بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަޅުގަނޑު އުތުރުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި، މިއަދު އެންމެ ފުރަތަމަ މިއައީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް. އާދެ، މަރޮށްޓަށް. މަރޮށްޓަށް އައުމަކީ އަޅުގަނޑަށް ލިބޭ، ވަރަށް މަތިވެރި އުފަލެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން ނުވަތަ ތިޔައިގެތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިން އަޅުގަނޑު ވަނީ މިރަށަށް އެއްފަހަރަކު އައިސްފައި. އެއީ މީގެ 16 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު. އޭރު ރާއްޖޭގެ އުތުރަށް އަޅުގަނޑު ކުރަމުންދިޔަ ދަތުރެއްގައި މިރަށަށް އައީ. މިއަދު މިއައީވެސް ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި.

އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކަކީ ވަރަށް ބޭނުންތެރި ދަތުރުތަކެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުގެ މަޤްޞަދަކީ، ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ޙާލުއަޙުވާލު ބަލައިހެދުން. އެމީހުން ދިރިއުޅުމުގެ ކަންތައްތައް ކުރިއަށްގެންދާ ގޮތާއި، ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކާއި، އެ މަސައްކަތްތަކަށް ދިމާވާ ދަތިތަކާ، މިކަންކަން ބަލައި، އެމީހުންގެ އެ މަސައްކަތްތަކުގައި ކުރިއަށްދިޔުމަށް ހިތްވަރުދިނުން. އަދި ސަރުކާރުން ކޮށްދެވެން އޮތް ކަމެއް އޮތްކަމަށްވަންޏާ، އެކަމެއް ކުރުމަށްވެސް މަގުފަހިކުރުން.

އާދެ، އަޅުގަނޑު މިއަދު މިރަށަށް އައުމުން، މިރަށުގެ ރައްޔިތުންނާއި، ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، އަދި މަދަރުސާތަކުގެ ޠާލިބުންނާއި، ޠާލިބާއިން އަޅުގަނޑަށް ވިދާޅުވީ ވަރަށްވެސް ހޫނު މަރުޙަބާއެއް. މި ރަށްވެސް ވަނީ ވަރަށްބޮޑަށް ޒީނަތްތެރި ކުރައްވާފައި. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަރަށްބޮޑެތި މަސައްކަތްތަކެއްވެސް ވަނީ ކުރައްވާފައި. އާދެ، ފާލަމެއް އަޅުއްވައި އަދި ރަށުތެރެ ޒީނަތްތެރިކުރުމުގެ ތަފާތު ގިނަ މަސައްކަތްތައް މިރަށުގެ ރައްޔިތުން ވަނީ މިއަދަށްޓަކައި ކުރައްވާފައި. މި ކަންތައްތަކަކީ، އަޅުގަނޑު ރާއްޖެތެރޭގެ ރަށަކަށްދާތީ، އެ ރަށެއްގެ ރައްޔިތުން ކުރައްވަން އަޅުގަނޑު އެދޭ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، މަރޮށީގެ ރައްޔިތުން މި މަސައްކަތް ކުރައްވާފައި މިވަނީ ސަރުކާރާ ދޭތެރޭގައި އެބޭފުޅުންގެ ހިތްޕުޅުގައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑަށް ދޭހަވާތީ، އަޅުގަނޑު އެ މަސައްކަތްތައް އުފަލާއެކު ޤަބޫލުކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައިވާ އިޚްލާޞްތެރި ޝުޢޫރުތައް މި ރައްދުކުރަނީ. އާދެ، މަރޮށީގެ ރައްޔިތުންނާއި، ވެރިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް، ތަރައްޤީކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންގެންދޭ. އެގޮތުން، ރާއްޖެތެރޭގެ ކޮންމެ ރަށަކަށްވެސް ތަފާތު އެތައްކަމެއް މިހާރުވަނީ ކޮށްދެވިފައި. މިރަށަށްވެސް ބައެއް ކަންތައްތައް ވަނީ ފުރިހަމަކޮށްދެވިފައި. އޭގެތެރޭގައި ރަށުއޮފީހެއް ޢިމާރާތްކޮށް، އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުން ހިމެނޭ. މީގެ ހަތަރު އަހަރު ކުރިން އެކަން ވަނީ ހިނގާފައި. އަދި މިރަށުގެ ނެރު ގޮއްވުމުގެ މަސައްކަތްވެސް މީގެ ފަސް އަހަރު ކުރިން ވަނީ ކުރެވިފައި. ރައްޔިތުން ކުރާ މަސައްކަތުގައި ސަރުކާރުން ވެވެންއޮތް އެހީއެއްވުމަކީ، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެޅޭ ވަރަށްބޮޑު ބާރެއް. އެހެންކަމުން، މިރަށުގެ ރައްޔިތުން ކުރައްވާ، ތަފާތު މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތްކުރޭ.

މިރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި، މަސައްކަތްތެރި ބައެއް. މައިގަނޑު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެވެސް ވަރަށް މުހިންމު ބައެއް. އެހެންކަމުން، މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން އަޅުގަނޑުމެންނަށް އާދެ، އެ މަސްވެރިކަން ކުރާ ބަޔަކަށް، މަސްވެރިންނަށާއި އެމީހުންގެ ޢާއިލާތަކަށާއި، އޮޑިވެރިންނަށާއި އެމީހުންގެ ޢާއިލާތަކަށް ލިބޭ ތަނަވަސްކަމުގެ އިތުރަށް، މަސްވެރިކަމުން ޤައުމުގެ އިޤްތިޞާދަށްވެސް ވަރަށްބޮޑު ފައިދާތަކެއް ކުރަމުންދޭ. އެހެންކަމުން، މަސްވެރިކަމަށް އެކިޒަމާނުގައި އެކިކަހަލަ ބަދަލު އައިކަމުގައިވިޔަސް، މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ކޮންމެ މަސައްކަތަކީ މުހިންމު މަސައްކަތަކަށްވާތީ، އެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ ގުޅުމާ ބެހޭގޮތުންވެސް ބައެއް ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުން. މަރޮށީގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި، ދީންވެރި، އަޚުލާޤު ރަނގަޅު ބަޔެއްކަން އަޅުގަނޑަށް އެނގޭ. އަދި މިރަށުގައި އެއްވެސްކަހަލަ މައްސަލައެއް ނެތްކަންވެސް އަޅުގަނޑަށް އެނގޭ. އެއީ އަޅުގަނޑު، ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންގެ މެދުގައި ކަންތައްތައް ހުންނަންޖެހޭނީވެސް ހަމަ އެހެން. އެންމެން އުޅެންޖެހޭނީ އެކުވެރިވެގެން. އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުމެއް އޮވެގެނެއް ނުވާނެ. އަދި ތަރައްޤީގެ މަސައްކަތްތަކުގައި އެންމެން އެއްބާރުލައިގެން ކުރިއަށްދާންޖެހޭނެ. ވެރިންނާއި ރައްޔިތުންގެ ގުޅުން ހަރުދަނާވެ، ބަދަހިވުމަކީ ރަށް ތަރައްޤީވުމަށްޓަކައި ވަރަށް ބޭނުންވާ ކަމެއް. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތައްވެސް އިތުރަށް ބަދަހިވެ، އެކަންތައްތައް ކުރިއަށްވުރެ ތަރައްޤީވުމަކީ މުޅިރަށުގެ މަޞްލަޙަތަށްޓަކައި ބޭނުންކަމެއް. އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތައް ޖެހޭނެ، އިތުރަށް ހަރުދަނާކުރަން. އެކަކު އަނެކަކާ ދޭތެރޭގައި އޮންނަ ގުޅުމާއި، އެއް ޢާއިލާއަކާއި އަނެއް ޢާއިލާއަކާ ދޭތެރޭގައި އޮންނަ ގުޅުމާއި، މިފަދަ ގުޅުންތައް ބަދަހިކޮށްގެން، އެންމެން އެއްބާރުލައިގެން ކުރިއަށްދިޔުން، އެއީ އަޅުގަނޑުމެންގެ މައްޗައް ވާޖިބުވެފައިވާ ކަމެއް.

ހެޔޮކަންތަކުގައި އަދި ތަޤްވާވެރިވުމަށް މަގުފަހިކޮށްދޭ ކަންތައްތަކުގައި އެންމެން އެކަތިގަނޑަކަށްވެ، އެއްބާރުލުމަށް މާތްﷲ ވަނީ އަންގަވާފައި. ﷲ ވަޙީކުރައްވަނީ، "وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ " )المائدة–٢ ("ތިޔަބައިމީހުން ހެޔޮކަންތައް ކުރުމުގަޔާއި، ތަޤްވާވެރިވުމުގައި އެއްބަޔަކު އަނެއްބަޔަކަށް، އެކަކު އަނެކަކަށް ވާގިވެރިވެ، އެހީތެރިވެދޭށޭ. އެންމެން އެކަމުގައި އެއްބާރުލާށޭ. އަދި ފާފަކުރުމުގަޔާއި، އެކަކު އަނެކެއްގެ ޙައްޤުތަކުގެ މައްޗަށް އަރައިގަތުމުގައި އެކަކު އަނެކަކަށް ބާރުނުދޭށޭ، ވާގިވެރިނުވާށޭ. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިނުވާށޭ." އެހެންވީމާ، އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން އެއްބާރުލާންވީ ކަންތައްތަކާއި، އެއްބާރުލާން ނުޖެހޭ ކަންތައްތައް. އެއްބާރުލާންވީ ކޮންމެ ހެޔޮކަމެއް ކުރުމުގައި. ދީނީ ކަންތައްތައް ކުރިއަރުވައި ތަރައްޤީކުރުމުގައި. އަދި މީސްތަކުންގެ މެދުގައި އޮންނަ، ހަމަޖެހުމާއި އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާކަން އިތުރަށް ބަދަހިކުރުމުގައި. ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި. މިހެންގޮސް، ހެޔޮކަމޭ ބުނެވޭ ކޮންމެ ކަމެއްގައި އެކަކު އަނެކަކަށް އެހީތެރިވެ، އެއްބާރުލުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެއާޚިލާފަށް، ހެޔޮކަންތައް ކަމުގައި ނުހިމެނޭ ކަންތައްތަކުގައި އަދި ކަނޑައެޅިގެން އެއީ ފާފައެއް ކަމުގައި ހިމެނޭ އެއްވެސް ކަމެއްގައި އެކަކު އަނެކަކާ އެހީތެރިނުވުމަށް މާތްﷲ ވަނީ އަންގަވާފައި. ހަމައެހެންމެ، އެކަކު އަނެކެއްގެ ޙައްޤުތަކުގެ މައްޗަށް އަރައިގަނެ، އެކަކު އަނެކަކަށް އަނިޔާވެރިވުމުގައި އެއްވެސް މީހަކު އެހެން މީހަކަށް އެހީތެރިވެނުދިނުމަށް، އެކަމުގައި އެއްބާރުނުލުމަށް ﷲ ވަނީ އަމުރުކުރައްވާފައި. އާދެ، އެހެންވީމާ، އެގޮތުގެމަތިން އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދަންޖެހޭނީ. އެހެން ގެންގޮސްފިނަމަ، އަޅުގަނޑުމެންނަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ﷲގެ ރަޙްމަތާއި، ދަރުމައާއި، ހެޔޮ ޘަވާބު ލިބިގެންދާނެ.

އާދެ، މިރަށަކީ ތަޢުލީމަށްވެސް ވަރަށް ޚާއްޞަ އަހަންމިއްޔަތެއްދޭ ރަށެއް. މިރަށުގެ ދަރިންގެ ތެރޭގައި ވަރަށް ޢިއްޒަތްތެރި، ޚިދުމަތްތެރިޔެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އާދެ، އަލްފާޟިލް ޙުސައިން ޢަބްދުﷲ. އޭނާގެ ޚިދުމަތްތައް ތިޔަބޭފުޅުންނަށް ވަންހަނާވެގެން ނުވާނެ. އޭނާގެ އަމިއްލަ ފައިސާއިން ޚަރަދުކުރައްވައިގެން، އަމިއްލަ މަސައްކަތުން މިހާރު މި މަދަރުސާ، "އަލްމަދްރަސަތުލް މުނައްވަރާ" ޢިމާރާތްކުރައްވައި، މި މަދަރުސާ ހިންގަވަމުން އެގެންދަވަނީ. އަދި މިރަށުގެ ތަފާތު ކަންކަމަށް އޭނާ ވަރަށް ދީލަތިގޮތެއްގައި އެހީތެރިވެދެއްވާކަން އަޅުގަނޑަށް އެނގޭ. އެހެންކަމުން، އެފަދަ އަގުހުރި ދަރިޔެއްގެ ޚިދުމަތް މިރަށަށް މިހާ ފުރިހަމަގޮތެއްގައި ލިބެމުންދާތީ، އެކަމަށްޓަކައި އަލްފާޟިލް ޙުސައިން ޢަބްދުﷲ އަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މިބާވަތުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ، ރާއްޖޭގައި، ސަރުކާރުގެ އެހީވެސް ލިބިގެން ކަމަށްވާތީ، މި މަދަރުސާއަށްވެސް ސަރުކާރުން މިގެންދަނީ އެހީވަމުން. އެއީ ރާއްޖެތެރޭގައި ހުރި މިފަދަ ހުރިހާ ތަނަކަށް ސަރުކާރުން އެހީވެދޭ އުސޫލުން. ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން އަޅުގަނޑުމެންނަށް ކަންތައްތައް ކާމިޔާބުކުރެވޭނީ.

އާދެ، މިއަދު ތިޔަބޭފުޅުންގެ ރަށް މިހާބޮޑަށް ތައްޔާރުކުރައްވާފައި އޮތްނަމަވެސް، އަޅުގަނޑަށް އައިސް މިރަށުގައި މާގިނަ ވަގުތު ހޭދަކުރެވޭކަށް ނެތް. އެއީ އަޅުގަނޑުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަރޮށްޓަކީ ވަރަށް ޚާއްޞަ ރަށެކޭ. އަޅުގަނޑުމެންގެ ޤަދަރާއި، ލޯބި، ވަރަށް މަތިވެރި ދަރަޖައަކަށް މިލްކުވެފައިވާ ރަށެކޭ. އޭގެ އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެންގެ ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ޙިމާޔަތްކުރެއްވުމަށް، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ކުރެއްވި ޖިހާދުގައި، މިރަށުގެ ބޭނުން ހިއްޕަވަން ޖެހިވަޑައިގެން، މިރަށުގެ ބޭނުން ވަނީ ކުރައްވާފައި. އަދި އޭރުއްސުރެ، މިރަށަކީ އެ ޖިހާދުގައި ވަރަށްބޮޑު ޙިއްޞާއެއްކުރި ރަށެއްކަމުގައި އަޅުގަނޑުމެންގެ ތާރީޚުން އެނގޭ. އެހެންވީމާ، މިރަށަކީ ދީނާއި ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް އެހީތެރިވެދީ، އެކަމުގައި ޢަމަލީގޮތުން ބައިވެރިވާ ރައްޔިތެއް އޭރުވެސް އަދި މިހާރުވެސް ދިރިއުޅެމުންގެންދާ ރަށެއްކަން އަޅުގަނޑުމެން ހަނދާންކޮށް، އެކަމަށްޓަކައި ރަށުގައި އޭރު ތިބި ބަޔަކަށްވެސް، އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ. އަދި އޭގެފަހުން، މިހާރުވެސް ރަށުގައި ތިބި ވެރިންނާއި، ރައްޔިތުންނަށް، މިކަންކަމުގައި އެ ބޭފުޅުން އެ ބަހައްޓަވާ އަހަންމިއްޔަތަށްޓަކައި ޝުކުރު ދަންނަވަންޖެހޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އެކަލާނގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން. އަދި މަރޮށީގެ ރައްޔިތުންނަށް އަދަށްވުރެ ތަނަވަސް، ބާއްޖަވެރި މާދަމާއެއް ދެއްކެވުން އެދި ދުޢާކުރަމުން. ހަމައެހެންމެ، ރައްޔިތުންނާއި، ސަރުކާރާ ގުޅިގެން، ރާއްޖޭގެ ތަރައްޤީގައި ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހެޔޮ ފައިދާއާއި، މަންފާ އަޅުގަނޑުމެންނަށް ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.