މި ޕްރޮގްރާމް ހުށަހެޅުއްވީ، ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް.

މުޙައްމަދު ޙުސައިން ޝަރީފް:

"ދަ ޕަލްސްގެ ދެވަނަ އަދަދަށް މަރުޙަބާ ދަންނަވަން. އާދެ، މިއަދުގެ މި ދެވަނަ އަދަދުގައި އަޅުގަނޑުމެން މި އަލިއަޅުވައިލަނީ، މަސްވެރިކަމުގެ ޞިނާޢަތަށް. އާދެ، ކުރީ ހަފުތާއެކޭ އެއްފަދައިން، ފުރަތަމަ ބައިގައި، ރައްޔިތުންގެ ޝުޢޫރުތަކާއި، ޚިޔާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާނެ.

އަދި، ދެވަނަ ބައިގައި، އަޅުގަނޑުމެން މިއަދު ދަޢުވަތު އަރުވައިގެން، ޚާއްޞަ މެހްމާނުން ގޮތުގައި ވަޑައިގެން ތިއްބެވި، "މިހާރު" ނޫހުގެ ބޭފުޅުން. އެހެންވީމާ، "މިހާރު" ނޫހަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ދެވަނަ ބައިގައި، އެ ބޭފުޅުންގެ ސުވާލުތަކަށް، އެކްސްކްލޫސިވްލީ އެ މަނިކުފާނު ޖަވާބު އަރުވާނެ.

ރައްޔިތެއްގެ ޝުޢޫރު:

މެރިކަލްޗަރ އިންޑަސްޓްރީ ފުޅާކުރުމަށްޓަކައި، ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވޭ. ހަމައެއާއެކު، އަޅުގަނޑު ހިތުން ރާއްޖޭގައި، ވަރަށް ފަސޭހައިން ހެދިދާނެ ބާވަތެއްގެ ގޮތުގައި ފާހަގަކުރެވެނީ، ސީވީޑްގެ އެކި ބާވަތްތައް. މިކަމަށް ޝައުޤުވެރިވާ އެތައް ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބައުޅޭ.

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުގެ ޕޮލިސީގެ ތެރެއިން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮތް ފަހި ފުރުޞަތުތަކަކީ ކޮބައިތޯއޭ؟

ރައްޔިތެއްގެ ޝުޢޫރު:

މަސްކިރާތާ 48 ގަޑިއިރު ތެރޭގައި، ފައިސާ ލިބޭނެގޮތް ހަމަޖެހުން ފަދަ، ވަރަށް ޕޮޒިޓިވް ކަންކަން މަސްވެރިކަމުގެ ޞިނާޢަތުގެ ތެރޭގައި މިހާރު އެބަހުރި. އެހެންނަމަވެސް، މަސްވެރިންނަށް އަސްލު ޙަޤީޤަތުގައި ލިބެންވާ ހަމައަގު ލިބުމަށް، މި ސަރުކާރުގެ ޕްލޭނަކީ ކޮބައިތޯ؟ އެއަށް ކުރެވެމުންދަނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ، ސުވާލުކޮށްލަން ބޭނުންވަނީ.

ރައްޔިތެއްގެ ޝުޢޫރު:

އަޅުގަނޑަށް ފެންނަގޮތުގައި، މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީ ބޭނުންކުރުން ވަރަށް މުހިންމޭ. މިސާލަކަށް، އާރު.އެސް.ޑަބުލިޔޫ. ސިސްޓަމް ދޯނިފަހަރުގައި ޤާއިމުކުރުމަށް، ސަރުކާރުން ކިހާވަރެއްގެ އަހަންމިއްޔަތުކަމެއްދޭތޯ، އަޅުގަނޑު ސަރުކާރާ ސުވާލުކޮށްލަން ބޭނުންވޭ.

ރައްޔިތެއްގެ ޝުޢޫރު:

ދިވެހިރާއްޖޭގެ ޓޫރިޒަމަކީ، މިހާރު ދުނިޔެއަށް ވަރަށް މަޝްހޫރުވެފައިވާ ތަނެއް. ހަމައެއާއެކީގައި، ސްޕޯޓްސް ފިޝިންގއަކީ، ދިވެހިރާއްޖޭގައިވެސް ވަރަށް ފޯރީގައި ކުރަމުންދާ ކަމެއް. ސްޕޯޓްސް ފިޝިންގގެ މި ކޮމިއުނިޓީއަކީ، ވަރަށް ބޮޑު ކޮމިއުނިޓީއެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެކަށީގެންވާ މަންފާއެއް ނުލިބޭކަން، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބައިވަރު ބޮއެވެސް އެޅިފައި އެބައޮތް، ސްޕޯޓްސް ފިޝިންގ ބޮއެތައް އެޅިފައި އެބައޮތް. އެހެންނަމަވެސް، އެއިން ލިބެންޖެހޭ ރަނގަޅު މަންފާއެއް، އަދި އަޅުގަނޑުމެންނަކަށް ނުލިބޭ.

ސްޕޯޓްސް ފިޝިންގ ކުރިއެރުވުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާންމުންގެ ފަރާތުން މަސްވެރިކަމުގެ ދާއިރާގެ އެކިކަހަލަ ކަންބޮޑުވުންތަކަށް، ނޫނީ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަސްވެރިކަމުގެ ޞިނާޢަތަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއޭ.

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، އަދި އިޤްތިޞާދު ކުރިއަށްގެންދަން ބަލާއިރުގައި، މަސްވެރިކަމުގެ އިންޑަސްޓްރީއަކީ، މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ޞިނާޢަތު. އެއީ، މިހެން މި ދަންނަވަނީ، އަޅުގަނޑުމެންނަށް މީގެކުރިން ފެނިފައި އޮތީ، މަސްވެރިކަމުގެ ޞިނާޢަތަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތްތަން ކަމަށްވާތީވެ. ކޯލްޑް ސްޓޯރޭޖް، ނޫނީވިއްޔާ ސްޓޯރ ކުރުމާއި، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ސަރުކާރުން މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، އެކިކަހަލަ މަޝްރޫޢުތައް މިވަނީ ފަށާފައި. އަދި ބޭރުގެ އެހީގެ ދަށުން، ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރުމުގެ މަސައްކަތްތައް، މީގެތެރޭގައި ވަރަށް ގިނައިން އެބަހުރި. އެހެންވީމާ، އެކަމުގައި ކުޑަކުޑަ ޑިލޭތަކެއް އައިސްފައިވޭ. އެހެންނަމަވެސް، އެ ކަންތައްތައްވެސް ޙައްލުކުރެވި، ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ގޮތް އިރާދަކުރެއްވީތީ މިހާރު ހަމަޖެހިފައިވޭ.

އެހެންވީމާ، އަޅުގަނޑުމެން އުންމީދުކުރަނީ، ކުރިންވެސް ކަނޑައަޅާފައި އޮތްގޮތަށް، އަޅުގަނޑުމެން ފެށިއިރުގައި، ރާއްޖޭގެ ކެޕޭސިޓީ ހުރިވަރު މި ދައުރުގެ ތެރޭގައި، އެންމެ ކުޑަމިނުން ދެގުނައަށް ބޮޑުކުރެވޭތޯ ބެލުން، އަދި ތިންގުނައާ ހަމައަށްވެސް ގެންދެވޭތޯ މަސައްކަތްކުރުން. އެހެންވީމާ، މި މަސައްކަތްތައް ރަނގަޅަށް ކުރިއަށް އެބަދޭ. ދެން، އޭގެ ސަބަބުން، ރާއްޖޭގައި ބޭނޭ މަސް، ރާއްޖޭގެ މަސްވެރިންނަށް އޭގެ އެންމެ ހެޔޮއަގު ލިބޭނެގޮތަށް، އެންމެ ރަނގަޅު ކޮލިޓީގައި މަސް ރައްކާކުރެވި، އަދި ބޭރުކުރުމަށްޓަކައި އެ މަސް، އިތުރަށް ވެލިއުއެޑް ކުރުމަށްޓަކައިވެސް، މި ބޭނުންކުރެވޭނެ ކެޕޭސިޓީ، ރާއްޖޭގައި ޤާއިމުކުރެވިގެން މިދަނީ، އިރާދަކުރެއްވިއްޔާ އެންމެ ކުޑަވެގެން ދެގުނައަށް އިތުރުކުރެވިގެން.

ދެން، ހަމަ އެއާއެކީގައި އައި ސުވާލެއް، މަސްދޯނިތަކުގައި އާރު.އެސް.ޑަބްލިޔޫ. ސިސްޓަމް ބެހެއްޓުމުގެ ކަންތައް. އެއީ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ފަށާފައިވާ މަޝްރޫޢެއް. އޭގެތެރެއިންވެސް، މިހާރު އެތައް ބަޔަކަށް ލޯނު ދޫކުރެވިފައިވޭ. އަދިވެސް މިހާރުވެސް، އެސް.އެމް.އީ. ޑިޖިޓަލްގެ ތެރެއިން އެކި ފަރާތްތަކަށް އެ ލޯނުގެ ފުރުޞަތު ހުޅުވައިލެވިފައި އެއޮތީ. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުންވެސް، ވަރަށް ގިނަ ފަރާތްތަކުން، އައިސް ޕްލާންޓްތައް ކައިރިއަށް ނުގޮސް ހަމަޖެހޭނެ. މަސްދޯނީގައި ކެޕޭސިޓީ ޤާއިމުކުރުމުން. އިރާދަކުރެއްވީތީ އެކަން އެއީ، މިހާރު އަސްލުގައި ކުރިއަށްދާ، އެންމެ ބޮޑަށް އަޅުގަނޑުމެން ބާރުއަޅާ ކަމަކީވެސް.

ދެން، ސީވީޑަށް އިންވެސްޓްކޮށް، ސީވީޑްގެ ވިޔަފާރި ފުޅާކުރުމަކީ، އަޅުގަނޑުމެން މިހާރު އަލަށް ފަށައިގެން އުޅޭ، ވަރަށް އިސްކަންދޭ ދާއިރާއެއް. މިކަމަށް ވަރަށް ބޮޑަށް އިންވެސްޓް ކޮށްފައިވާ ފަރާތްތައް މިހާރުވެސް އެބަތިބި، ސަރުކާރުގެ އެހީތެރިކަން އޭގެތެރެއިން ވަރަށް ބޮޑަށް ދެވިގެން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ޙަޤީޤަތުގައި މި އިންޑަސްޓްރީ ޑައިވަރސިފައި ކުރުމުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭން، މިހެން ހުންނަ އެކި ދާއިރާތައް ފުޅާކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން. އެހެންވީމާ، މި ދާއިރާގައިވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، އިތުރު ކަންތައްތައް ކުރެވިގެންދާނެ.

ދެން، މަހުގެ ހަމައަގު ހޯދައިދިނުމަށްޓަކައި، އެންމެ އިސްކަމެއްގެ ގޮތުގައި، އަގު ފްލޯޓްކޮށްލުން، ނޫނީވިއްޔާ މާކެޓްގައި އެންމެ ރަނގަޅު އަގެއް، އެ ދުވަހަކު ލިބޭ އަގެއް ދިނުމުގެ ސިޔާސަތު، އަޅުގަނޑުމެން ތަންފީޒުކުރަން ފެށުމުގެ ނަތީޖާ ވަރަށް ރަނގަޅު. 16 ރުފިޔާއިން ފެށީ. މިހާރު 20 ރުފިޔާއާ ހަމައަށް ގެންދެވިއްޖެ. އެހެންވީމާ އެއީ، އެ ދުވަހުގެ އެންމެ ރަނގަޅު އަގު. މާކެޓްގައި ހުރި ޑިމާންޑަށް ބަލައި، މަސްބޭނޭ ކެޕޭސިޓީއަށް ބަލާފައި، އެ އަގު އެ ކަނޑައެޅިގެން ދަނީ. އެހެންވީމާ، އަޅުގަނޑުމެން އުންމީދުކުރަނީ، ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން އެންމެ ބޭނުންވާ ރޭޓުގައި، އެންމެ ކުޑަމިނުން 20 ރުފިޔާއަށް ލިބޭވަރުގައި، އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ ގޮތްތައް ރޭވޭނެ ކަމަށް. އެކަމަކު، އެކަން ކުރުމަށްޓަކައި ވަރަށް މުހިންމު، މި ދެންނެވިހެން ރާއްޖޭގައި މަސް ރައްކާކުރެވޭނެ ގޮތާއި، މަހަށް ވެލިއުއެޑް ކުރެވޭނެ ގޮތްތަކާ، މި ހުރިހާ ކަމެއް ޤާއިމުވެގެންދިޔުން. އެހެންވީމާ، އެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒު ކުރެވޭތޯ މި ބަލަނީ.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ، މިހާ ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީ. "މިހާރު"ގެ މުޅި ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދެން، އަޅުގަނޑުމެންގެ އެބައޮތް ދެތިން ހަތަރު ސުވާލު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ!

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ކުރިން ސަރުކާރުން ކަނޑައަޅާފައި އޮންނަ ވަކި ރޭޓެއްގައި މަސް ގަތުމުގެ ކަންތައް އޮތުމަށްފަހުގައި، ފްލޯޓްކޮށްލާފައި، ދެން، 16 އިން ފަށައިގެން އައިސްފައި، 20 ރުފިޔާއަށް މަސް ގަންނަން ފެށިއިރުގައި، މިފްކޯއިން އަސްލު ވިދާޅުވި، މަސްވެރިން މަހަށް ނުކުތުމަށް ބާރުއެޅުމުގެވެސް އެއް ބޭނުމޭ އެއީ. ދެން، މައިގަނޑުގޮތެއްގައި، ކޮންކަހަލަ ކަންތައްތަކެއް، ކޮންކަހަލަ ކުރިއެރުންތަކެއް ލިބިގެންތޯ، 20 ރުފިޔާއަށް ގަނެވޭވަރަށް މިދިޔައީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސަރުކާރުގެ ކުންފުނި، މިފްކޯގެ ހިންގުން ހަރުދަނާކުރުން، މިފްކޯ ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ތެރެއިން، ޙަޤީޤަތުގައި މި ނަތީޖާ ހާސިލުވެގެންމިދާ އެއް ސަބަބަކީ. ދެން، 16 ރުފިޔާއިން ފެށިގެން ގޮސް، އެވަގުތު މާކެޓްގައި މަސް ގަނެވެންހުރި އެންމެ މަތީ އަގެއްގައި، މިފްކޯއިން މަސް ގަންނަން ފެށުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުން ބާރުއަޅަނީ. އެހެންވީމާ، އެގޮތުން މަހުގެ އަގު، މިވަގުތު މަސްވެރިކަން ތަންކޮޅެއް ދަށްކޮށް އުޅޭ ވަގުތެއްގައި، ބޮޑުކުރެވޭނެ ގޮތަށް ހަމަޖެހިގެން މިދިޔައީ. ދެން، އެހެންނަމަވެސް، ވޭރީވާނެ އެއްޗެއް މިއީ. ވެދާނެ އެއްޗެއް. ދެން އެހެންނަމަވެސް، މުޅި އިންޑަސްޓްރީ ހަރުދަނާކުރުމަށްޓަކައި، އެކަމުގައި އަބަދުވެސް މަސައްކަތްކުރަން އަޅުގަނޑުމެން ބޭނުންވަނީ، އެ އަގު ހިފެހެއްޓޭނެ ގޮތަކަށްވޭތޯ، 20 ރުފިޔާގެ ރޭޓުގައި. ދެން އެހެންނަމަވެސް، އެންމެ ދަށްކޮށްވިޔަސް، 18 ރުފިޔާއަށް. އެއަށްވުރެ ކުޑަނުވާނެގޮތަކަށް، މަސްވެރިކަމުގެ ޞިނާޢަތުގެ ކަންތައްތައް އަޅުގަނޑުމެން، ސަރުކާރުން ތަންފީޒުކުރަމުން ގެންދާނެ. އެހެންވީމާ، އަމާޒަކީ އަބަދުވެސް 20 ރުފިޔާގައި ހިފެހެއްޓުން. ދެން، އަދި އެއަށްވުރެ މައްޗަށްވެސް ގެންދެވޭ ހިސާބަށް ދިޔައީމަ ގެންދާނެ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ސިޔާސަތުތަކަކީ.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ދެން، ޔޫ.ކޭ.އިން މިވަނީ ރާއްޖޭގެ މަހަށް، އަދި އެހެން ބައެއް ޤައުމުތަކާ އެކީގައި ޓެރިފް ކަނޑާލާފައި. ދެން، އެކަން އެހެން ވާންއުޅޭ ކަމުގެ އިޝާރާތެއް، ކުރިން ލިބިވަޑައިގެންނެވިތޯ؟ ދެން، އެގޮތަށް ލިބިވަޑައިގެންނެވި ކަމުގައިވަންޏާ، ރާއްޖެއިން ޔޫ.ކޭ.އަށް މަސް އެކްސްޕޯޓް ކުރުން އިތުރުކުރަން، މި ކެޕޭސިޓީ އިތުރުކުރަން، މާކެޓް ހޯދަން ކިހާވަރަކަށްތޯ މަސައްކަތް ކުރަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެކަމަކީ، މި ސަރުކާރު އައިއްސުރެ ވަރަށް އިސްކަންދޭ ކަމެއް. އިނގިރޭސިވިލާތާ އެކީގައި ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިން. އެއީ، ރާއްޖޭގެ މަސް އިނގިރޭސިވިލާތަށް ވަރަށް ގިނައިން ބޭރުކުރޭ. އިނގިރޭސިވިލާތަށް 9 ވަނައަށް އެންމެ ގިނައިން މަސް އިމްޕޯޓްކުރަނީ ދިވެހިރާއްޖޭގެ ފަރާތުން. ރާއްޖެއިން ބޭރު ޤައުމަކަށް، އެންމެ ގިނައިން ދެވަނައަށް މަސް އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށް. އެހެންނަމަވެސް، 20 ޕަސެންޓުގެ ޓެރިފެއް ނަގާ މީގެކުރިން. އެއީ ދެން، ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް ގޮތުގައި އޮތީ. އެކަމަކު، ރާއްޖެއަކީ 100 ޕަސެންޓް ސަސްޓެއިނަބަލް ފިޝަރީޒް ތަންފީޒުކުރާ ޤައުމެއް، ޕޯލް އެންޑް ލައިން ފިޝިންގ. އެހެންވީމާ، އިނގިރޭސިވިލާތުން އެކަން ރެކޮގްނައިޒްކޮށް، ސަސްޓެއިނަބަލް ފިޝަރީއަށް ތަރުޙީބު ދިނުމުގެ ގޮތުން، ކުރިއަށްގެންދިޔަ، ވަރަށް ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުގައި، އަޅުގަނޑު ގަބޫލުކުރަނީ، ރާއްޖެ ހިމެނޭހެން، އެހެން ޤައުމުތަކަށް، މިކަމުގައި މި ލުއި ލިބިގެންދިޔުން. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ވަރަށް ރަނގަޅުވެގެންދާނެ ކަމަށް، އަޅުގަނޑު ގަބޫލުކުރަނީ، ރާއްޖޭގައި މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް. އަދި، އޭގެ ނަތީޖާ ރާއްޖެ އެކަންޏެއް ނޫން، އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށްވެސް، ކޮންމެގޮތެއްވިޔަސް ވަރަށް ރަނގަޅުވާނެ. އެއީ، ދިވެހިންގެ ދިވެހި މަސް، ދިވެހި ކަނޑުތަކުން ބާނާ މަސް، އިނގިރޭސިވިލާތުގައި ވަރަށް ވަރަށް ކާމިޔާބު. އިނގިރޭސިވިލާތުގެ ވަރަށް ގިނަ ރައްޔިތުންނަށް ކަމުދާ މަހެއް. މީގެ ނަތީޖާ، ދިވެހި މަސްވެރިކަމަށް، ދިވެހި މަސްވެރިންނަށް ލިބިގެން މިދަނީ ހެޔޮގޮތުގައި.

އެހެންވީމާ، މިއީ ވަރަށް ގިނަ މަސައްކަތް ކުރެވުނު ކަމެއް. އަޅުގަނޑު ސީދާ އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާ، އެންމެ އިސް ފަރާތްތަކާ ވާހަކަ ދެއްކިން. އަދި، ފިޝަރީޒް މިނިސްޓަރާއި، ފިޝަރީޒް އިންޑަސްޓްރީގެ އެކި ފަރާތްތައް، އޭރުގައި އިނގިރޭސިވިލާތުގައި ހުންނެވި ހައިކޮމިޝަނަރ، މިހާރުގެ ފޮރިން މިނިސްޓަރ، ދެން މިހެންގޮސް، ވަރަށް ގިނަ ބޭފުޅުންގެ ޖޮއިންޓް މަސައްކަތްތަކެއްގެ ނަތީޖާ. ދެން، އިނގިރޭސިވިލާތުން ވަރަށް ވަރަށް ވަރަށް އިސްކަންދެއްވި ކަމެއް މި ދެންނެވިހެން، ސަސްޓެއިނަބަލް ފިޝަރީއަށް ފުރުޞަތު ފަހިވާނެގޮތަށް ކަންކަން ބައްޓަންކުރުން.

އެހެންވީމާ، އުންމީދު މިކުރަނީ، މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް. ދެން، 2028ގެ ނިޔަލަށް މި ފުރުޞަތު މިއޮތީ. ދެން، ވަކި ވަގުތީ ލުޔެއް. އެހެންނަމަވެސް، އަޅުގަނޑު އުންމީދުކުރަނީ، މިއީ ދިގުދެމިގެންދާނެ ގޮތަށް، ދާއިމީ ލުޔަކަށްވެސް ވެގެންދާނެ ކަމަށް. ވަރަށް މަސައްކަތް ކުރާނަން އެގޮތަށް އެކަންވޭތޯ.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ދެން، މި ކަނޑުމަހުގެ މަސްވެރިކަމުގެ މަސްވެރިންގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިން ވަރަށް ބޮޑަށް ކުރާ ޝަކުވާއެއް، އެ މީހުންނަށް ކުރިން ލިބެމުން އައި އަގު. ކުރިން ރާއްޖޭގައި އެބަހުރި، އޭ ގްރޭޑްގެ ކަންނެލި ކިލޯއެއް 100 އިން މައްޗަށްވެސް، 140 އެ ހިސާބަށްވެސް އަރާފައި. ދެން، ބޮޑުކަންނެލީގެ އަގު، އެ ހިސާބަށް ގެންދަން، މިހާރު ކިހާވަރެއްގެ މަސައްކަތްތަކެއްތޯ ސަރުކާރުން ކުރަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އެއީ އަޅުގަނޑުގެ ވަޢުދުތަކުގެ ތެރެއިން ހިމެނޭ އެއްކަންތައް ދޮގެއްތޯ؟ ދެން މިކަމުގައި މި ވެފައި އޮތް ގޮތަކީ، މިފްކޯއިން ބޮޑުކަންނެލީގެ މަސްވެރިކަން ނުކުތީ މީގެކުރީގައި. ކުރީގައި އޮތީ ނުކުމެފައި އަޅުގަނޑުމެންގެ މި ސަރުކާރު އައިއިރުގައި އޮތްގޮތް. ދެން އަޅުގަނޑުމެން މި ބަލަނީ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، މިފްކޯ ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް އަނެއްކާވެސް އަނބުރާ ގެންނަން. ދެން އެ މަސައްކަތް މި ކުރެވެނީ. އިރާދަކުރެއްވިއްޔާ ފަހަރަކަށްފަހު ފަހަރަކު އިތުރު ކަންތައްތައް އެކަމުގެ ތެރެއިން ހާސިލުކުރުމުގެ މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ އެ ނަތީޖާ ހާސިލުކުރެވޭނެ. ދެން ބޮޑުކަންނެލީގެ މަސްވެރިކަމުގެ ނަތީޖާ ވަރަށް ބޮޑަށް މިއޮތީ ޕްރައިވެޓް ސެކްޓަރގެ ތެރޭގައި. އެކަމުގައި މަސްވެރިންނަށް ކޮމްޕެޓިޓިވް އެޖެއް ލިބޭނީވެސް އަޅުގަނޑު ގަބޫލުކުރަނީ މިފްކޯ މީގެތެރޭގައި ހަރަކާތްތެރިވެގެން ކަމަށް. އަދި މަހުގެ އަގަށްވެސް އެންމެ ރަނގަޅު އަގު ދެވޭގޮތްވާނީވެސް އެހިސާބަށް ގެންދެވިގެން ކަމަށް. އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެވެސް ބައިވެރިވުމާއެކީގައި.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ދެން ބައެއް ރަށްރަށަށް އަޅުގަނޑުމެން ޒިޔާރަތްކުރިއިރު އެބަ ބުނޭ، މަސްވެރިކަން ކުރާ، މަހަށްދާ މީހުންގެ އަދަދު އެބަދެއޭ މަދުވަމުން. ދެން ސަރުކާރުން އެއްވެސްވަރަކަށް މިކަން ސާރވޭ ކުރެވި، ބެއްލެވިފައިތޯ އޮތީ؟ ދެން އެ މަދުވާ ކަމަށްވަންޏާ، އިތުރުކުރަން ކޮންކަހަލަ މަސައްކަތްތަކެއްތޯ ކުރެއްވީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިކަމަކީ ހަމަ އަޅުގަނޑަށްވެސް ފާހަގަކުރެވިފައި އޮތް ކަމެއް. ދެން ރަސްމީ ސަރވޭއެއް ނެތް ކުރެވިފައެއް. އެހެންނަމަވެސް، މާ ލަސްތަކެއްނުވެ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ސަރވޭއެއްވެސް ކުރަން ސީދާ އަދަދުތައް ބަލައިލަން. މިކަން ޙަޤީޤަތުގައި ދިމާވެފައި މި އޮތްގޮތަކީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ސަރުކާރުގެ ކުންފުނިތަކަށް، ޚާއްޞަކޮށް ފެނަކައަށް، ރަށްރަށުގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުން، މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުންތަކަށް ވަޒީފާދީފައި ވެއްދީމަ. ވަރަށް ފަސޭހަ އާމްދަނީއެއް އެއީ. ރަށުގައި ހުރެގެން، ގޭގައި ހުރެގެން، އެވަރުގެ މުސާރައެއް ލިބޭކަމަށްވަންޏާ، ވަރަށް ފަސޭހަވާނެ އެގޮތް ޚިޔާރުކުރަން.

އެހެންވީމާ، އެގޮތުން މިދިޔަ ސަރުކާރުގެ ތެރޭގައި ފެނަކައަށް ޚާއްޞަކޮށް، ވަރަށް ގިނަ އެތައް ހާސް ބަޔަކު ވެއްދި. ވެއްދިއިރުގައި މިދިޔައީ މަސްވެރިކަމުގެ ޞިނާޢަތުގައި ތިބި އެތައް ބައެއްގެ ވަޒީފާ ބަދަލުކުރެވިގެން. ނޫނީވިއްޔާ، މަސްވެރިކަމުގެ އިންޑަސްޓްރީއަށް އެކަމުން ހީނަރުކަން އައީ. އައިސް އެތައްބަޔަކު މަސްދޯނިތައް ވިއްކާލައި، މިހާރު ވަރަށް މަދުވާނެ ނިސްބަތުން ކުރިއާ ބަލާފައި، ރަށްރަށުގެ މަސްދޯނިތައް. ދެން އެކަން ރަނގަޅުކުރަން އަނެއްކާވެސް މަސައްކަތް މި ކުރަނީ. ދެން އަޅުގަނޑުމެން މިހާރު ފެނަކައަށް ޚާއްޞަ ސަމާލުކަމެއް ދީގެން، އަދި އެހެން ކުންފުނިތައްވެސް ރައިޓް ސައިޒް ކުރުމުގެ މަސައްކަތް، ނޫނީވިއްޔާ އޭގެ އެންމެ އެދެވޭ ސައިޒަށް ކުޑަކުރުމުގެ މަސައްކަތް މިކުރަނީ، ޙަޤީޤަތުގައިވެސް ރާއްޖޭގެ އިޤްތިޞާދަށް އޭގެ އެންމެ ރަނގަޅު އަސަރުކުރާނީ އެގޮތުން ކަމުގައި ގަބޫލުކުރެވޭތީ. އޭރުން ޙަޤީޤަތުގައި މަސްވެރިކަމުގެ އިންޑަސްޓްރީއަށްވެސް ޒުވާނުން އިތުރުވެގެންދާނެ. އަދި އެހެން ޕްރައިވެޓް ސެކްޓަރ ދާއިރާތަކުގައިވެސް މަސައްކަތްކުރާނެ ޒުވާނުން ލިބިގެންދާނެ. ޙަޤީޤަތުގައި ސަރުކާރުގެ އެސް.އޯ.އީ.ތަކުގެ ތެރޭގައި، ހުރިހާ ޒުވާނުންނާއި، ނޫނީވިއްޔާ ހުރިހާ ރައްޔިތުން މިހެން ވަޒީފާދީފައި، ހިފަހައްޓާފައި ހުރުމުގެ ސަބަބުން އަސްލު އިޤްތިޞާދު ފުޅަލެއްނުވޭ. އެހިސާބުން އުފެއްދުންތެރިކަން އިތުރެއްނުވޭ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަށައިޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މިކަން ރަނގަޅުކުރުމުގެ ކަންކަން މި ކުރަނީ. އޭގެ ސަބަބުން އޭގެ ނަތީޖާ ރަނގަޅުވާނެ. ޚާއްޞަކޮށް، މަސްވެރިކަމުގެ ޞިނާޢަތަށް. އަދި އެހެން ދާއިރާތަކަށްވެސް.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ދެން މަސްވެރިކަމުގެ ޤާނޫނަށް މި ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި، މަސް ބަނދަރުތައް، ޚާއްޞަކޮށް ސްޕޯޓްސް ފިޝިންގ މަސް ބަނދަރުތައް ތަރައްޤީކުރަން ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވޭގޮތަށް ޤާނޫނުތައް މިއޮތީ ބަދަލުކުރެވިފައި. އެކަހަލަ އިންވެސްޓްމަންޓްތައް ގެންނަން ކިހާވަރެއްގެ މަސައްކަތްތަކެއް އެބަ ކުރެވޭތޯ؟ އެއްވެސްކަހަލަ ޝައުޤުވެރިކަމެއް ބަޔަކު ފާޅުކުރައްވާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑުމެން ބައެއް ސަރަޙައްދުތައް އެހެރީ ކަނޑައަޅާފައި، ސްޕޯޓްސް ފިޝިންގ ބަނދަރު ހަދަން. ސްޕޯޓްސް ފިޝިންގއަށް ޚާއްޞަކުރެވިގެން. ދެން އެތަންތަނަށް އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތްވެސް އެބަ ކުރެވޭ. ދެން އެއީ އޮން ގޮއިންގ ޕްރޮސެސްއެއްގެ ތެރެއިން، މިހާރުވެސް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި އެބައޮތް. ސަރުކާރުންވެސް ވަރަށް އިސްކަން ދެން، ސަރުކާރުގެ ބަޖެޓުގެ ތެރެއިންވެސް ކުރެވެންހުރި މަސައްކަތްތައް ކުރަން. އެއީ، މަސްވެރިކަމުގެ ޞިނާޢަތުގައި، މި ދެންނެވިހެން، ސްޕޯޓްސް ފިޝިންގައި އުޅޭ ފަރާތްތައް ޚާއްޞަކޮށް އެއީ، ވަރަށް ގިނަ ޒުވާނުން. ވަރަށް ގިނަ ރައްޔިތުން. އެހެންވީމާ، އެކަމަށްވެސް ތަރުހީބު ދިނުމުގެ ގޮތުން އަޅުގަނޑުމެން ސީދާ ސަރުކާރުން އެއަށް ފެސިލިޓޭޓް ކޮށްދިނުމުގެ މަސައްކަތްތަކެއް މި ކުރަނީ. އިރާދަކުރެއްވިއްޔާ، އެކަމުގެ ނަތީޖާވެސް ލިބޭނެ މާ ލަސްތަކެއްނުވެ.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ދެން ޖުމްލަގޮތެއްގައި މިހާތަނަށް ސަރުކާރުގައި މިހިސާބަށް އައިއިރު، ދެއަހަރާ ބަޔަށްވުރެ ގިނަ ދުވަސްވީއިރު، މަސްވެރިކަމުގެ ޞިނާޢަތަށް ކުރިއެރުން ހޯދައިދޭން ކުރެވުނު މަސައްކަތްތަކާ ދޭތެރޭގައި މަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޖުމްލަކޮށް ހިތްހަމަޖެހޭ. އެއީ، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ވަރަށް ހާލުގައި އޮތީ މަސްވެރިކަމުގެ ޞިނާޢަތު. ޖުމްލަކޮށް، މުޅި އިޤްތިޞާދު އޮތީ އަނދަވަޅެއްގައި. މަސްވެރިކަމުގެ ޞިނާޢަތު އެއީ، އެ އަނދަވަޅުގެ އެންމެ ފުނުގައި އޮތް ޞިނާޢަތު ކަމުގައިވެސް ދެންނެވިދާނެ. މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާހުރީ ނުދީ. ދުއިސައްތަ އެތައް މިލިއަން ރުފިޔާއެއް. އަޅުގަނޑުމެން އެ ފައިސާ ދެއްކިން. ދެން އެ ޕްރޮސެސްގެ ތެރެއިން، އަހަރެއްހާ ދުވަސްދިޔަ ބެކްލޮގް ފިލުވައިލުމުގެ ތެރެއިން. ފައިސާ ދައްކާއިރު އަނެއްކާވެސް އޮންނަނީ ދައްކަންވެފައި. އެހެންގޮސް، އެކަން ރަނގަޅުކުރެވި، މިހާރު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ހިސާބަށް ގެންދެވިއްޖެ. އެއީ އެއް ކާމިޔާބީ. ނޫނީ އެއް ނަތީޖާ.

ދެން އެއާއެކީގައި، ގިނަ ކަންތައްތަކެއް ކުރެވިއްޖެ. މިސާލަކަށް، މަސްވެރިންނަށް ޚާއްޞަ ދަފްތަރެއް ޤާއިމުކުރުން. އެއީ އިރާދަކުރެއްވީތީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު އަމިއްލަ ބާރުވެރިކަމެއް ލިބިގެންދާ ކަމެއް. މިހާރު އެއޮތީ ރަސްމީކޮށް، ސިސްޓަމް ތެރެއިން، ނިޒާމުގެ ތެރެއިން، ރެކޮގްނިޝަނެއް ލިބިގެން ގޮސްފައި މަސްވެރިންނަށް. އެ ދަފްތަރުގައި ޖެހުނީމާ، ބޭންކުން ލޯނު ހޯދޭ، ނޫނީވިއްޔާ ކްރެޑިޓް ސްކީމްތަކުން އެކިކަހަލަ ފައިދާތައްވޭ. މިހާރުވެސް އެތައް ބަޔަކު ލޯނުވެސް ނަގައިފި. ދެން މިހެންގޮސް ވަރަށް ގިނަ ފައިދާތައް، އޭގެ ނަތީޖާއެއްގެ ގޮތުން ލިބިގެންގޮސްފި.

އޭގެ އިތުރަށް މި ދެންނެވިހެން، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގެންދަނީ، އައިސް ޕްލާންޓްތައް ބެހެއްޓުމާއި، ކޯލްޑް ސްޓޯރޭޖްތައް ހެދުމާއި، އަދި ކަނޑައެޅިފައި ހުރި ބައެއް ތަންތާނގައި ފެކްޓްރީތައް އެޅުމުގެ މަސައްކަތްވެސް އެކި މަރުޙަލާތަކުގައި ކުރިއަށް. މި އަހަރުގެ ތެރޭގައިވެސް ބައެއް ތަންތަން ނިމި، އަދި މި އަންނަ އަހަރުގެ ތެރޭގައި ގިނަ ތަންތަން ނިމި، އެކަހަލަ ގޮތަކަށް ޕްލޭން ކުރެވިގެން ކުރިއަށް އެބަދޭ. ތެޔޮ ލިބުމުގެ ކަންތައްވެސް އިރާދަކުރެއްވީތީ، ހުރިހާ އަތޮޅެއްގައި ގާތްގަނޑަކަށް ހަމަޖެހިގެން އެދަނީ އެސް.ޓީ.އޯ ރޭޓުގައި. އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑް ބަހައްޓައި، ގާތްގަނޑަކަށް ނިމެނީ. މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި ބެހެއްޓޭނެ. ދެން ކޮންމެ އަތޮޅެއްގައިވެސް އެއްތާނގައި މިހާރު މި ބެހެއްޓެނީ. ނޫނީ މަދުވެގެން އެއްތާނގައި. މި އަންނަ އަހަރުގެ ތެރޭގައި އަދި އިތުރުވެސްކުރެވޭނެ. އެހެންވީމާ، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭ ތަންތަން، ކޮންމެ އަތޮޅެއްގައި އަޅުގަނޑުގެ ވަޢުދެއް. ޤާއިމުކޮށް އެބަ ނިމޭ. ދެން އެހެންވީމާ، އައިސް ލިބޭގޮތް ހެދި، އައިސްގެ އެންމެ ބޮޑު އެއްކަމަކީ، މި ދެންނެވިހެން އާރު.އެސް.ޑަބްލިޔޫ. ނިޒާމުގެ ތެރެއަށް ގެނެވޭ އެއް ޙައްލު.

އެހެންވީމާ، އައިސް ލިބި، ތެޔޮ ލިބި، ހަމައަގުގައި މަސް ގަނެވޭގޮތްވެ، މަހަށް ފައިސާދެވި، ވަގުތުން ފައިސާ ލިބޭގޮތް ހަމަޖެހި، ދެން މިހެންގޮސް ވަށައިޖެހޭ އެތައް ކަމެއް. އިނގިރޭސިވިލާތަށް ކަމަށްވަންޏާ، ޓެރިފްއަށް އައި ލުއިކަން. ދެން މިހެންގޮސް ވަށައިޖެހޭ އެތައް ޙައްލެއް. ބޮޑުކަންނެލީގެ މަސްވެރިކަމަށް ގެންނަން މި މަސައްކަތްކުރާ ޙައްލުތައް. މިހެންގޮސް މަސްވެރިކަން ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް. އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ދަންނަވާނީ ވަރަށް ގިނަ ކަންތައްތައް ކުރެވެއޭ.

ދެން މިކަމުގައި ދަންނަވާލަން. މިސާލަކަށް، މާލެ މިއީ އެންމެ ގިނަ މަސްވެރިން އުޅޭ ސިޓީ. ދެން މާލޭގައި މަސް މާރުކޭޓް މިއީ ދެން ވަރަށް ހާލުގައި އޮތް ތަނެއް. އެތަން ރަނގަޅު ފެންވަރުގައި ހެދުމަށްޓަކައި މި ކުރެވޭ މަސައްކަތްވެސް އެއީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. އެހެންނަމަވެސް، ހަމަ މި ނޭވާގައި ދަންނަވާލަން ބޭނުން، މާލޭގައި މިއޮތް ސިޓީ ކައުންސިލުން މިކަމަށް ކަނޑައެޅިގެން ހުރަސްއަޅަމުންދާކަން ހިތާމައާއެކީގައި ފާހަގަކުރާ ވާހަކަ. މިހާރު ދަންނަވަންޏާ، ގާތްގަނޑަކަށް ހަތަރު މަސްދުވަސް މިދިޔައީ، އެއްވެސް މަސައްކަތެއް ނުކުރެވި. ސަރުކާރުން ކަމާބެހޭ މިނިސްޓްރީން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދައި، ބޭންކް އޮފް މޯލްޑިވްސްއިން އެރޭންޖްމަންޓެއްގެ ތެރެއިން އެ ފަރާތުން މި ދެންނެވީ އެގްރިމެންޓެއް ހަދައި، ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރެވި، ފައިސާ ހަމަޖެހި، ތައްޔާރަށް ކުންފުނި އޮތީ. މިނިސްޓްރީ އޮތީ. ހުރިހާ ކަމެއް ތައްޔާރުވެފައި. މި ދެންނެވި މަސްމާރުކޭޓް އަޅަން. ޒަމާނީ މަސްމާރުކޭޓެއް.

އަދި ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގައި މި ހިނގަމުންދާ ތަރުކާރީއާއި، މޭވާ ވިއްކުމާއި، މިކަހަލަ ހުރިހާ މިކްސްޑް މާކެޓެއް، އެންމެ ޒަމާނީ ސްޓޭޓް އޮފް ދި އާޓް ފެންވަރުގައި ހުރިހާ ފެސިލިޓީއެއް ޤާއިމުވެފައި ހުންނަ މާރުކޭޓެއް އަދި ޕާކިންގއާވެސް އެކީގައި. ދެން މި ހުރިހާ ޙައްލެއް ލިބޭތަން. މިހާރު ލޯކަލް މާރުކޭޓް އެހުރި ތަނުގައި އަޅާ ޢިމާރާތް. ތައްޔާރުވެގެން ތިބޭތާ ހަތަރުވަރަކަށް މަސް. ކައުންސިލުން އެތަން ހަވާލުނުކޮށްގެން. ދެން މިހެންވީމާ ވަރަށް ދެރަ. އެކި ކަހަލަ އުޒުރު ދައްކަމުން، އެކިކަހަލަ ބަހަނާ ދައްކަމުން. ހަމަ އެއްގޮތަކަށްވެސް އެކަން ވާނެގޮތެއް ނުދެއްކި.

ދެން އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލެއް އެއަށް ގެންނާނަން. ގެނެސްގެން އެ މަސައްކަތް ކުރިއަށްގެންދާނަން. ސަރުކާރުގެ ފަރާތުން، ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި ހުރަސްއަޅައިގެން، ވާނެ ފައިދާއެއް އެއްވެސް ފަރާތަކަށް ނޯންނާނެ. އެކަމުގައި ޙައްލު ގެނައުމަށް އަޅުގަނޑު މަސައްކަތް ކުރާނަން.

އެހެންވީމާ، މަސްވެރިކަމުގެ ވާހަކަ ދައްކާއިރު، މާލޭގައި އެންމެ ގިނަ މަސްވެރިން އުޅޭ، މަސްވެރިކަމުގެ ޞިނާޢަތުގައި އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާ ސިޓީގައި، އަޅަން ނިންމާފައިވާ އެންމެ މުހިންމު އިމާރާތް އެޅުމުގެ ކަންތައް ހުއްޓިގެން، ނޫނީވިއްޔާ ނުހިނގައިގެން މިއުޅޭ ކަންތައްވެސް ފާހަގަކޮށްލަން ބޭނުންވީ. ދެން އިރާދަކުރެއްވިއްޔާ، އެކަމަށް އަޅުގަނޑުމެން މާލަސްތަކެއްނުވެ ޙައްލެއް ގެނެސްދިނުން އަޅުގަނޑުމެންގެ އުންމީދަކީ. ދެން މިހާރު އެތާތިބި، ލޯކަލް މާރުކޭޓުގައި ތިބި ފަރާތްތައް އެހެން ތަނަކަށް ބަދަލުކޮށްދޭން އެދުނީ. އެކަންވެސް ނުކޮށްދިން. ތަނެއްވެސް ހުރީ އެޅިފައި. އެތަންވެސް ނުދިން. ދެން މިހެންގޮސް އެއްވެސް ފުރުޞަތެއް ނުދިން. އެއްކަމެއް ކުރާކަށްވެސް. ދެން އެމީހުން އެހެންތާކަށް ސަރުކާރުން ދެން ބަދަލުކޮށްދޭންޖެހޭނީ.

ދެން މިހެންގޮސް މި ހުރިހާ ކަމެއް ނިންމާފައި، އަޅުގަނޑުމެން އެ މަސައްކަތް ފަށާއިރުގައި އިރާދަކުރެއްވިއްޔާ އަދިވެސް މަސައްކަތް ކުރާނީ، ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މާނައަކީ މި އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން ހުޅުވަން. އެހެންވީމާ، އެ އަމާޒު ހާސިލުވޭތޯ މަސައްކަތް ކުރާނަން. އެތަން ނިމުނީމާ އިރާދަކުރެއްވިއްޔާ އެއީ ޙަޤީޤަތުގައި، މި ސަރަޙައްދުގައި މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ.

މުޙައްމަދު ނަސީމް - މިހާރު ޑެއިލީ:

ދެން ފެލިވަރު މީގެ ސާޅީހަކަށް އަހަރު ކުރިން ބިނާކުރިގޮތަށް އަދިވެސް އޮތީ އެ ފެންވަރުގައޭ ވަރަށް ގިނަ މީހުން ބުނަނީ. ދެން ފެލިވަރުގެ ކޭނިންގ ކެޕޭސިޓީ އިތުރުކުރަން ބޭރުގެ ބައެއް ޤައުމުތަކުން އެހީ ދޭންވެސް މީގެކުރިން ވާހަކަ ދެކެވިފައިވޭ. ދެން އެ އެހީތަކުގެ ލަސްކަމެއްތޯ މި އަންނަނީ؟ ނޫނީ ކިހިނެއްތޯ އަސްލު އެ މަސައްކަތް ލަސްވަމުން މިދަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން ފެލިވަރުގައި ބޭރުގެ އެހީގައި ޕްރޮޖެކްޓެއް ހިންގަން ފެށިފައި އެބައޮތް. އެކަމުގައި އެބައުޅޭ ލަސްތަކެއް. އެހެންނަމަވެސް، އޭގެ ކޮންމެވެސް މިންވަރެއްގެ ކޮމްޕްލީޝަނެއް، އޭގެ ތެރެއިން ބައެއް ތަންތަން ނިންމުމުގެ މަސައްކަތް ހާސިލުކުރެވިގެން އެބަދޭ. ޖުމްލަ ޙައްލެއް ނާދޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެކަމަށްވެސް ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް އެބަ ކުރަން.

މުޙައްމަދު ޙުސައިން ޝަރީފް:

"ދަ ޕަލްސް" ބެއްލެވީތީ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން. ކަމުދިޔަ ކަމުގައިވަންޏާ ލައިކެއް ދެއްވާތި. އަދި ޝެއަރ ކޮށްދެއްވާ. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އާ އަދަދަކާއެކު، އިތުރު މައުޟޫޢަކާއެކު ތިޔަބޭފުޅުންނާ ބައްދަލުކުރާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.