކީގައި، ކަނޑަށާ އެކީގައިދާވަރަށް ދީފައިހުރި ގޯތިތައް، އޭގެތެރެއިން ފަޅުން ބޭރުން ދީފައިހުރި ގޯތިތައް ނަގައި، ގުޅީފަޅަށް ބަދަލުކޮށް، ގުޅީފަޅުން ގޯތި ދިނުމާ، މިކަންކަން ވަރަށްބޮޑު ތަނުން ކުރެވިއްޖެ. ދެން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ތެލުގެ އަގުބޮޑުވުމާ ގުޅިގެން މެދުކެނޑުމެއް އައި. އެހެންނަމަވެސް، މިހާރު އަނެއްކާވެސް މަސައްކަތް ރީސްޓާޓްވާ ހިސާބަށް ގޮސް، އެންމެފަހުން މިއަދު އަޅުގަނޑަށް ލިބުނު އަޕްޑޭޓްގައި މިހާރު އެވަނީ އަނެއްކާ ރީސްޓާޓްވާ ހިސާބުގައި. ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ.
ހުޅުމާލޭގައި އަޅަން ފަށާފައި ހުރި ފްލެޓްތައް، 25 ޕަސެންޓް ނިމިފައި ހުރީ އަޅުގަނޑުމެން ސަރުކާރު ހަވާލުވީއިރުގައި. 25 ޕަސެންޓް. އަޅުގަނޑުމެން ބާކީބައި ނިންމައި، އެ ފްލެޓްތައްވެސް މީހުންނަށް ދީފިން. އެއީ މިހާތަނަށް ކުރެވުނު ބޯހިޔާވަހިކަމުގެ، މި ސަރަޙައްދުގައި ކުރެވިފައި ހުރި މަސައްކަތްތައް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް އެބަދޭ. މާލެ ސަރަޙައްދުގައި އެތައްހާސް ހައުސިންގ ޔުނިޓެއް އެޅުމަށް ހަވާލުކުރެވި، ހުޅުމާލެއާއި ވިލިމާލޭގައި އެވަނީ މަސައްކަތް ފެށިފައި. ރަސްމާލެ ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި ކުރިއަށް އެބަދޭ. އެންމެ ބާރު ސްޕީޑްގައި ދިޔުން މަޑުޖެހުނު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ތެލަށް އައި ބަދަލާއެކީގައި. އަނެއްކާވެސް އެކަންވެސް އިރާދަކުރެއްވިއްޔާ މިހާރު މި ހަފްތާގައި ރީސްޓާޓްވީ. އެހެންވީމާ، މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ރަސްމާލެވެސް ހިއްކައި ނިމޭނެ. ނިންމައި، މި ދައުރު ނިމޭއިރުގައި، އަޅުގަނޑުމެންގެ އުންމީދަކީ، އަދި ޔަޤީންކަންދޭ ކަމަކީ، ފުރަތަމަފަހަރަށް ރާއްޖޭގެ ތާރީޚުގައި، ސަރުކާރެއްގެ ދައުރުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ޢަމަލީގޮތުން ނިންމައި، ޢަމަލީގޮތުން އެތަންތަން ލިބޭ ފަރާތްތަކަށް އެތަންތަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަވާލުކޮށްދިނުން. އެ ޔަޤީންކަން ދެން.
އާދެ، ތަރައްޤީއާއި ތަމައްދުންގެ މި މިނިވަންކަމުގެ ތެރެއިން އަޅުގަނޑުމެން ހަމައެކަނި ދައްކަނީ ވާހަކައެއް ނޫން. މިއީ ހައްތަހާވެސް ކޮށްފައި ހުރި ކަންކަން. މިއަދާ ހަމަޔަށް އައިއިރުގައި، އާދެ، މިދިޔަ ދެ އަހަރާ އަށެއްކަމަސް ދުވަހުގެ ތެރޭގައި، އެކި ދާއިރާތަކުން 590 މަޝްރޫޢު އަޅުގަނޑުމެން ނިންމައި ޑެލިވަރކޮށްފީމޭ. ކޮމްޕެއަރ ކޮށްލަމާ ހިންގަވާ، މިދިޔަ ދެ ސަރުކާރުގެ ނިންމުންތަކާ، ފުރަތަމަ ދެ އަހަރާ އަށްމަސް ދުވަހަށް. ކޮމްޕެއަރ ކޮށްލާއިރުގައި، މި ނިމިގެންދިޔަ ސަރުކާރުގައި މި މުއްދަތުގައި ނިންމުނީ 285 މަޝްރޫޢު. އޭގެ ކުރީގެ ސަރުކާރުގެ މި މުއްދަތުގައި، ދެ އަހަރާ އަށްމަސް ދުވަހުގެ ތެރޭގައި ނިންމުނީ 321 މަޝްރޫޢު. ނަތީޖާއިން އަޅުގަނޑުމެން ވާހަކަ ދައްކާނީ. މިހާރު ހިނގަމުން އެބަދޭ 1635 މަޝްރޫޢު. މިދިޔަ ސަރުކާރުގެ މި މުއްދަތުގެ ތެރޭގައި ހިނގަމުންދިޔައީ. 414 މަޝްރޫޢު. އޭގެކުރީ ސަރުކާރުގެ މި މުއްދަތުގައި ހިނގީ 355 މަޝްރޫޢު. އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. އަޅުގަނޑުމެން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޑެލިވަރ ކުރާނަން. އަޅުގަނޑުމެން ކުރަނީ އެންމެންނަށް ހަމަހަމަކޮށް. ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއްނެތި. އިންޞާފުވެރިކަމާއެކީގައި، ލާމަރުކަޒީކޮށް. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ މިނިވަންދުވަސް އަންނައިރުގައި، މީގެ ދެ އަހަރު ފަހުން އަންނަ މިނިވަންދުވަހުގެ ތަޞައްވުރެއް ދަންނަވާލަން އަޅުގަނޑު ބޭނުން.
އެ ތަޞައްވުރު ހަމަ ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ، 2028 ވަނަ އަހަރުގެ މިނިވަންދުވަސް އަންނައިރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހުންނާނީ ނިމިފައި. ކުނިކޮށި ޤާއިމުކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހުޅުވިފައި. ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތައް ހުޅުވިފައި. އައުޓްޑޯ ޖިމްތައް ހެދިފައި. ކުޑަކުދިންގެ ޕާކުތައް ހެދިފައި. އޭ.ޓީ.އެމް.ތައް ހެދިފައި. ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވިފައި. ލެބޯރެޓަރީ ހިމެނޭހެން، ހުރިހާ ރަށެއްގައި ޞިއްޙީ ޚިދުމަތް ވަރުގަދަކުރެވިފައި. ސްކޫލް އިންފްރާސްޓްރަކްޗަރ އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ހިމެނޭގޮތަށް ވަރުގަދަކުރެވިފައި. ޤުރްއާނާބެހޭ މަރުކަޒުތައް ޤާއިމުކުރެވިފައި. ފުޓްސަލް، ނޫނީވިއްޔާ ފުޓްބޯޅަ ދަނޑުތައް ޤާއިމުކުރެވިފައި. ކަރަންޓާއި ކޭބަލް އަދި ޖެންސެޓް ފަދަ ކަރަންޓާ ގުޅޭ ހުރިހާ ކަންކަން، ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ މިނިވަންދުވަސް އަންނައިރު ހުންނާނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ޤާއިމުކުރެވިފައި. ކޮންމެ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ އެ ތާރީޚު އަންނައިރުގައި، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮވިއްކާ ޝެޑުތައް ހުންނާނެ. ކޮންމެ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ 30 މިނިޓުން ދެވޭ ހިސާބުގައި އިތުރު އެއަރޕޯޓުތައް އޮންނާނެ. ކޮންމެ އަތޮޅެއްގައި ޞިއްޙީ ނިޒާމުގެ ތެރެއިން ސީޓީ ސްކޭނާއި، ޑައަލިސިސްއާއި، ޕެޕްސްމިއަރއާއި، މެމޮގްރަފީއާއި، ބްލަޑް ބޭންކާއި، ތެލެސީމިއާ ޚިދުމަތާއި، މި ހުރިހާ ކަމެއް، އަދި އިތުރު ކަންކަންވެސް ކޮންމެ އަތޮޅެއްގައި. މާލޭގައި މިހިރަ ކަހަލަ ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރެވިފައި ހުންނާނެ. އެމް.އެން.ޔޫ.، އައި.ޔޫ.އެމް.ގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ ހުޅުވިފައި ހުންނާނެ. ކޮންމެ އަތޮޅެއްގައި އިސްލާމިކް ސެންޓަރުތައް ހުޅުވިފައި ހުންނާނެ. ކޮންމެ އަތޮޅެއްގައި ބޯހިޔާވަހިކަން ޤާއިމުކޮށްދީފައި ހުންނާނެ އިރާދަކުރެއްވިއްޔާ، 2028 ވަނަ އަހަރުގެ ޖުލައި 26 އަންނައިރުގައި.
މިއީ ކުރެވިގެންދާނެ ކަންކަން. މަދުވެގެން 100 ރަށުގައި ކައުންސިލް އިމާރާތް ނިންމައި ހަވާލުކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ ކަރަންޓަށް ކުރާ ޚަރަދު، މަދުވެގެން 33 އިންސައްތަ ރިނިއުބަލް އެނަރޖީއަށް 2028ގެ ޖުލައި 26 އަންނައިރު ހުންނާނީ ބަދަލުކުރެވިފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން ފަސް މިލިއަން ގަސް އިންދައި ހުންނާނީ ނިމިފައި. އިރާދަކުރެއްވިއްޔާ މޯލްޑިވްސް 2.0 އޭގެ ފުރިހަމަ މާނައިގައި ހުންނާނީ ތަންފީޒު ކުރަން ފެށިފައި. ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނަ 10 ރިޒޯޓު ޤާއިމުކުރުމުގެ މަޝްރޫޢު ބޮޑުތަނުން އޮންނާނީ ކުރިއަށްގޮސްފައި. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށް 2030 އަންނަންވާއިރަށް އޮންނާނީ ނިމޭ ހިސާބުގައި. 2028ގެ ޖުލައި 26 އަންނަންވާއިރަށް އެ މަގުން ކުރިއަށްދާނެ. މިތާ ކައިރިން ބަލާއިރު، ވިލިމާލެ ހޮސްޕިޓަލް ނިމުމަކާ ހަމަޔަށް ގޮސްފައި. މާލޭގެ މަގުހެދުމުގެ މަޝްރޫޢު، ޗައިނާ ސަރުކާރުގެ އެހީގައި ހިނގާ ދެވަނަ މަޝްރޫޢު. އެވެސް ވަރަށްބޮޑު ތަނުން ކުރިއަށްދާނެ. ތިލަމާލެ ބްރިޖު، އިރާދަކުރެއްވިއްޔާ އިންޑިޔާ ސަރުކާރުގެ ލޯނު އެހީގައި ހިނގާ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ އޮންނާނީ ހުޅުވިފައި. ކުރިން ދެންނެވި ގޮތަށް، މާލޭގެ ޕޯޓު ބަދަލުކުރެވިފައި. މާލޭގެ އެކި ތަންތާނގައި ޕާކިންގ ބިލްޑިންގތައް އިރާދަކުރެއްވިއްޔާ ހުޅުވާނަން. މާލޭގެ އެކި ތަންތަނުގައި އެކިއެކި ކުޅިވަރުގެ އިންޓްރެސްޓް ހުރި ފަރާތްތަކަށް އެކި ސްޓޭޑިއަމްތައް ޤާއިމުކޮށް ހުޅުވިފައި ހުންނާނެ.
އާދެ، މި ހުރިހާ ކަމެއް ޤާއިމުކުރެވި، އިރާދަކުރެއްވިއްޔާ 2040އާ ހަމައަށްދާއިރު، ތަރައްޤީވެފައިވާ ޤައުމަކަށް މި ރާއްޖެ ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ހާސިލުވެގެންދާނެ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، ހެޔޮ ނަތީޖާ اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ޙަޤީޤީ މާނައިގައި މިނިވަންކަން ހާސިލުވެ، މިނިވަންކަން ކަށަވަރުވެފައިވާ ޤައުމަކަށް ހެދުމުގައި އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރު ކުރެއްވުން. އެއް ބަހަކުން މި ވާހަކަ ދައްކާ، އެއް ދީނަކަށް މި ތަބާވާ، އެއް ނަސްލަކަށް މި ނިސްބަތްވާ، އެތައްހާސް އަހަރެއްގެ މުއްސަނދި ތާރީޚަކާއި ޘަޤާފަތެއް އޮތް އެއްބައެއްވަންތަ، އެއްބައިވަންތަ، ފަޚްރުވެރި މި ދިވެހި ޤައުމުގެ މިނިވަންކަން ތާއަބަދަށް اللّـه سبحـانـه وتعـالى ލަހައްޓަވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.