بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 30 އަހަރު ފުރޭ މިނިވަންދުވަހުގެ ރަސްމިއްޔާތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯ އިފްތިތާޙުކޮށްދިނުމަކީ އަޅުގަނޑަށް ލިބޭ، ވަރަށް މަތިވެރި ޝަރަފަކާއި އުފަލެއް. އަދި މި އުފާވެރި ވާޖިބު އަދާކުރުމަށްޓަކައި އަޅުގަނޑަށް ދަޢުވަތު ދެއްވި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޙައްމަދު ލަޠީފަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެފަދައިން، މިއަދަކީ ރާއްޖޭގައި ފުރަތަމަފަހަރަށް ޤައުމީ ކެޑޭޓް ކޯއެއް އުފެދޭ ދުވަސް ކަމަށްވާތީ، އެ ކެޑޭޓް ކޯ، ކަންދިމާވި ގޮތުން އެމީހެއްގެ ބެލުމުގެ ދަށުން ހިނގާގޮތަށް ހަމަޖެހިފައިވާ، ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރުގެ ހައިސިއްޔަތުންނާއި، މިއަދު ދިވެހި ޤައުމުގެ ކަންތައްތަކާ ޙަވާލުވެހުރި މީހެއްގެ ހައިސިއްޔަތުން، ކެޑޭޓް ކޯގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރަށާއި، ކޮމާންޑިންގ އޮފިސަރަށާއި އަދި ޤައުމީ ކެޑޭޓް ކޯގައި ހިމެނޭ، ކެޑޭޓުން ބައިވެރިކުރެއްވި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި، ހިންގުންތެރިންނަށާއި އަދި ޤައުމީ ކެޑޭޓް ކޯގެ ހުރިހާ ބައިވެރިންނަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

މިއަދުގެ މި އުފާވެރި އަދި ތާރީޚީ ޖަލްސާގައި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުން ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައިވާނެ ފަދައިން، ރާއްޖޭގައި ކެޑޭޓުގެ ހަރަކާތް ހިނގަން ފެށީ މީގެ 50 އަހަރު ކުރިން. އާދެ، 1945 ވަނަ އަހަރުގެ ތެރޭގައި. އެ ދުވަސްވަރަކީ ރާއްޖެއަށް ވަރަށްގިނަ ކަންތައްތަކެއް ތަޢާރުފްވެގެންދިޔަ ދުވަސްވަރެއް. އޭރު ރާއްޖޭގެ ވެރިކަމުގެ ހުންގާނުގައި ހުންނެވި، އޭރުގެ ވަޒީރުއްދާޚިލިއްޔާ، އޭރުގެގޮތުން ކިޔާނަމަ، އައްނަބީލް މުޙައްމަދު އަމީންދީދީ. އެ މަނިކުފާނު ދައުލަތުގެ ކަންތައްތައް ހިންގެވުމުގެ އިތުރަށް، ހުންނެވީ މަޙްކަމަތުލް މަޢާރިފްގެ ވެރިޔާގެ ގޮތުގައިވެސްމެ. އަދި އެމަޤާމުގެ ގޮތުން އަދި ރާއްޖޭގައި ތަޢުލީމުގެ ބިންގާ މާ ހަރުދަނާގޮތަކަށް އެޅިފައި ނެތުމާއެކު، އެ ބިންގާ އެންމެ އެދެވޭ ހަރުދަނާގޮތަކަށް އެޅުއްވުމަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ މުހިންމު މަދަރުސާ ކަމުގައިވާ، މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރުކަން ކުރެއްވީވެސް ސީދާ އެމަނިކުފާނު. އާދެ، ފަހުން ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވަންދެންވެސް، އެމަނިކުފާނު ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ގިނަގުނަ. އެ ޚިދުމަތްތަކުގެތެރެއަށް ދިޔުމަކީ ކޮންމެހެން މިއަދު ބޭނުންކަމެއްކަމުގައި އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، އެމަނިކުފާނުގެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ކެޑޭޓް ހަރަކާތް ފެށްޓެވުން ހިމެނޭތީ، އެމަނިކުފާނުގެ ގިނަގުނަ ޚިދުމަތްތަކުގެ މަތިން ހަނދާންކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

އާދެ، މީގެ 50 އަހަރު ކުރިން ރާއްޖޭގައި ފެށިގެން މިއައި ކެޑޭޓް ހަރަކާތް ކުރިއަށް ގޮސްފައިވަނީ ތަފާތު މަރްޙަލާތަކެއްގެ ގޮތުގައި. އާދެ، މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވި ފަދައިން، އެންމެ ފުރަތަމަ މަޖީދިއްޔާ ސްކޫލްގެ ޚާއްޞަ ޕާޓީއެއްގެ ގޮތުގައި. އެއަށްފަހު، ދިވެހި ތަޢުލީމަށް އައި ބަދަލަކާ ގުޅިގެން އާދެ، ކިޔަވައިދިނުމުގެ ވަސީލަތަކީ އިނގިރޭސިބަސް ކަމަށްވުމާ ގުޅިގެން، މަޖީދިއްޔާގައި ކެޑޭޓް ހަރަކާތްވެސް މިޒަމާނުގެ ގޮތަށް ބަދަލުވެގެންދިޔަ. އެ ހަރަކާތް، އޭރުން ފެށިގެން ކުރިއަށްދިޔައީ، އޭރުގެ ޕްރިންސިޕަލް ކަމުގައިވާ މިސްޓަރ ޖޭ.ވީ. ހިލްގެ ބެއްލެވުމުގެ ދަށުން. ހަމައެހެންމެ، 1960ގެ މެދެއްހާ ތަނުން ފެށިގެން މިއަދާ ހަމަޔަށް، ރާއްޖޭގެ ކެޑޭޓުގެ ހަރަކާތްތައް ވަރަށް އެދެވޭގޮތެއްގައި ތަރައްޤީކުރައްވައި ކުރިއަށް ގެންދެވި ބޭފުޅަކީ، އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް ހުންނެވި، ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އާދެ، މިސްޓަރ އަމަރުސޭނާ. މި މަރްޙަލާތަކުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ވުޒާރާގެ އެންމެ އިސްވެރިންވެސް ވަރަށް ބޮޑެތި ޙިއްޞާތަކެއް ކުރައްވާފައިވޭ. އޭގެތެރޭގައި، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނާއި، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު އަބްދުﷲ ޙަމީދުގެ ނަންފުޅު ޚާއްޞަގޮތެއްގައި ހަނދާންކޮށްލަންޖެހޭ.

އާދެ، ފުރަތަމަ ދިވެހިރާއްޖޭގެ ނޭޝަނަލް ކެޑޭޓް ކޯއެއް އުފެއްދުމުގެ ޚިޔާލުކުރެއްވި ބޭފުޅަކީ، އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. އަދި އެ މަސައްކަތް އޭނާވަނީ ފަށްޓަވާފައި. އޭގެފަހުން އެޑިޔުކޭޝަން މިނިސްޓްރީއާ ޙަވާލުވެވަޑައިގަތީ އަލްއުސްތާޛު އަބްދުﷲ ޙަމީދު. އޭނާގެ މިނިސްޓަރކަމުގެ ދުވަސްވަރުގައި، މާލެއާއި ރާއްޖެތެރޭގައި ކެޑޭޓުގެ ހަރަކާތް ފުޅާކުރައްވާފައިވޭ. އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާފައިވޭ. މީގެ އިތުރުން، މިހާރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުހައްމަދު ލަޠީފް މި މުހިންމު ޚިދުމަތަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ. އާދެ، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ ޤާއިމުކުރެއްވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ކުރައްވައި، ކެޑޭޓް ކޯގެ އޮނިގަނޑު ހަމަޖެއްސެވީ އެމަނިކުފާނު. މިކަން ކުރިންވެސް ހިނގަމުން އައީ، އަދި މިހާރުވެސް ހިނގަމުންދަނީ، އަދި އަޅުގަނޑަށް ފެންނަގޮތުގައި މުސްތަޤްބަލުގައިވެސް ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި އަދި ނޭޝަނަލް ސެކިއުރިޓީ ސަރވިސްއާ ގުޅިގެން ކަމަށްވާތީ، އެ ދެފަރާތުގެ ބޭފުޅުންވެސް މި ހަރަކާތް ތަރައްޤީކުރައްވައި ކުރިއަށް ގެންދެވުމުގައި ވަރަށް މުހިންމު ބައިތަކެއް އަދާކޮށްދެއްވާފައިވޭ. އާދެ، މިހާރުގެ ކޮމާންޑިންގ އޮފިސަރަކީ، ދެންމެ ތިޔަ އެއްސެވިހެން ބްރިގޭޑިއަރ މުޙައްމަދު ޒާހިރު. ކެޑޭޓް ހަރަކާތާއި ސިފައިންނާ ދޭތެރޭގައި ހުރި ގުޅުމުގެ ވާހަކަ އަޅުގަނޑު ކޮންމެހެން މާދިގުކޮށް ދައްކާކަށް ނުޖެހޭ. އެވާހަކަ ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް މީގެކުރިން އިވިގެން ހިނގައްޖެ. އާދެ، މިދެންނެވި ފަރާތްތަކުގެ އިތުރަށް، ރާއްޖޭގެ އަމިއްލަ މަދަރުސާތަކުގެ ޕްރިންސިޕަލުންވެސް ކެޑޭޓް ހަރަކާތަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން އަޅުގަނޑު މިއަދު ހަނދާންކުރަން. އާދެ، މާލޭގައި އުފެދިފައިވާ އަމިއްލަ ސްކޫލްތަކާއި އަދި ރާއްޖެތެރޭގައި އުފެދިފައިވާ ސަރުކާރުގެ ސްކޫލްތަކާއި އަދި އަމިއްލަ ސްކޫލްތައްވެސް މިކަމަށް ދޭ އަހައްމިއްޔަތު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ބޮޑުވަމުން. އަދި އަޅުގަނޑުމެންގެ ނޭޝަނަލް ކެޑޭޓް ކޯ އުފެދޭއިރު، އެ ކެޑޭޓް ކޯގެ މެންބަރުންގެ ތެރޭގައި މާލެއާއި ރާއްޖެތެރޭގެ، ވަރަށް ގިނަ ސްކޫލްތަކުގެ ޠާލިބުންނާއި ޠާލިބާއިންވާކަން އަޅުގަނޑު ހަނދާންކޮށް، އެ ސްކޫލްތައް ހިންގަވާ ޕްރިންސިޕަލުންނަށާއި އަދި މިކަމަށް ޝައުޤުވެރިކަން ބަހައްޓަވައިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކެއް ޝާމިލްވާހެން، އަދި ކެޑޭޓް ކޯ މިއަދު އުފެދުނުކަމުގައިވިޔަސް، މީގެކުރިން ކެޑޭޓުގެ ހަރަކާތް ރާއްޖޭގައި ފުރަތަމަ ފެށްޓެވި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، މި މަސައްކަތް ތަރައްޤީ ކުރެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާފައިވާ ހުރިހާ ފަރާތްތަކަކަށް ޖުމްލަގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގައި ޤައުމީ ކެޑޭޓް ކޯއެއް އުފެދުމުގެ މަޤްޞަދާ ދޭތެރޭގައި ވިސްނާލާއިރު، އެ މަޤްޞަދުގެ ވާހަކަވެސް ތިޔަބޭފުޅުންނަށް މިހާރުވާނީ، ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައި. އާދެ، ރާއްޖޭގައި ޤައުމަށް ވަފާތެރި، ދީނަށް އިޚްލާޞްތެރި، އަދި ވާޖިބު އަދާކުރުމުގައި ކެރޭ، ހީވާގި ޒުވާނުންތަކެއް އުފެއްދުން ކެޑޭޓް ކޯއެއްގެ ބޭނުމަކީ. އަދި ކޮންމެ ސްކޫލެއްގައި ކެޑޭޓް ހަރަކާތް ހިންގުމުގެ ބޭނުމަކީވެސް އެއީ. ޙަޤީޤަތަށް ދަންނަވަންޏާ މުޅި ތަޢުލީމުގެ ބޭނުމަކީވެސް އެއީ. މުޅި ތަޢުލީމުގެ ބޭނުމަކީވެސް ޤައުމަށް ޚިދުމަތް ކުރާނެ، ޤައުމަށް ވަފާތެރި، އިޚްލާޞްތެރި، ކަމަށްކަމޭހިތާ، ވާޖިބު އަދާކުރާ، މަސްއޫލިއްޔަތު އުފުލަންކެރޭ، ޒިންމާދާރު ބަޔަކު އުފެއްދުން. ކެޑޭޓް ކޯގެ މަޤްޞަދަކީވެސް ހަމަ އެއީ.

އެހެންނަމަވެސް، ކެޑޭޓް ކޯގެ މަޤްޞަދު ޙާޞިލްކުރުމަށް ޚާއްޞަ ތަމްރީނުތަކެއް އެ ކުދިންނަށް ދެވޭ. އެ ތަމްރީނުތަކަކީ ސިފައިންގެ މަސައްކަތާ ވަރަށް ބޮޑަށް ގުޅުންހުރި ކަންތައްތަކެއް. އެހެންވީމާ، ދުނިޔޭގެ ގިނަ ތަންތާނގައި ސިފައިންގެ ތެރެއަށް ވަންނަ ކުދިން ކެޑޭޓް ކޯގެ ތެރެއިންލާފައި އާދޭ. ރާއްޖޭގައި އަދި އެކަން އެހެން ނެތްކަމުގައިވިޔަސް، ރާއްޖެ ދިފާޢުކުރަންޖެހޭ ވަގުތެއްގައި ސިފައިންގެ އިތުރުން، ރާއްޖޭގައިވެސް ސިފައިންގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަން ދަންނަ، އަދި ހަތިޔާރުވެސް ކޮންމެވެސްވަރަކަށް ބޭނުންކުރަން އެނގޭ، ހީވާގި، ކެރޭ ޒުވާނުންތަކެއް ތިބުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އަޅުގަނޑުމެންނަށް ނުރައްކަލެއް ކުރިމަތިވާނީ ކޮންދުވަހަކުންކަމެއް ނޭނގޭ. އަބަދުވެސް ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން އެކަމަށް ސަމާލުވާންޖެހޭ. އެހެންވީމާ، އެއްވެސް ޤައުމަކީ މުސްތަޤިއްލު މިނިވަން ޤައުމެއްކަމުގައި ދެމިއޮންނަން ބޭނުންނަމަ، އެ ޤައުމެއްގައިވެސް ދިފާޢީ ބާރުތަކެއް ކޮންމެވެސްވަރަކަށް އުފެދި ތަރައްޤީކުރެވިފައި އޮންނަންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން މި ނުކުތާއާ ދޭތެރޭގައި ވިސްނާއިރުވެސް، ރާއްޖޭގައި ޤައުމީ ކެޑޭޓް ކޯއެއް އުފެދުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް އިޙްސާސްކުރަންޖެހޭ. އަދި އެއީ އަޅުގަނޑުމެންގެ ހިތްތަކަށް އިޙްސާސްކުރެވޭ ކަމެއްވެސްމެ.

އާދެ، އަޅުގަނޑުމެންގެ ޤައުމީ ކެޑޭޓް ކޯ އުފެދޭއިރު، އޭގެތެރޭގައި އަންހެންކުދިން ޝާމިލްވެގެންވާކަންވެސް އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކޮށްލަންޖެހޭ. ޤައުމު ބިނާކުރުމުގައި އަންހެނުންނާއި ފިރިހެނުންނާއި ދެބައިމީހުންނަކީވެސް ވަރަށް މުހިންމު ވާޖިބުތަކެއް އަދާކުރަންޖެހޭ ބައެއް. ޤައުމު ބިނާކުރުމަކީ ހަމައެކަނި ފިރިހެނުންގެ މަސްއޫލިއްޔަތެއް ނޫން. އެހެންވީމާ، ކޮންމެ ދާއިރާއެއްގައިވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ، ކަމަށް އެކަށީގެންވާ، އަންހެނުންނާއި ފިރިހެނުން އެކުއެކީގައި ހަމަހަމަގޮތެއްގައި ޙިއްޞާވެގެން އެ ކަންތައްތައް ކުރަމުން ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިވާތީ، ރާއްޖޭގެ ޤައުމީ ކެޑޭޓް ކޯ އުފެދޭއިރު، އެ ކޯގެ ތެރޭގައި އަންހެން ޠާލިބާއިން ހިމެނޭކަން ވަރަށް އުފަލާއެކު ފާހަގަކޮށް، އެ ބައިވެރިވާ ހުރިހާ ކުދިންނަށް އަޅުގަނޑު މަރްޙަބާކިޔަން.

ކުރިންވެސް ދެންނެވި ފަދައިން، ކެޑޭޓް ހަރަކާތުގެ އެންމެ މުހިންމު މަޤްޞަދަކީ ޤައުމަށް ވަފާތެރި، ޤައުމަށް ޚިދުމަތް ކުރާނެ، މަސްއޫލިއްޔަތު އުފުލަންކެރޭ ޒުވާނުންތަކެއް އުފެއްދުން. މަދްރަސީ ދައުރުން ފެށިގެން ކުދިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމީ ލޯބި، އެ ކުދިންގެ ހިތްތަކުގައި އަށެގެންނެވުން އަދި ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ޤުރުބާންވާން ކެރޭ ބަޔަކު ތައްޔާރުކުރުން އެއީ، މީގެ އެންމެ މުހިންމު މަޤްޞަދު. އެހެންކަމުން، މިފަދަ މުނާސަބަތަކާ ގުޅިގެން އާދެ، ރާއްޖޭގެ މިނިވަންކަމަށް 30 އަހަރު ފުރޭ، މި މުހިންމު އަދި ތާރީޚީ މުނާސަބަތާ ގުޅިގެން، ރާއްޖޭގައި ޤައުމީ ކެޑޭޓް ކޯއެއް އުފެދޭކަން އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންވެސް އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރުން ޙައްޤުވެގެންވާ ކަމެއް.

އާދެ، ރާއްޖޭގެ މިނިވަންކަމުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި ކުރިން މިދެންނެވި މަޤްޞަދުތަކަށް ދެއްވާފައިވާ އަހަންމިއްޔަތު އެއީ، އަޅުގަނޑު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް. އިސްލާމްދީނުގެ ކޮންމެ ކަމަކާ ދޭތެރޭގައި ވިސްނާލާއިރުވެސް، އެ ދީނަކީ ވަކި ނިޒާމެއްގެމަތިން، ވަކި ހަމަތަކެއްގެމަތިން، ވަކި ޤަވާޢިދަކުން، މީހުން ކަންތައްތައް ކުރަންޖެހޭނެ ދީނެއްކަން އަޅުގަނޑުމެންނަށް ވަނީ އެނގިފައި. އަދި އެއީ އަޅުގަނޑުމެން ދަސްކުރަންވެސް ޖެހިފައިވާ ކަމެއް. ޙަޤީޤަތުގައި އަޅުކަމެއް ކަމުގައިވިޔަސް، އެކަމުގެ ތެރޭގައިވެސް މީހުން ތަރުބިޔަތުކުރުމުގެ ބައި އިސްލާމްދީނުގައި ވަރަށް ބޮޑު. ނަމާދާ ދޭތެރޭގައި ވިސްނާލާއިރުވެސް ދަންނަވަން އޮތީ ހަމަ މިހެން. ނަމާދުކުރާއިރުވެސް ޖަމާޢަތުގައި ނަމާދުކުރަނީ ކަމަށްވަންޏާ، އިމާމަކު ހުރެފައި މައުމޫމުންގެ ސަފުތަކެއް އޭނާގެ ފަހަތުގައި ތިބެނީ. ވަކިގޮތަކަށް އެކަންތައް ކުރަންޖެހެނީ، ވަކި ޤަވާޢިދަކުން، ވަކި ހަމަތަކެއްގެ މަތިން އިމާމުގެ އަމުރަށް ނުވަތަ އޯޑަރަށް މައުމޫމުން ކަންތައް ކުރަންޖެހެނީ. ހަމައެހެން، ޙައްޖުގައިވެސް. އަދި ރޯދަޔާ ދޭތެރޭގައި ވިސްނާލާއިރުވެސް، ރޯދައަކީ ތިމާގެ ޟަމީރު ތަރުބިޔަތުކުރުމަށް އަދާކުރެވޭ، ވަރަށް މުހިންމު ފަރުޟެއް. ތިމާ އިޚްލާޞްތެރިވާންޖެހޭ ފަރާތްތަކަށް އިޚްލާޞްތެރިވެ، ތިމާ އަމިއްލައަށް ތިމާގެ ކަންތައްތައް ވަކި ހަމަޔަކުން، ވަކި ޤަވާޢިދަކުން، އެހެން މީހެއްގެ ބެލުމެއްނެތި، އެހެން މީހަކު ބުނާ ވަކި ބުނުމަކަށް ބިރުވެތިނުވެ، ކަންތައްތައް ކުރަން އޮންނަ އުސޫލުން އަމިއްލައަށް ކަންތައްތައް ކުރުމަށް މަގުފަހިކޮށްދޭ، އެކަން ދަސްކޮށްދޭ ކަމެއް ރޯދަހިފުމަކީ. އަދި ދީނުގައި ހިމެނޭ އެހެން ކޮންމެ ކަމަކީވެސް ކޮންމެވެސް އަމުރުވެރިޔަކު ހުރެގެން، އަމުރުކޮށްގެން، އޭނާ ބުނާގޮތެއްގެ މަތިން އަދި އެކަމަށް ހަމަޖެހިފައި އޮންނަ އުސޫލުތަކަކާއި ޤަވާޢިދުތަކެއްގެ މަތިން ކަންތައްތައް ކުރަމުންގެންދާގޮތަށް އޮންނަ ކަމެއް. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެން ވަކި ޤަވާޢިދެއްގެ މަތިން، ވަކި ޑިސިޕްލިނެއް ހިފަހައްޓައިގެން، ޤައުމުގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ބާރުއަޅުއްވާފައިވާތީ، އެގޮތުން މިފަދަ ހަރަކާތެއް ހިންގުމަށްވެސް ދީނުގައި ބާރުއަޅުއްވާފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. އެންމެ ކުރީ ޒަމާނުން ފެށިގެން، އާދެ، رَسُولُ ٱللَّٰهِ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އިސްލާމްދީނާއިގެން ފޮނުއްވުމުން، އެކަލޭގެފާނު މި އުއްމަތަށް ދެއްވި ތަރުބިޔަތުތަކުގެ ތެރޭގައި، ކުރިން ދެންނެވި ކަހަލަ އިޚްލާޞްތެރި، އެކިއެކި މަސްއޫލިއްޔަތު އުފުލަންކެރޭ، ކަމުގެ ތަމްރީނު ލިބިފައި ތިބޭ ޒުވާނުން އުފެއްދެވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއްވަނީ ކުރައްވާފައި. އަދި އެގޮތުގެ މަތިން އެފަދަ މަސައްކަތްތަކެއް ކޮންމެ ޒަމާނެއްގައިވެސް ކުރުމަށް ވަނީ އަންގަވާފައި. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް، މަޝްހޫރު ޙަދީޡްފުޅެއް، ތިޔަ ހުރިހާ ބޭފުޅުންވެސް މީގެކުރިން އައްސަވާނެ، "الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيْفِ، وَفِى كُلٍّ خَـيْـرٌ." އާދެ، މުއުމިނުންގެ ތެރެއިން ބަލިކަށިމީހާއަށްވުރެ، އެމީހުންގެ ތެރޭގައި ހިމެނޭ ވަރުގަދަ މީހާގެ މާތްކަން މާބޮޑޭ، އަދި އެމީހާގެ ލޮބުވެތިކަން ﷲގެ ޙަޟްރަތުގައި މާބޮޑޭ. އެހެންނަމަވެސް، އެއިން ކޮންމެ މުއުމިނެއްގައިވެސް ހެޔޮކަމެއްވެއޭ. މުއުމިނުންކުރެ ކޮންމެ މީހަކީ، އެމީހެއްގެ ކިބައިގައި ހެޔޮކަމެއް ނުވަތަ ހެޔޮކަންތައްތަކެއްވާ މީހެއް. އެހެންނަމަވެސް، އެ އެންމެންގެ ތެރެއިން އެންމެ މާތްކަން ބޮޑީ، އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، ވަރުގަދަ މީހާ. އެމީހާގެ ގައިގައި ބާރުހުރި، ހަރުދަނާ، ކަންތައްތައް ކުރަން ކުޅަދާނަ، ޤާބިލިއްޔަތު ހުރި މީހާ. އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންނަކީ ހަމައެކަނި މުއުމިނުންގެ ގޮތުގައި ތިބުމަށްވުރެ، ކޮންމެ މުއުމިނަކީވެސް އެމީހަކު ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ، އެކަމުގެ ހުނަރުވެރިކަން ޙާޞިލްކޮށްފައިވާ، އެކަމަށް ތައްޔާރުވެފައިވާ މީހަކުކަމުގައިވުމީ ﷲގެ ޙަޟްރަތުގައި އެމީހެއްގެ ލޮބުވެތިކަން ބޮޑުވެގެންދާނެ ކަމެއްކަން ކަށަވަރު. ހަމައެހެންމެ، ދެންމެ އަޅުގަނޑުމެންނަށް މިޖަލްސާ އިފްތިތާޙުކުރުމުގައި އިވިގެންދިޔަ މަތިވެރި އާޔަތްތަކުގެ ތެރެއިން ބައެއް އާޔަތްތަކުގައި، އަޅުގަނޑުމެން ތައްޔާރުވުމަށް، އަޅުގަނޑުމެންގެ ބާރުތައް ތައްޔާރުކޮށްފައި ބެހެއްޓުމަށް ﷲ އަންގަވާފައިވާ އެންގެވުން އަޅުގަނޑުމެން އަހައިފީމު. "وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ" (ٱلْأَنفَال 60) ﷲ އެ އަންގަވަނީ، "އެމީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށޭ، އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށޭ، އެކަމުން ﷲގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުން ބިރުގެންނެވުމަށްޓަކައޭ." އާދެ، މުސްލިމުންނަށް ދިމާވެދާނެ ނުރައްކަލަކަށްޓަކައި، އެމީހުންނަށް ކުރިމަތިވެދާނެ ޢުދުވާނަކަށް ތައްޔާރުވުމުގެ ގޮތުން، މުސްލިމުން ޖެހެނީ އެމީހުންގެ ހުރިހާ ބާރުތައް ވަރުގަދަކޮށްގެން ތިބެން. އެމީހުންނަށް އެވަގުތަކު ލިބެންހުރި ހަތިޔާރުތަކެއް ހޯދައި، އެ ހަތިޔާރުތައް ބޭނުންކުރުމަށް ތައްޔާރުވެގެން، އާދެ، ކުރީޒަމާނުގައި އެއީ ސަވާރީތައް ކަމުގައިވިޔަސް، މިޒަމާނުގައި އެ ހަތިޔާރުތަކާއި، އެ ބޭނުންކުރާ ވަސީލަތްތައް މިއޮތީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައި. އެހެންވީމާ، މިޒަމާނުގައި އަޅުގަނޑުމެންނަށް ޖެހެނީ މިޒަމާނުގެ ވަސީލަތްތައް ދަސްކޮށް، އެވަސީލަތްތައް ލިބިގަނެ، އެ ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ހޯދައިގެން ތިބެން. އެހެންވީމާ، ކޮންމެ ޒަމާނެއްގައިވެސް މުސްލިމުން ތިބެންޖެހެނީ، ބާރުގަދަ ބައެއްގެގޮތުގައި. ޙަޤީޤަތުގައި ދުނިޔޭގައި ޢިއްޒަތާއި ޤަދަރު ލިބެނީ ބާރުހުރި މީހުންނަށް. މިއަދުގެ ދުނިޔެއަށް ވިސްނައިލިޔަސް އަދި މީގެ ކުރީގެ، އިންސާނީ ތާރީޚުގެ ކޮންމެ ދައުރަކަށް ވިސްނައިލެއްވިޔަސް، އެއްވެސްއިރެއްގައި އެއްވެސް ބަޔަކަށް ޢިއްޒަތާއި ޤަދަރެއް ލިބިފައެއް ނުވާނެ، އެބަޔަކީ ބާރުހުރި ބައެއްކަމުގައި ވެގެންނޫނީ. އާދެ، އަޅުގަނޑު ނުބުނަން، އަޅުގަނޑުމެންގެ ރާއްޖެއަކީ އެފަދަ ބާރުތަކެއް ތައްޔާރުކުރެވޭނެ ޤައުމެކޭ. ރާއްޖޭގެ ކުޑަކަމާއި ވަސީލަތްތަކުގެ މަދުކަމުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމަކީވެސް މިނިވަން މުސްތަޤިއްލު ޤައުމަކަށްވާތީ އަޅުގަނޑުމެންވެސް ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގެ ބާރުތައް ތައްޔާރުކުރަންޖެހޭ. އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެދާނެ، އެކިއެކި ދަތިތަކާ ކުރިމަތިލުމަށްޓަކައި، އެ ދަތިތައް ޙައްލުކޮށްދޭން މަސައްކަތް ކުރާނެ ބަޔަކު ތައްޔާރުކޮށް، އެމީހުންނަށް އެކިއެކި ވަސީލަތްތައް ދަސްކޮށްދީ، ހުނަރުވެރިކަން ޙާޞިލްކޮށްދޭންޖެހޭ. މިގޮތުން، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ ބާރުތައް ވަރުގަދަކުރުމަކީ ހަމަ ކޮންމެހެން މުހިންމު ކަމެއް.

އާދެ، މިއަދުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު ރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ހުރިހާ މެންބަރުންނަށް އަދި ޚާއްޞަކޮށް، ކެޑޭޓް ކޯގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޙައްމަދު ލަޠީފަށާއި، ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ މުޙައްމަދު ޒާހިރަށާއި އަދި ސްކޫލްތަކުގެ ނާޒިރުންނަށާއި، ކެޑޭޓް މާސްޓަރުންނަށާއި، ޤައުމީ ކެޑޭޓް ކޯގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ތަހުނިޔާ ކިޔަމުން، އަދި އަޅުގަނޑުމެން މިއަދު މިފެށި ޤައުމީ ހަރަކާތަކީ، އޭގެ އެންމެ ފުރިހަމަ ފައިދާ ދިވެހިރާއްޖެއަށް ލިބިގެންދާނެ ހަރަކާތެއްކަމުގައި ލެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ.

والسّـلام عليـكم ورحـمة اللّـه وبركاته.