بســم اللّـه الرّحمـن الرّحيــم

ޙާމިދު ޔޫސުފް:

ހެލޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

السَّلامُ عَلَيْكُم

ޙާމިދު ޔޫސުފް:

وَعَلَيْكُمُ السَّلاَمُ

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޙާމިދު ޔޫސުފްތޯ؟

ޙާމިދު ޔޫސުފް:

އާދެ، ޙާމިދު ޔޫސުފް މި ވާހަކަ ދައްކަނީ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، މައުމޫން ވާހަކަ ދައްކަނީ އިނގޭތޯ، މާލެއިން.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މިއަދު މި ގުޅާލީ ފުވައްމުލަކާ ޓެލެފޯނުގެ ޛަރީޢާއިން ގުޅާލުމުގެ އުފާ ޙާޞިލްކުރުމަށްޓަކައި އިނގޭތޯ.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މިއީ ފުރަތަމަ ފަހަރަށް ޓެލެފޯނުން މާލެއާއި ފުވައްމުލަކާ ގުޅޭ ފަހަރު.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެހެންވީމާ، މިއަދުގެ މުނާސަބަތުގައި ޙާމިދު ޔޫސުފަށާއި އަދި ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނަށާއި ވެރިންނަށް ވަރަށް ޚާއްޞަ މުބާރަކްބާދީއަކާއި ތަހުނިޔާއެއް ދަންނަވަން.

ޙާމިދު ޔޫސުފް:

އާދެ، އަޅުގަނޑު ދަންނަވާނީ ފުވައްމުލަކަކީ ޖިއޮގްރަފީގެގޮތުން ވަރަށް އެކަހެރިކޮށް އޮންނަ އަތޮޅަކަށްވެފައި، ފުވައްމުލަކު ރައްޔިތުންގެ ވަރަށްބޮޑު އުންމީދުތަކެކޭ، މިއަދު މަނިކުފާނުގެ މިންނަތް މަސައްކަތްޕުޅުން ތިޔަ ޙާޞިލްކޮށްދެއްވީ. މިއަދު ތިޔަ ފަށްޓަވާދެއްވި ޚިދުމަތުން ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ގިނަގުނަ ފަސޭހަތަކެއްވެގެންދާނެ. އެހެންކަމުން، އެކަމަށްޓަކައި މަނިކުފާނަށް ފުވައްމުލަކުގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޙާމިދު ޔޫސުފް:

އަދި ހަމައެއާއެކު، ފުވައްމުލަކުގެ އެންމެހާ ވެރިންނާއި އަދި ހުރިހާ ރައްޔިތުންގެ ކޮމިޓީތަކާއި އަދި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް މަނިކުފާނަށް ޝުކުރާއި އިޚްލާޞްތެރި ތަޢުރީފް ރައްދުކުރަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ޙާމިދު ޔޫސުފް:

އާދެ، ފުވައްމުލަކަށް މިއަދު ލިބިފައިވާ ދިރުމަކީ މަނިކުފާނުގެ މިންނަތް މަސައްކަތްޕުޅުން ލިބިފައިވާ ދިރުން. ތަރައްޤީގެ ގޮތުން ތަފާތު ރޮނގުތަކުން ފުވައްމުލަކަށް ކުރިއެރުންތައް ލިބިފައިވޭ. އެހެންކަމުން، މަނިކުފާނުގެ ތިޔަ ޒަޢާމަތުގެ ދަށުގައި ފުވައްމުލަކުގެ ރައްޔިތުން ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްގެން ތިބިކަމުގެ ޔަޤީންކަން މަނިކުފާނަށް އަރުވަން. އެހެންކަމުން މިކަމަށްޓަކައި، އެ ހުރިހާ ޚިދުމަތަކަށްޓަކައި މަނިކުފާނަށް ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުވެސް ދެކޭގޮތުގައި މިއަދަކީ ތަރައްޤީގެ މަގުގައި ފުވައްމުލަކުގެ ރައްޔިތުންނަށް އާ ދޮރެއް ހުޅުވޭ ދުވަހެއް.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެހެންކަމުން، އަޅުގަނޑުވެސް ވަރަށް ބޮޑަށް އުފާކުރަން. ރާއްޖެތެރެއަށް ތަރައްޤީގެ ކަންތައްތައް ފެށިގެން މިދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ބުރަ މަސައްކަތް އޭގައި އެކުލެވިގެން.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް މިއަދުގެ މުނާސަބަތުގައި ޝުކުރު ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޚާއްޞަކޮށް، މުވާޞަލާތާބެހޭ ގުޅުންތައް ރާއްޖޭގައި ތަރައްޤީކުރެވުމުގެ ކަންތައް ޤާނޫނީގޮތުން ޙަވާލުވެފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ. އެހެންވީމާ، މިނިސްޓަރ އަޙްމަދު ޒާހިރަށާއި އަދި މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކަންތައްތައް ހިންގަވަން ތިއްބެވި ވެރިންނަށާއި އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ "ދިރާގު" ކުންފުންޏަށް، ދިރާގުގެ ޖެނެރަލް މެނޭޖަރަށް، އަދި އެހެން ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގައި ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އެ ހުރިހާ ބޭފުޅުންގެ މަސައްކަތްޕުޅާއި އެއްބާރުލެއްވުން ލިބިގެން މިއަދު މިގުޅުން މި ކާމިޔާބު ކުރެވުނީ.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑުގެ އުއްމީދަކީ މުސްތަޤްބަލުގައި، މިހާރު ރޭވިފައި އޮތްގޮތަށް، 2000 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޓެލެފޯނުގެ ޚިދުމަތް ލިބިގެންދިޔުން.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޝައްކެއްނެތްގޮތުގައި، ޓެލެފޯނުގެ ޚިދުމަތަކީ މިއަދުގެ ކުރިއެރުމަށް، ތަރައްޤީއަށް އަދި ތަރައްޤީގެ ހުރިހާ މަސައްކަތަކަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައި، އަދިވެސް އެއްފަހަރު އަތޮޅުވެރިންގެ ޙައިޘިއްޔަތުން ޙާމިދު ޔޫސުފަށާއި އަދި އަތޮޅުގެ އެހެން އިސްވެރިންނަށާއި އަދި ފުވައްމުލަކުގެ ވެރިންނަށާއި ރައްޔިތުންނަށް އަދި ކޮމިޓީތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ މުވައްޒަފުންނަށާއި، ޢާންމު ރައްޔިތުންނަށާއި، ކިޔަވާ ކުދިންނަށާއި އެންމެންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުވަން. އަދި އަޅުގަނޑުމެން މިއަދު މިފަށަނީ އަޅުގަނޑުމެންގެ މިނިވަންކަމަށް 30 އަހަރު ފުރޭ އުފާވެރި މިނިވަންދުވަހުގެ އިޙްތިފާލުތައް ކަމަށްވާތީ، އެ މުހިންމު މުނާސަބަތުގައިވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ މަރުޙަބާއާއި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.

ޙާމިދު ޔޫސުފް:

އާދެ، އަޅުގަނޑުވެސް، މާދަމާއަކީ އަޅުގަނޑުމެންގެ މިނިވަންދުވަސް ކަމަށްވާތީ، އެދުވަހުގެ މުނާސަބަތުގައި ފުވައްމުލަކުގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށް ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން. އަދި މި މަތިވެރި ޚިދުމަތް ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑުމެން ޤަބޫލުކުރާ ވާހަކަ މަނިކުފާނު އަރިހުގައި ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން، ހުރިހާވެސް ކުރިއެރުމަކަށް އަޅުގަނޑު އެދެން.

ޙާމިދު ޔޫސުފް:

އާދެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ.

ޙާމިދު ޔޫސުފް:

ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، والسّـلام عليـكم.