بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، އަޅުގަނޑު މިއަދު އޭދަފުށްޓަށް މިއައީ ވަރަށް މުހިންމު، ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. އަޅުގަނޑުގެ ކުރިން ދެންމެ ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކު ކަމުގައިވާ، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އެ ވިދާޅުވި ފަދައިން، މިޖަލްސާގެ ޕްރޮގްރާމް ހަމަޖެހިފައިވަނީ ވަރަށް ޚާއްޞަ ކަންތައްތަކެއް ފުރިހަމަކުރުމުގެ މައްޗަށް.

އާދެ، ތިޔަބޭފުޅުންނާ ބައްދަލުކުރާ މި ޖަލްސާއަކީ މިރަށުގައި ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ގުޅިގެން ޢިމާރާތްކޮށް ނިމިފައިވާ އިންޖީނުގެ ހުޅުވައިދިނުމުގެ ޖަލްސާއަކަށްވޭ. ހަމައެއާއެކުގައި، މިޖަލްސާއަކީ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި ބޭއްވޭ ޖަލްސާއެއް ކަމަށްވެސް ހިމެނިގެންދޭ. ހަމައެހެންމެ، އޭދަފުށީގެ ރައްޔިތުންގެ ވަރަށް ބުރަ، އިޚްލާޞްތެރި މަސައްކަތަކާ އެކީގައި އަދި ދިވެހި ސަރުކާރުގެވެސް އެހީގައި ޢިމާރާތްކުރެވިފައިވާ، އޭދަފުށީ ބޮޑު މިސްކިތް، ރަސްމީގޮތުން ހުޅުވައިދިނުމުގެ ކުރިން، އެކަން ފާހަގަކުރުމަށްޓަކައި ބޭއްވޭ ޖަލްސާއަކަށްވެސް މިޖަލްސާވޭ. އާދެ، އެހެންނަމަވެސް، މި ހުރިހާ މަޤްޞަދުތަކަކަށްވުރެ އަދި މާ މަތިވެރި، އަޅުގަނޑަށް މާބޮޑު އުފަލެއް ޙާޞިލްކުރެވޭ މަޤްޞަދެއް މި ދަތުރުގައި ހިމެނިފައި އެބައޮތް. އާދެ، އެކަމަކީ މާޅޮސްމަޑުލު ދެކުނުބައިގެ އޭދަފުށީގެ ލޮބުވެތި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން އިޚްލާޞްތެރި ހެޔޮއެދުންތަކާއި ތަހުނިޔާއާއި މަރުޙަބާގެ ޝުޢޫރުތައް ގެނެސްދިނުން.

އާދެ، އަޅުގަނޑު އޭދަފުށްޓަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ. ދިވެހި ސަރުކާރުގެ ހެޔޮއެދުންތައް އޭދަފުށީގެ ލޮބުވެތި ރައްޔިތުންނަށް ރައްދުކޮށްދިނުން. އަދި ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ޚިދުމަތުގައިކަން ތިޔަބޭފުޅުންނަށް ޔަޤީންކޮށްދިނުން. އާދެ، އޭގެ މިސާލެއް މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އަދި މީގެކުރިން އެހެން ބޭބޭފުޅުންގެ ވާހަކަފުޅުތަކުގައިވެސް ވިދާޅުވެފައިވާ ފަދައިން، ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރުމަށްޓަކައި އަދި ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އެއްދުވަހުން އަނެއްދުވަހަށް މަތިކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން އެބަގެންދޭ. ވަރަށް ބޮޑެތި މަޝްރޫޢުތަކެއް ރާވައިގެން އެކަންކަން ހިންގަމުން އެބަގެންދޭ. ބޭނުމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ މިއަދުގެ ދުނިޔޭގައި ކޮންމެވެސްވަރެއްގެ ބުރަދަނެއްހުރި ބައެއްކަމުގައި ހަދައިދިނުން. އެމީހުންގެ ދިރިއުޅުމަކީ އެމީހުންނަށް ފަސޭހަ ދިރިއުޅުމެއް ކަމުގައި ހަދައިދިނުން. އެމީހުންނަށް ލިބޭ އާމްދަނީއަކީ، އެ އާމްދަނީން އެމީހުންގެ އަމިއްލަ ޚަރަދުތަކާއި، އަނބިދަރީންގެ ޚަރަދުތައް ބެލެހެއްޓޭވަރުގެ އާމްދަނީއެއް ކަމުގައި ހަދައިދިނުން. އަދި ހަމައެހެންމެ، އަޅުގަނޑުމެން ދުންޔަވީ ޙަޔާތުގައި ދިރިއުޅޭއިރު އަޅުގަނޑުމެންނަށް، ފުއްދަންޖެހޭ ބޭނުންތައް ފުއްދޭވަރުގެ ތަނަވަސްކަމެއް ލިބިދިނުން. އަދި މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލިއްޔަތުވެސް ހޯދައިދިނުން. މި މުހިންމު މަޤްޞަދުތަކުގައި، ސަރުކާރުން ރާއްޖެތެރެއާބެހޭ މަޝްރޫޢުތައް ހިންގަމުން މިގެންދަނީ.

އާދެ، މިއަދު އަޅުގަނޑު އޭދަފުށްޓަށް އައުމާއެކީގައި އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށް އުފާވެރި މަންޒަރުތަކެއް. އޭދަފުށީގެ ވެރިންނާއި ރައްޔިތުން ގުޅިވަޑައިގެން ކުރައްވާފައިވާ މަސައްކަތްތަކެއް. އާދެ، އެ މަސައްކަތްތަކަކީ އޭގެ ޒާތުގައި އަޅުގަނޑު މާބޮޑަށް އެދޭ މަސައްކަތްތަކެއް ކަމުގައިނުވިޔަސް، އެ މަސައްކަތްތައް ކުރައްވާފައިވަނީ ވަރަށް ޚާއްޞަ ޝުޢޫރެއް ފާޅުކުރެއްވުމުގެ ގޮތުން ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. އާދެ، އެމަސައްކަތްތަކޭ މި ދެންނެވީ، އެއީ މި ރަށުތެރެ ޒީނަތްތެރި ކުރެއްވުމާއި، މަރުޙަބާގެ ޢިބާރާތްތައް ބެހެއްޓެވުމާއި، މި މުނާސަބަތަށްޓަކައި ރަށް ތައްޔާރުކުރައްވާފައިވާލެއް ފުރިހަމަކަން. އޭދަފުށީގެ ވެރިންނާއި ރައްޔިތުން ގުޅިވަޑައިގެން އަދި އަތޮޅުއޮފީހުގެ އިރުޝާދާއި އެހީތެރިކަންވެސް ލިބިވަޑައިގެން މިކަންކަން ކުރައްވާފައި މިވަނީ، ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ޚާއްޞަ ޝުޢޫރެއް ހާމަކުރެއްވުމަށްޓަކައި ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ. އެޝުޢޫރަކީ އޭދަފުށީގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ޝުޢޫރު. އެހެންކަމުން، އެކަން އަޅުގަނޑު ހެޔޮހިތުން ޤަބޫލުކޮށް، އޭދަފުށީގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ މުވައްޒަފުންނަށާއި އަދި ޢާންމު ރައްޔިތުންގެ ކުދިބޮޑު، އަންހެން ފިރިހެން، އެންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ މި ދަތުރަކީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން އޭދަފުށްޓަށް ކުރާ ފަސްވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވިފައި ވަނީ 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު. އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މި ކުރާ ދަތުރުތައް ކުރުމުގެ ބައެއް ބޭނުން، ކޮންމެވެސްވަރަކަށް އެކިފަހަރުމަތިން މިހާރުވަނީ ދަންނަވާލެވިފައި.

އޭދަފުށްޓަކީ ވަރަށް ޚާއްޞަ ރަށެއްކަމުގައި އަޅުގަނޑު އަބަދުވެސް ދެކެން. އޭދަފުށީގެ ރައްޔިތުންނަކީ ވަރަށް އުފެއްދުންތެރި، ވަރަށް މަސައްކަތްތެރި، ތަރައްޤީއަށް ވަރަށް ލޯބިކުރާ ބައެއް. އެހެންކަމުން، ތަފާތު މުނާސަބަތުތަކާ ގުޅިގެން ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި އޭދަފުށްޓަށް އައުމަކީ އަޅުގަނޑަށް ލިބޭ، ވަރަށް ޚާއްޞަ އުފަލެއްކަމުގައި އޮންނަނީ ވެފައި.

އާދެ، މިރަށުގައި ކުރެވިފައިވާ ތަރައްޤީގެ މަސައްކަތްތަކުގެ މައްޗަކަށް ކޮންމެހެން ބަލައިލާކަށް އަޅުގަނޑަކަށް ނުޖެހޭ. އެއީ، ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަންތައްތަކެއް ކަމަށްވާތީ. އާދެ، މިއަދު މި ހުޅުވޭ އިންޖީނުގޭގެ ސަބަބުން އޭދަފުށީގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ފަސޭހަތަކާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަގުގައި ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާނެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިއްޕަވާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް. އާދެ، މި އިންޖީނުގެއާބެހޭ ކަންތައްތަކަކީ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ވިދާޅުވި ފަދައިން، ޖަޕާނު ސަރުކާރުގެ އެހީ ލިބިގެން ދިވެހި ސަރުކާރުން ހިންގި ކަމެއް. އާދެ، އަޅުގަނޑުމެންގެ ތަރައްޤީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ، ކަރަންޓުގެ ޚިދުމަތް ލިބުން ކަމަށްވާތީ އަދި ސަރުކާރުން ވަރަށް ކުރިއްސުރެ ރާއްޖެތެރޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާތީ، އެ ޕްރޮގްރާމްގެ ދަށުން ހިނގާފައިވާ މަޝްރޫޢެއް މިރަށުގައި ހިނގައި ނިމިގެން މިދަނީ.

އާދެ، މިކަމުގައި ޖަޕާނު ސަރުކާރުގެ އެހީ ވަރަށް ބޮޑު މިންވަރަކަށް ހިމެނިފައިވޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ޖަޕާނު ސަރުކާރަކީ ރާއްޖެއަށް، ވަރަށް ޚާއްޞަގޮތެއް ބަހައްޓަވާ ސަރުކާރެއް. ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭގައި އޮންނަނީ ވަރަށް އެކުވެރި، ވަރަށް ރަޙްމަތްތެރި ގުޅުމެއް. އެ ގުޅުން ބަދަހިވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވަރަށް ގިނަ ދާއިރާތަކަށް ޖަޕާނު ސަރުކާރުން އެހީވެދެއްވަމުން ގެންދަވާ. އާދެ، އެ ދާއިރާތައް ހިމަނައި އަދަދުކުރުމަކީވެސް މާ ފަސޭހަކަމެއްނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާއަށްވެސް ޖަޕާނު ސަރުކާރުން ވަނީ، ވަރަށް މަތިވެރި އެހީތަކެއް ވެދެއްވާފައި. ހަމައެހެންމެ، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއަށާއި، ރާއްޖޭގެ މުވާޞަލާތުގެ ދާއިރާއަށް، ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީގެ ދާއިރާއަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް، މިހެންގޮސް ރާއްޖޭގެ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ޖަޕާނު ސަރުކާރުން ވަރަށް ދީލަތިކަމާއެކުގައި އެހީތެރިވެ ދެއްވަމުން ގެންދަވާ. އެހެންކަމުން، މި މުނާސަބަތުގައި ޖަޕާނު ސަރުކާރަށާއި، ޖަޕާނުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ، އޭދަފުށްޓަކީ ތަޢުލީމީގޮތުންވެސް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ރަށެއް. ރާއްޖެތެރޭގައި އެންމެ ފުރަތަމަ އުފެދުނު އަތޮޅު ތަޢުލީމީ މަރުކަޒު އުފެދިފައިވަނީ އޭދަފުށީގައި. އެއީ 1978 ވަނަ އަހަރުގެ ތެރޭގައި. އަދި މިހާރު އެ މަރުކަޒުގައި އެއްއަހަރުން އަނެއްއަހަރަށް ކިޔެވުމުގެ ކަންތައްތައް ތަރައްޤީވަމުންގޮސް، ޖީ.ސީ.އީ. އޯލެވެލް ނެގޭ ހިސާބަށް މި ތަޢުލީމީ މަރުކަޒު ވަނީ ތަރައްޤީވެފައި. އަދި އެ އިމްތިޙާނުގައި މި މަރުކަޒުގެ ކުދިން ދަނީ ބައިވެރިވަމުން. ޝައްކެއްނެތް، އެއީ އޭދަފުށްޓަށް ލިބޭ، ވަރަށް ރީތި ނަމެއް. ތަޢުލީމަކީ ހުރިހާ ކާމިޔާބީއެއްގެ ބިންގާ. ހުރިހާ ކުރިއެރުމެއްގެ ބިންގާ. އެހެންކަމުން، އެކަމަށް އަޅުގަނޑުމެންދޭ އަހަންމިއްޔަތު އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެންގޮސް، އަޅުގަނޑުމެންގެ ދަރިންނަށާއި ޒުވާނުންނަށް އެކަށީގެންވާ ފެންވަރެއްގައި، އެކަށީގެންވާ ރޮނގުރޮނގުން ތަޢުލީމު ޙާޞިލްކޮށްދިނުމަކީ އަޅުގަނޑުމެން ކުރަންޖެހިފައިވާ، ވަރަށް ބޮޑު މަސައްކަތެއް.

މިކަމާ ގުޅިގެން ދަންނަވާލަންޖެހޭ އެއްވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި، މީހުން ބިނާކުރުމުގެ ވާހަކަ. މީހުން ބިނާކުރުމަކީވެސް ވަރަށް މުހިންމު ކަމެއް. އާދެ، އެކަމަށް އަޅުގަނޑުމެން ދޭންޖެހޭ ސަމާލުކަން ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. އަޅުގަނޑުމެންގެ ތަރައްޤީގެ ތަފާތު ދާއިރާތަކުގައި އަދި ތަފާތު މަސައްކަތްތަކުގައި ޙަރަކާތްތެރިވުމަށްޓަކައި، ކަމާބެހޭ މަޢުލޫމާތާއި ހުނަރުވެރިކަން ލިބިފައިވާ މީހުން ތައްޔާރުކުރުމަކީ، މިވަގުތު އަޅުގަނޑުމެންނަށް އުފުލަން ޖެހިފައިވާ، ވަރަށް ބޮޑު މަސްއޫލިއްޔަތެއް. މި މަސްއޫލިއްޔަތު އުފުލޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އެބަ ގެންދަން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ތަފާތު ދާއިރާތަކުގައި މީހުން ތަމްރީނުކޮށް މީހުން ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެބަކުރޭ. މިސާލަކަށް، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާނެ މީހުން އުފެއްދުމަށްޓަކައި ހޮޓެލް ސްކޫލެއް އެބަ ހިންގާ. އަދި އެކިއެކި ޓެކްނިކަލް ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށްޓަކައި ވީ.ޓީ.ސީ. އާދެ، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރތަކާއި، އާރު.ވައި.ވީ.ޓީ.ސީ. އާދެ، ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރތައްވެސް ސަރުކާރުން އެބަ ހިންގާ. ހަމައެހެންމެ، އަޅުގަނޑުމެންގެ ސަރުކާރުގެ ދާއިރާއަށް ބޭނުންވާ އެކައުންޓެންސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނާބެހޭ ކަންތައްވެސް އެމް.ސީ.އެމް.އޭ. އިން އެބަ ހިންގާ. މިގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި ބޭނުންވާ، ވަރަށް ގިނަ ކަންތައްތަކުގެ ހުނަރުވެރިކަމާއި، ޤާބިލިއްޔަތު، މީހުންނަށް ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އެބަގެންދަން. ކުރީގައި، ބޯޓުދަތުރުކުރަންދާ މީހުންނަކީ އެއްވެސްކަހަލަ މަޢުލޫމާތެއް ނުލިބި ގޮސް އުޅުނު ބައެއް. އެހެންނަމަވެސް، މިހާރު ސީމަނުން ތަމްރީނުކޮށް، އެމީހުންނަށް އެކަށީގެންވާ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއްވެސް ސަރުކާރުން އެބަ ހިންގާ.

މިގޮތުން، އެކިއެކި ޓެކްނިކަލް ދާއިރާތަކަށް ބޭނުންވާ މީހުން ތައްޔާރުކޮށް، އެމީހުންގެ ފަރާތުން ޤައުމަށް ލިބެންޖެހޭ ފައިދާއާއި ޚިދުމަތް ލިބުމުގެ މަގު ފަހިކޮށްދެވޭތޯ ސަރުކާރުން މިގެންދަނީ ވަރަށްބޮޑަށް މަސައްކަތްކުރަމުން. އާދެ، އަޅުގަނޑުމެން މިރޮނގުގައި އިތުރަށް ކުރިއަށްދާން ވަރަށް ބޮޑަށް ބޭނުންވޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވާރލްޑް ބޭންކުގެ ލޯނުގެ އެހީގައި، އެޑިޔުކޭޝަނަލް ޓްރޭނިންގ ޕްރޮޖެކްޓްގެ ނަމުގައި ސަރުކާރުން މިހާރު ވަނީ ޕްރޮޖެކްޓެއް ހިންގައި ނިމިފައި. އޭގެވެސް މުހިންމު މަޤްޞަދަކީ މީހުން ބިނާކުރުން. އެ މަޝްރޫޢު ނިމުމާއެކީގައި، މިހާރު އޭގެ ދެވަނަ މަޝްރޫޢެއް ފެށުމަށްވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ހިންގުމުންވެސް، އަޅުގަނޑު މިދެންނެވި، މީހުން ބިނާކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ވަރަށް ގިނަ. އާދެ، އެއީ އަޅުގަނޑުމެންގެ ތެރޭގައި، އެމީހުން އެ އަދާކުރާ ވަޒީފާތައް އަދާކުރެވޭނެ ފެންވަރުގެ މީހުން ނެތުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރަންޖެހިފައިވާ ކަމެއް. ތަޢުލީމީ ދާއިރާއަށް ވިސްނާލިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައި، ވަރަށް ގިނަ އަދަދަކަށް ބޭރުން ޓީޗަރުން ގެންނަން އެބަޖެހޭ. މިދާއިރާގައިވެސް ސަރުކާރުން މިހާރު ގެންދަނީ މަސައްކަތްކުރަމުން. މުދައްރިސުން ތަމްރީނުކުރުމާބެހޭ ބުރުތަކެއް އެބަ ހިންގާ. ކޯސްތަކެއް އެބަ ހިންގާ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އަދަދަކަށް މިހާރު ވަނީ މުދައްރިސުން ތަމްރީނު ކުރެވިފައި. ކުރިން ރާއްޖެއިން ތަމްރީނުކުރަމުން ގެންދިޔައީ އިބްތިދާއީ މަދަރުސާތަކަށް ކިޔަވައިދޭ މުދައްރިސުން. މިހާރު ތަމްރީނުކުރަން މި ފަށަނީ ޘާނަވީ މަރުޙަލާއަށް ބޭނުންވާ މުދައްރިސުން. އެހެންވީމާ، އެކަންވެސް އެބަ ހިނގާ. އަޅުގަނޑުމެން މިކަންކަން ކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެ، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަކީ ދިވެހިން ކުރާ މަސައްކަތްތަކެއް ކަމުގައި ހެދުން. އާދެ، އެއީ އަޅުގަނޑުހިތުން ވަރަށް ބޮޑު ކަމެއް. އެހެންނޫނީ، ވާގޮތަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ގެންނަންޖެހޭ ބިދޭސީންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެންދަނީ.

ބިދޭސީން އިތުރުވުމަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ ފަދައިން، އެކަމުގެ ސަބަބުން ތަފާތު މައްސަލަތަކެއް ނުކުންނާނެ ކަންތައްތަކެއް. މިހާރުވެސް ބައެއްކަހަލަ މައްސަލަތައް ދަނީ ނުކުންނަމުން. އަދި އެއާއެކުގައި، ބިދޭސީން އެހާ ގިނަ އަދަދަކަށް ރާއްޖޭގައި ގެންގުޅުމުން، މުސާރައިގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ބޭރުފައިސާ ރާއްޖެއިން ބޭރަށްދާ ވާހަކަވެސް ދަންނަވަންޖެހޭ. އަޅުގަނޑުމެންގެ ޤައުމަށް ބޭރުފައިސާ ލިބޭނެ މަގުތައް ވަރަށްމަދު. އެކަން އެހެންއޮއްވައި، އަޅުގަނޑުމެންނަށް މި ލިބޭ މަދު ފައިސާކޮޅުން ބޮޑުބައެއް ރާއްޖެއިން ބޭރަށްދާގޮތަށް ހަމަޖެހިގެން ހިނގަމުންދާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅޭ، ވަރަށް ބޮޑު ހުރަހަކަށްވާނެ. މި ހުރިހާ ކަމެއް މިހެން ހުރުމާއެކީގައި، މީހުން ބިނާކުރުމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް މިއަދު ދޭންޖެހިފައިވަނީ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ ހުރިހާ ފަރާތްތަކަކުންވެސް މިކަން ވަރަށް ބޮޑަށް ފާހަގަކުރެއްވުމާއެކު، ރާއްޖޭގެ ޒުވާނުންވެސް އެމީހުން އަމިއްލައަށް، އެމީހުން ކުރާހިތްވާ މަސައްކަތްތައް ދަސްކޮށްގެން އެރޮނގުތަކުން ކުރިއަށްދިޔުމުގެ ޢަޒުމް ކަނޑައަޅައިގެން، އެގޮތަށް ޢަމަލުކުރަމުން ގެންދިޔުން. އަޅުގަނޑު މިހެން ދަންނަވާއިރު، ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުންވެސް މީހުން ބިނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަކޮށްލަން. ހަމަ އެންމެ މިޒަމާނަށް ބޭނުންވާ ކަމެއް ކަމުގައިވާ، ކޮމްޕިއުޓަރ ލިޓްރަސީ ނުވަތަ ކޮމްޕިއުޓަރުގެ ބޭނުންކުރަން އެނގުމުގެ ރޮނގުންވެސް އަމިއްލަ ފަރާތްތަކުން ކޯސްތައް އެބަ ހިންގަވާ. ވަރަށް ގިނަ ޒުވާނުންނަށް ކޮމްޕިއުޓަރާބެހޭ މަޢުލޫމާތު ދެއްވަމުން އެބަ ގެންދަވާ. މިކަންކަން މިހެން ކުރެއްވުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ފައިދާހުރި ކަމެއް. އެހެންކަމުން، މީހުން ބިނާކުރުމުގެ މައިދާނުގައި އަމިއްލަ ފަރާތްތަކުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިރަށުގައި މިހާރު ހިނގަމުންދާ ބޮޑު އަނެއް މަސައްކަތަކީ، މިރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެމަސައްކަތުގެ ތެރެއިން ސަރުކާރާބެހޭބައި މާލަހެއްނުވެ ނިމިގެންދާނެ. ހަމައެހެންމެ، ރައްޔިތުން ކުރައްވަންޖެހޭ މަސައްކަތްތައްވެސް މިހާރު ވަރަށް ހަލުވިކޮށް ކުރިއަށްދާކަމަށް އަޅުގަނޑަށް އެނގިފައިވޭ. މިދޭތެރެއަކުން ކޮންމެވެސް ސަބަބެއް ދިމާވެގެން ކުޑަކޮށް ހުއްޓުންއެރި ކަމުގައިވިޔަސް، މިހާރު އެ ހުރިހާ ކަމެއް ހަމަޖެހި، ރައްޔިތުންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މި ފުންކުރެވޭ ފަޅުގެ ފުރިހަމަ ފަސޭހަތައް އޭދަފުށީގެ ރައްޔިތުންނަށް، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ލިބިވަޑައިގަންނަވާނެ. ރާއްޖެތެރޭގެ ގިނަ ރަށްރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ދެކަންތައް އޭދަފުށްޓަށް ހަމަޖެހިގެންދިޔަކަން އެއީ، އަޅުގަނޑުހިތުން އޭދަފުށީގެ ރައްޔިތުންވެސް ފާހަގަކުރައްވާނެ ކަމެއް. މިދެންނެވީ، ފަޅުފުންކުރުމާއި، ކަރަންޓުގެ ޚިދުމަތް ލިބިދިނުމުގެ ވާހަކަ. މިއީ ރާއްޖެތެރެއިން އަޅުގަނޑު ޒިޔާރަތްކުރާ ކޮންމެ ރަށެއްގެ ރައްޔިތުންގެވެސް އެންމެބޮޑު ދެ އެދުން. ކޮންމެ ރަށެއްގެވެސް ފަޅު އޮންނަނީ ވަރަށް ތިލަކޮށް. ލަފާފުރާކަށް ފަސޭހައެއްނޫން. މިހެން ދެންނެވިޔަސް، ލަފާފުރަން ފަސޭހަ ނުވަތަ ފަޅުގެ ފަސޭހަކަން ލިބިފައިވާ، މަދު ރަށެއް އޮވެދާނެ. އެހެންނަމަވެސް، އެއާ ޚިލާފަށް ރާއްޖޭގެ ގިނަ ރަށްތަކަކީ ފަޅުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ރަށްތަކެއް. ހަމައެހެންމެ، ރާއްޖެތެރޭގެ ގިނަ ރަށްތަކަކީ ކަރަންޓް ބޭނުންވެފައިވާ ރަށްތަކެއް. މީހުން އުޅޭ ކޮންމެ ރަށަކީ އަދި އިޤްތިޞާދީ ކޮންމެ މުހިންމު މަސައްކަތެއް ކުރެވޭ ރަށަކީވެސް ކަރަންޓް ބޭނުންވާނެ ރަށެއް. އެހެންކަމުން، މި ދެކަންތައް އާދެ، ކަރަންޓާއި ފަޅުފުންކުރުމާ، މިއީ ރާއްޖެތެރެއަށް އެންމެ ބޮޑަށް ބޭނުންވެގެން، ރާއްޖެތެރޭގެ މީހުން ސަރުކާރުގައި އެންމެ ބޮޑަށް އެދެމުންގެންދާ ދެ ކަންތައް. މި ދެކަންތައް ދާދި އެއްފަހަރާ އޭދަފުށްޓަށް ހަމަޖެހިގެންދާކަމީ ޝައްކެއްނެތްގޮތުގައި، އޭދަފުށީގެ ރައްޔިތުންގެ ނަޞީބުވެރިކަން ދައްކައިދޭ ކަމެއް. އެކަމަށްޓަކައި އޭދަފުށީގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އުފަލާއެކު މަރުޙަބާ ދަންނަވަން.

އާދެ، މިއަދުގެ މުހިންމު އަނެއްކަމަކީ، ނުވަތަ މިއަދުގެ އެންމެ މުހިންމު ކަމަކީ، އޭދަފުށީގެ ބޮޑު މިސްކިތް ރަސްމީގޮތުން ހުޅުވުން. އާދެ، އެ މިސްކިތަކީ އޭދަފުށީގެ ރައްޔިތުންގެ ހިންމަތާއި މިންނަތް، އަދި އޭދަފުށީގެ ރައްޔިތުންގެ އިޚްލާޞްތެރި މަސައްކަތް ވަރަށް މަތިވެރި ދަރަޖައަކަށް ހިމެނިފައިވާ މިސްކިތެއް. ދިވެހި ސަރުކާރުންވެސް، ސަރުކާރަށް ވެވެންއޮތް އެހީއެއްވަނީ މި މިސްކިތުގެ މަޝްރޫޢަށް ދީފައި. އެ އެހީގެ ބޭނުންކުރައްވައިގެން އަދި އޭގެ އިތުރުން، ހެޔޮއެދޭ ފަރާތްތަކުގެ އެހީވެސް ބޭނުންކުރައްވައިގެން، އޭދަފުށީގެ ރައްޔިތުން މި ކުރެއްވި ބޮޑު މަސައްކަތުގެ އަގު ސަރުކާރުން ވަރަށް އިޚްލާޞްތެރިކަމާއެކު ވަޒަންކޮށް، މި މުނާސަބަތުގައި އޭދަފުށީގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ޝައްކެއްނެތް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، މިސްކިތަށް އަޅުގަނޑުމެން ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ވަރަށް ބޮޑު. މިސްކިތަކީ ކޮންމެ އިސްލާމީ މުޖްތަމަޢެއްގައިވެސް ވަރަށް މުހިންމު ވާޖިބުތަކެއް އަދާކުރާ ތަނެއް. އެއީ، އެންމެ ފުރަތަމަ ފަރްޟު ފަސްނަމާދު ޤާއިމުކުރުން. އޭގެ އިތުރުން، ޒަމާނުއްސުރެ ތަޢުލީމުގެ ދޯދިތައް އިސްލާމީ މުޖްތަމަޢުތަކަށް ފެތުރިގެން ގޮސްފައި ވަނީ މިސްކިތްތަކުގެ ވާސިޠާއިން. ދުނިޔޭގައި ހުރި އެންމެ ޒަމާންވީ އެއް ޔުނިވަރސިޓީ، އާދެ، އިސްލާމީ ނަޒަރަކުން ދަންނަވަންޏާ، އެންމެ ޒަމާންވީ ޔުނިވަރސިޓީ ކަމަށްވާ، އަލްއަޒްހަރު ޔުނިވަރސިޓީ، އެއީވެސް މިސްކިތެއްގައި ފެށިގެން ހިނގަމުންދާ ޔުނިވަރސިޓީއެއް. މިހާރުވެސް އަޒްހަރުގެ މިސްކިތުގައި އެ ޔުނިވަރސީޓީގެ ތަޢުލީމީ ބައެއް ޙަރަކާތްތައް ހިނގަމުންދޭ. އަދި މިނޫނަސް އިސްލާމީ ޤައުމުތަކުގައި ޒަމާނުއްސުރެ ވަރަށް ބޮޑެތި، މުހިންމު ތާރީޚީ މިސްކިތްތަކެއް ވަނީ ޤާއިމުކުރެވިފައި. އެ މިސްކިތްތަކުގެ ބޭނުމަކީ ހަމައެކަނި ނަމާދުކުރުމެއްނޫން. ނަމާދުކުރުމުގެ އިތުރުން، މީހުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދީ އަދި ދީނީ ރޮނގުން ޢާންމުންނަށް ދޭންޖެހޭ ފިލާވަޅުތައްދީ، އެކިއެކި މަޢުލޫމާތު ހޯދައިދިނުން ހިމެނޭ.

އާދެ، އެހެންވީމާ މިސްކިތަކީ އެގޮތުން ބަލާއިރުވެސް ވަރަށް މުހިންމު ތަނެއް. އަދި ތަންކޮޅެއް ކުރީގައި މިސްކިތަކީ ކައިވެނިވެސް ކުރާތަން. މުސްލިމުން ކައިވެނިކުރަންދާ ތަނަކީވެސް މިސްކިތް. އެހެންވީމާ، މިސްކިތް މިހުންނަނީ އަޅުގަނޑުމެންގެ ހުރިހާ ބޭނުންތަކަކަށް ފުދޭ ތަނެއްގެ ގޮތުގައި. އަދި އޭގެވެސް ކުރީގައި ސިޔާސީ ކަންތައްތައްވެސް ނިމެނީ މިސްކިތުން. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. رَسُولُ ٱللَّٰهِ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ، އެކިއެކި މުހިންމު ކަންތައްތަކާ ބެހޭގޮތުން އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ މަޝްވަރާކުރައްވައި ހައްދަވައިފައި ވަނީވެސް މިސްކިތުގައި. އެއީ ފަހަރެއްގައި ހަނގުރާމައަކާ ބެހޭ ކަމަކަށްވެސް ވެދާނެ. ނުވަތަ އެޒަމާނުގެ އިސްލާމީ މުޖްތަމަޢަށް ބޭނުންވާ އެހެން ކަމަކަށްވެސް ވެދާނެ. އެހެންވީމާ، މިސްކިތަކީ ހަމައެކަނި އަޅުކަންކުރަން ހުންނަ ތަނެއްނޫން. ސީޔާސީގޮތުންވެސް، އިޖްތިމާޢީގޮތުންވެސް، ތަޢުލީމީގޮތުންވެސް، ޘަޤާފީގޮތުންވެސް މުޖްތަމަޢަށް ބޭނުންވާ ބޭނުންތައް ޙާޞިލުކޮށްދޭން ހުރި ތަނެއް. ނުވަތަ އޭގެ ރަމްޒެއް ކަމުގައިވާ ތަނެއް، މިސްކިތަކީ. އެހެންކަމުން، އަޅުގަނޑުމެން މުސްލިމުން މިސްކިތަށްދޭ ޤަދަރާއި އިޙްތިރާމް އެއީ ވަރަށް ބޮޑު އެއްޗެއް. އަޅުގަނޑު ވަރަށް އުފާކުރަން، އޭދަފުށީގެ ރައްޔިތުން މިފަދަ ބޮޑު މިސްކިތެއް އެޅުއްވުމަށްޓަކައި އެހާ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާތީ. އިރާދަކުރެއްވިއްޔާ މި ބިނާކުރެވުނު މިސްކިތަކީ މިރަށުގެ، ފާހަގަކުރެވޭ ތާރީޚީ ތަނެއްގެ ގޮތުގައި ޒަމާނަށް ދެމިހުންނާނެ، އަގުހުރި ތަނެއް. އޭދަފުށްޓަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށްދުރުން އޭދަފުށީގެ މަލަމަތި ފެންނައިރު، އެންމެ ފުރަތަމަ މިހާރު ފެންނާނީ އޭދަފުށީގެ ބޮޑު މިސްކިތުގެ މުންނާރު. އާދެ، ވަރަށް ރީތިކޮށް ހައްދަވާފައިވާ ތަނެއް. އަޅުގަނޑުހިތުން އެއީ އަޅުގަނޑުމެންގެ އިސްލާމީވަންތަކަން. އޭދަފުށީގެ އިސްލާމީވަންތަކަމާއި، އޭދަފުށީގެ ރައްޔިތުންގެ ހިތުގައި އިސްލާމްދީނާ ދޭތެރޭގައި އުފެދިފައިވާ ލޯތްބާއި އިޙްތިރާމް ހާމަކޮށްދޭ ރަމްޒެއް. އެހެންކަމުން، އެކަމަށްޓަކައިވެސް އޭދަފުށީގެ ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

އާދެ، މިއަދުގެ ޕްރޮގްރާމްގައި އަދިވެސް ވަރަށް ގިނަ ކަންތައް ހުރުމާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. ވާހަކަކޮޅު ނިންމާލަމުންވެސް، އޭދަފުށީގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިރަށުގައި މި މުނާސަބަތު ފާހަގަކުރެވޭތީ، މިރަށަށް ވަޑައިގެން ތިއްބެވި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރީންނާއި، މެޖިސްޓްރޭޓުންނާއި، ކޮމިޓީތަކުގެ މެންބަރުންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަމުން، އަދި އެބޭފުޅުން މެދުވެރިކޮށް މި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑުގެ ހެޔޮއެދުމާއި ތަހުނިޔާ ރައްދުކުރަން.

އާދެ، އަޅުގަނޑުގެ މި ދަތުރު ހަމަޖެހިފައިވާ ގޮތުން، މި އަތޮޅުން ދެން ދާން ހަމަޖެހިފައިވަނީ، އެންމެ ރަށަކަށް. އެއީ ތުޅާދުއަށް. އިރާދަކުރެއްވިއްޔާ އެރަށަށް ދިޔުމަށްފަހުގައި އަޅުގަނޑުގެ ދަތުރު ދެން ބަދަލުކޮށްލަންޖެހެނީ ފާދިއްޕޮޅާ ދިމާއަށް. އާދެ، އެ ދަތުރަކީ ވަރަށްކުރު ދަތުރެއް. އެހެންނަމަވެސް، ވަރަށްގިނަ ކަންތައް ކުރަން ޖެހިފައިވާ ދަތުރަކަށްވާތީ، މިއަތޮޅުގެ އެހެން ރަށްތަކަށް ދިޔުމުގެ ފުރުޞަތު މިފަހަރު އަޅުގަނޑަށް ނުލިބުނީ. އެކަން އެހެން އޮތްކަމުގައިވިޔަސް، މިތަނަށް ވަޑައިގެން ތިއްބެވި މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މަސްއޫލު ބޭފުޅުންނާއި، ކޮމިޓީތަކުގެ މެންބަރުން މެދުވެރިކޮށް، އެ ރަށްރަށަށް ސަރުކާރުގެ ހެޔޮއެދުންތަކާއި ހެޔޮދުޢާ ފޮނުވުމަކީ އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލެއް.

މި ދަތުރުގެ ކަންތައް މިހާ ފުރިހަމަކޮށް ހަމަޖެއްސެވުމުގައި، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޙީމް ޙަސަން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްވެސް އިޝާރާތްކޮށް، އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަދު އަޅުގަނޑުމެން މި ފަށާ އިންޖީނުގޭގެ މަޝްރޫޢު ވަރަށް އެކަށީގެންވާ ގޮތުގައި ހިންގެވުމުގައި، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް ޢަބްދުﷲ ޔާމީން ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި،
ހަމަ އެފަދައިން، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ވެރިންނާއި މުވައްޒަފުން ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތިން. އެހެންނަމަވެސް، މިކަމުގައި ހިމެނޭ ޖަޕާނު ސަރުކާރުގެ އެހެން ފަރާތްތަކަށްވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއްކަމުގައި ދެކެން. އާދެ، ދެންމެ މިނިސްޓަރގެ ވާހަކަފުޅުގައި، މިކަމުގައި ހިމެނިގެންދިޔަ ޖަޕާނުގެ ހުރިހާ ފަރާތްތަކެއްގެ ނަންތައް ވިދާޅުވެއްޖެ. އެހެންވީމާ، ކޮންމެހެން އެ ނަންތައް ތަކުރާރުކުރާކަށް ނެތިން. އެހެންނަމަވެސް، ޖުމުލަގޮތެއްގައި ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް އަދި މިކަމުގައި ބައިވެރިވަޑައިގެންދެއްވި ޖަޕާނުގެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އެކަލާނގެ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ދީނުގައި، އާދެ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން. ހަމައެހެންމެ، ރަށުގެ ތަރައްޤީއަށާއި، އަތޮޅުގެ ތަރައްޤީއަށް އަދި ޤައުމުގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މި ކުރާ ހުރިހާ މަސައްކަތްތަކެއްގައި އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبركاته.