އަޙްމަދު ޒާހިރު (ހިރިގާ ޒާހިރު) - ހަވީރުނޫސް:
ރާއްޖެތެރޭގެ ހިންގުމުގެ ނިޒާމަށް އުސޫލީ ބަދަލުތަކެއް ގެންނަވަން ޚިޔާލުފުޅު ކުރައްވަމުތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
ތިއީ މި ދަތުރާ ގުޅޭ ސުވާލެއް ނޫނެއްނޫންތޯ؟
އަޙްމަދު ޒާހިރު (ހިރިގާ ޒާހިރު) - ހަވީރުނޫސް:
ދެން ރާއްޖެތެރެއާ ބޮޑަށް ގުޅޭތީ.
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
ދެން ރާއްޖޭގެ ހުރިހާ ކަމަކަށްވެސް ޒަމާނާ އެކަށީގެންވާ ބަދަލު އަންނަންޖެހޭނެ. އެހެންނޫންތޯ؟ އެކަމަކު އުސޫލީ ބަދަލަކީ ކިހާވަރެއްގެ ބަދަލެއްކަމެއް އަދި އަޅުގަނޑަކަށް ނުވިސްނޭ އިނގޭތޯ، ތިކުރެއްވި ސުވާލުން. އެއީ މިހާރު ހިނގަމުންދާ އުސޫލުވެސް، އުސޫލެއްގެ ގޮތުން ގޯހެއްނޫން. އެހެންނަމަވެސް، އަބަދުވެސް، ޒަމާނާ އެކަށީގެންވާ ގޮތުން ބަދަލު ގެންނަންޖެހޭ. ޚާއްޞަކޮށް، އެކި ކަންކަމަށް މީހުން ތަމްރީނުކޮށް، އެމީހުންނަށް އެކަމާބެހޭ މަޢުލޫމާތާއި ތަޖުރިބާ ލިބުނީމާ، އެމީހުން ހަރަކާތްތެރިވާންޖެހޭ ދާއިރާތައް ހަމަޖެހިފައި އޮންނަންޖެހޭ. އެގޮތުން ރާއްޖެތެރެއަށްވެސް އަދި މާލޭގެ ކަންކަމަށްވެސް އަންނަންޖެހޭ ބަދަލުތައް އަންނަންޖެހޭނެ. އެހެންނޫންތޯ؟
އަލީ ޢަބްދުﷲ - ދިވެހިރާއްޖޭގެ އަޑު:
އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮންނަގޮތުން، އާބާދީގެ މައްސަލަތަކާ ގުޅިގެން، މިރަށުގައި މިހިރަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒުގައި މިތިބަ ކުދިންގެ ގިނަބަޔަކީ، މިބާވަތުގެ މައްސަލަތަކުގައި އަންނަ ކުދިން. ދެން ޢާއިލާ ބަދަހިކުރުމާބެހޭ، ޤައުމީ ޖަލްސާއަކަށް އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ. ގާތްގަނޑަކަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެ ޖަލްސާ ފެށިދާނެ. ދެން މިއަދު މިތަނަށް ވަޑައިގެން، މިކުދިންނާ ބައްދަލުވުމުން، ކޮންކަހަލަ ޝުޢޫރުތަކެއް ހިތްޕުޅަށްވެރިވެވަޑައިގެންނެވިތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
މިއަދަކު އެކަންޏެއްނޫން އިނގޭތޯ. ކުޑަކުދިންނާ ބެހޭގޮތުން އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނަނީ ވަރަށް ޚާއްޞަ ޝުޢޫރުތަކެއް. ކުޑަކުދިންނަކީ ރާއްޖޭގެ މުސްތަޤްބަލް. ކުޑަކުދިންނަށް ބޭނުންވާގޮތްތައް ހަމަޖެހިފައި ހުންނަންޖެހޭނެ. ކުޑަކުދިންނަށް ތަޢުލީމު ޙާޞިލްކޮށްދެވޭނެ ގޮތާއި، އެކުދިން ހެޔޮގޮތުގައި ތަރުބިޔަތުކުރެވޭނެ ގޮތާއި، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އެހީތެރިކަން ކުދިންނަށް ލިބޭނެގޮތާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް ކުޑަކުދިންނަށް އެ ދޭންޖެހޭ ސަމާލުކަން ދިނުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ، މިހުރިހާ ކަމަކީ އަބަދުވެސް އެކަން އަޅުގަނޑުގެ ހިތުގައި އޮންނަ ކަންތައްތަކެއް. އަދި އެކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދިޔުމަށް މަސައްކަތްކުރާ ކަންތައްތަކެއް. ދެން ކުޑަކުދިން މިކަހަލަ މަރްކަޒަކަށް ބޭނުންވާކަން އެއީ، އޭގެ ޒާތުގައިވެސް މާ ހިތްހަމަޖެހޭ ކަމެއްނޫން. އެއީ އެކުދިންގެ މައިންބަފައިންނަށް، އެކުދިން ބަލަންވީވަރަށް ނުބެލިގެން، ނޫނީވިއްޔާ މައިންބަފައިން ނެތިގެން ކުޑަކުދިން ގޯޅިއަޅަނީ. އެހެންވީމާ، އެކަހަލަ ކުދިން ސަރުކާރުގެ ބެލުމުގެދަށަށް ގެނެސް، އެކުދިންނަށް އެކި ކަންތައްތައް ދަސްކޮށްދީ، އެކުދިންނަކީވެސް ބޮޑެތިވީމާ، އެކުދިންގެ އަމިއްލަ ޢާއިލާތަކަށްވެސް އަދި ޤައުމަށްވެސް ފައިދާކުރާނެ ބައެއްކަމަށް ހެދުމަށް، ކުރަންޖެހޭ މަސައްކަތް އެއީ ވަރަށް މުހިންމު މަސައްކަތެއް.
މިއަދު އަޅުގަނޑު ހިތަށްއެރީވެސް ހަމަ އެކަން ކުރިއަށް ގެންދަންޖެހޭނެޔޭ. ދެން، ދެންމެ އަޅުގަނޑު މާފުށީގެ ކޮމިޓީތަކުގެ މެންބަރުންނާއި އަދި ވެރިންނާ ބައްދަލުކޮށްފައި ދެއްކި ވާހަކައިގައި ދެންނެވި ގޮތަށް، މިތަންވެސް އިތުރަށް ތަރައްޤީކޮށް، ހަރުދަނާކުރަން ޖެހިފައި މިއޮތީ. އަޅުގަނޑު މިއަދު މިއައި އެއް ބޭނުމަކީވެސް އެއީ. އެތަން ބަލައިލާފައި އިތުރަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ކަންތައްތަކެއް ރޭވުން. ދެން މިއަދު އަޅުގަނޑުމެންނާ އެކީގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަޑައިގެން ނެތްކަން ދެރަ. ކުއްލިއަކަށް، މިދަތުރު ހަމަޖެހިގެން މިދިޔައީ. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިނިސްޓަރުވެސް މިކަމާ ވަރަށް ޚިޔާލުކުރައްވާކަން. މިތަން އިތުރަށް އިޞްލާޙުކުރައްވައި ތަރައްޤީކުރައްވަން ރޭވުންތަކެއް އެބަ ރާއްވަވާކަން. އެހެންވީމާ، މިތަން އަޅުގަނޑުގެ އަމިއްލަ ލޮލަށް މިއަދު ފެނުނީމާ، މިތަނަށް ބޭނުންވެފައިވާ ކަންތައްތައް އަޅުގަނޑަށް އެބަ އިޙްސާސް ކުރެވޭ. އެހެންވީމާ، މިނިސްޓަރު ވަޑައިގަތީމާ، މިނިސްޓަރާވެސް މަޝްވަރާކޮށްފައި، އެކަންތައްތައް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ކުރިއަށްގެންދާނަން.
ޢަލީ ޢަބްދުﷲ - ދިވެހިރާއްޖޭގެ އަޑު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
ރިޕޯޓަރު:
ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެތެރެއަށް ލިބިފައިވާކަން، އެއީ ޙަޤީޤަތެއް. ދެން އަޅުގަނޑުގެ ސުވާލަކީ، ކުރިއަށްމިދާ ދުވަސްތަކުގައި، މިހާރު ފަހަކަށްއައިސް އެކަށީގެންވާ މަޞްލަޙަތު ހަމަނުޖެހުމާއި، ރައްޔިތުންގެ ޚިޔާލުތަފާތުވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތް ހުއްޓުމާއި، މިކަހަލަ ކަންތައް ދިމާވޭ. އަދި ޚާއްޞަކޮށް، ފަހަކަށްއައިސް އަޅުގަނޑު ދަންނަވާނީ، މާލެއަތޮޅުގެ ރަށްތަކުގައި މިހެންވެގެން އެބަދެއޭ. މަނިކުފާނު ތި ޒިޔާރަތް ކުރެއްވި ގުރައިދޫގައިވެސް ވަނީ މިކަމުގެ ވަރަށްބޮޑު ކަންތައްގަނޑެއް ހިނގާފައި. އަދި ދެން ވަޑައިގަންނަވަން އޮތް ގުޅީގައިވެސް އޮތީ މިކަހަލަ މައްސަލަގަނޑެއް ހިނގާފައި. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މިކަހަލަ ކަންތައް ޙައްލުކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވަނީ ކޮންކަހަލަ ސިޔާސަތެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މީހުން އެކުވެރިކޮށް، އެންމެންނަކީ އެއްވެސް ތަފާތެއްނެތި، އެބަޔަކު އެ ދިރިއުޅޭ ރަށެއްގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތް. އެއީ، ކުރިންވެސް އެ މަސައްކަތް މިކުރަނީ. ދެން އަޅުގަނޑު ވަރަށް ކުރިއްސުރެ އެބަ ބުނަން، އަޅުގަނޑުމެން، ރަށްރަށްވެސް އެކި އަވަށްއަވަށަށް ބެހިގެން، އެގޮތަށް އެންމެން ތަޢާރުފްވެގެން ތިބުމަކީ ރަނގަޅު ކަމެއް ނޫނޭ. ގުރައިދޫގައިވެސް އެމައްސަލަ ނުކުމެގެން އެއުޅެނީ. ދެރަށްވެސް ބެހިފައި އޮންނަނީ ދެ އަވަށަކަށް. އެހެންވީމާ، ދެ އަވަށުގެ ދެމެދުގައި އޮންނަ ދެބަސްވުންތަކެއް ނުވަތަ ހަމަނުޖެހުންތަކެއް އުފެދިގެން މިއުޅެނީ. އެހެންނަމަވެސް، އިރާދަކުރެއްވީތީ މިހާރު ވަރަށް ބޮޑު ހަމަޖެހުމަކަށް އައިސްފައި އެއޮތީ. ދެން ޢާންމުކޮށް ދަންނަވަންޏާ، އެކަހަލަ ކަންތައްތައް އެ އުފެދެނީ، ދެން ބައެއްކަހަލަ ކަންތައްތައް ރަށުގައި ހުންނަގޮތުން. އެހެންވީމާ، އޭގެ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ރަނގަޅުކުރަން މަސައްކަތްކުރުން އެއީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ.
ދެން މިއަދު އަޅުގަނޑު ގުރައިދުއަށް ގޮސް ރަށުގެ ކޮމިޓީތަކުގެ މެންބަރުންނާއި އަދި ވެރިންނާއި ސަރުކާރު މުވައްޒަފުންނާ ބައްދަލުކޮށް މިދެއްކި ވާހަކައިގައިވެސް އަޅުގަނޑު ބާރުއެޅީ އެންމެން އެކުވެގެން މަސައްކަތްކުރަމުން ގެންދިޔުމަށް. އަދި އަޅުގަނޑު ވަރަށް އުފާވި، އޭގެތެރެއިން ބައެއް ބޭފުޅުން ފާޅުކުރެއްވި ޚިޔާލުގައި، އެންމެން އެކަތިގަނޑަކަށްވެގެން، މިސާލަކަށް، އެއް ސްކޫލް ހުރެގެން، ހުރިހާ ކުދިންނަށް އެއް ސްކޫލަކުން ކިޔަވައިދޭ ގޮތަށް. ބޯޅަދަނޑުވެސް، އެއްދަނޑު އޮވެގެން، އެ ދަނޑުން އެންމެންނަށް އެ ލިބެންޖެހޭ ފަސޭހަތައް ލިބޭގޮތަށް އޮތުމަކީ، އެމީހުންވެސް ތަރުޙީބުދޭ ކަމެއްގެ ގޮތުގައި ކޮންމެވެސް އެއްބޭފުޅަކު ވިދާޅުވި. އަޅުގަނޑުހިތުން އެގޮތަށް މަސައްކަތްކޮށްގެން އެކަން ރަނގަޅުވާނީ. އަޅުގަނޑުމެންގެ މި ރަށްތައް ވަރަށް ކުދި، ދެން އަވަށްތަކަކަށް ބެހިގެން، ކޮންމެ އަވަށެއް އެއީ، ވަކި އަވަށެއްގެ ގޮތުގައި އަމިއްލައަށް މަސައްކަތްކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައް، އޭގެ ފައިދާއެއް ނެތްގޮތެއްގައި ބޭކާރުވެގެންދާ ކަމެއް. އެއާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ ފެށުނީއްސުރެ. ރާއްޖެތެރޭގެ ބައެއް އެހެން ރަށްރަށުގައިވެސް އެކަހަލަ މައްސަލަތައް އެބަހުރި. އެހެންވީމާ، އޭގެ ޙައްލަކަށްވާނީ، އަޅުގަނޑަށް ހީވަނީ ހަމަ، ވީހާބޮޑަކަށް މީހުންނަށް އަންގައިދީގެން، މީހުން އެކުވެރިކުރުވައިގެން، މުޅި ރަށުގެ މަޞްލަޙަތަށްޓަކައި އެންމެން މަސައްކަތްކޮށްގެން ކުރިއަށްގެންދިޔުން. އޭރުން އޭގެ ނަތީޖާއެއް ފެންނާނީ. އެއީ ދެން ސަރުކާރުގެ ސިޔާސަތަކީ.
އަޙްމަދު ޒާހިރު (ހިރިގާ ޒާހިރު) - ހަވީރުނޫސް:
ރާއްޖެތެރޭގެ ކޮމިޓީތައް، އެކި މިނިސްޓަރުން ވަޑައިގެން އުޅުއްވާއިރު، އެކިގޮތަށް އެބަހުރި. ރަށްކުރިއަރުވާ ކޮމިޓީ، އަތޮޅު ކުރިއަރުވާ ކޮމިޓީ ބަދަލުކުރައްވާފައި. ދެން މިހާރު ހަމަޖެއްސިގެން މިދާ އުސޫލުން ކޮމިޓީތަކުގެ، ބައެއް އަތޮޅުތަކުން ކުރިމަތިލާނެ މީހުން ނުވުންވެސް އެބަ ދިމާވޭ. އެހެންވީމާ، މިހާރު އެއޮތް ކޮމިޓީ އުސޫލު އެއީ ރަނގަޅު ގޮތަކަށްތޯ، ނޫނީ މަނިކުފާނަށް ފެނިވަޑައިގަންނަވާތޯ އިޞްލާޙުތަކެއް އެކަމަށް އަންނަންޖެހޭނެ ކަމަށް؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
މިހާރު މިއޮތީ ކޮމިޓީ ހޮވާ އުސޫލަށް ވަރަށް ބޮޑު އިޞްލާޙެއް ގެނެވިފައި. އެހެންނޫންތޯ؟ އެއީ ކުރިން އަބަދުވެސް ވާގޮތަކީ، ހަމައެކަނި ރާއްޖެއަކު ނޫން، އެހެން ތަންތާނގައިވެސް. ކަމެއް ކުރިއަށް ގެންދިޔައިމާ އެނގެނީ އެކަމުގައި ހުރި ނުރަނގަޅު ގޮތްތައް. އިޞްލާޙުކުރަންޖެހޭ ކަންތައްތައް، ތަޖުރިބާކުރީމާ މި އެނގެނީ. އެހެންވީމާ، ކުރިން ތަޖުރިބާ ކުރެވުނު ގޮތްތަކުގައި ނުރަނގަޅު ގޮތްތަކެއް ހުރީމާ، އެ ކަންތައްތައް އިޞްލާޙުކޮށްފައި، މިހާރު އަލަށް ކޮމިޓީތައް އުފެދިފައި މިއޮތީ. މިއީވެސް ރަނގަޅުގޮތެއްކަން އެނގޭނީ ދުވަސްކޮޅެއްވީމާ. އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވަމުންދާ ކަމަށްވަންޏާ، އެއީ ރަނގަޅު ގޮތެއް. އެހެންނޫނީވިއްޔާ ބައެއްކަހަލަ ޢައިބުތައް، އުނި ކަންތައްތައް ހުރިކަމަށް ތަޖުރިބާ ކުރެވިއްޖިއްޔާ ޖެހޭނީ، އެ ކަންތައްތަކެއް އިޞްލާޙުކުރަން. އެއްވެސް ތަނެއްގައި އަޅުގަނޑުހިތުން ނޯންނާނެ ހަމަ ސަތޭކައިންސަތޭކަ ފުރިހަމަ ނިޒާމެއް ކަމަށް މީހުންނަށް ގަބޫލުކުރެވޭ ނިޒާމެއް އުފެދިފައެއް. ނިޒާމެއް އުފައްދާފައި، ދެން ފަހުން ޖެހެނީ އެ ބަދަލުގެންނަން. ބަދަލުގެނެސްގެން އެއްދުވަހުން އަނެއްދުވަހަށް އިޞްލާޙުކޮށްގެން ރަނގަޅުކުރަންޖެހޭނީ. އެގޮތަށް މިކަންވެސް ވާނީ. އަޅުގަނޑުހިތުން ދެން މިހާރު މި އޮތްގޮތް ގޯހެކޭ ދެންނެވޭނެ ތަނެއް އޮތްކަމެއް ނެތްހެން އަޅުގަނޑަށް ހީވަނީ. އެހެންނަމަވެސް، އަދިވެސް ދުވަސްކޮޅެއްވީމާ އެނގޭނީ، މިއީކަން އެންމެ ފައިދާހުރި ގޮތަކީ. ނުވަތަ މިއަށްވެސް އިޞްލާޙުތަކެއް އަންނަން ޖެހިފައިވާކަން އެނގޭނީ ފަހުން.
ޢަލީ ޢަބްދުﷲ - ދިވެހިރާއްޖޭގެ އަޑު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، މި ފުރުޞަތު ދެއްވީތީ.