މި ޕްރޮގްރާމް ހުށަހެޅުއްވީ، ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް.

މުޙައްމަދު ޙުސައިން ޝަރީފް:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السّلام عليكم.

"ދަ ޕަލްސް''ގެ ހަތަރުވަނަ އެޕިސޯޑަށް މަރުޙަބާ ދަންނަވަން. މި ހަފްތާގެ އިޚްތިޔާރީ މައުޟޫޢަކީ، "މާލޭގެ މަގުތައް ތަރައްޤީކުރުން". މި މައުޟޫޢަށް، ފުރަތަމަ ރައްޔިތުންގެ ބައެއް ޝުޢޫރު އެއްސެވުމަށްފަހު، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެއަށް ޖަވާބު ދެއްވާނެ.

އަދި އެއަށްފަހު، އެހެން ހަފްތާތަކެކޭވެސް އެއްފަދައިން، އެހެން އެޕިސޯޑުތަކެކޭވެސް އެއްފަދައިން، އަޅުގަނޑުމެން ދަޢުވަތު އަރުވައިގެން، ނޫސްވެރިޔަކު ވަޑައިގެން އެބަ ހުންނެވި. މި ހަފްތާގައި މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ، އިބްރާހީމް ޒަކީ. އިބްރާހީމް ޒަކީއަކީ، "ވަން އޮންލައިން"ގެ ފަރާތުން ވަޑައިގެން ހުންނެވި ނޫސްވެރިޔެއް. އެހެންވީމާ، މި ޕްރޮގްރާމައިގެން ދެން ކުރިއަށްދާނީ، ރައްޔިތުންގެ ޝުޢޫރުތައް، ތިޔަބޭފުޅުން އަޑުއައްސަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާލައްވައި، އެއަށް ޖަވާބުދާރީވެވަޑައިގަތުމާ ހިސާބުން. ޝުކުރިއްޔާ!

ރައްޔިތެއްގެ ޝުޢޫރު:

މުޅި އުނަގަނޑާ އެއްޗެހި އޮޕަރޭޝަންކޮށް، ބައިވަރު އިސްކުރު ޖަހައިގެންނޭ މިއުޅެނީ. ސައިކަލަކަށް އެރިޔަސް، ކާރަކަށް އެރިޔަސް، ގަދަ ކަނޑެއްގައި ދުއްވުމެކޭ އެއްގޮތޭ.

ރައްޔިތެއްގެ ޝުޢޫރު:

ސައިކަލަށްވެސް ވަރަށް ގެއްލުން ލިބޭ ދޯ. ދެން، ވިއްސާރަވެހޭއިރު އަބަދު ފެންބޮޑުވެފައި އޮންނާތީވެ، ސައިކަލަށް ފެން ވަންނަގޮތްވެސްވޭ.

ރައްޔިތެއްގެ ޝުޢޫރު:

މަގުތަކުގެ އަޑިގުޑަންތައް މިހާރު ގިނަވީމާ، ވަރަށް އުނދަގޫވޭ.

ރައްޔިތެއްގެ ޝުޢޫރު:

މާލޭ މަގުތަކުގައި އަޑިގުޑަންތައް ރަނގަޅުކޮށްފައި، ފެން ހިންދާ ބައިބައި ރަނގަޅުކޮށްފައި، ސައިކަލުގައި ފަސޭހަކޮށް ދުއްވޭނޭ ގޮތެއް ހަދައިދިނީމާ، ވަރަށް ރަނގަޅުވާނެ.

ރިޕޯޓަރ:

އެނގޭތަ؟ ޗައިނާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކުރިއަށްގެންދާ، މާލެއާއި، ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސަރވޭގެ މަސައްކަތް، މިހާރު މިވަނީ ފަށާފައި. މި ސަރވޭގެ ތެރެއިން، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމާއި، މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައްވެސް ކުރެވިގެންދާނެ.

މުޙައްމަދު ޙުސައިން ޝަރީފް:

ރައީސް، ތިޔަ ފެނިވަޑައިގަތީ، ރައްޔިތުންގެ ޝުޢޫރުތައް. ދެން، އަޅުގަނޑަށްވެސް އެނގޭ، މަނިކުފާނުގެ ހިތްޕުޅާ ވަރަށް ކައިރި މަސައްކަތްޕުޅެއް މިއީ ދޮގެއްތޯ؟ ފުރަތަމަ ދެ ދައުރު މަތީގައި ވަޒީރުކަމުގައި ހުންނެވިއިރުވެސް، މާލޭގެ މަގުތަކުގެ މަސައްކަތްތަކުގެ އިސް މޭސްތިރިއަކަށް ހުންނެވީ ރައީސް. އެއަށްފަހު، އަޅުގަނޑުމެންނަށް މިއަދު މި ފެންނަ އަމީނީމަގުގައި ޚާއްޞަކޮށް، ދެން، ބޮޑުތަކުރުފާނު މަގުގައި ކުރެވުނު މަސައްކަތްތަކާއި، އަދި ބައެއް އެހެން މަގުތަކުގެ މަސައްކަތް، ރައީސްގެ ބެއްލެވުމުގެ ދަށުން، މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރުވެސް ކުރެއްވި. މިހާރު އަދި ވަރަށް ފުޅާ ދާއިރާއެއްގައި، ބޮޑު ތަޞައްވުރެއްގައި ގެންދެވުމުގެ ވިސްނުންފުޅު ތިޔަހުރީ.

ދެން، ޖުމްލަގޮތެއްގައި، ރައްޔިތުންގެ ޝުޢޫރު މިހިރީ ވަރަށް ބޮޑަށް އަޑިގުޑަންތަކާއި، ފެންބޮޑުވުމާ. އެހެންނޫންތޯ؟ މިކަންކަމާ ގުޅިގެން، އެއަށް ރައީސް، ކޮންމެވެސް އެއްޗެއް ވިދާޅުވެދެއްވާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިޔަ ވިދާޅުވީ ހަމަ ތެދުފުޅެއް އިނގޭތޯ. މާލޭގެ މަގުތަކާ ގުޅޭ ކަމެއް ވެއްޖިއްޔާ ދެން މި އޮންނަނީ، އަޅުގަނޑު އެކަމުގައި ޒިންމާވާންޖެހިފައި އިނގޭތޯ. ޒިންމާވާންޖެހޭ ލެވެލަކީ، އަޅުގަނޑުމެން އިދިކޮޅުގައި ތިބިއިރުގައި، އެމް.ޑީ.ޕީ. ވެރިކަމުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިދިޔަ ވެރިކަމުގައިވެސް، އަޅުގަނޑު ޒިންމާވާންޖެހުނީ. އެހިސާބުގައި މިކަން މި އޮންނަނީ، އެހެންނޫންތޯ؟ ދެން، އެ ސަރުކާރުގެ ދުވަސްވަރު، މަގުތަކާ ގުޅިގެން ރަނގަޅު ކަމެއް ހިނގައިފިއްޔާ، އެއީ އެ ސަރުކާރުން ކުރި ކަމެއް. ގޯސްކޮށް ގޮސްފިއްޔާ، އަޅުގަނޑު މިނިސްޓަރަކަށް ހުރިއިރުގައި، ކޮންމެވެސް ކަމެއް ގޯސްވެފައި. އެހެންނޫންތޯ، މި އިދިކޮޅުގެ ސިޔާސީ ކަންކަން މި ހުންނަނީ.

އާދެ، މާލޭގެ މަގުތައް ރައީސް މައުމޫން ހެއްދެވީ، ޒަމާނީ ފެންވަރަކަށް ގާ އަތުރައިގެން ދޮގެއްތޯ؟ ޢުމަރު ޒާހިރުގެ މިނިސްޓަރު ކަމުގައި. ވަރަށް ބޮޑު މެގަ ޕްރޮޖެކްޓެއް ހިންގެވި ފަހުން، އެ މަގުތައް ނުބެލެހެއްޓޭ. ނުބެލެހެއްޓި ދިޔައީ އެތައް ޒަމާނެއް ދޮގެއްތޯ. އަދި އޭގެއިތުރަށް، މާލޭގެ އާބާދީ ވަރަށް ބޮޑުވެގެންދިޔުމާއި، ދެން މިހެންގޮސް، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއްގެ ތެރެއިން، މަގުތަކުގައި ފެންބޮޑުވުމާއި، މިހެންގޮސް އެތައް މައްސަލަތަކެއް ދިމާވި. ޕާކިންގ މައްސަލަތަކާ، ހުރިހާ ކަމެއް.

ދެން، މިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށް، އަޅުގަނޑު ހައުސިންގ މިނިސްޓްރީގައި ހުރިއިރު، އޭރުގައި، ދެ ސަރުކާރެއްގެ ތެރެއިންވެސް، އަޅުގަނޑާ ހަވާލުކުރެއްވި އެ މަސައްކަތް. ދެން، ކުރެވޭތޯ ބެލީ. އެންމެ ބޮޑު ކަމަކަށް، އޭރުގައި އޮތީ، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ގެނައުން. މާލޭގެ މަގުތައް، އެކި ސަބަބުތަކާ ހެދި ފެންބޮޑުވާގޮތަށް މަގުތައް އޮންނަނީ. ދެން، އެ ތަފްޞީލަށް ނުގޮސް، ހަމައެކަނި ދަންނަވާލަން ބޭނުންވަނީ، އޭރުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ސްޓޯރމް ވޯޓަރ ޕްރޮޖެކްޓްސްތަކެއް، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު. އޭގެ ނަތީޖާވެސް ރަނގަޅު. ދަންނަވާނީ، މިސާލަކަށް، ތިން ހަތަރު ދުވަހު ފެންގަނޑު ނުހިނދި ހުރި ދުވަސްތަކެއްދިޔަ. އެ ޒަމާންދިޔަ މާޒީގެތެރެއަށް ވަދެގެން. ދެތިން ގަޑިއިރު ތެރޭގައި ފެންގަނޑު ހިނދިގެން ދިޔުމުގެ ސަބަބުން، ނަތީޖާ ފެނުނު. ދެން، އެހެންނަމަވެސް، އެކަށީގެންވާ ދާއިމީ ޙައްލެއްނައިސް ދޮގެއްތޯ މިއޮތީ. ދެން، އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް މަސައްކަތްތަކެއް ކުރިން. އެކަމަކު، އޭރުގައި ވަރަށް ސްމޯލް ސްކޭލެއްގައި މަސައްކަތް ކުރެވޭނީ. ސިޓީ ކައުންސިލަށް ކުރެވޭނީ ވަކިވަރަކަށް. ދެން، އޭރުގެ ސަރުކާރުން އަމީނީމަގުގެ މަސައްކަތްތަކެއް ފަށައިގެން، ވަރަށް ލަސްކޮށް ގޮސް، މަގުގެ ކޮންމެވެސްވަރެއް ނިންމި. ނިންމިއިރުގައި، މަގުގެ މަސައްކަތްކުރީ ވަރަށް ފެންވަރު ދަށްކޮށްކަން، މިހާރު އެއޮތީ ފެންނަން. އެ މަސައްކަތް ނިމުނުތާ، ދެ އަހަރު، ނޫނީ ތިން އަހަރު ނުވަނީސް، ދެ އަހަރު ދުވަސް ނުވަނީސް ޙަޤީޤަތުގައި، ތަންތަންގަނޑުން ނެއްޓި، މިހާރު އަޅުގަނޑުމެން އަނެއްކާ މިއޮތީ މަރާމާތު ޕްރޮޖެކްޓެއް ފަށަންޖެހިފައި.

ދެން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ އެންމެ މުހިންމު އެއް ވަޢުދު، މާލޭ ރައްޔިތުން، ނޫނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، މާލޭގެ މަގުތައް ހަދައިދޭނަމޭ އިރާދަކުރެއްވިއްޔާ. ދެން، މިކަމުގައި އަޅުގަނޑު ޗައިނާ ސަރުކާރުގެ ހިލޭ އެހީއަށް އެދުނީ. އެދިގެން، ޗައިނާ ސަރުކާރުން ވަރަށް ވަރަށް ރަނގަޅަށް، ވަރަށް އީޖާބީ ގޮތެއްގައި އެކަން ހަމަޖައްސައިދެއްވި. މިއީ، ވަރަށް ޚަރަދުބޮޑު ކަމެއް އިނގޭތޯ.

ކުރިން ދަންނަވާލިހެން، ރައީސް މައުމޫންގެ ވެރިކަމުގައި، އޭރުގައި މުޅި މާލޭގެ ހުރިހާ މަގެއް، ގާ އަތުރައިގެން ހެދީ. ހެއްދެވިއިރުގައި، އެ ހެއްދެވި ފަހުން، އަދިކިރިޔާ، އަނެއްކާ މިއުޅެނީ، މުޅި މާލޭގެ ހުރިހާ މަގެއް ހަދަން. ދެން މިހާރު، ޒަމާނީ ފެންވަރެއްގައި ތާރު އަޅައިގެން، އަދި ބައެއް މަގުތައް ގާ އަތުރައިގެން. އަދި އޭގެއިތުރަށް، ކުރިން އަޅުގަނޑު ދެންނެވި، ފެންބޮޑުވާ މައްސަލަ ދޮގެއްތޯ. ސްޓޯރމް ވޯޓަރ ޑްރެއިނޭޖް ޕްރޮޖެކްޓް. ގެތައް ހަދާއިރުގައި ހިންދަންޖެހޭ ޑީވޯރޓަރިންގ ސިސްޓަމް، އަލިފާނުގެ ހާދިސާތަކުގައި މި ބޭނުންވާ ނިޒާމު، އެވެސް ޤާއިމުކޮށް، ދެން، މި ހުރިހާ ކަމެއް ޙައްލުކުރެވިފައި އޮންނަ، ޒަމާނީ ފެންވަރުގެ މަގުތަކެއް ހެދުމަށް، އިރާދަކުރެއްވިއްޔާ މިހާރު މި ފެށެނީ.

ދެން، އަޅުގަނޑުމެން ބޭނުންވާ އެންމެ އަވަސް ސްޕީޑްގައި، މިކަލަ ބިޔަ ޕްރޮޖެކްޓެއް، އަދި އަމުދުން ގްރާންޓް އެއިޑް ޕްރޮޖެކްޓެއް ނުހިނގާނެ. އޭގެ ވަރަށް ޓީޑިއަސް، ދިގު ޕްރޮސެސްއެއް އޮންނަ ކަމެއް މި ގްރާންޓް އެއިޑް މިއީ. މިކަހަލަ ކަންކަމުގައި އުޅުއްވާފައި ތިއްބެވި، ހަމަ މިހާރުވެސް އިދިކޮޅުގައި ތިއްބެވި ބޭފުޅުން، ސަރުކާރުގައި ތިއްބެވި ބޭފުޅުން، އެއްވެސްއިރެއްގައި ސަރުކާރެއްގައި އުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ގްރާންޓް އެއިޑް ޕްރޮޖެކްޓް، އަދި އަމުދުން މިހާ ބިޔަ ޕްރޮޖެކްޓެއްގައި، ވަރަށް ދިގު ޕްރޮސެސްއެއް އޮވޭ.

ފަންޑިންގ ސެކުއަރޑް، ޕްރޮޖްކެޓް ސެކުއަރޑް. މަސައްކަތް ޢަމަލީ މަރުޙަލާއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތް އެ ކުރަނީ މިހާރު. ދެން، އިރާދަކުރެއްވިއްޔާ އެ މަރުޙަލާވެސް އެބައާދޭ. އުންމީދު މި ކުރެވެނީ، ޢަމަލީ މަސައްކަތް މި އަހަރު ނިމެންވާއިރަށް، ނޫނީވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅު، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ފެށޭނޭ. ދެން، ފެށިގެންދާއިރުގައި، އެންމެ ބޮޑެތި ބައެއް މަގުތަކުގައި ޢަމަލީ މަސައްކަތް ފުރަތަމަ ފެށެނީ. ދެން ހުރި ހުރިހާ މަގެއް، މާލެއާއި، ވިލިމާލޭގައި ހެދިގެންދާނެ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ، އެންމެ ބޮޑު އެއް ވަޢުދު ފުއްދުމުގެ ޢަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން، ދެން ނިމޭނީ އެކީގައި މަސައްކަތް ކޮމްޕްލީޓް ކޮށްފައި، ފުރިހަމަކޮށްފައި، އިރާދަކުރެއްވިއްޔާ. އެހެންވީމާ، ޒަމާންތަކެއްވީ ބޮޑު މައްސަލައަކަށް މި އަންނަނީ ޙައްލެއް. އޭގެތެރޭގައި، ހަމައެކަނި، ފަސޭހަ، ހިތްގައިމު މަގުތަކެއް ލިބެނީކީ ނޫން. ފެންބޮޑުވުމުގެ މައްސަލަ ޙައްލުވޭ، ޑީވޯރޓަރިންގ މައްސަލަ ޙައްލުވޭ، އަލިފާން ނިއްވުމުގެ ނިޒާމުގެ މައްސަލަ ޙައްލުކުރެވި، ޕާކިންގ މައްސަލައަށް އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލެއް އައިސް، ދެން، މިހެންގޮސް، ޚާއްޞަކޮށް ހަނި ގޯޅިތަކުގައި މީހުންނަށް ހިނގާ ބިނގާވެ އުޅެން، ދުއްވަން ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖެހި، އިރާދަކުރެއްވިއްޔާ މި ބިޔަ ޕްރޮޖެކްޓް މި ފެށެނީއޭ. އެކަން ނިމިގެންދާއިރުގައި، ރައްޔިތުންނަށް ހަމަ އެންމެ ހިތްފަސޭހަކަން، މާލޭގައި މި ދިރިއުޅޭ ދޮޅުލައްކައެއްހާ މީހުން މިހާރު އުޅޭއިރުގައި، ވަރަށް ބޮޑު ހިތްފަސޭހަކަމަށް ވެގެންދާނެ ކަމަކަށް ވާނެ އިރާދަކުރެއްވިއްޔާ.

މުޙައްމަދު ޙުސައިން ޝަރީފް:

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

ވަރަށް މުހިންމު، ވަރަށް އުފާވެރި ޚަބަރުތަކެއް ރައީސް އެ ދެއްވީ. އިރާދަކުރެވިއްޔާ ދެވަނަ ބައިގައި، ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނީ، ކުރިންވެސް ދަންނަވާލި ފަދައިން، "ވަން އޮންލައިން"ގެ ޑެޕިއުޓީ އެޑިޓަރ އިބްރާހީމް ޒަކީ. ވަރަށް އަވަހަށް ބައްދަލުކޮށްލާނަން. ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އާދެ، ކިހިނެއްތޯ ރައީސް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

اَلْحَمْدُ للَّهِ، ރަނގަޅު.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

މިހާރު ވަރަށް ބޮޑު ޕްރޮޖެކްޓްތަކެއް މި ކުރިއަށްދަނީ. ޚާއްޞަކޮށް، މާލޭ ސަރަޙައްދަށް ބަލާއިރުގައި، މާލޭގައި ކުރިއަށްދާ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ފާހަގަކޮށްލެވޭ. އެ މަގު ފުޅާކުރަމުންދާއިރު، ރައްޔިތުންނަށް، އާންމުންނަށް ލިބިގެންދާނެ ޚާއްޞަ ފަސޭހަތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑު ދެންމެ ދެއްކި ވާހަކައާ ގުޅުވައިލައިގެން، ކޮންމެގޮތެއްވިޔަސް ގުޅޭނެ، މާލޭގެ މަގުތަކުގެ ވާހަކަވީމާ. ދަންނަވީލާނަން، ޗައިނާގެ ގްރާންޓް އެއިޑް ޕްރޮޖެކްޓްގެ ތެރޭގައި، އަޅުގަނޑުމެން ނުހިމަނަން ބޭރުމަގެއް އިނގޭތޯ. ބޭރުމަގުގެ މަސައްކަތް އަޅުގަނޑު ކުރިންވެސް ނިންމާފައި އޮތީ، ސަރުކާރުން ޚަރަދުކޮށްގެން، އެމް.ޓީ.ސީ.ސީ. ލައްވައި އެ މަސައްކަތް ކުރަން. އެއީ، އޭރު އަޅުގަނޑު އެތަން ނިންމާފައި، ކެމްޕެއިން ތެރޭގައިވެސް އެގޮތަށް އަޅުގަނޑު ވާނީ ކަނޑައަޅާފައި، އިޢުލާނުވެސް ކޮށްފައި، މި ސަރުކާރުން އެތެރޭ މަގުތައް ހަދާނީ އިރާދަކުރެއްވިއްޔާ ހިލޭ އެހީގައޭ.

ބޭރުމަގު ފުޅާކޮށްފައި، ހުރިހާ ކަމެއް ޒަމާނީގޮތަށް ޑިޒައިން ކޮށްގެން މި ކުރާ ސަބަބަކީ، އޭގެ ފައިދާކުރާނީ ހަމައެކަނި ބޭރުމަގުގެ ހިސާބަކު ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެގޮތަށް، މިހާރުވެސް އެބަ ފެނޭ ބާޒާރުމަތިންވެސް. ހަމައެކަނި ބާޒާރުމަތީ އެ ބޭރުމަގު އެކަންޏެއް ނޫން ލުއިވަނީ. އޭގެ ސަބަބުން، ޖެހިގެން އެތެރެއަށް ހުރި މަގުތައްވެސް ވަރަށް ޓްރެފިކް ލުއި. ދެން، ވަށައިގެން އެކީގައި ނިމުނީމާ، ރިންގް އެކީގައި ކޮމްޕްލީޓްވީމާ، މުޅި މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުއިކަމެއް އަންނާނެ އިރާދަކުރެއްވިއްޔާ. އެއީ، ދެކޮޅަށް ދުއްވޭ، ދެ ލޭނު ހިމެނޭގޮތަށް، ވަށައިގެން ބޮޑުތަކުރުފާނު މަގު ހެދިގެން ދިޔުމުން، އެތެރޭގެ މަގުތަކަށް އެ ލުއި އަންނާނެ. މުޅި މާލޭގެ ދުއްވުމަށް ފަސޭހަތަކެއްވާނެ. މިހާރު އިރާދަކުރެއްވިއްޔާ މި ނިމެނީ، އޭގެ އެއްބައި ދޮގެއްތޯ. މި އަންނަ ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވައިލެވޭނެ ކަމަށް މި ބަލަނީ، މިހާރު އެ ކުރާ މަސައްކަތް ނިންމާފައި އެބައި. އޭރުން، ޢިއްޒުއްދީން ފާލަމާ ހަމައަށް. ކުރިންއޮތީ، ޢިއްޒުއްދީން ފާލަމުން ގޮސްފައި، އެމް.ޕީ.އެލް.އާ ހަމައަށް ނިންމާފައި. ޢިއްޒުއްދީން ފާލަމުން ނަސަންދުރާއާ ހަމައަށް މިހާރު މި ބައި މި ނިމެނީ. ނިމުނީމާ، ދެން ވަރަށް ބޮޑަށް ހިތްފަސޭހަވެގެންދާނެ.

ދެން، އެއާއެކީގައި، އަޅުގަނޑުމެން މި ނިންމާ ބައިގައި، ކުރީގައި ޕާކުކުރި ކުރުން، މި ބަދަލުކުރަނީ، ބޭރުން ހިއްކި ބަޔަށް އިނގޭތޯ. އަޅުގަނޑުމެން ވަކިން ބައެއް މި ހިއްކީ. ފުދޭވަރެއްގެ ބޮޑު ސަރަޙައްދެއް މި ހިއްކީ. އެތަނުގައި ގާތްގަނޑަކަށް 500އެއްހާ ސައިކަލް ޕާކުކުރެވޭނެ. އޭރުން، ނަސަންދުރައިން ފެށިގެންގޮސް، ޢިއްޒުއްދީން ފާލަމާ ދޭތެރޭގައި، ކުރީގައި އަރިމަތީގައި ޕާކުކުރި ކުރުން، ދެން ނުކުރެވޭނެ. ދެން ކުރަންޖެހޭނީ، މި ދެންނެވި ތަނުގައި އިނގޭތޯ. އޭރުން ވަރަށް ފަސޭހަވާނެ ދުއްވަން އިނގޭތޯ. ދެން، އެތަނުގައި ޕާކުކޮށްލާފައި، އޮފީސްތަކަށާއި، ދެން އެދާ ހިސާބަކަށް، އެ މަގުގައި ބޭނުންތައް ކުރާ ފަރާތްތަކުން ހިންގަވާފައި ވަޑައިގަތީމާ ވަރަށް ހިތްފަސޭހަވާނެ. ދެން، އިރާދަކުރެއްވިއްޔާ ގަސްތައް ޖަހައި، ހުޅުވައިލާއިރުގައި ހުރިހާ ގަސްތަކެއް ފޯދިފައި، ބޮޑުވެފައެއް ނޫންތާ ހުންނާނީކީ ދޮގެއްތޯ. ދުވަސްކޮޅެއް ނަގާނެ ކަންތައްތައް އެ ހުންނަނީ. އެހެންނަމަވެސް، ޕްލޭނަކީ، ރީތި ގަސްތައް ޖަހައި، ދެފަރާތްވެސް ރީތިކޮށް، ހިތްފަސޭހަކޮށް އޮތުން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަގުގެ މަސައްކަތް މި ނިމެނީ. އެއާއެކީގައި، އެބައި ނިމޭ ހިސާބުން، ދެން އެމް.ޕީ.އެލް.އިން ފެށިގެން ގޮސް، ރަސްފަންނާ އެކީގައި، ބޭރުމަގުގައި ބާކީ ދެންއޮތް ސަރަޙައްދު. ޙަޤީޤަތުގައި، އެންމެ ބޮޑަށް ގާތައް މުގުރިފައި އޮތް، އެންމެ ހަލާކުވެފައި އޮތް ސަރަޙައްދު ހަދަން ދެންއޮތީ. އެއީ، އެމް.ޕީ.އެލް.އިން ފެށިގެން ގޮސް، ވެސްޓް ޕާކު ކައިރިން ލަނބާލައިގެންދާ ހިސާބު. އޭރުން އިރާދަކުރެއްވިއްޔާ، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، އަދި ޖުމްލަކޮށް، މުޅި މާލޭގައި ދުއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ފަސޭހަވެގެންދާނެ.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

ނަމަވެސް، މި މަގު ފުޅާވެގެންދާއިރު، އެ ސަރަޙައްދުން ބަނދަރު ބޭނުންކުރާ މީހުންގެ ޝަކުވާއެއް އެބައޮވޭ، ބަނދަރު ކުޑަވުމުގެ. އެބައޮތްތޯ ވިސްނުންފުޅެއް އެކަމަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން ކުޑަވުމުގެ ޝަކުވާއަށްވުރެ ބޮޑަކަށް، އެހާބޮޑަކަށް ފާހަގައެއް ނުއެއްވޭ. ނޫނީވިއްޔާ ކޮންމެގޮތެއްވިޔަސް ޖާގަ ކުޑަވީމާ، އެ ޝަކުވާއަކަށް ވާނެކަންނޭނގެ. އެކަމަކު އެއަށްވުރެ ފަސޭހަތަކެއް އެބަ ލިބިގެންދޭ. މިސާލަކަށް، މި ބޭރަށް ނެރޭ ބައި ނެރުނީމާ، ޙަޤީޤަތުގައި އެ ޝަކުވާއެއް ނޯންނާނެކަންނޭނގެ. އެއީ، ކުޑަކޮށް ހަނިވާވުން އެކަނި ކުޑަވި ކަމަކީ. އެހެންނަމަވެސް، ބޭރަށް މި ނެރުނު ބައިގައި އެބައޮވޭ ތިން ފަރާތް. ތިން ފަރާތުގައިވެސް މިއޮތީ ކީ ވޯލް ޖަހާފައި. ކައިރިކުރެވޭ އެބަ. ލޯންޗުތައް ކައިރިކުރެވޭ. އެހެންވީމާ، ޙަޤީޤަތުގައި ކައިރިކުރަން ލިބޭ ޖާގަ އިތުރުމިވީ. އެހެންނޫންތޯ؟ ކުރީގައި ވެއްޖިއްޔާ، ލިބެން އޮތް ޖާގައަށް މި އިތުރުވީ ދެ ފަރާތުންވެސް ކީ ވޯލްތަކެއް. އެހެންނޫންތޯ؟

އެހެންވީމާ، ޙަޤީޤަތުގައި މިހާރު މީތި ހުޅުވިގެންދިޔައިމާ، ކުރީގައި ލޯންޗުތައް ކައިރިކުރަން ލިބުނު ޖާގަ އިތުރުވެގެން އެ ދަނީ. ހަމަ ވަގުތުން އެ ލޯންޗުން ކައިރިވެލާފައި، އަރަންވާ ފަރާތުން އަރައި އަދި ފައިބަންވާ ފަރާތުން ފައިބައި، ލޯޑިންގ، އަންލޯޑިންގ، ނޫނީވިއްޔާ މި ހުރިހާ ކަމެއްވެސް ފަސޭހަވެގެންދާނެ. އެހެންވީމާ، އަދި އެތާނގައި އަރިމަތީގައި، އަޅުގަނޑުމެން މިހާރު ހުޅުވިއިރަކު ނުހުންނާނެ. އެހެންނަމަވެސް، މި މުޅި ޕްރޮޖެކްޓް ނިމޭއިރުގައި، ހުންނާނެ ކޮންމެވެސްވަރަކަށް ހިޔާކުރެވިފައި ހުރި ސަރަޙައްދުތަކެއްވެސް. އިށީނދެލެވޭނެ ބެންޗްތަކާ، މި ހުރިހާ އެއްޗެހިވެސް ހުންނާނެ. އެހެންވީމާ، ދަތުރުތަކުގައި ފުރާ ފަރާތްތަކަށާއި، މި ހުރިހާ ފަރާތްތަކަށްވެސް ފަސޭހަތަކެއްވާނެ.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އާދެ، މަގުތައް ފުޅާވެ ތަނަވަސްވެގެންދާއިރު، ދުއްވާ އެއްޗެތީގެ ތޮއްޖެހުމުގެ މި މައްސަލައަށް ޙައްލެއް އަންނާނެ ކަމަށް ގިނަބަޔަކު ދެކެނީ، މަގުތަކަށް ނެރޭ އުޅަނދުފަހަރު މަދުވެގެން. އެބައޮތްތޯ ވިސްނުންފުޅެއް، މި މާލޭގެ ޓްރެފިކާއި އަދި މާލެއަށް އެތެރެކުރާ އުޅަނދުފަހަރު މަދުކުރުމުގެ ޕްލޭނެއް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޙަޤީޤަތުގައި ތިކަމުން އެކަނިވެސް މިކަމެއް ޙައްލެއް ނުއެއްވާނެ އިނގޭތޯ. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް. އަދި އަޅުގަނޑުމެންގެ ސިޔާސަތަކީވެސް، އެ ވިސްނުމުގައި ކަނޑައަޅާފައި އޮތް ސިޔާސަތެއް މިއީ. މި މައްސަލައަކީ ރޫޓް ކޯސްއަށް ދާންޖެހޭ ކަމެއް. ރޫޓް ކޯސްއަކީ މި ދަންނަވަނީ، މާލެއަށް މީހުން ތޮއްޖެހެންޖެހޭ ސަބަބުނޫންތޯ މައްސަލައަކީ. ރޫޓް ކޯސްއަކީ. ރާއްޖޭގެ ތަރައްޤީ މިދިޔަ ޒަމާންތަކުގައި، ބައްޓަންވެފައި، ނޫނީވިއްޔާ ކޮށްފައި އޮތް ގޮތުގެ ސަބަބުން، މި މައްސަލަ މި އަންނަނީ.

އެހެންވީމާ، އަޅުގަނޑުމެން މި ކަނޑައެޅީ އުތުރާއި، ދެކުނާއި، އެކި ސަރަޙައްދުތަކުގައި ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް ތަންފީޒުކުރަން ދޮގެއްތޯ؟ އެހެންވީމާ، އެ މަސައްކަތް ފަށައިގެން މިއުޅެނީ. އެހެންނޫނީ މިވާގޮތަކީ، މިދިޔަ ހުރިހާ ޒަމާންތަކެއްގައި ވީގޮތަށް އަޅުގަނޑުމެންވެސް ކުރިއަށް ގެންގޮސްފިއްޔާ ހަމަ އަނެއްކާވެސް މާލެއަށް މީހުން އަންނާނެ. އަޅުގަނޑުމެންނަށް އަދި މިއީ ދެތިން އަހަރުން ޙައްލުކުރެވޭނެ ކަމަކަށް ނުވާތީ، އަދި އޭގެ ނަތީޖާ ނުފެންނަނީ. އެކަމަކުވެސް އެ މަގުން ނޫންތޯ މަސައްކަތް މި ކުރަނީ. އެންމެ އުތުރުގައި، އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޒޯނެއްގެ މަސައްކަތް މި ކުރަނީ. ދެކުނުގައިވެސް އެގޮތަށް. އެންމެމަތީ ފެންވަރުގެ ހޮސްޕިޓަލްތަކާއި، ދެންގޮސް މިހެންހުރި، ދެން އެ ހުރިހާ ކަމެއް ހިމެނޭހެން. ވަޒީފާގެ ފުރުޞަތުތަކާއި، ހައުސިންގއާއި މި ހުރިހާ ކަމެއް ޤާއިމުކޮށް، ހަތް އާރބަން ސެންޓަރެއް ކަނޑައަޅައި، އެ ތަންތަނުގައި އާރބަން ސެންޓަރު ފެންވަރުގައި، ހުރިހާ ޚިދުމަތެއް ޤާއިމުކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްޓެއް ނޫންތޯ އަޅުގަނޑުމެން ފަށައިގެން މިއުޅެނީ. އެ މަސައްކަތްތައް ނިމޭއިރުގައި ފެނިގެންދާނެ، މާލެއިން އެ ތަންތަނަށް މީހުން ބަދަލުވާ ތަންތަން. މާލެއަށް މި އަންނަނީ ރަނގަޅު ފެންވަރުގެ ތަޢުލީމު ހޯދަން. ވަޒީފާ ހޯދަން. ގެދޮރުގެ ބޭނުމުގައި. މި ތިން ކަންތައް އެހެން ތަންތަނުން ޙައްލުވަންޏާ، އަމިއްލަ ވަޒަނުގައި، އަމިއްލަ ގެދޮރުގައި، ނޫނީވިއްޔާ އަމިއްލަ ރަށުގައި، ނޫނީވިއްޔާ ރަށާ ކައިރީގައި އުޅެން މާބޮޑަށްވެސް މީހުން ބޭނުންވާނެ. އެހެންވީމާ، މިއީ ސަރަޙައްދީ ތަރައްޤީއާ ގުޅިފައި އޮތް ކަމެއް.

އެހެންވީމާ، މި ބޮޑު ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. އެކަން ކުރަމުންދާއިރުގައިވެސް، މާލޭގައި މިހިރަ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް މި ކުރަނީ. މާލެ ސަރަޙައްދުގައި ހައުސިންގ ޕްރޮޖެކްޓްވެސް ހިންގަންޖެހޭ. މާލޭގައި މިއުޅޭ ދޮޅުލައްކައެއްހާ މީހުން، އަދި މުޅި ސަރަޙައްދަށް ބަލައިފިއްޔާ، ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ގްރޭޓަރ މާލޭގައި މިއުޅެނީ. އުޅޭއިރުގައި މި ސަރަޙައްދުގައި ގެދޮރުވެސް ބިނާކުރަންޖެހޭނެ. ޚާއްޞަކޮށް މާލޭގައި، ފުރަމާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުން، އެތައް ސަރުކާރުތަކެއް މިދިޔައީ، އެ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި، މުޅި މައްސަލައަށް ޙައްލެއް ނުގެނެވޭ. އެހެންވީމާ، އެއަށްވެސް ޙައްލު ގެންނަންޖެހޭ. މާލޭގައި ދިރިއުޅޭތާ އެތައް ޒަމާންވީ ރައްޔިތުންތަކެއް އެބަތިބި، އެ މައްސަލައަށް ޙައްލެއް ބޭނުންވާ. މިއީ ވަރަށް ގިނަ ކަންތައް ހިމެނޭ މައްސަލައެއް.

އެހެންވީމާ، މި ހުރިހާ ކަމެއް ހިމެނޭގޮތުން، ޙައްލު ގެންނަން މަސައްކަތް ކުރަނީ. ކުރާއިރުގައި، އޭގެ ތެރޭގައި ހިމެނޭ ކުޑަކުޑަ އެންމެ ކަމެއް ދެންމެ ތިޔަ ވިދާޅުވީ. ވެހިކަލްތަކުގެ އަދަދު. މި ދެންނެވި ބޮޑު މައްސަލަ ޙައްލުވެގެންދާއިރުގައި، ވެހިކަލްތަކުގެ އަދަދުވެސް އޭގެ ޒާތުގައި ޙައްލުވީ އެ. އެއީ މިތާ މީހުން އިތުރުނުވާ ކަމަށްވަންޏާ، ވެހިކަލްތައް އިތުރެއްވެސް ނުވާނެނޫންތޯ. ދެން ވެހިކަލްތަކުގެ އަދަދު ކަނޑައެޅުން، ވެހިކަލްތަކުގެ އުމުރު ކަނޑައެޅުން ޤާނޫނުގައިވެސް އޮންނަ ކަމެއް. ކައުންސިލްތަކާ ޒިންމާ މަތިކުރެވިފައި. ނޫނީވިއްޔާ ސަރުކާރުން ކުރާގޮތަށް. މިހެން ބަދަލުވަމުންދާ ކަންތައްތައް މިއީ.

އެހެންވީމާ، އަޅުގަނޑުމެން އިސްކަން މިދެނީ، މި ދެންނެވި ރޫޓްކޯސްއަށް ޙައްލު ގެނައުމޭ ނޫނީވިއްޔާ އަޞްލު މައްސަލައަށް ޙައްލު ގެނައުމުގެ މަސައްކަތަށް އިސްކަން މިދެނީ. ދީފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެގޮތަށް މި ތަނުގައި މަގުތައް ހެދުމާއި، ޕާކިންގއަށް ޙައްލެއް ގެނައުމުގެ މަސައްކަތާއި، މިކަހަލަ ކަންކަން މިކުރަނީ. ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޕާކިންގ ބިލްޑިންގ، މަދުވެގެން ދެ ބިލްޑިންގއެއްގެ މަސައްކަތް ފަށާނަން. ދެން މިކަމަށްވެސް ދުވަސްތަކެއް ނަގައިފި. އަޅުގަނޑުމެން ފުރަތަމަ ބެލީ ބޭރުގެ އެހީގައި ކުރެވޭކަހަލަ ގޮތެއް. އެހެންނަމަވެސް، އެކަން އެގޮތުގައި ގެންދަން އަޅުގަނޑުމެން މަޑުކުރާކަށް މިހާރު ގަސްދެއްނުކުރަން. އެހެންވީމާ، އަޅުގަނޑުމެން މާލޭގައި ޕާރކިންގ ދެ ބިލްޑިންގ އިރާދަކުރެއްވިއްޔާ އަޅަން، ހުޅުމާލޭގައި މިހާރު ދެތިން ހަތަރު ބިލްޑިންގއެއްގެ މަސައްކަތް ފަށައިފި.

އެހެންވީމާ، މި މަޝްރޫޢުތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ، ޕާކިންގއަށްވެސް ކޮންމެވެސްވަރެއްގެ ޙައްލެއް އައިސް، ދެން ހަނިގޯޅިތަކުގައި ހުންނަ އެކިކަހަލަ މައްސަލަތަކަށްވެސް ވަގުތީ، ވަގުތީއޭ މި ދެންނެވީ މިހާރުން ފެށިގެންގޮސް އިމީޑިއެޓް މީޑިއަމް ޓާރމް ޙައްލެއް ގެނައުމުގެ މަސައްކަތްތަކެއްވެސް މި ފެށެނީ. އެހެންވީމާ، ވަށައިޖެހޭ މައްސަލައެއް އިނގޭތޯ ޙައްލު ގެންނަންޖެހޭ. އެހެންވީމާ، އެގޮތުގައި މަސައްކަތް ކުރަނީ.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އާދެ، މަނިކުފާނު ތިޔަ ވިދާޅުވިހެން، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުވެސް މިއޮތީ، މާލެއިން ބޭރަށް ބައިބައި އަދި ބެހިގެންދާނެ ގޮތަށް ރާއްވަވާފައި، ބެލެވޭގޮތުގައި. ދެން އެހެންނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުވައިލި ފުރުޞަތުގައި އެތައްހާސް ފޯމެއް އެބަވޭ ހުށަހަޅާފައި. މިހާރު އޮތް ޕްރޮޖެކްޓްތަކަށް ބަލާއިރު އަޅުގަނޑަށް ހީވަނީ، ތަންކޮޅެއް ގިނަހެން. ގިނަ އަދަދެއްކަންނޭނގެ. ކިހިނެއްތޯ އެކަން އޮންނާނީ. ވެއިޓިންގ ލިސްޓެއް ގޮތަށް އޮވެގެންތޯ ކުރިއަށްދާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން، އެންމެ ނީޑީ ފަރާތްތައް، އެންމެ ބޮޑަށް ހާލުގައި ތިބި، ނޫނީވިއްޔާ ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރެއިން، ނޫނީވިއްޔާ ސްކީމްގައި ހުރި އުސޫލުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތަރުތީބުން އަޅުގަނޑުމެން ދެމުންދާނީ. ދެން، ކޮންމެގޮތެއްވިޔަސް މާލޭގައި، އެންމެ ބޮޑު މައްސަލައަކީ، މާލެ ސަރަޙައްދުގެ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންވީމާ، އެކަމަށް ދާއިމީ ޙައްލެއް ގެނައުމަށް އަޅުގަނޑުމެން އެކިކަހަލަ މަޝްރޫޢުތައް މި ހިންގަނީ. އެކިކަހަލަ ޕްރޮގްރާމްތައް ގެންދާނަން.

އެއާއެކީގައި، ދެވަނައަށް އެންމެބޮޑު މައްސަލައަކީ، މާލޭގެ މަގުތަކާ ގުޅިފައި އޮތް މައްސަލަ. އެހެންވީމާ، އެ ދެ ކަންތައް އެކުގައި އިރާދަކުރެއްވިއްޔާ ޙައްލުކުރުމުގެ މަސައްކަތް މި ކުރަނީ. ދެން، މަގުތަކުގެ މައްސަލައިގައި މި އަންނަ ޙައްލުތަކުގެ ތެރެއިން، ކުރިން އަޅުގަނޑު ދަންނަވާލި ހުރިހާ ކަމަކަށް ނަތީޖާ ލިބިގެން އެބަދޭ. ދުއްވަން ފަސޭހަވެ، ޕާރކްކުރަން ފަސޭހަވެ، މަގުމަތީގެ ފެންބޮޑުވުން ޙައްލުވެ، މި ހުރިހާ ކަމެއް ހާސިލުވެގެންދާނެ.

އެހެންވީމާ، މި ބޮޑެތި ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ނަގާ ވަގުތުތައް ނެގީ. ރާއްޖޭގެ އިޤްތިޞާދު އަޅުގަނޑުމެން އެކަކަށްވެސް ހަނދާންނެތޭ ކަހަލަ ކަމެއްނޫން، އަޅުގަނޑުމެންނާ ހަވާލުވީއިރު އޮތް ޙާލަތު. އެ ޙާލަތުން ނަގައި ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތާ އެކީގައި، ރާއްޖޭގެ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް މި ކުރަނީ. ވަކި އެންމެ ކަމެއް ނަގައިގެން، ކޮންޓެކްސްޓުން ބޭރުން ބެލޭކަހަލަ ކަންކަމެއް ނޫން މި ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ހުރިހާ ކަމެއްގެ ޙައްލު ގެނެސްދިނުމުގެ މަސައްކަތް މި ކުރަނީ. ކޮންމެ މީހެއްގެ އިންޑިވިޖުއަލް ދިރިއުޅުމުގައި ހުރި ދަތިތަކަށް ޙައްލުތައް ގެނައުމުގެ ނަތީޖާ ނެރުމަށްޓަކައި.

ސީދާ މިއަދުގެ މައުޟޫޢަކާ ނުގުޅޭ. މަގުތަކާ ގުޅޭ މައުޟޫޢެއް ނޫން. އެހެންނަމަވެސް، މުޅި މައްސަލައިގެ ވާހަކަ ދެކެވިގެންދާތީ، އާންމު ފަރުދުންގެ ދިރިއުޅުމަށް ބޭނުންވާ ކަންކަމަކީ، ވަޒީފާގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދޭނެ ވަސީލަތްތައް. އަޅުގަނޑުމެން މިއަދު މި ލޯންޗްކުރީ، ޒުވާން ކުދިންނަށް ޚާއްޞަކޮށް އަމާޒުކޮށްގެން، ކުދި ލޯނުތައް ނެގޭނެ ސްކީމެއް. 18 އަހަރާއި 30 އަހަރާ ދޭތެރޭގެ ޒުވާން ކުދިންނަށް. މި ސްކީމްގެ ތެރެއިން ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ ޒުވާނުންނަށް ފުރުޞަތު ލިބިގެންދާނެ. ކުދިކުދި ސްޓާޓްއަޕްސްތައް ފަށައި، އަދި ހިނގަމުންދާ، ކުރަމުންދާ އެކިކަހަލަ މަސައްކަތްތަކަށްވެސް ލޯނު ލިބޭނެ. އެހެންވީމާ، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ޚާއްޞަކޮށް ޒުވާނުންނަށް، އަދި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް. ބޯހިޔާވަހިކަމުގެ ފުރުޞަތުތައް. މި ހުރިހާ ކަމެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ފަސޭހަތަކެއް މި އަންނަނީ. ދެން އެންމެ ގިނަ ދިވެހި ރައްޔިތުން ދިރިއުޅެނީ މާލޭގައި ކަމަށްވާތީ، މާލޭގައި ހުރި މައްސަލަތައް އެންމެ ބޮޑީ. އެހެންވީމާ، އެ މައްސަލަތައް ޙައްލުކުރުމުގައި މި ކުރެވޭ މަސައްކަތް މި ކުރަނީ، ކުރިން އަޅުގަނޑު ދަންނަވާލިހެން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ހަމަހަމަ ސިޔާސަތެއް ތަންފީޒު ކުރުމުގެ ތެރެއިން.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އާދެ، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީވެސް ޒަމާނުއްސުރެ ޙައްލުނުވެ، އެއްވެސް ސަރުކާރަކަށް މުޅިން ޙައްލުނުވެ އޮތް މައްސަލައެއް. މަނިކުފާނުގެ ވަޢުދުފުޅުގެ ދަށުން ތިޔަ ގެންދަވާ މަގުހެދުމުގެ މައި މަޝްރޫޢު ނިމޭއިރު ކިހިނެއްތޯ، އެ މައްސަލަ ޙައްލުވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެ ދެން، އިރާދަކުރެއްވިއްޔާ ޔަޤީންކަމާ އެކީގައި ޙައްލުވާނެ ކަމެއް އިނގޭތޯ. މިހާރު މި ފެށޭ މަރުޙަލާގެ ތެރެއިން، މި ދެންނެވި ފަދައިން، ޗައިނާގެ ހިލޭ އެހީގައި މި ފެށޭ މަޝްރޫޢުގެ ތެރެއިން، އެކަން އިރާދަކުރެއްވިއްޔާ ޙައްލުވެގެންދާނެ. ދެން މިހާރު މި ބޭރުމަގު ހެދިގެންދާއިރު، ބޭރުމަގުގެވެސް އެ މައްސަލަ ޙައްލުވާނެ. އެހެންވީމާ، ދާއިމީ ޙައްލާ އެކީގައި މި މަޝްރޫޢު މިދަނީ. އެހެންވީމާ، މި ޕްރޮޖެކްޓް މި ފެށެނީ އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު. އުންމީދު ކުރަނީ ޢަމަލީގޮތުން ކޮންޓްރެކްޓަރު މާލެއަށް އައިސް މާލޭގައި ޕްރޮޖެކްޓް ފަށާނެ ކަމަށް މި ބަލަނީ. މިހާރު ހިނގަމުންދާ ހުރިހާ މަރުޙަލާއެއް ނިމި، ފެށިގެން ދެން ދާނީ ހަމަ ނުހުއްޓި ކުރިއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނަން. އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި. ޗައިނާއާ އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް، މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މި އޮންނަނީ، ޗައިނާ ސަރުކާރާއެކީ ވަރަށް ގާތް ގުޅުމެއް. ރައްޔިތުންނަށް، ދިވެހި ރައްޔިތުންނަށް ފައިދާވާ ކަންތައްތަކަށް އިސްކަން ލިބޭ ކަމަށްވަންޏާ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ކޮންމެ ޤައުމަކާވެސް ގާތް ގުޅުން ބޭއްވުން. ދެން އޭގެތެރެއިންވެސް ޗައިނާ ސަރުކާރަކީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި، ދިވެހި ރައްޔިތުންނަށް ފައިދާވާ ތަރައްޤީގެ މަޝްރޫޢުތަކުގައި އިޤްތިޞާދީ ތަރައްޤީއާއި، ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި ވަރަށް އެހީތެރިކަންދޭ، ވަރަށް ގާތް ޤައުމެއްވީމާ، މި ސަރުކާރުގެ ސިޔާސަތަކީ ޗައިނާ ސަރުކާރާ އެކީގައި، މިކަހަލަ މަސައްކަތްތައް ކުރުން. ވަރަށް ރިލައިބަލް ޕާރޓްނަރއެއް އެއީ. އެހެންވީމާ، މި މަޝްރޫޢު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ސަރުކާރުން ވަރަށް ގާތުން ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދީގެން، ކާމިޔާބުކަމާ އެކީގައި، ކުރިއަށް ގެންދާނަން.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އާދެ، ގްރޭޓަރ މާލެއަށް ޚާއްޞަކޮށްގެން ޚާއްޞަ އޮފީހެއް އުފައްދަވައިފި ދޮގެއްތޯ. ކިހިނެއްތޯ އެ މަސައްކަތް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ހަމަ ދެންމެ މި ދަންނަވާލި ބޭނުމަށްޓަކައި އިނގޭތޯ. ދެން "ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ އޮފީސް" ކިޔާފައި ނަމެއް ދީފައި، އަނެއްކާވެސް އިތުރު މުވައްޒަފުންތަކެއް ނަގައިގެން ޚަރަދު ބޮޑުކުރަނީކީ ނޫން. މިހާރު އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީގެ މުވައްޒަފުން މިތަނުގައި މަސައްކަތް ކުރާނީ. ހަމަ އެ އޮފީހުގެ ތެރޭގައި، އެ މިނިސްޓްރީގެ ތެރޭގައި. މިކަމަށް ޚާއްޞަކޮށް، މި ރީސްޓްރަކްޗަރ ކޮށްލީ މިނިސްޓްރީތެރެ. އަދި ސަރުކާރުގެ އެހެން ތަންތަނުގައި ތިބި މިކަމަށް ބޭނުންވާ މުވައްޒަފުން އެތަނަށް ގެނައުމާއި، މި މަސައްކަތް ކުރާނެ.

އެހެންވީމާ، މި މަސައްކަތްތައް ފޯކަސްޑް ގޮތަކަށް، ނަތީޖާ ނެރެވޭގޮތަށް ގެންދަން، މި މަސައްކަތް ކުރަނީ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ، ނަތީޖާ ދައްކަން. އެހެންވީމާ، ފޯކަސް މި ކުރަނީ ރިޒަލްޓަށް. ރިޒަލްޓް އޮރިއެންޓެޑް ގޮތެއްގައި މި މައްސަލަ ޙައްލުކުރުމަށް. މި އޮފީހަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދޭންޖެހޭ ހުރިހާ ބާރެއް ދޭނަން. ހުރިހާ އޮތޯރިޓީއެއް ދޭނަން. އާންމުކޮށް މިކިޔާ ރެޑް ޓޭޕް، ބިއުރޯކްރެސީގެ ތެރޭގައި ހުންނަ އެކިކަހަލަ ހުރަސްތައް. އެ ހުރަސްތައް ވީވަރަކުން ކުޑަކޮށްލައި، ނައްތާލައި، ސީދާ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް މި އޮފީހުން ކުރެވޭގޮތަށް، ބައްޓަންކުރާނަން. އެއީ ޤާނޫނީގޮތުން، ގަވާއިދުތަކުގެ ތެރެއިން ފަހިކޮށްދޭންޖެހޭ ކަންތައްތައް ކަމުގައިވިޔަސް، ބަޖެޓުގެގޮތުން ކަމުގައިވިޔަސް، ތަންފީޒީގޮތުން ކަމުގައިވިޔަސް، ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން. އެއީ، އަޅުގަނޑު ބޭނުން، މާލޭގެ މި މައްސަލައަށް ޙައްލެއް އަންނަން. ޓްރާންސްޕޯޓް ރިލޭޓަޑް ކަންތައް. ކުރިން މި ދެންނެވި ޗައިނާގެ ބޮޑު ޕްރޮޖެކްޓް ފެށެންދެކަށްވެސް. އެ ޕްރޮޖެކްޓާ އެކީގައި ދާއިމީގޮތެއްގައި ބައެއް ޑިޒައިން މަގުތައް ހުންނާނީ ވަރަށް ރަނގަޅަށް، ޕާކިންގއާއި މިހެންގޮސް ހުރިހާ ކަމެއް. އެކަމަކު އެކަން ވަންދެކަށް މިހާރުން ފެށިގެންވެސް އަޅުގަނޑު ބޭނުމޭ، މައްސަލައަށް ޙައްލެއް އަންނަން. އަދި އެ ޕްރޮޖެކްޓާ އެކީގައިވެސް މި އޮފީހުގެ މަސައްކަތް ފުޅާވާނެ.

ދެން އެހެންވީމާ، ކަމާގުޅޭ ހުރިހާ އޮތޯރިޓީތަކުގެ މަސައްކަތް ވިލަރެސް ކުރެވި، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތަށް، މި ދެންނެވި ގޮތަށް އިދާރީ އެކިކަހަލަ ހުރަސްތައް ނައްތާލައި، އެފިޝަންޓް، ނަތީޖާ ނެރެދޭ، މަސައްކަތްތަކެއް ކުރުމަށް މި އޮފީސް، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ރީސްޓްރަކްޗަރ ކޮށްގެން މި އުފެއްދީ. އޭގެ ނަތީޖާ، ދެން ރަނގަޅުވާނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން. އަޅުގަނޑަށް ޔަޤީން، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެކަން. އަމުދުން ދިވެހި ރައްޔިތުން. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބާރުލުން އިރާދަކުރެއްވިއްޔާ ލިބޭނެ.

އިބްރާހީމް ޒަކީ - ވަން އޮންލައިން:

އާދެ، ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ.

މުޙައްމަދު ޙުސައިން ޝަރީފް:

މި އެޕިސޯޑް ކަމުދިޔަކަމަށް ހީކުރަން. ކަމުދިޔަކަމުގައިވާނަމަ، ލައިކެއް ދެއްވާތި. އަދި ޝެއަރ ކޮށްދެއްވާތި. އާދެ، ދަ ފީޑް އެމް.ވީ.ގެ އެކި ޕްލެޓްފޯމްތަކުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކި ޕްލެޓްފޯމްތަކުން މި ޕްރޮގްރާމް ތިޔަބޭފުޅުންނަށް ބައްލަވައިލެއްވޭނެ. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ، އާ އެޕިސޯޑަކާއެކު ތިޔަބޭފުޅުންނާ ބައްދަލުކުރާނެ ކަމުގެ އުންމީދުގައި ވަކިވެލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.