بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ މި އުފާވެރި ޙަފްލާއަކީ، އަމީނިއްޔާ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއެކީގައި ސްކޫލްގެ ފަރާތުން ހިންގެވި ހަރަކާތްތައް އުފާވެރިގޮތެއްގައި ނިމިގެންދިޔަކަން ފާހަގަކުރުމުގެ ޙަފްލާ. އާދެ، މީގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، އަޅުގަނޑުވެސް މިތާނގައި މާގިނައިރު ހުންނާކަށް ގަސްތެއްނުކުރަން. އެހެންކަމުން، ވަރަށް ކުރުކުރުކޮށް ދެތިން ވާހަކައެއް ދަންނަވާލާފައި، މި ފިޔަވަޅުމަތިން އެއްފަރާތަށް ޖެހިލާނަމޭ އަޅުގަނޑުގެ ހިތުގައި އެބައޮތް.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް، މި މުނާސަބަތާ ގުޅިގެން ތިޔަބޭފުޅުން ތިޔަ ދެއްވި ޝަރަފަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ވާހަކަ.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަކަށްވެސް އަދި އަޅުގަނޑުގެ އަންހެނުންނަކަށްވެސް މިކަމުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ނޫޅެވޭ. އެހެންނަމަވެސް، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ޢިނާޔަތް ވަރަށް އުފަލާއެކު ޤަބޫލުކޮށް، އަދިވެސް އެއްފަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރިންނަށާއި، ސްޓިއަރިންގ ކޮމިޓީގެ ބޭފުޅުންނަށާއި އަދި އަމީނިއްޔާ ސްކޫލްގެ ހިންގުންތެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑަކީ އަމީނިއްޔާ ސްކޫލްގައި ކިޔަވައިދިނުމުގެ އުފާ ތަންކޮޅެއް ކުރިން ލިބިފައިވާ މީހަކަށްވާތީ، މި މުނާސަބަތަކީ އާދެ، އަޅުގަނޑު ކިޔަވައިދިން ސްކޫލަކަށް 50 އަހަރު ފުރިގެން، އެކަމުގެ އެކިއެކި އިޙްތިފާލުތައް ބާއްވާ މުނާސަބަތަކީ، އަމިއްލަގޮތުންވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް ކަމުގެ ވާހަކަ. އާދެ، އަޅުގަނޑު އަމީނިއްޔާގައި ކިޔަވައިދިން ދުވަސްކޮޅު އެއީ، ކިތަންމެ ކުޑަ ދުވަސްކޮޅެއް ކަމުގައިވިޔަސް، އަޅުގަނޑު ދުށީ އެއީ، ވަރަށް އުފާވެރި ދުވަސްކޮޅެއްގެ ގޮތުގައި. އެކަން އަޅުގަނޑަށް ތަޖުރިބާކުރެވުނީ އެހެން. އެހެންކަމުން، އަޅުގަނޑުގެ ހިތުގައި އަބަދުވެސް އަމީނިއްޔާ ސްކޫލަށް ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، މި ޙަރަކާތުގައި އަމީނިއްޔާގެ ކުރީގެ ދަރިވަރުންގެ އާދެ، ކޮންމެހެން މުސްކުޅި ދަރިވަރުންނޭ ދަންނަވާކަށް އަޅުގަނޑު ނެތިން. އަމީނިއްޔާގެ ކުރީގެ ދަރިވަރުންގެ ޙިއްޞާ އޮތީ ވަރަށް ބޮޑަށް ލިބިފައި. އަދި ހަމައެހެންމެ، މަޖީދިއްޔާގެ ކުރީގެ ދަރިވަރުންގެ ޙިއްޞާވެސް ލިބިފައިވާ ކަމަށް އަޅުގަނޑުމެންނަށް އެނގިފައިވޭ. އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އަޅުގަނޑަށް ހީވާގޮތުގައި، ކޮންމެ ސްކޫލެއްގެވެސް މިހާރުގެ ދަރިވަރުންނަށް އެހީތެރިވެދެއްވުމުގެ ގޮތުން، ކުރީގެ ދަރިވަރުންނަށް ކުރެއްވޭނެ ކަންތައްތަކެއް ހުންނާނެއޭ.

އެހެންވީމާ، އަޅުގަނޑު އެދެނީ، އަމީނިއްޔާގެ ކުރީގެ ދަރިވަރުންގެ ފަރާތުންވެސް، އަދި މަޖީދިއްޔާގެ ކުރީގެ ދަރިވަރުންގެ ފަރާތުންވެސް، އެ ދެ ސްކޫލްގެ މިހާރުގެ ދަރިވަރުންނަށް އެހީތެރިވެދެއްވައި، އެކުދިންނަށް އެކިއެކި އިރުޝާދު ދެއްވައި، ކަންތައްތައް ފަހިކޮށްދެއްވުމުގައި މިހާރަށްވުރެ ބޮޑު ދައުރެއް އަދާކުރައްވަމުން ގެންދެވުން. ހަމައެކަނި މިކަހަލަ އިޙްތިފާލަކާ ގުޅިގެން، އެ އެއްބާރުލެއްވުން ބޭއްވުމުގެ ބަދަލުގައި، އެ އެއްބާރުލެއްވުމަކީ މުސްތަޤްބަލަށްޓަކައި ދެމިގެންދާނެ އެއްބާރުލެއްވުމެއް ކަމުގައި ހަމަޖެއްސެވުން.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މިފަދަ މަރުކަޒުތަކުގައި އެތަނަކަށް ހަމަޖެހިފައިވާ، އެތަނަކަށް ނިސްބަތްވާ ރީތި އާދަކާދަތަކެއް ނުވަތަ ޓްރެޑިޝަންތަކެއް ހުރޭ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަމީނިއްޔާ ސްކޫލްގައިވެސް އެފަދަ ޓްރެޑިޝަންތަކެއް އެބަހުރިހެން، ހުންނާނެހެން. އެކަން ދަމަހައްޓައި އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަކީ އަޅުގަނޑުހިތުން މުސްތަޤްބަލުގައިވެސް އަމީނިއްޔާ ސްކޫލަށް އިތުރު ކާމިޔާބީއާއި ފަޚުރު ލިބިގެންދާނެ ކަމެއް. ހަމައެކަނި އަމީނިއްޔާ ސްކޫލަކަށް ނޫން، ރާއްޖޭގައި ހުރި ޒަމާންވީ ތަޢުލީމީ ހުރިހާ މަރްކަޒުތަކެއްގައިވެސް އެތަނަކަށް ޚާއްޞަވެފައިވާ، މި ދެންނެވި ފަދަ ރީތި އާދަކާދަތަކާއި ގޮތްތައް އެތަންތަނުން އިތުރަށް ބަދަހިކުރައްވައި، ދަމަހައްޓަވައި، ކުރިއަށް ގެންދެވުމަކީ އަޅުގަނޑުހިތުން މުސްތަޤްބަލަށް ވިސްނާއިރު ވަރަށް ބޭނުންތެރި ކަމެއް.

އާދެ، މި އިޙްތިފާލަކީ އަމީނިއްޔާގެ އިޙްތިފާލަކަށްވާތީ، އަމީނިއްޔާގެ ދަރިވަރުންނާ މުޚާޠަބުކޮށްވެސް، ކިތަންމެ ކުރު ނަމަވެސް އެއްޗެއް ބުނެލަން އަޅުގަނޑު ބޭނުން. އާދެ، އަމީނިއްޔާގެ މިހާރުގެ ދަރިވަރުންނަކީ މުސްތަޤްބަލުގައި ޤައުމަށް ޚިދުމަތްކުރަން ތިބޭނެ ބަޔެއް. އަޅުގަނޑުހިތުން އަމީނިއްޔާގެ މިހާރުގެ ދަރިވަރުންގެ ކޮންމެ ކުއްޖަކަށްވެސް އެކަން އިޙްސާސްކުރެވޭނެ. މީގެކުރިން އަމީނިއްޔާގައި އުޅެފައިވާ އަދި އަމީނިއްޔާއިން ދިވެހި މުޖުތަމަޢަށް ނުކުމެފައިވާ ދަރިވަރުންނަކީ މިހާރު ތަފާތު މައިދާންތަކުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވަމުންދާ ބަޔެއް. އެމީހުން އެ ކުރާ މަސައްކަތުގެ ފައިދާ މުޅި މުޖްތަމަޢަށް ދަނީ ލިބެމުން. އެހެންވީމާ، އެކަމުގެ އުފާ މިއަދުގެ އަމީނިއްޔާގެ ދަރިވަރުންނަށްވެސް އިހޙްސާސްކުރެވޭނެ. އަޅުގަނޑު މިރޭ ބުނެލަން ބޭނުންވާ ވާހަކަޔަކީ، އަމީނިއްޔާގެ ދަރިވަރުންގެ ވަރަށްބޮޑު ޙިއްޞާއެއް، މުޖުތަމަޢު ހަމަޖެހޭގޮތުގައި އަދި އަމާންކަމާއި ބާއްޖަވެރިކަމާއެކީގައި ކުރިއަށްދިޔުމުގައި އެބައޮތޭ.

އާދެ، މިދޭތެރެއިން ބޭއްވުނު، ޢާއިލާ ބަދަހިކުރުމާބެހޭ ޖަލްސާއަށް ހޯދި ހޯދުންތަކުން އެނގޭގޮތުގައި، ކިޔަވައިގެން ތިބޭ އަންހެން ކުދިންނަކީ، އެކުދިން އެކިއެކި ޢާއިލާތައް އުފެއްދުމުން، އެ ޢާއިލާތަކަށް ލިބެންޖެހޭ ހަމަޖެހުން ގެނެސްދޭ ބަޔެއް. އެހެންވީމާ، އަންހެން ކުދިންނަށް ތަޢުލީމު ލިބިފައިވާ މިންވަރެއްގެ މައްޗަށް ޢާއިލާގެ ބަދަހިކަން ނުވަތަ ޢާއިލާގެ އުފާވެރިކަން ބިނާވެފައިވާތީ، އަޅުގަނޑު އެދެނީ މިހާރުގެ އަމީނިއްޔާގެ ދަރިވަރުންނާއި އަދި ރާއްޖޭގައި ތަޢުލީމު ޙާޞިލްކުރާ ހުރިހާ އަންހެން ކުދިންވެސް މިކަމުގެ މައްޗަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުން. އެކުދިން އެދެވޭގޮތުގައި ތަޢުލީމު ޙާޞިލްކޮށްގެން، އެކުދިން އަނބިންގެބައި ނުވަތަ މައިން ނުވަތަ މަންމައިންގެބައި އަދާކުރަންޖެހޭއިރު، އެކުދިންނަކީ އެކުދިންގެ މަސްއޫލިއްޔަތު ރަނގަޅަށް ވަޒަންކުރާ އަދި ލިބިފައިވާ ޢިލްމާއި މަޢުލޫމާތުގެ އަލީގައި، ޢާއިލާ ބަދަހިކޮށް، ޢާއިލާގެ ކަންތައްތައް ހަރުދަނާގޮތެއްގައި ކުރިއަށްގެންދާ ބަޔަކުކަމުގައިވުން. ތަޢުލީމު ލިބިފައިވާ އަންހެނުންގެ ބޭނުން ވަރަށްބޮޑު. އަންހެނުންނަކީ މުޖްތަމަޢުގެ އެއްބައި. އެހެންކަމުން، އަޅުގަނޑު މި އިޝާރާތްކުރީ އަންހެނުންގެ ވަރަށް ބޭނުންތެރި ވާޖިބެއްގެ މައްޗަށް.

އާދެ، ކޮންމެއަކަސް މިރޭގެ މި އިޙްތިފާލަކީ، މާ ދިގުކޮށް ވާހަކަ ދައްކަން އޮތް އިޙްތިފާލެއް ނޫން. އަޅުގަނޑުގެ މި ވާހަކަކޮޅަށްވުރެ މާ އުފާވެރި އައިޓަމެއް މީގެ ފަހަތުގައި އޮތީމާ އަޅުގަނޑު މިތާނގައި ނުހުރެ ވަކިވާން ގަސްތުކުރަނީ. އާދެ، ތިޔަބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވުމަށްޓަކައި، ހޫނުކޮށް ތައްޔާރުކުރެވިފައި ހުރި އެއްޗެތި ހޫނުކަންމަތީގައި ދެމެހެއްޓުމުގެ ގޮތުން ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އުފާވެރި ވަގުތުތަކަކަށް އެދެމުން، އަދި އަމީނިއްޔާ ސްކޫލަށް މުސްތަޤްބަލުގައި އިތުރު ކާމިޔާބީއާއި ތަރައްޤީއާއި، އިތުރު ކުރިއެރުމަށް އެދެމުން އަޅުގަނޑު ވަކިވެލާނަން.

والسّـلام عليـكم ورحـمة اللّـه وبركاته.