މި ޕްރޮގްރާމް ހުށަހެޅުއްވީ، ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް.
މުޙައްމަދު ޙުސައިން ޝަރީފް:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السّلام عليكم.
"ދަ ޕަލްސް''ގެ ތިންވަނަ އަދަދަށް މަރުޙަބާ ދަންނަވަން. މި ހަފުތާގައި އަޅުގަނޑުމެން މި އަލިއަޅުވައިލަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތަށް. މިދިޔަ ހުކުރު ދުވަހަކީ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް. އާދެ، މި ހަފުތާގައި މި މައުޟޫޢަށް، ރައްޔިތުންގެ ބައެއް ޝުޢޫރުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަންނަވާނެ.
އަދި ހަމައެއާއެކުގައި، އަޅުގަނޑުމެން އެހެން ހަފުތާތަކެކޭ އެއްފަދައިން، މީޑިއާއަށްވެސް ދަޢުވަތު އަރުވައިގެން، މީޑިއާއިން ބޭފުޅަކު ވަޑައިގެން އެބަ ހުންނެވި. އާދެ، މި ހަފުތާގައި މި ދަޢުވަތު އެރުވީ ''ދަ ޕްރެސް'' އަށް. ''ދަ ޕްރެސް'' ގައި މިއަދު އަޅުގަނޑުމެންގެ ޝޯގައި ބައިވެރިވެވަޑައިގަންނަވަނީ، ޑެޕިއުޓީ އެޑިޓަރ ޢާއިޝަތު ޝާޒްލީން. އާދެ، މިހާހިސާބުން އަޅުގަނޑުމެން ދެން ޕްރޮގްރާމާއެކީ ކުރިއަށްދާނަން.
ރައްޔިތެއްގެ ޝުޢޫރު:
އަހަރުމެން ދެން ކީކޭ ބުނާނީ. އަހަރުމެންނަށް އުނދަގޫ. އުނދަގޫ. އަވަގުރާނަ ގޮވައި، އެތަން މިތަނަށް އެއްޗެހި ގޮވައި، އަހަރުމެންނަށް ދެރައެއްނު. ދަރިން ތިއްބަކަސް. ދައްތަ ދަރިން ތިއްބަކަސް އެމީހުން ގޮވަންވީމާ ގޮވާނެ. އަހަރުމެން މިބުނީއެންނު ރަނގަޅޭ، ކިތަންމެވަރަކަށްވެސް ރަނގަޅޭ ތިޔަކަން ހުއްޓުނިއްޔާ.
ރައްޔިތެއްގެ ޝުޢޫރު:
އަސްލު އެނގޭތަ މުޖުތަމަޢުގެ ތެރޭގައި އެއްކަލަ ކުޑަކުދިން އެތަނަށް ނެރުނީމަ އަސްލު ވަރަށް ކަޑަދޯ. ކުޑަކުދިން ހަމަ އެ ކުދިން ވާހަކައަކީ، އެތަނަށް ނެރެފައި ވާގޮތަކީ، އެ ކުދިންނަށް ނުބައި ނަސޭހަތްދޯ އެ މީހުންނަށް ދެވިފައި ހުންނަނީ. މިހެން މިހެން ހަދާށޭ. އަސްލު އަހަރުމެން ދައްކާ، ބޮޑެތި މީހުން ދައްކާ ވާހަކައެއް އެ ކުދިންނެއް ގަބޫލެއްނުކުރޭ އަސްލު. ބޮޑުމީހަކު މިސާލަކަށް، ކޮއްކޯއޭ ތިކަންތައްތައް ނުކުރާށޭ ބުންޏަސް، ހަމަ ދިމާއަށް ބުނެލާނެ މިހާރު އުޅޭ ކުދިން. އެންމެންވެސް ހަމަ އެއްބާރުލުންދީގެން މިކަން ޙައްލުވާނީ. ވަކި ބަޔަކަށް، މުސްކުޅިއެއް، ބޮޑުމީހެއް، ހުރިހާ މީހުންގެވެސް އެއްބާރުލުން ލިބިގެން މިކަން ވާނީކީ.
ރައްޔިތެއްގެ ޝުޢޫރު:
ހަކުރު ބޮއެގެން ވައްކަންކުރާތީ އަޅުގަނޑުގެ މައްސަލައަކީ. ގޭގައި އެއްޗެހި ގެންގުޅެވޭވަރެއް ނޫން. މިތާ އަތިރިމަތީ އޮޑިދޯނިފަހަރު ކައިރީގައިވެސް އެއްޗެތި ގެންގުޅެވޭވަރެއްނޫން. އެތާނގައި ހުރި ބޮޑު އައްޑާއެއް ހަދައި އެތާނގައިވެސް އެ ގަނޑުގަންނަނީ. ލޯންޗެއް އެހެލައި، ލޯންޗު ހަދާށޭ ކިޔާފައި ގޮސް. ތިޔަބޭފުޅުން ބަލައިލީމާ އެނގޭނެ، ސަތަރި ޖަހައި ބަންދުކޮށްފައި އެތަން ހުންނާނީ. އެތާ އެތެރޭގައިވެސް ވިއްކައި ބޮނީ. ވިއްކައި ބޮނީ. މިތާ ގޭގޭގައިވެސް ވިއްކައި ބޮނީ. ސަލާމަތެއް ނެތް އެއަކުންނެއް. ސަރުކާރުން އެއްބާރުލުންދީގެން ނޫނީ ނުހުއްޓުވޭނެ.
ރައްޔިތެއްގެ ޝުޢޫރު:
އެއީ އަސްލު އަހަރެން ބޭނުންވާގޮތަކީ، އެ މީހުންނަށް ޙައްޤު އަދަބު ދޭންޖެހޭނެ. އެކަމުގައި އުޅޭ މީހުންނަށް. އެތެރެކުރާ މީހުން މީގައި އެންމެބޮޑަށް ބޭނުންވަނީ، އެތެރެކުރާ މީހުން އެކަމުގައި ބޮޑަށް ބަންދުކުރަން ބޭނުންވަނީ.
ރައްޔިތެއްގެ ޝުޢޫރު:
ސަރުކާރުވެސް، އާންމު ރައްޔިތުންވެސް އަދި ޚާއްޞަކޮށް ބެލެނިވެރިން، ވަރަށް ކަންބޮޑުވާ މައްސަލައެއް. އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން މަސްތުވާ އެއްޗެހި ނައްތައިލެވޭނެ ނުވަތަ ރާއްޖެއަށް އެތެރެނުކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަންވީ. އެ ދޮރުދޮރު ބަންދުކުރަންވީ. މިހާރުވެސް ސަރުކާރުންވެސް ވަރަށް މަސައްކަތް އެބަކުރޭ. އަދި އަމިއްލައަށް މީގެތެރޭގައި ބޭނުންވާ ކުދިންވެސް އެބަ ތިބޭ ހުއްޓާލަން. އަމިއްލައަށް އެދިގެން ފަރުވާއަށްދާ ކުދިންވެސް އެބަތިބޭ. އެކަމަކުވެސް މިއީ ޤައުމީ ބޮޑު ވަބާއެއް އިނގޭތޯ. މިއަށްވުރެ ކުރިން، ނުވަތަ މިއަށްވުރެ އަވަހަށް ނިންމަންޖެހޭ، ޙައްލުކުރަންޖެހޭ އެއްވެސް ކަމެއް ނެތް މި ނޫނިއްޔާމު.
ރައްޔިތެއްގެ ޝުޢޫރު:
ވާނެގޮތަކީ، އެ ގެނެސް އެތެރެކުރާ މީހުންނަށް އެއްވެސް އަދަބެއް ނެތް. ބޯ ކުޑަކުޑަ ކުއްޖަކު، މިހާ އެތިކޮޅެއް ބުއީމަ އަދަބު ލިބެނީ. މިލިއަން މިލިއަން ރުފިޔާ ބޮޑެއްޗަށް ތިބޭ މީހުން އެ ބޭނުންކުރަނީ. އެއީދެން އެ މީހުންނެއް ނުހިފޭ. އެހެންވީމާ، ކުޑަކުޑަ ނިކަމެތި ޔަތީމު ކުއްޖަކު، އޭގެ އެތިކޮޅެއް، ބަޔަކު މީހުން އުޅޭ ތަނަކުން ބުއީމަ މައްސަލަޖެހެނީ. އެހެންވީމާ، ތިކަމެއް ޙައްލެއްނުވާނެ.
މުޙައްމަދު ޙުސައިން ޝަރީފް:
ރައީސް، ކުރިއަށް ވަޑައިގަންނަވާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އާދެ، ޙަޤީޤަތުގައިވެސް މިއީ ވަރަށް މުހިންމު މައުޟޫޢެއް މިއަދު މިއޮތީ. މަސްތުވާ ތަކެއްޗާ ގުޅިފައިވާ އެކިކަހަލަ މައްސަލަތަކާ ގުޅޭ މައުޟޫޢު. ރާއްޖޭގެ މުޖުތަމަޢުގައި އެންމެ ޒަމާންވީ، އެންމެ ބޮޑަށް މޫލާފައި ޙަޤީޤަތުގައިވެސް އޮތް، އެންމެ ގޯސް އެއް ކަންތައް މިއީ. މި ޤައުމުގައި މުޖުތަމަޢުގައި މި މަސްތުވާތަކެތީގެ ވަބާ ފެތުރިފައި އޮތް މައްސަލަ.
އަޅުގަނޑުމެން މިކަން ޙައްލުކުރަން ބޭނުމިއްޔާ، މީގެ ރޫޓް ކޯސްތަކަށް ދާންޖެހޭ ޙަޤީޤަތުގައި އިނގޭތޯ. މަތިމަތިން ސުޕަރފިޝަލް ގޮތަކަށް، ކުޑަކުޑަގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރުކަމެއްނޫން. ޙަޤީޤަތުގައި، މަސްތުވާތަކެތީގެ މައްސަލަ މި ޤައުމުން ފުހެލާކަމަށްވަންޏާ، ދެންމެ މި ދެންނެވިފަދައިން، މީގެ ޙަޤީޤީ ރޫޓް ކޯސްތަކަށް ދާންޖެހޭނެ.
ދެން އެއާއެކީގައި، މަސްތުވާތަކެތި އިތުރަށް ފެތުރި، މިކަމުގެ ތެރެއަށް އިތުރަށް ކުދިން ވަންނަ، ޒުވާނުން ވަންނަ ވަނުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. އެހެންވީމާ، މި ދެންނެވި ކަހަލަ ގޮތަކަށް، ވަށައިޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަންޖެހޭނީ. އެއީ ސަރުކާރުގެ ސިޔާސަތަކީ.
ދެން މިއާއެކީގައި، ސަރުކާރަށް މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން މިކަން ޙައްލުވާނީ ޙަޤީޤަތުގައި. މީގެ ތެރޭގައި ޢާއިލާތަކުގެ ލެވެލްއިން ފެށިގެންގޮސް، މަދަނީ ޖަމުޢިއްޔާތަކާއި، ސަރުކާރާއި، ދައުލަތުގެ މުއައްސަސާތަކާއި، ހުރިހާ އެންމެން ގުޅިގެން މި މައްސަލައަށް ޙައްލެއް ގެނެވޭނީ. ނަތީޖާ ނެރެވޭ ހިސާބަށް ވަރަށް ރަނގަޅަށް، ޙައްލު ގެނެސްދެވޭނެ އިރާދަކުރެއްވިއްޔާ. އެންމެން މިގޮތަށް ގުޅިގެން މަސައްކަތް ކޮށްފިއްޔާ.
މީގެ އަޅުގަނޑުގެ މައިގަނޑު އަމާޒަކީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި، މިކަމުގެ ތެރޭގައި، މުޖުތަމަޢު މިއޮތް ގޮތުން، މި ދެންނެވިހެން ޒަމާނީ ބޮޑު މައްސަލައެއްގެ ތެރެއިން މިކަމަށް ވަދެފައި ތިބި ޒުވާން ކުދިން، މިކަމުން ސަލާމަތްކުރުމުގެ ސިޔާސަތެއް ގެންގުޅުން. ސަލާމަތްކޮށް، އެ ކުދިންނަކީ މުޖުތަމަޢުގައި ބޭނުންހިފޭ، އެ ކުދިންގެ ދިރިއުޅުމަކީ އަބުރުވެރި އަދި ބިނާކުރަނިވި ދިރިއުޅުމަކަށް ހެދޭނެގޮތް މެދުވެރިކޮށްދިނުން. އެއީ، މައިގަނޑު ގޮތެއްގައި މި ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ، ނޫނީވިއްޔާ އަސާސަކީ.
އެހެންވީމާ، އެގޮތުން ބަލާއިރުގައި، މިސާލަކަށް މިކަމުގެ ތެރެއަށް އާދަވެފައި ތިބި ޒުވާން ކުދިން ރީހެބިލިޓޭޓް ކޮށްގެން، އަނބުރާ މުޖުތަމަޢަށް ގެނައުން. ދެން އެ މަސައްކަތް ކުރާއިރުގައި، އެކަމަކީ، ދެކޮޅުޖެހޭގޮތަކަށް ކުރެވޭ ކަމަކަށް ވާންޖެހޭނެ. މިއަދު މިކަމުން ރީހެބިލިޓޭޓް ވެގެން ނުކުތްކަމަށް ބަލާފައި ދޫކޮށްލާ ކުއްޖާ، މާދަމާ އަނެއްކާ މަސްތުވާތަކެތި ބޭނުންކުރަން ފެށުމަކީ، ދެކޮޅުޖެހޭގޮތެއް ނޫން. ދެން ކޮންމެގޮތެއްވިޔަސް، އަޅުގަނޑުމެންގެ ޤައުމަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްފައި އޮތް މުޖުތަމަޢަކަށްވާއިރުގައި އަޅުގަނޑުމެންގެ އަސާސަކަށްވާންޖެހޭނީ، އިސްލާމްދީނުގައި އޮންނަ ހަމަތައް. އެހެންވީމާ، އިސްލާމީ އުސޫލުތަކުގެ މަތިން، ދީނީ ކަންކަމަށް ލޯބިކުރާ، ދީނުގައި އޮތްގޮތް ރަނގަޅަށް ގަބޫލުކުރާ، މި ނުބައި ޢަމަލުގެ ތެރެއިން ނުކުތުމުގެ ޢަޒުމް، އެ ބިންގަލުގެ މަތީގައި ބިނާވާ ރީހެބިލިޓޭޝަން ނިޒާމެއްގެ ތެރެއަށް، އަދި އޭގެތެރެއަށް މުޖުތަމަޢު ބައިވެރިވާ ނިޒާމެއްގެ ތެރެއަށް ދާންޖެހޭނީ ރާއްޖޭގައި މިކަން ޙައްލުކުރަންޏާ. އެހެންވީމާ، ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ސިސްޓަމެއް، އިސްލާމީ އުސޫލުތަކުގެ މަތިން ޤާއިމުކުރުމަށް. އެހެންވީމާ، އެގޮތުން މަސައްކަތްތައް މި ކުރެވެނީ.
ދެން މިގޮތުން އެކި ސަރަޙައްދުތަކުގައި، މައިގަނޑު ގޮތެއްގައި ތިން ރަށެއްގައި ރީހެބިލިޓޭޝަން މަރުކަޒުތައް އެބައެޅޭ. އަދި އެކަން ނިމެންދެންވެސް މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް މި ކުރެވެނީ. ދެން މި މަސްތުވާތަކެތި އެތެރެކުރާ މީހުން ހުއްޓުވުމަށްވެސް ހަރުކަށި ފިޔަވަޅު އެޅުންވެސް އެބައޮތް. އެކަންވެސް ދާނެ. އެހެންނަމަވެސް، މީގައި މިއޮތީ ވަށައިޖެހޭ ޙައްލެއް ގެންނަންޖެހިފައި. މީގެ ރޫޓްކޯސްއަށް ދާންޖެހޭ. އެކަމުގެ ތެރެއަށް މީހުންދާ ސަބަބުތައް ވަރަށްގިނަ. އެހެންވީމާ، މިއީ މީގައި މައިގަނޑު ގޮތެއްގައި އަޅުގަނޑު ގަބޫލުކުރާ ހަމައަކީ.
ދެން، ކޮންމެގޮތެއްވިޔަސް، މަސްތުވާތަކެތި ބޭނުންކޮށްގެން ޢަމަލުވެފައި ތިބޭ ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަމުން ވަރަށް ބޮޑެތި ގެއްލުންތައްވެސްވޭ. ވިޔަފާރިތަކަށް ގެއްލުންވޭ. ގެދޮރަށް ގެއްލުންވޭ. މީހުންގެ އަމިއްލަ މުދަލަށް ގެއްލުންވޭ. އަމިއްލަ ނަފްސަށް، އެކަން ކުރާ ފަރާތަށް އެބަ ގެއްލުންވޭ. އެހެންވީމާ، އެ ގެއްލުންތައް ވުމުން އަންނަ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމަކީ، ހަމަ ޖާއިޒު ރުޅިވެރިކަމެއް. އަންޑަރސްޓޭންޑްވޭ. އެކަމަކު އެއާ ގުޅިގެން އަޅަން އެ އެދޭ ފިޔަވަޅުތަކަކީ، މި ދެންނެވި ގޮތަށް އެ މީހާ އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހުރަސްއެޅޭވަރުގެ ފިޔަވަޅުތަކަކަށްވެސް ވެގެންނުވާނެ. މިސާލަކަށް، ޖަލަށްލާންޖެހޭ މީހަކުވިއްޔާ، ހަމަ ޖަލަށްލައި އަދަބު ލިބެންވާނެ. އެކަމަކު އެ ޕްރޮސެސް ތެރެއިން އެމީހާ ރަނގަޅުވެގެން، އަނބުރާ މުޖުތަމަޢަށް ނުކުތުމުގެ ޕްލޭނެކޭ ގެންގުޅެންޖެހޭނީ.
ދެން ހަމަ އެއާއެކީގައި، ޕޮލިސްއިންނާއި، ދެން މިހެންގޮސް އެކަމާ ގުޅޭ މުއައްސަސާތަކުން މުޖުތަމަޢު އަމާން، ރައްކާތެރި ތަނެއްގެ ގޮތުގައި ޤާއިމުކުރުމަށް އެކަން ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަން، ވައްކަން ކުރުމާއި، މިހެންގޮސް މިކަހަލަ ކަންކަން ހުއްޓުވުމަށް ޢަމަލީ ސިފަ ގެންނަން، އިތުރު މަސައްކަތްތައް ކުރަންޖެހޭނެ. އެއީ، މިހާރު ޕޮލިހުންގެ ޚިދުމަތް ވަރުގަދަކުރުމަށް މި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ފުލުހުންގެ އިދާރާގެ ތެރޭގައިވެސް މަސްތުވާ ތަކެތީގެ މައްސަލަތައް ޓެކުލް ކުރުމަށް، ފުލުހުން އިތުރަށް ބާރުވެރިކުރުވުމަށްޓަކައިވެސް މަސައްކަތް މި ކުރާ މައިގަނޑު ސަބަބަކީ. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި، ފުލުހުންގެ އިދާރާ މިހާރު ކުރިއަށްވުރެ ވަރަށް ބޮޑަށް ހަރުދަނާ ކުރެވިއްޖެ، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި.
ކުރީގައި، އަޅުގަނޑު ފުރަތަމައައިސް ބަލައިލިއިރުގައި، ފުލުހުންގެ ތެރޭގައި، ނޭދެވޭ ނުފޫޒުތައް އެބަހުރި ޑުރަގް އެންފޯސްމަންޓްގެ ކަންތައްތައް. މިސާލަކަށް، ރެއިޑްކޮށްގެން މި ހޯދާ ތަކެތި އަނެއްކާވެސް މުޖުތަމަޢަށް ދިޔުމާއި، ނުބައި ނުފޫޒުތައްވެސް ހުރި. އެކަންކަންވެސް، އެ ވަކިތައްވެސް ނައްތާލައިފިން. އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރެއިން މިހާރު ވަރަށް ނީވޭނެ، މި ދެންނެވި ނުބައި ޢަމަލުތަކަށް ފުރުޞަތު ލިބޭ ވާހަކަ.
ދެން އިރާދަކުރެއްވީތީ، މަސްތުވާތަކެތީގެ ތެރެއިން އަދި އެހެން ގޮތްގޮތުންވެސް ގޭންގު ކުށްތަކުގެ އަދަދުވެސް މިހާރު މަދުވެއްޖެ. އަދި އެއާއެކީގައި، ގޭންގު ރިލޭޓަޑް މަރުތައްވެސް އިރާދަކުރެއްވިއްޔާ ނުހިނގާ. ٱلْحَمْدُ لِلَّٰهِ.
އެހެންވީމާ، އަޅުގަނޑުމެން އެންމެން ގުޅިގެން މިކަމުގައި ކުރެވޭ މަސައްކަތުން މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރެވޭނެ.
މުޙައްމަދު ޙުސައިން ޝަރީފް:
ޝުކުރިއްޔާ! ޢިއްޒަތްތެރި ރައީސް.
ދެން އަންނަ ސެގްމަންޓްގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލާނީ ''ދަ ޕްރެސް''ގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކާއެކުގައި.
ޢާއިޝަތު ޝާޒްލީން - ދަ ޕްރެސް:
السّلام عليكم.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
وَعَلَيْكُمُ ٱلسَّلَامُ
ޢާއިޝަތު ޝާޒްލީން - ދަ ޕްރެސް:
ރައީސް، ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަނގަޅު.
ޢާއިޝަތު ޝާޒްލީން - ދަ ޕްރެސް:
މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އަޅުގަނޑުމެންގެ ހުރި ސުވާލުތަކައިގެން ކުރިއަށްދާނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ.
ޢާއިޝަތު ޝާޒްލީން - ދަ ޕްރެސް:
ފަރުވާގެ ޚިދުމަތް ފުޅާކުރުމާއި، ރީހެބިލިޓޭޝަން އަދި އާފްޓަރކެއަރ ނިޒާމު ވަރުގަދަކުރުމަށް ޒުވާނުން ހިމެނޭހެން، ވަކި ޕްރިވެންޝަން ޕްރޮގްރާމްތަކެއް ހިންގުމަށް ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާއިރު، ފާއިތުވި ދެ އަހަރާއި ހަމަސް ދުވަހުގެ ތެރޭގައި މި ވަޢުދުތަކުގެ ކިހާ މިންވަރެއް ފުއްދިއްޖެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ތިޔަ ވިދާޅުވިފަދައިން، މެނިފެސްޓޯގައި ވަރަށް މުހިންމު ދައުރެއް އަދާކުރާގޮތަށް. ވަރަށް މުހިންމު އިސްކަމެއް ދީފައިވާ ކަމެއް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މަސައްކަތް ކުރުން. އެހެންވީމާ، އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭގޮތަށް، މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ފެށިފައި.
ސަރުކާރުން ކުރާ އެކިކަހަލަ މަސައްކަތްތަކުގެ ތެރޭގައި، ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ވަރުގަދަކުރުމާއި، އަދި އެކަމަށް މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައް މިދަނީ ކުރެވެމުން. އަދި މުޖުތަމަޢުގެ ތެރޭގައި އޮތް ނޭދެވޭ މި ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި، މަދަނީ ޖަމުޢިއްޔާތަކާއި، ޖަމާޢަތްތައް އިތުރަށް ބާރުވެރިކުރުވައި، އަދި ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާކޮށް، ވަށައިޖެހޭ ގޮތެއްގައި، މިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރެވޭ.
މިހާރު، އެއްކަމެއްގެ ގޮތުގައި މަސްތުވާތަކެތި، މުޖުތަމަޢުގެ ތެރޭގައި ދައުރުވާވަރު މަދުކޮށް، މަސްތުވާތަކެތި އެތެރެކުރެވޭ އަދަދު މަދުކޮށް، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. ދެން މީގައި ހަމަ ޔަޤީނުންވެސް މިކަން ހާސިލުކުރުމުގައި، ކާމިޔާބުކުރުމުގައި ވަރަށް ބޮޑު ދައުރެއް އާންމު ރައްޔިތުން އަދާކުރައްވާ އިނގޭތޯ. އަޅުގަނޑު އެކަމަށް ޖުމްލަކޮށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން. އެއީ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމެއް ނުލިބިއެއް، މުޖުތަމަޢުގައި މިހާބޮޑަށް މޫލާފައި އޮތް މައްސަލައެއް ޙައްލެއްނުވާނެ. މިއީ، އެއް ދުވަހަކުން ނޫނީ ދެ ދުވަހަކުން، ނޫނީ ދެތިން އަހަރެއްގެ ތެރޭގައި މިހިސާބަށް އައި ކަމެއްނޫން ދޮގެއްތޯ؟ ހަމަ ޔަޤީނުންވެސް ތިރީހަކަށް އަހަރު ވެދާނެ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އުޅޭތާ. އަދި އެއަށްވުރެވެސް ގިނަ ދުވަސްވެދާނެކަންނޭނގެ. ފެށިގެން ބޮޑުވަމުން ބޮޑުވަމުން އަންނަތާ. އެހެންވީމާ، މިކަމަށް ޙައްލެއް ގެނައުމުގައި އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ޔަޤީނުންވެސް ޙައްލުވާނީ. މިހާރު އެހެންވީމާ، އިރާދަކުރެއްވީތީ، ރަނގަޅު ނަތީޖާތަކެއް އެބަ ނެރެވޭ.
ޢާއިޝަތު ޝާޒްލީން – ދަ ޕްރެސް:
ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރުވާގެ ނިޒާމުގެ ތެރެއިން، 1000 މީހުން މިހާރުވެސް ފަރުވާ ހޯދަމުންދާ ކަމަށް، ތަފާސްހިސާބުތަކުން ދައްކާ. އަދި ފަރުވާހޯދުމަށް އެދޭ މީހުންގެ ކިއޫ ދިގުކަމާއި، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ހުރިކަމަށް، އޮފިޝަލުން ވިދާޅުވޭ. އިންތިޒާރުގައި ތިބެންޖެހޭ މި މުއްދަތު ކުރުކުރުމާއި، އަވަހަށް ފަރުވާ ފެށޭނެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ގެންގުޅުއްވާ ޕްލޭނަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ރަނގަޅު ވާހަކަފުޅެއް. ނޭޝަނަލް ޑްރަގް އޭޖެންސީއަކީ، އަދި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް، އަދި ކެޕޭސިޓީ އިތުރުކުރެވިފައިވާ ތަނެއް ނޫން. އެހެންވީމާ، މަސައްކަތް މި ކުރަނީ، އެތަން އިތުރަށް ވަރުގަދަކުރުމަށް އިނގޭތޯ. އެން.ޑީ.އޭ.ގެ ތެރޭގައިވެސް އެބަހުރި، ޙައްލުކުރަންޖެހޭ ވަރަށް ގިނަ މައްސަލަތައް. ވަރަށް ގިނަ ކަންތައްތައް ނޭދެވޭގޮތެއްގައި، މުއައްސަސާތަކުގެ ތެރޭގައިވެސް ހިނގާތީ، މިހާތަނަށް މިކަން ގޯސްކޮށް ބޮޑުވެގެން އައިސްފައި މިއޮތީ ދޮގެއްތޯ. އެހެންވީމާ، އެން.ޑީ.އޭ.އަށް ފްރެޝް އެޕްރޯޗެއް، އެން.ޑީ.އޭ. ރަނގަޅުކުރުމަށްޓަކައި، އަޅުގަނޑުމެން މި ގެންގުޅެނީ. އިރާދަކުރެއްވިއްޔާ، އެތަނުގެ ތެރެއިން ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ފަރުވާ ދެވޭގޮތް، ފަރުވާ ދިނުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓްރޭނިންގ ދިނުމާއި، އިތުރު މުވައްޒަފުން އިތުރުކުރުމާއި، އަދި ހުރިހާގޮތަކުން އެން.ޑީ.އޭ.ގެ ކެޕޭސިޓީ އިތުރުކުރުމަކީ، ސަރުކާރުގެ ސިޔާސަތެކޭ. މުޅި މައްސަލައަށް ޙައްލެއް އަންނާނީ، އެން.ޑީ.އޭ.އަށްވެސް، އަދި މިހެންހުރި މައްސަލަތަކަށް ސީދާ އެޑްރެސްކޮށްގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، ތިޔަ ވެއިޓިންގ ލިސްޓަށްވެސް، އެދެވޭ ބަދަލެއް ގެނެވޭނެ. އަދި، އޭގެއިތުރަށް، ދެވޭ ފަރުވާގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ. މުޅި ނިޒާމު މިއޮތީ، އެއްބަޔަކާ އަނެއްބަޔަކާ، މިކަމުގައި އުޅޭ ހުރިހާ ފަރާތްތަކާ ގުޅި ލާމެހިފައި އޮންނަ ނިޒާމެއްގެ ގޮތުގައި. އެހެންވީމާ، މިކަމުގައި ހުރި ޤާނޫނުތަކާއި، ގަވާއިދުތަކުގެ ތެރެއިން ގެންނަންޖެހޭ އިތުރު ކުރިއެރުންތައް، ގެންނަންޖެހޭ ދާއިރާތަކަށް ގެނައުންވެސް އެއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެޑްރެސްކުރާނެ ކަންތައްތައް.
ޢާއިޝަތު ޝާޒްލީން - ދަ ޕްރެސް:
މަސްތުވާތަކެތީގެ މައްސަލަތަކުގައާއި، ކުށްކުރުމުގައި އުޅޭ ކުދިން އިތުރުވަމުން އަންނަ ވާހަކައަކީ، މިހާރު އަބަދުވެސް އިވޭ ވާހަކައެއް. ކޮންމެ އަހަރަކު ގާތްގަނޑަކަށް، 100 އަށްވުރެ ގިނަ ކުދިން، މިފަދަ ކުށްކުރުމުގެ ތެރޭގައި އުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކާ. އަދި، ކުށަށް އަރައިގަތުމުގެ ރިސްކް އޮތް ކުދިންގެ އަދަދު، 1000އަށްވުރެ މަތިކަމަށް އެބަ ދައްކާ. މިފަދަ ކުށްކުރާ ކުދިން، ނުވަތަ ކުށުގެ މާޙައުލަށް ހުށަހެޅިފައިވާ ކުދިން އިޞްލާޙުކުރުމަށް، މި ސަރުކާރުން ރޭވި، ހޯޕް އައިލެންޑް މަޝްރޫޢުގެ، އެންމެފަހުގެ އަޕްޑޭޓަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކުށްކުރާ ކުދިން، އެ ކުށްކުރާ ސަބަބުތަކުގެ ތެރެއަށްޖެހޭ އެބަ ބަލައިލަން. ދެން، ސީދާ އަދި ހޯޕް އައިލެންޑް ޕްރޮޖެކްޓްގެ ވާހަކަ ދެއްކުމުގެ ކުރިން، އެ ވާހަކަ ދަންނަވާލަން މި ބޭނުންވަނީ. އެއީ، ރޫޓް ކޯސްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. މީގެތެރޭގައި، ވަރަށް ގިނަ ކަންތައްތައް އެބަހުރި. މިސާލަކަށް، ގޯތިގެދޮރު. ހައުސިންގގެ މައްސަލައަކީވެސް ބޮޑު މައްސަލައެއް. މުޅި ރާއްޖޭގެ ތަރައްޤީ ހާސިލުކުރުމަށްޓަކައި މިދިޔަ ސަރުކާރުތަކުން، މިއަދާ ހަމައަށް އައިއިރުގައި، ގެންގުޅެފައިވާ ސިޔާސަތުގެވެސް މައްސަލަވެސް އެބައުޅޭ. މިސާލަކަށް ބަލަމާ ހިނގާ، ހިޔާ ފްލެޓުތައް ސަރަޙައްދު އިނގޭތޯ. ހިޔާ ފްލެޓުތައް ސަރަޙައްދުގައި ވަރަށް ގިނަ، ތިޔަ ވިދާޅުވި ކަހަލަ ކުށްކުރާ ކުދިން، ނޫނީވިއްޔާ ކުށްކުރުމަށް ވަލްނަރަބަލް، އެކަން ކުރަން ފަށާފާނެ ކުދިން. އޭގެ ސަބަބަކީ، އެތަނުގައި އެބައުޅޭ، އެކި ރަށްރަށުން، އެކި ސަބަބުތަކަށްޓަކައި، މަޖުބޫރީ ޙާލަތުގައި، މާލެއަށް ހިޖުރަކޮށްފައި ތިބި އެތައް ބަޔަކު. މިއީ، މި ދެންނެވި ތަރައްޤީއާ ގުޅިފައި އޮތް ކަމެއް އިނގޭތޯ. މާލެއަށް އަންނަން މަޖުބޫރުވާންޖެހޭ ސަބަބެއް އޮންނަންޖެހޭނެ. އޮތީމަތާ އަންނާނީ. އެހެންވީމާ، އެތަނުގައި މިއުޅެނީ، ވަރަށް ގިނަ ރައްޔިތުން. އެކިއެކި ރަށްރަށުގެ ވަރަށް ގިނަ ރައްޔިތުން މިއުޅެނީ. އެ މީހުންގެ، އެ ކުދިންގެ ޕޭރަންޓުން، ބެލެނިވެރިން މަޖުބޫރީ ޙާލަތެއްގައި، ދެތިން ޖޮބް އަދާކުރަން އެބަޖެހޭ. ބޮޑު އަގުގައި ކުއްޔަށް ފްލެޓު ނަގަނީ. ދެން، މިކަހަލަ އެތައް ކަމެއް. ހިޔާ ފްލެޓުގެ ވާހަކަ މި ދެންނެވީ، ނަމެއް ދެންނެވުމުގެ ގޮތުން. ހުޅުމާލޭގައި ޖެނެރަލްކޮށް، ފޭސް ޓޫގައި މިކަން މިހެން އެބައޮތް. ފޭސް ވަންގައިވެސް އެބައޮތް. ދެން، މިހިރީ، އެއްކަމަކާ، އަނެއްކަމަކާ ގުޅި ލާމެހިފައި ހުރި ކަންކަން.
އެހެންވީމާ، ސަރުކާރުގެ ސިޔާސަތަކީ، ރޫޓް ކޯސްތަކަށް ދިޔުން ކަމަށްވާތީ، ހައުސިންގ މައްސަލަ ޙައްލުކުރުމަކީ، އެންމެ ބޮޑު އެއް ކަންތައް. އެކަށީގެންވާ ޖޮބް އޮޕަރޗުނިޓީޒްތައް އިތުރުކުރުމަކީ، އެއް ކަންތައް. ޒުވާނުންނަށް އާމްދަނީ ހޯދޭނެ އެކިކަހަލަ ފުރުޞަތުތައް ފަހިކޮށްދިނުމަކީ، އޭގެތެރޭގައި ހިމެނޭ ކަމެއް. ކުދިކުދި ވިޔަފާރިތައް ފެށުމާއި، މިހެންގޮސް، އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންތައް. އަންހެން ބޭފުޅުންނަށް، ގޭގޭގައި ތިބެގެން އާމްދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުޞަތުތައް ހޯދައިދިނުމަކީ، އޭގެތެރޭގައި ހިމެނޭ ކަމެއް. މިހެންގޮސް، އާމްދަނީ ހޯދޭނެ ގޮތްތަކާއި، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ރަނގަޅު، ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މި ކުރެވޭ ކަންކަމާއި، އެކަށީގެންވާ ފެންވަރެއްގެ ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމަށް ކުރެވޭ ކަންކަމާއި، މި ހުރިހާ ކަމެއް ގުޅިފައި އެބައޮތް، މި މަސްތުވާތަކެއްޗަށް، ނޫނީވިއްޔާ ކުށްކުރުމުގެ ތެރެއަށް، ކުދިން، ޒުވާނުން ދިޔުމާ އިނގޭތޯ.
އެހެންވީމާ، ރޫޓް ކޯސްތަކަށް އެޑްރެސްކުރާ ވާހަކަ މި ދަންނަވަނީ، މާނަވީ، މާނަހުރި، އޭގެ ހަމަ ޙަޤީޤީ ބަދަލު އަންނާނެ ގޮތަށް، ކަންކުރުމުގެ ބޭނުމުގައި. ހަމަ ނަމެއްގައި، މަތިމަތިން ކަމެއް ކޮށްލައިގެން، ދުވަހަކުވެސް މި މައްސަލަ ޙައްލެއްނުވާނެ، ކުށްކުރުންވިޔަސް، މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެގެންދިޔުން ކަމުގައިވިޔަސް. އެހެންވީމާ، ދާއިމީ ރަނގަޅު ޙައްލެއް، ރަނގަޅު ބަދަލެއް އަންނާނީ، މި ދެންނެވި ކަހަލަ ކަންކަމަށް އެޑްރެސް ކުރެވިގެން. އެހެންވެގެން، މި ދެންނެވި ހުރިހާ ކަމަކަށް އެޑްރެސް ކުރުމުގެ މަސައްކަތް މި ކުރެވެނީ.
ދެން، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ވާހަކަ. އެއަށް ބަލާއިރުގައި، ތަންކޮޅެއް ކުރިން، އިޞްލާޙިއްޔާ ކިޔާ ތަނެއް ހުރި ރާއްޖޭގައި. އެތަން ދެން ދިޔައީ. އެކަން ހުއްޓިގެންދިޔައީ، ސަރުކާރުތައް ބަދަލުވެގެން، ސިޔާސަތުތައް ބަދަލުވެގެންދިޔަ ދިޔުމުގެ ތެރެއިން. މި ސަރުކާރުން މިއުޅެނީ، މިކަމަށްވެސް އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުގެ، ވަރަށް އެމްބިޝަސް ޕްރޮޖެކްޓެއް ހިންގޭތޯ. ދެން، ވަރަށް ޚަރަދުބޮޑު ކަމެއް. ދެން އެކަމަކު، އަޅުގަނޑުމެން ނިންމާފައި މި އޮތްގޮތަށް، އިރާދަކުރެއްވިއްޔާ އުތުރުތިލަފަޅުގެ ވަކި ސަރަޙައްދެއް، މާލޭގެ މި ބޯހިޔާވަހިކަމުގެ ބޭނުމަށް ހިއްކާ ބިމުގެ އިތުރަށް، ވަކި ސަރަޙައްދެއް މިއަށް ކަނޑައަޅައިގެން ހިއްކާފައި، އެތަނުގައި ޕްރޮޖެކްޓެއް ހިންގަން ނިންމާފައި މިއޮތީ. ދެން، މިކަމަށް ފައިނޭންސް، ފައިސާ ހަމަޖެއްސުމުގެ ކަންތަކުގައި ގިނަދުވަސްތަކެއް ވެގެން މިދަނީ. މިކަމަށް ޕްރޮޕޯޒަލް ލާފައިވާ އެކި ފަރާތްތައް އިވެލުއޭޓްކޮށް، އެއަށް އެކިކަހަލަ ނިންމުންތައް ނިންމުމުގެ ހިސާބުގައި މިއުޅޭ ސަބަބަކީ، އަޅުގަނޑު ބޭނުންވޭ، މިހެންކުރާ ކޮންމެ ކަމަކީވެސް، ރާއްޖެއަށް އޭގެ އެންމެ ހެޔޮ ބަދަލު، ނޫނީވިއްޔާ ރަނގަޅުގޮތް ވާކަމަކަށްވާން. ދެން، ކޮންމެގޮތެއްވިޔަސް، ސަރުކާރުން އިރާދަކުރެއްވިއްޔާ މި މަޝްރޫޢު، މާލަސްތަކެއްނުވެ، ޢަމަލީގޮތުން ފެށުމުގެ މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ އެ ޢަމަލީ ނަތީޖާ ފެންނަން ފަށާނެ. އަދި އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި، އޭގެ ނަތީޖާ ނެރެ، ޢަމަލީގޮތުން އެތަން ނިންމައި ބޭނުންކުރުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ.
އެހެންވީމާ، ސީދާ އެ ޕްރޮޖެކްޓްގެ ވާހަކަ ދަންނަވަންޏާ، އެއީ އޭގެ މިހާރުގެ ސްޓޭޓަސްއަކީ. އެކަމަކު، ޖުމްލަކޮށް، މުޅި މައްސަލައަށް ޙައްލެއް އަންނާނީކީ، ހަމައެކަނި މި މަޝްރޫއަކުން ނޫނޭ. އެއާއެކީގައި، އަޅުގަނޑުމެން މި ބަލަނީ، މުޖުތަމަޢަށް ޙައްލެއް ގެނެސްދިނުމަށް ކަމެއް ކުރަން. މިސާލަކަށް، ނޭޝަނަލް ސަރވިސް ޕްރޮގްރާމް ދޮގެއްތޯ؟ ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމް. މިއީ، މުޖުތަމަޢުގައި ކުށްކުރުމަށް، ނޫނީވިއްޔާ ވަލްނަރަބަލްކޮށް ތިބި ޒުވާންކުދިން، އެ ކުދިންނަށް، މާނަހުރި، ރަނގަޅު ޙައްލެއް ގެނެސްދިނުމަށް ކުރާ މަސައްކަތެއް ދޮގެއްތޯ. އެހެންވީމާ، މިހާރު އިރާދަކުރެއްވީތީ، އެތައް ސަތޭކަ ޒުވާނުންނެއް އެވަނީ، ބަދަލުކުރެވިގެން ގޮސްފައި. މައިންބަފައިންނާއި، ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއި، އިތުބާރާ އެކީގައި، މި ޕްރޮގްރާމްގައި ބައިވެރިކޮށްގެން، އަޅުގަނޑުމެން އެންމެން، އެމް.އެން.ޑީ.އެފް.ގެ ބޭކަލުން، ހުރިހާ ފަރާތްތަކުން، ތެދު ނިޔަތުގައި ކުރަމުންދާ، މި އިޚްލާޞްތެރި މަސައްކަތުން، އެތައް ޒުވާނުންނެއް އެވަނީ ބަދަލުކުރެވިފައި، ޤައުމުދެކެ ލޯބިވާ، ދީނަށް ލޯބިކުރާ، މަސައްކަތްކުރަން ދަންނަ، އަޚްލާޤު ރަނގަޅު، ބޭނުންތެރި، ބިނާކުރަނިވި ޒުވާނުންނަށް. އަދި، އެއިން ކޮންމެ ޒުވާނަކަށް އިރާދަކުރެއްވިއްޔާ މިވަނީ، ވަޒީފާގެ ފުރުޞަތުވެސް ލިބިގެން ގޮސްފައި، އެ ކުދިން ބޭނުންވާ ދިމާއަކުން.
އެހެންވީމާ، މިހެންގޮސް، ވަށާޖެހޭ ޙައްލެކޭ މީގައި ގެންނަން މި ޖެހެނީ. ވަކި ކަމެއް ކޮށްގެނެއް، ވަކި ދާއިރާއަކަށް، ވަކި ޕްރޮޖެކްޓެއް އެކަނި ހިންގައިގެން ކުރެވޭވަރު ކަމެއްނޫން މިއީކީއެއް. އެއީ، އެހާގިނަ ދުވަސްވީ، އެހާގިނަ ކަންކަމާ ގުޅިފައި، އެހާގިނަ ރޫޓް ކޯސްތަކެއް ހުރި، މޫލާފައި އޮތް ބޮޑު މައްސަލައަކަށްވާތީ. އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގައި، ދިވެހި މުޖުތަމަޢުގައި މިހެންހުރި މައްސަލަތަކަށް، ޙަޤީޤީ، ދާއިމީ ޙައްލެއް ގެންނަން. އެހެންވީމާ، މިކަމަށްވެސް މިގޮތަށް މި އެޑްރެސް ކުރަނީ.
ދެން، މިއަދުގެ މައުޟޫޢާ ނުގުޅޭ އެހެން ކަންކަންވެސް އެބަހުރި މީގެތެރޭގައި. ބޭރުމީހުންގެ މައްސަލައާއި، މިހެންގޮސް އެތައް މައްސަލައެއް. އެހެންވީމާ، ކޮންމެ ކަމެއްގައިވެސް، މަތިމަތިން ކަމެއް ކޮށްލައިފިއްޔާ، ދެން އަނެއްކާވެސް ޖެހޭނީ، އެ ކުރި ކަންތަކާ ގުޅިގެން އުފެދޭ މައްސަލަތައްވެސް ޙައްލުކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުށްކުރާ ކުދިން މަދުކުރުމުގެ ކަންތަކުގައިވެސް، މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތް މި ކުރަނީ.
ޢާއިޝަތު ޝާޒްލީން – ދަ ޕްރެސް:
ދެން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ގިނައިން ބޭރުމީހުން އުޅޭ މައްސަލައަކީވެސް، ވަރަށް ފާހަގަކުރެވޭ މައްސަލައެއް. ރާއްޖޭގައި މިގޮތަށް ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި، ޑޮކިއުމަންޓް ކުރުމަށް ސަރުކާރުން ހިންގާ ބޮޑު މި މަޝްރޫޢުގެ ސަބަބުން، މަސްތުވާތަކެތީގެ މައްސަލައަށް، ކިހާވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެންމެ އަޅުގަނޑަށް ކޮންމެވެސްގޮތަކަށް އިޝާރާތްވެސް ކޮށްލެވިއްޖެ ދޮގެއްތޯ، ބޭރުމީހުންގެ ކަންތަކާ. އާދެ ހަމަ، ގުޅިފައި އޮތީ ވަރަށް ބޮޑަށް. އެއީ، މިއަދާ ހަމައަށް އައިއިރުގައި، މި ސަރުކާރު ފެށެންދެން، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް، ނަމެއްގައި ކަމެއް ކުރެވެމުން އައިސްފައި އޮތީ. އެއީ، މީހުން ދިޔައީ އިތުރުވަމުން. އުޅޭ ތަނެއް، ކާކުކަމެއް އެނގެނީކީ ނޫން. ދެން، މިހެންގޮސް، ވަރަށް ބޮޑު މައްސަލައަކަށް ވެފައި އޮތީ. މިހާރު އިރާދަކުރެއްވީތީ، 10 އިނގިލީގެ ނިޝާން ނަގާފައި ނެތް މީހުންގެ އަދަދު، މިހާރު ވަރަށް ކުޑަކޮށްލެވިއްޖެ. އަޅުގަނޑުމެން މި ބަލަނީ، މިހެން، ދެން ތިބި ހުރިހާ އެންމެންގެވެސް އިނގިލީގެ ނިޝާން އިރާދަކުރެއްވިއްޔާ ހޯދައި، އެކަން ނިންމަން. ނޫނީވިއްޔާ ދެން، ވީނުވީއެއް ނޭނގޭ މީހުންތައް ހޯދައި، އެ އޮންނަ އުސޫލުން ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ޑީޕޯޓްކޮށްގެން، އިރާދަކުރެއްވިއްޔާ މުޅި މައްސަލައަށް ޙައްލެއް ގެންނަން. ވާނުވާ ނޭނގޭ، ކޮބައިކަން ނޭނގޭ މީހުންގެ މައްސަލަ ޙައްލުކުރަން. ދެން، އެއާއެކީގައި، އެ މީހުން މަސައްކަތްކުރާ ތަންތާނގައި، އެ މީހުން އުޅޭގޮތަށް ދެން ޙައްލެއް ގެންނަން މި ޖެހެނީ. މިސާލަކަށް، ރަސްމީކޮށް، ވަކި އެމްޕްލޯޔަރަކާ އެކީގައި މަސައްކަތް ނުކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި، އެއަށް ޙައްލެއް ގެނައުން. ދެން، މިހެންގޮސް، މުޅި މައްސަލައަށް ޙައްލެއް ގެންނަން މި ޖެހެނީ.
މީގައި ވަރަށް ގިނަ ކަންކަން މިއީ ގުޅިފައި ހުރި ކަންކަން އިނގޭތޯ. އެ މީހުންގެ ތެރޭގައި އެބައުޅޭ، މިތަނުގައި، މި ރާއްޖޭގައި ޤާއިމުވާން ބޭނުންވެގެން، މިތަނުގައި އޮތް ވިޔަފާރީގެ ނިޒާމުގެ ތެރެއަށް ވަދެގެން، އެއިން ނާޖާއިޒް ފައިދާ ހޯދަން އުޅޭ އެތައް ބަޔަކުވެސް. މުޖުތަމަޢުގެ ތެރޭގައި އެސްޓެބްލިޝްވާން ބޭނުންވާ މީހުން. މިކަހަލަ އެތައް ކަމެއް އެބަ ހިނގާ އިނގޭތޯ. މިހެންވީމާ، އަޅުގަނޑުމެންގެ ޒުވާން ކުދިންނާއި، ޖުމްލަކޮށް، އާންމު ރައްޔިތުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ވިޔަފާރީގެ ފުރުޞަތުތައްވެސް ގެއްލޭ. ދެން، މީގައި އެބައުޅޭ، އެއްކަމަކާއި، އަނެއްކަމަކާ މިހެން އިންޓަރނަލީ ކަނެކްޓަޑް ވަރަށް ގިނަ ކަންތައް. ގިނަ މީހުން މިހެން އޮޕަރޭޓް މި ކުރަނީ، ކޮންމެވެސް ދިވެއްސެއްގެ އެހީގައި، އަޑީގައި ހުރެގެން. އެ މީހާއަށް، ކޮންމެވެސް ފައިދާއެއް، ކޮންމެވެސްވަރެއްގެ ފައިދާއެއް ދޭ މަތިން، ބޭރުމީހާގެ އަތަށް މި އޮންނަނީ ދޫކޮށްލާފައި، އެމީހާގެ ވިޔަފާރިވިޔަސް، ގޯތިވިޔަސް، ދެން ކޮންމެވެސް އެއްޗެއް.
ދެން، މިހެންގޮސް، ވަރަށް ގިނަ، މިހެން ގުޅި ލާމެހިފައި ހުރި ކަންކަން މިއީ އިނގޭތޯ. އެހެންވީމާ، ޙަޤީޤީ ޙައްލެއް، މިހެން މޫލާފައި ހުރި މައްސަލަތަކަށް، ބޭރުމީހުންގެ މައްސަލަ ކަމުގައިވިޔަސް، މަސްތުވާތަކެތީގެ މައްސަލަވިޔަސް، ދެން، މިހެންހުރި، ގޭންގް މާރާމާރީތައް ވިޔަސް. ދެން، މިހެންހުރި މައްސަލަތައް ޙައްލުވާނީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެބަޖެހޭ، އެ މީހާގެ އަމިއްލަ ޒިންމާއެއްވެސް މީގައި އަދާކުރަން. އިޚުލާޞްތެރިކަމާ އެކީގައި، މުޖުތަމަޢަށް ދާއިމީ ހެޔޮ ބަދަލެއް ގެނައުމުގައި، މިކަންކަން ޙައްލުކުރުމުގައި، ތިމަންނަގެ ދައުރުވެސް އަދާކުރަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން މަސައްކަތް ކުރަމުންދާނީ، އާންމު ފަރުދުންގެ މިހެންހުރި ކޮންމެ ކަމަކަށް، އާންމު ފަރުދުންނަށްޓަކައި، މި ޤައުމު، މުޖުތަމަޢު އިޞްލާޙުކުރުމަށް.
ޢާއިޝަތު ޝާޒްލީން – ދަ ޕްރެސް:
ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.