ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

السَّلامُ عَلَيْكُم

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

السَّلامُ عَلَيْكُم، ފަތުޙުﷲ ޖަމީލް، ވާހަކަ ދައްކަނީ އިނގޭތޯ!

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ!

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

އަޅުގަނޑު މަނިކުފާނަށް މި ގުޅާލީ، އައްޑުއަތޮޅު ޓެލެކޮމިއުނިކޭޝަން ކޮމްޕްލެކްސް ހުޅުވުމުގެ އިޙްތިފާލުގައި އިނދެފައި.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ!

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

ދެން، މި ކޯލް ކުރުމާ ގުޅިގެން މި ސިސްޓަމް، އިރާދަކުރެއްވިއްޔާ މި އިފްތިތާޙު ކުރެވުނީ. ދެން، މި މުނާސަބަތުގައި މިތާ ތިއްބެވި ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން، އަދި ޚާއްޞަކޮށް، އައްޑުއަތޮޅުގެ ޢިއްޒަތްތެރި ރައްޔިތުންގެ ފަރާތްޕުޅުންނާއި، އަދި މިޚިދުމަތުގެ ފައިދާ ލިބިގަންނާނެ ހުރިހާ ރައްޔިތުންގެ ފަރާތުން، މަނިކުފާނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށްބޮޑަށް ޝުކުރިއްޔާ!

މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ތަހުނިޔާއާއި މުބާރަކްބާދީ، އައްޑުއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފޮނުވަން. އަދި، އައްޑުއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅަށާއި، ރަށްރަށުގެ ވެރިންނަށާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި، ރަށްރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި އަދި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މިއަދުގެ މުނާސަބަތުގައި އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން އިނގޭތޯ! އަދި އާންމުކޮށް ދަންނަވަންޏާ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު މުބާރަކްބާދީއާއި، ތަހުނިޔާ މިއަދު ފޮނުވަން.

އެއީ، މިއަދު މި ދެވޭ ޚިދުމަތް މިފެށުނީ އައްޑުއަތޮޅުގައި ކަމަށްވިޔަސް މި ޚިދުމަތަކީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވަރަށް ކައިރި މުސްތަޤްބަލެއްގައި ފެތުރެމުންދާނެ ޚިދުމަތެއް.

އެހެންވީމާ، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށް، މިފުރުޞަތުގެ ބޭނުންކުރަން އިނގޭތޯ!

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

އާދެ، އަޅުގަނޑު އަދި މިފުރުޞަތުގައި ދަންނަވާލަން ބޭނުންވޭ، މި އިޙްތިފާލަށް ވަރަށް ފުރިހަމައަށް ހުރިހާ ކަމެއްވެސް މިތާނގައި ތައްޔާރުވެފައި އޮތީ. އަދި ވަރަށް ޝައުޤުވެރިކަމާއެކީ އައްޑުއަތޮޅުގެ ރައްޔިތުން ތިބީ މަނިކުފާނު ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި. އެހެންނަމަވެސް، ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ، ހަމަ ވަރަށްފަހު ވަގުތާ ހަމައަށްވެސް އެގޮތަށް ޤަޞްދުކުރައްވައިގެން ހުންނަވައިގެން، އެހެންނަމަވެސް، ކަންދިމާވިގޮތުން ވަޑައިނުގެންނެވުނީ ކަމަށް. ދެން ކޮންމެއަކަސް ހުރިހާ ކަންތައްތަކެއްގެ އިންތިޒާމު ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައި އޮތީ. އިރާދަކުރެއްވީތީ ވަރަށް ބަރަކާތްތެރި ދުވަހެއް. އަޅުގަނޑުމެން މިދުވަސް ވަރަށްބޮޑަށް ހަނދާންކުރަމުން ގެންދާނަން. އަދި މި ކާމިޔާބީއަކީ އަޅުގަނޑުހިތުން ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގައި އެޅުނު ވަރަށް ހަރުދަނާ، އަދި ވަރަށް މުހިންމު ފިޔަވަޅެއް.

މުވާޞަލާތުގެ ގުޅުމަކީ، ހުރިހާގޮތަކުން ބަލާއިރުވެސް ތަރައްޤީގެ، ވަރަށް މުހިންމު އެއްބައެއްކަމަށްވާއިރުގައި، ދެންމެ ތިޔަ ވިދާޅުވި ފަދައިން، މި މަޝްރޫޢާ ގުޅިފައި އޮތީ މުޅި ރާއްޖެތެރޭގެ ޓެލެފޯނުގެ އަދި އެނޫންވެސް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކުގެ މަޝްރޫޢު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢުގެ ހުރިހާ ފިޔަވަހިތަކަކައިގެން އަޅުގަނޑުމެން ކުރިއަށްދިޔުމަށް، މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާނެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުވެސް ވަރަށްބޮޑަށް އުންމީދުކޮށްގެންނޭ ހުރީ، މިއަދަށްޓަކައި އައްޑުއަތޮޅަށް ގޮސްލެވޭނެ ކަމަށް އިނގޭތޯ! އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން، ޚާއްޞަކޮށް މިދޭތެރެއިން، ރާއްޖެއިން ބޭރަށްވެސް ވަރަށްގިނަ ދަތުރުތަކެއް ކުރަންޖެހުމާއެކީގައި، އަޅުގަނޑުގެ މަސައްކަތް މާލޭގައި ހުރިގޮތުން ހަމަ އެއްގޮތަކަށްވެސް ވަގުތުކޮޅެއް ނުލިބުނީ. އެހެންވީމާ، އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަން. އަޅުގަނޑަށް އެނގޭ، އައްޑުއަތޮޅުގެ ރައްޔިތުން އަޅުގަނޑު ދިޔުމަށް ވަރަށްބޮޑަށް އެދިވަޑައިގެންކަން ތިއްބެވީ. އަޅުގަނޑަށް ޓްރާންސްޕޯޓް މިނިސްޓްރީން ދަޢުވަތުވެސް އޮތީ ލިބިފައި. އެހެންނަމަވެސް، ކަންދިމާވިގޮތުން ނުދެވުނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރާ ވާހަކައާއި، އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤްބަލެއްގައި އައްޑުއަތޮޅަށް ޒިޔާރަތްކުރުމުގެ އުފާ ލިބޭނެކަމުގެ ހިތްހަމަޖެހުން އަޅުގަނޑުގެ ހިތުގައި އޮތް ވާހަކަ، އައްޑުއަތޮޅުގެ ރައްޔިތުންނަށް އަންގަވާލަދެއްވިއްޔާ އަޅުގަނޑުހިތުން ވަރަށް ރަނގަޅުވާނެ.

ދެން، ތިޔަ ވިދާޅުވި ފަދައިން، މި ފެށުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި އަދި ރާއްޖޭގެ ވިޔަފާރިއަށާއި އަދި ރާއްޖޭގެ ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ފެށުމެއް. މުވާޞަލާތުގެ ތަރައްޤީއަކީ މިއަދުގެ ދުނިޔޭގައި ކުރިއެރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާ ކަމެއް. އެހެންވީމާ، މިއަދު މިފެށުނު ޚިދުމަތުގެ ސަބަބުން އައްޑުއަތޮޅުގެ ތަރައްޤީއަށް އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެ. ހަމައެއާއެކުގައި، ވަރަށް ކައިރި މުސްތަޤްބަލެއްގައި، ފުވައްމުލަކުގެ ކުރިއެރުމަށްވެސް މިފަދަ ބޮޑު ދިރުމެއް ލިބިގެންދާނެ. އަދި މާދުރުނޫން މުސްތަޤްބަލެއްގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށްވެސް މި ޚިދުމަތް ލިބުމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް އަޅުގަނޑުމެން މުވާޞަލާތުގެ ޛަރީޢާއިން ލިބެން އެދޭ ކުރިއެރުމާއި، ތަރައްޤީ ލިބިގެންދާނެ އިނގޭތޯ!

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ!

ދެން، އަޅުގަނޑު މީގެފަހުން، އަޅުގަނޑުގެ ވާހަކަ ދެއްކުން އެބައޮތް. އެހެންވެ އެވާހަކައިގައި، ތިޔަ ވިދާޅުވި މެސެޖް، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ރައްދުކުރާނަން. ދެން، މި މުނާސަބަތުގައި އަދިވެސް އެއްފަހަރު މަނިކުފާނަށް އަޅުގަނޑުމެންގެ ޝުކުރާއި ތަޢުރީފް ދަންނަވަމުން، އަދި ހުރިހާ ހެޔޮއެދުންތަކަކާއެކީގައި، އަޅުގަނޑުމެން މި މުނާސަބަތުގެ މުބާރަކްބާދީ މަނިކުފާނަށް ރައްދުކުރަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަދި އަޅުގަނޑު އެއްވާހަކަ ދަންނަވާލަން އެބައޮތް އިނގޭތޯ! އެއީ، ދިރާގުން މިކަމަށް ބެހެއްޓި ޚާއްޞަ އަހަންމިއްޔަތު އަޅުގަނޑު ފާހަގަކުރަން. އެހެންވީމާ، ދިރާގުގެ މެނޭޖްމަންޓަށާއި، ސްޓާފުންނަށާއި އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން. އެއީ، ސަރުކާރުން މި ރާވާ ކަންތައްތަކުގައި ދިރާގުގެ ފަރާތުން އެއްބާރުލުންދޭލެއް ފުރިހަމަކަމާއި އަދި ރާއްޖެތެރޭގެ ތަރައްޤީއަށް ސަރުކާރުންދޭ އަހަންމިއްޔަތު، ދިރާގުގެ ފަރާތުން ވަޒަންކޮށް، މި ހުރިހާ ކަމެއް، ވަރަށް އެކަށީގެންވާ ރަނގަޅުގޮތަކަށް، ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި، ވަރަށް ބުރަ މަސައްކަތުން، ދިރާގުގެ ފަރާތުން ހަމަޖައްސައިދިން ކަމަށްޓަކައި، އާދެ، ދިރާގުގެ ކުންފުންޏަށާއި އަދި ދިރާގުގެ ވެރިންނަށާއި އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން އިނގޭތޯ!

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

އާދެ، ތިޔަ ވިދާޅުވި އެއްޗެއްވެސް އަޅުގަނޑު ރައްދުކުރާނަން. އެހެންނަމަވެސް، ހަމަ އެއާއެކީގައި، އަޅުގަނޑު މިއީ ދިރާގުގެ ޗެއަރމަން ކަމަށްވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ، އަޅުގަނޑުމެން މި ކުރާ ހުރިހާ މަސައްކަތަކީ، ޚުދު މަނިކުފާނުގެ ބެއްލެވުމުގެ ދަށުން، އަދި އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން. އަދި މުޅި ރާއްޖޭގެ ތަރައްޤީގެ ހުރިހާ ސެކްޓަރތަކެއް ބަލައިގެން، ޓެލެކޮމިއުނިކޭޝަން އެއީ ޛަރީއާޢެއް ކަމަށްވާއިރުގައި، އެހެން ހުރިހާ ރޮނގުތަކަށް ވިސްނަވައިގެން، މުޅި ރާއްޖޭގެ ތަރައްޤީއާ ދޭތެރޭގައި މަނިކުފާނު ރާއްވަވަމުން ގެންދަވާ ރޭއްވެވުމާއި އަދި މިކަންތައްތައް ކުރިއަށްދިޔުމާ ބެހޭގޮތުން ދެއްވާ އިރުޝާދުގެމަތިން، އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށް އަޅުގަނޑު މި މުނާސަބަތުގައި ދަންނަވާލަން ބޭނުންވަނީ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް، ކުރިއެރުމުގެ ހުރިހާ މަގުތައް ތަނަވަސްކޮށްދެއްވުން. މުވާޞަލާތުގެ ކަންތައްތައްވެސް ތަރައްޤީވެގެންދާ ފަދައިން، ރާއްޖޭގެ ހުރިހާ ކަންތައްތަކެއްވެސް ތަރައްޤީވެ، ކުރިއަރައި، އޭގެ ސަބަބުން ރައްޔިތުންނަށް އިތުރު ފައިދާތަކާއި ލާބަޔާއި މަންފާ ލިބެނިވި ގޮތްތައް އެކަލާނގެ މިންވަރު ކުރެއްވުން.

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

އާމީން!

އާދެ، ދެން މިހާރު އަޅުގަނޑު ވަކިވެލާނަން އިނގޭތޯ!

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ!

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް:

السَّلامُ عَلَيْكُم ورَحْمَةُ اللهِ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليـكم السّـلام ورحـمة اللّـه وبركاته.