މި ޕްރޮގްރާމް ހުށަހެޅުއްވީ، ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް.
މުޙައްމަދު ޙުސައިން ޝަރީފް:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السّلام عليكم.
"ދަ ޕަލްސް''ގެ ފަސްވަނަ އަދަދަށް މަރުޙަބާ ދަންނަވަން. މި ހަފްތާގެ އިޚްތިޔާރީ މައުޟޫޢަކީ، "ޒުވާނުން ބާރުވެރިކުރުވުން"، ނުވަތަ "ޔޫތު އެމްޕަވަރމަންޓް." މިކަމާ ގުޅޭގޮތުން، އެހެން ހަފްތާތަކެކޭވެސް އެއްފަދައިން، ޒުވާނުންގެ ޝުޢޫރު ދެނެގަނެވޭތޯ އަޅުގަނޑުމެން ކޮންމެވެސްވަރަކަށް މަސައްކަތް ކުރިން. އަދި، އެ ޝުޢޫރުތައް އަޑުއެއްސެވުމަށްފަހު، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި މައުޟޫޢުގައި ކުޑަ އެއްޗެއް ވިދާޅުވެލައްވާނެ.
ދެވަނަ ބައިގައި ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނީ، އަޅުގަނޑުމެން ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ނޫސްވެރިއެއް. މި ހަފްތާގައި އަޅުގަނޑުމެން މި ދަޢުވަތު އެރުވީ، "އެކި އެމް.ވީ."އަށް. އަދި، "އެކި އެމް.ވީ."ގެ ފަރާތުން ވަޑައިގެން އިންނެވީ، އެ ނޫހުގެ ސީނިއަރ ޖަރނަލިސްޓް، ޙައްވާ ޝިފްލާ. އެހެންވީމާ، ދެވަނަ ބައިގައި ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ދަންނަވާނީ އެ ބޭފުޅާ. އެހެންވީމާ، އަޅުގަނޑުމެން ފުރަތަމަ ރައްޔިތުންގެ ޝުޢޫރު، ޒުވާނުންގެ ޝުޢޫރު އަޑުއަހައިލުމާއެކުގައި ކުރިއަށް ގެންދާނީ. ޝުކުރިއްޔާ!
ރައްޔިތެއްގެ ޝުޢޫރު:
މިވަގުތު އަޞްލު އެންމެ އުނދަގޫވާ ކަމަކީ، ރަށުން އަޞްލު ޒުވާނުންނަށް، ރަށުގައި ތިބެގެން އަދާކުރެވޭނެ ކަހަލަ ވަޒީފާތަކެއް ނެތީމާ ދޮގެއްތޯ. ދެން، އާމްދަނީ ހޯދަން އިތުރު މަގުތަކެއްވެސް އަޞްލުގައި މިކޮޅުގައި ހުޅުވިފައި ނެތީމާ.
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑު ދެކޭގޮތުގައި، މި ޒަމާނުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ވަޒީފާ ނުލިބުން. އެއީ، މިހާރު ޒުވާނުން ކިތަންމެވަރަކަށް ކިޔަވައިގެން ތިއްބަސް، ވަޒީފާ މި ލިބެނީ، ތަޢުލީމަށް އެންމެ ނުރަނގަޅު މީހުންނަށް.
ރައްޔިތެއްގެ ސުވާލު:
މުނިފޫހިފިލުވުމުގެ ގޮތުން، ރާއްޖޭގައި ޒުވާނުންނަށް ޚާއްޞަކޮށް، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކަކީ ކޮބައިތޯ؟
ރައްޔިތެއްގެ ސުވާލު:
އަލަތު ކައިވެންޏަށް ޚާއްޞަކޮށް ދިން ހިޔާ ފްލެޓުތައް، ކުރީ ސަރުކާރުން ވަނީ ބާޠިލުކޮށްފައި. އެ ފްލެޓުތައް އަލުން ދޭނެތޯ؟
ރައްޔިތެއްގެ ޝޫޢުރު:
އަޅުގަނޑުގެ ނަމަކީ، އިފާޒް އާދަމް. އަޅުގަނޑުގެ އުފަން ރަށަކީ، ތ. ކަނޑޫދޫ. އަޅުގަނޑު އެކަމަކު މިހާރު އުޅެނީ ހުޅުމާލޭގައި. އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މާލޭ ސަރަޙައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ނެތުން.
މުޙައްމަދު ޙުސައިން ޝަރީފް:
ރައީސް، ތިޔަ ފެނިވަޑައިގަތީ، އަޅުގަނޑުމެން ވާހަކަދައްކާލި، ސުވާލުކޮށްލި ބައެއް ޒުވާނުންގެ ޝުޢޫރު ހުރިގޮތް. ދެން ޖުމްލަގޮތެއްގައި، ގިނަ ޒުވާނުންގެ ވިސްނުމުގައި ހުރީ، ވަޒީފާގެ ފުރުޞަތުތަކާއި، އަދި ވަކިން، ތަޢުލީމު ހާސިލުކޮށްފައި އައިސް، މެރިޓް ބޭސްޑްކޮށް، އެ މީހުން ބޭނުންވާ އިޚްތިޔާރީ ވަޒީފާތައް ލިބޭނެގޮތާއި، ދެން، ކުޅިވަރު މިއީ އަބަދުވެސް ޒުވާނުންގެ ޝައުޤާ ގުޅިފައި ހުރި ކަމެއް ދޮގެއްތޯ. އޭގެއިތުރުން، ރައީސް ޚާއްޞަ އިސްކަމެއް ދެއްވާ ބައެއް ކަންތައްތައް. މިސާލަކަށް، ކްރިއޭޓަރ އިކޮނޮމީ ޑިވެލޮޕް ކުރެއްވުމުގައި، މިހާރު ވަރަށް ބޮޑު އިންސައްތައެއްގެ ޝައުޤުވެރިކަން މި ހުންނަނީ، އަޅުގަނޑުމެންހެން ޓައީ އަޅައިގެން ތިބުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތަކުން ނުކުމެ މަސައްކަތް ކުރުން. އެހެންވީމާ، މުޅި ޤައުމުގެ އެންމެ ވަރުގަދަ އެއް ރައުސްމާލަކީ، ޒުވާނުންނޭ ދެންނެވިދާނެ ދޮގެއްތޯ؟ ދެން، އެ ތަޞައްވުރުގައި ރައީސްގެ މަސައްކަތްޕުޅުވެސް، އަދި ވިސްނުންފުޅުވެސް މި ހުންނަނީ. އެހެންވީމާ، ވަރަށް ފުޅާ ދާއިރާއެއްގައިކަންނޭނގެ މިއަދު މަޝްވަރާ މިއޮތީ. އެހެންވީމާ، މިކަމުގައި ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.
ޙަޤީޤަތުގައިވެސް ތިޔަ ވިދާޅުވިހެން، ވަރަށް މުހިންމު ދާއިރާއެއް، ޒުވާނުން ތަރައްޤީކުރުމުގެ ދާއިރާއަކީ، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި. ހަމަ ސެންޓަރ ސްޓޭޖް، އެންމެ މައި އިސްކަމެއް ދެވޭ ދާއިރާއެއް ގޮތުގައި ބެލެވޭ ދާއިރާއެއް.
ޒުވާނުންނަކީ، ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގައި، ސަރުކާރުގެ އެންމެ މުހިންމު އެއް ފަރާތް. ދެން، މިގޮތުން ބަލާއިރުގައި، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި، އެކިކަހަލަ ޕްރޮގްރާމްތަކާއި، އެކިކަހަލަ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އަދި، އިޤްތިޞާދީ ގޮތުން، ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، އެކިކަހަލަ ސްކީމްތައް ތަޢާރުފްކުރުމާއި، ހިންގުމާއި، ތަޢުލީމީގޮތުން އެކިކަހަލަ ފުރުޞަތުތައް ފަހިކޮށްދިނުން، މަތީ ތަޢުލީމު، އަދި މަތީ ތަޢުލީމު ނިންމާފައި، ވަޒީފާގެ ފުރުޞަތުތަކާއި، މި ހުރިހާ ކަމެއް، އަދި އާމްދަނީ ހޯދޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކާއި، އަމިއްލަ އުފެއްދުންތެރިކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތް، ކްރިއޭޓަރ އިކޮނޮމީއެއްގެ މި ޙަޤީޤީ ސިފަ، ރާއްޖޭގެ އިޤްތިޞާދުގެ ތެރެއިން ޖައްސުވައިދީ، އެ ފަހި ފުރުޞަތު ޤާއިމުކޮށްދީ، އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިޤްތިޞާދުގައި، ޖީ.ޑީ.ޕީ.އަށް 15 އިންސައްތައަށްވުރެ މަދުނޫން އަދަދެއް، 2030 ވަނަ އަހަރު އަންނަންވާއިރަށް، ކޮންޓްރިބިއުޓް ކުރާ ދާއިރާއަކަށް، ކްރިއޭޓަރ އިކޮނޮމީގައި ހެދުން، މި އަމާޒު ހާސިލުކުރުމަށް. މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ ޙަޤީޤަތުގައި މީގެތެރޭގައި.
ދެން، މިސާލަކަށް، ވަޒީފާގެ ފުރުޞަތުތަކަށް ބަލާއިރުގައިވެސް، ތަޢުލީމީ ގޮތުން އެކިކަހަލަ ކުރިއެރުންތައް، ނޫނީވިއްޔާ ކުރިއަށްދާނެ މަގުތައް ނުފެންނަ ފަރާތްތަކަށް، ތަޢުލީމީ ނިޒާމުގެ ތެރެއިން ކަމުގައިވިޔަސް، އެކިކަހަލަ ފުރުޞަތުތައް ހޯދައިދިނުމުގެ އެކިކަހަލަ ޕާތްވޭތައް މިހާރު އެބަހުރި. އޮކޭޝަނަލް ޕާތްވޭއާއި، މިކަހަލަ ޕާތްވޭތައް. އަދި، އެއިން ބޭރުން ކިޔަވައި ނިމުނީމަ، ދެން ކުރިއަށް ދެވޭނެ މަގު ނެތަސް، އަދި ކިޔަވައި ނިމުނީމާ މަގު ކޮށެން އޮތްނަމަވެސް، ބޭނުންވަންޏާ ނޭޝަނަލް ސަރވިސް ޕްރޮގްރާމްވެސް އެބައޮތް.
އެހެންވީމާ، ވަށާޖެހޭ ގޮތެއްގައި، ޒުވާނުންނަށް އެކިކަހަލަ ފަހި ފުރުޞަތުތައް ޤާއިމުކޮށްދީ، މަގު ކޮށައިދިނުމާއި، ހަމައެއާއެކީގައި، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މިހެންގޮސް، ވަށާޖެހޭ ސިޔާސަތެއް ތަންފީޒު މި ކުރަނީ.
މުޙައްމަދު ޙުސައިން ޝަރީފް:
ޝުކުރިއްޔާ ރައީސް.
ދެވަނަ ބައިގައި ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނީ، "އެކި އެމް.ވީ."ގެ ސީނިއަރ ޖަރނަލިސްޓް ޙައްވާ ޝިފްލާ. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ޙައްވާ ޝިފްލާ - އެކި އެމް.ވީ:
ރައީސް، ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަނގަޅު އިނގޭތޯ.
ޙައްވާ ޝިފްލާ - އެކި އެމް.ވީ:
ރައީސް، ޒުވާނުން ބާރުވެރިކުރުވުމަކީ، މަނިކުފާނުގެ ޒަޢާމަތުގައި، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، މަނިކުފާނު ކުރައްވާ އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި މިވަނީ. ދެން، މިވަގުތު އަޅުގަނޑު އަތުގައި އެބަހުރި، ޒުވާނުންގެ ފަރާތުން މަނިކުފާނަށް ހުށަހަޅާފައި ހުރި ވަރަށް ގިނަ ޝުޢޫރުތައް.
އެންމެފުރަތަމަ ކަމެއްގެ ގޮތުގައިވެސް އަޅުގަނޑަށް ފާހަގަކޮށްލެވިފައި މިއޮތީ، ޒުވާނުންނަށް ގޮސް ޙަރަކާތްތެރިވެވޭނެ ތަންތަން މަދު ވާހަކަ. އެހެންނަމަވެސް، ޔޫތް ހަބް، ވަރަށް ރަނގަޅު ތަނެއް ގޮތުގައި، ވަރަށް ގިނަ ބޭފުޅުން ފާހަގަކުރައްވާފައި އެބަވޭ. މީގެއިތުރުން، އެހެން ތަނެއް، މިސާލަކަށް، ޝޮޕިންގ މޯލްއެއް، ޝޮޕިންގ މޯލްއެއްގައި ގޭމިންގ ސެންޓަރއެއް، ނުވަތަ ސިނަމާއެއްވެސް ހިމެނޭގޮތަށް، މިކަހަލަ ތަނެއް ހެދުމަކީ، ވަރަށް ގިނަ ޒުވާނުން އެދިލައްވާ އެދިލެއްވުމެއް.
އަޅުގަނޑުގެ ސުވާލަކީ، ރައީސްގެ އެއްވެސް ވިސްނުންފުޅެއް އެބަހުރިތޯ މިކަހަލަ ތަނެއް ހެދުމަށް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވިސްނުން އެކަންޏެއް ނޫން. އިރާދަކުރެއްވީތީ އެކަހަލަ، އެކިކަހަލަ މަޝްރޫޢުތައްވެސް ފެށިގެން އެބަދޭ. ފެށިފައިވެސް ވެއްޖެ. ޔޫތް ހަބްގެ ވާހަކަ ދެންމެ ތިޔަ ފާހަގަކުރެއްވީ. އެތަނުގެ މާޒީއަށް ޖެހިލާ ކަމުގައިވަންޏާ، އެންމެފުރަތަމަ އެތަން އިމާރާތްކުރީ، ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި، ރައީސް މައުމޫންގެ ވެރިކަމުގައި. އެތައް އަހަރެއް ކުރީގެ ވާހަކަ މި ދައްކަނީ. ދެން، ކޮންމެވެސް ސަބަބަކާހުރެ، އެތަން ބަދަލުވީ ގަރާޖަކަށް. ވެހިކަލް ގަރާޖަކަށް. ދެން، އެހެން އެތައް އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން ގޮސް، އަޅުގަނޑު އެތަން ބަލައިލަން އެއްދުވަހަކު ގޮސް، އެންމެފަހަރަކު ދިޔައީވެސް. ދެން، އެ ދުވަހު އެތަނަށް ގޮސް ބަލައިލީމަ ފާހަގަވެއްޖެ، ވަރަށް ގޯސްކޮށޭ މިތަން މި ބޭނުންކުރަނީ. މިހާ ރަނގަޅު ލޮކޭޝަނެއްގައި ހުރި، މިކަހަލަ ތަނެއްގެ ޕޮޓެންޝަލް މާބޮޑޭ. އެހެންވީމާ، ޒުވާނުންނަށް މިތަނުން ފައިދާއެއްވާ ގޮތަކަށް ތަން ބަދަލުކުރާނީއޭ. ދެން، ކެބިނެޓުގައި މަޝްވަރާކޮށްފައި، އަޅުގަނޑުމެން އެގޮތަށް ނިންމާފައި، މިހާރު އެހެރީ ޒުވާނުންގެ މަރުކަޒަކަށް ބަދަލުކޮށްފައި. އިރާދަކުރެއްވީތީ، ވަރަށް ރަނގަޅު އެތަން. އެކި އުމުރުފުރައިގެ ޒުވާނުން، ޢާއިލާތައް އެތަން ބޭނުން އެބަކުރޭ، އެކިކަހަލަ ފައިދާހުރި ކަންކަމަށް.
ދެން، މިއީ ހަމަ ފެށުމެއް. އެގޮތުން އިރާދަކުރެއްވިއްޔާ، މާލޭގެ އިތުރަށް އެކި ސިޓީތަކުގައިވެސް، މިކަހަލަ ޔޫތް ހަބްތައް ހެދުމަށް މިހާރު އެވަނީ ހަވާލުވެސް ކުރެވިފައި. އެގްރީމަންޓް ހަދައި، ފައިސާވެސް ދީ، މިހާރު އެ މަސައްކަތް ހިނގައިގަނެ، އެ ސްޓޭޖްގައި އެއުޅެނީ. އެހެންވީމާ، މި ތަންތަންވެސް ނިމިގެންދިޔައީމަ، އިރާދަކުރެއްވިއްޔާ، މާލެ ފަދައިން އަތޮޅުތެރޭގައިވެސް ހުންނާނޭ މިފަދަ މަރުކަޒުތައް.
ދެން ހަމަ އޭގެއިތުރަށް، މާލޭ ސަރަޙައްދުގައި އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީއަކީ މާލެ ކަމަށްވާއިރުގައި، މާލެއެކޭ އެއްގޮތަށް، ހުޅުމާލޭގައިވެސް މިފަދަ މަރުކަޒު ޤާއިމުކުރުމަކީ އަޅުގަނޑުމެން މަސައްކަތްކުރާ ގޮތް.
ދެން، ކުޅިވަރު ކުޅޭ ފެސިލިޓީޒްތަކަށް ބަލާއިރުގައި، އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި ވަރަށް މަދުވާނެ، ތިޔަ ވިދާޅުވިފަދައިން، ޒުވާނުންގެ އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރެވިފައި ހުރި މަރުކަޒުތައް. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން ފަށައިގެން މިއުޅޭ މަޝްރޫޢުތައް، މި ދައުރުގެ ތެރޭގައި ނިމިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް، އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައިވެސް އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރިކްރިއޭޝަން މަރުކަޒެއް ހުންނާނެ އިނގޭތޯ. މިހާރު އެދަނީ އެތައް ރަށެއްގައި އޭގެ ފިޒިކަލް، ޢަމަލީ މަސައްކަތްތައްވެސް ކުރިއަށް. ބައެއް ރަށްތަކުގައި މިހާރު އެފް.އާރު.ސީ.ތައް ބިނާކޮށްވެސް، އެސެމްބްލްކޮށްވެސް ނިމިއްޖެ. ނިމެމުންވެސް އެބަދޭ. މި އަހަރުގެ ފަހުކޮޅަށްދާއިރުގައި، ގާތްގަނޑަކަށް ދެބައިކުޅައެއްބައި ރަށުގައި ހީވަނީ ހުންނާނީ ނިމިފައިހެން. ދެން، މި އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް، އިރާދަކުރެއްވިއްޔާ ގިނަ ރަށްތަކެއް ނިމި، އަހަރުގެ ފަހުކޮޅަށް، ނޮވެންބަރާ ހަމައަށް ދާންވާއިރަށް، ހުރިހާ ރަށެއް ހުންނާނީ ކޮމްޕްލީޓްވެފައި. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ.
ދެން، ހަމަ އޭގެއިތުރަށް، މާލޭގައި މިހިރަ ސޯޝަލް ސެންޓަރު، މިއީ، އަޅުގަނޑުމެން އެންމެންނަށް އެނގޭ، ވަރަށް މަޝްހޫރު ތަނެއް. ވަރަށް ގިނަ ޒުވާނުން ކުޅޭ ތަނެއް. ކުޅިވަރު މުބާރާތްތައްވެސް އޮންނަ ތަނެއް. އެކިކަހަލަ ޖަލްސާތައްވެސް ބާއްވަން ބޭނުންކުރާ، އެހެންހުރި ހަމައެކަނި ތަނޭވެސް ދެންނެވިދާނެކަންނޭނގެ، މުޅި ރާއްޖެއަށް ބަލާއިރުގައިވެސް. މިފަދަ މަރުކަޒުތައް ހުންނަންޖެހޭނީވެސް ހަމައެކަނި މާލެއަކު ނޫން، އަޅުގަނޑު ގަބޫލުކުރާގޮތުގައި. ދެން، މިހާބޮޑުކޮށް ނުހެދުނަސް، ގާތްގަނޑަކަށް މި ކޮންސެޕްޓްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، މިހާރު ރާއްޖޭގެ ގާތްގަނޑަކަށް ފަނަރަވަރަކަށް ރަށުގައި، އެދަނީ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް. މިހާރު އެއޮތީ ހަވާލުކުރެވިފައި، ޢަމަލީ މަސައްކަތުގެ މަރުޙަލާގައި، މި ތަންތަން ހެދުމުގެ މަސައްކަތް. މި ތަންތަނުގައި ގާތްގަނޑަކަށް، ބާރަސަތޭކައެއްހާ މީހުންނަށް އެއްފަހަރާ ކުޅިވަރު ބަލަން ތިބެވޭ ސީޓިންގ ސްޕެކްޓޭޓަރ ކެޕޭސިޓީ ޤާއިމުކުރެވި، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއްގެ ކުޅިވަރުތައް ކުޅެވޭ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް މި އަޅަނީ. ދެން، ކުރިއަށް އޮތް ދުވަސްތަކުގައި، މީގެތެރޭގައި އިތުރު ރަށްތައް ހިމެނި، މި ކިޔަނީ، ދެތިންހާހަށްވުރެ އާބާދީ ބޮޑު، ޖުމްލަގޮތެއްގައި، އެވްރެޖްކޮށް ބަލަންޏާ ދެހާސް، ނޫނީވިއްޔާ އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި، ވީހާވެސް ގިނަ ރަށްތަކުގައި، ގާތްގަނޑަކަށް 25 ރަށް ނިންމައިލެވޭތޯ އަޅުގަނޑުމެން މި ބަލަނީ، މި ދައުރު ތެރޭގައި. މި އަންނަ އަހަރުގެ ފަހުކޮޅަށްދާއިރަށް، އިރާދަކުރެއްވިއްޔާ މީގެތެރެއިން ގިނަ ރަށްތަކުގައި، މި ދެންނެވި ކަހަލަ، ސޯޝަލް ސެންޓަރު ކަހަލަ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް، ހުޅުމާލޭގައިވެސް، ވިލިމާލޭގައިވެސް، އަދި ރާއްޖޭގެ ފަންސަވީހަކަށް ރަށުގައި ހެދޭނެ. މިއީ، ދުވަހަކުވެސް ރާއްޖޭގައި ފެނުނު ކަންތައްތަކެއް ނޫން. އެހެންވީމާ، ޒުވާނުންނާއި، ދެން، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް މީގެ ބޭނުންކުރެވޭނެ ތަންތަން މި ހުންނަނީ.
މިއިން ހާސިލުވާ ވަރަށް ގިނަ ކަންކަން އެބަހުރި. ހަމައެކަނި ކުޅިވަރެއް ކުޅެލުމެއް ނޫން. ކުޅިވަރު ކުޅުމުގެ ތެރެއިން ހާސިލުވާ އެތައް ކަމެއް އެބަހުރި. ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ ކަންތައްތައްވެސް ހާސިލުވެގެން މިދަނީ، ފިޓްނަސް ސެންޓަރުތަކުންނާއި، ސްޕޯޓްސް ކޮމްޕްލެކްސްތަކުންނާއި، އައުޓްޑޯ ޖިމްތަކުންނާ، އެހެންނޫންތޯ؟ މިކަހަލަ ހުރިހާ ތަނެއްގެ ތެރެއިން. އައުޓްޑޯ ޖިމްތައްވެސް މި ޤާއިމުކުރަނީ ހުރިހާ ރަށެއްގައި އިނގޭތޯ. މިހާރު އެ މަސައްކަތް އެދަނީ ވަރަށް ބާރު ސްޕީޑްގައި. އިރާދަކުރެއްވިއްޔާ، މި އަހަރު ނިމޭހާ ތަނަށް، ނޫނީވިއްޔާ މި އަންނަ އަހަރު ކުރީކޮޅު، ފުރަތަމަ ކުއަރޓަރތެރޭ ކަހަލަ ގޮތަކަށް، ވަރަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް ޔަޤީންކަމެއް އެބައޮތް، ހުރިހާ ރަށެއްގައި މިކަންވެސް ކުރެވޭނެ، އިރާދަކުރެއްވިއްޔާ އިނގޭތޯ.
އެހެންވީމާ، ވަށާޖެހޭ، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމާއި، ޒުވާނުންނަށް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަކީ، ހަށިހެޔޮ، ކުޅިވަރު ކުޅޭހިތްވާ ބަޔަކަށް ހެދުމަށް މި ކުރެވޭ މަސައްކަތް މިދަނީ ވަރަށް ބާރަށް. ދެން، އެއާއެކީގައި، ދެންމެ ތިޔަ ވިދާޅުވި ކަހަލަ އެކި ކަންތައްތައް، އެކި ވަސީލަތްތައް، ހަމައެކަނި ވަކި ވައްތަރެއްގެ ކުޅިވަރެއް ނޫން ކުޅެންޖެހޭނީކީއެއް. ޒުވާނުން އެކި ވައްތަރުގެ ކުޅިވަރަށް ޝައުގުވެރިކަން ހުރޭ. މިސާލަކަށް ދަންނަވަންޏާ، މާލޭގައި ވަރަށް މަޝްހޫރު ތަނެއް މިއީ، ރާޅުގަނޑު ސަރަޙައްދު، ސަރފިންގ އޭރިއާ. އެތަންވެސް ތަރައްޤީކުރުމުގެ ވާހަކަ އަބަދުވެސް ދައްކާ. އެހެންނަމަވެސް، އެތަން އޮތީ ތަރައްޤީނުވެ. އެހެންނަމަވެސް، މިހާރު ފެނިވަޑައިގަންނަވާނެ، އިންޓަރނޭޝަނަލް ފެންވަރުގެ ސަރފިންގ ސްޓޭޑިއަމެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެއޮތީ ފެށިފައިކަން.
ދެން ހަމަ އެއާއެކީގައި، އެހެން ކުޅިވަރުތަކަށް ބަލާނަމަވެސް، މިސާލަކަށް، އިންޑޯ ބޯލިންގ އެރީނާއެއް. ރާއްޖޭގައި ހުރި އެއްޗެއް ނޫން މިއީކީއެއް. މިހާރު އެވަނީ މަސައްކަތް ހަވާލުކުރެވިފައި. ހުޅުމާލޭގައި އިރާދަކުރެއްވިއްޔާ، ފޭސް ވަންގައި، މިހާރު ބިންވެސް އެވަނީ ހަވާލުކުރެވިފައި. ކޮންޓްރެކްޓަރަށް ފައިސާވެސް ދޫކުރެވި، މިހާރު އޭގެ އިނީޝިއަލް ސްޓޭޖުގެ މަސައްކަތް އެ ހިނގަނީ. އެހެންވީމާ، ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށައި، މި އަންނަ އަހަރުގެ ތެރޭގައި އެތަންވެސް، ވަރަށް ބޮޑު އިންޑޯ، ސްޓޭޓް އޮފް ދި އާޓް ބޯލިންގ އެރީނާއެއް މި އަޅަނީ.
ހަމައެއާއެކީގައި، ފުޓްސަލްއަކީ ރާއްޖޭގައި އެންމެ ގިނައިން ކުޅޭ އެއް ކުޅިވަރަށްވާއިރުގައި، މާލޭގައި ފުޓްސަލް ދަނޑުތައް ވަރަށްމަދު. އެހެންވީމާ، މި ހަދަނީ އިމާރާތެއް، މަތިމައްޗަށް ފުޓްސަލް ދަނޑުތައް އެތާނގައި ހުންނާނެ އިމާރާތެއް. މިހާރު އެވެސް އެވަނީ ބިން ހަވާލުކުރެވި، މަސައްކަތް ފެށިފައި. އެތާނގައި ހުންނާނެ، އިންޓަރނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކީގައި، ޓްރޭނިންގ ޕިޗްތަކާ އެކީގައި، ހިމެނޭ ފުޓްސަލް ކޮމްޕްލެކްސްއެއް މި އަޅަނީ. ހަމަ އެކަހަލަ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި މިހާރު މި އަޅަނީ ނެޓްބޯލް ކުޅެންވެސް. ހުރިހާ ކަމެއް ހަމަޖެހި، ބިން ހަމަޖެހި، ފައިސާ ހަމަޖެހި، މަސައްކަތް ހަވާލުކުރެވިފައި އެހުރީ.
މީގެ އިތުރަށް، އިންޑޯ ގޭމިންގގެ ވާހަކަ ފާހަގަކުރެއްވި. އިންޑޯ ގޭމިންގ، މިހާރު އޭގެ އެއްތަން މި ހަދަނީ ކުރީގައި ސަލްޓަން ޕާކުގައި، ސްނޯ ޕާކެއް ހުރި. ދެން މިދިޔަ ސަރުކާރުގެ ޒަމާނުގައި އެތަން ސުންނާފަތިކޮށްލި. ދެން އެތަން ހެދޭވަރަށްވުރެވެސް ބޮޑަށް ހަލާކުވެފައި ހުރީ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ އެތަން ނަގާފައި، އެތަނުގައި އިންޑޯ ގޭމިންގ ސެންޓަރެއް، އީ-ގޭމިންގ ސެންޓަރެއް ހަދަން. މިހާރު އެކަމުގެ އިނީޝިއަލް ޑިޒައިނިންގއާއި، މި ހުރިހާ މަރުޙަލާއެއްގެ ތެރެއިން އިނީޝިއަލް ސްޓޭޖްގައި އެދަނީ. އެހެންވީމާ، އެތަނަށް އަންނާނެ، އީ-ގޭމިންގ ސެންޓަރެއް. ދެން މިއިން ކޮންމެ ކަމެއްގައި އުޅޭ، މިކަމާ ގުޅޭ ޒުވާން ކުދިން. ކަމާގުޅޭ ޖަމުޢިއްޔާތަކުގައި އުޅޭ ކުދިން، މިއިން ކޮންމެ ކުޅިވަރެއްގައި ސަރުކާރާ އެކީގައި މަސައްކަތް ކުރޭ. މިފަދަ ޖަމުޢިއްޔާއެއް މި ރޭސިންގ، ޑްރިފްޓިންގއަކީވެސް. ކުޅިވަރުތައް ކުޅޭ ކުދިންގެ ޖަމުޢިއްޔާތައް. މި ކުދިންނާއެކީ އަޅުގަނޑުމެން މި މަސައްކަތްކުރަނީ. މިހާރު މި މަސައްކަތް ކުޑަކޮށް ލަސްވެސްވެއްޖެ. އަޅުގަނޑުމެން އިންޓަރނޭޝަނަލް ފެންވަރުގެ ރޭސިންގ އަދި ޑްރިފްޓިންގ ޓްރެކެއް ހިމެނޭ ސްޓޭޑިއަމެއް މި ހަދަނީ، ލިންކް ރޯޑް ހުޅުލެއިން ހުޅުމާލެއަށް ގުޅުވާލާ ލިންކް ރޯޑުގެ ބޭރުން ބިން ހިއްކައިގެން، އެތަނުގައި މި ހަދައިދެނީ މި ތަން އިނގޭތޯ. ދެން އެ ބިން ހިއްކުން ލަސްވެއްޖެ. ބޭނުންވާ ބައެއް މެޓީރިއަލް، ޚާއްޞަކޮށް އެތަން ޕްރޮޓެކްޓް ކުރަން ޖަހަންޖެހޭ ޝޯރ ޕްރޮޓެކްޝަންގެ މެޓީރިއަލް ލަސްވެގެން. މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ، ކުރިއަށް އޮތް ދުވަސްތަކުގައި. ޑިލޭޒްތަކެއް މި ހުރިހާ ކަމެއްގައިވެސް އައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން. އަޅުގަނޑުމެންގެ ފައިސާ ޚަރަދުކުރުމުގެ ޕްރައިވަޓައިޒް ކުރަންޖެހޭ ބައެއް ކަންކަމަށް. ޚާއްޞަކޮށް، ތެލަށް ކުރަންޖެހޭ ބައެއް ޚަރަދާއެކީގައި، ގިނަ މަޝްރޫޢުތަކެއް ހައެއްކަ މަސް ޑިލޭވެއްޖެ. އެހެންނަމަވެސް، މިހާރު ރިކަވަރވެގެން މިދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް.
އެހެންވީމާ، ކުރިއަށް އޮތް ތާނގައި ފެންނާނެ، މާލެތެރެއިން އަދި ރާއްޖޭގެ އެކި ސަރަޙައްދުން މި ދެންނެވި ހުރިހާ ކުޅިވަރެއްގެ ކުޅިވަރު ކުޅޭ މަރުކަޒުތައް. އަދި މިހާރު އަޅުގަނޑުމެން ބިން ހަމަޖައްސައިދެނީ ހުޅުމާލެއިން އިންޑޯ، އިންޓަރނޭޝަނަލް ހަމަ ޒަމާނީ ފެންވަރުގެ ގޯ-ކާރޓް އެރީނާއެއް އަޅަންވެސް އިނގޭތޯ. ސިންގަޕޯރގައި ހުންނަ ފެންވަރުގައި، ނޫނީވިއްޔާ އެފަދަ ޤައުމުތަކުގައި ހުންނަކަހަލަ އިންޑޯރ ގޯ-ކާރޓް އެރީނާއެއްވެސް ހުޅުމާލޭގައި ހަދަނީ މިހާރު އިނގޭތޯ. އެހެންވީމާ، އެކި ކުޅިވަރުތަކަށް، އެކި ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް، މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އުސްފަސްގަނޑުގައި އެއޮތީ، ސްކޭޓިންގ ޕާކު ހަދައިދީފައި. ސްކޭޓިންގ އެރީނާ ހަދައިދީފައި.
އެހެންވީމާ، އެކިކަހަލަ ކުޅިވަރުތަކަށް އެކި ސްޓޭޑިއަމްތަކާއި، އެކިކަހަލަ ފެސިލިޓީޒްތައް މި އަހަރާއި، މި އަންނަ އަހަރުގެ ތެރޭގައި ހަމަ ގިނަ ތަންތަން ނިމި، ހުޅުވިގެން ގޮސްފައި، 2028ގެ ފުރަތަމަ ކުއާރޓަރަށް ދާއިރުގައި، ހުރިހާ ތަނެއްހެން ނިމިފައި ހުންނާނީ އެންމެ ލަސްވެގެންވެސް. އެހެންވީމާ، ހުރިހާ ފަރާތްތަކެއްގެ ހުރިހާ ވައްތަރެއްގެ ކުޅިވަރުތަކާއި، ހަށިހެޔޮކަމަށް ބޭނުންވާ އެކިކަހަލަ ފިޓްނަސް ސެންޓަރުތަކާއި، މި ތަންތަން އަޅައިދިނުން އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކަމާއެކީގައި އަޅުގަނޑުމެން ނިންމައިދޭނަން.
ޙައްވާ ޝިފްލާ - އެކި އެމް.ވީ:
ވަރަށް އުފާވެރި ޚަބަރެއް. ވަރަށް ގިނަ ޒުވާނުންނަށް އުފާވެރިކަން ލިބޭނެ ހަމަގައިމުވެސް މިއަދު ރައީސްގެ ތިޔަ ޖަވާބުން.
ދެން ރައީސް، ފާހަގަކޮށްލެވެނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން. ނަފްސާނީގޮތުން މި ދިމާވާ ގޮންޖެހުންތައް މިއީ މިހާރު ވަރަށް ގިނައިން ކުރިމަތިވަމުން އަންނަ މައްސަލައެއް. ދެން އަބަދުވެސް އެންމެ ބޮޑު ބަހުސެއް ކުރަމުން އަންނަ އެއް މައުޟޫޢު މި މައުޟޫޢަކީ. ސްކޫލް ދައުރުން ފެށިގެންގޮސް ވަޒީފާގެ މާޙައުލާ ޖެހެންދެން ބުލީގެ ޝިކާރައަކަށްވެ، ވަރަށް ގިނަ ޒުވާނުން އެބަ ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭ.
އަޅުގަނޑުގެ ސުވާލަކީ، ނަފްސާނީގޮތުން މި ދިމާވާ މައްސަލަތަކަށް ވަށައިޖެހޭ ޙައްލެއް ގެނައުމަށް، ކުދިންނަށް މި ދިމާވާ ބުލީކުރުން، މިކަންކަން ހުއްޓުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ނުވަތަ ވިސްނަވާ ކަންތައްތަކަކީ ކޮބައިތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ވަރަށް ބޮޑު މައްސަލައެއް ޙަޤީޤަތުގައިވެސް. ދެން ބުލީންގގެ ވާހަކަ ފާހަގަކުރެއްވީމާ، އަޅުގަނޑުމެން މިހާރު މިކަން ހުއްޓުވުމަކީ ދެން އެންމެންނާވެސް ގުޅިފައި އޮތް ކަމެއް. ހުރިހާ ފަރާތްތަކެއްގެވެސް ވަރަށް ބޮޑު އެއްބާރުލުން ބޭނުންވާ ކަމެއް. ދެން ޤާނޫނީގޮތުން ކުރެވޭނެ ކަންތައްތަކަށް އެޑްރެސް ކުރުމަށްޓަކައި އެންޓި-ބުލީންގ ޤާނޫނެއްގެ މަސައްކަތް އެބަ ކުރެވޭ މިހާރު. އިންޓަރނޭޝަނަލް އެކި ފަރާތްތަކުގެވެސް ލަފައާއި، ދެން އަދި ރާއްޖޭގެވެސް ކަމާގުޅޭ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާ އެކީގައި މިކަން އެބަ ކުރިއަށްދޭ. އެކަމާ ގުޅޭ ފަރާތްތަކުން، އޮފީސްތަކުން. އެއާއެކީގައިވެސް ބުލީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން އެއަށްދޭންޖެހޭ ފުރިހަމަ ސަމާލުކަން ދޭނެ ކަމެއް. އެއާއެކީގައި، މުޖުތަމަޢުގެ ތެރެއިން އެކަމަށް ބޭނުންވާ އެއްބާރުލުން ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ލިބޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން.
ދެން ނަފްސާނީގޮތުން ދުޅަހެޔޮކަން ޤާއިމުކުރުމުގައި، ކުރިން އަޅުގަނޑު ދެއްކި މައުޟޫޢާވެސް ގުޅުވައިލެވޭ. ވަށައިޖެހޭ ޞިއްޙީ ދުޅަހެޔޮކަން، ހަށިހެޔޮކަން، ކުޅިވަރުކުޅޭނެ ގޮތްތައް، ބޯހިޔާވަހިކަން، ވަޒީފާގެ ފުރުޞަތުތައް، މިހެންގޮސް މި ހުރިހާ ކަމަކާ ގުޅިފައި ވަރަށް ބޮޑަށް އޮވޭ މި ނަފްސާނީ ކަންތައްތައް. އިޖުތިމާޢީ ގޮތުން އެ މީހާގެ ސްޓޭޓަސް، އެމީހަކު އުޅެންޖެހޭ ޙާލު، މި ހުންނަނީ ވަރަށް ބޮޑަށް ގުޅިފައި، އެ މީހެއްގެ ނަފްސާނީ ޙާލަތާ.
އެހެންވީމާ، ސަރުކާރުގެ ވިސްނުމަކީ، ވަށައިޖެހޭ ސިޔާސަތެއްގެ ތެރެއިން މި މައްސަލަތަކަށް ޙައްލެއް ގެނެސްދިނުން. އެ މީހަކު އެ އުޅެންޖެހެނީ ކޮންކަހަލަ ގޮތަކަށް އާމްދަނީ ހޯދައިގެންތޯ، ކޮންކަހަލަ ބޯހިޔާވަހި ކަމެއްގައިތޯ، މި ހުރިހާ ކަމަކާ މި ހުންނަނީ އެ ގުޅިލާމެހިފައި މުޖުތަމަޢުގެ ތެރޭގައި. ދެން އެއާއެކީގައިވެސް މިކަމުގެ ތެރޭގައި އުޅޭ ފަރާތްތަކަށް އެހީވުމަށްޓަކައިވެސް ސަރުކާރުން ވަރަށް ގިނަ އެހީތެރިކަން އެބަ ފޯރުކޮށްދޭ. ނެޝަނަލް މެންޓަލް ހެލްތް ހެލްޕް ލައިންގެ އެހީވެސް މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ހިނގާ ކަންތައްތައް. ދެން މިއަށް ޓްރީޓްމަންޓް ދިނުމަށްޓަކައިވެސް ސަރުކާރުން ވަރަށް ބޮޑެތި ކަންކަން، އިސްކަންދީގެން އެބަ ކުރިއަށް ގެންދަން. އާސަންދައިގެ ތެރެއިން ހުރިހާ ކަމެއް މިހާރު އެވަނީ ވަރަށް ބޮޑަށް ފަސޭހަކޮށްދެވިފައި. ހިލޭ ކުރެވޭގޮތް ވެފައި. އަދި މިކަމަށް ހޮސްޕިޓަލްގެ ތެރެއިން ކޮށްދޭންޖެހޭ ކަންކަމަށް އިތުރު ފެސިލިޓީޒްތައް ޤާއިމުކުރެވި އަދި މިކަމަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ފެށިގެންދާނެ ވަރަށް އަވަހަށް.
އެހެންވީމާ، ވަށައިޖެހޭ ގޮތެއްގައި މި މައްސަލައަށް ޙައްލެއް ގެނައުމަށް މި ކުރެވޭ މަސައްކަތް ކާމިޔާބުވާނެ ކަމަށް އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. އެކަމަކު އެކަމަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމެއް. އެކަމަކު އަޅުގަނޑަށް ޔަޤީން، މި ކުރެވޭ ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށްވާނީ މުޅި ރާއްޖޭގެ، މުޅި މުޖުތަމަޢުގެ ތެރޭގައި މި ނަފްސާނީ ދުޅަހެޔޮކަން ޤާއިމުކުރުމުގެ ނަތީޖާ ރަނގަޅަށް ލިބިގެންދިޔުން.
ޙައްވާ ޝިފްލާ - އެކި އެމް.ވީ:
ދެން އޮތް ސުވާލަކީ ރާއްޖެއަކީ ދުނިޔޭގައިވެސް ޕަބްލިކް ސެކްޓަރ އެންމެ ބޮޑު އެއް ޤައުމު. ދެން ޒުވާނުންނަށް އަމިއްލަ ވިޔަފާރިތައް ފަށައިގެން ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރުމަށް ބާރުއެޅުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެނީ ކިހާމިންވަރަކަށްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެން މިހާރު ވަރަށް ބޮޑަށް އެކަމަށް އެބަ ފޯކަސްކުރަން. ޙަޤީޤަތުގައި މިއީ ވަރަށް ގޯސްކޮށް ރާއްޖޭގައި ހިނގާ ކަމެކޭވެސް ދެންނެވިދާނެ. އެއީ، ޕްރައިވެޓް ސެކްޓަރ ރަނގަޅަށް ފުޅާވެގެން، ޙަޤީޤަތުގައި ރާއްޖޭގެ އިޤްތިޞާދު ފުޅާވާނީ. ދެމެހެއްޓޭނީ. ހުރިހާ އެންމެން އައިސް ސަރުކާރަށް، ނޫނިވިއްޔާ ޕަބްލިކް އޮފީސްތަކަށް ވަޒީފާއަށް ވަނީމާ، ޕްރައިވެޓް ސެކްޓަރ ހުއްޓޭނެ. އަދި ޕްރައިވެޓް ސެކްޓަރ އެކަންޏެއްނޫން، ސަރުކާރުގެ ކުންފުނިތައްވެސް ހަމަ ޙަޤީޤަތުގައި ރަނގަޅަކަށް ނުދޭ. ދެން ޕްރައިވެޓް ސެކްޓަރއަށް ބަލާއިރުގައި، މިސާލަކަށް މަސްވެރިކަމުގެ އިންޑަސްޓްރީ ވަރަށް ބޮޑަށް ހީނަރުވެފައި އެއޮތީ. ސަރުކާރުގެ ވަޒީފާތަކަށް ވަރަށް ގިނަ ބަޔަކު، ޚާއްޞަކޮށް ފެނަކަ އުފައްދައި، ނޫނީ ފުޅާކޮށްފައި، ފެނަކައަށް ރާއްޖޭގެ ހުރިހާ ރަށެއްގެ މަސްވެރިކަމުގައި އުޅުނު ވަރަށް ގިނަ ޒުވާނުން ވެއްދި، މިދިޔަ ސަރުކާރުގެ ޒަމާނުގައި. މިގޮތަށް ވަރަށް ގިނަ ފަރާތްތައް ފަސޭހަ ވަޒީފާއެއްގެ ގޮތުގައި މި ބަލަނީ، ސަރުކާރުގެ ކޮންމެވެސް އޮފީހެއްގައި އުޅުން. އެހެންވީމާ، އެ އާދަ ނިމުމަކަށް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން މިހާރު މިއުޅެނީ. ސަރުކާރުގެ ކުންފުނިތައްވެސް ރައިޓް ސައިޒް ކުރުމާއި، ކުންފުނިތަކުގެ މަސައްކަތްތަކަށް ފޯކަސްކޮށްގެން، މަސައްކަތް ކުރެވޭވަރުގެ ވަރކްފޯސްއެއް ޤާއިމުކުރުން. އަދި އެއާއެކީގައި، ސަރުކާރުގެ އެހެން އިދާރާތައްވެސް. ދެން އެއާއެކީގައި ޕްރައިވެޓް ސެކްޓަރ، އިންސެންޓިވްތައް ދީގެން އިންސެންޓިވައިޒް ކޮށްގެން ކަންތައްތަކެއް، އާމްދަނީ ލިބޭނެކަހަލަ މަގުތައް ޒުވާނުންނަށް ފަހިވާނެ ކަހަލަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުން.
މިސާލަކަށް ކޭޝިއަރުން. ކޭޝިއަރުންނަކީ ވަރަށް ކުދިކުދި މުސާރަ ނުވަތަ ވަރަށް ކުޑަ މުސާރައެއް ލިބޭ ބައެއް. ބޭރު މީހުން ގިނައިން މި ގެންގުޅެނީ އެހެންވީމާ. އެހެންނަމަވެސް، ސަރުކާރުން ނިންމާފައި މިވަނީ، އެކަމުގައިވެސް ޕްރައިވެޓް ސެކްޓަރއާ އެކީގައި މަސައްކަތްކޮށްގެން، އެއީ ދިވެހިންނަށް ޚާއްޞަކުރެވޭ ވަޒީފާއަކަށް ހަދަން. އެހެންނަމަވެސް، އެކަން ކުރެވޭނީ ސަރުކާރުގެ އިސްނެގުމާއެކީގައި، ވަރަށް ގިނަ އިންސެންޓިވްތައް ދެވިގެން، ނޫނީވިއްޔާ ކަންކަން ފަހިކޮށްދީގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ދެން ހަމަ އެއާއެކީގައި، ޕްރައިވެޓް ސެކްޓަރގައި ވަރަށް ގިނަ ބޭރުމީހުން އުޅޭ ބައެއް ދާއިރާތައް، އެ ދާއިރާތަކަށްވެސް ސްކިލްސް ޑިވެލޮޕް ކޮށްދީގެން، ވަޒީފާގެ އެކިކަހަލަ ފުރުޞަތުތައް ދިވެހިންނަށް ޚާއްޞަ ސެކްޓަރތައް ގޮތުގައި ކަނޑައަޅައިގެން، ފޯރުކޮށްދިނުމަށްވެސް އެބަ މަސައްކަތްތަކެއް ކުރެވޭ. އެހެންނަމަވެސް، މި ހުރިހާ ކަމެއް ގުޅިފައި މި އޮންނަނީ ހަމަ އެއްކަމަކާ އަނެއްކަމަކާ އެކުގައި ކަމަށްވާތީ، ޕްރައިވެޓް ސެކްޓަރއާ ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް.
މިސާލަކަށް، މި އަހަރު އަޅުގަނޑުމެން މި ފާހަގަކުރަނީ، އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި. ކުރިއަށް އޮތް ދެތިންމަސް ތެރޭގައި، ވަރަށް އަވަހަށް އެކްސްޕޯ މި ބޭއްވެނީ. ބޭއްވޭއިރުގައި އެއަށްވެސް މި ބޭނުންވަނީ ޕްރައިވެޓް ސެކްޓަރގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކެއް ބާރުވެރިކޮށްދޭން. އަޅުގަނޑުމެން ވަރަށް ގިނަ ލޯނުތައް މިހާރު ތަޢާރުފްކޮށް، ލޯނު ދޫކުރަން ފަށައިފިން. ޒުވާނުންނަށް އަދި އެހެން ފަރާތްތަކަށްވެސް މި ޕްރައިވެޓް ސެކްޓަރގެ ތެރޭގައި އަމިއްލައަށް ވިޔަފާރި ފަށައިގެން ކުރިއަށްދާން. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މި ފެށީ، އަލަށް ރާއްޖޭގެ ތާރީޚުގައި، ޚާއްޞަކޮށް އެންމެ ޒުވާން ކުދިންނަށް ޚާއްޞަ ކުރެވިގެން ވަރަށް ލުއިލޯނު ސްކީމެއް އަމިއްލައަށް ކޮންމެވެސްކަހަލަ މަސައްކަތެއް ފެށުމަށް، އާމްދަނީ ލިބޭނެކަހަލަ މަސައްކަތެއް ފެށުމަށް އަމާޒު ހިފައިގެން. އެހެންވީމާ، ޕްރައިވެޓް ސެކްޓަރ ފުޅާކޮށް، އާންމު ރައްޔިތުންނަށް، ޒުވާނުންނަށް ވަޒީފާއާއި އާމްދަނީގެ ފުރުޞަތުތައް ޕްރައިވެޓް ސެކްޓަރގެ ތެރެއިން ލިބޭނެގޮތް ހަދައިދިނުން އެއީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް މި ދާއިރާއަށް ބަލާއިރުގައި. ދެން އެކަން ކާމިޔާބުކުރުމުގައި ހުރި ގޮންޖެހުންތައް ގިރާކުރުމުގެ މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ މި ކުރެވޭ މަސައްކަތުން ނަތީޖާވެސް ފެންނާނެ.
ޙައްވާ ޝިފްލާ - އެކި އެމް.ވީ:
ރައީސް، ބިދޭސީންގެ މައްސަލައަކީ މިއަދުގެ ޒުވާނުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ފާހަގަކުރެވޭ އެބަ. ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ނަމަވެސް، އަޅުގަނޑުގެ ސުވާލަކީ، ދިވެހިން ނަގަން ބާރުއަޅައި އަދި ދިވެހިންނަށް އެކަނި ޙަރަކާތްތެރިވެވޭނެ ސެކްޓަރތައް އަދިވެސް އިތުރުކުރައްވާނަންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެންމެ މި ދެންނެވި ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ. ދެން ބޭރުމީހުންގެ މައްސަލައަކީ ޙަޤީޤަތުގައިވެސް ތިޔަ ވިދާޅުވިހެން، މި ރާއްޖޭގައި ވަރަށް ޒަމާންވެ، ބޮޑުވެފައި އޮތް މައްސަލައެއް. ނުގަވައިދުން އުޅޭ މީހުން އަދި އަމުދުން ދޮގެއްތޯ. ދެން އެކަން ޙައްލުކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބެލީ އެ މީހުން އުޅޭތަން ބެލުން. ކޮބައިތޯ، ކޮންބައެއްތޯ. އެހެންވީމާ، އެ ރިކޮގްނިޝަން މިހާރު ގާތްގަނޑަކަށް ސަތޭކަ ޕަސެންޓް ހާސިލުކުރެވިފައި އެވަނީ. މި ރާއްޖޭގައި އުޅޭ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނެގި، އެއީ ކޮންބައެއްކަން މިހާރު އެވަނީ ދެނެގަނެވިފައި. ދެން ޑީޕޯޓް ކުރަންޖެހޭ ފަރާތްތައް ޑީޕޯޓްކުރުންވެސް ހަމަ އެތައް ގުނައެއް އިތުރުކުރެވިއްޖެ، މިދިޔަ ސަރުކާރުތަކާ އަޅައިބަލާއިރުގައި. ދެން އެހެންވީމާ، ބިދޭސީން މި މަސައްކަތް ކުރަމުންދާގޮތް، ދިވެހިންގެ ވިޔަފާރިތަކުގެ ތެރެއަށް ވަދެ، މަސައްކަތް ކުރަމުންދާގޮތް ބަދަލުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު. އެހެންނަމަވެސް، އެކަމަކީވެސް އާންމު ރައްޔިތުންގެ ސަޕޯޓާއެކީގައި ކުރެވޭނެ ކަމެއް. ވަރަށް ގިނައިން މި ފެންނަނީ، ކުދިކުދި ވިޔަފާރިތައް ބޭރުމީހެއްގެ އަތްމައްޗަށް ދޫކޮށްލަނީ. ދިވެއްސަކު އޯނަރަކަށް ހުންނާނެ. އެހެންނަމަވެސް، އެމީހާއަށް ކޮންމެވެސް އެއްޗެއްދޭ މަތިން، ބޭރުމީހަކު މި ހުންނަނީ ބަހައްޓާފައި. ދެން މިކަހަލަ ކަންތައްތަކަކީ ޙަޤީޤަތުގައި އަޅުގަނޑުމެން އެންމެން ގުޅިގެން ކުރެވޭ މަސައްކަތަކުން ފުރިހަމަ ނަތީޖާ ނުކުންނާނެ ކަންކަން. އެހެންނަމަވެސް، ސަރުކާރުގެ ވިސްނުމަކަށްވާނީ، މިކަހަލަ ކަންކަމުގައި ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ރަނގަޅުގޮތް ދައްކައިދީ މަގުފަހިކޮށްދިނުން. މި ރާއްޖޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން. އެކަން އިރާދަކުރެއްވިއްޔާ ހާސިލުކޮށް މިހާރު މި ނިމެނީ. ވަޒީފާގެ ފުރުޞަތުތަކާއި، އަމިއްލަ ވިޔަފާރި ފަށާނެ ފުރުޞަތުތަކާއި، މި ހުރިހާ ކަމެއް ދިވެހިންނަށް އިސްކަންދީގެން ފަހިކޮށްދިނުން. އެކިކަހަލަ ދާއިރާތަކުން ފަންނުވެރިން އުފައްދައިދިނުން. ކިޔަވައިގެން ނުކުންނަ ފަރާތްތައް، ކުދިންނަކީ ކޮންމެވެސް ދާއިރާއަކުން ތަޢުލީމީ މި ޕާތުވޭ، ނޫނީވިއްޔާ މަސައްކަތުގެ ޕާތުވޭއަކުން ނަމަވެސް، ހުނަރުވެރި ފަރާތަކަށް ހަދައިދިނުން. މި ހުރިހާ މަގުތަކެއް ފަހިކޮށްދިނުން. ދެން އެއާއެކީގައި، ކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.
ޙައްވާ ޝިފްލާ - އެކި އެމް.ވީ:
ރައީސް، ވަރަށް ބޮޑަށް ޝުކުރިއްޔާ، ދެއްވި މައުލޫމާތުކޮޅަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ.
މުޙައްމަދު ޙުސައިން ޝަރީފް:
މި އެޕިސޯޑް ކަމުދިޔަކަމުގައި އުންމީދުކުރަން. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، އާ އެޕިސޯޑަކާއެކު ތިޔަބޭފުޅުންނާ ބައްދަލުކުރާނަން. މި އެޕިސޯޑު ތިޔަބޭފުޅުންނަށް، މި ޕްރޮގްރާމް ތިޔަބޭފުޅުންނަށް ދަ ފީޑް އެމް.ވީ.ގެ ހުރިހާ ޕްލެޓްފޯމްތަކުން ފެނިވަޑައިގަންނަވާނެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްލެޓްފޯމްތަކުގައިވެސް އަޅުގަނޑުމެންވާނީ ޝެއަރކޮށްފައި. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ތިޔަބޭފުޅުންނާ ބައްދަލުކުރާނަން. ތިޔަބޭފުޅުންނަށް ކަމުދިޔަކަމަށްވަންޏާ، މި އެޕިސޯޑަށްވެސް ލައިކެއް ދެއްވާތި. އަދި ޝެއަރކޮށްދެއްވާތި.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.