بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

މިއަދު މި ފެށޭ ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. ތިޔަކުދިންނަށް ދެންމެ އިވިގެން އެދިޔަ ފަދައިން، ފަތަން ދަތުމަކީ ކޮންމެ ދިވެއްސަކަށް ވަރަށް މުހިންމު ކަމެއް. ޙަޤީޤަތުގައި ފުރާނަ ސަލާމަތްކުރުމަށްޓަކައިވެސް ބޭނުންވާ ކަމެއް، ފަތަންދަތުން އެއީ. ޚާއްޞަކޮށް ރާއްޖެކަހަލަ، ރަށްތަކުގެ ވަށައިގެން ކަނޑު އޮންނަ، އަދި އެއްރަށަކުން އަނެއްރަށަކަށް ކަނޑު ހުރަސްކޮށް ދަތުރުކުރަން ޖެހިފައިވާ ޤައުމެއްގައި ދިރިއުޅޭ ބަޔަކަށް، ފަތަން ދަތުމުގެ މުހިންމުކަން ތިޔަ ހުރިހާ ކުދިންނަށްވެސް ވަރަށް ރަނގަޅަށް ވިސްނޭނެ. އޭގެއިތުރުން، ފެތުމަކީ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި އަދި ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ވަރަށް ބޭނުން ކަސްރަތެއް. ހަމައެހެންމެ، އެއީ ވަރަށް މަޖާ ކުޅިވަރެއް. އަދި ޚަރަދުގެގޮތުން ބަލާއިރުވެސް ވަރަށް ޚަރަދު ކުޑަ ކުޅިވަރެއް. ފެތުމަށް ކުޅިވަރެކޭ ކިޔުނުކަމުގައިވިޔަސް ޙަޤީޤަތުގައި އެއީ ކުޅިވަރެއްނޫން. އެއީ އެއަށްވުރެ މާ މުހިންމު ހުނަރުވެރިކަމެއް. ކުރިންވެސް އިޝާރާތްކުރި ފަދައިން، މިފަދަ ޤައުމެއްގައި ދިރިއުޅޭ އަހަރެމެންފަދަ ބަޔަކަށް، ފަތަންދަތުމަކީ އެބައިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްވެސް ހަމަ ކޮންމެހެން ބޭނުންވާ ކަމެއް. އަދި ޚަރަދުގެ ގޮތުން ބަލާއިރުވެސް ވަރަށް ކުޑަކުޑަ ޚަރަދެއް ހިނގާކަމެއް އެއީ.

އެހެންވީމާ، މިއަދު ސަރުކާރުގެ ތަފާތު ފަރާތްތައް ގުޅިގެން، ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި އެން.އެސް.އެސް. އަދި ދިވެހިރާއްޖޭގެ، ފެތުމާއި ކަނޑުގެ ނުވަތަ މޫދުގެ ކުޅިވަރުތަކާބެހޭ ޖަމްޢިއްޔާއާއި އަދި ރާއްޖޭގެ ތަފާތު ސްކޫލްތަކާއި، ސްކޫލްތަކުގެ ހިންގުންތެރިންނާއި، މުދައްރިސުންނާއި ބެލެނިވެރިންނާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން ހިންގާ، ވަރަށް ޚާއްޞަ ޕްރޮގްރާމެއް މިއަދު މި ފެށެނީ.

"ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" އެއީ ވަރަށް މުހިންމު ޕްރޮގްރާމަކަށް ދެވިފައިވާ ނަމެއް. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ، ދެންމެ ދިވެހިރާއްޖޭގެ، ފެތުމާއި މޫދުގެ ނުވަތަ ކަނޑުގެ ކުޅިވަރުތަކާބެހޭ ޖަމްޢިއްޔާގެ ރައީސް އެ ވިދާޅުވިފަދައިން، އިބްތިދާއީ މަދަރުސާތަކުގައި ކިޔަވާކުދިންނަށް ޚާއްޞަކުރެވިފައިވާ ޕްރޮގްރާމެއް، އެ ކުދިންނަށް އަމާޒުކުރެވިފައިވަނީ. ކުރިއަށް އޮތް ހަތަރު އަހަރުދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ގްރޭޑް 5 ނިންމާ ކުދިންގެތެރެއިން ސަތޭކަޔަކުން ފަންސާސް ކުދިންނަށް، ފަތަން ދަސްކޮށްދެވޭނެ. މިކަމުގެ މުހިންމުކަން ބޮޑުކަމުން މި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް އެ ކުރައްވަނީ. އެހެންކަމާއެކު، މިއަދުގެ މި މުހިންމު ޕްރޮގްރާމް ފަށައިދިނުމަކީ އަޅުގަނޑަށް ލިބޭ، ވަރަށް ޚާއްޞަ އުފަލެއްކަމުގައި ދަންނަވަން. އަދި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމުގައި، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" މި ޕްރޮގްރާމް ރާއްވަވައި ހިންގަވާ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ، ވަރަށް ޚާއްޞަ އުފަލެއް. އޭގެތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޚާއްޞަކޮށް، އެ މިނިސްޓްރީގެ މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ލަޠީފަށް ޝުކުރު ދެންނެވުމަކީ ވަރަށްބޮޑު އުފަލެއްކަމުގައި ދެކެން. އެއީ އެމަނިކުފާނު މިކަމަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަން އަޅުގަނޑަށް ވަޒަންކުރެވޭތީ. ހަމައެއާއެކުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ ފަރާތުން މިކަމަށް ތައްޔާރުވުމުގައި އަދި މާލޭގައި ދިރިއުޅޭ މީހުންނަށް، ފެތުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްތަކުގެ މަތިން ހަނދާންކޮށް، އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް ޢުމަރު ޒާހިރަށްވެސް އަދި އެ މިނިސްޓްރީގެ އެހެން ވެރިންނަށްވެސް ޝުކުރު ދަންނަވަން. މީގެ އިތުރުން، މި ޕްރޮގްރާމް ޢަމަލީގޮތުން ހިންގެވުމުގައި ބައިވެރިވެވަޑައިގަންނަވާ އެން.އެސް.އެސް.ގެ ވެރިންނަށާއި އަދި ދިވެހިރާއްޖޭގެ، ފެތުމާއި ކަނޑުގެ ނުވަތަ މޫދުގެ ކުޅިވަރުތަކާ ބެހޭ ޖަމްޢިއްޔާގެ ރައީސަށާއި މެންބަރުންނަށްވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑު މިތަނަށް އައިސް މި ހުއްޓުނު ހުއްޓުމުން، ކުރިމަތިން ފެނިގެންދާ މަންޒަރުތަކުގެ ތެރޭގައި، މިކަމާ ވަރަށް އެކަށީގެންވާ ކުރެހުންތަކާއި، އެކިއެކި ޝިޢާރުތައް ހުރިކަން އަޅުގަނޑު ފާހަގަކުރަން. އެއިން ދައްކާ އެއްޗަކީ ތިޔަކުދިންގެ ހިތްތަކުގައި، ފަތަން ދަސްކުރުމަށް އޮތް ޝައުޤުވެރިކަމުގެ ބޮޑުކަން. އަދި ތިޔަކުދިންނަށްވެސް ފެތުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ވަޒަންކުރެވޭކަން. ޚާއްޞަކޮށް، އަޅުގަނޑުގެ ކުރިމަތީގައި ފެންނަންހުރި އެކިއެކި ކުރެހުންތަކާއި، އޭގައި ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު، މިހިރަ ލިޔުން، އާދެ، "ބީ އަ މޯލްޑިވިއަން، ލަރން ޓު ސްވިމް" "ދިވެއްސަކަށްވާށޭ! ފަތަން ދަސްކުރާށޭ!". އަޅުގަނޑުހިތުން އެއީ ވަރަށް އެކަށީގެންވާ އަދި އަޅުގަނޑުމެންގެ މަޤްޞަދު ވަރަށް ރަނގަޅަށް ޙާޞިލްވާ ލިޔުމެއް ނުވަތަ ޝިޢާރެއް. ދިވެހިންނާއި ފެތުމާ ދޭތެރޭގައި ހުރި ގުޅުން، އެ ޝިޢާރުން ދައްކައިދެނީ. ދިވެއްސަކަށްވާ ކޮންމެ މީހަކީ ނުވަތަ ކޮންމެ ދިވެއްސަކީ ފަތަން ދަންނަ މީހަކަށް ވާންޖެހޭނެކަން އެއިން އަޅުގަނޑުމެންނަށް އަންގައިދެނީ. އާދެ، އެއީ، ޝައްކެއްނެތްގޮތުގައި ވަރަށްބޮޑު ޙަޤީޤަތެއް. ވަރަށްބޮޑު ތެދެއް.

އާދެ، އަޅުގަނޑުވެސް މިތާނގައި މާގިނަ ވާހަކަތަކެއް ދައްކާކަށްނެތިން. ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ ގޮތުން ތިޔަކުދިންނާ މުޚާޠަބުކޮށް މިދެއްކި ކުރު ވާހަކަކޮޅަށްފަހުގައި، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން އަދި އެކަލާނގެ ވާގިފުޅަށް އެދި "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" މި ޕްރޮގްރާމް ފަށައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑު ލިބިގަންނަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.