بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހި ޖުމްހޫރިއްޔާއަށް 26 އަހަރު ފުރޭ މިއުފާވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޓީ.ވީ. ބައްލަވާ ބޭފުޅުންނަށާއި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ޓީ.ވީ. މޯލްޑިވްސްއިން އަލަށް ފަށްޓަވާ ޓްރާންސްމިޝަން "ޓީ.ވީ.އެމް. ޕްލަސް" އިފްތިތާޙުކޮށްދިނުމުގެ އުފާ ލިބިގަންނަން.

ޓީ.ވީ. މޯލްޑިވްސްއިން އަލަށް މިފަށްޓަވާ ޓްރާންސްމިޝަނަކީ ވަރަށް މުހިންމު ބޭނުމެއްގައި ފަށްޓަވާ ޓްރާންސްމިޝަނެއް. އާދެ، އެކިއެކި މަސައްކަތްތަކުގައި އުޅުއްވުމަށްފަހު ގިނަ ބޭފުޅުން މެންދުރު ގެޔަށް ވަޑައިގަންނަވާ ވަގުތު، ތާޒާކޮށް ޚަބަރުތައް ގެނެސްދެއްވުމާއި އަދި މުނިފޫހިފިލުވުމާއި މަޢުލޫމާތުގެ ޕްރޮގްރާމްތައް ގެނެސްދެއްވުން އެއީ، މި އާ ޓްރާންސްމިޝަންގެ އެންމެ މުހިންމު ބޭނުމަކީ.

މި އުފާވެރި މުނާސަބަތުގައި ޓީ.ވީ. މޯލްޑިވްސްގެ އިސްވެރިންނަށާއި، ޓީ.ވީ. މޯލްޑިވްސްގައި އެކި ފެންވަރުގައި މަސައްކަތްކުރައްވާ، ހީވާގި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މިއަދު މިފެށޭ "ޓީ.ވީ.އެމް. ޕްލަސް" އަށް ހުރިހާވެސް ކާމިޔާބީއަކަށް އަޅުގަނޑު އެދެން. ޓީ.ވީ. ބައްލަވާ ބޭފުޅުންނަށް ޓީ.ވީ.އެމް. ޕްލަސްގެ ޛަރީޢާއިން، އިތުރު ޚިދްމަތްތަކެއް ލިބިވަޑައިގަންނަވަމުންދާނެ ކަމުގެ އުންމީދުވެސް އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑަށް އެބައޮތް.

އާދެ، މި ވާހަކަކޮޅަށްފަހު "ޓީ.ވީ.އެމް. ޕްލަސް" އިފްތިތާޙުކޮށްދިނުމަކީ އަޅުގަނޑަށް ލިބޭ، ވަރަށްބޮޑު ޝަރަފެއް.