ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި މިރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ދައުލަތުގެ އިސްވެރިންނެވެ. މިރޭގެ ދަންފަޅީގައި، 304 ދަރިވަރުން އިނާމު ހާސިލުކޮށްފައިވެއެވެ.
މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުން މި އަހަރު ކުރިއަށްގެންދަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.