بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލް ބިލްޑިންގގެ ބިންގާ އަޅައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އާދެ، މިއަދު މި ރަސްމިއްޔާތު ބޭއްވުމުން، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މީގެ 16 އަހަރު ކުރީގެ ދުވަހެއް. އާދެ، 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް. އެ ދުވަހަކީ އަޅުގަނޑުމެން މިހާރު މި ބޭނުންކުރާ ޓާރމިނަލް ބިލްޑިންގގެ ބިންގާއެޅުނު ދުވަސް. އެ ދުވަހުވެސް ކޮންމެވެސް ސިފައެއްގައި އެކަމުގެތެރޭގައި ޙަރަކާތްތެރިވުމުގެ އުފާ އަޅުގަނޑަށް ލިބިފައިވާކަން އެއީ، އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ފިނިކަމެއް ގެނެސްދޭ ކަމެކޭ އަޅުގަނޑު ދަންނަވާނީ. އާދެ، އެ ދުވަހުގެ، ޓާރމިނަލް ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވީ، އަޅުގަނޑު ދެންނެވި ދެންނެވުމަކަށް، އޭރުގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރު.

އާދެ، އޭރާއި މިހާރާ ހުރި ތަފާތު، އަޅުގަނޑުހިތުން މި ބިލްޑިންގގައި ހިމެނިފައިވާ ފަސޭހަތަކާއި އޭގެ ބޮޑުމިނަށް ބަލާއިރު އަޅުގަނޑުމެންނަށް ރަނގަޅަށް ވިސްނޭނެ. 1978 ގައި ބިންގާއެޅުނު ޓާރމިނަލް ބިލްޑިންގ ޢިމާރާތްކުރެވުނުއިރު ގަސްދުކުރެވިފައި އޮތީ ގަޑިއަކު 150 ފަސިންޖަރުންނަށް ޚިދުމަތްދޭގޮތަށް. އާދެ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ފުރަތަމަ އެއާބެހޭ ޚިޔާލުތައް ކުރެވި، މި ދެންނެވީ 1970ގެ އަހަރުތަކުގެ މެދުތެރޭގައި، 1976,1975 އެ ހިސާބުގައި، ފުރަތަމަ މި ޚިޔާލު ކުރެވުނުއިރު، އަޅުގަނޑުމެން ރިފަރެންސް އެއަރ ކްރާފްޓަކަށް ބަލާފައި އޮތީ ބޮއިން 707، އާދެ، އެކަމުގެތެރޭގައި އޭރުއްސުރެ އުޅުމުގެ އުފާ ލިބިފައިވާ މީހެއްގެގޮތުން މި ދަންނަވަނީ. އޭރު އަޅުގަނޑުމެންނަށް ހީކުރެވިފައި އޮތީ، އެވަރުގެ ޓާރމިނަލް ބިލްޑިންގއަކުން، އަޅުގަނޑުމެންނަށް، ކުރިޔަށް އޮތް ފަނަރަވަރަކަށް، ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ރަނގަޅު ޚިދުމަތްތަކެއް ފަސިންޖަރުންނަށް ދެވިދާނޭ. އެހެންނަމަވެސް، ދުނިޔޭގެ ދަތުރުފަތުރަށް މިއައި ހަލުވި ބަދަލާ ގުޅިގެން އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަށްދިޔަ ދިޔުމާ ގުޅިގެން، އަޅުގަނޑުމެން ހީކުރި ހީކުރުންތައް ވީ ރަނގަޅު ހީކުރުންތަކަކަށް ނޫން. ވަރަށް އަވަހަށް ޓާރމިނަލް ބިލްޑިންގ ކުޑަވެގެން ހިނގައްޖެ. ހަމައެކަނި ޓާރމިނަލް ބިލްޑިންގއެއް ނޫން، ހުޅުލޭ އެއަރޕޯޓުގެ ހުރި، އެހެން ހުރިހާ ފަސޭހަތައްވެސް އަޅުގަނޑުމެންނަށް ފުދޭވަރަށްވުރެ މާ ކުޑަވެގެން ހިނގައްޖެ.

އެހެންވީމާ، 1990 ވަނަ އަހަރުން ފެށިގެން މިހާރު މި ހިނގާ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި ބޮޑުކުރުމާބެހޭ މަޝްރޫޢަކީ، އޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވާ މަޝްރޫޢެއް. އޭގެތެރޭގައި ހިމެނޭ ބޮޑެތި ކަންތައްތަކުގެތެރެއިން، ހަމަ ހުރިހާ ކަމެއްވެސް މިހާރުވަނީ ނިމިފައޭ، އުފަލާއެކު ދަންނަވަން. މިހާރު ނުނިމި އޮތީ ހަމައެކަނި އާ ޓާރމިނަލް ބިލްޑިންގގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، މިއަދު މި ބިންގާއެޅުނު ޢިމާރާތް، މީގެ އެއް އަހަރުދުވަހުގެ ތެރޭގައި، އާދެ، ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި، އަޅައި ނިމޭނެ. އޭރުން މިހާރު މި ހިންގާ މަޝްރޫޢު، އާދެ، އެއީ 34.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ އެ ނިމުމަކަށް އަންނާނެ.

މިއަދު މި ބިންގާއެޅުނު ޢިމާރާތުގައި ގަޑިޔަކު 1000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ރޭވިފައި މިއޮތީ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް، މި ވޭތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި މިއައި ބަދަލު. އާދެ، މި ޢިމާރާތަށް އެކަނިވެސް 11 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާގޮތަށް ވަނީ ހަމަޖެހިފައި. އެ ފައިސާ އަޅުގަނޑުމެންނަށް ލިބެނީ، ބޭރުގެ އެހީއިން. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެ ފުރަތަމަ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދުނީވެސް ބޭރުގެ އެހީއިން. މި ފަރާތްތަކަކީ އަޅުގަނޑުމެންނާ ވަރަށްގާތް އެކުވެރި ރަޙްމަތްތެރި ގުޅުމެއް އޮންނަ ފަރާތްތަކެއް. އޭގެތެރޭގައި ސަޢޫދީފަންޑު، ކުވައިތުފަންޑު، އޯޕެކްފަންޑު، އައި.ޑީ.ބީ.، ވަރލްޑް ބޭންކް، މިތަންތަން ހިމެނޭ. އަދި މިއަދު މި ބިންގާއެޅުނު ޢިމާރާތްކުރުމުގައި، ޑެންޑާންސްކް ބޭންކުގެ ޚިދުމަތްވެސް ނުވަތަ އެފަރާތުގެ އެހީވެސް އަޅުގަނޑުމެންނަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައި.

އާދެ، އެއަރޕޯޓަކީ ރާއްޖެއަށް ވަރަށް މުހިންމު ތަނެއް. ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، އޭގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ކުރިއެރުންތަކާއި ފަސޭހަތައް ލިބެމުންދާ ތަނެއް. ހަމައެކަނި ޤައުމަށް ވަންނަ އާމްދަނީއަށް ބެލިޔަސް، މިކަން އަޅުގަނޑުމެންނަށް އެބަ ޔަޤީންކުރެވޭ. ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސްގެ ވާހަކަފުޅުގައި އެ އިޝާރާތްކުރެއްވި ފަދައިން، މި އެއަރޕޯޓުގެ ސަބަބުން ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށް ލިބެމުންދާ ފައިދާތައް ވަރަށް ގިނަ. މި އެއަރޕޯޓުގެ ޚިދުމަތް އެންމެބޮޑަށް އަމާޒުކުރެވިފައިވާ ފަރާތަކީ ރާއްޖޭގެ ޓޫރިޒަމް. ޝައްކެއްނެތް، ޓޫރިޒަމް މިދަނީ ވަރަށް އަވަހަށް ކުރިއަށް. އޭގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށް ގިނަގުނަ ފައިދާތަކެއް ވަމުން އެބަދޭ. އެންމެ ފުރަތަމަ 1972 ވަނަ އަހަރު ގާތްގަނޑަކަށް 300 މީހުން ރާއްޖެއަށް އައުމަށްފަހުގައި، މިދިޔަ އަހަރު އާދެ، 1993 ވަނަ އަހަރު، އަޅުގަނޑުގެ ހަނދާން ކުށްކަމުގައި ނުވަންޏާ، 241000 މީހުން، ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އައިސްފައިވޭ. އަދި މިއަހަރުގެ ހިސާބުތައް މިހާތަނަށް ދައްކާގޮތުން، ގާތްގަނޑަކަށް ސަތޭކައަކުން ފަނަރައިގެ އިތުރުވުމެއް އެބައުޅޭ. އެހެންވީމާ، މިއަހަރު ނިމޭއިރު، އަޅުގަނޑުހިތުން މިދިޔަ އަހަރަށްވުރެ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު، އެތައް ތަނެއް އޮންނާނީ ގިނަވެފައި. އަދި އެމީހުން އައުމުގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދަށް ލިބޭ ތަރައްޤީވެސް އޮންނާނީ އެތައް ތަނެއް ކުރިޔަށް ގޮސްފައި.

އާދެ، އެއަރޕޯޓުގެ މަސައްކަތް، ފެށުނީއްސުރެ މިހާތަނަށް ކުރެވިފައި ވަނީ، ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިގެން. އެހެންވީމާ، އެ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީވެސް މިއަދު އަޅުގަނޑުމެން ހަނދާންނައްތާލައިގެން ވާނެ ކަމެއްނޫން. އޭގެތެރޭގައި، އަޅުގަނޑު މިނިސްޓަރ އޮފް ޓްރާންސްޕޯޓުގެ މަޤާމާ ޙަވާލުވިއިރު، 1978 ވަނަ އަހަރު ހުޅުލޭ އެއަރޕޯޓް ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ، މިހާރުގެ ރައްޔިތުންގެ މަޖްލިސްގެ ރައީސް އަލްއުސްތާޛު އަބްދުﷲ ޙަމީދު. އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އޭރު އެ މަސައްކަތް ހިނގަމުންދިޔައީ. ދެން އަޅުގަނޑު ރައީސްކަމާ ޙަވާލުވުމަށްފަހުގައި، އައި ބަދަލަކާއެކީގައި މިތަނާ ޙަވާލުވެވަޑައިގަތީ، މިހާރު ކަސްޓަމްސްގެ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ސިއްކަގޭ ޙުސައިން މަނިކުފާނު. އާދެ، އެ މަނިކުފާނުގެ ފަހުން ވަރަށްގިނަ އެހެން ބޭފުޅުންވެސް މި އެއަރޕޯޓުގެ ކަންތަކުގައި ޚިދުމަތް ކުރައްވާފައިވޭ. އޭގެތެރޭގައި އަލްފާޟިލް ދުއްލިސާގޭ މުޙައްމަދު ނަޢީމް، އަލްފާޟިލް ހުޅަނގުގޭ މުޙައްމަދު ވަޙީދު، އަދި އަލްފާޟިލް އިސްމާޢީލް ޝަފީޢު އަދި މިހާރުވެސް އެއަރޕޯޓަށް ޚިދުމަތް ކުރައްވަމުން ގެންދަވާ އަލްފާޟިލް ޢަބްދުއްލަޠީފް ޤާސިމްވެސް ހިމެނިވަޑައިގަންނަވާ. އަދި މިބޭބޭފުޅުންގެ އިތުރަށް، ސީދާ މިކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިނުގަތަސް، އެއަރޕޯޓަށް ބޭނުންވާ އެހީތައް ހޯއްދަވައިދެއްވުމާއި، އެކިއެކި ކަންތައްތައް ކޮށްދެއްވުމުގައި އަޅުގަނޑުމެންގެ ޚާރިޒީ ވަޒީރު ފަތުޙުﷲ ޖަމީލުގެ ޙިއްޞާކުރެއްވުން ވަރަށްބޮޑު. ހަމަ އެފަދައިން، ރާއްޖޭގެ މިކަހަލަ ހުރިހާ ކަމެއްގައި ވަރަށްބޮޑު އެހީތެރިކަމެއް ބަހައްޓަވައި، ކަންތައްތައް ފަސޭހަކޮށްދެއްވާ އަލްފާޟިލް ޢަލީ ޢުމަރުމަނިކުގެ އެހީފުޅުވެސް ވަނީ ވަރަށްބޮޑަށް ލިބިފައި. އާދެ، ހަމައެއާއެކީގައި ދަންނަވަން ޖެހެނީ، މިހާރުވެސް އެއަރޕޯޓުގެ ކަންތައްތައް ހިނގަމުން މިދަނީ، އެއަރޕޯޓުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިގެންނޭ. އަދި އެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން އެއަރޕޯޓުގައި ވަޒީފާ އަދާކުރާ، އަޅުގަނޑުމެންގެ ހީވާގި މުރާލި ހުރިހާ މުވައްޒަފުންގެ އެހީވެސް ވަރަށް މަތިވެރި ދަރަޖައަކަށް ލިބިގެންނޭ.

އާދެ، އެހެންވީމާ، މިހާރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް އަލްފާޟިލް އަޙްމަދު ޒާހިރަށާއި، އަދި އެ ބޭފުޅަކު މިއަދުގެ މި ރަސްމިއްޔާތުގައި ވަޑައިގެން ނެތުމުގެ އުނިކަން އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ، އެއަރޕޯޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އިބްރާހީމަށާއި، އަދި އެއަރޕޯޓުގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްލަޠީފް ޤާސިމަށާއި އަދި އެ ހުރިހާ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން އެއަރޕޯޓުގައި ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާ، ސަރުކާރުގެ ތަފާތު ދާއިރާތަކުގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އާދެ، އެ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެން، އެދެވޭގޮތެއްގައި އަޅުގަނޑުމެންނަށް އެއަރޕޯޓުގެ ޚިދުމަތްތައް ދެވެމުން މިގެންދެވެނީ. އަޅުގަނޑު ޔަޤީންކުރާގޮތުގައި، މުސްތަޤްބަލުގައި މި ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، މިހާރަށްވުރެ ރަނގަޅަށް ދެވެމުންދާނެ. ދެންމެ އަލްފާޟިލް ޢަބްދުއްލަޠީފް ޤާސިމް އަޅުގަނޑުމެންނަށް، މި މަޝްރޫޢުގެ ބައެއް ތަފްޞީލު ދެއްވަމުން ވިދާޅުވިފަދައިން، މިހާރު ޓާރމިނަލް ބިލްޑިންގއިން ދެވެން ނެތް، އެތައް ފަސޭހަތަކެއް ފަސިންޖަރުންނަށް ދެވޭގޮތަށް ވަނީ އާ ޓާރމިނަލް ބިލްޑިންގގައި ހަމަޖެހިފައި. އެހެންވީމާ، މީގެ އެއް އަހަރުދުވަސް ފަހުން، އިރާދަކުރެއްވިއްޔާ އެ ފަސޭހަތައް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެމުންދާނެ. މި މަޝްރޫޢަކީ ނުވަތަ ޙަޤީޤަތަށް ދަންނަވަންޏާ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. މިހާރުވެސް މި މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން އުޅޭތާ ގާތްގަނޑަކަށް އަށާރަވަރަކަށް އަހަރު ވެއްޖެ. އަދި ކުރިއަށް އޮތްތާނގައިވެސް އެއަރޕޯޓަކީ އަބަދުވެސް އެއްދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން ގެންދަންޖެހޭނެ ތަނެއް.

އެހެންވީމާ، މިހާރު މި ހިނގާ މަޝްރޫޢު ނިމުނުކަމުގައިވިޔަސް އަޅުގަނޑަށް ލަފާކުރެވެނީ މުސްތަޤްބަލުގައިވެސް އަނެއްކާވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް. އެހެންވީމާ، ކުރިޔަށްއޮތީވެސް އިތުރު މަސައްކަތް. އޭގެ ފަހަތުގައި އޮތީ އިތުރު ތަރައްޤީއާއި ކުރިއެރުން. މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހާސިލުވަމުން މިދަނީ، ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން. އޭގެތެރޭގައި، ޓޫރިޒަމް ހިންގަވާ އަމިއްލަ ފަރާތްތައްވެސް އަޅުގަނޑު ފާހަގަކޮށްލާހިތްވޭ. ރާއްޖޭގެ ޓޫރިޒަމް ތަރައްޤީވަމުން މިދަނީ އެބޭފުޅުން ކުރައްވާ މަތިވެރި ހިންމަތެއްގެ ސަބަބުން. ސަރުކާރުން ކަންތައްތައް ފަސޭހަކޮށްދީ، އެބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ދެވޭތޯ ބަލަނީ. އެހެންނަމަވެސް، ޙަޤީޤަތުގައި އެ މަސައްކަތްތައް ކުރިޔަށް ގެންދަވާ ފަރާތްތަކަކީ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް. ހަމައެއާއެކު އެއަރޕޯޓުގެތެރެއިންލާފައި، ރާއްޖޭގެ ވިޔަފާރިއަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބެމުންދާތީ، ރާއްޖޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަމިއްލަ ފަރާތްތަކަށްވެސް މި މުނާސަބަތުގައި އަޅުގަނޑުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުކުރާކަށް ނެތިން. މި މުހިންމު މުނާސަބަތު އަޅުގަނޑުމެންނަށް ދެއްކެވީތީ اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ އެއަރޕޯޓް އިތުރަށް ތަރައްޤީވުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށާއި، ރައްޔިތުންނަށާއި ސަރުކާރަށް އިތުރު އާމްދަނީ ލިބި، ކުރިޔަށް ދެވޭނެ އިތުރު މަގުތައް ފަހިވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ވަކިވެލާނަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه