بســم اللّـه الرّحمـن الرّحيــم
السَّلامُ عَلَيْكُم ورَحْمَةُ اللهِ.
އާދެ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަން.
ދުނިޔޭގެ ތިމާވެށި ދުވަސް މިއަދު ރާއްޖޭގައި މި ފާހަގަކުރެވެނީ، ވަރަށް ޚާއްޞަގޮތަކަށް. އާދެ، މިދިޔަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން އިޢުލާނު ކުރައްވާފައިވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރައްވާ، އަމިއްލަ ފަރާތްތަކުން، އެ ކުރައްވާ މަސައްކަތުގެ އަގު ސަރުކާރުން ވަޒަންކޮށް، އެންމެ ފާހަގަކޮށްލެވޭ ފަރާތަކަށް ސަރުކާރުން މިއަހަރުން ފެށިގެން އިނާމެއް ދޭނެކަމަށް. މި މަސައްކަތް އެ މިނިސްޓްރީން ވަނީ ކުރައްވާފައި. މިވޭތުވެދިޔަ އަހަރުގެތެރޭގައި ރާއްޖޭގެ ތިމާވެށްޓަށް އެންމެ ބޭނުންތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވަނީ އަމިއްލަ ކޮންފަރާތަކުންތޯ ބައްލަވާފައި ވަނީ. އެ މިނިސްޓްރީން ބެއްލެވި ބެއްލެވުމުގައި އިނާމު ޙައްޤުވާ އެންމެ ފަރާތެއް ނޫން ފާހަގަކުރެއްވުނީކީ. އެއަށްވުރެ ގިނަ ފަރާތް އެބަހުރި. ޙަޤީޤަތުގައި މިއަދު މި އިނާމު އެރުވެނީ އޭގެތެރެއިން ވަރަށް ޚާއްޞަގޮތަކަށް ފާހަގަކޮށްލެވޭ ތިންފަރާތަކަށް ކަމުގައިވިޔަސް، އެނޫން، ވަރަށް ގިނަ ފަރާތްތަކުންވެސް ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތް ކުރައްވާފައިވޭ. އެހެންނަމަވެސް، މިފަދަ އިނާމަކީ ކޮންމެވެސް އުސޫލަކުން، ކޮންމެވެސް މިންވަރަކަށް ދެވޭނެ އިނާމަކަށްވާތީ، މިފަހަރު އެ މިނިސްޓްރީގެ ފަރާތުންވެސް ތިން ފަރާތެއް ފާހަގަކުރެއްވީ.
އާދެ، އެންމެ ފުރަތަމަ، މި އިނާމު މިއަދު ލިބިވަޑައިގެންނެވި ތިން ފަރާތަށް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އެ ހުރިހާ ފަރާތަކުން އެ ކުރެއްވި މަސައްކަތަކީ ވަރަށް ބޭނުންތެރި، އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް މުހިންމު މަސައްކަތެއްކަމުގައި އަޅުގަނޑު ފާހަގަކުރަން. އެލް.ޓީ.ޔޫ. އިން އިސްނަންގަވައިގެން ކުރެއްވި މަސައްކަތަކީވެސް ވަރަށް މުހިންމު މަސައްކަތެއް. އޭގައި އަޅުގަނޑު ފާހަގަކޮށްލާ ކަމަކީ، ރާއްޖެއިން ބޭރުގެ ޖަމާޢަތަކުން ރާއްޖޭގެ ރަނގަޅަށްޓަކައި، ރާއްޖޭގެ ހެވަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި، އެވަރުގެ ބޮޑު މަސައްކަތެއް ކުރަމުން ގެންދާކަން. އެކަމަށްޓަކައި އެލް.ޓީ.ޔޫ.އަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން.
ދެން ހޮވާލެވިފައިވާ އަނެއް ފަރާތަކީ އަމީނިއްޔާ ސްކޫލް. އަމީނިއްޔާ ސްކޫލް ހޮވުނީ ރާއްޖޭގެ ޒުވާނުން އަދި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ކުދިން ތިމާވެށްޓަށްޓަކައި ކުރާ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން. ވަރަށް ގިނަ ސްކޫލްތަކުގައި މި މަސައްކަތް ކުރެވެމުން އެބަދޭ. މާލޭގައިވެސް، ރާއްޖެތެރޭގައިވެސް. އެހެންނަމަވެސް، އެންމެ ފާހަގަކުރެވޭ ގޮތެއްގައި މި ވޭތުވެދިޔަ އަހަރުގެތެރޭގައި އެ މަސައްކަތް ކޮށްފައި ވަނީ އަމީނިއްޔާ ސްކޫލުން ކަމަށްވާތީ، އަދި ޚާއްޞަކޮށްF އެ ސްކޫލްގެ ދަރިވަރުން އޭގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކޮށްގެން ކަމަށްވާތީ، އެ ސްކޫލް ފާހަގަކޮށް، އެ ސްކޫލްގެ "އިކޯ" ކުލަބަށް ނުވަތަ، "ރީފް" ކުލަބަށް، ނުވަތަ މުޅި ސްކޫލަށް މިއަދު މި އިނާމު މި ދެވެނީ. އެހެންވީމާ، އަމީނިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް އަދި ޚާއްޞަކޮށް، އެ ކުލަބުގެ މެންބަރުންނަށް އަދި ސްކޫލް ހިންގަވާ ވެރިންނަށްވެސް މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.
ތިންވަނައަށް ހޮވިފައި މިވަނީ، ފޯއްމުލަކުގެ ޖަމާޢަތެއް. އަމިއްލަ ޖަމުޢިއްޔާއެއް. އާދެ، އެއީ އެތާނގައި އުފެދިފައިވާ "ސޮސައިޓީ ފޮރ އެންވަޔަރަންމަންޓަލް އެވެއަރނަސް". ޝައްކެއްނެތް، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޖަމުޢިއްޔާއިންވެސް ވަރަށް މުހިންމު ޚިދުމަތްތަކެއް ތިމާވެށްޓަށްޓަކައި ވަނީ ކުރައްވާފައި. ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް ބޮޑެތި މަސައްކަތްތަކެއްވަނީ ކުރައްވާފައި. އަދި ހިތަށް ގެންނަން ދަތި ކަހަލަ ބުރަ މަސައްކަތެއްވެސް ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވި. އެއީ ރަށުގެ ހުރިހާ ގެއެއްގައި ހުރި ގަސްތައްވެސް ސަރވޭއެއް ކުރެއްވުން. ފޯއްމުލަކަށް ދިޔުމުގެ އުފާ އަޅުގަނޑަށްވެސް ވަނީ އެތައްފަހަރެއްގެ މަތިން ހާސިލުވެފައި. އެހެންވީމާ، އަޅުގަނޑަށް އެނގޭ، ރަށުގެ ބޮޑުކަމާއި، ގޯތިގެދޮރުގެ ގިނަކަމާއި، އަދި ޚާއްޞަކޮށް، އެރަށުގައި ހުރި ގަސްތަކުގެ ގިނަކަން. އެހެންވީމާ، އެވަރުގެ ބޮޑު، ބުރަ މަސައްކަތެއް ކުރެއްވިކަމަށްޓަކައި، އެ ޖަމުޢިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. ހަމައެއާއެކީގައި، އެ ޖަމުޢިއްޔާގެ ފަރާތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެ ކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކުރަން. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ބޮޑު މަސައްކަތަކީ އެއީ. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން. އެއީ، މިފަދަ ބޮޑުކަމަކީ ހަމައެކަނި ސަރުކާރުން ނުވަތަ އަމިއްލަ ޖަމުޢިއްޔާތަކުން، ސަރުކާރާ ބައިވެރިވެގެންނަމަވެސް ކުރެވޭވަރުގެ މަސައްކަތަކަށްވުރެ މާބޮޑު މަސައްކަތެއް. މިފަދަ މަސައްކަތްތައް ކާމިޔާބުގޮތެއްގައި ހިންގޭނީ މުޅި ރައްޔިތުން އެއްބައިވެގެން. ރައްޔިތުން އެއްބައިވާނީ އެމީހުންނަށް މިކަމުގެ މަޢުލޫމާތު ރަނގަޅަށް އެނގިގެން. އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރަން ބޭނުންވަނީ ކީއްވެގެންތޯ، އާންމު ރައްޔިތުންނަށް ވަރަށް ރަނގަޅަށް އޮޅުންފިލަންޖެހޭނެ. ތިމާވެށި ރައްކާތެރިކުރުމުގައި ހަމަ ކޮންމެ ރައްޔިތެއްގެވެސް ފައިދާ ހިމެނިގެންވާކަން، ކޮންމެ ރައްޔިތަކަށްވެސް ވިސްނެންޖެހޭނެ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެންނަށް ކަންތައް ކުރެވިއްޖިއްޔާ، އާންމު ރައްޔިތުންގެ ތަރުޙީބާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބޭނެ. އެހެންވީމާ، ހުރިހާ ޖަމުޢިއްޔާތަކަކުންވެސް އެ ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއްބައިކަމުގައި އަޅުގަނޑު ދެކެނީ، އަދި ސަރުކާރުން މި ކުރާ މަސައްކަތުގެވެސް އެންމެ މުހިންމު އެއްބައިކަމުގައި އަޅުގަނޑު ދެކެނީ، ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް. އެ މަސައްކަތް، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެން އެކުވެގެން އަދިވެސް ވަރަށް ބޮޑަށް ކުރިއަށްގެންދަން އެބަޖެހޭ.
ދެން، ރާއްޖެއަކީ ތިމާވެށީގެ ގޮތުން ވަރަށް ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމެއް. އަޅުގަނޑުމެންގެ ރާއްޖެ ޠަބީޢީގޮތުން، އުފެދިފައިވާ ގޮތުންނާއި، އަދި ދުނިޔޭގެ ތިމާވެށްޓަށް މި އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކާއި، މި ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ.
ރާއްޖެ އުފެދިފައި މިވަނީ މުރަކައިގެ ޖަޒީރާތަކަކުން. އެ ޖަޒީރާތައް އަޅުގަނޑުމެންނަށް ޙިމާޔަތްކުރެވޭނީ ނުވަތަ ގިރައިގެންދިޔަނުދީ ބެލެހެއްޓޭނީ، އެ ޖަޒީރާތަކުގެ ވަށައިގެންވާ ޤުދުރަތީ ތޮށްޓާއި އަދި އަޅުގަނޑުމެންގެ ރާއްޖޭގައިވާ ފަރުތައް ރަނގަޅަށް ސަލާމަތްކުރެވިގެން. އެހެންވީމާ، އެގޮތުން މިއަދު މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން، ރާއްޖޭގައި ހުރި ބައެއް ފަރުތަކަކީ ރައްކާތެރިކުރެވިގެންވާ ތަންތަންކަމުގައި އިޢުލާނު ކުރައްވާނެ. އެއީ މިގޮތުން އެޅޭ، ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އަޅުގަނޑު ދެކެން. އެ ތަންތަނުން، ސަރުކާރުން ހުއްދަކުރާ ވަކިކަހަލަ މަސައްކަތެއް ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރެވޭގޮތަށް. އެ ފަރުތައް ޙިމާޔަތްކުރުމަށްޓަކައި، ސަލާމަތްކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން. އޭގެފަހުން، އިރާދަކުރެއްވިއްޔާ މިބައި އިތުރުވަމުން ދާނެ. އެއީ ދުނިޔޭގެ އެހެން ތަންތާނގައިވެސް، އެ ތަންތާނގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތެއް. ރާއްޖޭގައި، އިރާދަކުރެއްވިއްޔާ މިއަދު އަލަށް އެކަން މިފެށެނީ.
ދެން އަޅުގަނޑުމެންނަށް ކުރިމަތިވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ދުނިޔޭގެ މޫސުމަށް މި އަންނަ ބަދަލު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ. މޫސުމަށް މި އަންނަ ބަދަލާއި، ދުނިޔެ ހޫނުވަމުންދާ ދިޔުމާއި، މިކަންތައްތަކުގެ ސަބަބުން، އަޅުގަނޑުމެން ކަހަލަ، ފަސްގަނޑު ތިރި ޤައުމަކަށް، މުސްތަޤްބަލުގައި ކުރިމަތިވެދާނެ ނުރައްކާތަކަކީ، ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ދެނެގަންނަންޖެހޭ ކަމެއް. އަދި އެކަމުން އަޅުގަނޑުމެންނާއި އަދި މުސްތަޤްބަލުގެ ޖީލުތައް ސަލާމަތްކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ވަރަށް ވަރުގަދަ ޢަޒުމްތަކެއް ކަނޑައަޅަންޖެހޭ. އަދި ކަމާބެހޭ ޕްރޮގްރާމްތަކެއްވެސް ހިންގަންޖެހޭ. އެހެންނަމަވެސް، މި މަސައްކަތަކީ ހަމައެކަނި ވަކި ޤައުމަކުން ކުރެވޭނެ މަސައްކަތެއް ނޫން. މިއީ މުޅި ދުނިޔެ އެއްބާރުލައިގެން ކުރަން އޮތް މަސައްކަތެއް. ތިމާވެށްޓަށް މި ދިމާވާ ކަންތައްތަކަކީ ހަމައެކަނި މިދެންނެވީކީ ނޫން. ދުނިޔޭގެ އެހެން ތަންތަނަށް ދިމާވާ، ތިމާވެށީގެ ބޮޑެތި އެހެން ނުރައްކާތަކެއްވެސް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ ބޮޑަށް ދިމާވާނެ ކަންތައްތަކަކީ، ވަރަށް ކުރުގޮތެއްގައި އަޅުގަނޑު މި ދަންނަވާލީ.
އަޅުގަނޑުމެންގެ ތަރައްޤީ ދެމެހެއްޓެނިވިގޮތުގައި ކުރިއަށް ގެންދެވޭތޯ ބެލުމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖޭގެ ޖަޒީރާތަކާއި، އެ ޖަޒީރާތަކާ ގުޅިފައިވާ މޫދާއި ފަރުފަރާއި ކަނޑާ، މިތަންތަން ސަލާމަތްކުރުމާއި އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ފާހަގަކުރެވޭ، ދިރުންހުރި ހުރިހާ ތަކެއްޗެއް ޙިމާޔަތްކުރުން، އެއީ ކަނޑުގައި އުޅޭ މަސްމަހާމެހި އަދި އެއްގަމުގައި ހުންނަ ގަސްގަހާގެހި އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ހުރިނަމަ ހުރި ޖަނަވާރުގެ އެކި ބައިތައް، ވައްތަރުތައް، މިއެއްޗެތި، މިތަކެތި ޙިމާޔަތްކުރުމަކީވެސް ވަރަށް މުހިންމު ކަމެއް، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި. އެހެންވީމާ، އެކަން އެއީ ކުރިއްސުރެ ސަރުކާރުން ކޮންމެވެސްވަރަކަށް ކުރަމުން އައިސްފައިވާ މަސައްކަތެއް. މިސާލަކަށް، ވެލާ، ކަހަނބުގެ މައްސަލަ ނަގާކަމަށްވަންޏާ، އެއީވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ކުރިއްސުރެ ރާއްޖެއިން އެއަށް ޚާއްޞަ ސަމާލުކަމެއްދީގެން ޙިމާޔަތްކުރަމުންގެންދާ، ދިރުންހުރި ބާވަތްތަކެއް. އަދި އެނޫން އެހެން އެއްޗެތިވެސް. ކޯމަސް އެއީވެސް އަޅުގަނޑުމެން ވަރަށް މުހިންމު ކަމެއްދޭ އެއްޗެއް. އަޅުގަނޑުމެންގެ މަސްވެރިކަމުގައި ކޯމަހަށް އެއްވެސްކަހަލަ ގެއްލުމެއް ނުލިބޭގޮތުގެމަތިން ކުރަމުން މިގެންދަނީ. އެއީ ދުނިޔޭގެ އެހެން ތަންތާނގެ މީހުންވެސް ފާހަގަކުރާ ކަމެއް.
މިގޮތަށް އަޅުގަނޑުމެންގެ ތިމާވެށްޓާއި އަދި ތިމާވެށްޓާ ގުޅިފައިވާ ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތަށްޓަކައި، ރާއްޖޭގެ ސަލާމަތަށްޓަކައި، އަދި މުސްތަޤްބަލުގެ ޖީލުތަކުގެ ސަލާމަތާއި ހެވަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. މިކަންކަން ކުރުމުގައި ސަރުކާރާއި، އަމިއްލަ ޖަމާޢަތްތަކާއި، ކުންފުނިތަކާއި އަދި އާންމު ރައްޔިތުންގެ ހުރިހާ ފަރާތްތަކަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް.
ޙަޤީޤަތުގައި މިއަދު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގައި، ދުނިޔޭގެ ތިމާވެށްޓާބެހޭ ޖަމުޢިއްޔާއިން އިޢުލާނުކޮށްފައިވާ ޝިޢާރަކީ އަޅުގަނޑު މިދެންނެވި މާނަ ވަރަށް ޞަރީޙުކޮށް ހާމަކޮށްދޭ ޝިޢާރެއް. "ވީ ދަ ޕީޕަލްސް ޔުނައިޓެޑް ފޮރ ދަ ގްލޯބަލް އެންވަޔަރަންމަންޓް." "އަހަރެމެން ރައްޔިތުން، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެކަތިގަނޑަކަށް ވެގެން" ވަރަށް މުހިންމު ޝިޢާރެއް. ދުނިޔޭގެ ހުރިހާ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުން، ހުރިހާ ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން މިތިބީ އަޅުގަނޑުމެންގެ ތިމާވެށި އާދެ، މުޅި ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެކަތިގަނޑަކަށް ވެގެންކަން ބަޔާންކޮށްދޭ ޝިޢާރެއް މިއީ. މިއިން ދައްކައިދޭ އެއްޗަކީ، ތިމާވެށި ރައްކާތެރިކުރުމަކީ ހަމައެކަނި ވަކި ޤައުމަކުން ނުވަތަ ވަކި ޖަމާޢަތަކުން ނުވަތަ ވަކި ބަޔަކު ކުރަން އޮތް ކަމެއް ނޫންކަން. އެއީ މުޅި ދުނިޔޭގެ އެންމެން، ދުނިޔޭގެ އެންމެހާ ރައްޔިތުން އެކުވެރިވެގެން، އެއްބައިވެގެން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެން، އެކަތިގަނޑަކަށްވެގެން ކުރެވޭނެ ކަމެއްކަން. އެހެންވީމާ، ދުވަހާ، ވަރަށް ގުޅޭ ޝިޢާރެއްކަމުގައި އަޅުގަނޑު ދެކެނީ. މިޝިޢާރާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގެ ނަތީޖާވެސް ހެޔޮގޮތުގައި ފެނިގެންދާނެ.
އާދެ، އެހެންވީމާ، މިއަދުގެ މުނާސަބަތުގައި އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، އެލް.ޓީ.ޔޫ.އާއި، އަމީނިއްޔާ ސްކޫލާއި، ފޯއްމުލަކުގެ، ސޮސައިޓީ ފޮރ އެންވަޔަރަންމަންޓަލް އެވެއަރނަސް، މި ތިން ފަރާތަށް އަދި މި ތިން ފަރާތުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.
والسّـلام عليـكم ورحـمة اللّـه وبركاته.