بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلحَمْـدُ لِلّـهِ، وَالصَّلاَة وَالسَّلَامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ، މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، ޑެންޓަލް ޑިޕާޓްމަންޓުގެ އިސްވެރިންނާއި، ހީވާގި މުވައްޒަފުން، ޞިއްޙީ ދާއިރާގައި ޚިދުމަތް ކޮށްދެއްވާފައިވާ ޚިދުމަތްތެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّـلام عليـكم ورحـمة اللّـه وبـركاتـه.

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި މިއަދަކީ ކުލަގަދަކޮށް ފާހަގަކުރަންޖެހޭ ދުވަހެއް. ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ތަޢާރުފްކުރިތާ 50 އަހަރު ފުރިގެންދިޔުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރެވުނު އިޚްލާޞްތެރި ބުރަ މަސައްކަތުން ހާސިލުކުރެވުނު މުހިންމު ކާމިޔާބެއް. މީގެ ބައި ޤަރުނު ކުރިން، 1975 ގައި މި ޚިދުމަތުގެ ބިންގާ އަޅުއްވައިދެއްވައި، ރާއްޖޭގައި ދަތުގެ ފަރުވާ ފަށްޓަވައިދެއްވި ބޭފުޅުން ކަމުގައިވާ، އަލްފާޟިލް މުޙައްމަދު ސަލީމާއި، އަލްމަރްޙޫމް ޢަލީ ސަލީމް، އަދި އަލްފާޟިލް ޢަބްދުﷲ ސަޢީދަށް މި ފުރުޞަތުގައި ނުހަނު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ވަކިން ޚާއްޞަގޮތެއްގައި، އަލްފާޟިލް މުޙައްމަދު ސަލީމުގެ ނަންފުޅު ފާހަގަކޮށްލުމީ ނުހަނު އިސްކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ވޭތުވެދިޔަ 50 އަހަރުގެ މި ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާގައި އެ ބޭފުޅާ ކުރައްވަމުން އެ ގެންދަވާ ޚިދުމަތަކީ، އަޅުގަނޑުމެން އެންމެންނަށް ހުރި ރިވެތި ނަމޫނާއެއް. ހިއްމަތްތެރިކަމާއި، ވަފާތެރިކަމާއެކު އެ ބޭފުޅާ ކުރެއްވި ބުރަ މަސައްކަތަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި، އަބަދުމެ ހަނދާންކުރެވޭނެ އަގުހުރި ތަރިކައެއް. އެ ބޭފުޅާ ކުރެއްވި އަގުނުކުރެވޭ ޚިދުމަތަށްޓަކައި، މުޅި ޤައުމު ފަޚުރުވެރިވޭ. އަދި އެކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ، މީގެއިތުރުން، މި ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނާއި، މިހާރުވެސް މި ޚިދުމަތުގައި ދެމިތިއްބެވި އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ދިވެހިރާއްޖޭގެ ދަތުގެ ޞިއްޙަތުގެ ދާއިރާ މިއަދު މިއޮތް ޙާލަތަށް ގެނައުމަށްޓަކައި، އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު. މީގެކުރިން ދަތުގެ ޚާއްޞަ ފަރުވާތައް ރާއްޖެއިން ލިބެން ނެތުމުގެ ސަބަބުން އެތައް ބަޔަކު ބޮޑެތި ޚަރަދުތަކެއްކޮށް، ރާއްޖެއިން ބޭރަށް ދާންޖެހުނު ކަމުގައިވީނަމަވެސް، މިއަދު އެ ޙާލަތުވަނީ ބަދަލުވާން ފަށާފައި. ދަތުގެ ފަރުވާއާ ގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ސަރުކާރުގެ ޚިދުމަތުގައި މިއަދު ދެމިތިއްބެވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް.

މީގެ އިތުރުން، މިފަދަ ޚާއްޞަ ޚިދުމަތްތައް، ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އަތޮޅުތެރޭގައިވެސް އެ ފެންވަރުގެ ޚިދުމަތްތައް ދެވޭނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަކީ، މިއަދުގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަދި މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު. މި ސިޔާސަތުގެ ދަށުން، ދަތުގެ ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް، ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު، ފުރިހަމަކުރެވިފައިވާ ޑެންޓަލް ޔުނިޓް، ރާއްޖޭގެ 15 އަތޮޅެއްގައި ޤާއިމުކުރައްވާނެކަން އެ މަނިކުފާނު އިޢުލާނުކުރައްވައި، މިހާރު އެ މަސައްކަތް ބާރަށް ކުރިއަށްގެންދާކަން ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.

މީގެއިތުރުން، 2026 ވަނަ އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން އަލަށް ޤާއިމުކުރާ ޑެންޓަލް ލެބޯރެޓަރީގެ މަސައްކަތްތައްވެސް ކުރިއަށްދާކަން މި ފުރުޞަތުގައި ފާހަގަކޮށްލަން. މިއީ ރައްޔިތުންނަށް ލިބިގެންދާނެ ނުހަނު ބޮޑު ލުޔެއްގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ނިޒާމަށް އަންނާނެ ބޮޑު އިންޤިލާބެއްވެސްމެ. ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ މި މަސައްކަތްތަކާ އެކުއެކީގައި، އަނގައިގެ ޞިއްޙަތަށް ރައްކާތެރިވުމާއި، އެކަމަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމުގައި އަޅުގަނޑު ދެކެން. ދަތާއި، އަނގައިގެ ޞިއްޙަތަކީ، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ އަސާސީ ބަޔަކަށްވާތީ، މިކަމަށް އާންމުން ހޭލުންތެރިކޮށް، އިތުރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގެ ކެމްޕެއިންތައް ސްކޫލްތަކާއި މުޖުތަމަޢުގައި މިހާރަށްވުރެ ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް. މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމަށާއި، ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު، ދަތުގެ ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ކަށަވަރުކޮށްދިނުމަށް، ސަރުކާރުންދޭ ސަމާލުކަން އިތުރުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

މިއަދު މި ފާހަގަކުރާ މުހިންމު މުނާސަބަތަކީ، ކުރިމަގުގައި އާ ފެށުމަކަށް ހަދައި، ކުރިއަށް އޮތް އަހަރުތަކަކީ، ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް، އެންމެހައި ފަންނީ ބޭފުޅުންނަށް އިލްތިމާސް ކުރަން.

އާދެ، އަޅުގަނޑުމެން އެންމެންގެ އުންމީދަކަށް މިވަނީ މި ދާއިރާގެ މި ޚިދުމަތްތައް ޒަމާނީ ފެންވަރަށް، ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ދެވޭ ތަނަކަށް މި ދިވެހިރާއްޖެ ވެގެންދިޔުން. ދެންމެ ސީ.އީ.އޯ. ފާހަގަކުރެއްވިފަދައިން، އަޅުގަނޑުމެންގެ އެންމެން، މި ޚިދުމަތުގައި ދެމިތިބި އެންމެން މަސައްކަތް މިކުރަނީ އެކި ތަންތަނުގައި އެކި ދާއިރާތަކުގައި. އެހެންވީމާ، އަޅުގަނޑުވެސް ވާހަކަ ކުރުކޮށްލާނީ، ތިޔަ އެންމެހައި ބޭފުޅުންނަށް ތިޔަބޭފުޅުންގެ އާ ވިސްނުންތަކާއި، އާ އީޖާދުތައް އެއްތަންވެ، އެގުޅުން ބަދަހިކޮށް، އެ ވިސްނުން އެއްތަންކުރުމަށްފަހު، އެ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ގޮތަކަށް. އަޅުގަނޑުވެސް ވާހަކަ ކުރުކޮށްލަން.

އަޅުގަނޑުމެން އެންމެންގެ ދުޢާއަކަށްވާނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، މިއަދަށްވުރެ ފަހި މާދަމައެއް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.