بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام على خاتم الأنبياء والمرسلين، وعلى آلـه وأصـحابه أجمعـين.

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އަޅުގަނޑު ކުރާ ދަތުރެއްގައި މިއަދު ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް، އާދެ، ކުރެންދުއަށް އާދެވުނުކަމީ، އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސްވެގެންދިޔަ ކަމެއް. މި މުނާސަބަތުގައި ކުރެންދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ ޝުކުރާއި، އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާގެ ބަސްތައް އަޅުގަނޑާ ހަމަޔަށް ގެނެސްދެއްވީ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ކަމުގައިވިޔަސް، އެ ޝުޢޫރުތަކަކީ ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައިވާ ޝުޢޫރުތަކެއް ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މިރަށަށް އާދެވުމާއެކީގައި، މިރަށުން ފެނިގެންދިޔަ އުފާވެރިކަމުގެ މަންޒަރުތަކުންވެސް އަޅުގަނޑަށް އެކަން ކަށަވަރުވެގެންދިޔަ.

އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަބަދުވެސް އަޅުގަނޑު ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް. އެކަމަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބިދޭކަމެއްކަމުގެ އިތުރަށް، އެކަމުގެ ސަބަބުން ރާއްޖެތެރެއާބެހޭ ތަފާތު ގިނަގުނަ މަޢުލޫމާތުތައް އަޅުގަނޑަށް ލިބެމުންދޭ. އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތައް ފެށީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ވަރަށް ކުރީކޮޅުގައި. 1979 ވަނަ އަހަރުގެ ކުރީކޮޅު އަޅުގަނޑު މި ދަތުރުތައް ފެށީ. މެދުކެނޑުމެއްނެތި ރާއްޖެތެރެއަށް ދަތުރުކުރެވޭތޯ އަޅުގަނޑު ބަލަމުން ގެންދަން. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުން އަޅުގަނޑު ބޭނުންވާހާވަރަކަށް އަޅުގަނޑަކަށް ރާއްޖެތެރެއަކަށް ޒިޔާރަތެއް ނުކުރެވޭ. އަޅުގަނޑަށް ދިމާވާ ދަތިތައް ރާއްޖެތެރޭގެ ރައްޔިތުން އިޙްސާސް ކުރައްވާނޭކަމަށް އަދި ގަބޫލުކުރައްވާނޭ ކަމަށް އަޅުގަނޑު ހީކުރަން.

ކޮންމެއަކަސް، ކުރެންދުއަށް މީގެކުރިންވެސް އަޅުގަނޑު ވަނީ ޒިޔާރަތްކޮށްފައި. އާދެ، ރައީސްކަމުގެ މަގާމުގައި ހުރެގެން މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތިންފަހަރެއްގެ މަތިން މިރަށަށް އައުމުގެ އުފާވެރި ފުރުޞަތު އަޅުގަނޑަށް ވަނީ ލިބިފައި. އެންމެފަހުން އާދެވުނީ 1983 ވަނަ އަހަރުގައި ކަމަށްވިޔަސް، އަޅުގަނޑަކީ އަބަދުވެސް ރާއްޖެތެރޭގެ ކަންތައްތައް ވަމުންދާގޮތް ބަލަމުންގެންދާ މީހެއް. އެއީ އަޅުގަނޑުގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، އެކަން ކޮށްމެހެން ކުރަންޖެހޭތީ. އެހެންވީމާ، ރާއްޖެތެރޭގެ ރަށަކަށް ޒިޔާރަތްނުކޮށް ގިނަދުވަސްތަކެއް ވޭތުވެގެންދިޔަޔަސް، އޭގެ މާނައަކީ އެރަށެއްގެ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑު އިސްކަންނުދެނީޔަކީ ނޫން. ޙަޤީޤަތުގައި ރާއްޖެތެރޭގެ ކަންތައްތަކަށް ވަރަށްބޮޑު އިސްކަމެއް ދެވޭތޯ އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަން. އާދެ، އަޅުގަނޑު މިރަށަށް އައި ކޮންމެ ފަހަރަކުވެސް މިރަށުގެ ރައްޔިތުން އަޅުގަނޑަށް ވަރަށްހޫނު މަރުޙަބާއެއް ވިދާޅުވެފައިވޭ. އެހެންކަމުން، މިފުރުޞަތުގައި އެކަންވެސް ހަނދާންކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ކުރެންދުއަކީ މަސައްކަތްތެރި ރަށެއް. މިރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، މަސްވެރިކަން ކުރުމާއި، އެކި ބާވަތްބާވަތުގެ ގަސް އިންދުމާއި، ތެދުއުއިވަޑާންކުރުމާއި، ކިއްސަރުވަޑާން ކުރުން ހިމެނޭ. މަސްވެރިކަމަށް އެކި ދުވަސްވަރު އަންނަ އެކިއެކި ބަދަލުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުން މަސްވެރިކަމާބެހޭ މަސައްކަތް ކުރައްވަމުން ގެންދަވަނިއްޔަކީ އަބަދު އެއްގޮތަކަށްނޫން. އެކިދުވަސްވަރު އެކިބަދަލު އެކަމަށް އާދޭ. އެޔަކު އެއްވެސް މައްސަލައެއް ނެތް. އެބަޔަކަށް އެންމެ ރަނގަޅު މަސްވެރިކަމެއް އެބަޔަކު ކުރުމުން، އެބަޔަކަށް ލިބޭ އާމްދަނީ އިތުރުވެ، ޤައުމުގެ އިޤްތިޞާދަށްވެސް އޭގެ ފައިދާކުރާނެ. އެހެންނަމަވެސް، މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ މަސައްކަތްތައް އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދިޔުމަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ކަމެއް. މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ބައެއް ޙިއްޞާކުރާކަމެއް. އެހެންވީމާ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދޭ. ވަރަށްގިނަ މަޝްރޫޢުތައް ރާވައި، ބޮޑެތި ޚަރަދުތަކެއް ކޮށްގެން އެކަންތައްތައް ހިންގަމުން އެބަގެންދޭ. ހަމައެފަދައިން، ރައްޔިތުން އެކަމަށް ދެއްވާ ތަރުޙީބުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. ވެރިންނާއި ރައްޔިތުންނާ ގުޅިގެން ނޫނީ އެއްވެސް ކަމެއް ކާމިޔާބެއްނުވާނެ. އެހެންވީމާ، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފައިދާ ޤައުމަށްވެސް އަދި އެކަމެއް ކުރާ ބަޔަކަށްވެސް ލިބޭނީ، އެބައެއްގެ ޙިއްޞާވެސް އެކަށީގެންވާގޮތެއްގައި އެކަމެއްގެތެރޭގައި ހިމެނިގެން ގޮސްގެން.

އާދެ، ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއްނެތި ރާއްޖެތެރޭގައި ކުރެވެމުން އެބަދޭ. ކޮންމެ ރަށެއްގައިވެސް ސަރުކާރުން ހިންގާ ކަންތައްތަކެއް އެބަހުރި. މިރަށުގައިވެސް ސަރުކާރުގެ އެހީގައި މީގެކުރިން ކުރެވިފައިވާ ކަންތައްތަކެއް އެބަހުރި. އާދެ، އަޅުގަނޑުމެން މި ޖަލްސާކުރާ މަދަރުސާ އެއީވެސް ބޭރުގެ އެހީއެއް ލިބިގެންނަމަވެސް، ސަރުކާރު މެދުވެރިވެގެން މިރަށުގައި ޢިމާރާތް ކުރެވިފައިވާ ތަނެއް. ތަޢުލީމަކީ ޝައްކެއްނެތްގޮތުގައި، ކުރިއެރުމުގެ ބިންގާ. އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ އެންމެ ފުރަތަމަ އެކަށީގެންވާ މިންވަރަކަށް ތަޢުލީމު ޙާޞިލްކޮށްގެން. ރާއްޖެތެރޭގައި ހިނގާ، ސަރުކާރުގެ ސްކޫލްތަކުގެ ކިޔެވުން އެއްދުވަހުން އަނެއްދުވަހަށް ދަނީ ތަރައްޤީވަމުން. ހަމައެހެންމެ، އަމިއްލަ މަދަރުސާތަކުގެ ކިޔެވުންވެސް ދަނީ ކުރިއަށް. ރާއްޖޭގެ ތަޢުލީމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މައްޗަށްދާ ދިޔުމުގައި، ރާއްޖެތެރޭގައިވެސް މިހާރު ޘާނަވީ ފެންވަރަށް ކިޔަވައިދެވޭ ތަންތަން އެބަހުރި. މިރަށުގައިވެސް މިހާރު ގްރޭޑް 8ގެ ފެންވަރަށް ކިޔަވައިދެމުންދާ ކަމުގެ މަޢުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި.

އާދެ، އަޅުގަނޑުމެންގެ ދަރިންނާއި ޒުވާނުން ތަޢުލީމަށް ލޯބިކުރުމަކީ، އަދި ރަނގަޅުގޮތެއްގައި އެ ކުދިން ތަރުބިޔަތުވެގެން ދިޔުމަކީ، މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން މި ކުރާ އުންމީދުތައް ޙާޞިލްވުމަށް އެޅޭނެ ވަރަށްބޮޑު ބާރެއް. އެހެންކަމުން، މިރަށުގެ ރައްޔިތުންވެސް ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން އަޅުގަނޑަށްވަނީ އެނގިފައި. އެކަން އެގޮތުގައި ކުރިއަށް ގެންދެވުމަކީ، ވަރަށް މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން. އަދި މިރަށުގެ އެކިއެކި ދަރިވަރުންނަކީ، އެކި ރޮނގުރޮނގުން ތަޢުލީމު ޙާޞިލްކުރުމުގައި އެކަށީގެންވާ ކާމިޔާބީތަކެއް ހޯދާ ބައެއްކަންވެސް އަޅުގަނޑަށް އެނގޭ. އާދެ، އަޅުގަނޑު މިހެން މި ދަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގައި މިހާތަނަށް ރާއްޖެއިން ބޭރަށްދިޔަ ކުދިންގެތެރެއިން، އެއްކުއްޖަކީ ކުރެންދޫގެ ކުއްޖަކަށްވާތީ. އޭނާ ތަޢުލީމު ޙާޞިލްކޮށް ނިމިގެން އައިސް، މިހާރު ސަރުކާރުގެ މުހިންމު ދާއިރާއެއްގައި ސަރުކާރަށް ޚިދުމަތް ކުރަމުން އެބަގެންދޭ. އަދި ކުރެންދޫގެ ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތަކީވެސް ހަމަ، ވަރަށް ފަސޭހައިން ފެންނަންހުރި ކަމެއް. އެހެންވީމާ ކުރެންދުއަކީ މިގޮތުންވެސް އަޅުގަނޑު ހަނދާންކޮށްލަން ބޭނުންވާ ރަށެއް.

އާދެ، މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ، ވަރަށްބޮޑު ދަތިކަމެއްގެ ވާހަކަޔަށްވެސް އިޝާރާތްކޮށްލުމަކީ ނެތްކަމެއްނޫން. މިރަށުގެ ފަޅުގެ ދަތިކަމާއި، ރަށް ގިރުމާ، މިކަންކަމަކީ ރަށަށް ކުރިމަތިވެފައިވާ، ވަރަށްބޮޑެތި ދަތި ކަންތައްތަކެއް. ތަރައްޤީއަށް އެޅޭ، ވަރަށްބޮޑު ހުރަހެއް. އެކަމާ ގުޅިގެން މިރަށުގެ ވަފްދެއް މާލެގޮސް، މިދިޔަ އަހަރުގެތެރޭގައި ވަނީ އަޅުގަނޑާ ބައްދަލުކޮށްފައި. ރަށަށް ދިމާވެފައިވާ ކަންތައްތަކުގެ ވާހަކަ، އެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އަޅުގަނޑަށް ވިދާޅުވެދެއްވި. އަދި އެނޫން ގޮތްގޮތުންވެސް، ސަރުކާރުގެ ދާއިރާއިންވެސް އަޅުގަނޑަށް އެކަން އޮތީ އެނގިފައި. އާދެ، މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނޭ ފަދައިން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އާދެ، 1997 ވަނަ އަހަރު ރާއްޖެތެރޭގައި ފަޅު ފުންކުރެވޭ ރަށްތަކުގެތެރޭގައި ކުރެންދޫ ވަނީ ހިމެނިފައި.

ތަރައްޤީގެ މަގުގައި ކުރަމުންދާ މަސައްކަތްތައް އެދެވޭ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނީ އަދި އެކަމުން އަޅުގަނޑުމެން އެންމެން އުންމީދުކުރާ ފައިދާ ޙާޞިލްކުރެވޭނީ، ވަރަށް ގިނަ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއި އެކުވެރިކަން އެކަމެއްގައި ހިމެނިގެން. އާދެ، ސަރުކާރުން މަޝްރޫޢެއް ރޭވިކަމުގައިވިޔަސް އަދި އެކަމަށް ފައިސާ ހޭދަކުރާނެ ގޮތްތައް ހޯދައިދިނުން ކަމުގައިވިޔަސް، ރައްޔިތުން ސަރުކާރާ އެއްބާރުލައިގެން މަސައްކަތްކޮށްގެން ނޫނީ އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. އެއީ އަޅުގަނޑުހިތުން އެކަމާދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކަންޖެހޭކަމެއް ނޫން. ކޮންމެކަމެއްގެވެސް، ކާމިޔާބީ އޮންނަނީ، މީހުން ގުޅިގެން މަސައްކަތް ކުރުމުގައި. ރައްޔިތުންގެ ތެރޭގަޔާއި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކޮށް ކުރިއަށް ގެންގޮސްގެން. ހަމައެފަދައިން، ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައި އޮންނަ ގުޅުންވެސް ހަރުދަނާކޮށް، ބަދަހިކޮށްގެން. މިނޫންގޮތެއްގައި ކިތަންމެ ކުޑަ މުޖުތަމަޢެއްގައިވެސް އަދި ކިތަންމެ ބޮޑު މުޖުތަމަޢެއްގައިވެސް އެއްވެސް ކަމެއް ކާމިޔާބީއަކާ ހަމަޔަކަށް ގެންދެވިފައެއް ނޯންނާނެ. އެއްވެސް ފައިދާއެއް ލިބެނިވި މަސައްކަތެއް ކުރެވިފައެއް ނޯންނާނެ. އާދެ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖެ މިހާރު ދެކެމުންމިދާ ކުރިއެރުމުގެ ޙަޤީޤީ އަޞްލަކީވެސް އެއީ. އާދެ، ރައްޔިތުންނާއި ސަރުކާރާ ގުޅިގެން އަދި ރަށްރަށުގެ ރައްޔިތުންނާއި ވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާކަން. އެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މިގެންދަނީ މާތްވެގެންވާ އިސްލާމްދީން އަންގާ ގޮތުގެމަތިން.

އާދެ، އަޅުގަނޑުގެ ވާހަކައަކީ، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކާމިޔާބުވާނީ ރައްޔިތުންނާއި ވެރިންނާ ގުޅިގެން މަސައްކަތްކުރީމައޭ، އަދި ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަމާއި އެއްބާރުލުން އޮވެގެންނޭ. މިއީ އަޅުގަނޑު ދަންނަވަން ބޭނުންވެގެން މިއުޅޭ ވާހަކައަކީ. އަޅުގަނޑުމެންނަކީ ކޮންބައެއްތޯ؟ އަޅުގަނޑުމެންނަކީ މުސްލިމުން. މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މީހުން. އަޅުގަނޑުމެންގެ ގުޅުންތައް ހުންނަންވީގޮތް ވަނީ ދީނުގައި އަންގަވާފައި. އެއީ ރަޙްމަތްތެރިކަން، އެކުވެރިކަން، އެއްބާރުލުން، އެކަކު އަނެކަކަށް ހެޔޮއެދުން، އެކަކު އަނެކަކަށް އެހީތެރިވުން، އިޙްސާންތެރިވުން. މިއީ މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ މެދުގައި، މުސްލިމުންގެ މެދުގައި އޮންނަންވާ ގުޅުން ބިނާވެގެންވާ އަޞްލުތަކެއްކަމުގައި އަންގަވާފައި ވަނީ. އެހެންވީމާ، އެއީ ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ވާނޭ ކަމެއްނޫން.

ދިރިއުޅުމުގެ ތެރޭގައި ތަފާތު މައްސަލަތައް ދިމާވާނެ. އެއް ޢާއިލާއެއްގެ ތެރޭގައިވެސް ޚިޔާލު ތަފާތުވުން އުފެދުމަކީ ވަމުންދާކަމެއް. އެހެންނަމަވެސް، އެއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެން އަމިއްލައަށް ޙައްލުކޮށްފިއްޔާ އެއީ ބޮޑު މައްސަލައަކަށްނުވެ ނިމިގެން ހިނގައިދާނެ. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހޭނީ، އަޅުގަނޑުމެންނަކީ އިންސާނުން ކަމަށްވީތީ، އަޅުގަނޑުމެންގެ މެދުގައި ބައެއްކަހަލަ ކުދިކުދި ކަންތައްތައް، މައްސަލަތައް އުފެދިގެންދިޔަކަމުގައިވިޔަސް، އެކަން ހުއްޓުވުމަށް ބާރުއެޅުމަށް. ކޮންމެ މީހަކުވެސް، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށް. ރަށުގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަކީ ވަކިމީހެއްގެ ކަމެއްނޫން. އެއީ އެންމެންގެ ކަމެއް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް. ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި، އެމީހެއްގެ ކަންތައްތަކުގައި އެހެން މީހުންނާ އެކުވެރި ގުޅުން ބަހައްޓަމުން ގެންދާނަމަ، މުޅި ރަށުތެރޭގައިވެސް އޮންނާނީ ހަމަޖެހުމާއި އެއްބާރުލުން. އޭރުން އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގެ ހެޔޮނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންދާނީ. އެހެންކަމުން، މިހާރުވެސް އަދި ކުރިއަށް އޮތްތާނގައިވެސް، މި ނުކުތާއަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާން ޖެހޭނެކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަން އިތުރަށް ބަދަހިކޮށް، އާލާކޮށް، ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައިވެސް އަދި އެހެން ގުޅުންތަކުގައިވެސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެމަތިން އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ ރޫޙު ބަދަހިކުރަމުން ގެންދިޔުން. އެގޮތުގެމަތިން އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާނެ. އަދި އެކަމުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެންނަމުންދާނެ.

އާދެ، މިއަދުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން، މިރަށުގައިވެސް މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށް ނެތް. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ގަސްތުކުރަން. ނިންމާލަމުންވެސް، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ފެނުނު އުފާވެރި މަންޒަރުތަކަށްޓަކައި އަދި ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، މި އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ރަފީޤުވެސް މިކަމުގައި ބައިވެރިވެވަޑައިގެންދެއްވައި، އޭނާވެސް ކުރައްވައިފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އަތޮޅުވެރިޔާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް ދީނުގައިވާ އުސޫލުތަކުގެމަތިން، އެކަން ކުރުމުގެ ވާގިވެރިކަން އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމާއި، އެކުވެރިކަމާއި، އެއްބަނޑު އެއްބަފާކަމުގެ ރޫޙު އާލާކުރުމުގައި އެކަލާނގެ މިންވަރުފުޅާއި ތައުފީޤު އަޅުގަނޑުމެންނާ އެކުގައި ވެގެންދިޔުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށާއި، ޢާއިލާތަކަށާއި އަދި މުޅި ރާއްޖެއަށް އެކަލާނގެ ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.